Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަލާ – 16

yunaa Level 1
July 20, 2023 15 Mins Read
2 Comments

“ވެލް ވެލް ވެލް..” ޔަލާގެ ޚިޔާލުގެ ކަނޑުން ބޭރުވީ ކުއްލިއަކަށް އިިމީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އިމީ އަކީ ޔުނިވާރސިޓީގައި ޔަލާ އާއި އެންމެ ނަފުރަތު ކުރާ ކުއްޖާއެވެ. ތެދަށް ބުނާނަމަ އިމީ ނަފުރަތު ނުކުރާ އެއްވެސް މީހަކު އެ ޔުނިވާސިޓީގައި ނޫޅޭނެއެެވެ. އިމީ އަކީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ވުމަކީ އެހެން މީހުން ދަށްކޮށްލުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް އޭނާ ދެކޭފަދައެވެ. “ލުކް ހޫޒް ބެކް ފްރޮމް ހާރ ލިޓިލް ޓްރިޕް..” ނުލަފާ ހިނިތުންވުމަކާއި އެކު އިމީ ޔަލާއާއި މުޚާތަބު ކުރިއެވެ. “އައި ޑިޑިންޓް ގޯ އެނީވެއަރ..” ޔަލާ އަށް ވައި އަޑުން މިހެން ބުނެވުނުއިރު ހަގީގަތުގައިވެސް އޭނައަށް ނޭވާލާން ދަތިވެއްޖެއެވެ. ދެއަތުން ބޮލުގައި ހިފައިގެން ހުރި ތެދުވަން ޔަލާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އަނދިރިވެ، ބިންމައްޗަށް ވެއްޓުނުއިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިއްކާއި އެކު ހީވަނީ އޭނާގެ ބޯ މީހަކު ވަޅިން ކަފާ ކުދި ކޮށްލިހެންނެވެ. “ޔަލްލްލް..” ޒެޝާ ދުވެފައި ކަހަލަގޮތަކަށް ޔަލާއާ ދިމާލަށް ދުއްވައިގަތް އަޑާއި އެކު ޔަލާގެ ހޭ ނެތިއްޖެއެވެ.
*******
ރޭގަނޑުގެ ހަމަ ހިމޭން ވަގުތުގައި ތަރިތައް ހާދަ ޗާލެވެ. ބުރު ހަމަ ނުވިޔަސް ހަނދުގެ އަލިކަމުން ކަނޑުގެ ލޮނުގަނޑު ވަނީ ދިއްލާލާފައެވެ. މަޑުމަޑުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑުން ހިތަށް ހަމަޖެހުން ގެނުވައިދެއެވެ. ހިތްގައިމު ރޯޅިތައް ގަސްތަކުގެ ފަތްތަކާއި ސަމާސާ ކޮށްލާފައި ދާއިރު ފަޒާއަށް ފިނިކަން ގެނުވައިދެއެވެ. މިފަދަ ހިތްފަސޭހަ ރެއެއްގައި އެކަނިން ގޮނޑުދޮށުގެ ރިހި ފަދައިން ވިދާ ވެލިގަނޑުގައި އިނުމަކީ މާޔޫސް ވާންޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން ހިތްހަމަޖެހިލައިގެން ގުދުރަތުގެ ޖާދޫގައި ޖެހިފައި އެހެން އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. ހޭވެރިކަން ވީ ކުއްލިއަކަށް ވެހެންފެށި ބޮޑުތިކި ވާރޭގެ އަމާޒަކަށް ވުމުންނެވެ. އަވަހަށް ތެދުވެ ފައިވާން އަތުން ހިފައިގެން ދުއްވައިގަނެވުނީ ހިޔާވާނެ ތަނަކަށް ދިއުމަށެވެ. ގައިގައި ހުރިބާރެއް ލާފައި ދުއްވައިގަނެގެން ގޮސް އެންމެ ފުރަތަމަ ޖެހުނު ގަހެއްގެ ދޮށުގައި މަޑުކޮށްލެވުނެވެ. އަދި ނޭވާ ހަމައަކަށް އެޅުމުވަށް މަސައްކަތް ފެށުނެވެ. ކުއްލިއަކަށް ނޭވާ ހިފަހައްޓާލެވުނީ ތަންކޮޅެއް ދުރުން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ވެހެމުންދިޔަ ވާރޭގައި އުފަލާއެކީގައި ސަކަރާތާއި މަޖަލުގައި އުޅެމުން ދިޔަ ދެ މީހުން އޭނާގެ ލޮލުގައި އަޅައިގަތެވެ. އަނދިރީގެ ސަބަބުން އެ އަންހެން ކުއްޖާގެ މޫނު ނުފެނުނަސް ކައިރީގައި ހުރި ފިރިހެން ކުއްޖާ އޭނާ އަކަށް ނޯޅޭނެއެވެ. އެއީ އޭނާގެ ލޯބިވެރިޔާއެވެ. އެތަކެއް ވައުދާއި ހުވާ ކުރި އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް އިޚްތިޔާރުކުރި މީހާއެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރި އާއި އެކު އެ އަންހެންކުއްޖާ ސިހިގެން ގޮސް އެ ފިރިހެން ކުއްޖާގެ ގައިގައި ބައްދައިގަތެވެ. އޭނާ އަށް ދެލޯމަރާލެވުނެވެ. “ޑޫޔޫ ގެޓް ޑޭޖާވޫ ވެން ޝީޒް ވިތް ޔޫ އޫ އޫ….” އޭނާގެ ހިތުގައި ހިފަހައްޓާލެވުނެވެ. އަދި ލޮލުން ފޭބި ހޫނު ކަރުނަތަށް ކޯތާފަތްމަތިން ދަތުރުކުރަމުން ދާ ހާލުގައި އޭނާ ގައިގައި ހުރި ބާރެއްލާފައި އެ ދެމީހުންނާއި ދިމާއަށް ދުއްވައިގަނެވުނެވެ. ގާތްގަނޑަކަށް ތިން ވަރަކަށް ފޫޓު ދުރުމިން އެމީހުންނާއި އޭނައާއި މެދުގައި ހުއްޓައި އޭނާގެ ފައިން ވާގި ދޫވެއްޖެއެވެ. އަދި ކުއްލިއަކަށް ބޯދުންގަނޑަކުން މުޅިތަން ފުރާލައިފިއެވެ. އެއްވެސް ތަނެއް ލޮލަކަށް ނުފެނެއެވެ. ގައިގައި ހިރިލާނެހާ ވަރެއް ނެތެވެ. “ޔަލްލް.. ޔަލް .. ” ފަނޑު އަޑަކުން މީހަކު ގޮވަމުންދިޔަ އަޑުއިވުނެވެ.
ލޯ ހުޅުވާލަން މަސައްކަތް ކުރަމުންދިޔަ އިރު ކައިރީގައި އިން ޒެޝާގެ ކަންބޮޑުވެފައިވާ އަޑު އޭނާއަށް އިވެމުން ދިޔައެވެ. ވަރަށް މަސައްކަތުން ދެލޯހުޅުވާލެވުނު އިރު އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ ޒެޝާގެ ކަރުނައިން ފުރިފައިވާ ދެލޮލެވެ. އެ ރީތި ދެލޯ ވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެންނަން ހުއްޓެވެ. ޔަލާ ދެލޯހުޅުވާލިތަން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަސް އަވަހަށް ޑޮކްޓަރެއް ގެނައުމަށް މިސްރާބުޖެހިއެވެ.
ޔަލާގެ ސިކުނޑީގައި ވަނީ ދެންމެ ފެނުނު ހުވަފެނެވެ. އޭގެ މާނަ އަކީ ކޮބައިހެއްޔެވެ؟ އޭނާގެ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއިއެކުގައި ހިތަށް ކުޑަލޮޅުމެއް އެރި ކަހަލައެވެ. މަޑުމަޑުން އައިވީ ގުޅާފައިވާ އޭނާގެ އަތް ހިއްލާލައި، އޭނާގެ ހިތުގައި އަތް ބާއްވައިލެވުނެވެ. އިތުރަށް އެއްޗެއް ވިސްނާނެ ފުރުސަތު ނުދީ ، ޑޮކްޓަރު އައިސް އޭނާ ޗެކު ކުރިއެވެ. އަދި މިރޭ އޭނާ ގެއަށް ފޮނުވާލެވޭނެ ވާހަކަ ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
“ޒެޝް..” ޔަލާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އަޑު ބެދިފައިވުމުން އެކަން ވާގޮތެއް ނުވިއެވެ. އެހެންކަމުން އެތާ ކައިރީގައި ހުރި ފެންފުޅިއަކަށް އަތް ދިއްކޮށްލެވުނެވެ. ޒެޝާ އަވަސް އަވަހަށް އެ ފެންފުޅި ގެނެސް ޔަލާ އަށް ފެން ދިނެވެ. އަދި މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީނނެވެ. “ޒެޝް..” ޔަލާ ވާހަކަ ދައްކަންފެށިއެވެ. ” ޔަލް އަށް ކިހިނެއްވީ އަސްލު؟” ވަރަށް މަސައްކަތް ކޮށްފައި ޔަލާ ބުންޏެވެ. “ޒެޝާ އިސްދަށަށް ޖެހިއެވެ. އަދި ޔަލާގެ އައިވީ ގުޅާފައިވާ އަތުގައި ހިފަހައްޓާލަމުން ފިރުމާލިއެެވެ. “ޒެޝް. ޕްލީޒް..” ޔަލާ މަޑުމަޑުން ބުންޏެވެ. “ވެލް. ޔަލް.. ޔޫ ވެންޓް އިންޓު އެ ކޯމާ..” ޒެޝާ މަޑުމަޑުން ބުންޏެވެ. ޔަލާ އަށް ހީވީ އޭނާގެ ދުނިޔެ އެނބުރުން ހެނެވެ. “މައި އެގްޒާމް…” ޔަލާ އަށް ބުނެވުނެވެ. އޭނާ އަށް މިކަން ވީ އިރެއް ނޭނގޭކަން އިނގުމުން ޒެޝާ ހިތްވަރުކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާއަށް އިނގޭ މިންވަރުންނެވެ. ޔަލާއަށް ދެލޯމަރާލެވުނެވެ. ވީ ހުރިހާކަމެއް އޭނާއަށް ހަނދާން ނުވި ނަމަވެސް ޒެޝާ އޭނައަށް ދޮގު ނުހަދާނެކަން އޭނާއަށް ޔަގީންވެއެވެ. އެހެންކަމުން އެ ވާހަކަ ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް ގަބޫލުކުރަން މަޖުބޫރުވިއެވެ. އޭނާގެ ހިތުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ލޮލުން ފައިބައިގަތް ކަރުނަތައް އޭނާ ބޯއަޅައިގެން އޮތް ހުދުކުލައިގެ ބާލީހުގެ ތެރެއަށް ޣައިބުވެގެން ދެއެވެ. ޒެޝާ އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ޔަލާގެ އަތުގައި މަޑުމަޑުން ހިފަހައްޓާލައިގެން އިނދެ ހުރިހާކަމެއް ވެސް ރަނގަޅުވާނެ ކަމަށް ބުނަމުންދިޔައެވެ.
މަޑުމަޑުން ދޮރުގައި ޓަކި ޖަހައިލުމަށްފަހުގައި ކޮޓަރީގެ ތެރެއަށް ވަދެގެން އައީ މުއާންއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އޭނާ ގެނައި، ލިލީމަލުގެ ކުޑަ މާބޮނޑި ޔަލާގެ އަތަށް ދިނެވެ. އަދި ގެޓްވެލް ސޫން އޭ ބުނެލިއެވެ. އަދި ސޮރީ އޭ ބުނެލަމުން ގޮސް ޒެޝާގެ ކައިރީގައި ހުއްޓިލިއެވެ. ޒެޝާ ވައްކަޅިން މުއާން އާއި ދިމާލަށް ބަލައިލަމުން އޭނަ އާއެކުގައި ބޭރރަށް ދިއުމަށް ބުންޏެވެ. އަދި ޔަލާ ކައިރީގައި އެބަ އަންނަމޭ ބުނެ، ބޭރަށް ހިނގައިގަތެވެ.
“ހައި.. އައިމް މުއާން..” މުއާން ސަލާންކޮށްލުމަށް އަތް ދިއްކޮށްލަމުން ތައާރަފުވެލިއެވެ. ޒެޝާ ހިތި ހިނިތުންވުމަކާއިއެކުގައި މުއާން އާދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. “ޒެޝާ.. ނައިސް ޓު މީޓް ޔޫ.. ” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މުއާންގެ އަތުގައި ހިފައި ސަލާންކޮށްލަމުން ޒެޝާ ބުންޏެވެ. “ހައި ޒެ..” “ތިޔަކީ ޔަލް ގެ ކާކު؟” މުއާން ދައްކަން މަސައްކަތް ކުރި ވާހަކަ މެދުކަނޑާލަމުން ޒެޝާ ސުވާލު ކުރިއެވެ. “އައިމް.. އައި ވޮޒް.. ޔަލް ގެ ކްލާސްމޭޓް އެއް.. ދެން މިކޮޅަށް އައި ފްލައިޓުގަ ސީޓްމޭޓް..” ޒެޝާގެ އަމަލުތަކުން ކުޑަކޮށް ސިހިފައި ހުރެނަމަވެސް މުއާން ޖަވާބުދިނެވެ. “އައިމް ރިއަލީ ސޮރީ އިއްޔެ ޔަލް އަށް އެ ވާހަކަ ކިޔައިދެވުނީމަ.. އައި ޑިޑިންޓް ނޯ.. އައި ފީލް ރިއަލީ ބޭޑް..” މުއާން އިސްދަށަށް ޖަހައިލަމުން މަޢާފަށް އެދުނެވެ. “ޔޫ ޝުޑް..” ޒެޝާ ހިތާހިތުން ބުނެލިއެވެ. އަދި މުއާންއާއި ދިމާލަށް ހީލަމުން ގޮސް ޔަލާ އޮތް ކޮޓަރިއަށް ވަނެވެ. މުއާން އަށް އެތެރެއަށް ވަންނަން ނުކެރިހުރެ ގެއަށް ދިއުމަށްޓަކައި ޓެކްސީ އެއް ހޯދުމަށް މަސައްކަތް ކުރަން ފެށިއެވެ. އެވަގުުތު ހޮސްޕިޓަލުގެ ކުރިމައްޗަށް މަޑުކޮއްލި ޓެކްސީއިން ފޭބި ފިރިހެން ކުއްޖާއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ދަންނަ ކުއްޖަކާއި ވައްތަރުވުމުން ބަލަހައްޓައިގެން ހުރެވުނެެވެ. ނަމަވެސް އޭނާ ފެންނަކަމަށްވެސް ނުހަދާލާ ދިއުމުން އޭނާ ވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި އެ ޓެކްސީ މަޑުކުރުވައި އެއަށް އަރައިގެން އޭނާގެ ޑޯރމް އަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ލަައިގެން ހުރި ކަޅުކުލައިގެ، ރީތިވަރަަށް ދޫކޮށް ހުރި ޖިންސުގެ ޖީބަށް އެއް އަތް ޖަހާލަމުން އަނެއް އަތުން ކަރުގައި އަޅާފައިވާ ރިހި ކުލައިގެ ފަށް ރަނގަޅުކޮށްލިއެވެ. ހޮސްޕިޓަލް ތެރެއަށް ވަންނަމުން، އޭނާގެ ދެލޯ ފަރުދާ ކުރަމުން ދިޔަ ކަޅުކުލައިގެ އަވި އައިނު ނަގައި އިސްތަށިގަނޑުގެ ތެރެއަށް މަހައިލިއެވެ. ޖެހިލި ދެތިން ވައިރޯޅިއެއް އޭނާ ލައިގެން ހުރި ހުދުކުލައިގެ ޕްލެއިން ޓީޝާޓުގައި ގައިގައި ބީހިލާފައި ދިޔައިރު އޭނާގެ ފިރިހެންވަންތަ ހަށިގަނޑުގެ ބައްޓަން ދައްކުވާލިއެވެ. އަރައިގެން ހުރި ނައިކީ ބޫޓުގައި ލުއި ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނާ ހުއްޓިލީ ބަލިމީހުން ބާއްވާ ‘ވޯޑެއް’ ގެ ކުރިމަތީގައެވެ. އަދި ފުންނޭވާއެއް ލުމަށްފަހު މޫނުމަތީގައި ހުރި ސީރިއަސް ކަން ފިލުވާލައި މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދި މަޑުމަޑުން އެތެރެއަށް ވަނެވެ. “ސަޕްރައިޒް!!” ވަރުބަލި ކަމާއި އެކު ހޮސްޕިޓަލް އެނދުގައި އޮށޯވެލައިގެން އޮތް އަންހެން ކުއްޖާގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެއާ އެކު އެކުއްޖާގެ ލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އަދި އެއަޑުގެ ވެރިމީހާ ފެނުމުން އެކުއްޖާގެ ކުލަގެއްލިފައިވާ، ނަމަވެސް ހިތްގައިމު ދެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހުދުވެފައިވާ އެ މޫނުމައްޗަށް އާރޯކަމެއް ލިބިގެން ދިޔަކަހަލައެވެ. “ލޫކް..!” އެ އަންހެން ކުއްޖާގެ ދުޅަވެ، ލޭއަރާފައިވާ ދެލޮލުން ދިރުމެއް ފެނިގެން ދިޔައެވެ. އެ އަޑުގައި އިންތިހާ އުފާވެރިކަން އެކުލެވިފައިވެއެވެ. “ޔެސް ސަންޝައިން.. އައިމް ހިއަރ..” އަލޫކް އެ އަންހެން ކުއްޖާގެ ގައިގައި ބައްދާލިއެވެ. އަދި ދުރުވެލީ އެނިއްކުރިއަށް ބޮސްދެމުންނެވެ. “އޯނ ބެއިބީ ޑޯންޓް ކްރައި..” އެ އަންހެން ކުއްޖާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އަލޫކް ވާހަކަ ދެއްކިއެވެ. “ބެއިބީ. އައިމް ..” ގިސްލެވެމުން ދިޔަހެން އޭނާގެ ވާހަކަ މަޑުޖެހެމުން ދިޔަނަމަވެސް އެ ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުފައިބައެވެ. “ބެއިބީ.. އައިމް ސޯ ސޮރީ.. އައި ވޮނަ ބީ ވިތް ޔޫ..” އަލޫކް އިސްދަށަށް ޖަހައިލަމުން އެ އަންހެން ކުއްޖާގެ އައިވީ ގުޅާފައިވާ އަތުގައި ހިފައި ފިރުމާލިއެވެ. އަދި ތިރިވެލައި އެ އަތްތިލައަށް ބޮސްދިނެވެ. އަލޫކްގެ ބަސްތައް އިވިފައި އެ އަންހެން ކުއްޖާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވި ކަހަލައެވެ. އޭނާގެ އެންމެ ލޯބިވާ މީހާއާއި ބައްދަލުވީއެވެ. އޭނާގެ ފުރާނަވެސް އެމީހަކަށް ގުރުބާން ކުރަން ތައްޔާރަށް ހުރި މީހާ މިއަދު އޭނާގެ އަތުގައި ހިފައިގެން އޭނދީ އޭނާގެ ކައިރީގައެވެ. އޭނާގެ ހިތް އުފަލުން ނަށަމުން ދެއެވެ. މުޅި ހަށިގަނޑު ތެރޭގައި ހީވަނީ ކަރަންޓުގެ އޮއިވަރެއް ދުވަމުން ދާހެނެވެ. “ކާމް ޑައުން މަލް،.. ކާމް ޑައުން..” މަލާ ހިތާހިތުން ކިޔާލިއެވެ. އޭނާ އެ އެނދުގައި ، ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލާއި، ލޭ އޮހޮރެމުން ދާތީ ބެންޑޭޖް ކޮށްފައިވާ އަތާއި، އެކު އޮންނަން ޖެހުނު ސަބަބަކީ އަލޫކް ކަމެއް އެވަގުތު އޭނާ ހަނދާނެއް ނެތެވެ. ހަމައެކަނި ބޭނުންވީ އަލޫކް ގެ އަތުތެރޭގައި އަބަދުވެސް އެގޮތަށް އޮވެލުމަށެވެ. “މިސް މަލާ..” އެތެރެއަށް ވަދެގެން އައި ޑޮކްޓަރުގެ އަޑުން އޭނާގެ ދެލޯ ހުޅުވިގެން ދިޔައެވެ. އޭރުވެސް އަލޫކް އޭނާގެ އަތުގައި ހިފަހައްޓާލައިގެން އެއިން ގޮތަށް އިނެވެ. ނަމަވެސް ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް މަލާގެ އަތުން ދޫކޮށްލައި އިރުކޮޅަކަށް ދުރަށް ޖެހިލިއެވެ. ޑޮކްޓަރު ނިކުމެގެން ދަމުން އަލޫކް އަށް ގޮވައިލިއެވެ. އެހެންކަމުން ޑޮކްޓަރާއި އެކު އޭނާ ބޭރަށް ހިނގައިގަތެވެ. ބޭރަށް ނިކުމެވުމުން ޑޮކްޓަރު ވާހަކަ ދައްކަން ފެށިއެވެ. “އާރ ޔޫ ހާރ ރިލޭޓިވް؟” “ނޯ. އައިމް ހަރ ބޯއިފްރެންޑް..” އަލޫކް ބުންޏެވެ. ” އޯހ.. އިޒް ޔުއަރ ނޭމް ލޫކް..؟ ޑޫ ޔޫ ނޯ ވަޓް ހެޕެންޑް ޓު ހާރ.. ” ޑޮކްޓަރުގެ މި ސުވާލުން އަލޫކް ގެ ހިތް ނުތަނަވަސް ވެގެން ދިޔައީ ކީއްވެ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. “މައި ނޭމް އިޒް އަލޫކް.. ލޫކް ފޮރ ޝޯރޓް.. ވަޓް ހެޕެންޑް ޓު ހާރ.. ހައު ޑޫ ޔޫ ނޯ މައި ނޭމް..” އަލޫކް އަށް ސިހުމެއްގެ ތެރޭގައި އަހާލެވުނެވެ. “ވެލް އަލޫކް..” ޑޮކްޓަރުގެ އަނގައިން ދެން ނިކުތް ކޮންމެ ބަހަކީ އޭނާއަށް ނޭނގޭ ކަމެއް ކަމަށް ހަދަން އޭނާއަށް މަޖުބޫރުވިއެވެ. މަލާ ހޮސްޕިޓަލަށް ގެނެވުނީ ރޭގެ ވަގުތެއްގައި އޭނާގެ ރޫމްމޭޓް ގެ އެހީއާ އެކުގައެވެ. އޭނާގެ ރޫމްމޭޓަށް މަލާ ފެނުނީ ގިނަ އަދަދެއްގެ ބޭސްތަކެއް ކައިގެން އޯވަރޑޯޒް ވުމުގެ ސަބަބުން ކޮޓަރިއަށް ވެއްޓިފައި އޮއްވައެވެ. އޭރު އޭނާގެ އަތުން ހުއްޓުމެއް ނެތި ލޭއަންނަމުން ދެއެވެ. ހޮސްޕިޓަލަށް ގެނެސް ހޭ އެރިފަހުން ރޮމުން ގެންދަނީ “ލޫކް” އޭ ކިޔާލަ ކިޔާލައި އޮވެއެވެ. އިންޖެކްޝަންއެއް ޖަހައިގެން ނިންދެވިކަމުގައިވިޔަސް ނުކާތީ އެހަށިގަނޑުގައި މާ ގިނަ ހަކަތައެެއް ނެތެވެ. “ވަޓް ޔޫ ޑިޑް ޓު ހަރ އިޒް ރިއަލީ ބޭޑް ދެޓް ޝީ ހޭޑް ޓު ޑޫ ދިސް ޓު ހާރ ސެލްފް.. ޓްރައި ޓު ވޯރކް އިޓް އައުޓް ..” އަލޫކް ގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު އޭނާއާ ދުރަށް ހިނގައިގަތެވެ. އަލޫކް ހޮސްޕިޓަލުން ނިކުމެ ފިހާރަޔަކާއި ދިމާލަށް ހިނގައިގަތީ މަލާއަށް ކާއެއްޗެއް ގަނެދިނުމަށް ގަސްތުކޮށްގެންނެވެ.
ހަލަބޮލި ފިހާރަތެރޭގައި ހިނގަމުންދިޔައިރު އަލޫކްގެ ސިކުނޑީގައި ޚިޔާލުތައް ތޮއްޖެހިފައިވެއެވެ. އެއް އަތުން ޒީނާއަށް ގަނެދީފައިވާ އެއްޗެހި ކޮތަޅަކަށް ލައިގެން ހިފައިގެން ހުރިއިރު އަނެއް އަތުގައި ކުޑަވަރެއްގެ ޖޫސް ޕެކެޓެއް ވެއެވެ. ވަށައިގެން ދާ މީހުންނަށް މާބޮޑު ސަމާލު ކަމެއް ނުދީ ހިނގަމުން ގޮސް ރުފިޔާ ދެއްކުމަށް ހަދާފައިވާ ކިއުގައި ހުއްޓުނެވެ. އޭނާގެ ކުރިމަތީގައި ހުރި ކުއްޖާގެ ކޮތަޅުން އެއްޗެއް ބިންމައްޗަށް ވެއްޓިފައިވާ ތަން ފެނުމުންް އަލޫކް އަވަސްއަވަހަށް ބިންމަތިން އެ ނަގައި އެކުއްޖާގެ ކޮނޑުގައި މަޑުމަޑުން ކޮއްޓާލީ އޭނާގެ ސަމާލުކަން ހޯދުމަށްޓަކައެވެ. ސިހިފައި ފަހަތަށް އެނބުރި ބަލާލި ޒެޝާ އަވަސް އަވަހަށް އެ ނަގައި ރުފިޔާ ދެއްކުމަށް އަވަސްވެގަތެވެ. އަދި ނިންމާލާފައި ދަމުން ޝުކުރިއްޔާއޭ ބުނެލާފައި ކުޑަ ހިނިތުންވުމެއް ހަދިޔާކޮށްލާފައި ދިޔައެވެ. ނަމަވެސް އަލޫކް އަށް ޒެޝާގެ ދެކޮލަށް އެޅުނު އަޑިކޮޅާހެދި މޮޔައެއް ނުވެއެވެ. އެ ރީތި ދެލޮލުގައި ޖެހި މަސްތީ ކަނޑަކަށް ޣަރަނބެއް ވެސް ނުވެއެވެ. އޭނާގެ ހިތުގައި އަދިވެސް ވަނީ ޔަލާގެ ސޫރައެވެ. އެ ބޮޑު ދެލޮލާއި މަސްތުވީ ދެތުންފަތުން އޭނާގެ ހިތް ކަތިލައެވެ. އެ ޗާލު އިސްތަށިގަނޑުގެ ވެރި ރާނީގެ ކައިރީގައި އެންމެ ހިނދުކޮޅަކު ހުރެލުމުންވެސް އޭނާގެ ހިތް ފުރިދާނެއެވެ. ނަމަވެސް އެ ފުރުސަތު ހޯދުމަށްޓަކައި ކުރަންޖެހިފައި ވާ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެހެނަސް އަލޫކްގެ ފަރުވާލެއް ނެތެވެ. ކޮންމެފަދަ ކަމެއްކޮއްގެން ވެސް ޔަލާ އެއީ އޭނާގެ މީހަކަށް ހަދަން އޭނާ ބޭނުމެވެ.

ކޮޓަރީގައި މާބޮޑު އަލިކަމެއް ނެތެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުން ރޭގަނޑުގެ ހިމޭންކަމުން ދިރުން ހޯދަމުން އަންނަ ފިނި ވައިރޯޅިތައް ކޮޓަރިތެރެ ފިނިކޮށްދެމުންދިޔަނަމަވެސް އޭނާގެ މޫނުމަތިން ހިއްލާފައިވާ ދާތިކިތައް ސިކުންތަކަށްފަހު ސިކުންތެއް އިތުރު ވަމުން ދެއެވެ. ސްޓަޑީޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިންއިރު އޭނާގެ އެއްފައި ހުއްޓުމެއްނެތި ހަރަކާތް ކުރަމުންދަނީ ކޮންމެސް ކަމަކާ ކަންބޮޑުވެފައިވާކަން އަންގައިދެމުންނެވެ. މަޑުމަޑުން އޭނާ ލޯމަރާލީ އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށްޓަކައެވެ. އަދި ފޯނުގެ އެއްއަރިމައްޗަށް ފިތާލައި ޖަހައިގެން ހުރި ލަވައިގެ އަޑު ގަދަކޮށްލީ އޭނާގެ ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ މަތިން ހަނދާންނައްތާލެވޭތޯއެވެ. “ޒެންންން..” ކުއްލިއަކަށް އޭނާގެ ނަމުން މީހަކު ގޮވާލާހެން ހީވުމުން ދެލޯހުޅުވައިލިއެވެ. އެހެންނަމަވެސް އަނދިރިކަމުގެތެރެއިން އައި ވައިރޯޅިއެއްހެން އެ އިހުސާސްތައް ހިނގައްޖެއެވެ. އިސްދަށަށް ޖަހާލަމުން ޒެއިން މަޑުމަޑުން އިސްޖަހާލައި މޫނު ފޮރުވައިލިއެވެ.

މެންދުރުގެ ވަގުތެވެ. އުޑުމަތީގައި އިރު އަނދަމުން ދިޔައިރު އޭގެ ހޫނުން ސަލާމަތް ވުމަށްޓަކައި މީހުން އެކި މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ވިޝާލް އުޅެނީ އަތިރިމަތީގައި ހުރި ރުކަކަށް އަރައި ކުރުނބާއެއް އެޅުމުގެ މަސައްކަތުގައެވެ. އިނާ ރުއްދޮށުގައި ހުރެގެން ވިޝާލް އާއި އިރު އިރުކޮޅާ ދިމާކޮށްލައެވެ. ވިޝާލްއަށް އިނާގެ އެ ޖާދުވީ ހިނިތުންވުން ފެނުމުން އެ ރުކުން ވެސް ވެއްޓިދާނެހެން ހީވާފަހަރުވެސް އާނދެއެވެ. އިރުކޮޅެއްފަހުން ދެތިން ކުރުނބާ ވައްޓާލުމަށްފަހު ވިޝާލް ތިރިއަށް ފޭބިއެވެ. އަދި ސަމާސާ މިޒާޖެއްގައި އިނާގެ އެ ރީތި އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އަދި ބޮޑު ހިރުނދުގަހެއްގެ ހިޔަލުގައި ފަތުރާފައިވާ ފޮތިގަނޑުގެ ކައިރިއަށްގޮސް އިށީނެވެ. އެ ދެމީހުން ވާހަކައަށް ގެއްލިފައި ތިބެ ކުރުނބާ ބޮމުން ގެންދިޔައެވެ. އެ ފޮތިގަނޑުމަތީގައި ކުޑަ އައިސްކްރީމް ދެ ތައްޓާއި ފްރުޓް ސެލެޑެއް އަދި އައިސް ފެންފުޅިއެއް ހުއްޓެވެ. ކުއްލިއަކަށް އިނާގެ ފޯނު ރިންގުވާން ފެށުމުން އެދެމީހުން ހުނުން ހުއްޓާލައި ފޯނަށް ނަޒަރު ހިންގައިލިއެވެ. ފޯނުގެ ސްކްރީނުން ޒެޝާގެ ނަމްބަރު ފެނުމުން އިނާ ބޯން އިން ކުރުނބާ ބަހައްޓާފައި އަވަސް އަވަހަށް ފޯނުނެގިއެވެ. “ޒެޝް.. ޔަލް ކިހިނެއް؟.” އިނާ ކަންބޮޑުވުމާއިއެކު އަހައިލިއެވެ. މިއީ އިނާ، ޒެޝާއަށް ޔަލާގެ ހާލަތު ބުނެދިނުމަށް ޒެޝާއާއި ވާހަކަ ދެއްކިފަހުން ވާހަކަ ދެކެވޭ ފުރަތަމަ ފަހަރެެވެ. އެހެންކަމުން ޒެޝާ އިނާއަށް ޔަލާއަށް ދިމާވި ހުރިހާ ކަމެއްގެ ވާހަކަ ކިޔަިދީފިއެވެ. ނަމަވެސް އިނާ އެންމެ ކަންބޮޑުވީ ޔަލާއަށް ހުރިހާ ކަމެއް ކިޔައިދިން ވާހަކަ ޒެޝާ ބުނުމުންނެވެ. “ހައު ޑިޑް ޝީ ރިއެކްޓް؟” އިނާ އަށް އަހާލެވުނެވެ. “ވެލް ނޮޓް ބޭޑް. އެޓްލީސްޓް ނުވެއް ދައްކަ އެކަމެއް. މަ ނުކިޔައިދެން އެހާ ޑީޓެއިލް ކޮށެއް. އިނާމެން އޭނަ އާ ވާހަކަ ދައްކާލަން ފެންނަނި..” ޒެޝާ ކިޔައިދިނެވެ. އިނާ ، ޔަލާ އަތަށް ފޯނު ދިނުމަށް އެދުނެވެ. ނަމަވެސް އެއީ ޒެޝާ ފެންވަރާލުމަށް ގެއަށް އައި ވަގުތު ކަމުން ހޮސްޕިޓަލަށް ގޮސްފައި ގުޅާނެ ކަމަށް ބުނެ ވާހަކަ ކުރުކޮށްލައިފިއެވެ.
ޒެޝާ ފެންވެރުމަށްފަހު ނިކުމެ ކްރީމް ކުލައިގެ ކާރގޯ ޕޭންޓްސް އާ މަސްޓާރޑް ޔެލޯ ކުލައިގެ ޓޮޕު ކޮޅެއް ލިއެވެ. އެއަށްފަހު ބޮލުގައި ފުނާއަޅާލައި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. ކުޑަ ސެންޓުކޮޅެއް ބުރުވާލުމަށްފަހު ނިކުމެ މަޑުކޮށްލީ ޓެކްސީއެއް ލިބޭތޯއެވެ. އެވަގުތު ޒެޝާއަށް ފެނުނީ މިއަދު މޯލް ތެރެއިން އޭނާއަށް ފެނުނު ފިރެހެން ކުއްޖާއެވެ. ފިރިހެންވަންތަ ގޮތަކަށް ހިނގާލާފައި އައިސް ޒެޝާ ހުރި ހިސާބުގައި މަޑުކޮށްލައިފިއެވެ. “ހ- ހޭއި.. ޔުއާރ ދަ ވަން ފްރޮމް ދަ މޯލް ޓުޑޭ..؟” ޔަގީންކޮށްލުމަށް ކަހަލަ ގޮތަކަށް ޒެޝާ ބުނެލިއެވެ. “ޔާހް.. ލޫކް. އަލޫކް. ނައިސް ޓު މީޓް ޔޫ..” އަޅައިގެން ހުރި އަވިއައިނު ހިއްލާލުމަށްފަހު ހިނިތުންވެލަމުން ޒެޝާއާއި ސަލާމް ކޮށްލުމަށް އަތްދިއްކޮށްލިއެވެ. “ޒެޝާ.. ނައިސް ޓު މީޓް ޔޫ.. އެންޑް ތޭންކްސް މިއަދު..” ޒެޝާ ހިނިތުންވެލަމުން ބުންޏެވެ. ޖަވާބުގައި އަލޫކް ހީލަމުން ބޯޖަހާލިއެވެ.ދެމީހުން ވާހަކަ ދައްކަން ތިއްބައި އެހެންލާފައި ދިޔަ ޓެކްސީއަކަށް ޒެޝާ ހަނާ އަޅާލުމުން މަޑުމަޑުން އެމީހުންނާއި ދިމާއަށް އައެވެ. އަލޫކްވެސް ދަނީ އެ ހޮސްޕިޓަލަށްކަން އެނގުމުން ދެމީހުން އެކުގައި ޓެކްސީއަށް އެރިއެވެ. “ފެމިލީ މީހެއްތަ؟” އަލޫކް އަހާލިއެވެ. “..” “އަމް.. ހޮސްޕިޓަލުގައި؟” ޒެޝާއަށް އޭނާ ބުނި އެއްޗެއް ނޭނގުމުން އަލޫކް، ސުވާލު ފުރިހަމަ ކޮށްލިއެެވެ. ” އޯހް.. ނޫން.. އެއީ ފްރެންޑެއް. ޔުނިވާރސިޓީއިން.. ކުޑަ އެކްސިޑެންޓެއްވެގެން..” ޒެޝާ ޖަވާބުދިނެވެ. “މްމް..” އަލޫކް ހީލިއެވެ. “އަލޫކް އޯ؟ ފްރެންޑެއްތަ؟..” ޒެޝާ އަލޫކްއާދިމާ ބަލާލަމުން އެހިއެވެ. ” އަމް. ނޫން.. އިޓްސް މައި ޖީއެފް.. ކުޑަ އެކްސިޑެންޓެއްވެގެން..” އަލޫކް ޖަވާބުދިންއިރު އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުމުން އެއްޗެއް ދޭހަކުރުން ފަސޭއެއް ނޫނެވެ.
ހޮސްޕިޓަލަށް އާދެވުމުން ޓެކްސީއިން ނިކުމެ ދެމީހުން އެކުގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ވާރޑް8 ގައި ޔަލާ އޮތުމުން އެހިސާބުންފެށިގެން އަލޫކް ކުރިއަށް ދިޔައީ އެކަންޏެެވެ. 13ވަނަ ވާރޑްއަށް ވަދެ އެނދުކައިރީގައި އިށީން އިރު މަލާ އޮތީ ނިދާފައެވެ. އެހެންކަމުން މަލާގެ އަތުގައި ހިފައިގެން އިނދެ މަޑުމަޑުން ފިރުމަންފެށިއެވެ. އަދި ވިސްނުމެއްގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ. ދެން ހޭވެރިކަމެއްވީ މަޑުމަޑުން މަލާ އޭނާގެ ނަމުން ގޮވާ އަޑު އިވުމުންނެވެ. އެހެންކަމުން އެޚިޔާލުތަކުން އެކުގައި ދުރުވެލުމަށްޓަކައި އޭނާ، މަލާއަށް ކާންލަވަންފެށީ އޭނާ އަންނަދެން މަލާ ކާން އިންކާރު ކުރުމުންނެވެ. ސަމުސަލަކުން ވަރަށް ފަރުވާތެރިކަމާއެކު އަލޫކް، މަލާގެ އަނގައަށް ‘ކޮންޖީ’ ލަވަމުންދިޔައިރު ކަޅިޖަހާވެސް ނުލައި ލޯބިވެތި ނަޒަރަކުން މަލާ، އޭނާގެ ކޮންމެ ހަރަކާތެއް ބަލަންއިނީ ޝައުޤުވެރިކަމާއެކުގައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު އޭނާއަށް ގަބޫލުކުރަން ދަތިވަނީ ކަހަލައެވެ. ޖަހައިލާއެންމެ އެސްފިޔައަކާއި އެކުގައި މި ރީތި ހުވަފެނުން ހޭލެވިދާނެހެން އޭނާއަށް ހީވާފަދައެވެ. އަލޫކްގެ ޖާދުވީ ދެލޮލާއި އެ ރީތި އިސްތަށިގަނޑަށް ދަންދެން މަލާއަށް ޢައިބެއް ހޯދަން އުޅުނަސް ނުފެނެއެވެ. ދެތިން ދުވަހު ކުރިން އަލޫކްގެ މަތިން ހަނދާން ނައްތާލަން އަޒުމު ކަނޑައަޅައިގެން އޭނާގެ ސިފަތަކަށް ކިޔުނު ބަސްތަކަށް މިހާރު އޭނާ ދެރަވެއެވެ. އޭނާގެ އަލޫކް އަކީ އެންމެ ފުރިހަމަ އިންސާނާއެވެ. މަލާ ހިނިތުންވެލިއެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވުމުގެ އުފަލުންނެވެ. އަލޫކްއަކީ އޭނާގެ މީހެކެވެ. އެހެން އަންހެންކުދިން އޭނާ ބޭނުންވެގެން އުޅޭއިރުވެސް މަލާގެ ކައިރިއަށް އަލޫކްއެއައީ އޭނާއަށްޓަކައި ކޮންމެވެސް އިހުސާސްތަކެއް ހުރެގެންކަން ޔަގީނެވެ. އެއީ ކިތަންމެ ކުޑަ އިހުސާސްކޮޅަކަށްވިޔަސް ކަށިން ހިތްވަރުނެރެގެންވެސް އެ އިހުސާސްތައް ނެތިދިޔަ ނުދޭނެތެވެ. އަލޫކް ގެއްލުމަށްވުރެ އަމިއްލަ ފުރާނަ ގެއްލުންވެސް އޭނާއަށް މާ ރަނގަޅެވެ.
“ހާއި ޔަލްލް..” ހޮސްޕިޓަލު އެނދު މަތީގައި އިށީނދެލައިގެން އިން ޔަލާއާއި، އިނާ ވާހަކަދައްކަމުންދިޔައީ ވީޑިއޯ ކޯލުންނެވެ. ޔަލާގެ މޫނުމަތީގައި އުދާސްކަމާއި ނުތަނަވަސްކަން ވެއެވެ. “އިނާ.. ޒެޝް.. ޒެޝް ދޮގުހަދަނީ ދޯ ޔަލް އަށް.. ބުނެބަ ޒެން ކައިރީގަ ފެންނާށޭ.. އެބަހުއްޓެއްނު ތިތާގަ.. ޕްލީޒް އިނާ..” ޔަލާ ވާހަކަ ދައްކަމުންދިޔައިރު އޭނާގެ ލޮލުން ކަރުނަ އޮހޮރެމުންދެއެވެ. އިނާ ހިތްދަތިކަމާއިއެކު އިސްޖަހާލިއެވެ. ޔަލާގެ ލޮލުގައިވާ ކެތްމަދުކަމާއި ނުތަނަވަސްކަން ފެނި އޭނާގެ ހިތަށްވެސް ތަދުވެއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެފަދަ ހާލެއްގައި ހުރުމުން އެފަދަގޮތެއް ނުވާނީ ކިހިނެއްހެއްޔެވެ. “ޔަލް.. އައިމް ސޮރީ.. އެކަމް ޒެން އެއް ނެތޭ މިކޮޅުގަ..” އުނދަގުލުން އިނާ ބުނެލިއެވެ. “ކީއްވެތަ އިނާ.. ކީއްވެތަ ޒެން ދިޔައީ.. ކީއްވެތަ އެއްވެސް ކަމެއް ޔަލް ހަނދާން ނުވަނީ.. އައި ކާންޓް.. ޑޫ ދިސް.. ޔަލް އަށް ކަމެއްކުރެވުނީމަތަ ޒެން ދިޔައީ.. އިނާ ބުނެބަ އަންނާށޭ ޒެން ކައިރީގަ.. ޔަލް މާފަށް އެދޭނަމެ.. ޔަލް އަށް ކުރެވުނު ހުރިހާ ކަމަކަށް ވެސް.. ޕްލީޒް އިނާ..” ގިސްލެވެމުންދިޔަ ޔަލާއަށް ނޭވާ ލުމަށް އުނދަގޫވަމުން ދިޔައެވެ. “އައި ކާންޓް ލިވް ވިތްއައުޓް ހިމް އިނާ.. ޕްލީޒް އިނާ.. ޕްލީޒް” ޔަލާގެ އަޑުގައި ހިތްދަތިކަމާއި މާޔޫސްކަންވެއެވެ. “ޔަލާ ކާމްޑައުން..” އިނާއަށް އެއްޗެއް ނުބުނެވުމުން ވިޝާލް ޔަލާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. އެވަގުތު އެ ކޮޓަރިތެރެއަށް ވަތް ޒެޝާއަށް ޔަލާ އިން ހާލު ފެނި އަވަހަށް އޭނާގެ ކައިރިއަށް ދިޔައެވެ. އަދި ފޯނު ބޭއްވުމަށްފަހު ޔަލާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޔަލާގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. ނޭވާ ހާސްވެ، އަތް ފައި ތުރުތުރު ލާންފެށިއެވެ. ޒެޝާ އަވަހަށް ޑޮކްޓަރުންނަށް ގޮވައި ގެނެސް ޔަލާއަށް ފަރުވާ ދޭންފެށިއެވެ. އެންމެފަހުން ނިދާ އިންޖެކްޝަނެއްގެ އެހީގައި ޔަލާ މަޑުމައިރިތި ކުރެވުނެވެ. ނަމަވެސް އޭނާއަށް ހަމަޖެހުމެއް ނުލިބޭކަން ހާމަވެއެވެ. ދޭތެރެއަކުން ވައިއަޑުން ކޮންމެސް އެއްޗެއް ބުނެލާހެން ހީވެއެވެ. ޒެޝާއަށް ޑޮކްޓަރު އިރުޝާދު ދިނީ ޔަލާގެ ހަނދާނުން ފިލާފައިވާ ދުވަސްތަކުގެ ވާހަކަ ނުދެއްކުމަށެވެ. ޔަލާގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެދާނެތީއެވެ. ޒެޝާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ޔަލާގެ ވަރުދެރަވެފައިވާ ހަށިގަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ރައްޓެއްސަކަށް މިފަދަ އަނިޔާއެއް ދިން މީހަކަށް އޭނާ ދުވަހަކުވެސް މާފު ނުކުރާނެ ކަމަށް ހިތުގެ އަޑިން ވަޢުދުވިއެވެ. ޒެޝާ މަޑުމަޑުން ޔަލާގެ އަތުގައި ހިފައިލިއެވެ. އޭނާ ވަނީ ގަދަ ވޭނެއްގައިކަން ޒެޝާއަށް އިނގެއެވެ.
ފުންނޭވާއެއް ދޫކޮށްލަމުން ޒެޝާ އެ ކޮޓަރިން ބޭރަށް ނިކުތެވެ. އަދި ހޮސްޕިޓަލުން ނިކުމެ އެތާ ކައިރީގައި ހުރި ޕާކަކަށް ވަދެ ބެންޗެއްގައި އިށީނީ ސާފު ވައިކޮޅެއް ލިބި، ބޯ ހަމަޖައްސާލުމުގެ ނިޔަތުގައެވެ. ފިނި ވައިރޯޅިތައް، އިރުގެ ހޫނުކަމުން ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދެއެވެ. ގަސްތައް ވަޔާއި އެކު ނަށަމުންދިޔައިރު ދޫނިތަށް ލަވަކިޔަމުންދާއަޑުން މާހައުލު ފުރިހަމަ ކުރުވައެވެ. ޒެޝާ ދެލޯމަރާލައި ފުންނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅަކު އެެހެން އިނދެފައި އޭނާ ދެލޯ ހުޅުވާލީ މީހަކު ފަހަތުން އޭނަގެ ކޮނޑުގައި އަތްބާއްވާލިހެން ހީވުމުންނެވެ. “އާހް..” ޒެޝާއަށް މަޑުމަޑުން ހަޅޭއްލަވައިގަނެވުނެވެ. އަދި އަވަސްއަވަހަށް ފަހަތް ބަލާލިއިރު ހީލައިގެން ހުރި ޔާނިޝް ފެނުމުން އޭނާއަށް ހިނިތުންވެލެވުނެވެ. “ޔާންން..” ޒެޝާ މަޑުމަޑުން ޔާނިޝްގެ ގައިގައި ޖަހާލިއެވެ. ޔާނިޝް ހީލަމުން އައިސް އޭނާގެ ކައިރީގައި ބެންޗުގައި އިށީނދެލިއެވެ. “ނުވެސް ބުނެލާ އައި އިރުގަ..” ޒެޝާ ތުންއަނބުރާލަމުން ޔާނިޝްގެ އަތުގެ ތެރެއަށް ވަނެވެ. ޔާނިޝް، ޒެޝާގެ އިސްތަށިގަނޑާއި ކުޅެލަމުން ހިނިތުންވެލިއެވެ. “ކީއްކުރަނީ މިތާ ހޮސްޕިޓަލް ކައިރީގަ؟ ކްލާހެއް ނެތްތަ މިއަދު؟” ޔާނިޝް ސުވާލު ކޮށްލިއެވެ. “މްމް. މިއަދު ކްލާސްތައް ކެންސަލްކޮށްލާފަ އިނީ. ދެން ޔަލް ބަލިވީމަ އޭނަ ކައިރިއަށް އައިސް ހޮސްޕިޓަލުގަ ހުރެފަ ނިކުމެލީ މި..” ޔާނިޝްގެ މޭގައި ލައްގަނެލައިގެން އިނދެ ޒެޝާ ޖަވާބު ދިނެވެ. “ޔަލާ އަށް ކިހިނެއް ވީ” ޔާނިޝް އަހައިލިއެވެ. ” އިޓްސް އަ ލޯންގް ސްޓޯރީ..” ޒެޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދެމީހުން އެކުގައި ތެދުވެގެން ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތީ ޔާނިޝް، ޔަލާއާއި ބައްދަލުކޮށްލަން ބޭނުންވުމުންނެވެ. ދެމީހުން އެކުގައި އަތުގައި ހިފާލައިގެން މަޑުމަޑުން ހިނގަމުން ދިޔައީ ޔާނިޝްގެ ‘ޓްރިޕް’ ގެ ވާހަކަތައް ޒެޝާއާއި ހިއްސާ ކުރަމުންނެވެ.
ދެމީހުން އެކުގައި ގޮސް ޔަލާ އޮތް ވާރޑް އަށް ވަތްއިރު އަލްނާ، ކައެލީން އަދި ތަސްނީމް އެތާނގައި ތިއްބެވެ. “ޔަލާ މިތަނުގައި އޮތް ކަން އެނގުނީމަ އައީ މި ހާލު ބަލާލަން..” ކައެލީން މަޑުމަޑުން ބުންޏެވެ. ޔަލާއަށް އަދިވެސް ވަނީ ނިދިފައެވެ. އެމީހުން އިރުކޮޅަކު ތިބެފައި ގެއަށް ދިއުމުން ޒެޝާ، ޔަލާ ކައިރީގައި މަޑުކޮށްލީ ޔާނިޝް އާ އެކުގައެވެ. އެ ދެމީހުން މަޑުމަޑުން ވާހަކަ ދައްކަން ތިއްބައި ޔަލާ ވައިއަޑުން ކުކުރަން ފެށިއެވެ. “ޒެން.. ޒެންްން” ޔަލާ ލަސްލަހުން ލޯ ހުޅުވާލިއެވެ. ފުސްވެފައިވާ ދެލޮލުން ވަށައިގެން މުޅި ކޮޓަރިތެރެ ބަލަންފެށި އެއްޗެއް ހޯދާ ބީދައިންނެވެ. “ޒެން.. ޒެން.. ޒެންން!” ޔަލާ ބަލިކަށިއަޑަކުން ހަޅޭއްލަވައިގަތެވެ. ޒެޝާ އަވަހަށް ތެދުވެ ޔަލާގެ އަތުގައި ހިފައި އޭނާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން، ޔާނިޝް ކައިރީގައި ޑޮކްޓަރެއް ހޯދަން ދިއުމަށް ބުންޏެވެ. “ޔަލް. ޔަލްްލް.. އިޓްސް ގޮނަ ބީ އޯކޭ..” ޒެޝާގެ އަޑުގައިވާ ކަންބޮޑުވުން ސިއްރު ކުރުމަށް މަސައްކަތް ކުރަމުން ޔަލާ އާއި ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން ޑޮކްޓަރާއި ނަރުހުން އައިސް ޔަލާ ގެ ކައިރީގައި ވަށައިލިއެވެ. ދެވަނަ ފަހަރަށް ވެސް އިންޖެކްޝަނެއް ޖެހުމުން ޔަލާއަށް މަޑުމަޑުން ނިދުނެވެ.
**
“ލޫކް.. އަލޫޫކްކް..” ކެތްްތެރިކަން ކޮޅުންލާފައި ހުރި އައުޝާ، އަލޫކް އަށް ގޮވަމުން ދިޔައެވެ. ދެދުވަހެއް ވީއިރުވެސް ނުފެންނާތީ އެކަމާ ކަންބޮޑުވެެ އަލޫކް ހޯދަން އޭނާ މަސައްކަތް ކުރިއެވެ. ގުޅާ ގުޅާ ފޯނެއްވެސް ނުނެގިއެވެ. އެހެންކަމުން ހަދާނެ ގޮތެއް ނެތިގެން އައުޝާ، އަލޫކްގެ ކޮޓަރި ދޮރުގެ ޑަބަލްތަޅުދަނޑި ހިފައިގެން އައިސް ހުޅުވިއެވެ. “އާހް..” އައުޝާ އަށް ބުނެވުނެވެ. އަލޫކްގެ ކޮޓަރި ތެރޭގައި އެކި ތަންތަނަށް އެކި އެއްޗެހި އުކާފައި ވެއެވެ. ޓީޝާޓް ތަކާއި ސޯޓުތައް ބިންމަތީގައާއި އެނދުމަތީގައި ވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ. ކޮޓަރީގެ އެއްކަނެއްގައި ހުރި މޭޒުމަތީގައި ކަރުދާސްތަކެއް އުކާލާފައި ކަހަލަގޮތަކަށް ހުއްޓެވެ. އައުޝާ ލަސްލަހުން ގޮސް މޭޒުގެ ކައިރީގައި ހުއްޓި، އެ ކަރުދާސްތަކަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ބޮނޑިކޮށްލާފައި އަލުން ހުޅުވާފައި އޮތް ގަނޑެކެވެ. އޭގައި ގަލަމުން ލިޔެފައިވެއެވެ. އެއީ ކޯޗެއްތޯ ބެލުމަށްޓަކައި އައުޝާ އެ ކަރުދާސްގަނޑު ނަގައި ރަނގަޅަށް ނިއުޅުވައިލިއެވެ. ” ޔޫ ހޭވް ގޮޓް ޓު ބީ ކިޑިން މީ..” އައުޝާ އެ ކަރުދާސްގަނޑު ހިފައިގެން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ.
ވަރުބަލިވެގެން މާނޭވާ ލެވިލެވި ހުރި އިނާ ފެނުމުން ވިޝާލް އަށް ހީލެވުނެވެ. “ވަރުބަލި ވީ ތަ؟” އިނާގެ ކޮނޑުގައި ޖަހައިލަމުން ސަމާސާ ރާގެއްގައި އޭނާ އަހައިލިއެވެ. “ހަހް.. ނޫން..” އިނާ މޭފުއްޕާލާފައި ބުންޏެވެ. ޔަލާގެ ފޯނުކޯލަށްފަހު އިނާ ދެރަވެފައި އިނުމުން އޭނާ ހިތްހަމަޖައްސާލުމަށް ޖޮގްއަކަށް ދިއުމަށް ވިޝާލް ‘ޗެލެންޖު’ ކުރިއެވެ. އިނާ އާއި އެކި ވާހަކަ ދައްކައިގެން އިރުއޮއްސެމުން ދިޔަ ގަޑީގައި ދުވެލަން ނިކުތުމަށް އެއްބަސް ކުރުވީ ވިޝާލް ބަލި ކުރާނެ ކަމަށް އިނާ ‘ބެޓް’ ކޮށްގެންނެވެ. ވިޝާލް ސަކަ ގޮތަކަށް އިނާ އާ ދިމާލަށް ލޯއަޅާލިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް އިނާގެ މެދުހަށީގައި ހިފައި އުފުއްލާލިއެވެ. އިނާގެ މޫނުމައްޗަށް ރަތްކަމެއް ފޭދުނެވެ. އަދި ރަކި ހިނިތުންވުމަކާއި އެކު ތިރީގައި ބެހެއްޓުމަށް އެދުނެވެ. “މީހަކަށް ފެނިދާނެ” އިނާ ލުއިއަޑަކުން ބުނެލިއެވެ. ވިޝާލްއަށް އިނާ ލަދުގަތްތަން ފެނި ހިނިތުންވެވުނެވެ. “ހާދަ ލޯތްބޭ ރަކިވީމަ.” އިނާގެ ކަންފަތް ދޮށުގައި ވައިއަޑުން ވިޝާލް ބުންޏެވެ. އިނާގެ މޫނުމަތީގެ ރަތްކަން އިތުރުވަމުން ދިޔައެވެ. ވިޝާލް މަޑުމަޑުން އިނާގެ މޫނާއި ކައިރިވަމުން ދިޔައެވެ. އިނާ ގަތް ލަދުން ލޯ މަރާލިއެވެ. ދެމީހުންގެ މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ވަނިކޮށް ވިޝާލް މަޑުޖެހިލިއެވެ. އިރު ގެއްލެންދަމުން ދައްކާ ރީތި ކުލަވަރުގައި އިނާގެ މޫނު ވިދާގޮތް ހާދަ ޗާލެވެ. ދެލޯ މެރިފައިވީނަމަވެސް އޭނާގެ މޫނުމަތިން ސިހުމާއި ރަކިކަން ފާޅުވާން ހުއްޓެވެ. ޖެހިލާ ފިނި ވައިރޯޅިތަކާއި އެކު އިނާގެ އިސްތަށިގަނޑު ނަށާލާގޮތް ހާދަ ހިތްގައިމެވެ. “އެއީ ހަމަ ހަގީގަތުގައިވެސް އަހަރެންގެ ރާނީއެވެ.” ވިޝާލް ހިތާހިތުން ކިޔައިލިއެވެ. އަދި ހިނިތުންވެލުމަށްފަހު އިނާގެ ތުނި ތުންފަތް ފަހަނައަޅައި ގޮސް އެ ރީތި ކޯތާފަތުގައި ބޮސްދިނެެވެ. އަދި މަޑުމަޑުން އިނާ، ބިންމަތީގައި ބެހެއްޓިއެވެ. އިނާ ލޯހުޅުވައިލިއިރު ރީތި ހިނުތުންވުމަކުން ހިނިތުންވެލައިގެން އެހުރީ އޭނާގެ ވިޝާލްއެވެ. ހަތަރު ކަޅި ހަމަވުމުން އިނާގެ ތުންފަތްމަތީގައި ރަކި ހިނިތުންވުމެއް ކުޅެލިއެވެ. “ޔޫ ލުކް ލައިކް އަ ޗެރީ..” ވިޝާލް އިނާގެ މޫނާއި ކައިރިވެފައި ބުނެލިއެވެ. އަދި ދުއްވައިގަތެވެ. “ވިޝްޝް..” އިނާ ހީގަންނަމުން އޭނާގެ ފަހަތުން ދުއްވައިގަތީ ހަމަ އެ ބާރުމިނުގައެވެ.
ހަމައެކަނި ސްޓަޑީ ލޭމްޕަކުން އަލިވެފައިވާ ކޮޓަރި ތެރޭގައި މަޑު މިއުޒިކެއްގެ އަޑު އިވެމުންދެއެވެ. އޭގެ އިތުރުން އިވެމުން ދިޔައީ މީހެއްގެ ފުންނޭވާލުމުގެ އަޑެވެ. މެކްބުކެއް ހުޅުވާލެވިފައި މޭޒުމަތީގައި ހުރިއިރު ހުޅުވާފައިވާ ފޭސްބުކް ޕޭޖުގައި ވަނީ ‘އެގްޔޯ ޑެވިލް’ ގެ ޕްރޮފައިލް އެވެ. ގޮނޑީގައި އިށީނދެގެން އެ ޕްރޮފައިލް އެޑިޓް ކުރަމުން ގެންދިޔައިރު މޭޒުމަތީގައި ހުޅުވާފައި ވަނީ ފޭސްބުކް މެސެންޖާގެ ޗެޓެކެވެ. އެންމެ ފަހުން ވަނީ އޭނާ ފޮނުވާފައިވާ 4 ފޮޓޯގަނޑެވެ. ޕްރޮފައިލް ޕިކްޗާ ބަދަލުކުރުމަށްފަހު އޭނާ އެ ޗެޓު ހުޅުވާލިއެވެ. އަދި އިތުރަށް އެއް ފޮޓޯ ފޮނުވާލިއެވެ. އެއާއެކު އެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ.
ޒެޝާގެ ޕާސް ތެރެއިން ނޮޓިފިކޭޝަން އެއްގެ އަޑުއިވުނެވެ. އަވަސް އަވަހަށް ފޯނު ނެގިއިރު ހީވަނީ މީހަކަށް އިވިދާނެތީ ކަންބޮޑުވާހެނެވެ. ފޯނު ނަގައި ބަލާލިއިރު އެއީ މެސެންޖާއިން އައިސްފައިވާ ނޮޓިފިކޭޝަންއެކެވެ. އަވަސް އަވަހަށް ފޯނު މިއުޓް ކޮށްލުމަށްފަހު ދަބަސްތެރެއަށް ލިއެވެ. ޑޯރމްއަށް ދެވުމުން ޓެކްސީ މަޑުކުރުމަށް އެދިފައި އަވަސް އަވަހަށް އެތެރެއަށް ދިޔައެވެ. އަދި އޭނާގެ ސޫޓްކޭސް ހުޅުވާލައި، ފޯނު ނިވާލައި ހުރިހާ އެއްޗެއްގެ އަޑިއަށް ލައި އެ ފޯނު، ޒެޝާ ފޮރުވާލިއެވެ. އެއަށްފަހު އޭނާގެ ކްރެޑިޓް ކާޑު ހިފައިގެން ގޮސް ޓެކްސީއަށް އެރީ ޔަލާ ކައިރިއަށް ހޮސްޕިޓަލަށް ދިއުމަށެވެ.
**
ދުވަހަކަށްވުރެ ދުވަހެއް ޔަލާގެ ހާލަތު ހީވަނީ ދަށަށް ދާހެނެވެ. އެ ރީތި ހަށިގަނޑު ލޫޅާފަތިވެ ހަންގަނޑުގެ ކުލަ ގެއްލެމުންދެއެވެ. ރަނގަޅަށް އެއްޗެއް ނުކެވެއެވެ. އެއްވެސް މީހަކާއި ވާހަކައެއް ނުދައްކައެވެ. މީހަކާއި ދިމާއަށް ބަލާލަންވެސް ނުރުހެއެވެ. ޔަލާގެ މި ހާލަތު ފެނުމުން އޭނާގެ މައިންބަފައިންނަށް ގުޅަން ޒެޝާ މަސައްކަތް ކުރިއެވެ. ނަމަވެސް ޔަލާ އެކަން މަނާ ކުރިއެވެ. އެމީހުންނަށް އުނދަގޫ ކުރަން ބޭނުން ނޫން ކަމަށް ބުނެއެވެ.
ހޮސްޕިޓަލު އެނދުގައި އޮށޯވެލައިގެން އޮތް ޔަލާގެ ސިކުނޑީގައި އެކި އެކި ޚިޔާލުތައްވެއެވެ. ވެދިޔަ ކަންކަން ހަނދާން ކުރުމަށް މަސައްކަތް ކުރަމުން ދާތީ ގައިގައިވާ ކުޑަކުޑަ ހަކަތަކޮޅުވެސް ދަނީ ބޭކާރުވެގެންނެވެ. އެހެންކަމުން ޔަލާ އޭނާގެ ހާލަތާއި މެދު ވިސްނާލިއެވެ. ކޮންމެ ދުވަހަކު އިރު އެރީއްސުރެ އިރު އޮއްސެންދެނާއި، މެންދަމު ހޭލަޔާއި އަބަދު އޭނާގެ ހަކަތަ ބޭކާރުވަނީ ޖަވާބެއް ނެތް ސުވާލު ތަކަކަށެވެ. މިއީ އޭނާ ބޭނުންވާ ދިރިއުޅުމެއް ހެއްޔެވެ. ނޫނެކެވެ. މިގޮތުގައި މުޅި ހަޔާތް ބަރުބާދުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ޔަލާ ހިތާހިތުން އަޒުމު ކަނޑައެޅިއެވެ. ލޯބިވާ މައިންބަފައިންނާއި ޤައުމު ދޫކޮށް މިތަނަށް އޭނާ އައީ ކިޔެވުމަށެވެ. މިކަހަލަ ކަމަކާއި ހުރެ އޭނާގެ މުސްތަޤުބަލު ވީރާނާ ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އުންމީދުތަކާއި ދެކުނު ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ލިބިފައި އޮއްވައި ބޭކާރު ގޮތުގައި މި ވަގުތު ކޮޅު ދުއްވާލުމަކީ ބުއްދިވެރި ގޮތެއް ނޫންކަން އޭނާ އަށް ވިސްނެއެވެ.
އެދުވަހު ޒެޝާ އޭނާއާއި ބައްދަލު ކުރަން އައުމުން މިހާރު ކުރިއަށް ދާ ކްލާސްތަކާއި އޭނާއަށް ގެއްލިގެން ދިޔަ ކްލާސްތަކުން ކިޔައިދިނުމަށް އެދުނެވެ. ޔަލާ ރަނގަޅުވުމަށް މަސައްކަތް ކުރާތަން ފެނުމުން އޭނާ ނުހަނު އުފާވިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ޒެޝާ ކްލާސް ނިންމާފައި އައިސް ޔަލާއަށް އެހީވެދެއެވެ. ޔަލާވެސް ޑޮކްޓަރުންގެ މަސައްކަތަށް އެއްބާރުލުންދީ، ރަނގަޅު ސިއްހަތަކަށް އެނބުރި ރުޖޫޢަވުމަށް މަސައްކަތް ކުރެއެވެ. ދުވަސްކޮޅެއްފަހުން ހޮސްޕިޓަލުން ދޫކޮށްލުމުން ޔަލާ ޑޯރމް އަށް ދިޔައީ އުފާވެ ހުރެއެވެ. ފިޔާތޮށި ފިނިފެންމަލެއްފަދަ އެ ދެ ތުންފަތުގައި ވަނީ ޗާލު ހިނިތުންވުމެކެވެ.
**
ދެ އަހަރު ފަސް
**
“ޔަލްލް..” ތޫލި އަޑަކުން ހަޅޭއްލަވަމުން ދިޔަ ޒެޝާގެ އަޑުގައިވަނީ އުފާވެރިކަމެވެ. “ތެދުވެބަލާ..” ނިދާފައި އޮތް ޔަލާގެ ގައިމަތިން ބްލޭންކެޓްނަގައި އެއްލާލަމުން ޒެޝާ ގޮވަމުންދިޔައެވެ. “މްމްމް.. ޒެޝާ..” ޔަލާގެ އަޑުގައި ނިދީގެ އަސަރުވެއެވެ. އޭނާ ތެދުވެ، ޒެޝާގެ އަތުގައި އޮތް ބްލޭންކެޓް ނަގައި އަނެއްކާ އެނދުމަތީގައި އޮއްތާލިއެވެ. “ޔަލޫ.. ތެދުވެބަލާ ދެންން..” ޒެޝާ ގޮތްދޫނުކޮށް ޔަލާއަށް ގޮވަމުން ދިޔައެވެ. އެންމެފަހުން ޔަލާ ތެދުވެ، ނިދިން ބަރުވެފައިވާ ލޮލަކުން ޒެޝާއާ ދިމާލަށް ބަލައިލީ ދެބުމަގޮށްޖަހައިގެން ހުރެއެވެ. “ޔޫ ލުކް ސޯ ޕްރިޓީ ހަން” ޒެޝާ، ޔަލާގެ ދެކޮލުގައި ހިފައި ދަމާލިއެވެ. “އާހް..” ޔަލާ ރޮއެގަނެފައި ތުވާލިހިފައިގެން ފާޚާނާއަށް ވަންނަން ދުއްވައިގަތެވެ. ފާޚާނާއަށްވަދެ ޔަލާ ފާޚާނާތަށީގެ މަތިގަނޑު ތިރިކޮށްލިއެވެ. އަދި ތުވާލި ހިފައިގެން އެތާނގައި އިއްތާލިއެވެ. “ޔަލްލް..” ޒެޝާއަށް ފެނުގެ އަޑު ނީވުމުން ޔަލާއަށް ގޮވަމުން ގެންދިޔައެވެ. ސިހިފައި ޔަލާއަށް ދެލޯ ހުޅުވައިލެވުނެވެ. އަވަސްއަވަހަށް އޭނާ ފެންމާގަނޑު ދޫކޮށްލީ ހޫމްމް އެއް އަޅުވާލަމުންނެވެ. އިރުކޮޅެއްފަހުން ފެންވަރައިގެން ނިކުތް ޔަލާ، ޒެޝާއާދިމާލަށް ދޫދިލުވާލިއެވެ. “ދެންދޭ ތި ފޯނު ބާއްވާފަ ރެޑީވާން..” އިސްތަށިގަނޑުން ފެންހިއްކާލަމުން ޔަލާ ބުންޏެވެ. ޒެޝާ ހީގަންނަމުން އަވަހަށް ތެދުވެ ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.
ޔަލާ ލައިގެން ހުރި،ފިޓް، އަތް ދިގު، ހުދުކައިގެ ޓޮޕްކޮޅުމަތިން ކަޅުކުލައިގެ އޯވާސައިޒް ޓީޝާޓެއް ލިއެވެ. ކަޅުކުލައިގެ ރިޕްޑް ޖީންސެއް ލުމަށްފަހު އިސްތަށިގަނޑުގައި ފުނާއަޅާލަމުން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ކަޅުކުލައިގެ ވަރުގަދަ އިސްތަށިގަނޑު ހިއްކާފައި އާދައިގެ ހުޅިގަނޑެއް ޖަހައިލިއެވެ. އަދި ސްޓްރޯބެރީ ލިޕްގްލޮސްއެއް ހާކާލައިފައި ލެވެންޑާ ސެންޓުކޮޅެއް ގަޔަށް ބުރުވާލިއެވެ. “އޫހްހް..” އަދި ކިރިޔާ ފާޚާނައިން ނިކުތް ޒެޝާ، ޔަލާ ފެނިފައި ބުނެލިއެވެ. އަދި އަވަސްއަވަހަށް ތައްޔާރުވާން ފެށިއެވެ. ‘އޮފް-ވައިޓް’ ޓީޝާޓެއްލައި ކަޅުކުލައިގެ ކާރގޯ ޕޭންޓްސް އަށް ބެގީ ކޮށްލިއެވެ. އަދި މައްޗަށް އިސްތަށިގަނޑު އައްސާލިއެވެ. މެރޫންކުލައިގެ ކުލަގަދަ ލިޕްސްޓިކެއް ޖައްސާލިއެވެ.
“މިހާ އަވަހައްތަ އަންނަނީ ޕްލޭން ހަމަ..” ޔަލާ އިނީ އެހާ އަވަހަށް ހޭލަން ޖެހުމުން ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. “ޔެސް ޔަލްލް.. ޗިއަރ އަޕް..” އޭނަ ނަގައިގެން ދާނި އެއްޗެއް ކާލަން އޯކޭ؟ މައި ޓްރީޓް..” ޒެޝާ ހީލިއެވެ. ޓެކްސީ އައުމުން ދެމީހުން އެކުގައި އަރައި މިސްރާބު ޖެހީ އެއަރޕޯޓަށް ދިއުމަށެވެ. ޔަލާ އިނީ ފޯނު ނަގައިގެން ކާރުގެ ކުޑަދޮރުން ބޭރުގެ ފޮޓޮއެއް ނަގާށެވެ. އަދި އިންސްޓަގްރާމް ސްޓޯރީއަށް އެ ފޮޓޯ އަޕްޑޭޓް ކުރީ ‘ސްލީޕްލެސް ރައިޑްސް’ ޖަހާފައެވެ. އަދި ނޮޓިފިކޭޝަން އެއް އައިސްފައި އިނުމުން މެސެޖެސް އަށް ދިއުމުން، ރިކުއެސްޓްސް ބައިން މެސެޖެއް ލިބިފައިވެއެވެ. މެސެޖް ކޮށްފައިވާ އައިޑީ، ‘އެގްޔޯ ޑެވިލް’ އަކީ އޭނާ ފޮލޯ ކުރާ އެކައުންޓެއ ނޫންކަމުން އެ މެސެޖް ނުހުޅުވައި ފޯނު ނިއްވާލިއެވެ.
ވިހިވަރަކަށް މިނެޓުގެ ދަތުރަކަށްފަހު އެއަރޕޯޓަށް އާދެވިއްޖެއެވެ. ދެމީހުންއެކުގައި ޓެކްސީއިން ފައިބައިގެން ގޮސް މަޑުކޮށްލިއެވެ. “އާދެވިއްޖެތަ؟” ޒެޝާ ފޯނުން މެސެޖުކޮށްލިއެެވެ. ” ޔެސް.” ވަރަށް އަވަހަށް ރިޕްލައިއެއް ލިބުނެވެ. އިރުކޮޅެއްވަންދެން ދެމީހުން އެތަނުގައި މަޑު ކުރިއެވެ.
“ޔޭ!” ޒެޝާ، ޔަލާގެ ފަހަތަށްް ބަލާލާފައި ތޫލި އަޑަކުން ކެތްމަދުކަމާއި އެކު މަޑުމަޑުން ހަޅޭއްލަވައިގަތެވެ. ޔަލާ އެނބުރި ފަހަތް ބަލާލަން އުޅުމުން ޒެޝާ، ޔަލާގެ ލޯމަތީގައި އަތް އެޅިއެވެ. އަދި އޭނާއާއެކުގައި ހިނގަމުށް ބުންޏެވެ. ޔަލާ، ‘އާގްހް..’ އޭ ބުނެލަމުން ޒެޝާއާއެކު ހިނގައިގަތެވެ.
“ޔަލްލް.. އައި ވޯންޓް ޔޫ ޓު މީޓް މައި ބްރަދާރ، ޒެން..” ޔަލާގެ މޫނުމަތިން އަތް ނަގަމުން ޒެޝާ އުފާވެރިކަމާއި އެކު ބުނެލިއެވެ. “ނައިސްޓު މީޓް ޔޫ..” ޔަލާއާއި ދިމާއަށް ސަލާން ކުރުމަށް އަތް ދިއްކޮށްލައިގެން އެހުރީ.. ޒެއިން އެވެ. ޒެން.. ޔަލާގެ ހިތުތެރޭގައި އެއްފަހަރާއި އެތަކެއް އިހުސާސްތަކެއް ރޮއެގަތެވެ. ގޮސް އޭނާގައިގައި ބައްދާލަން ވީކަމެއް، ނުވަތަ އެއްޗެހި ކިޔަން ވީކަމެއް، ނުވަތަ ރޮއެގަންނަންވީކަމެއް އޭނާއަކަށް ނޭނގުނެވެ. ދުނިޔެ އެނބުރޭހެން ހީވިއެވެ. މަޑުމަޑުން ގޮސް އަނދިރިކަން މުޅި ދުނިޔެ ވަށައިލައިފިއެވެ. ޔަލާ އެހުރިތަނަށް ތިރިވިއެވެ. ޒެޝާގެ މޫނުމަތިން ހައިރާންކަމާއި ހާސްކަން ފެންނަން ހުއްޓެވެ. އަދި ލަސްނުކޮށް އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެގަތެވެ.
-ނުނިމޭ-
<<ދެން ‘ޔަލާ’ ގެ އެޕިސޯޑްތައް ކޮންމެ މަހަކު ދެފަހަރު ނުވަތަ މަންތްލީކޮށް އަޕްޑޭޓް ކޮށްދެވޭތޯ މަސައްކަތް ކުރާނަން. ސޮރީ ޓު ކީޕް ޔޫ ވެއިޓިން>>

Share Article

Follow Me Written By

yunaa

Level 1

Other Articles

Previous

މަންމަގެ ޤުރްބާނީ

Next

ދިރުމެއްނެތް ދިރިއުޅުން 16

Next
July 21, 2023

ދިރުމެއްނެތް ދިރިއުޅުން 16

Previews
July 20, 2023

މަންމަގެ ޤުރްބާނީ

2 Comments!

  1. Zee says:
    July 21, 2023 at 10:33 am

    OMG! haadha dhuvaheh kollaafaey alheyyy.. meehama Zee ah v v v reethi vaahaka eh one of my favs adhivex v reethi!

    1. yunaa says:
      July 23, 2023 at 7:45 pm

      thankyou Zee <3 dhen ehaa las nuve update kohdhevey thw balaanan. thanku for liking.. hehe <3

Comments are closed.



All Right Reserved!