Skip to content
އެސްފިޔަ

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 40

ޔާސިރުއާ ދޭތެރޭގައި މިލާންއަށް ވިސްނައިލެވުނެވެ. މަރުގެ ތަންމަތީގައި އޮވެ އެ ބައްޕަ މިލާންގެ ކައިރިން އެދުނީ އޭނާ މަންމައަކާ ނުލައި ބަލައި ބޮޑު ކުރި ހަމައެކަނި ދަރިފުޅާ އެކީ ރަނގަޅު ޖަވާޒީ ޙަޔާތެއް ފެށުމަށެވެ. އެ ދަރިފުޅު ރަނގަޅަށް ބަލައިދިނުމަށެވެ. ޔާސިރު އޭނާއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ނަމަވެސް އޭނާ ޔާސިރުގެ އިތުބާރުގެ އަގު ދިނުމަށްވެސް ނުކުޅެދުނީއެވެ. ރަނގަޅެވެ. ޔައިނާއާ ކައިވެނި ކުރެވުނެވެ. ނަމަވެސް ފިރިއެއްގެ ފަރާތުން އަންބަކަށް ލިބެން ޖެހޭ ލޯތްބާ އުފާ ޔައިނާއަކަށް ނުދެވުނެވެ. އަޅާލުމާއި އޯގާތެރިކަމެއް ނުދެވުނެވެ. ބަދަލުގައި ޔައިނާއަށް ދިނީ ވޭނާއި ކެކުޅުމެވެ. ހިތްދަތިކަމާއި އަނިޔާއެވެ. އޭނާ މީ ކޮން ކަހަލަ ފިރިޔެއް ހެއްޔެވެ؟ އޭނާ މިހާ ރަހުމް ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އޭނާ ޔައިނާއާ ދޭތެރޭ ކަންތައް ކުރި އަނިޔާވެރި ގޮތާ ބަލާފައި، ޔައިނާ އޭނާއަށް ކިހާ އޯގާތެރި ހެއްޔެވެ؟ އޭނާ ޔައިނާ ކައިރިން މަޢާފަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޔައިނާ އޭނާއަށް މަޢާފު ކުރާނެ ބާވައެވެ؟ ޔައިނާ އޭނާއަށް ދެވަނަ ފުރުސަތެއް ދީފާނެ ބާވައެވެ؟ ޔައިނާ އޭނާއާ އެކީ އުޅެން ބޭނުންވާނެ ބާއެވެ؟

ޚިޔާލުތަކުން ފުނިޖެހެމުން ދިޔަ މިލާންގެ ސިކުނޑި މިންޖުވެގެން ދިޔައީ ޔައިނާއަށް ފަރުވާ ދެވެމުން ދިޔަ ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއި އެކީގައެވެ. އެވަގުތު ބޭރަށް ނުކުތް ޒާރާ ފެނި މިލާނަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

“ޒާ… ޔައިނާ ރަނގަޅުތަ..؟” މިލާން އަހައިލީ އަވަސްވެފައިވާ ހިތަކައިގެންނެވެ. “މިހާރު ސްޓޭބަލް.. ޑޮކްޓަރ ބުނުއްވީ ލިބުނު ޝޮކަކާ އެކު ކަމަށް އެހެން ވީ.. ދެން ބޮލަށް ލިބިފަ ހުރި އަނިޔާގެ ސަބަބުން އިތުރަށް ގޯސްވީ.. އެކަމަކު މިހާރު ރަނގަޅު.. އައިވީ ފުޅި ހުސްވީމަ އިތުރު ޓެސްޓެއް ހަދަން ޖެހެންޏާ ހަދާފަ މާދަމާ ހެނދުނު ކަންނޭނގެ ދޫކޮށްލެވޭނީ..” ޒާރާ އެހެން ބުނުމާއެކު، މިލާންއަށް ހެއްދެވި ފަރާތަށް ޝުކުރު ދެންނެވުނެވެ.

“އަހަންނަށް އެތެރެޔަށް ވަދެވިދާނެތަ..” މިލާން އެހީ މިވަގުތު ޔައިނާގެ ކައިރީގައި ހުންނަން އެ ހިތް އެދެމުން ދިޔަ ވަރުންނެވެ. “އާނނ. އެކަމް މިގަޑީގަ އޮތީ ނިދިފަ… ހޭ ނުލައްވާތި އިނގޭ.. ޝީ ނީޑްސް ޕްރޮޕަރ ރެސްޓް..” ޒާރާ ހަމަ އެހެން ބުނުމާއެކު މިލާން އެތެރެޔަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް، މިލާނަށް ހުއްޓެން މަޖުބޫރުވީ ޒާރާ އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓުމުންނެވެ.

“ޔައި އަށް އެވަރު ވާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވީމަ ދޯ..؟ އަހަންނަށް ކިޔައިދޭކަށް ނުވޭތަ..؟” ޒާރާ އެހުމާއެކު، މިލާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “މިވަގުތު އަހަރެން ބޭނުމީ އިނާ ކައިރި ހުންނަން.. އަހަރެން ފަހުން ޒާއަށް ހުރިހާ އެއްޗެއް ކިޔައިދޭނަން އިނގޭ..” ޒާރާއަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު، މިލާން އެތެރެޔަށް ވަނެވެ. އެއާއެކު، ޒާރާ ފުން ނޭވާއެއް ދޫކޮށްލަމުން، ޖީބުން ފޯނު ނަގައި، އަފާންއަށް ގުޅައިލީ ޔައިނާ އެޑްމިޓް ކުރި ޚަބަރު ދޭން ވެގެންނެވެ.

ޔައިނާ އޮތް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެފައި، މިލާން އެ މޫނަށް ފުން ނަޒަރެއް ދިނެވެ. ނިތްކުރީގައި ބެންޑޭޖު އަޅާފައި ވާ އިރު، އެ މުށިކުލައިގެ ބުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ޔައިނާގެ ކަނާތު ކޯމަތި ވަނީ އެކީ ރަތްވެ، ދުޅަވެފައެވެ. އެސްފިޔަތައް ތެމިފައި، ދެލޯ ކައިރީގައި ކަރުނައިގެ އަސަރު ހުރުމުން މިލާންގެ ހިތަށް އިންތިހާއަށް ތަދުވެގެން ދިޔައެވެ. އެ މޫނުމަތިން ފެނުނީ ވަރުބަލިކަމާއި މަޑުމޮޅިކަމެވެ. އެހެންޏާ ހުންނަ ތާޒާކަމާއި އުޖާލާކަމާއި އުފާވެރިކަމެއް ނެތެވެ.

ތުރުތުރު އަޅަމުން ދިޔަ އަތަކާއެކު މަޑުމަޑުން މިލާން ޔައިނާގެ މޫނުގައި ފިރުމައިލިއެވެ. އެއާއެކު، މިލާންގެ ދެލޯ ކަރުނުން ފުރިގެން އައެވެ. މިވީ ހަތަރު މަސް ތެރޭ އޭނާގެ ސަބަބުން ޔައިނާ ތަޙައްމަލު ކުރި ދަތި އުނދަގޫ ދުވަސްތަކުގެ މަތިން ހަނދާން ވުމުން އެތައް ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.  އެ މައުސޫމު އަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތި އޭނާ ބާކީ ކޮށްލެވުމުން އެ ހިތަށް އިންތިހާއަށް ތަދުވަމުން ދިޔައެވެ.

“ޔައިނާ… އަހަންނަށް މަޢާފު ކުރާނަންތަ…؟” ކަރުނުން ފުރިފައިވީ ދެލޮލާއެކީ ޔައިނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ، މިލާން އެ ސުވާލު ކުރީ ޔައިނާ ހޭލާ އިން ފަދައަކުންނެވެ. އެއަށްފަހު، ގޮނޑިން ތެދުވެ، މިލާން ޔައިނާއާ ދިމާއަށް ގުދުވެލިއެވެ. އެއަށްފަހު މަޑުމަޑުން އެ މޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ. މިލާންގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކެއް ޔައިނާގެ ކޯފާތަށް އޮބިގެން ދިޔައީ، ޔައިނާ ދެކެ މިލާން ވާ ލޯބި އަންގައިދެމުންނެވެ. އެ ލޯތްބަށް މިލާން އެދޭ ވަރު އެ ކަރުނަ ތިކިތައް ބުނެދެމުން ދިޔައެވެ. އެރޭ އެއްކޮށް މިލާން ހޭދަކުރީ ޔައިނާ ކައިރީގައެވެ. ހިނދުކޮޅަކަށްވެސް އެ ހިތްގައިމު ސޫރަ ނުފެންނަ ހިސާބަށް ދާކަށް އެ ހިތް އެއްބަހެއް ނުވިއެވެ. މިލާންއަށް އެރޭ ނިދުނީވެސް ޔައިނާގެ މޫނަށް ކަޅިޖަހައިނުލާ ބަލަން އިންދައެވެ.

*** ** ***

“މިލާން..” މިލާންއަށް ދެލޯ ހުޅުވައިލެވުނީ، މީހަކު އޭނާގެ ނަމުން ގޮވާ އަޑަށެވެ. ބަލައިލި އިރު، އޭނާގެ ކައިރީގައި ހުރީ ޒާރާއެވެ. ހޭލެވުމާއެކު، މިލާނަށް ފުރަތަމަވެސް ބަލައިލެވުނީ ޔައިނާއާ ދިމާއަށެވެ. އޭރުވެސް ޔައިނާ އަރާމުކޮށް ނިދާލާފައި އޮތެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އިރު ހެނދުނު ހައެއް ޖަހަނީއެވެ.

“މިލާން ދާންވީނު ގެއަށް ގޮސް ނަމާދުކޮށް ފެންވަރާލާ ހަދައިގެން އަންނަން.. އަހަރެން މަޑުކޮށްލާނަން ޔައި ކައިރި..” ދާން ބޭނުން ނުވެ ހުރެފައިވެސް ޒާރާ އެހެން ބުނުމާއެކު، މިލާން އެތަނުން ނުކުންނަން ދިޔައެވެ. “އަފާން އެބަ ހުރި ކެންޓީނު ކައިރި.. ބުނީ މިލާން ގާތު ބުނާށޯ އެތަނުން އޭނައާ ބައްދަލު ކުރާށޭ..” މިލާން ނުކުތުމުގެ ކުރިން ޒާރާ އިތުރުކޮށްލިއެވެ. އެންމެ ރަނގަޅޭ ބުނެފައި މިލާން އެތަނުން ނުކުތުމާއެކު، ޒާރާ ޔައިނާގެ ބޮލުގައި ފިރުމައިލިއެވެ. އެންމެ ގާތް އެކުވެރިޔާ އެޙާލުގައި އޮތް ތަން ފެނުމުން ޒާރާގެ ހިތަށްވެސް އަސަރު ކުރިއެވެ.

*** ** ***

އަފާން ފެނުމާއެކު، މިލާން އޭނާގެ ކައިރިޔަށް އައެވެ. ދެމީހުން އެކުގައި ކެންޓީނަށް ގޮސް، ކޮފީއަކަށް އޯޑަރު ދިނެވެ. “މިލާން.. ރޭގަ ޔައިއަށް ކިހިނެއް ވީ..؟” އަފާން އެއްސެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް މިލާން ފުރަތަމަ ޖެހުނީ ފުން ނޭވާއެއް ދޫކޮށްލާށެވެ.

“އަހަރެން ގެޔަށް ވަންނަނިކޮށް ޔައިނާގެ ދެ މިސްކޯލް އޮތް ތަން ފެނުނީމަ ގުޅީ.. ޔައިނާ ފޯނު ނަގާފަ ފުރަތަމަވެސް އަހަރެން ކައިރި އެދުނީ އޭނަ ސަލާމަތް ކޮށްދޭން.. އެހެންވެ އަހަންނަށް ދެވުނު އެންމެ ބާރަކަށް ގޮސް ގެއަށް ވަދެވުނު އިރު ފެނުނީ ކޮޓަރީގެ ދޮރުގެ ތަޅު ހަލާކު ކޮށްލާފަ ހުރިތަން.. އަހަރެން ގޮސް ކޮޓަރިއަށް ވަން އިރު ފެނުނީ… ޝިޔަލް… އޭނަ ގަދަ ކަމުން ޔައިނާއާ ބެހެން އުޅޭތަން..” އެހެން ބުނެވުމާއެކު، އަނެއްކާވެސް އެ މަންޒަރު ސިފަވުމުން މިލާންއަށް ދެލޯ މަރައި، ބާރުކޮށްލެވުނެވެ. އެވަގުތު ޔައިނާގެ ހަށިގަނޑުގައި އަޅާނެ ވޭން އިހުސާސް ކޮށްލެވުނެވެ.

“އެކަމަކު… ރޭގަ… އަހަންނަށް ވަރަށް ބޮޑު ހަގީގަތެއް އެނގުނު…” މިލާންގެ އެ ޖުމުލައާއެކު، އެ ހުރިހާ އިރަކު އިސްޖަހައިގެން އިން އަފާން އިސް އުފުލާ، ބަލައިލިއެވެ. “އެއްކަލަ ދުވަހު… ކަންތައް ވީ ގޮތް… ޝިޔަލްގެ އަމިއްލަ ދުލުން ބުނާ އަޑު އަހަންނަށް އިވުނީ.. ވީ އެއްވެސް ކަމެއްގައި ޔައިނާގެ ކުށެއް ނެތް ކަން އަހަންނަށް އެނގުނީ ރޭގަ ޝިޔަލްގެ ފަރާތުން އިވުނު ވާހަކަތަކުން…” މިލާން އެހެން ބުނުމުންވެސް އަފާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން މިލާން އަފާންގެ ނަމުން ދެފަހަރަކު ގޮވައިލިއެވެ.

“އަހަންނަށް މާ ކުރިންވެސް އެނގޭ ތިކަން..” އަފާން އެހެން ބުނުމާއެކު، މިލާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ކިހިނެއް..؟” މިލާން އެއްސެވެ. “ޔައި ބުނީ އަހަރެންނާ ޒާއާ ކައިރީގަ..” އަފާން ބުނެލިއެވެ. “ދެން އަފާން ކީއްވެ އަހަރެން ކައިރި ނުބުނީ..؟” މިލާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. ހުރިހާ ކަމެއް އެނގި ހުރެ، އަފާން އޭނާއަށް ސިއްރު ކުރީ ކީއްވެގެން ހެއްޔެވެ؟

“ޔައިނާ އެދުނީ އަހަރެމެން ކައިރި އިހަށް މިލާންއަށް އެއްވެސް ކަމެއް ނާންގަން.. އޭނަ ބޭނުންވީ ކައިވެންޏަށް ފަހު އޭނަ އަމިއްލައަށް މިލާން ރުހުމާ އިތުބާރު ހޯދަން..” އަފާން ބުނެލިއެވެ. އެއާއެކު، މިލާންގެ އެސްފިޔަތައް ފޫއަޅުވާލާފައި ވެއްޓުނު ކަރުނަ ތިކި އަފާންއަށް ސިއްރެއް ނުވިއެވެ.

“އަފާން.. ކައިވެންޏަށް ފަހު މިވީހާ ދުވަސް ތެރޭ އަހަރެން ޔައިނާއާ ދޭތެރޭ ކަންތައް ކުރީ ހާދަ ގޯސްކޮށޭ.. ޔައިނާ ހާދަ ދެރަވާ ކަހަލަ އެއްޗެހި އަހަންނަށް ބުނެވުނޭ.. އަންބަކު ފިރިޔަކަށް ކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމަޔަށް ޔައިނާ އަހަންނަށް ކޮށްދެމުން ދިޔަ އިރު ފިރިއެއްގެ ހައިސިއްޔަތުން އަންބަކަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް އަހަންނަށް ޔައިނާއަށް ކޮށްނުދެވުނު.. ނުވިތާކަށް ޔައިނާއާ ދޭތެރޭ ކަންތައް ކުރެވުނީ އެހާ ގޯސްކޮށް.. އަހަރެން މީ ކޮން ކަހަލަ ފިރިއެއްތަ..؟ އެންމެ ފަހަރަކުވެސް ޔައިނާގެ ވާހަކަތައް އަހަންނަށް އަޑު އެހުނު ނަމަ… ޔައިނާއަށް އިތުބާރު ކުރެވުނު ނަމަ… އަފާން.. ޔައިނާ ދެން އަހަންނަށް މައާފު ކުރާނެތަ..؟ އަހަންނާ އެކު އުޅެން ބޭނުންވާނެތަ..؟” މިލާންގެ ވާހަކަތައް ނިމުނު އިރު އަފާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔައިނާ މިލާންއަށް މަޢާފުކޮށް، އަލުން ގުޅެން ބޭނުންވެދާނެ ކަމާއި މެދު އަފާންގެ ހިތުގައިވެސް ވީ ޝައްކު އުފެދިފައެވެ.

“މިލާން.. ދެން އޮތް ގޮތަކީ ޔައި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިލާން ކުރުން.. އަހަންނަށްވެސް ޔަގީންކަމާއެކީ ބުނާކަށް ނޭނގޭ ޔައިނާ ދެން ކަންތައް ކުރާނެ ގޮތެއް.. އެކަމަކު މިލާން ޔައިނާ ދެކެ ތިހާ ލޯބި ވަންޏާ ޔައި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރޭ..” އަފާންގެ ވާހަކަޔާ އެއްބަސްވުމުގެ ގޮތުން މިލާން ބޯ ޖަހައިލިއެވެ. އޭނާގެ ޔައިނާ އަނބުރާ އޭނާގެ ޙަޔާތަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެވަގުތު މިލާން އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.

*** ** ***

ލަސްލަހުން ދެލޯ ހުޅުވައިލި ޔައިނާއަށް ވަށައިގެންވީ މާޙައުލު ފެނުނީ ފުސްކޮށެވެ. އޭނާގެ ދެލޯ އެތަނަށް ހޭނުމަށް ދެތިން މިނެޓު ވަރު ނެގިއެވެ. މި އޮވެވުނީ ހޮސްޕިޓަލުގައިކަން އެނގުނީ ދެނެވެ. ބޮލުގައިރިހުމެއް ހުރުމާއި އެކު، ދެއަތުން ބޮލުގައި ހިފަހައްޓައިލެވުނެވެ. ރޭގެ ހާދިސާގެ މަތިން ޔައިނާ ހަނދާންވީ ދެނެވެ.

ކުއްލިއަކަށް ބިރެއް ފެނުނު ފަދައިން ޔައިނާ ފުންމައިގެން ތެދުވިއެވެ. އޭރު ޔައިނާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ އިރު، ވަށައިގެންވީ މާހައުލަށް ނަޒަރު ދަތުރު ކުރަމުން ދިޔައެވެ. ހީވަނީ އަދިވެސް ޝިޔަލް އޭނާއަށް ގޯނާ ކުރަން އުޅޭ ހެންނެވެ.

“ޔައި.. ޔައީ.. އޭ..” ސަލާމަތްތެރިކަމާ ރައްކާތެރިކަން ޔައިނާއަށް އިހުސާސް ކުރެވުނީ ދާދި ކައިރިން ޒާރާގެ އަޑު އިވުމުންނެވެ. ޒާރާގެ މޫނަށް ބަލައިލެވުމާއެކު ޔައިނާއަށް ބާރުބާރަށް ގިސްލެވެން ފެށުނެވެ. ޒާރާގެ ގައިގައި އޮޅުލައިގަންނަމުން ޔައިނާ އަޑުވީއްލައި ރޯން ފެށީ، ހިތުގައިވީ ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރުކޮށްލުމަށްހެން ހީވެއެވެ.

“ޔައީ… ޕްލީޒް.. ހަމަޖެހިބަލަ.. ރުއިން ހުއްޓާލާފަ ވީ ގޮތް އަހަންނަށް ކިޔާދީބަ..” ޔައިނާ ގަޔާ ދުރުކޮސްލާފައި، ދެއަތުން ޔައިނާގެ މޫނުގައި ހިފަހައްޓައިލަމުން ޒާރާ އެދުނީ އޯގާތެރިކަމާ އެކީގައެވެ. “ޒާ.. އަހަރެން… އަހަރެން ދެން ބޭނުމެއް ނޫން މިލާންއާ އެކީ އުޅޭކަށް.. އަހަރެން ބޭނުމީ ވަރިވާން.. އަހަންނަކަށް ދެން މިހެންނެއް ނޫޅެވޭނެ..” ކުއްލިއަކަށް ޔައިނާ ބުނެލި ވާހަކައިން ޒާރާއަށް ލިބުނީ ސިހުމެކެވެ.

“ޔައީ.. އިހަށް ހަމަޖެހިބަލަ.. ކިހިނެއްތަ ވީ..؟ މިލާން ކަމެއް ކުރީތަ..؟ ނޫނީ އެއްޗެކޭ ބުނީތަ..؟” އަނެއްކާވެސް ޒާރާ އެއްސެވެ. “މިގަޑީ އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް.. އެކަމަކު ޕްލީޒް.. ދެން.. ދެން އަހަރެން މިލާންގެ ގެޔަށް ދާކަށް ބޭނުމެއް ނޫން.. މިލާންއާ އެކީ ދެން އަހަންނަކަށް ނޫޅެވޭނެ.. އަހަރެން ވަރަށް ކެތް ކޮށްފިން.. ވަރަށް ކެތް ކޮށްފިން.. އެކަމަކު ދެން ނުވާން.. ޕްލީޒް.. އަހަންނަށް އިތުރު ގޮތެއް ފެންނަދެން ޒާ ކައިރި ތި ގޭގަ އަހަރެން ބަހައްޓައިދީ.. ޕްލީޒް..” ޔައިނާ ދައްކަމުން ދިޔަ ވާހަކައިން ޒާރާގެ ހާސްކަން އިތުރުވަމުން ދިޔަ ނަމަވެސް، މިވަގުތު ޔައިނާއާ އެހާ ބައިވަރު ސުވާލު ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަން ޒާރާއަށް އެނގުނެވެ. “އޯކޭ އޭ ޔައީ.. ޔައި ބޭނުން ދުވަހެއް ވަންދެން އަހަރެން ކައިރި ޔައިއަށް ހުރެވޭނެ.. ދެން ހުއްޓާލަބަލަ.. ޕްލީޒް…” ޔައިނާގެ ބުރަކަށީގައި ފިރުމަމުން، ޒާރާ ބުނެލިއެވެ.

ޔައިނާއާ މިލާންއާ ކައިވެނި ކުރީ އެންމެ ހަމަޖެހިގެން ނޫންކަން ޒާރާއަށްވެސް އެނގެއެވެ. ނަމަވެސް ޒާރާ ހީކުރީ ކައިވެނީގެ ފަހުން ދެމީހުންގެ ގުޅުން މަޑުމަޑުން ހަމައަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޔައިނާ ވަރީގެ ވާހަކަ ދައްކަން ފެށުމުން އެކަމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ސަބަބެއް ވާނެ ކަމުގައި ޒާރާގެ ހިތް ބުނަމުން ދިޔައެވެ.

*** ** ***

ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން، ލަސްނުކޮށް މިލާން އަނެއްކާވެސް އައީ ހޮސްޕިޓަލަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ޔައިނާ އޮތް ޕްރައިވެޓް ރޫމްގެ ދޮރު ހުޅުވައިލި ވަގުތު އެ ކޮޓަރި ހުސްކޮށް އޮތުމުން މިލާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ލަސް ނުކޮށް އޭނާ ގުޅީ ޒާރާއަށެވެ. ޒާރާގެ ފޯނު ނިވާލާފައި އޮތް ކަމަށް ބުނުމުން މިލާން ދެން ގުޅީ އަފާންއަށެވެ. މިލާން ގުޅުމާއެކު، އަފާން އޮފީހުގައި އިނދެފައި، ތިރިޔަށް އައީ މިލާންގެ އެދުމަށެވެ.

“އަފާން.. ޔައިނާ ކޮބާ..؟” އަފާން ފެނުމާއެކު މިލާނަށް އަހައިލެވުނީ އަވަސްވެފައިވީ ހިތަކައިގެންނެވެ. އެޔާއެކު، އަފާން އިސްދަށަށް ޖަހައިލި ގޮތުން މިލާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. “އަފާން… ޔައިނާ ކޮބާ…؟ އަފާންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން މިލާން އަނެއްކާވެސް އެއްސެވެ.

“މިލާން.. ހަމަޖެހޭ… ޔައިނާ ދޫކޮށްލައިފި.. އޭނަ ރަނގަޅޭ..” އަފާން ބުނެލިއެވެ. “ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު.. އަހަރެން މި އެހީ ޔައިނާ ކޮބައިހޭ..؟” މިލާން އަނެއްކާވެސް އެއްސެވެ. އެއާއެކު، އަފާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ޔައިނާ ވީ ތަނެއް ބުނެވޭކަށް އަހަރެންކަށް ނެތް.. އެކަމަކު އަހަންނަށް އެނގޭހާވެސް އެއްޗަކީ ޔައިނާ މިހާރު މިލާންއާ އެކީ އުޅެން ބޭނުން ނުވާކަން.. ޔައިނާ ބުނި މާދަމާ ވަރިވާން ކޯޓަށް ސިޓީ ލާނަމޭ..” އިސްދަށަށް ޖަހައިލަމުން އަފާން އެ ވާހަކަ ބުނީ، އެ ޚަބަރު ދިނުމުން މިލާންގެ ހިތަށް ކުރާނެ އަސަރާއި މެދުގައި ވިސްނައިލެވުމުންނެވެ.

އަފާންގެ ވާހަކަތަކަށް މިލާންގެ ސިކުނޑިއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދެފިޔަވަޅު ފަހަތަށް އެޅުނު އިރު އެ އިވުނު ވާހަކަތަކަކީ ދޮގަކަށް ވޭތޯ ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

“އަފާން ސަމާސަ ކުރަނީތަ…؟” ޤަބޫލު ކުރަން ބޭނުން ނުވެފައި ހުރެ، މިލާންއަށް އަހައިލެވުނެވެ. ޖަވާބުގައި އަފާން ދެފަރާތަށް ބޯ ހޫރުވައިލީއެވެ. އެއާއެކު، މިލާންއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. މެޔަށް ބާރުވެގެން ދާ ފަދަ އިޙުސާސެއް ކުރެވުމާއެކު، މޭމަތީގައި އަތް އަޅައިލެވުނެވެ. އޭނާގެ ނޭވާ ކުރުވާހެން ހީވިއެވެ. ހިތުގައި އިންތިހާއަށް ވޭން އަޅަމުން ދިޔައެވެ. ހިތްވަރުގަދަ ފިރިހެނަކަށް ވީ ނަމަވެސް، އެވަގުތު މިލާންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ދެއަތުން މޫނު ފޮރުވައިލެވުނު އިރު، އެ ހިތް ކުދިކުދި ވާހެން ހީވިއެވެ.

މިލާންގެ އެ ހާލަތު ބަލަން ހުރި އަފާންއަށްވެސް އަސަރު ކުރިއެވެ. ނަމަވެސް، މިކަމުގައި އޭނާ ކުރާނީ ވަކި ކީއް ހެއްޔެވެ؟ ޔައިނާގެ މަޤާމުގައި އޭނަ ހުރި ނަމަވެސް ކަންތައް ކުރާނީ ޔައިނާ ކަންތައް ކުރި ގޮތަށެވެ. އަމުދުން ޔައިނާ ކެތް ކުރިހާ ގިނަ ދުވަހު އޭނާއަކަށް ކެތެއްވެސް ނުކުރެވުނީހެވެ. އަފާންއަށް ކުރެވުނުހާވެސް ކަމަކީ، މިލާންގެ ގާތަށް އައިސް، މިލާންގެ ކޮނޑުގައި ހިފަހައްޓައިލުމެވެ.

“އަފާން.. ހެޔޮނުވާނެ… ޔައިނާ ވީ ތަނެއް އަހަރެން ކައިރި ބުނޭ.. އާދޭސް ކޮށްފަ މި ބުނީ.. އަހަރެން ވަރަށް ވަރަށް ލޯބިވޭ ޔައިނާ ދެކެ.. އަހަރެން ކިހިނެއް ޔައިނާ ވަރިކުރާނީ..؟ އަފާން..” ކުއްލިއަކަށް ކޮޅަށް ތެދުވަމުން މިލާން އަފާންގެ އަތުގައި ހިފަހައްޓާފައި އާދޭސް ކުރަމުން ދިޔައެވެ. “ޔައިނާގެ މަޤާމުގަ މިލާން ހުރި ނަމަ މިލާން އަމިއްލަ ނަފްސަށް މައާފު ކުރާނަންތަ..؟” އަފާންގެ ސުވާލުން މިލާންގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ތެދެކެވެ. އެއްވެސް ކުށެއް ނެތި ލިބުނު ހުރިހާ އަނިޔާއަކަށް ފަހު، ޔައިނާ އަލުން މިލާންގެ ކައިރިޔަށް އަންނާނެ ކަމަށް އުންމީދު ކުރެވުމަކީ، ކުރެވުނު މޮޔަ ކަމެކެވެ. އެހެންނަމަވެސް، އޭނާ އެހާ ފަސޭހައިން ބަލި ޤަބޫލެއް ނުކުރާނެއެވެ. ޔައިނާގެ މަޢާފު ހޯދުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް އޭނާ ވާނެއެވެ.

“އަފާން… އަހަންނަށް އެނގޭ އަހަންނަށް ޔައިނާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަން.. އެކަމަކު އަހަރެންވެސް ހުރީ އަނދިރިގަނޑެއްގެ ތެރޭގަ.. އަހަންނަށްވެސް ހަގީގަތެއް ނޭނގޭ.. އެކަމަކު އަހަރެން ބޭނުން ޔައިނާ.. ހެޔޮ ނުވާނެ.. ޔައިނާ ވީ ތަނެއް އަހަރެން ކައިރި ބުނެދީ.. އަފާން ޕްލީޒް.. އަހަރެންގެ އެކުވެރިއެއްގެ ހައިސިއްޔަތުން އަފާން މިވަރު އަހަންނަށް ކޮށްދީ.. އާދޭސް ކޮށްފަ މި ބުނަނީ..” މިލާންގެ ހުރިހާ އާދޭހަކަށް ފަހުވެސް އަފާން ހަނު ހުރީއެވެ. އިސްދަށަށް ޖަހައިގެން އެ ހުރި ގޮތަށް ހަމަ އެއްވެސް ހަރަކާތެއް ނުކޮށް ހުރީއެވެ.

މިލާންގެ ސިކުނޑީގައި ކަމެއް ޓަކި ޖަހައިލީ އެވަގުތެވެ. އާއެކެވެ. ޔައިނާ ދާނީ އެންމެ ތަނަކަށެވެ. އަފާންއާއި ޒާރާގެ އެޕާރޓްމެންޓަށެވެ. އެ ޚިޔާލު އައުމާއެކު، ވަގުތުން މިލާން ދުއްވައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ. މިލާންއަށް ގޮވަމުން، އޭނާގެ ފަހަތުން އަފާންވެސް ދިޔައެވެ. އެހެންނަމަވެސް، މިލާން އެނބުރި އަފާންއާ ދިމާއަށް ބަލައިވެސް ނުލިއެވެ.

ހޮސްޕިޓަލުގެ ގޯތިތެރެޔަށް ނުކުމެވުމާއެކު، މިލާންގެ ފިޔަވަޅުތައް ކުއްލިއަކަށް މަޑުޖެހުނީ ފެނުނު ސޫރައަކުންނެވެ. ހޮސްޕިޓަލުގެ ގޯތިތެރޭގައި އިށީނދެގެން އިން މެދު އުމުރުގެ އަންހެން މީހާ ފެނި މިލާންގެ ސިކުނޑި ކުއްލިއަކަށް މަސައްކަތް ކުރުން ހުއްޓައިލި ކަހަލައެވެ.

އެއީ ހަމަ އެ މޫނެވެ. އެ މުށިކުލައިގެ ދިގު، ބުޅި އިސްތަށިގަނޑެވެ. އާދަޔާޚިޔާފު ހުދު ދޮންކަމެއް ލިބިފައިވީ މޫނެވެ. އެ ގަދަ މުށިކުލައިގެ ބޮޑު ދެލޮލެވެ. ކުޑަ ނޭފަތެވެ. ގަދަ ފިޔާތޮށި ކުލައެއް އަރާ ބޯ ދެތުންފަތެވެ. ޔައިނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ އެ މޫނުގައި ރޫ ގިނަ ކަމެވެ. އެ މޫނުމަތިން މިލާންއަށް ސިފަވީ ހަމަ އޭނާގެ ޔައިނާއެވެ. ހޮސްޕިޓަލުގައި މީހުން އެޑްމިޓް ކުރާ އިރު ލައްވާ ކަހަލަ ހެދުމެއް ލައިގެން އިން އިރު، އެ އަންހެން މީހާ ބަލަހައްޓައިގެން އިން އެއް ދިމާއަކަށް ބަލަހައްޓައިގެން އިނެވެ. ޔައިނާ ހޯދަން ދާންވެސް ހަނދާން ނެތި، މިލާންއަށް އެ އަންހެން މީހާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ހތުގައި އުފެދެމުން ދިޔަ ޝައްކުތަކާއި، ވަހުމުތަކެއްގެ ސަބަބުންނެވެ.

“މިލާން..” ކުއްލިއަކަށް މިލާނަށް ހަމަބިމަށް އާދެވުނީ އަފާން އޭނާގެ ކޮނޑުގައި ހިފައި، ގޮވައިލުމުންނެވެ. ވަގުތުން އެ އަންހެން މީހާގެ މަތިން ހަނދާން ނެތި، ޔައިނާގެ ޚިޔާލުތައް އެ ސިކުނޑި ހިސޯރު ކޮށްލިއެވެ. އަފާންގެ އަތް ފޮޅުވައިލަމުން، ދުވެފައި ގޮސް ހޮސްޕިޓަލުން ނުކުމެ، މިލާން އޭނާގެ ކާރަށް އަރާފައި، ކާރު ދުއްވައިލީ އަފާން ބަލަން ހުއްޓައެވެ. ބަލާކަށް ނުކުރެ އަފާން ހޮސްޕިޓަލުގެ ގަރާޖުތެރޭ ޕާކުކޮށްފައި އޮތް އޭނާގެ ކާރަށް އެރިއެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ މިލާންގެ ފަހަތުންނެވެ.

ފަނަރަ މިނެޓްގެ ތެރޭގައި މިލާނަށް އަފާން އުޅޭ ބިލްޑިންއަށް އާދެވުނެވެ. އޭނާ އެތެރެޔަށް ވަނީވެސް ދުވެފައެވެ. ލިފްޓު ހުރިކަންވެސް ހަނދާން ނައްތާލާފައި، މިލާން ބޭނުންކުރީ ސިޑިއެވެ. ހަތްވަނަ ބުރިޔަށް އެރި އިރު އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ވަރުބަލިވެފައެވެ. އެހެންނަމަވެސް، ހިނދުކޮޅަކަށްވެސް މަޑު ނުކޮށް އޭނާ ގޮސް އަފާން އުޅޭ އެޕާރޓްމެންޓުގެ ބެލް އެޅިއެވެ. ދޮރު ހުޅުވީ ޒާރާއެވެ. މިލާން ފެނުމާއެކު، ޒާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން މިލާންއަށްވެސް ފާހަގަ ކުރެވުނެވެ.

“ޒާ.. ޕްލީޒް.. އެންމެ ފަހަރަކު އަހަރެން ޔައިނާއާ ބައްދަލު ކޮށްލަން ދީ.. ޕްލީޒް..” ކުރަކިވެފައިވާ އަޑަކުން މިލާން އެހެން ބުނި ނަމަވެސް، ޒާރާ އެ ހުރި ގޮތަށް ހުރީއެވެ. ޔައިނާ މަނާ ކޮށްފައި އޮތް ކަމެއް ކުރަން އޭނާއަށް ވަކި ކެރޭނެ ހެއްޔެވެ؟

“ޒާ ކާކު..؟” ފަހަތުން ޔައިނާ ވާހަކަ ދެއްކި އަޑު އިވިފައި ޒާރާއަށް އެދިމާއަށް ބަލައިލެވުނެވެ. ވަގުތުކޮޅު ބަލާފައި، މިލާން ދޮރުން އެތެރެޔަށް ދެމިގަތެވެ. މިލާން ފެނުމާއެކު، ޔައިނާގެ ދެލޯ ބޮޑުވީ ކުއްލިއަކަށެވެ. ދިޔަ ގޮތަށް ގޮސް މިލާން ހިފީ ޔައިނާގެ ދެއަތުގައެވެ. އަފާންއަށް އެތަނަށް އާދެވުނީ، އެވަގުތެވެ.

“ޔައިނާ.. ހިނގާ ގެއަށް ދާން..” މިލާން އެހެން ބުނުމާއެކު، ޔައިނާ ވަގުތުން މިލާންގެ ދެއަތް ފޮޅުވައިލިއެވެ. “އަހަރެން ދެން ނުދާނަން މިލާންއާ އެކީގައެއް..” މިލާންއަށް ފުރަގަސްދެމުން، ޔައިނާ ބުނެލިއެވެ. “އިނާ ޕްލީޒް.. އަހަރެން ދޫކޮށްފަ ނުދޭ… އަހަންނަށް އަދި އެންމެ ފުރުސަތެއް ދީބަލަ.. ޕްލީޒް.. އާދޭސްކޮށްފަ މި ބުނަނީ..” ދެލޮލުން ކަރުނަ އަންނަ ޙާލު، މިލާން އާދޭސް ކުރިއެވެ. “އަހަރެން ކަހަލަ ގޮތެއް ފޮތެއް ނެތް ލަދު ކުޑަ އަންހެނަކާ އެކީ އުޅޭކަށް މިލާން ބޭނުމެއް ނުވާނެ..” ޔައިނާ ބުނެލި ވާހަކައިން މިލާންގެ ހިތް ކުދިކުދިވެގެން ފޭބި ކަހަލައެވެ. ވަގުތުން އިސްދަށަށް ޖެހުނު އިރު، ދެލޯ މަރައި ބާރުކޮށްލެވުނެވެ. އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ނަފްރަތު ކުރެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. vempire girl

    Maasha Allah mi part vx varah varah reethi 🤗 Alhey yaina aa milaan dhuru nukurahchey.. mee hama 💯 ge vaahaka eh. Haadha ryhchey. next part kiyaalan libeyny konirakun thr???

    💞💞💞 LYSM 💞💞💞

    1. Nayaa
      vempire girl

      thank youuu sm vempire girl <333
      awwwn thats soo sweet dear <3
      next part miey submit kohlaanan.. keep waiting <3
      lym darl <3

  2. Cute girl

    Masha allah mi part vx v Reethi
    Milaan aa yaina dhuru nukurachey
    When next part can’t wait

    1. Nayaa
      Cute girl

      shukuriyyaa Cute girl <333
      dhen milaan aa yaina aa dhuru nuveythoa dua kuramaa dhw.. hehe
      next part mirey submit kohlaanan <3

  3. Rifoo

    Masha Allah mi part vx varah reethi.
    Next part kiyaalan libeyni kon irakun
    Nayaa thi hama rifoo ge best author
    Thikuraa bura masaikathah hama saabas dhen.
    Once again mi bai vx varah reethi Masha Allah
    Lysm nayaa

    1. Nayaa
      Rifoo

      thank you so muchhh Rifoo <333
      next part mirey submit kohlaanan insha allah
      alheyyyyy that meant a lot to me darlinggg!! thank youuu sm ingeyy <333
      lym darla <3

  4. Reem

    Maasha Allah mi part expect kuri varah ves reethi. you are the best nayaa darling. Your writing skills was so unique. every single part makes me so curious and inspires me. can’t wait to see more of your works dear. <<33
    Much loves..🥺💗

    1. Nayaa
      Reem

      awwwwn tysssm Reesm darling <333
      this is the sweetest comment i read today.. instantly brought a smile to my face.. once again thank you sooo muchh <333
      much luvs to yuh too <333

  5. Anonymous

    mashallah vrh reethi when next part

    1. Nayaa
      Anonymous

      thank you Anonymous <333
      next part mirey submit kohlaanan insha allah <3

  6. Aal

    Vrh nice mi part ves…yai aa Milan dhurunukurahchey… can’t wait for next part

    1. Nayaa
      Aal

      shukuriyyaa Aal <333
      next part dhenme submit kohlaifin

  7. Me

    Haadha reehchey mi part vs . Dhn yaina aa milaan dhuru nukurahchey . Maasha allah vrh vrh rythi mi part . Hama 💯 ge vhk eh .

    1. Nayaa
      Me

      shukuriyyaa Me <333 vrh vrh ufaa vejje <3

  8. Ifoo

    Vvv reethi mi part vs maasha Allah ❤️💯

    1. Nayaa
      Ifoo

      thank you Ifoo <333

  9. rosie

    varah reethi mi part ves like always btw if you dont mind can i have ur insta girlie :))

    1. Nayaa
      rosie

      thank you so much rosie <333
      my insta is mentioned in my bio <3

  10. imko

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    💞💞💞💞 Lysm 💞💞💞💞💞💞

    1. imko 💕💕
      imko

      Unmeedhu kuran imko a avas sifaa akah a aden
      Imko miulanee vrah Bali ragalu KO

    2. Nayaa
      imko

      shukuriyyaa imko <333
      next part reyga submit kohlin.. adhivx upload nuvey dhw
      lym <3
      aww take care ingey.. imko ah avas shifaa akah edhen.. shafakallah khairan my dear <3

  11. Cute girl

    Can’t wait for next part

    1. Nayaa
      Cute girl

      submit kohlaifin reyga.. admin approve kurihaa avahakah kiyaalan libeyne

Comments are closed.