Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ތަގުދީރު

Aminath Naeesha
November 15, 2023
3 Mins Read
1 Comment

ގަބުރުސްތާނުން ނުކުމެގެން ދާންޖެހުނީ އަހަރެންގެ ހުރިހާ އުންމީދެއް ވަޅުލާފައެވެ. އެކުގައި އެ ހޭދަކުރި އުފާވެރި ދުވަސްތަކުގެ ރަން ހަނދާންތައް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ. ހާލަތަކީ ކިތަންމެ އަވަހަކަށްވެސް ބަދަލު ވެދާނެ އެއްޗެކެވެ. އާނއެކެވެ. ތަގުދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ ހަމައެކަކުވެސް މި ދުނިޔޭގައި ނުވެއެވެ. އަހަރުމެންނަށް އޮތީ މިންވަރު ކުރައްވާ ގޮތަށް ޝުކުރު ކުރުމެވެ. ނަމަވެސް އަހަރެންގެ ހިތަށް އަރައެވެ. އެ ތަނަވަސް ހަށިގަނޑުގައި ބައްދާލާނެ ފުރުސަތު އަދި ލިބޭނެ ނަމައެވެ. މާޒީގެ އެ އުފާވެރި ދުވަސްތައް އަލުން އަނބުރާ އަންނާނެ ނަމައެވެ. މިކަމާމެދު ވިސްނަން އިންދާ ކުއްލިއަކަށް އަހަރެން ވަށާލީ މާޒީގެ އެ ރަން ހަނދާންތަކެވެ.

ނިޝާމްއާއި އަހަރެން އެންމެ ފުރަތަމަ ބައްދަލުވީ ކޮލެޖުންނެވެ. އަހަރެންނާއި ނިޝާމްއަކީ ދެ ކޯހެއް ހަދަމުން ދިޔަ ބަޔަކު ކަމުގައި ވީނަމަވެސް ދެމީހުންގެ މެދުގައި އެކުވެރިކަން އާލާވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ނިޝާމަކީ ބަލައިލަން ރީތި ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާއަށް ލިބިފައިވާ އެ ރީތި ސިފަތަކަކީ ގަލަމުން ބަޔާން ކުރަން ފަސޭހަކަމެއް ނޫނެވެ. އާނއެކެވެ. ނިޝާމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ހިތް ނިޝާމްއަށް އެދި ގޮވައެވެ. ނިޝާމް ދެކެ ލޯބިވާން ނެގީ ކުޑަ ސިކުންތު ކޮޅެކެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ދިޔައީ ވޭތުވަމުންނެވެ. އަހަރެންނާއި ނިޝާމް އެކި ގޮތްގޮތަށް ބައްދަލުވާން ފެށިއެވެ. އަހަރެން ނިޝާމް ގާތު ލޯބިވާ ވާހަކަ ބުނަން ބޭނުންވިއެވެ. ނަމަވެސް ނިޝާމް އަހަރެންގެ ލޯތްބަށް އިންކާރު ކޮށްފާނެތީ ލޯބި ހުށައަޅަން ނުކެރުނީއެވެ. ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. ނިޝާމް އަހަރެންނަށް ލޯބި ހުށައެޅިއެވެ. އަހަރެންނަށްޓަކައި ނިޝާމްގެ ހިތުގައިވާ އިހުސާސްތައް ބަންޑުން ކޮށްލިއެވެ. އަހަރެން ނިޝާމްއާއި ލޯބީގެ ގޮތުން ގުޅުން ވެގެން ދިޔައީ ހަޔާތަށް ބަހާރު މޫސުން ގެނުވި ކަމަކަށެވެ.

ދުވަސްތައް ހަފްތާތަކަކަށް ހަފްތާތައް މަސްތަކަކަށް ވެއްޖެއެވެ. ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ، ކައިވެނީގެ އަގު މާތް ގޮށުން އަހަރެންނާ ނިޝާމް ގުޅުނީމެވެ. އިތުރު ފޮނި ހުވަފެންތަކާއި އުންމީދުތައް ދެކޭށެވެ. ދެމީހުން އެކުގައި ، އެކަކު އަނެކަކުގެ ކިބައިން އުފަލާއި އަރާމު ލިބިގަތުމަށްޓަކައެވެ. އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

އަހަރެންގެ ހަޔާތުގެ ކޮންމެ ދުވަހެއްވެސް ވޭތުކުރަމުން ދިޔައީ އުފާވެރިކަން މަތީގައެވެ. ސޯލިހު ރަނގަޅު ފިރިއެއްގެ ލޯތްބާއި ކުލުނާއި އަޅާލުން ލިބޭއިރު އުފާ ނުވާނީ ކާކު ހެއްޔެވެ ؟ ނަމަވެސް މިއަދަކީ އެހެން ދުވަސްތަކާއި މުޅިން ތަފާތު ދުވަހެކެވެ. އަހަރެންނާއި ނިޝާމްގެ ކައިވެންޏަށް އަހަރެއް ފުރުނު މި ދުވަހުގައި އަހަރެންނަށް އެނގުނީ ނިޝާމްގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަމެވެ. ކައިވެނީގެ އަގު މާތް ގޮށުން ގުޅިލާމެހިފައިވާ ދެ ހިތެއްގެ އުންމީދަކަށް ވެފައިވާނީ ކައިވެނީގެ ފޮނި މޭވާ ހާސިލުކުރުމެވެ. އެކުގައި އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. އަހަރެން ބަލިވެ އިންކަމުގެ ހަބަރު ނިޝާމަށް ދިނީމެވެ. އެހިސާބުން ދެން އަހަރެންނަށާއި ނިޝާމްއަށް އިންތިޒާރު ކުރެވެމުން ދިޔައީ ދަރިފުޅު ފެންނާނެ ދުވަހަކަށެވެ. އެ ދަރިފުޅު އުރާލަން ލިބޭނެ ދުވަހަކަށެވެ. ހައްތަހާވެސް ފޮނި ހުވަފެންތަކެވެ. އަހަރެން ބަލިވެ އިނީއްސުރެ ނިޝާމްގެ އަޅާލުމާއި ލޯބި އިންތިހާއަށް ދިޔައީ އިތުރުވެގެންނެވެ. އެފަދަ ފިރިއެއް ލިބުނީތީ އަހަރެން ފަޚުރުވެރި ވަމެވެ.

ދުވަސްތައް ވޭތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަރެންގެ ބަނޑަށް ވަނީ ނުވަމަސް ފުރެން ގާތްވެފައެވެ. ނިޝާމް ، އޭނާގެ ވަޒީފާގެ މަސައްކަތެއްގައި ވީ މާލެއަށް ގޮހެވެ. ނިޝާމް ރަށުގައި ނޫޅޭތީވެ އަހަރެންނަށް ކަންކަމުގައި އެހީތެރިވަނީ ނިޝާމްގެ މަންމައާއި ބައްޕައެވެ. އުފަން މަންމައަކާއި ބައްޕައެއްގެ ލޯބި އެ ދެމީހުންގެ ފަރާތުންވެސް އަހަރެންނަށް ލިބެއެވެ.

މެންދަމުގެ ވަގުތެވެ. އަހަރެންގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. ނިޝާމްގެ މަންމައާއި ބައްޕަ އަވަސްވާގޮތަށް އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. އަހަރެން ވިހެއި ފަތިހުގެ ވަގުތުގައެވެ. ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އަހަރެން ވިހެއި ކަމުގެ ޚަބަރު ނިޝާމްއަށް ލިބުމުން ނިޝާމް ވަރަށް އުފާވިއެވެ. ދެމައިން ވެސް ގަދަވެ ސަލާމަތުން ތިބީތީއެވެ. ނިޝާމް ރަށަށް އަންނަން އުޅޭ ކަމުގެ ޚަބަރު އަހަރެންނަށް ހިއްސާ ކުރިއެވެ. ނިޝާމް ރަށަށް އަންނަން އުޅޭތީ އަހަރެން އުފާވިއެވެ. ނަމަވެސް އަހަރެންގެ ހިތް ހާސްވާ ކަހަލަ ގޮތެއް ވާންފެށިއެވެ. އެހާ ކަނޑު ގަދަ އިރެއްގައި ނިޝާމް އަންނަން އުޅޭތީއެވެ.

އަރާމު ނިންޖަކުން ނިދާފައި ވަނިކޮށް އަހަރެންނަށް ހޭލެވުނީ ނިޝާމްގެ މަންމަ އަހަރެންނަށް ގޮވާލި އަޑަށެވެ. ނިޝާމްގެ މަންމަގެ މޫނުމަތިން ފެންނަމުންދިޔައީ ކަމަކާ ހިތާމަ ކުރާކަމެކެވެ. ކިހިނެއް ވީތޯ އަހަރެން ސުވާލުކުރީމެވެ. ނަމަވެސް ލިބުނީ ގަބޫލުކުރަން ދަތި ޖަވާބެކެވެ. ނިޝާމް ރަށަށް އަންނަން ފުރައިގެން އުޅުން ލޯންޗް ބަންޑުން ޖަހާލީއެވެ. ދެން ލިބުނު ހަބަރާއި އެކު އަހަރެންގެ ފައިގެ ދަށުން ބިންގަނޑު ކެހިގެން ދިޔަހެންވެސް ހީވިއެވެ އެ ލޯންޗުން ދަތުރުކުރި އެންމެން ވެެސް މަރުވީއެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ނިޝާމްއޭ ކިޔައި ހަޅޭއް ލަވައިގަނެވުނެވެ.

ނިޝާމްގެ ޖަނާޒާގެ ހުރިހައި ކަމެއް ނިންމައިލެވިއްޖެއެވެ. ނިޝާމް އަހަރެންނާއި ވަކިވެގެން ދިއުމުން އަހަރެން ކުރަމުން އައި އުންމީދުތައް ފުނޑުފުނޑު ވީއެވެ. ދެކެމުން އައި ހުވަފެން ވިއްސި ވިހާލި ވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ ؟ މީ އަހަރެންގެ ތަޤުދީރެވެ. އަހަރެންގެ ކުލަނުވި ހަޔާތެވެ. ނަމަވެސް ނިޝާމް މި ދުނިޔެއިން ވަކިވެގެން އެ ދިޔައީ ނިޝާމްގެ ހަނދާނެއް ދޫކޮށްފައެވެ. އެއީ އަހަރެންނާއި ނިޝާމްގެ ދަރިފުޅެވެ. އަހަރެން އެ ދަރިފުޅު ، ނިޝާމް އަހަރެންނަށް ލޯތްބާއި އަޅާލުން ދިން ފަދައިން އެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީ ބަލައި ބޮޑުކުރާނަމެވެ. ނިޝާމް ދުނިޔެއިން ވަކިވެގެން ދިޔަ ނަމަވެސް ނިޝާމް ދެކެ އަހަރެން ވާ ލޮތްބަށް އުނިކަމެއް ނާންނާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ ؟ މީ އަހަރެންގެ ތަޤުދީރެވެ.

ސިއްސައިގެން ގޮސް އަހަރެންނަށް މާޒީން ނިކުމެވުނީ ދަރިފުޅު ރޮއިގެން އަޑަށެވެ. ކޯތާފަތް މަތީގައި ދެމެމުން ދިޔަ ކަރުނައިގެ ރޮނގުތައް ފުހެލަމުން ދަރިފުޅު ނަގާ އުރާލީމެވެ. ދަރިފުޅު މަސަލަސް ކުރާށެވެ. އަދި ނިޝާމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރީމެވެ. ނިޝާމާއި އެކު ވޭތުކުރި އެ އުފާވެރި ދުވަސްތަކަކީ މިހާރު އަހަރެންގެ ރަން މާޒީއެވެ.

 

54
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aminath Naeesha

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފުރަތަމަ ބައި)

Next

ދަނބު

Next
November 18, 2023

ދަނބު

Previews
November 15, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފުރަތަމަ ބައި)

One Comment

  1. Ifoo says:
    November 16, 2023 at 8:21 pm

    Aww😍.. Maasha Allah Vv reethi mi vhk ❤️

    Reply

Comments are closed.

All Right Reserved!