ކުއިޒް މުބާރާތް
ހުރިހާ ކުދިން ކުލާސްތައް ދޫކޮށް ހޯލަށް ދާން ފަށައިފިއެވެ. ގްރޭޑް ފަހެއްގެ ދަރިވަރުން ކުލާހުން ނިކުންނަން ފެށިތަނުން ކުލާސް ޓީޗަރު އައިސް ހުރިހާ ކުދިން ގާތު އަނބުރާ ކުލާހަށް ވަންނަން އަންގައިފިއެވެ. ވީގޮތެއް ނޭނގި ތިބެ ކުދިން ކުލާހަށް ވަދެއްޖެއެވެ. އިރުކޮޅަކުން ލީޑިން ޓީޗަރ އާއި ދިވެހި ކްލަބްގެ ކޯޑިނޭޓަރ އައިސް ކުލާހަށް ވަނެވެ.
“ކިހިނެއްވީ؟ ކެންސަލްވީތަ؟” އެއްކުއްޖަކު ބުނެލިއެވެ.
“އެހެން ކުދިން މިހާރު ހޯލަށް ގޮސްފި. އަޅުގަނޑުމެން އެކަނި ކުލާހުގައި މިތިބީ..” އެހެން ކުއްޖަކު ބުނެލިއެވެ.
“ވަރަށް ގިނަ ކުދިން ހިތަށް އަރާނެ ދޯ ކީއްވެގެންބާއޭ މި ކުލާސް ކުދިން މިމަޑުކުރުވީ؟” ލީޑިން ޓީޗަރ ވާހަކަދައްކަން ފެށުމާއެކު ކުލާހަށް ހަމަހިމޭންކަން ވެރިވިއެވެ. “ސަބަބަކީ ގްރޭޑް ފަހެއްގެ ކުއިޒް ފޮށިން ކަރުދާހެއް މަދުވާކަން ސާރމެނަށް ފާހަގަކުރެވިފައި ވާތީ. ސްކޫލު ގަޑި ފެށުނުފަހުން އެކަން ފާހަގަވީމަ ސާރމެން މިބަލަނީ ކުއްޖެއް އެގަނޑު ނެގީކަމަށް.”
ލީޑިން ޓީޗަރ ވީގޮތް އޮޅުން ފިލުވައިދިން އިރު ހުރިހާ ކުދިންނަށް ކަހަލަ ގޮތަކަށް އަނގަމަތީގައި އަތް އަޅާލެވިއްޖެއެވެ. އެއްކުއްޖަކު އަނެއްކުއްޖެއްގެ މޫނަށް ބަލައިލަނީ އެކަން ކުރީ ތިކުއްޖާ ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.
“އަޅެ އެކަރުދާސް ނެގި ކުއްޖަކު ސާރމެންނަށް ގަނޑު ހަވާލުކޮށްލަބަލަ.” މިފަހަރު ވާހަކަދެއްކީ ދިވެހި ކްލަބްގެ ކޯޑިނޭޓަރއެވެ. އެކުއްޖަކު އަމިއްލައަށް އިސްނަގާތޯ އިރުކޮޅެއް ވަންދެން މުދައްރިސުން މަޑުކުރިއެވެ.
“އެހެންވީމަ ސާރއާއި އާސިމާ މިސް ހުރިހާ ކުދިންގެ ދަބަސްތައް ޗެކުކޮށްލާނަން މިގަޑީގައި..” އެކުއްޖަކު އަމިއްލައަށް އެއީ ތިމަންނައޭ ނުބުނާނެކަން ޔަގީންވީމާ ކޯޑިނޭޓަރ ބުނެލިއެވެ.
ފަހަރަކު ދަބަހެއް ޗެކު ކުރަމުން ގޮސް ކުލާހުގެ އެންމެފަހު ދަރިވަރާ އަރާ ހަމަވެއްޖެއެވެ. އައިލީންގެ ދަބަހުގައި އާސިމާ މިސް އަތްލުމާއެކު ދަބަހުގައި ހިފާ ބައްދައިގަތުމާއެކު އޭނާ ރޯން ފަށައިފިއެވެ. ހައިރާންވެފައި އާސިމާ މިސް ދެން ތިބި ދެ މުދައްރިސުންނަށް ބަލައިލިއެވެ.
“އައިލީންގެ ދަބަސް ބަލައިލަން މިސް ބޭނުން..” މަޑުމައިތިރި ކަމާއެކު މިސް ބުންޏެވެ.
“ނޫން.. ނޫން.. އަޅުގަނޑު ދެން އެހެންނެއް ނަހަދާނަން.. ސޮރީ.. ނޫން.” ގިސްލަމުން އައިލީންއަށް ބުނެވުނީ ވަރަށް ހާލުންނެވެ.
“ގަނޑު ނަގާފަ ސާރއަށްދީ..” އެވަގުތު އެހިސާބަށް އައި ލީޑިން ޓީޗަރ ތަންކޮޅެއް ހަރުކަށިކަމާއެކު ބުނެލިއެވެ. ކަރުނަތައް ފުހެމުން އައިލީން ދަބަހުގެ ތެރެއިން ގަނޑު ނަގާ ސާރ އަތަށް ދިއްކޮށްލިއެވެ.
ކުލާހުގައި ތިބި މުދައްރިސުންނާއެކު އައިލީން ކުލާހުން ނިކުމެގެން ދިޔައިރު ހުރިހާ ކުދިންވެސް ހައިރާންވެފައި އެމަންޒަރު ބަލަން ތިއްބެވެ. އައިލީންއަކީ ކުލާހުގައި މަޑުމަޑުން އިންނަ ކުއްޖެކެވެ. ދުވަހުން ދުވަހަށް ފިލާވަޅު ނިންމާ ބަސްއަހާ ދަރިވަރެކެވެ. އެންމެ މޮޅެތި ދަރިވަރުންގެ ތެރޭގައި ނަން ނުހިމެނުނަސް ކިޔެވުމަށް ހިއްމަތާއެކު މަސައްކަތްކުރާ ކުއްޖެކެވެ. އެފަދަކަމެއް އައިލީން ކުރާނެކަމަށް އެއްވެސް ކުއްޖަކަށް ގަބޫލުވެސް ނުކުރެވުނީއެވެ.
އެންމެފުރަތަމަ އައިލީން ގެންދެވުނީ ޕްރިންސިޕަލް އޮފީހަށެވެ. އެތާނގައި އިނދެ ބަޔާން ލިޔުމަށްފަހު ދެން ގެންދެވުނީ ސްކޫލްގެ ކައުންސެލަރ ކައިރިއަށެވެ.
“ކީއްވެގެން މިގޮތަށް ކަންތައްކުރީ؟” ކައުންސެލަރ އަހާލިއެވެ. އައިލީން އިސްޖަހާލީއެވެ. އަނެއްކާވެސް ކަރުނަތައް އޭނާގެ ލޮލުން ފައިބައިގަތެވެ.
“އިޓްސް އޯކޭ.” ކައިރީ ހުރި ޓިޝޫފޮށިން ޓިޝުލެއް ނަގާ ދިއްކޮށްލަމުން ކައުނސެލަރ ބުނެލިއެވެ.
“އަޅުގަނޑު ބޭނުންވީ އެހެން ކުދިންނަށްވުރެ މަތިން މާކްސް ހޯދަން. އެއްފަހަރުވެސް އަޅުގަނޑު މޮޅެއް ނުވޭ.” ކަރުނަތައް ފުހެލާފައި އޭނާ ހިތްވަރުކުރަމުން ވާހަކަދެއްކިއެވެ.
“އެކަށީގެންވާ ވަރަށް މަސައްކަތް ކުރަންތަ؟” ކައުންސެލާރ ސުވާލުކުރިއެވެ.
“ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އަޅުގަނޑަށް އެއްފަހަރުވެސް ފައިނަލް ރައުންޑްގައި ވާދައެއް ނުކުރެވޭ..” އަނެއްކާވެސް އޭނާއަށް ރޮވެން ފެށުނެވެ. “އަބަދުވެސް އެހެންކުދިން ފައިނަލްއަށް ދަނީ.. އެހެންވެ މިފަހަރު ކޮންމެ ގޮތެއް ހަދާފައިވެސް އަޅުގަނޑު މޮޅުވާން ބޭނުންވީ..”
“އައިލީންއަށް އެނގޭތަ، ކާމިޔާބީއަކީ މާތްﷲ ދެއްވާ އެއްޗެއް.. މިސާލަކަށް މީހެއްގެ އަތުގައި އައިލީން ބޭނުންވާ އެއްޗެއް އޮތީއްޔާ އައިލީން ކިހިނެއް ހަދާނީ؟ ހިނގާ ބަލަމާ އެމީހާގެ އަތުގައި އޮތީ އާފަލެއްކަމަށް. އޭރަށް އެ އާފަލު ހޯދުމަށް އައިލީން ކީއްކުރާނީ؟” މަޑުމައިތިރި ކަމާއެކު ކައުންސެލަރ ބުނެލިއެވެ.
“އެމީހާ ކައިރިއަށް ގޮސް ބުނާނީ އެއާފަލު ދޭން..” އައިލީން ބުންޏެވެ.
“އެހެންވީމަ ކާމިޔާބީއަކީ މާތްﷲ ދެއްވާ އެއްޗަކަށް ވީހިނދު އެކަމަށްއެދި މާތްﷲއަށް ދަންނަވަން ވާނެއެއްނު ދޯ.. އެއަށްފަހު ކިޔެވުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔައިގެން ދަސްކުރީމަ އިންޝާﷲ ކާމިޔާބު ލިބޭނެ. އެއްފަހަރު ކާމިޔާބު ނުލިބުނަސް ހިތްވަރު އެލުވާނުލާ އަނެއްކާވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ.” ކައުންސެލަރ ވާހަކަދެއްކިއެވެ. “މިސްއަށް އެނގޭ އައިލީންއަކީ ހިތްވަރުގަދަ ކުއްޖެއްކަން. ކީއްވެކަން އެނގޭތަ؟ އެއީ މިހުރިހާ އަހަރު ފެއިލްވި އިރުވެސް ހިތްވަރާއެކު އަނެއްކާވެސް ޖެހިގެން އަންނަ އަހަރު މުބާރާތާ ކުރިމަތިލާތީ.. އެކަމަކު، މިފަހަރު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލުކުރަންތަ؟”
“ލައްބަ. އަޅުގަނޑަށް ގަބޫލުކުރެވޭ އަޅުގަނޑަށް ރަނގަޅަށް ނޫންކަން ކަންތައް ކުރެވުނީ.” އިސްޖަހާލަމުން އައިލީން ބުނެލިއެވެ.
“މިގޮތަށް ކަންތައްކުރަން ކިހިނެއް ހިތަށްއެރީ؟ ކުއްޖަކު ބުނީތަ މިގޮތަށް ކަންތައްކުރަން؟” ކައުންސެލަރ އަހާލިއެވެ.
“ކާޓޫނެއްގައި ފެނުނީ. ދެން ހިތަށްއެރީ އެގޮތަށް ކަންތައް ކުރަން..” ދުރުބަލަމުން އައިލީން ބުންޏެވެ.
“ގިނަ ކާޓޫނާއި ފިލްމުތަކަކީ އަހަރެމެންގެ ސިކުނޑިތަކާއި ކުޅެލުމަށް ހަދާފައި ހުންނަ އެއްޗެހި. އެފަދަ އެއްޗެހި ނުބެލުމަކީ އެންމެ ރަނގަޅު ގޮތް. މާގިނައިން ކާޓޫން ބެލުމުގެ ސަބަބުން ސިއްހަތަށްވެސް ގެއްލުންވާކަން ސްކޫލުގައިވެސް ކިޔަވާފައި ހުންނާނީ ދޯ. އޭގެ އިތުރުން ބައެއްފަހަރު ކުދިންނާ ނުގުޅޭ މަންޒަރުތައްވެސް ދައްކާނެ. އެހެއްނު..” ކައުންސެލަރގެ ބަހަށް އައިލީން ބޯޖަހާލިއެވެ. “އޭގެ ބަދަލުގައި ދީނީ ކާޓޫންތަކާއި ވީޑިއޯތައް ބެލިދާނެ.”
“ދެން ފަހަރަކުން މުބާރާތަށް އައިލީން ކަންތައްކުރާނީ ކިހިނެއް؟” އަނެއްކާވެސް ކައުންސެލަރ ސުވާލުކޮށްލިއެވެ.
“ދެން މުބާރާތަކުން ކާމިޔާބު ދެއްވާތޯ އަޅުގަނޑު މިހާރުއްސުރެ ދުޢާ ކުރާނަން. އަދި ދަސްކުރަން ފެށުމުގެ ކުރިން އެކަމަށް ހާއްސަ ދުޢާ ކިޔާނަން. އެހެން އަހަރުތަކަށްވުރެ ބޮޑަށް މަސައްކަތް ކުރެވޭތޯވެސް މަސައްކަތްކުރާނަން.” އައިލީން ބުނެލިއެވެ.
“ވަރަށް ރަނގަޅު. ކޮންމެ ކުއްޖަކަށްވެސް މިސްޓޭކެއް ހެދިދާނެ. އެކަމަކު އޭގެ މާނައެއް ނޫން އެކަން ހިތުގައި ބާއްވައިގެން އެކަނިވެރިވެގެން އުޅޭށޭ. އޭގެ ބަދަލުގައި އެކުށަކަށް ތައުބާވެ އެފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައަޅަންވާނެ އެނގޭ.” ހިނިތުންވުމާއެކު މިފަހަރު އައިލީން ބޯޖަހާލިއެވެ.
ކައުންސެލިންގެ ގަޑި ނިންމާލުމަށްފަހު އައިލީން އެރޫމުން ނިކުތް އިރު އެހިތުގައި ވީ ވަރުގަދަ އަޒުމެކެވެ. މިފަހަރުގެ މުބާރާތުގައި އޭނާއަށް ވާދަކުރާނެ ފުރުސަތެއް ނުލިބުނަސް އަންނަ އަހަރުގެ މުބާރާތުގައި އޭނާ ބައިވެރިވެ، ހިތްމަތާއެކު މަސައްކަތްކޮށް ރަނގަޅު ކާމިޔާބެއް ހޯދުމުގެ ޢަޒުމެވެ.
-ނިމުނީ-
5 Comments!
Comments are closed.




Masha Allah
Story is amazing!! Keep going dear!
Thank You Aluu! 🙂
Yes keep going dear love ur stories my son is reading one right now 💙 😀
Yes keep going dear love ur stories my son is reading one right now 💙 😀
Keep going your stories are amazing and I love it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️