Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަކުރުވާހަކައެހެނިހެންމުބާރާތްލޯބި

ދާނޭހޭ ތި ހަނދާން ފިލާ… ( ކުރުވާހަކަ )

Z A L 🐙 Level 210 Stories100 Login100 Comments
September 3, 2023 6 Mins Read
0 Comments

މި ވާހަކަ އަކީ  ދިވެހި ބަހުގެ އެކަޑަމީ އިން އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ރަށްޓަޢް ބޭއްވި ކުރުވާހަކަ ލިޔުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ މަތީ ޘާނަވީ ގިންތިން މުޅި މުބާރާތުން 3 ވަނައަށް އައިސްފައިވާ ވާހަކައެކެވެ.


ދާނޭހޭ ތިހަނދާން ފިލާ

ލޯހުޅުވާލުމާއެކު، ލުމާކަށް ހީވީ އަލިގަދަކަމުން، ދެލޯ ތަރަތަރަޖަހައިގެން ދިޔަހެންނެވެ. ދެތިންފަހަރު އެސްފިޔަޖަހާ ލޯތަޅުވާލިފަހުން އޭނާއަށް ތަންދޮރު ވަކިވާވަރުވިއެވެ. އޭނާއަށް މިއޮވެވެނީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. އިތުރު ހަރަކާތެއް ހަށިގަނޑަށް ގެންނަން ވަގުތުކޮޅެއް ނެގިއެވެ. ބޮލުގައި ބަނދެފައި އޮތް ބޭސްގަނޑުގެ މަތިން، އަތް ހިންގާލުމާއެކު ކުޑަތަދެއްވެސް އިހުސާސް ކުރެވުނެވެ. އޭރު ގާތުގައިހުރި އަންހެން ކުއްޖަކު، އޭނާގެ ނަމުން ގޮވަމުން ދިޔަ އަޑު، ދުރުން އަންނަ އަޑެއްހެން އިވެމުން ދިޔައެވެ. އެއަޑާމެދު ވިސްނުމަށްވުރެ ލުމާކަށް އޮތީ ވާނުވާ ނޭނގިފައެވެ.

ކުއްލިއަކަށް ދޮރުން ވަދެގެން އައީ ޑޮކްޓަރެކެވެ. އޭނާގެ ފަހަތުން ލުމާކްގެ މަންމައާއި ބައްޕަވެސް ވަނެވެ. ޔޫހާގެ ބައްޕަވެސް ވަނެވެ. ލުމާކް އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން އޮތެވެ. އެންމެންގެ ހަރަކާތްތައް މާނަކުރާނެގޮތެއް އޭނާއަކަށް ނޭނގެއެވެ. އޭރު ގާތުގައިހުރި އަންހެންކުއްޖާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަނަމަވެސް އޭނާ ހުރީ ހިނިތުންވެގެންކަން ލުމާކަށް ފެނުނެވެ.

“ލުމާކް ދަރިފުޅާ! މީ މަންމައޭ.” ލުމާކްގެ މަންމަ ސަފީނާ ލޯތްބާއެކު ލުމާކްގެ އަތުގައި ހިފާލިއެވެ. “މަންމާ…ބައްޕާ!” ލުމާކަށް ވާހަކަދެއްކުންވެސްވީ ވަރުބަލިކުރުވި ކަމަކަށެވެ. ލުމާކް އޭނާގެ މައިންބަފައިންނާއި މުޚާތަބު ކުރުމުން އެދެމީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ހުރި ހަމައެކަނި ދަރިފުޅުދެކެ އެމީހުން އިންތިހާއަށް ލޯބިވެއެވެ. “ލުމާކް…މިއީ ޔޫހާއޭ… ދަރިފުޅުގެ އަންހެނުން.” ސަފީނާ، ލުމާކްގެ ގާތުގައިހުރި ޔޫހާއަށް އިޝާރާތްކޮށް އެހެން ބުނުމާއެކު ލުމާކް ޔޫހާއާއި ދިމާލަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. “ކޮންއިރަކު އަހަރެން ކައިވެނިކުރީ؟!” ހައިރާންވެއޮވެ ލުމާކްގެ އަނގައިން ބޭރުވީ ސުވާލެކެވެ. އޭނާގެ މުޅި ބޮލުގައި ސުވާލު މާކުތަކެއް ޖެހިގެންދިޔައެވެ. ޔޫހާއަށް ހީވީ މީހަކު އޭނާގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާގެ ހިތުގައި މީހަކު ވިކާ، ބާރުކޮށްލިހެންނެވެ. އެއާއެކު އޭނާ ދުއްވައިގަތީ ދޮރުން ބޭރަށެވެ. ލުމާކް އޮތީ ހައިރާންވެފައެވެ. ލުމާކްގެ މަންމަ އޭނާއަށް ހަނދާންކޮށް ދިނުމަށް ޔޫހާގެ ވާހަކަތައް ވަރަކަށް ދެއްކިއެވެ. ނަމަވެސް ލުމާކް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ލުމާކްގެ ބޮލުގައިވަނީ ބޮޑު ސުވާލު މާކެކެވެ. އޭނާ ހޮސްޕިޓަލުގައި މިއޮތީ ކީއްވެ ހެއްޔެވެ؟ އޭނާގެ ބޮލުގައި ބޮޑު ބޭސްގަނޑެއް އަޅާފައި މިއޮތީ ކީއްވެ ހެއްޔެވެ؟ ޔޫހާއާއި އޭނާގެ ބައްޕައަކީ ކޮންބައެއްހެއްޔެވެ؟ ޔޫހާއަކީ ކާކުހެއްޔެވެ؟ މަންމަ އެބުނީ ތެދެއް ހެއްޔެވެ؟ އެއީހަމަ އޭނާގެ އަންހެނުންހެއްޔެވެ؟ އޭނާ ކައިވެނިކުރީ ކޮންދުވަހަކު ހެއްޔެވެ؟ އެހެންކަމަށްވީއިރު އޭނާއަށް ޔޫހާ ނޭނގެނީ ކީއްވެ ހެއްޔެވެ؟ މަންމައާއި ބައްޕައާއި އެނގޭއިރު ޔޫހާގެ ހަނދާނެއް ނުވަނީ ކީއްވެހެއްޔެވެ؟ ލުމާކަށްވެފައިވާ ގޮތް އޭނާއަށް ކިޔައިދިނީ ޑޮކްޓަރެވެ. އެހެނަސް އެކްސިޑެންޓްވީކަމުގެ ހަނދާނެއްވެސް އޭނާގެ ސިކުނޑީގައި ނުވެއެވެ.

ޔޫހާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ކޯތާފަތުގައި ރޮނގުދަމަމުން ދިޔައެވެ. އޭނާގެ ފިރިމީހާ ކޯމާއަކަށް ދިޔައީ ކައިވެނީގެ ފަހުން، ވެޑިން ޕާރޓީ އޮތްދުވަހު، ހިނގި އެކްސިޑެންޓެއްގައި ބޮލަށް ލިބިގެންދިޔަ ޒަޚަމްތަކަކާއި ގުޅިގެންނެވެ. އެދުވަހު، ލައިގެންހުރި ‘ވެޑިންޑްރެސް’ވެސް ބަދަލުނުކޮށް ތެޅެމުން ފޮޅެމުން ޔޫހާ ހޮސްޕިޓަލަށް އައިތަން އޭނާގެ ލޯކުރިމަތީގައި ކުރެހިގެންދިޔަކަހަލައެވެ. ސާރޖަރީއަކަށްފަހު ސާރޖަރީއެއް ކުރަމުން ލުމާކް އޭނާގެ މަރާއި ހަނގުރާމަ ކުރަމުން ދިޔައިރު، ލުމާކް ސަލާމަތްކޮށްދިނުންއެދި ދުޢާ ކޮށްލަ ކޮށްލާ އޮޕަރޭޝަން ތިޔޭޓަރުގެ ދޮރުމަތީގައި އޭނާ ދެކޮޅަށް ހިނގަހިނގާ، އުޅޭތަން ކުރެހިގެން ދިޔަކަހަލައެވެ. ކޯމާއަކަށްދިޔަ ފިރިމީހާގެ ގާތުގައި ހިތްވަރާއެކީ، ކޮޅަކަށް ގުޑިނުލާ، ކުރެވުނު ކަމެއް ކޮށްދިނުމުގައި، ރަނގަޅަށް ނުނިދާ އޭނާ ހޭދަކުރި ރޭތަކުގެ ޢަދަދު ނޭނގެއެވެ. ވަޒީފާ ލިބެން އޮއްވާ އެކަންވެސް ޤުރުބާންކުރީ ފިރިމީހާއަށްޓަކައެވެ. ދެމަސް ދުވަސްކޮށްފައި ލުމާކް މިއަދު ހޭއެރުމުން އޭނާއަށްވީ އުފާ، ބަޔާންކުރަންވެސް ދައްޗެވެ. އެހެނަސް ސިކުންތު ކޮޅެއްގެ ތެރޭގައި އަނެއްކާވެސް އޭނާގެ ހިތް ކުދިކުދިވެ ވެއްޔާ މޮޑެވިއްޖެއެވެ. އޭނާގެ ފިރިމީހާއަށް އޭނާ ވަކިކުރާކަށް ނޭނގެއެވެ. މިހުރިހާ ދުވަހު ކަރުނަތައް ހިފަހައްޓައިގެން ކިތަންމެ ހިތްވަރުގަދަކޮށް އުޅުންނަމަވެސް މިހެންވުމުން އޭނާއަށް ކެތްނުވީއެވެ. އޭނާ އަވަހަށް ބޭރަށް އައީ ލުމާކްގެ ކުރިމަތީގައި ނުރޯންވެގެންނެވެ. ޔޫހާގެ ބައްޕަ ނުކުމެ އޭނާއަށް ވަރަށް ހިތްވަރުދިނެވެ.

ޑޮކްޓަރު އިތުރު ޓެސްޓުތައް ހެދުމަށްފަހު ހާމަކުރީ ލުމާކް އެވަނީ ‘އެމްނީޝިޔާ’ގެ ސްޓޭޖެއްގައި ކަމުގައެވެ. މާނައަކީ ކައިރި މާޒީގައި ހިނގާފައިވާ ކަންކަން އޭނާ ހަނދާންނުވާކަމެވެ. ލުމާކް ހަނދާންހުރީ އޭނާގެ ޙަޔާތުގެ ކިހާހިސާބަކުންކަން ސީދާ ބުނަން ދަތިކަމަށްވެސް ޑޮކްޓަރު ހާމަކުރިއެވެ. ލުމާކާއި ބައްދަލުކުރަންއައި އޭނާގެ ސްކޫލުދައުރުގެ ރަޙުމަތްތެރިންނާއި، ކުޑައިރުންސުރެ ގާތްމީހުން ވަކިކުރަން އޭނާއަށް އިނގެއެވެ. އެމީހުންގެ ހަނދާންތައްވެސް ހުރެއެވެ. އެހެންކަމުން ޑޮކްޓަރ ލަފާކުރަނީ އޭގެފަހުގެ ހަނދާންތަކުގައި ‘ގެޕެއް’ އުޅޭކަމުގައެވެ. ޔޫހާ އިތުރަށް ހިތުގައި ޖެހުނެވެ. އޭނާއާއި ލުމާކްއާ ދިމާވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ކޮލެޖުންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެންފެށީ އެހާހިސާބުން ފެށިގެންނެވެ. އަދި ކޮލެޖު ނިމުންގޮތަށް ދެމީހުންގެ ކައިވެނި މީގެ ދެމަހެއްހާ ދުވަސްކުރިން ކުރެވިގެން ދިޔައީ ވެޑިން ޕާރޓީއޮތް ދުވަހުގެ ކުރީދުވަހެވެ. ލުމާކް އެކްސިޑެންޓްވީ ދުވަހުގެ ކުރީދުވަހެވެ. ޔޫހާއާ ދިމާވި ކަމުގެ ހަނދާންވެސް ލުމާކަށް ނުވޭބާއެވެ؟ ޔޫހާގެ އެއްވެސް ކަމެއް ލުމާކަށް ހަނދާން ނުވޭބާއެވެ؟

ދުވަސްކޮޅެއް ފަހުން، ޑޮކްޓަރު އާސިމްގެ ލަފާގެމަތިން ހުޅުމާލޭގައިހުންނަ އެމީހުންގެ ގެއަށް ލުމާކް ބަދަލުކުރެވުނެވެ. ޑޮކްޓަރުދެކޭ ގޮތުގައި ލުމާކްގެ ހަނދާންތައް ގެނުވަން މަސައްކަތްކުރަން، ދަންނަ މާޙައުލަކަށް އޭނާ ބަދަލުކުރުން މުހިއްމެވެ. އަދި މިދަނޑިވަޅުގައި ރަނގަޅަށް ނިދުމާއި، ކެއުމާއި އަރާމުކުރުމުގެ މުހިއްމުކަން ޑޮކްޓަރު ބުނެދިނެވެ. އަދި ލުމާކްގެ ހަނދާންތައް ގެނެވޭތޯ މަސައްކަތްކުރެވިދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޔޫހާ ހުރީ ލުމާކްގެ ހަނދާންތައް އަނބުރާ ގެނައުމަށް އޭނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށެވެ. ކިތަންމެ ދެރަވެފައިވީނަމަވެސް އޭނާ ހިތްވަރުކުރާނެއެވެ.

ލުމާކަށް އެކަނި ހިނގާ އުޅެވުނެއްކަމަކު، އަމިއްލަ އަތުންކާން އުނދަގޫވެއެވެ. އަމިއްލައަށް ހެދުންލައި ގަމީސްފަދަ އެއްޗެހީގައި ގޮށްއަޅުވަންވެސް އޭނާއަށް އުނދަގުލެވެ. މިހުރިހާ ކަމެއްގައިވެސް އެހީތެރިވާން، ލުމާކްގެ މައިންބަފައިންނަށްވުރެވެސް އެންމެ ގާތުގައި ހުންނަނީ ޔޫހާއެވެ. ނަމަވެސް ލުމާކާއި ޔޫހާގެ ދެމެދުގައި ބީރައްޓެހިކަމެއް އުފެދިފައިވެއެވެ. ލުމާކަށް ފަސޭހަކަމަކަށް ނުވެދާނެތީ ޔޫހާ ނިދަނީ ވަކިން އެހެން ކޮޓަރިއެއްގައެވެ. އެދެމެދުގައިވާ ބީރައްޓެހިކަން ފިލައި ދިޔުމަށް ވަގުތު ނަގާނެކަން ޔޫހާ ދަނެއެވެ. ލުމާކްގެ ފަރާތުން ލޯބި ނުލިބުނިކަމުގައިވިޔަސް، ކިތަންމެ މަދުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި އިޚްތިޔާރުން ބޭރުގައިވިޔަސް ޔޫހާއަށްޓަކައި އޯގާތެރިކަން އެކުލެވިފައިވާކަމަށްޓަކައިވެސް ޔޫހާ ޝުކުރުވެރިވެއެވެ. ލުމާކްގެ ބެލުންތަކުގައި ކުރިން ފެންނަ ލޯތްބާއި ކުލުނު ނުފެނުނު ކަމުގައި ވިޔަސް ޔޫހާ ކެތްކުރާނެއެވެ. ހިތްވަރު އެލުވައެއް ނުލާނެއެވެ.

ދުވަހެއް ދުވަހަކަށް ޔޫހާގެ އޯގާތެރިކަމާއި ލޯބި، ލުމާކް ބަލައިގަންނަމުން ދިޔައެވެ. މަދުމަދުން، ދެމީހުންގެ ކޮލެޖު ދުވަސްވަރުގެ ފޮޓޯތަކާއި، އެއްޗެހި ދައްކަމުން ދިޔައެވެ. ލުމާކްގެ ހަނދާންތައް އަނބުރާ ގެނައުމުގެ އުންމީދުގައެވެ. ކައިވެނީގެ ސެޓުފިކެޓު ދެއްކުމުން ޔޫހާއަކީ އޭނާގެ އަނބިމީހާކަމަށް ލުމާކަށް ޤަބޫލުކުރަންޖެހުނެއެވެ. ނަމަވެސް އަދިވެސް ޔޫހާގެ އެއްވެސް ހަނދާނެއް ނުވެއެވެ. އެހެންކަމުން ލުމާކަށް އަދިވެސް ޔޫހާއަކީ ކާކުކަމެއް ޙަޤީޤަތުގައި ނޭނގެއެވެ.

ލުމާކްގެ ބޮލުގައި އަޅާފައިއޮތް ބޭސްގަނޑު ނެގުމަށް ޑޮކްޓަރަށް ގެންދެވުނީ ހާލަކުންނެވެ. ދުއްވާ އެއްޗެހި ފެނުމުން، އަޑުއިވުމުން ލުމާކްއަށް ވާގޮތް ބުނެދޭކަށް އޭނާއަކަށް ނޭނގެއެވެ. ބޮލުގައިވެސް ރިއްސަންފަށައެވެ. ލުމާކްގެ ހަނދާނުގައި ނެތްނަމަވެސް އޭނާގެ ސިކުނޑީގެ ކޮންމެވެސް ބަޔަކުން އިޚްތިޔާރަކާއި ނުލައި ނަމަވެސް އެހާދިސާގެ އަސަރު ހަނދާންކޮށްދޭ ކަހަލައެވެ. ބޭރަށް ނިކުންނަން އޭނާ ބޭނުންނުވާ ސަބަބަކީ މިއީކަންނޭނގެއެވެ.

ޑޮކްޓަރަށް ދިޔުމުން ބޭސްގަނޑު ނެގުމަށްފަހު އިތުރު ސްކޭންތަކާއި ޓެސްޓްތައް ހެދިއެވެ. ޑޮކްޓަރު ހާމަކުރި ގޮތުގައި ލަކުނު މިހާރުވަނީ ފަސޭހަވާން ފަށާފައެވެ. ނަމަވެސް ހަނދާންތަކުގެ ބަޔަށް މާބޮޑު ކުރިއެރުމެއް އަދި ފެންނަން ނެތްކަމަށް ބުންޏެވެ. ހިތްވަރު އެލުވައިނުލާ އެގޮތުގައި މަސައްކަތްކުރުމަށް ޔޫހާއަށް ޑޮކްޓާރު ހިތްވަރު ދިނެވެ.

ޔޫހާ ލުމާކްގެ އަލަމާރިން ގަމީހެއް ހޯދަންހުއްޓާ ލުމާކް ފާޚާނާއިން ނުކުތެވެ. އުނަގަނޑުގައި ތުވާޅި އޮޅާލައިގެން ހުރިއިރު، އޭނާގެ ފިރިހެންވަންތަ ހަށިގަނޑުވަނީ ހާމަވެފައެވެ. އެހަށިގަނޑުގައި ފެންތިކިތައް ވިދަމުން ފިރުކެމުން ދިޔައިރު އޭނާއަކީ އޭގެން ފެންތިއްކެއް ނަމައޭ ޔޫހާ ހިތަށްއެރިއެވެ. އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރި ޔޫހާ ލުމާކްއާ މުޚާތަބުކޮށް ބޭނުންވާ ގަމީހެއް ނަގަން ބުންޏެވެ. ލުމާކް އައިސް އަލަމާރިން ގަމީހެއް ނެގިއެވެ. ޔޫހާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. ލުމާކްގެ ހަނދާނުގައި އެކަން ނެތުމުން ލުމާކަށް ހީވާނެ ގޮތުގައި އޭނާ އެނެގީހަމަ އޭނާއަށް ކަމުދާ ގަމީހެކެވެ. ނަމަވެސް ޔޫހާއަށް އެއީ ޚާއްޞަ ގަމީހެކެވެ. އެއީ ޔޫހާ ގާތުގައި އިންނަން އެހި ދުވަހު ލުމާކް ލައިގެން ހުރި ގަމީހެވެ. އެދުވަހަކީ ޔޫހާގެ ހުވަފެންތައް ޙަޤީޤަތަކަށް ވެގެންދިޔަ ދުވަހެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލުމާކްގެ ހަނދާނުގައި މިހާރު އެދުވަސް ނުވާއިރު ޔޫހާ އާބަސް ބުނުމުން ލުމާކް އެދުވަހުއެވީ އުފާވެރިކަމުގެ އިހުސާސްވެސް ނުވާނެއެވެ. ލޮލުން ނީރާލި ކަރުނަ ސިއްރުސިއްރުން ފުހެލުމަށްފަހު ޔޫހާ އިސްތިރިކުރަންދަނީކަމުގައިބުނެ ނުކުތެވެ.

ލުމާކް ކޮޓަރިން ނުކުތުމުން ޔޫހާ އެދުނީ އޭނާ ގާތުގައި އިށީންނަން އައުމަށެވެ. ލުމާކް ސޯފާގައި އިށީނުމުން، ފުންނޭވާއެއްލައިފައި ޔޫހާ އެމީހުންގެ ކައިވެނި ކުރިދުވަހުގެ ފޮޓޯއެއް ލުމާކްގެ އަތަށްދިނެވެ. “ލުމާކަށް އިނގޭތަ މިކޮންދުވަހެއްކަން؟” ޔޫހާގެ ހިނިތުންވުމުގެ ފަހަތުގައިވަނީ ވޭނެކެވެ. ލުމާކް އެފޮޓޯގަނޑަށް ބަލަހައްޓައިގެން އިންނަން ފެށުމުން ޔޫހާ އިތުރު ފޮޓޯތައް ދެއްކިއެވެ. ދެން ދިއްކޮށްލީ ސިޓީއެކެވެ. އެއީ ލުމާކް ކޮލެޖުގައި އުޅެމުން ޔޫހާ ގާތުގައި ލޯބިވާ ވާހަކަ ދުލުން ބުނަން ނުކެރިގެން ލިޔެފައި ފޮނުވި ސިޓީއެކެވެ. އެއީހަމަ ލުމާކްގެ އަތުލިޔުމެވެ. އޭނާ އެއްޗެކޭ ނުބުނެ އިނދެ އެސިޓީ ކިޔެވެ. ކުއްލިޔަކަށް އޭނާގެ ބޮލުގައި ރިއްސާލުމާއެކު ލުމާކަށް ދެލޯ މަރާލެވުނެވެ. އެސިޓީ ލިޔުނު ހަނދާން ކުޑަކޮށްވިއެވެ. ނަމަވެސް ކާކަށް، ކީއްވެ ލިޔުނު ސިޓީއެއްކަން ހަނދާނަކަށްނައެވެ. ލުމާކް ކުރީގެ ކަންކަން ގަދަކަމުން ހަނދާންކުރަން މަސައްކަތް ކުރާއިރަށް ބޮލުގައި ރިއްސަންފަށާތީ އޭނާ ޖެހިލުންވަނީ ކަންނޭނގެއެވެ.

ލުމާކްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުމުން ޔޫހާއަށް ތުންފަތުގައި ދައިގަނެވުނެވެ. ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފޭބިޔަނުދީ ހިފަހައްޓާލިއެވެ. “ސޮރީ…އަހަރެން ހަނދާންނުވޭ. އަހަރެން މަސައްކަތްކުރަމޭ ހަނދާންވޭތޯ…” ލުމާކްގެ މިވާހަކަ ކޮޓަރިން ނުކުތް ސަފީނާއަށް އިވުނެވެ. ސަފީނާގެ ހިތުގައިވެސް ރިއްސާލިއެވެ. ޔޫހާ ހާދަ ހިތްވަރުގަދައެވެ. އެހެން ކުއްޖެއްނަމަ ލުމާކް އެހާލުގައި ވާއިރު އެވަރަށް އަޅާލައިފާނެބާއޭ ސަފީނާގެ ހިތަށްއެރިއެވެ. ލުމާކްގެ ދިރިއުޅުމަށް ޔޫހާ ކަހަލަ ރަނގަޅުކުއްޖަކު އައީތީ ޙަމްދުކުރާއިރު، ޔޫހާގެ ޙާލާމެދު ވިސްނާ ދެރަވެސްވެއެވެ. އެފަކީރަށް ހާދަ އަސަރެއް ކުރާނެއޭ ސަފީނާގެ ހިތަށްއެރިއެވެ. އެހުރިހާ ހިތާމައެއް ތަޙައްމަލުކުރަމުންވެސް ލުމާކަށް އޭނާގެ ލޮލުން ފައިބާ އެންމެ ކަރުނަތިއްކެއްވެސް ނުދައްކާ ޔޫހާ ހިތްވަރު ކުރެއެވެ. ސަފީނާމެނަށް އެއްވެސް ކަމެއް ނުޖައްސައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޔޫހާގެ ހިތުގައިވާ ފާރުގަނޑު ފަސޭހަނުވެ، ބޮޑުވަމުންދިޔައެވެ. ކޮލެޖުގެ ބައެއްދުވަސްތަކާއި ކަންކަން ލުމާކް ހަނދާންވިނަމަވެސް، އޭނާއަށް ހަނދާންވާގޮތުގައި ޔޫހާއަކީ ހަމަ ކޮލެޖުގައި އުޅުނު ކުއްޖެކެވެ. ޔޫހާދެކެ ލޯބިވީކަމެއް އިތުރު އެއްވެސް ކަމެއް ހަނދާނަކަށް އަދިވެސް ނާދެއެވެ.

“ޑޮކްޓަރ…ލުމާކްގެ ހަނދާތައް ޓްރިގަރ ކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތު ފަހިކުރެވިދާނެތަ؟ ފޮޓޯ ދެއްކުމާއި ކަންކަމުން އެކަށޭނެ ބަދަލެއްނާދޭ އެއްގޮތަކަށްވެސް. މިހާރު އޭގެފަހުން ކިތައްމަސް މިވީ…މިގޮތުގައި އަޅުގަނޑަށް ކެތްކުރަންޖެހޭނީ ކިހާދުވަހަކުތޯ…” ޔޫހާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “ޓްރިގަރ ކުރެވިދާނެ. އެންމެ އެފެކްޓިވް އެއްގޮތަކީ މިސާލަކަށް މިހާލަތުގައި ކޯމާއަށް ދިޔުމުގެ ކުރިން، ނުވަތަ ބޮލަށް އެގެއްލުން ލިބުމުގެ ކުރިން، މާނައަކީ އެކްސިޑެންޓް ހިނގި ސައިޓަށްގޮސް އެތަން ދެއްކުން. އެކަމަކު އަޅުގަނޑު މިކަމަށް ހުށަނޭޅީ، މީގެ ސަބަބުން ހަނދާންތައް އަނބުރާއައުމުގެ ފުރުސަތުއޮތް ނަމަވެސް، އިތުރު އެހެން ކޮމްޕްލިކޭޝަންއަކަށް ގޮސްގެން ހާލަތު ގޯސްވުމުގެ ރިސްކު ބޮޑުވާތީ. އެ ސައިޓަށްގޮސް އެހާދިސާ ކިޔައިދިނުމަށްފަހު، ދެންވާނެ ހުރިހާ ކަމެއްވެސް ބިނާވާނީ ލުމާކް އެކަމަށް ރިއެކްޓްކުރާ ގޮތަކަށް.” ޑޮކްޓަރު އާސިމް، ޔޫހާއަށް ވިސްނައިދެވޭތޯ ބެލީ އެކަމުގައިވާ ހިރާސްތަކުގެ ބޮޑުކަމެވެ.

އެތައް ވިސްނުންތަކަކާއި މަޝްވަރާތަކަކަށްފަހު، ލުމާކްގެ މައިންބަފައިންނާއި ޑޮކްޓަރުގެ ހުއްދައާއި އެކުގައި ޔޫހާ ގަސްތުކުރީ އެކަންކުރާށެވެ. ޔޫހާ އެގޮތަށް ނިންމީ، އޭނާއާއި ލުމާކްގެ ދިރިއުޅުމުގެ މުސްތަޤްބަލަށް ވިސްނާފައެވެ.

“ކޮންތާކަށް މިދަނީ؟” ލުމާކް ބޭރަށް ނެރެވުނީ ވަރަށް ގިނަފަހަރު ކިޔައިގެންނެވެ. މަގުމައްޗަށް ނުކުތުމަށްފަހު ލުމާކްގެ ސުވާލުފަތި އެމުނެމުންދިޔައެވެ. “ޑޮކްޓަރ ބުންޏެއްނު ފިނި ވައިޖައްސާ، ހިނގާލަންވެސް ޖެހޭނޭ.” ޔޫހާ ހަޤީޤަތް އޮޅުވާލީ ފަސޭހަވެގެނެއް ނޫނެވެ. ލުމާކް އެކްސިޑެންޓްވީ ހިސާބަށް ދެވުމާއެކު ޔޫހާ ހުއްޓުނެވެ. އަދި ފަހަރަކު ކަމެއް ލުމާކަށް ކިޔައިދެމުން ގެންދަން ފެށިއެވެ. ހުޅުމާލެއިން ތައްޔާރުވެގެން ލުމާކް އެދުވަހު ރާނބާ ރެސްޓޯރެންޓަށް އަންނަން ހަމަޖެހިފައިވާ ކަމެވެ. ވެޑިން ޕާރޓީއޮތީ އެތާނގައި ކަމެވެ. ކާރު ލަސްވެގެން ލުމާކް ސައިކަލުގައި އަންނަނީކަމުގައި ބުނެ، ޔޫހާއަށް ގުޅިކަމެވެ. ބްރިޖަށް ނުވެސް އެރެނީސް ހުޅުމާލެ މި ހިސާބުން އޭނާ އެކްސިޑްންޓް ވީކަމެވެ. މިހެންގޮސް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ލުމާކްހުރީ ދެލޯ ބޮޑުވެފައެވެ. ޔޫހާގެ ލޮލުން ކަރުނަ ފައިބަމުންދިޔަ ޙާލު އާދޭސް ކުރަމުން ދިޔައެވެ. “ހެޔޮ ނުވާނެ ލުމާކް! އިނގޭ ލުމާކް ހިތްވަރުކުރާކަން. އެކަމަކު އަހަންނަށްޓަކައި، އަހަރެމެން ދެމީހުންގެ ދިރިއުޅުމަށްޓަކައި، އެއްޗެއް ހަނދާންވޭތޯ މަސައްކަތްކޮށްދީ. އަހަރެން ބޭނުން ލުމާކަށް އަހަންނަކީ ލުމާކްގެ އަނބިމީހާކަން އިނގެން. އެންމެ ފަހަރަކު ނަމަވެސް އަހަންނާ ދިމާލަށް ލޯބިން ބަލާލަން. ހަމައެންމެ ފަހަރަކު ވިޔަސް…އަހަރެންދެކެ ލޯބިވެޔޭ ލުމާކްގެ ދުލުން ބުނަން.” ޔޫހާގެ ބަޑިފަޅައިގެން ދިޔައެވެ. މިހުރިހާދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްފަހަރާ ފައިބައިގަތް ކަހަލައެވެ.

ހަމަ އެވަގުތު ކައިރިންދިޔަ ސައިކަލުގެ އަޑާއި ޔޫހާގެ ގިސްލުމުގެއަޑު، ލުމާކްގެ ކަންފަތުގައި ގުގުމައިގެންދިޔައެވެ. ދިލަރިހުމެއް ބޮލަށް އަރައިގެން ދިޔައެވެ. ލުމާކަށް ޔޫހާގެ އަތުގައި ބާރަކަށް ހިފަހައްޓާލެވުނެވެ. ޔޫހާގެ ރުއިމުގެ އަޑު ފަނޑުވަމުންގޮސް، މިހާރު އޭނާގެ ލޯކުރިމަތީގައި ކަންތައްގަނޑެއް ހިނގާފަދައެވެ. ސައިކަލުގައި އޭނާ ދުއްވާފައި އައި މަންޒަރެވެ. ސައިކަލުގެ ވަށިގަނޑުގައި ހެލްމެޓުއޮތް މަންޒަރެވެ. އަރިމަތިން ގޯޅިއަކުން އެމަގަށް އެޅި ޕިކަޕުގައި ނުޖެހި ރެކެންވެގެން ތެޅިގަނެވުނު މަންޒަރެވެ. ދުއްވާފައި އައި ބާރުމިނުގެ ސަބަބުން ސައިކަލު ކޮންޓްރޯލް ނުވެގެންގޮސް ޕާކުކޮށްފައިއޮތް ވޭނެއްގައި ޖެހި އޭނާ މާދުރަށް ވިއްސައިގެންދިޔަ އިހުސާސް ކުރެވުނެވެ. ގަދަކަމުން ދެލޯ ހުޅުވާލިއިރު މީހާއާއި މާދުރުގައި އޮތް ސައިކަލު ސިފަވިއެވެ. އަދި އޭނާގެ ބޮލުން ފައިބަމުންދިޔަ ލޭތަކުން ތާރުގަނޑު ފެވެމުން ދިޔައިރު ބޮލުގައި މަޑުމަޑުން އަތް ޖައްސާލުމުން، އޭނާގެ އަތް، ލެއިން ތެމިފޯވެގެން ދިޔަކަން އިހުސާސްކުރެވުނެވެ.

ކުއްލިއަކަށް ލުމާކްގެ ބޮލަށް ތަދެއް އެރުމާއެކު ޔޫހާގެ އަތަށް ބާރުކޮށްލިއެވެ. ލުމާކަށް ދެލޯ މަރާލެވުނެވެ. ޔޫހާއަށް އެކަނި ލުމާކްގެ ހަށިގަނޑު ހިފަހައްޓައެއް ނުލެވޭނެކަން އިނގެއެވެ. އޭނާއަށް އެހީއަށް އެދި ހަޅޭލަވައިގަނެވުނެވެ. ލުމާކް އަނބުރައިގަނެގެން ވެއްޓުމުގެ ކުރިން މަގުމަތިން ހިނގާފައި ދިޔަ ފިރިހެނެއް އައިސް އޭނާއަށް އެހީވިއެވެ.

ލުމާކް ހޭއެރިއިރު އޮތީ ހޮސްޕިޓަލުގައެވެ. ގާތުގައި ޔޫހާ ހުއްޓެވެ. ޔޫހާ އަވަހަށް ޑޮކްޓަރަށް ގޮވަންދާން އުޅުނެވެ. “ޔޫހާ!” ލުމާކް އޭނާގެ ނަމުން ގޮވާލުމާއެކު ޔޫހާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އެރިއެވެ. އެގޮވާލުމުގައި ތަފާތުކަމެއްވެއެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި އޭނާއާ މުޚާތަބުކުރަމުން ދިޔަ ގޮތާއި ތަފާތެވެ. އެ އަޑުގައި އެކުލެވިގެން މިހާރު އެވަނީ ލޯބި ބާއެވެ؟ އޭނާގެ ލުމާކް އަނބުރާ އައީބާއެވެ؟ “ޔޫހާ…އަހަރެން ވަރަށް ލޯބިވޭ ޔޫ ދެކެ.” ލުމާކް އެހެންބުނުމާއެކު ޔޫހާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އުފަލުންގޮސް ރޮވެމުންދިޔަ ޙާލު ލުމާކްގެ މޭމަތީގައި މޫނު ފޮރުވާލިއެވެ. “އަހަރެން ހަނދާންވާން ފަށައިފި. މަޑުމަޑުން ހަނދާނަށް އެބަ އާދޭ.” ޔޫހާ ވީއުފަލެއްގެ ބޮޑުކަމުން ބަސްހުއްޓިފައި އިރުކޮޅަކު ހުއްޓެއެވެ. “ލުމާކް އަހަރެންގެ ހަނދާން ނުވެދާނެ ކަމަށް އަހަރެން ވަރަށް ބިރުގަތް. އަލްޙަމްދުލިﷲ” ޔޫހާ މާތްﷲއަށް ޙަމްދުކުރިއެވެ. “ޔޫ ހީކުރީ އަހަރެން ޔޫމަތިން ހަނދާން ނެތޭނެ ކަމަށްތަ؟ އެހާ ޖެއްސުންބޮޑު މީހެއް ކިހިނެއް ހަނދާން ނެތޭނީ މުޅިން” ޔޫހާގެ ކަރުނަ ފުހެލަދެމުން ލުމާކް ސަމާސާކޮށްލިއެވެ. އެތައް ދުވަހެއްގެ މަސައްކަތަށްފަހު، ލުމާކްގެ ހަނދާންތައް އެންމެފަހުން އަނބުރާ އައީއެވެ.

އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެޔޭބުނެއެވެ. ކެތްތެރިކަމުގެ މޫހިތިވިޔަސް މޭވާ ފޮނިވާނެޔޭވެސް ބުނެއެވެ. ޔޫހާއާއި ލުމާކްގެ ހިތުގެ ވިންދާއި، އުންމީދު އަދި ފަރުވާއަކީވެސް އެކަކު އަނެކަކެވެ. ދެމަފިރިން އެދެމީހުންގެ ޙަޔާތުގެއޮޑި ދުއްވާލީ، އުފަލުން ފުރިގެންވާ މަންޒިލަކަށް، އެއޮޑި ބަނދަރު ކުރެވޭތޯއެވެ. އުމުރަށް އެކީގައިއުޅެން ވަޢުދުވަމުންނެވެ.

  • ނިމުނީ –

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ޔާރާ އަހާށޭ 9

Next

ދިރުމެއްނެތް ދިރިއުޅުން 28

Next
September 4, 2023

ދިރުމެއްނެތް ދިރިއުޅުން 28

Previews
September 3, 2023

ޔާރާ އަހާށޭ 9



All Right Reserved!