Skip to content
އެސްފިޔަ

ލޯތްބަކުންދިން

ފަތިހުގެ ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ. ގަސްތަކާއި ރުއްތައް ދެއަތަށް ހެލިލާއިރު ޖެހޭ މަޑު ވައިރޯޅިތަކުން ސިކުނޑިތަކާއި ނަފްސުތަކަށް ފިނިކަން ލިބޭހާވެއެވެ. އިރު ދުނިޔެ މައްޗަށް ފައުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދިޔައެވެ. ވިސްނާފިކުރު ކުރާ މީހަކަށް ޤުދުރަތުގެ އަޖާއިބުތަކާއި މެދު ފިކުރުކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި ޢަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަމެވެ. އާދުވަހަކަށް އިރުއަރައި އެއިރުއޮއްސި އެދުވަސް މާޒީއާއި އެކުވެދެއެވެ. ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭއިރު، އަނެއް ބައެއްގެ ހިތްތަކުގައި މޮޅިވެރިކަމުގެ ސާލު ފަތުރައި ހިތާމަތަކުން ވަށައިލައެވެ.

ހިޔާދޭ ބޮޑު ބަބުކެޔޮ ގަސް ބަރާވެފައިވަނީ އެކި ސައިޒުތަކުގެ ބަބުކެޔޮތަކުންނެވެ. މުޅި ބިންމަތި އެގަހުގެ ފަތްތަކުން ފޮރުވާލެވިފައިވާއިރު އެއީ މިއިންޒަމާނަކު ސާފުކޮށްފައި އޮތްތަނެކޭ ނުބުނާނެއެވެ. މުރަނަވެފައިވާ ފަތްތަކުގެ މަތިން ހިނގަމުންދިޔަ ފަރީދާގެ ފިޔަވަޅުތަކުގެ ސަބަބުން ފަތްތައް ހިމުންވެގެންދާ އަޑު އިވިގެންދިޔައެވެ. އެއް ދިމާލަކަށް ހުއްޓި މުޅި ތަނަށް ނަޒަރު ހިންގާލުމަށްފަހު އަތުގައި އޮތް އިލޮށިފަތި ބިމުގައި ކާއްތަމުން ކުނިކަހަން ފެށިއެވެ.

ފަރީދާ ހިންދެމިންލަން ތެދުވެގެންހާއިރުން އޭނާގެ 8 އަހަރުގެ މާމާދަރިފުޅު އައިސް ހެދުމުގެ ފަސްބައިގައި ހިފަންފެށިއެވެ.
“ކީކޭ ކައިރާ ؟ ” ލޯތްބާއެކު ކައިރާގެ ބޮލުގައި ފިރުމާލަމުން ފަރީދާ އަހާލިއެވެ. އެކުއްޖާ އަތުން އިޝާރާތްކުރީ ތަންކޮޅެއް ދުރުގައި ހުރި ހަމަ އެފުރައިގެ ފިރިހެން ކުއްޖާއާއި ދިމާލަށެވެ.

” ދުރަށް ނުދާތި އިނގޭ.” އެބުނަނީ ކީކޭކަން ނަގައިގަނެވުމާއެކު ފަރީދާ ވާހަކަދެއްކިއެވެ. ކައިރާ ބޯޖަހާލަމުން ދިޔައީ އެފިރިހެން ކުއްޖާގެ ގާތަށެވެ.
” އާދެބަލަ. މިތާ ކައިރީ ހުރި އެއްކަލަ ގަހުގަ އެބަހުރި ދޮންވެފައިވާ ޖަންބުތަކެއް ބައިވަރު. ޖަބުރޯލަވެސް އެބަހުރި .”

ހެވިދިލިފައި ހުރެ ވާހަކަދައްކަމުން އަޔާން ކައިރާގެ އަތުގައި ހިފައިލިއެވެ. ދެކުދިން އެކީގައި ހިނގާފައި ދިޔައީ އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި ޖަންބު ގަހާއި ދިމާލަށެވެ. ދޮންވެ ފައްކާވެފައިވާ ޖަންބުތަކުން ބަރާވެފައިިވާ އެގަސް ފެނުމާއެކު މީހަކު ކުޅުދިޔާހާވެއެވެ. މަތީގައި ތިބި ޖަންބުތައް ބިނދެލުމަށް އަޔާން ގަހަށް އެރީ ކައިރާގާތު އެތާ މަޑުކުރުމަށް ބުނަމުންނެވެ. އަތް ފޯރާ ފަށުގައި ތިބި ޖަންބުތައް ބިނދެ އަތަށް އަޅަމުން ކައިރާ އެއްކުރަމުން ދިޔައީ ދެމީހުން އެކީގައި ހަމަޖެހިލައިގެން ތިބެ ކެއުމުގެ ބޭނުމުގައެވެ. އިރުއަރައި އޭގެ ކުލަވަރު ދުނިޔެ މައްޗަށް ފައުޅުވަމުން ދިޔަ ވަގުތު ކަމުން ކުދިން ފިލާ ހިފައިގެން ޤުރުއާން ކުލާހަށް ދިޔުމަށް އަންނަތަން ކައިރާއަށް ފެނުނެވެ. އޭގެ ތެރެއިން ސަމާސާގޮތަކަށް ހީނލަމުން އަންނަ ނަވާރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ޔަޤީނެވެ. އޭނާ އެގޮތަށް ބަލަމުން އެއަންނަނީ ކައިރާއާއި ދިމާކުރާށެވެ. ނުފެންނަ ކަމަށް ހަދައިގެން ކައިރާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް މީހަކު އޭނާގެ އަތުގެ އުޅަބޮށީގައި ޖެހިގަތުމާއެކު އަތުގައި ތިބި ޖަންބުތައް ބިންމައްޗަށް ވެރުނެވެ.

” ޤުރުއާން ކިލާހަށް ނުގޮަސް މިދެމީހުންގެ ކަމަކީ އަބަދު ކުޅުންދޯ. އޯ ހަނދާންނެތުނީއޭ. ވާހަކަ ނުދެއްކޭ މީހަކަށް ކިހިނެއް ކިޔެވޭނީ. ”
ނަވާރު ބިންމައްޗަށް ވެރިފައިވާ ޖަންބުތައް ފައިން ޗިސްކުރަމުން ދިމާކުރިއެވެ. އޭނާއާއެކު އައި ކުދިންތަކަށް އެކަންވީ މަޖާކަމަކަށެވެ.
” ނަވާރުއަކަށް ނޭނގޭނެ އަހަންނަށް ކިޔެވޭވަރަށް ކިޔަވާކަށްވެސް. އަބަދު މުދައްރިސާ ޖެހެނީ ނަވާރުއަށް އަދަބުދޭން. ނުކިޔަވާތީވެ. ސަކަރާތްޖަހާތީވެ. އަދި ޢާއްމާ ފޮތުގެ ސޫރަތްތަކާ ހިސާބަށް ނުދެޔޭ ނަވާރު. މީހުންގެ ވާހަކަ ދައްކަން ނަވާރު މާމޮޅެއްނޫނޭ. ކައިރާ ކިޔަވަނީ ގޭގަ މާމައާއެކުދޯ. ”

ކައިރާއާ ދިމާކުރަމުން ދިޔައިރު އަޔާންއަށް ހަނުހުރުންވީ އުނދަގޫ ކަމަކަށެވެ. ގަހުން ފުންމާލަމުން ގޮސް އޭނާ ކައިރާ ކައިރީ ހުއްޓިލިއެވެ. އިތުރު އެއްޗެއް ނުބުނެ ނަވާރު ދޫ ދިއްކޮށްލުމަށްފަހު ހިނގައިގަތެވެ.

އަޔާން ބަލައިލީ ކައިރާއަށެވެ. އޭނާގެ ދެލޯ ފެންކަޅިވެފައިވާތަން ފެނުމުން އަޔާންއަށް ހިންދިރުވާލެވުނެވެ.

” އަޅާނުލާ ކައިރާ. އަހަރެމެން އެމީހުނާ ވާހަކަ ނުދައްކާނީ ދޯ.”

ކައިރާ ހިތްހަމަޖައްސަދޭންވެގެން އަޔާން ބުނެލިއެވެ. ނަމަވެސް އަދިވެސް އެމޫނުން ފެންނަނީ މާޔޫސީކަމެވެ.

” އަތް ދިއްކޮށްލަބަލަ. ”

އަޔާން އެހެން ބުނެލުމާއެކު ކައިރާ މަޑުމަޑުން އަތްދިއްކޮށްލިއެވެ. އެއާކު އޭނާއަށް ހީނގަނެވުނީ އަޔާން ގިލިގިލިކޮށްޓަން ފެށުމުންނެވެ. އެކަން ހުއްޓުމާއެކު ކައިރާ އަޔާން ފަހައި ދުއްވައިގަތެވެ. ދެކުދިން ދުއްވައިގަންނަނިކޮށް ކައިރާ މީހެއްގެ ގައިގައި ލައިގަނެފައި ހުއްޓުނެވެ.
” މިމީހުން ދުވެ ނަގާއިރު ތަނެއްދޮރެއް ނުބަލައި ދުވަން ލޮލެއްނެތީތަ؟.. މިއެއްޗެހިތަކާހުރެ މަގުމަތީގައި ހިނގޭވަރެއްނުވެޔޭ. ބޮޑު ކަމެއްނު.” ހަށިގަނޑުން ބިޔަ އެއަންހެންމީހާގެ އަޑުގައި ނުރުހުންތެރިކަމެއް ހުއްޓެވެ. އަޑުގަދަކޮށް ވާހަކަ މިދެއްކުނީ ކުޑަކުދިންނާ ކަމެއް އޭނާއަކަށް ނުވިސްނެެއެވެ.

{ފުރަތަމަ އެޕިސޯޑު}

ދެވަނަ އެޕިސޯޑަށް އިންތިޒާރު ކޮށްލައްވާ!

 

Comments (5)

  1. Rifoo

    Mi episode varah reethi Masha Allah.. when next

    1. Ali Alsham
      Rifoo

      Insha’allah miadhu laanan,❤️

  2. Anonymous

    dhooha.. vrh ureethi♥️ kurin genesdhin situn nimunu hisaabun genesdhybala

  3. vempire girl

    Maasha Allah mi part vx varah varah reethi… Kuriah huri baithah vx varah varah reethi vaane kamah ummeedhu kuran 🤗 Next part kiyaalan libeyny konirakun????

  4. އެކުއްޖާ

    Feshun v reethi ma sha Allah! Kuriah huri baithakah inthizaaru kuran. Ekm kuriah huri episode thah thankolheh dhigu koh genesdhevi dhaane tha? But if it is not possible for you, then it’s okay 😊

Comments are closed.