ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތަރުވަނަ ބައި)
އަވަހަށް ފެންވަރައިގެން ނުކުމެ ގޭގައި މެންދުރު ނަމާދު ކޮށްލީ މިސްކިތަށް ގޮސް ނަމާދުކުރާނެހާ ވަގުތު ދެން ނެތުމުންނެވެ. ނަމާދުން އަވަދިވެ ކުޑަގޮތަކަށް އޭނާ ރީތިވެލިއެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލާފައިވާ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައިވީއިރު އެ ރީތި މުލައްދަނޑިން ބައެއް ހާމަވެފައިވިއެވެ. ހިތްހަމަޖެހޭ ވަރަށް ރީތިވެވުމުން ފޯނު ޖީބަށް ލައިގެން އޭނާ ނިކުތްއިރު އިޝްރާ އިނީ ތައްޔާރުވެގެން ނިކުމެ އޭނާގެ އިންތިޒާރުގައެވެ. އޭނާ ނުކުތް ތަން ފެނުމުން އިޝްރާ ފޯނުން ގަޑިބަލައިލިއެވެ.
“މިހާރު އެއޮއް 3:15 ވީ. 3:20 ގަ ބަންގި ގޮވާނެ. ދެން ދޭ މިސްކިތަށް. ދޮންތަބެ އެ ނައްޓާލީ ހަމަ. މިސްކިތުން ފައިބައިގެން ތަނަކު މަޑުނުކޮށް ދެމީހުން އެކީ އާދޭ ގެއަށް. އޭރަށް ކިރިޔާ 4 ޖަހަން ވާއިރަށް ލޫންމެން ގެއަށް ދެވޭނީ. މަންމަ ގާތުން ހުއްދަ ނަގައިފިން މިހާރު.” ފޯނުން އަލްޔާންއަށް ގަޑި ދައްކާލަމުން އިޝްރާ ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އަލްޔާން އޭނާގެ ސްނީކާރސް ބޫޓަށް އަރައިގެން ނައްޓާލިއެވެ.
އަލްޔާން މިސްކިތުން އައުމުން ސައިބޮއެގެން ދެކުދިން އަވަހަށް ނައްޓާލީ ލުބްނާ މިހާރު ހުންނާނީ އިންތިޒާރުގައިކަން އެނގޭތީއެވެ. ކަން ވީ ވެސް އެހެނެވެ. ލުބްނާގެ ގެއާއި އަރާ ހަމަވީއިރު ބޭރުގައި ހުރި އުނދޯލީގައި އޭނާ އިނެވެ. އިޝްރާ ފެނުމާއެކު ވަގުތުން ދުވެލާފައި އައިސް އިޝްރާގެ އަތުގައި ހިފާލަމުން “އަވަހަށް ދާން ހިނގާށޭ” ބުނެލިއެވެ. ތިން ކުދިން އެކުގައި ހިނގައިގަތީ މިއަދު ދާނީ އަތިރިމަތީގެ ހިސާބުތައް ބަލައިލާށޭ ކިޔަފައެވެ. އިރުއޮސެންދާ ވަގުތު ގާތްވެފައިވުމުން ހުޅަނގު ފަރާތުން ފެންނަމުންދާ މަންޒަރުތަކުން ހީވަނީ ރަންވިރުވާ އަޅާފައި އޮތް ހެންނެވެ. އޭގެ އިތުރަށް، ޖެހެމުންދާ ފިނިރޯޅިތަކުން މި ހަވީރުގެ ހިތްފަސޭހަކަން އިތުރަށް ފުރިހަމަކޮށްދެމުން ދިޔައެވެ. އިޝްރާ ގޮސް އެތާހުރި މަގޫގަސް ފީންޏެއްގެ ބުޑުގައި އިށީނދެލީ “މިރޭ އިންސްޓަ އަށް ލާން ސަޅި ފޮޓޯކޮޅެއް ލިބޭނޭ” ކިޔާފައި އަލްޔާން ފޮޓޯ ނަގަން ފެށުމުންނެވެ. އިރުއޮއްސޭ މަންޒަރުގެ ފޮޓޯނަގަން އަލްޔާން ހުރިއިރު ލުބްނާ ގޮސް ހުރީ އަތިރި މަތީ ރާޅުޖަހާ ހިސާބުގައެވެ. ހިތްފަސޭހަ މާހައުލަކަށް ކިތަންމެ ކުޑަ ވަގުތުކޮޅަކަން ނަމަވެސް އާދެވުމުން އޭގެ ބޭނުންހިފާ ހިތަށް ހިތްހަމަޖެހުން ހޯދަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އިޝްރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ އޭނާގެ އާއިލާއާއި އެކުވެރިން މިއަދު އުޅެމުންދާ އުފާވެރިކަން އިހްސާސްކުރެވިފައެވެ. އެއާއެކު މި އުފާވެރިކަން އަބަދުމެ އެގޮތުގައި ލެހެއްޓެވުމަށް އެދި ﷲގެ ޙަޟްރަތުގައި ހިތާހިތުން ދުޢާކުރަމުންނެވެ. އެވަގުތު ވީ އަލްޔާން އެކި ހިސާބުތަކުގެ ފޮޓޯނަގަމުންގޮސް އިޝްރާއާއި ދިމާލަށް ކެމެރާ އަނބުރާލެވެނު ވަގުތަށެވެ. އިޝްރާ އިންގޮތުން އަލްޔާންގެ ގާތަށް ހިނިއައެވެ. އަދި އިޝްރާއަށް ނޭނގޭނެހެން އެކިގޮތްގޮތަށް އިޝްރާގެ ފޮޓޯ ނެގީ ފަހުން ދިމާކޮށްލާނަމޭ ހިތައެވެ.
އިޝްރާގެ ފޮޓޯ ނަގައި މަޑުމަޑުން އެނބުރިލި ވަގުތު އަލްޔާންގެ ލޮލުގައި އަޅައިގަތީ އެއްއަތުން ފައިވާން ހިފަހައްޓާލައިގެން މޫދާއި ދިމާލަށް ބަލަހައްޓައިގެންހުރި ލުބްނާއެވެ. ލުބްނާ ފެނުމުން އޭނާއަށް މިވަނީ ކީއްބާވައެވެ. އެހެން އަންހެންކުދިން ފެނުމުން ނުވާފަދަ އެތައް ގޮތެއް ލުބްނާ ފެނުމުން އޭނާގެ ހިތަށް އެބަ ވެއެވެ. މިއަދު ލައިބްރަރީއިން އައިސް ހިނގާލަން އައުމާ ދޭތެރެވެސް އޭނައަށް މުޅިންވެސް ކުރެވުނީ ލުބްނާގެ ޚިޔާލެވެ. އޭނާ އެންމެ ހައިރާންވަނީ މިއަދުގެ ވަގުތެއްގައި އަލަށް ބައްދަލުވި މި ކުއްޖާއާއި ދޭތެރޭގައި އެހެން އެކަކައިމެދުވެސް ނުވިސްނާ ވަރަށް ވިސްނޭތީއެވެ. އެވަގުތު އިޝްރާ އަލްޔާންއާއި ލުބްނާއަށް ގޮވާލަފައި “ދެން މިތާ މިހެން ނުތިބެ ކުރިއަށް ހިނގައިގަންނަން ވީނޫންހޭ” ބުނެލުުމުން އަލްޔާންއަށް ހަމަބިމަށް އާދެވުނެވެ. އެވަގުތު އޭނާއަށް ލުބްނާގެ ފޮޓޮއެއް ނެގުނީވެސް ބޭއިޚްތިޔާރުގައެވެ.
“އިޝް! ލޫން ބޭނުމީ ރާޅުބީއްސާ ހިސާބުން ހިނގަލަފައި ދާން! އޯކޭތަ؟” އަލްޔާންއަށް ހިނިތުންވެލެވުނީ ލުބްނާ މޫދަށް ޝައުޤުވެރިކަން ހުންނަ މިންވަރު އެނގިފައެވެ. އޭނާވެސް ޙަޤީޤަތުގައި މޫދަށް ވަރަށް ފޯރި ހުރެއެވެ.
“އެއީ ތެދެއް އިޝް! އާން ވެސް ވަރަށް ގިނަދުވަސްވެއްޖެ މޫދާއި ދުރުގައި އުޅެނީ! އާންވެސް ބޭނުމީ މޫދު ކައިރިން ހިނގާލާފައިދާން! ޕްލީސް އިޝް!” އެ ޖުމްލަތައް ޙަޤީޤަތުގައި އަލްޔާންގެ އަނގައިން ބޭރުވީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އޭނާއަށް މިއަންނަ ބަދަލުތަކާއިމެދުގައި އަމިއްލައަށް ހައިރާންވެފައި ހުންނަންޖެހޭވަރުވެސް މިހާރު އެބަ ވެއެވެ.
“ހޫން ތިވަރަށް ކުސްނުތެޅުވިއަކަސް އިޝްވެސް މިއުޅެނީ އަތިރިމަތިން ލާފައި ދާށޭ! ހިނގާބަލަ އަވަހަށް!” އަލްޔާންގެ ކޮނޑުގައި ޖަހާލަމުން އިޝްރާ އެހެން ބުނެލާ ހިނގައިގަތެވެ. އިރުއޮއްސެންގާތްވެފައިވުމުން އެމީހުން ނިންމީ އަތިރި ފަޅިން ލާފައިގޮސް ގެއަށް ދިއުމަށެވެ. ނަމަވެސް އަލްޔާން އެދުނީ އޭނާ ނަމާދުކޮށްގެން އަންނަންދެން އިޝްރާ ލުބްނާމެން ގޭގައި މަޑުކޮށްލުމަށެވެ. އަދި ބަލައިގެން ދިއުމަށް ބުނެ އެތާ ކައިރީ ހުރި މިސްކިތަކަށް އެރިއެވެ. ދެކުދިން ހިނގަމުންގޮސް ލުބްނާމެންގޭގައި މަޑުކޮށްލީ އަލްޔާންގެ އެދުމުގެ މަތިންނެވެ. ލުބްނާއާއި އެކީ އިޝްރާ ލުބްނާގެ ކޮޓަރިއަށް ދާން އުޅެނިކޮށް ލުބްނާގެ އެއްމާބަނޑު ކޮއްކޮ ލިބާން ގިޓައެއް ހިފައިގެން އައިސް ސޯފާގައި އިށީނދެ އެ ދެކުދިންނަށް ގޮވާލިއެވެ.
“ދޮންތާ! އިޝް! ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ!” ލިބާން ބުނެލިގޮތުންވެސް އިޝްރާގެ ގާތަށް ހިނިއެވެ. އެވަގުތު ލުބްނާ، ލިބާން ކައިރީ ލުބްނާގެ ކޮޓަރިއަށް އައުމަށް ބުނުމުން ލިބާން އެމީހުންގެ ފަހަތުން އައިސް ލުބްނާގެ ކޮޓަރިއަށް ވަދެ ކޮޓަރީގައި ހުރި ލެވެންޑަރ ކުލައިގެ ސޯފާގެ މައްޗަށް ވެއްޓިގަތެވެ. ލުބްނާ ޕިސް ޕިސް ލައްވަލުމުން ބޯހޫރުވާލިއިރު އިޝްރާއަށް ހަމަ ރަނގަޅަށް ވެސް ހެވުނެވެ. އެތިންކުދިންނަކީވެސް އެއް އުމުރެއްގެ ތިން ކުދިންނަށް ވުމުން އެކަކު އަނެކަކާއި ވަރަށް ގުޅެއެވެ. މިއަދާއި ހަމައަށް އައި އިރު އެ ތިންކުދިންނަށް ވަނީ އެކި ކަންކަމުގައި އެކަކު އަނެކަކުގެ ގެއަށް އައިސް ގޮސް އުޅެއުޅެ އެކުދިންގެ މައިންބަފައިންނާވެސް އެކުވެރިވެފައެވެ. ލުބްނާއާއި ލިބާންގެ މައިންބަފައިންނަކީ އިޝްރާގެ މައިންބަފައިން ފަދައެވެ. ހަމައެފަދައިން އިޝްރާގެ މަންމައަކީ ލުބްނާއާއި ލިބާންގެ މަންމަ ފަދައެވެ.
އިޝްރާގެ ބައްޕަ އިޒްހަރްއަކީ އެންމެ ކުރީއްސުރެވެސް ކޮންސްޓްރްކްޝަން މަސައްކަތުގައި އުޅެމުންދިޔަ މީހެކެވެ. އެއްދުވަހު މަސައްކަތު ގޮސްފައި މާގިނައިރެއްނުވެ އަވައްޓެރިއަކު ދުވަމުން އައިސް އަލީޒާ ގާތު ބުނީ ކޮންކްރީޓް ގަލެއް ވެއްޓި އިޒްހަރްގެ ބޯފަޅައިގެންގޮސް ހޮސްޕިޓަލަށް ގެންދެވިފައިވާ ވާހަކައެވެ. އޭރު އަލީޒާ އިނީ އިޝްރާއަށް ބަލިވެ، ވިހަން ގާތްވެފައެވެ. އިޝްޔާއަށް 7 އަހަރެވެ. އަދި އިޝިރްއަށް 4 އަހަރެވެ. ބޮލަށް ލިބުނު ގެއްލުމެއްގެ ބޮޑުކަމުން އެދުވަހު އިޒްހަރް މި ދުނިޔެ ދޫކުރީ އަލީޒާއާއި އޭނާގެ 3 ދަރިން ހަވާލުކޮށްފައެވެ. އެދުވަހު އޭނާގެ ބޮލަށް މުޅި ދުނިޔެ ވެއްޓުނު ފަދަ އިހުސާސެއް ކުރެވުނު ނަމަވެސް އޭނަ ހިތްވަރުކުރީ އޭނާއާއި އިޒްހަރްގެ ލޯބީގެ ނިޝާންތަކަށްޓަކައެވެ. 23 އަހަރުގެ އިޝްޔާއަކީ މިއަދު އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭ މީހެކެވެ. އިޝިރް މަތީ ތަޢުލީމުގެ ދުވަސްތައް ފުރިހަމަކުރަމުން ދާއިރު އިޝްރާވެސް އޯލެވެލްގެ ނަތީޖާތައް ލިބުނުހާއަވަހަކަށް މަތީ ތަޢުލީމުގެ ދުވަސްތައް ފެށުމަށް މެލޭޝިއާއަށް ފުރާނެއެވެ. އިޒްހަރް އަލީޒާއާއި ހަވާލުކުރި ބޮޑު އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދީ ނިމުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ. އިޝްރާއާއި އިޝިރްއަށް ދިރިއުޅުމެއް ފެށޭ ދުވަހުން އަލީޒާގެ ދިރިއުޅުމުގެ މަޤްސަދު ހާސިލްވެގެންދާނެއެވެ.
“އާނ ކީއްކޮށްދޭންވީއޭ!” ލުބްނާގެ ކޮޓަރީގައި ހުރި ކުއީން ސައިޒުގެ ބޮޑު އެނދުގައި އިށީނދެލަމުން އިޝްރާ އަހާލިއެވެ. އޭރު ލުބްނާ އުޅުނީ އޭނާގެ މޫނުގައި ކޮށްފައިވާ މަޑު މޭކަޕްގެ އަސަރު ފިލުވައިލުމުގެ މަސައްކަތުގައެވެ. “މީ…. ވަރަށް ބޮޑުކަމެއް! ނޭނގެ ތިދެމީހުންނަށް ވާނެކަމެއްވެސް!” އަތުގައިއޮތް ގިޓާގެ ނަރުތަކައި ކުޅެލަމުން ލިބާން އެހެން ބުނުމުން ލުބްނާ އަތުގައި އޮތް މޭކަޕް ފިލުވާ ޓިޝޫ ޑަސްބިނަށް ވައްޓައިލުމަށްފަހު ލިބާންއާއި ދިމާލަށް އެނބުރިލިއެވެ.
“ދެން ވާނެތޯ ނޫނީ ނުވާނެތޯވެސް އެނގޭނީ ބުނީމައިދޯ! ބުނެބަލަ ހާސަރު ދިގުނުކޮށް” ލިބާން އާއި ދިމާލަށް އެނބުރެލަމުން ލުބްނާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ލިބާން އެހެން ބުނެފިއްޔާ ލުބްނާ ހިތްހަމަނުޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެންމެފުރިހަމަ ގޮތުގައި އެކަން ކުރަން ބޭނުންވާތީ ލިބާންއަށް އެހެން ބުނެވުނީއެވެ.
“އެނގެއެއްނު އަންނަ މަހު ޝޯ އޮންނަކަން! އެ ޝޯގަ ބާން ޕާރފޯރމްކުރާ ލަވަ ޓެސްޓުކޮށްލަންވީ!” ލިބާން އެބުނީ މިދިޔަ އަހަރު 10 ނިންމި ކުދިންގެ ފަރާތުން ސްކޫލުގެ އެހެންކުދިންނަށް އަންނަ މަހު ބާއްވައިދޭ ހާއްސަ ޝޯއެއްގެ ވާހަކައެވެ. ލިބާންއަަކީ މިދިޔައަހަރު ސްކޫލުގެ މުނިފޫހިފިލުވުމުގެ ކަންކަމާއި ގުޅޭ ކްލަބުގެ ކެޕްޓަންކަމަށްވެފައި އަދި އޭގެ އިތުރުން ސްކޫލުގެ ގިނަދަރިވަރުންތަކެއްގެ ފަރާތުން ލިބާންގެ ލަވައަކަށް އެދިފައިވާތީ ލިބާން ވަނީ މި ޝޯގައި ލަވަކިޔަން ނިންމާފައެވެ.
“ތިއީކީ މާކަބޮޑު ކަމެއް ނޫނެއްނު؟ އަވަހަށް ފަށާ!” ދެފައި ވައްކޮށްލަމުން އެނދުމަތީގައި އޮތް ބާލީހެއް ނަގާ އުނގަށް ލާފައި އިޝްރާ ބުނެލިއެވެ. އެވަގުތު ގޭގައި ގެންގުޅޭ ފެންފުޅި ހިފައިގެން އައިސް ލުބްނާވެސް އެނދަށް އަރާ ހަމަޖެހިލިއެވެ.
އަތުގައި އޮތް ގިޓާގެ ނަރުތަކާއި ކުޅެލަމުން ލިބާން ފުންނޭވާއެއްލާ ލަވަ ފެށިއެވެ.
“ބޭނުންވަނީ ޔާރާ، ލޯބިން ބަލާ ލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ
ހާދަފަރި ހިނިތުންވަނީއޭ، މޭގައޮވެގެން ހިތްރޮނިއްޏޭ،
ހާދަ ކައިރީގާ ހުރީމޭ، ލޯބިވާވަރު ނޭގެނީހޭ،
ލޯބިން މިރޭ އާދޭ، ބޭނުންވަނީ ޔާރޭ،
ހީވޭ އިނގޭ ގާތަށްމަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ
ޗާލު މަލަވެސް ފެންނަނީއޭ، އޮއެގަ ޖެހިފާ ގެންދަނީއޭ،
ހާލުފެނިފާ ހުންނަނީހޭ، ލޯބިވާތީ އަންނަނީހޭ،
ނިންޖެއް މިރޭ ނާދޭ، ހުވަފެންތަކުން ނާދޭ
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ، ބޭނުންވަނީ ޔާރާ،
ރީތި އަތުގާ ބީހިލީމޭ، ރީތި ދެލޮލަށްވެސް ބެލީމޭ،
ގާތުގާ ހުރެގެން އެހީމޭ، ނޭނގެޔޭ ނަމަކީ ކޮބާހޭ
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ،…….”
ލަވަަކިޔާ ނިންމާލުމަށްފަހު ލިބާން ފުންނޭވާއެއް ދޫކޮށްލާ ލުބްނާއާއި އިޝްރާާއާއި ދިމާލަށް ބަލާލިއެވެ. އޭރު އެދެމީހުން ހިނިތުންވެލައިގެން އިންތަން ފެނުމުން ލިބާން ވަރަށް ހިތްހަމަޖެހުނެވެ. އޭނާ އެ ދެމީހުންނާއި ދިމާލަށް ނިތް އަރުވާލީ ލަވަ ކިހިނެއްހޭ ބުނަފަދަ އުސޫލަކުންނެވެ
“ލަވަ ވަރަށް ވަރަށް ވަރަށް ރީތި! ވަކި އަނެއްހެން އިމްޕްރޫވް ކުރަންޖެހޭ ކަމެއް ހުރިހެނެއް ހިއެއް ނުވޭ! މި ލަވަ އެކަނިތަ ކިޔަނީ؟” އިޝްރާ ލުބްނާއައި ސުވާލުކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ.
“ނޫން! އެކަމަކު މީ އެންމެ ފަހުން ޕްރެކްޓިސް ކުރި ލަވަ. އެހެންވެގެން މި ޗެކްކޮށްލަދޭށޭ ބުނީ!” ރީތި ހިނިތުންވުމަކާއިއެކު ބޯކަހައިލަމުން ލިބާން ޖަވާބުދިނެވެ.
“އޯކޭ! އެކަމަކު ދޮންތައަށް ހީވަނީ ތި ލަަވަ ޙާއްސަވާ ކުއްޖަކު މިހާރު ބާންގެ ލައިފްގައި އެބަހުރިހެން. ކޮންކުއްޖެއް އެއީ؟” ލާނެތް ރާގަކަށް ލުބްނާ އެހެން އަހާލުމުން ލިބާން އިސްޖަހާލިއެވެ.
“އާނ! ވަރަށް ސްޕެޝަލް ކުއްޖަކު އެބަހުރި. އެއީ ބާންއާއި ވަރަށް ގާތް ކުއްޖެއް! އެކަމަކު އޭނައަކަށް މިކަމެއް ނޭނގޭނެ! ބާންއަކަށް ނޭނގޭ އޭނައަށް މި ލޯބި ހުށަހެޅިއަކަސް އެކަން ޤަބޫލުކުރާނެކަމެއް!” ލިބާން އެހެން ބުނެލީ ހަގީގަތުގައިވެސް އޭނާއަށް އޭނާގެ މިތުރާާގެ ހިތުގައި ވާ އެއްޗެއް ނޭނގޭތީއެވެ. ލިބާން ޖެހިލުންވާ ހަމައެކަނި ކަމަކީވެސް އެއީއެވެ.
“މައި ލިޓްލް ބްރޯ! ދޮންތަ އަބަދުވެސް ބުނަން ދޯ ޔޫ ނެވަރ ނޯ ވަޓް ޔޫ ކޭން ޑޫ އަންލެސް ޔޫ ޓްރައި އޭ. ސޯ ގިވް ދިސް އަ ޓްރައި ޓޫ! އައެމް ޝުއަރ ޔޫ ވިލް ވިން.” ލުބްނާ އެހެން ބުނެލީ އެއީ ކޮންމެ ކުއްޖަކަށްވިޔަކަސް އެކުއްޖާދެކެ ލިބާން ލޯބިވަންޏާ ލިބާންއަށް އެކުއްޖާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ޔަގީންކުރަމުންނެވެ. އޭނާއަށް ނޭނގުނީ ލިބާންއަށް މިކަން ކާމިޔާބުވެއްޖެނަމަ ލިބާންއަށްވުރެ އޭނަ ވާ އުފާ ވަކި ކުޑައެއް ނުވާނެކަމެވެ. އަދި ލިބާންގެ ހިތުގައިވާ ކުއްޖަކީ ލިބާންގެ ޙަޔާތާއި އެންމެ އެކަށޭނަ ބައިވެރިޔާކަމެވެ.
*******(ނުނިމޭ)*******
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
thank you ifoo. next part saturday ga insha allah
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
thank you imko. next part on saturday insha allah