ކާމިޔާބު
މުޅި މާހައުލުގައި ވަނީ ޖަލްސާއަށް ހާޒިރުވެފައިވާ އެންމެންގެ އަތްތިލަބަޑީގެ ތަރުހީބުގެ އަޑެވެ. ސްޓޭޖުމަތީގައި ހުއްޓިލައިގެން އަހަރެން ހުރިއިރު އަހަރެންގެ ހިތުގައި ވަނީ އުފާވެރިކަމާއި ފަޚުރުވެރި ކަމެވެ. މީ އަހަރެންގެ އެންމެ ޅަދުވަހުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. މައިންބަފައިން އަހަރެންނަށްޓަކައިވީ ޤުރުބާނީގެ އަގެވެ. އަހަރެންނަށް އިނާމު ދިން ވަގުތު ޖަލްސާގެ ހުރިހާ ބައިވެރިންގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންނަށެވެ.
އެ ރޭގެ ޖަލްސާ ނިންމާލުމަށްފަހު އެނބުރި ގެއަށް ދިޔައީމެވެ. ގޭތެރޭގައިވެސް ވަނީ އަހަރެންނަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް އާއިލާ މެމްބަރުން ހާޒިރުވެފައެވެ. އެތައް އިރެއް ވަންދެން އާއިލާ މެމްބަރުންނާއި އެކު އަހަރެންނަށް ލިބިފައިވާ ކާމިޔާބީގެ އުފާ ފާޅުކުރުމަށް ފަހު އަހަރެން ކޮޓަރިއަށް ވަނީ ވެފައިހުރި ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ. ހެދުން ބަދަލު ކޮށްލައިގެން އައިސް އެނދުގައި އޮށޯވެ ހަމަޖެހިލީމެވެ. ނަމަވެސް އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަ ހާދަ އުފާވާނޭ ހިތަށް އެރިއެވެ. އަދި އަހަރެންނަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނީތީ އެކަމާ ހިތާމަކުރާނެ ބަޔަކު ތިބޭނޭވެސް ހިތަށް އަރަމުން ދިޔައެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި މާޒީގެ ޞަފުޙާތަކުގެ ގަނޑުތައް ދިޔައީ އުކެމުންނެވެ.
އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އަހަރެން ރަށު ސުކޫލުން އިބްތިދާއީ ތައުލީމު ކިޔަވަން ފެށީމެވެ. އަހަރެންނަކީ އެންމެ ކުޑަ އިރުން ފެށިގެންވެސް ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކީމެވެ. އަހަރެންގެ ބޮލުގައި އިސްތަށި ނެތުމާއި ހަމުގެ ބަލި ހުރުމުން އެއްވެސް ކުއްޖަކު އަހަރެން އެކުދިންގެ އެކުވެރިއެއްގެ ގޮތުގައެއް ނުދެކެއެވެ. އެހެން ކުދިންނާއި އަޅާބަލާއިރު އެތައްހާސް ގޮތަކުން އަހަރެން ތަފާތެވެ. އެންމެ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހުވެސް އަހަރެންނަށް ކުދިންގެ މަލާމާތާއި ފުރައްސާރަކުރުންތައް ދިޔައީ ލިބެމުންނެވެ. އަހަރެންގެ ސިފަ ހުތުރުވުން ވެގެން ދިޔައީ އެކުދިންނަށް މަޖާ ކަމަކަށެވެ.
އެންމެ ކުޑައިރުވެސް އަހަރެން ފަތިސް ނަމާދު ކުރުމަށް ހޭލަނީ އެކަންޏެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެއްކަމުގައި ދެކިގެންނެވެ. އާދައިގެމަތިން މިއަދުވެސް އަހަރެން ފަތިސް ނަމާދުކޮށް ނިމިގެން ސުކޫލަށް ދިޔުމަށް ތައްޔާރުވާން ފެށީމެވެ. ލޯގަނޑު ކުރިމަތީގައި އެތައް އިރެއް ވަންދެން އަހަރެންނަށް ހުރެވުނެވެ. އަހަރެންވެސް އަހަރެން ހުންނަ ގޮތް ރަނގަޅަށް ބަލާލުމަށެވެ. އަހަރެންގެ ޅަ ސިކުނޑިއަށްވެސް އަހަރެން އެހެން ކުދިންނާއި ތަފާތުކަން ދިޔައީ ވިސްނައިދެމުންނެވެ. އަހަރެންނަކީ ބަލައިލަން ރީތި މީހެއް ނޫނޭ ޚުދު އަހަރެންނަށްވެސް ހިތާއި ހިތުން ކިޔާލެވުނެވެ. އަހަރެން ކިޔަވަން ވަރަށް ބޭނުމެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ކާމިޔާބު މީހަކަށް ވުމަށް އެދޭތީއެވެ. އެހެންނަމަވެސް ސުކޫލުން އަހަރެންނަށް އެކި ކުދިންގެ ފަރާތުން އެކ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭތީ ސުކޫލަށް ދާން ޖެހިލުން ވެއެވެ. އަހަރެންގެ މަންމަ ބަލިވެ އުޅޭ ދުވަހެއްކަމުން މިއަދު އަހަރެންނަށް ސުކޫލަށް ދެވުނީ ގަޑި ޖެހިގެންނެވެ.
“އޭ.. މިއޮށް އައީ އެއްކަލަ ތަލަ ބޯ.. ޝިޔާނު މާ ގިނައިރުވަންދެން ފުނާއަޅަން ޖެހުނީމަ ދޯ ގަޑި ޖެހިގެން ތިޔަ އައީ..” ކުލާހަށް ވަދެވުމާއި އެކު އަހަރެންނަށް ކުދިން ދިޔައީ މަލާމާތް ކުރަމުންނެވެ. އެ ކުދިން މަލާމާތުގެ ބަސްތައް އަހަރެންނާއި ދިމާއަށް ކިޔަމުން ދިޔައިރުވެސް މުދައްރިސް އެކަން ހުއްޓުވާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި މުދައްރިސް ވެސް އަހަރެންނާއި ދިމާލަށް ޖަހާލީ ހިނިގަނޑެކެވެ.
“ތިކުދިން ސުކޫލު ނިންމާލުމަށްފަހު ކުރިއަށް ދާނީ ކޮން ދާއިރާއަކުން..؟” މުދައްރިސް ހުރިހާ ކުދިންނާއި ސުވާލު ކުރުމުން ފަހަރަކު ކުއްޖެއް އެ ކުއްޖެއް ވާނީ ކޮންކަހަލަ މީހަކަށް ކަން ބުނަމުން ދިޔައެވެ. އަހަރެންނާއި ހަމައަށް ދިއުމުން އަހަރެން ވާނީ ސިފައިންގެ މީހަކަށޭ އަހަރެންނަށް ބުނެވުނެވެ. އަހަރެން އެހެން ބުނުމާއި އެކު ހުރިހާ ކުދިން އަޑުން އަޑުނަގާ ހޭންފެށިއެވެ. އެވަގުތު މުދައްރިސް ވެސް ބުންޏެވެ. އަހަރެން އަދާކުރަން ވާނީ އަހަރެންނާއި އެކަށީގެން ވާފަދަ ވަޒީފާއެކެވެ. ސިފައިންގެ މީހުން އެ އަދާކުރާ ވަޒީފާއަކީ އަހަރެންނަށް އަދާނުކުރެވޭނެ ވަޒީފާއެއް ކަމުގައެވެ. ޓީޗަރު އެހެން ބުނުމާއި އެކު އަހަރެންނަށް އިސްދަށަށް ޖަހާލެވުނެވެ. އަދި އެހެން އެ ބުނި ސަބަބަކީ ކޮބައިހެއްޔެވެ؟ ހަމަ އަހަރެން އެހެން ކުދިންނާއި ތަފާތުވީމަ ހެއްޔެވެ؟ އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ އެތައް އަސަރެއް އެވަގުތު ކުރިއެވެ. ސުކޫލުގައި އަހަރެންނާއި ދޭތެރޭ ކަންތައް ކުރާ އަހަރެންގެ މަންމައާއި ބައްޕައަށް ކިޔައިދިނީމެވެ. މަންމައާއި ބައްޕަ ދެރަވި ނަމަވެސް އަހަރެންނަށް ނަސޭހަތްތެރިވީ ކިޔެވުމުގައި ސާބިތުވާށެވެ. ކާމިޔާބު، މޮޅު ދަރިވަރަކަށް ވާށެވެ. އަހަރެންގެ މަންމައާއި ބައްޕަ ބޭނުންވާފަދަ ދަރިވަރަކަށް ވުމަށް ހިތުގައި އަޒުމް ކަނޑައެޅީމެވެ.
އުފާވެރި ދުވަސްތަކެއް އާއިލާއާއި އެކު ގުނަމުން ދަނިކޮށް ދިރިއުޅުން ބަނަކޮށްލީ ކަޅު ބޯވިލާތަކުންނެވެ. ލޯބިވާ ބައްޕަގެ ކުއްލި ވަކިވުމާއި އެކުގައެވެ. އަހަރެންނާއި އެކު އެއް ކުލާހުގައި ކިޔަވާ ކުދިންނަށް އަހަރެންނަށް މަލާމާތް މަގެއް އެހިސާބުން އަނެއްކާވެސް ތަނަވަސްވިއެވެ.
“ޝިޔާނު ބައްޕަ މަރުވީ ޝިޔާނުއާ ހެދީ ދޯ.. ޝިޔާނުއާ ހެދީ ލަދުން ދޯ އެ މަރުވީ..” ކުލާސް ކުއްޖެއް އެހެން ބުނުމާއި އެކު ހުރިހާ ކުދިން އެއްފަހަރާ ހޭން ފެށިއެވެ. އެމީހުން އެހެން ކިޔަސް އަހަރެންގެ ބައްޕަ އަހަރެން ދެކެ ނުހަނު ލޯބިވެއެވެ.
އަހަރެން ގުރޭޑު އަށެއްގައި ކިޔަވަން ފެށިއަހަރު އާ ދަރިވަރަކު ކުލާހަށް އައެވެ. އަހަރެމެންނާއި އެކު ކިޔެވުމަށެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭ ކަމުގެ އިހުސާސް އަހަރެންނަށް އެހިސާބުން ކުރެވުނެވެ. އެ ދަރިވަރު އަހަރެންނާއި އެކުވެރިއެވެ. އަހަރެންނާއި ވާހަކަ ދައްކަނީ ވަރަށް ރީތިކޮށެވެ. އެހެންނަމަވެސް އެ އުންމީދީ ހުޅުކޮޅުވެސް ނިވުނީއެވެ. އަހަރެންގެ ކިބައިގައި އެހެން ކުދިންނާއި ތަފާތު ކަންތައްތަކެއް ހުރީމައެވެ. ޓީޗަރުންގެ ތެރެއިންވެސް ގިނައީ އަހަރެން ބާކީ ކުރާ މީހުންނެވެ. އަހަރެން ހުތުރު ވީމައެވެ. އެހިސާބުން އަހަރެންނަށް މީހުންގެ ފަރާތުން ދަސްވާން ފެށީ އާ ފިލާވާޅުތަކެވެ. އެއްވެސް މީހަކީ ބޭކާރު މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް މުޖުތަމަޢަށް މުހިންމު މީހެކެވެ. ބޭނުންތެރި މީހެކެވެ. ނޫކުޅެދޭ މީހަކަސް ކުޅެދޭ މީހަކަށް ވިޔަސް މެއެވެ. އަހަރެންގެ ސިކުނޑިއަށް ވިސްނެން ފެށިއެވެ. ހިތުގައި އަޒުމް ވަރުގަދަވާން ފެށިއެވެ. އެހިސާބުން އަހަރެން ކުރަމުން ދިޔަ ދަތުރުގެ މަންޒިލް ބަދަލުކޮށްލީ ކާމިޔާބާއި ދިމާއަށެވެ.
ލިބޭ އެންމެ ހުސްވަގުތެއްވެސް ބޭކާރެއް ނުކުރަމެވެ. ފޮތްކިޔުމާއި ދަސްކުރަން ގިނަކުރީމެވެ. މައުލޫމާތުދޭ ތަކެތި އަޑުއެހުން ގިނަކުރީމެވެ. ޤުރްއާން ކިޔެވުން ގިނަކުރުމާއި ހިތުދަސްކުރަން ފެށީމެވެ. ނަތީޖާއަކަށްވީ އުމުރުން ފަނަރަ އަހަރުގައި ހާފިޛަކަށް ވުމެވެ. ސުކޫލުގައި ބާއްވާ މުބާރާތްތަކުން ވެސް އަހަރެން އެހެން ކުދިންނާއި ވާދަކޮށް ކުރި ހޯދަމެވެ. ކުލާހުގައި ނަގާ ޓެސްޓު ތަކުން ވެސް އެންމެ މަތީ މާކުސް ލިބޭ ދަރިވަރަކީ މިހާރު އަހަރެންނެވެ. އެހިސާބުން ކުދިން އަހަރެންނަށް ކުރަމުން އައި ގޯނާތައް މަދުވިއެވެ.
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ދިޔައީ ވޭތުވަމުންނެވެ. ދުވަހަކީ އޯލެވެލްގެ އިމްތިހާނުގެ ނަތީޖާ ލިބުނު ދުވަހެވެ. އަހަރެންނަށް އަހަރެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބުނެވެ. ޤައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ފިޔަޖަހާލި ތަރިއަކަށް އަހަރެން ވިއެވެ. އޯލެވެލް ނިންމާލުމަށްފަހު އޭލެވެލް ވެސް ފުރިހަމަ ކުރީމެވެ. ކުރި މަސައްކަތުގެ ފޮނި މީރުކަން އަހަރެންނަށް ހާސިލުވިއެވެ.
ތަޢުލީމުގެ ހަރުފަތްތައް ގިރާކުރުމަށްފަހު އަހަރެން މުޖުތަމަޢަށް ހިދުމަތް ކުރަން ނިކުތީމެވެ. ސިފައިންގެ މީހަކަށް ވެގެންނެވެ. ލޯބިވާ ރައްޔިތުން ގޮވާލި ކޮންމެ ވަގުތަކުވެސް ހިދުމަތް ކުރަން އަހަރެން ނުކުތީ މުޖުތަމަޢަށް މުހިންމު މީހެއްކަމަށް ދެކިގެންނެވެ. ސިފައިންގޭގައި ވެސް އަހަރެން ވީ ރަން އަކުރުން ނަން ވިދާލި މީހަކަށެވެ. އެކި ގައުމުތަކުގެ ސިފައިންނާއި އެކު ބޭއްވުނު ތަމްރީނެއްގައި އަހަރެންނަށް އެއްވަނަ ލިބުނެވެ. އެހިސާބުން އަހަރެންގެ މަގާމުވެސް މަތިވިއެވެ. އެތައް ބައެއްގެ ކުރިމަތީ ސްޓޭޖުގައި ޝަރަފުވެރިކަމުގެ އިނާމުތައް އަހަރެންނަށް ލިބުނެވެ.
ސިއްސައިގެން ގޮސް އަހަރެންނަށް މާޒީގެ ތެރެއިން ނިކުމެވުނީ ލޯބިވާ މަންމަ އައިސް އަހަރެންގެ ކޮޓަރިއަށް ވަނުމުންނެވެ. މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުންދިޔައެވެ. އެތައް ގޮންޖެހުމެއް ކުރިމަތިވި ނަމަވެސް މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ދަރިއަކަށް މިއަދު އަހަރެން ވީމައެވެ. ކާމިޔާބު މީހަކަށް ވެވޭނީ ތިމާގެ ބޭރުފުށުން ފެންނަ ބަލައިލަން ރީތި ސިފައަކުން ނޫންކަން އަހަރެން މިއަދު ސާބިތުކޮށްދީފީމެވެ. ކޮންމެ މީހަކީވެސް މުޖުތަމަޢަށް ބޭނުންތެރި މުހިއްމު މީހެއްކަން އެންމެންނަށް އަހަރެން ބުނެދީފީމެވެ. ކާމިޔާބަކީ އެކަމަށް ގަދައަޅައި މަސައްކަތްކުރާ މީހުންގެ ހައްޤެކެވެ.
2 Comments!
Comments are closed.

varah iburai theri vaahaka eh.. luv the story <3
vrh reethi vaahaka