Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

ކޮއްކޮމެންވެސް ފަލަސްޠީނާއެކު

Aayaa
Aayaa Level 410 Stories100 Login100 Comments
December 22, 2023 3 Mins Read
2 Comments

އެނދުމަތީން ފެންނަނީ ފެއްސާއި ރަތާއި ހުދާއި ކަޅު ކުލައިގެ ގަނޑުތަކެވެ. ކަތުރުތަކަކާއި ތެރަސްފުޅިއެކެވެ. ޝަހްދާން އާއި ޒަހްރާ ތިބީ މަންމައަށް އެހީވާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެކުދިންގެ މަންމަ ކަރުދާހުން ދިދައެއް ހަދާ ނިންމާލިއެވެ. ކަޅާއި ހުދާއި ފެހި ކުލަ ތަރުތީބުން އިނދެފައި ރަތްކުލައިގެ ތިނެސްކަނެއް ކަނާތްފަރާތުގައި ތަތްކޮށްފައި އިނެވެ.

“މަންމާ. މީ ކޮން ގައުމެއްގެ ދިދައެއް؟” ޒަހްރާ އެދިދަ ނަގަމުން ބުނެލިއެވެ.

“ތިއީ ފަލަސްޠީނުގެ ދިދަ.” މަންމަ އޮޅުން ފިލުވައިދިނެވެ.

“އެއީ ކޮން ގައުމެއް؟ މިފަހަރު ސުވާލުކޮށްލީ ޝަހުދާންއެވެ.

“ދަރިފުޅަށް އެނގޭތަ؟ ފަލަސްޠީނަކީ މާތް ﷲ މިބިމުގައި ލައްވާފައިވާ އެންމެ މާތް ބިންތަކުގެ ތެރެއިން އެއްބިން. ދަރިފުޅަށް އެނގޭތަ އެންމެ މާތް ތިން މިސްކިތް؟ އެންމެ ފުރަތަމަ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް. އެމިސްކިތުގައި ނަމާދު ކުރީމަ އެއް ލައްކަ ނަމާދުކުރީމަ ލިބޭ ސަވާބާ ދަރުމަ ލިބޭނެ. ދެވަނައަށް އެންމެ މާތް މިސްކިތް ހުންނާނީ މަދީނާގައި. އެއީ މަސްޖިދުއް ނަބަވީ. އެމިސްކިތުގައި ނަމާދުކުރީމަ އެއްހާސް ނަމާދުކުރީމަ ލިބޭ ސަވާބާއި ދަރުމަ ލިބޭނެ. ތިންވަނައަށް އެންމެ މާތް މިސްކިތަކީ މަސްޖިދުލް އަޤްސާ. އެމިސްކިތުގައި ކުރާ ނަމާދު ފަސްސަތޭކަ ނަމާދުގެ ސަވާބާއި ދަރުމައާއި އެއްވަރުވެގެންވޭ. އެމިސްކިތް ހުންނަނީ ކޮން ތާކުކަން އެނގޭތަ؟” މަންމަ ސުވާލުކުރިއެވެ.

“މްމްމް.. ފަލަސްޠީނުގައިތަ؟” ދެކުދިންނަށް އެއްފަހަރާ ބުނެވުނެވެ.

“ވަރަށް ރަނގަޅު. މަސްޖިދުލް އަޤްސާ ހުންނަނީ ފަލަސްޠީނުގައި. އެހެންވެ އެބިމަކީ މުސްލިމުންނަށް ވަރަށް މުހިންމު ބިމެއް. އަދި އެބިމަކީ އެތައް ރަސޫލުންނާއި ނަބިއްޔުންގެ އުފަން ބިމަށް ވީތީ އެބިން މުސްލިމުންނަށް ހާއްސަވޭ.” ހިނިތުންވެލަމުން މަންމަ ބުންޏެވެ.

“ދެން މިހާރު ފަލަސްޠީނަށް ކިހިނެއްވީ؟” ޝައުގުވެރިވެފައި އިނދެ ޒަހްރާ ސުވާލުކޮށްލިއެވެ. ހަދަން ފާށާފައިވާ ދިދަތައް ހަދާ ނިމިފައިވުމާއެކު މަންމަ އެނދުން ތެދުވިއެވެ. އެނދުމަތީގައި ހުރި އެއްޗެހި ނަގާ މޭޒުމަތީގައި ބަހައްޓާފައި މަންމަ ކަބަޑުން ބްލޮކްސް ނެގިއެވެ. ހައިރާންވެފައި މަންމައަށް ބަލަން ދެކުދިން ތިއްބާ މަންމަ އައިސް ބްލޮކްސްތައް އެނދުމަތީގައި ބަހައްޓާލިއެވެ.

“މިއުޅެނީ ގޭމެއް ކުޅެން އިނގޭ. ޒަހްރާއާއި ޝަހުދާންއަކީ ފަލަސްޠީނުކުދިން. ދެން މަންމައަކީ އިސްރާއީލުގެ ކުއްޖެއް އިނގޭ.” ދެކުދިންނަށް ކުޅެން އިޝާރާތްކޮށްފައި މަންމަ ކޮޓަރިން ނިކުތެވެ.

އިރުކޮޅެއްކޮށްލާފައި ކޮޓަރީގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ޒަހްރާ ގޮސް ދޮރު ހުޅުވާލިއެވެ.

“ތިކުދިން ދައްތަ މިގޭގައި ބަހައްޓައިދީބަލަ. ދައްތަ ހުންނާނެ އެއްވެސް ތަނެއް ނެތް. ކާނެ އެއްޗެއްވެސް ނެތް.” މަންމަ ބުނެލިއެވެ.

“އާދޭ އިށީންނަން.” ޒަހްރާ މަންމަގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އިރުކޮޅަކުން ޝަހްދާން ތައްޓެއް ނަގާފައި ކާއެއްޗެއް ދިނެވެ. ޒަހްރާ އައީ ރަޖާގަނޑެއް ހިފައިގެންނެވެ.

“ޝުކުރިއްޔާ. މިބޮލްކްސްތައް ކުޅެލިއަސް އޯކޭތަ؟” ޝަހްދާން ދިން ތަށި އަނބުރާ ދެމުން މަންމަ ބުންޏެވެ.

“އޯކޭ.” ޒަހްރާއާއި ޝަހްދާން އެއްފަހަރަކާއި ބޯ ޖަހާލިއެވެ.

އިރުކޮޅަކު ކުޅެލާފައި މަންމަ ނިދަން އޮށޯތެވެ. ޝަހްދާންއާއި ޒަހްރާވެސް އޮށޯތެވެ.

“ދެން ކިހިނެއް ހަދަނީ؟” ޒަހްރާ ބޯ ހިއްލާލާފައި އަހާލިއެވެ.

“ދެން ތިކުދިން ހޭލާނީ. ހޭލާއިރުގައި މަންމަ އިންނާނީ ތިކުދިންގެ ބްލޮކްސްއާ ހުރިހާ އެއްޗެއް އަތުލައިގެން.” މަންމަ ތެދުވެފައި ބްލޮކްސްތައް ކައިރިކޮށްލާފައި ބުނެލިއެވެ

“ދޮންބޭ. ތެދުވެބަލަ، މިގެއަށް އައި ކުއްޖާ އަހަރެމެންގެ ހުރިހާ އެއްޗެއް އަތުލައިގެން އެއިނީ..” ޒަހްރާ ތެދުވެ ގޮދަޑީގައި އިށީނދެ ބުނެލިއެވެ. ޝަހްދާންވެސް އަވަސް އަވަހަށް ތެދުވެލިއެވެ.

“ގެނޭ. ތިއީ އަހަރެމެންގެ ކުޅޭއެއްޗެއްނު.” ޝަހްދާން އޭނާގެ ކުޅޭ އެއްޗެހިތައް ހޯދަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ނޫން. މިހާރު މިއީ އަހަރެންގެ އެއްޗެހި. މިގެއަކީވެސް އަހަރެންގެ ތަނެއް. ތިކުދިން މިގެއިން ނިކުމޭ..” މަންމަ ދެކުދިންގެ އަތުގައި ހިފައިގެން ގެންގޮސް ކޮޓަރިން ނެރުނެވެ.

“އެހެންވީމާ އިސްރާއީލުގެ މީހުން ފަލަސްޠީނުގެ ކުދިން ގެއިން ނެރެލީ ދޯ މަންމާ؟” ކޮޓަރިއަށް ވަދެފައި ޝަހުދާން ސުވާލުކޮށްލިއެވެ.

“ހްމް. ފަލަސްޠީނުގެ ބިމަށް އިޒްރޭލުގެ މީހުންއައީ އެމީހުން ދިރިއުޅެމުން ދިޔަ ބިމުން ނެރެލެވުނީމަ. ފަލަސްޠީނުގެ މީހުން އެމީހުންނަށް މެހެމާންދާރީ އަދާކޮށްދިނީ ވަރަށް ރަނގަޅަށް. ދެންވީ ގޮތް އެނގޭތަ؟ ނަވާރަސަތޭކަ ސާޅީސް އަށެއްގައި އިޒްރޭލުގެ މީހުން އެތަނުގައި އެމީހުންގެ އަމިއްލަ ގައުމު އުފެއްދީ. އެހާދިސާއަށް ނަޤްބާގެ ހާދިސާއޭ ކިޔާ. އޭގެ ފަހުން ފަލަސްޠީނުގެ ބިން އަތުލަމުން އަތުލަމުން ގޮސް މިހާރު ފަލަސްޠީނުގެ މީހުންގެ އޮތީ ބިމުގެ ކުޑަކުޑަ ތަންކޮޅެއް. އެތަންކޮޅުވެސް ކޮންޓްރޯލް ކުރަނީ އިޒްރޭލުގެ ސިފައިން.” މަންމަގެ ވާހަކަ ދެކުދިން ކަނުލާ އަޑުއަހަން ތިއްބެވެ.

“ދެން ކިހިނެއްވީ؟” މިފަހަރުވެސް ޝަހްދާން ސުވާލުކުރިއެވެ.

“އިޒްރޭލުގެ ސިފައިން ފަލަސްޠީނުގެ މީހުންނަށް ވަރަށް އަނިޔާކުރޭ. ކޮންމެ އަހަރަކުވެސް އެތައް ބަޔަކު މަރާލާ. ކުށެއް ނުކުރާ އެތައް ބަޔަކު ހައްޔަރުކޮށްގެން އެމީހުންގެ ޖަލުތަކަށް ގެންދޭ. ކޮންމެ އަހަރެއްގެ ރޯދަމަހު މަސްޖިދުލް އަޤްސާއަށް އަޅުކަން ކުރަންދާ މުސްލިމުންނަށް އެތަން ދޫކޮށް ދާން މަޖުބޫރުކުރޭ. ބަޑިޖަހާ އެތައް ބަޔަކު ޒަހަމްކޮށްލާ. ދަރިފުޅަށް އެނގޭތަ މަންމަ އެންމެ ދެރަވަނީ ކީއްވެކަން މިވާހަކަތައް ވީޑިއޯތަކުން ފެންނައިރު؟ އެއީ އެމީހުން ގެންދަނީ ހަމައެކަނި ބޮޑެތި ކުދިންނެއްނޫން. ދަރިފުޅުމެން ވަރު ތުއްތު ކުދިންވެސް ގޭގައި ތިއްބާ އިޒްރޭލު ސިފައިން ގެންދަނީ. މަންމަމެން ރޮއެރޮއެ ތިއްބާ އެމީހުންގެ ކުދިންނަށް އަނިޔާކޮށް ޝަހީދުކޮށްލަނީ..” އެހިސާބަށް ވާހަކަ ދިއުމާއެކު މަންމައަށް ރޮވެން ފެށިއެވެ. ޒަހްރާއާއި ޝަހްދާން މަންމަގެ ގައިގައި ބައްދާލިއެވެ.

“މަންމާ. އެކުދިން ހާދަ ދެރަވާނޭ ދޯ.” ދެރަވެލާފައި ޒަހްރާ ބުންޏެވެ.

“ލައްބަ. ދަރިފުޅަށް އެނގޭތަ؟ ފަލަސްޠީނުގެ މުޖާހިދުން އޮކްޓޯބަރު ހަތްވަނަ ދުވަހު އިޒްރޭލުން ހިފާފައި އޮތް ފަލަސްޠީނުގެ ބިންތަކަށް އަރާ، މިސައިލްތަކެއް އިޒްރޭލަށް ފޮނުވާލީ. އޭގެ ބަދަލެއްގެ ގޮތުން އިޒްރޭލުން ދިން ހަމަލާ ތަކުގައި ފަލަސްޠީނުގެ އަށާރަހާހަށް ވުރެ ގިނަ މީހުން ޝަހީދުވި. ފާއިތުވެގެންދާ ކޮންމެ ދުވަހެއްގައި އެއަދަދުތައް ވަނީ މަތި. ޝަހީދުވި މީހުންގެ ތެރޭގައި ހަތްހާހެއްހާ ކުޑަކުދިން ހިމެނޭ. އިމާރާތްތަކުގެ ދަށުގައި ނުނެރެވިފައިވެސް ބައިވަރު މީހުން އެބަތިބި. އިޒްރޭލުން ފަލަސްޠީނުގެ ކަރަންޓު ކަނޑާލާ ފެން ހޮޅިތައްވެސް ހަލާކުކޮށްލީ. ބޭހާއި ފަލަސްޠީނުގެ ކުދިންނަށް ބޭނުންވާނެ އެހެން އެއްޗެހި ޣައްޒާއަށް ނުވެއްދޭ ގޮތް ހެދީ. ފަލަސްޠީނުގެ ސުކޫލުތަކާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކަށްވެސް އެމީހުން ބޮން އެޅި.” ދެލޮލުން އައި ކަރުނަތައް ފުހެމުން މަންމަ ކިޔައިދިނެވެ.

“މަންމާ. ފަލަސްޠީނު ކުދިންގެ މަންމަމެންނާއި ބައްޕަމެންނާއި ފެމިލީ ކުދިންވެސް މަރުވީ ދޯ.” ޝަހްދާން ބުނެލިއެވެ.

“ހްމް. ބައެއް ކުދިންގެ ފެމިލީ ހުރިހާ ކުދިންވެސް ޝަހީދުވި. ފެނާއި ކާއެއްޗެހި ނުލިބި ކިތަންމެ ކުއްޖެއް މިހާރުވެސް މަރުވެއްޖެ.” ޝަހްދާންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ.

“މަންމާ؟ މުޖާހިދުންނަނީ ކޮބާ؟” ވިސްނަން އިނދެފައި ޒަހްރާ ސުވާލުކުރިއެވެ.

“އެއީ މާތް ﷲގެ މަގުގައި ހަނގުރާމަ ކުރާ މީހުން.” ހިނިތުންވެލާފައި މަންމަ ބުންޏެވެ.

“ދަރިފުޅުމެން ވާނެ ލިބޭ އެއްޗަކަށް ޝުކުރުކުރަން އިނގޭ. އަހަރެމެންނަށް އުޅޭނެ ގެއަކާއި އަހަރެމެންދެކެ ލޯބިވާ މަންމަމެންނާއި ބައްޕަމެންނާއި ކާއެއްޗެހި ލިބޭއިރު އަހަރެމެން ވާނެ އެއެއްޗެހި ދެވާ ފަރާތަށް ޝުކުރުއަދާކުރަން.” ދެކުދިންގެ ކޮލަށް ދޮނެއް ދެމުން މަންމަ އެނދުން ތެދުވިއެވެ.

“ދެން ކޮން އިރަކުން އެހަނގުރާމަ ހުއްޓާލާނީ؟ ފަލަސްޠީނުގެ ކުދިން މޮޅުވާނީ ކޮން އިރަކުން؟” ޝަހްދާން ސުވާލުކުރިއެވެ.

“އިންޝާﷲ ވަރަށް އަވަހަށް ފަލަސްޠީނަކީ މުސްލިމުންގެ ފުރިހަމަ ބާރުގެ ދަށުގައިވާ ބިމަކަށް ވެގެންދާނެ. އެކަމަށް އަހަރެމެން ދުޢާކުރަމާ ހިނގާ ދޯ. މާތްﷲ ވަނީ ފަލަސްޠީނު މިނިވަންވާނެ ކަމުގެ އުފާވެރި ޚަބަރު އަހަރެމެންނަށް ދެއްވާފަ.” ދެކުދިން ހަވީރުގެ ހިނގާލުމަށް ދާނެ ހެދުން ނަގަމުން މަންމަ ވާހަކަދެއްކިއެވެ.

މަންމައާއި ޒަހްރާއާއި ޝަހްދާން އެދުވަހު ފަލަސްޠީނާއެކު އޮތްކަން ހާމަކޮށް ބޭއްވި ހިނގާލުމުގައި ބައިވެރިވިއެވެ. ފަލަސްޠީނުގެ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ރުފިޔާ ސަދަޤާތް ކުރިއެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އިފްރާ 17 (ފަހުބައި)

Next

ތިބާގެ ނަސީބު

Next
December 22, 2023

ތިބާގެ ނަސީބު

Previews
December 22, 2023

އިފްރާ 17 (ފަހުބައި)

2 Comments!

  1. Someone says:
    December 22, 2023 at 8:40 pm

    Hama rovifa… Masha Allah. And thank you, for sparing your time to write stories like this for us.. it really makes my day. Aanmukoh mihunna vaahaka thakuga varah kuh hurey. Ekam Aaya ge vaahaka thakuga kuh madhuvefa varah reethi. Love your stories ❤️❤️❤️🥰😊☺️

    1. Aayaa Aayaa says:
      December 23, 2023 at 10:12 am

      Thank you Someone! I appreciate your support!☺️🤍

Comments are closed.



All Right Reserved!