ކޫރުން
﷽
އަހަންނާއި އަހަރެންގެ ކުޑަ އާއިލާ އަވައްޓެރި ސްރީލަންކާއަށް ބަދަލުވިތާ އަހަރުވަނީއެވެ. އާއިލާގައި އެންމެ ދޮށްޓަށް ހުންނަނީ އަހަންނެވެ. އަހަންނަކީ އާއިލާގައި ހުރި ހަމައެކަނި ފިރެހެން ކުއްޖާވެސް މެއެވެ. ހަގަށް ތިބެނީ އަށާރަ އަހަރު ނުފުރޭ ތިން އަންހެން ކުދިންނެވެ. އަހަރެން ސްރީލަންކާގައި ހުރީ މަތީ ތައުލީމް ހާސިލްކުރާށެވެ.
ކޮޓަރިތެރޭގައި ހުރެފައި އަހަރެން ބޭރަށް ނުކުތީ އަޑުގަދަ ވެގެންނެވެ. ކަމަކުދާކަށް ނެތެވެ. ސިޓިންގްރޫމަށް ގޭގެ އެންމެން ކަހަލަގޮތަކަށް ޖަމާވެފައި ތިއްބެވެ. މަންމަ އާއި ބައްޕަގެ އިތުރުން ދެ ކޮއްކޮ އާއި ގޭގައި ގެންގުޅޭ އަންހެން މީހާއެވެ. އެންމެ ހަގަށް ހުންނަ ދިހަ އަހަރުގެ ކޮއްކޮ، އަމާނީ އޮތީ މުށިތަކުގެ މައްޗަށް ވެއްޓިފައެވެ. މުޅި ތަނުގައި ހެދިފައިވަނީ ލޭގެ ކޯރެކެވެ.
“ދަރިފުޅާ އިދާން… އަވަހަށް އެންބިއުލާންސަށް ގުޅާބަލަ…” އަހަރެން ފެނުމުން، މަންމަ ރޮއެގަނެފައި ބުންޏެވެ.
އެއްވެސް ނަންބަރަކަށް ނުގުޅުނެވެ. ހުންނަނީ އެންގޭޖް ވެފައެވެ. ކޮއްކޮގެ ކައިރިއަށް ޖެހިލައި ބަލައިލީމެވެ. މުޅި ގައިގައި ހީވަނީ ވަކި އަޅުވައިގެން ދަމާފައިވާ ހެންނެވެ. ކަރާއި ދިމާއިން ފުން ޒަހަމެއްގެ ނިޝާން ވިއެވެ. އެތަނުން ބޮކިޖަހާފައި އަންނަމުންދިޔަ ލޭތައް މަނާކުރުމުގައި މަންމަ އާއި ބައްޕަ އުޅުނެވެ. އަނެއް ދެކުދިން އަމާނީގެ ފައިގައި ހިފަހައްޓާލައިގެން ތިއްބެވެ. އަހަރެންގެ ސިކުނޑިއަށް އައީ މުޅީން ތަފާތު ހިޔާލެކެވެ. ވެގެން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް ވިސްނައިލެވުނީ ކޮއްކޮ ކުއްލިއަކަށް ތެދުވިތަން ފެނުމުންނެވެ. ކޮއްކޮގެ ކަނދުރާ އާއި ދިމާއިން ކަޅުވެފައިވާ ނާރުތައް ބޭރަށް ރީތިކޮށް ފާޅުވާން ހުއްޓެވެ. އެ ނާރުތަކުގެ ކުލަ ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.
އަހަންނަށް ދުރުގައި މަންޒަރު ބަލަން ހުރެވުނީއެވެ. ކޮއްކޮ ތެޅިފޮޅެން ފެށިއެވެ. އެކަމަކު ލޮލެއް ނުހުޅުވައެވެ. އަހަރެން ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ފޭސްބުކް ހުޅުވައިލީމެވެ. ފެނުނީ ހީވެސް ނުކުރާފަދަ މަންޒަރުތަކެކެވެ. މުޅި ލަންކާ އޮތީ ކުއްލި ނުރައްކަލުގެ ހާލަތެއްގައެވެ. މަގުތައް މަތީން ދަތުރުކުރެވޭނޭ ގޮތެއް ނެތެވެ. ދުއްވާ އެއްޗެހިތައް އެކްސިޑެންޓްވެ ބައެއް ތަންތަނުގައި އަލިފާން ރޯވެފައެވެ.
އަހަރެންގެ ނޭވާ އަވަސްވިއެވެ. ލޯބިވެރިޔާގެ ހާލު ބަލާނުލައި ކެތެއް ނުވިއެވެ. މިފްޝާއަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. މިފްޝާއަކީ އަހަރެންގެ އަލަތު ލޯތްބެވެ. ކިޔަވަމުން އަންނަނީ އަހަންނާއި އެއްކޮށް، އެއް ދާއިރާއަކުންނެވެ.
އަހަރެން ދުވެފައި ބޭރަށް ނުކުތްއިރު، އަމާނީ ހުރީ ކޮޅަށެވެ. ކައިރީގައި ގޭގައި ގެންގުޅޭ އަންހެން މީހާ ވެއްޓިފައި އޮތެވެ. އަމާނީ އަތްފައިގައި ވަރެއް ނެތެވެ. ހަށިގަނޑު ހިފަހައްޓާލެވެނީ ކިރިޔާއެވެ. އަނގައިން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުއްޓެވެ. މަންމަ ހުރީ އަތުގައި ހިފަހައްޓާލައިގެންނެވެ. އަތުން ހޯސްލާފައި ލޭތައް ފައިބަމުން ދިޔައެވެ. ބައްޕަ އަމާނީ އާއި ދިމާއަށް ހިނގައިގަތްތަން ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ދުވެފައި ގޮސް ބައްޕަ ހިފެހެއްޓީމެވެ.
އަހަރެން އަމުރުކުރީ އެކަކުވެސް އަމާނީ އާއި ގާތް ނުވުމަށެވެ. އެކަންވީ ބޮޑު ޒުވާބަކަށެވެ. ބައްޕަ އަހަރެންގެ އަޑެއް ނޭހިއެވެ. އަހަރެން ފޮޅުވާލާފައި އަމާނީގެ ކައިރިއަށް ބައްޕަ ދިޔައެވެ. ދެން ފެނުނީ ބައްޕަގެ އަތުގައި އަމާނީ ދަތް އަޅައި ތަންގަނޑެއް ނައްޓުވައިލި ތަނެވެ. ކޮއްކޮމެން ހަޅޭއްލަވައިގަތެވެ. އޭރު މަންމަވެސް ހުރިތަނަށް ވެއްޓިއްޖެއެވެ. އަތުގައި އަމާނީ ދަތްއަޅާފައިވާ ތަނުން ކަޅު ނާރުތަކެއް މައްޗަށް އުފުލެން ފެށިއެވެ. ބައްޕަ ހުރީ ދެކޮޅަށް ދުވެދުވެއެވެ. އެހެން ހުރެފައި ކުއްލިއަކަށް ފެނުނީ ވެއްޓުނު ތަނެވެ.
ކަންތައް ގޯހުން ގޯހަށް ދާން ފެށުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ދެ ކޮއްކޮ ސަލާމަތްކުރުމުގެ ޒިންމާ އެޅިފައިވަނީ އަހަރެންގެ ބޮލުގައެވެ. ދެފަރާތުން ދެ ކޮއްކޮގެ ގައިގައި ހިފަހައްޓައިގެން ދުވެފައި ބޭރަށް ނުކުތީމެވެ. ބޭރުތެރޭގެ ހާލަތު އަދި މާ ގޯހެވެ. މަގުމަތިން ފެންނަމުންދިޔައީ މުޅީން އޭގެ މީހުންނެވެ. އަހަރެމެން ފެނުމާއިއެކު އެންމެން އެއްފަހަރާ އަހަރެމެންނާއި ދިމާއަށް ބަލައިލިއެވެ. ދާނެ ނުދާނެ ދިމާއެއް ނޭނގިފައި ހުއްޓާ ފެނުނީ ކުރިމައްޗަށް އައިސް ހުއްޓައިލި ކާރެކެވެ. އޭގައި އިނީ މިފްޝާއެވެ. މިފްޝާ އައީ އަހަރެމެން ހިމާޔަތްކޮށްދޭށެވެ. އަހަރެމެން ކާރަށް އެރުމުން މިފްޝާ ކާރު ދުއްވާލިއެވެ. ވެގެން އުޅޭގޮތް އަހަންނަށް އޮޅުންފިލީ މިފްޝާގެ ފަރާތުންނެވެ.
ގޮތް ނޭނގޭ ވައިރަހެއް ފެތުރި، އިންސާނުންގެ ހަށިގަނޑަށް އޭގެ އަސަރު ކުރީއެވެ. އެ ވައިރަހުގެ އަސަރު ބޮޑަށް ކުރަނީ ސިކުނޑިއަށެވެ. އޭގެ ފަހުގައި ލޭނާރުތަކަށެވެ.
އަހަންނަށް ބަލައިލެވުނި ފަހަތުގައި ތިބި ކޮއްކޮމެންނަށެވެ. އެކުދިން ތިބީ އެކަކު އަނެކެއްގެ ގައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ.
އެއާޕޯޓާއި ހަމައަށް ދެވުނުއިރު ތަން ފެނުނީ އަމާންކޮށެވެ. ހެޔޮވަރުގެ ދަނޑިބުރިއެއް ކޮންމެ މީހެއްގެ އަތަށް ދިނުމަށްފަހު މިފްޝާ ކާރުން ފޭބިއެވެ. ކުރިޔަށް ހިނގައިގަނެފައި އޭނާގެ ފަހަތުން އައުމަށް އެދުނެވެ. ހިތްތެޅޭވަރުން އަހަންނަށް ރަނގަޅަށް ފިޔަވަޅުވެސް ނޭޅެއެވެ. އެވަގުތު އެންމެ ހިތްވަރު ކުރަންޖެހޭނީ އަހަންނެވެ. އެކަމަކު، އަހަރެންވީ، ފިނޑިއަކަށެވެ.
އެއާޕޯޓުގެ ތެރެއަށް ވަތް ވަގުތު، ފެނުނު މަންޒަރުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެތަނުގައި އެތިބީ އިންސާނުންނެއް ނޫނެވެ. އެއްގޮތްކަމަކީ އިންސާނުންގެ ސިފަ ލިބިފައިވުމެވެ. މަރުވެފައިވާ މީހުންގެ ގުނަވަންތައް ނަގައި، ކަމުންދިޔައިރު، އެބަޔަކަށް ހީވަނީ ދުވަހަކު ކާއެއްޗެއް ލިބިފައިނުވާ ހެންނެވެ. ކޮއްކޮމެން ހަޅޭއްލަވައިގަތެވެ. އެންމެންގެ ހަރަކާތް ހުއްޓިއްޖެއެވެ. ދެން ފެނުނީ އެތަނުގައި ތިބި ބަޔަކު، ކުއްލިއަކަށް އަހަރެމެންނާއި ދިމާއަށް އެނބުރުނު ތަނެވެ. ބާރަށް ހަޅޭއްލަވަމުން ދުއްވައިގަތީމެވެ. ފަހަތުން އެމީހުންވެސް ދުއްވައިގަތެވެ. ދެ ކޮއްކޮ އެމީހުންގެ ޝިކާރައަށް ވީތަން ފެނުނެވެ. އަހަންނަށް ކުރެވުނު ކަމެއް ނެތެވެ. ކޮއްކޮމެން ސަލާމަތެއް ނުކުރެވުނެވެ. ފަހުވަގުތު އަހަންނަށް ހިފުނީ މިފްޝާގެ އަތުގައެވެ.
އަހަރެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު ބަނޑުވަތައް ވެއްޓުނެވެ.
އަހަންނަށް ދެލޯ ހުޅުވައިލެވުނީ މީހަކު ވަރަށް ބާރަށް ގައިގައި ޖެހުމުންނެވެ. ހަޅޭއްލަވައިގަނެފައި އެމީހަކު ފޮޅުވައިލީމެވެ. ކައިރީގައި ހުރީ މިފްޝާއެވެ. މިފްސާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ވަށައިގެން ނަޒަރު ހިންގައިލީމެވެ. އަހަރެން އޮތީ ކޮޓަރީގައެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ފްރޭމްގައި ވަނީ އަހަންނާއި މިފްޝާގެ ކައިވެނީގެ ދުވަހުގައި ނަގާފައިވާ ތަސްވީރެވެ.
މިފްސާ އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. އަހަންނަށް ފެންނަ ހުވަފެންތަކުގެ އަސްލު މިފްޝާއަށް އެނގޭ ކަހަލައެވެ. އަމާނީ ކޮއްކޮ ނިޔާވިފަހުން، އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެނީއެވެ. މިފްޝާ އެދުނީ، އަހަރެންގެ މައިންބަފައިންނާއި ބައްދަލުކުރުމަށެވެ. އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައިލުމަށެވެ.
އަހަންނަށް ހިންދިރުވައިލެވުނެވެ. ހަނދާނަށް އައީ އޭގެ ދެއަހަރު ކުރީގެ ހާދިސާއެވެ. އޮފީހަށްދާ ގަޑިޖެހޭތީ އަހަރެން އުޅުނީ އަވަސްއަރުވާލާފައެވެ. ސައިކަލު ސްޓާޓްކޮއްލިތަނާ، ފޯނު ނުލައި އާދެވުނުކަން ހަނދާންވިއެވެ. އަހަރެން ވަނީ ފޯނު ބަލައެވެ. އައިއިރު، ފެނުނީ ހިތްދަތިވާފަދަ މަންޒަރެކެވެ. ސައިކަލު ދުއްވައިގެން ކުޑަކުޑަ އަމާނީ އެކްސިޑެންޓްވީއެވެ.
އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެފަދަ ބޮޑު ހާދިސާއެއް ހިނގައިދާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ. މަގުމަތީގައި އޮތީ ހުސް ލެޔެވެ. އަމާނީގެ މުޅި ހަށިގަނޑުގައިވީ ފުން ޒަހަމުތަކެވެ. ސައިކަލުން ބައެއް އަމާނީގެ ކަރަށް ވަދެފައިވިއެވެ. އޭރުވެސް އެހަށިގަނޑުގައި ވިންދު ހުއްޓެވެ.
މަންމަ އާއި ބައްޕަ އަމާނީގެ ކައިރީގައި ތިއްބެވެ. އަހަރެން ފެނުމުން މަންމަ ރޮއެގަނެފައި އެދުނީ އެންބިއުލާންސަށް ގުޅުމަށެވެ. އަހަރެން ހުރީ ފާޑަކަށް ގަބުވެފައެވެ. ކުރަންވީ ކޮން ކަމެއް ކަމެއްވެސް ނޭނގުނެވެ. ކޮޓަރިއަށް ވަދެ، ދޮރު ތަޅުލީމެވެ. މަންމަމެން އެތައް ފަހަރަކު ދޮރުގައި ޓަކިޖެހިއެވެ. އަހަރެން ކޮޓަރިން ނުކުތީ، އަމާނީ ކޮއްކޮގެ މޫނު ދެއްކުމުގެ ވަގުތު ކުރިޔަށް ދަނިކޮށެވެ. އަހަރެން ނުކުތުމުން އެންމެންވެސް ބަލަމުންދިޔައީ ނަފުރަތުގެ ބެލުމަކުންނެވެ. ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެންމެފަހުން މިފްޝާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރީއެވެ.
މިފްޝާ އެތައް އާދޭހެއް ކުރުމުން އެނބުރި ރަށަށް ދާން އަހަރެން އެއްބަސްވީމެވެ. ޖެހިލުންވިއެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ ބާކީބައި އަމިއްލަ ނަފުސަށް އަނިޔާ ނުދިނުމަށް ނިންމީމެވެ.
އެތައް ދުވަހަކަށްފަހު، ރަށަށް އާދެވުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ. އަބަދުވެސް ހުޅުވާފައި ހުންނަ ގޭގެ ދޮރުމަތީގައި މަޑުކޮށްލީމެވެ. ބަދިގެތެރޭގައި މަންމަ އުޅޭތީ ފެނުނެވެ. ބައްޕަ އިނީ މަހެއް ކަނޑާށެވެ. ހަނޑޫ ތައްޓެއް ހިފައިގެން ކޮއްކޮ އިނެވެ. އަނެއް ކޮއްކޮ ގޭތެރޭގައި އުޅެފައި އަހަރެން ފެނުމުން ދުވެފައި އައެވެ.
“މަންމާ މިއޮއް އައީ ދޮންބެ…” ކޮއްކޮގެ އަޑަށް އެންމެން އެއްފަހަރާ އަހަންނާއި ދިމާއަށް ބަލާލިއެވެ. އެންމެންވެސް އަހަންނަށް ބަލަން ތިބީ ހުއްޓުން އަރާފައެވެ.
އެކަކުވެސް އަހަރެންދެކެ ރުޅިއެއް ނާދެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ވަރުން ޖަޒުބާތުގައިޖެހިގެން ގޮތްނިންމީ އަހަރެން އަމިއްލަ އަށެވެ. އަމިއްލަ ނަފުސެކޭ އެއްވަރަށް އެހެން މީހުންނަށްވެސް އަހަންނަށް އެދެވުނީ އަނިޔާއެކެވެ. އާއިލާއެއްގެ ލޯބިން މަހުރޫމްވެގެން އެތައް އަހަރެއް ބޭކާރުކޮށްލެވުނީއެވެ.
މަންމަ ވަރަށް ރުޔެވެ. އަހަރެން އެފަދަގޮތަކަށް ދިޔުމުން އެތައް ޝަކުވާއެއް ކުރިއެވެ. އަހަރެންގެ މައްސަލައެއް ނޫންކަމަށް ބުނެ ވިސްނައިދިނެވެ. އަހަރެން އެ ހަގީގަތް ގަބޫލުކުރީމެވެ. އޭގެ ފަހުން އަރާމުގައި ނިދެން ފެށުނެވެ. ތަކުރާރުކޮށް އެއް ހުވަފެނެއް ފެނުން ހުއްޓުނެވެ.
(ނިމުނީ)
8 Comments!
Comments are closed.





Hello, After a long time.
Mi vaahaka kiyuntherinnah kamudhaane kamah unmeedhukuran
Mi part vex varha reethi
Eysh ge vaahaka libuneema varha ufaaveje
Ehen story eh kiyaalan libeeney kama unmeedhu kuran
Thank you Imko 🥰❤
Maasha Allah mi vaahaka varah reethi..
Thank you girl 🥰❤
Aww.. Maasha Allah Vv reethi mi vhk❤️..
Thank you Ifoo 🥰❤
Varah reethi mi vaahaka
Looking forward for more of your stories