ހުއްޓުމެއްނެތި ރޮމުންދިޔަ މަންމަގެ މޫނަށް ބަލަހައްޓައިގެން އަހަރެން އިނީ ދެންވާނީ ކިހިނެއް ކަމެއް ނޭނގޭހާލުއެވެ. ގިސްލުމުގެ އަޑުފިޔަވައި އަހަރެންގެ ކަންފަތާ ހަމަޔަށް އެހެން އަޑެއް ނާދެއެވެ. މަންމަ ރޯތަން ފެނުމުން އަހަރެންހެ ދެ ކޮއްކޮވެސް އަޑުން އަޑު ނަގާ ރޯ މަންޒަރު ފެނި އަހަރެންނަށް ކެތްކުރާން ދައްޗެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ؟ މިއަދު ވަކިވެގެން އެ ދިޔައީ އަހަރެމެންގެ ލޯބިވާ ބައްޕައެވެ. އަހަރުމެންގެ ފުރާނައެވެ. އުފަލާ އަރާމުގައި ދިރިއުޅެވުމުގެ އަސްލެވެ. އަހަރެންގެ ހިތަށް ކިތަންމެ އަސަރެއް ކުރި ނަމަވެސް އެކަން ފޮރުވީމެވެ. އިސްކުރީ ހިތްވަރުގަދަކެމެވެ. ކެތްތެރިކަމެވެ. އެއީ އަހަރެންގެ ބައްޕަ އަހަރެންނަށް ދަސްކޮށްދިން ކަމެވެ.
އާއިލާގެ ދޮށީ ދަރިއަކީ އަހަރެންނެވެ. ހުރި ހަމައެކަނި އަންހެން ދަރިއަކީ ވެސް އަހަރެންނެވެ. އަހަރެންގެ ހަގަށް ތިބެނީ ދެ ފިރިހެން ކުދިންނެވެ. ބައްޕަގެ ވަކިވުމާ ގުޅިގެން އަހަރެންނަށް އަހަރެންގެ އާއިލާގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅިއްޖެވެ. މަންމަ އަކީ މާލޭ ސްކޫލެއްގެ ޓީޗަރެކެވެ. ބައްޕަ އަކީ އޮފީހެއްގެ މެނޭޖަރެކެވެ. މަންމަ އާއި ބައްޕަގެ މުސާރަ އެއްކޮލައިގެން ކިރިޔާ ދެކޮޅު ޖެހެއެވެ. ނަމަވެސް ބައްޕަގެ ބުރަ މަސައްކަތުން ބޯނަސްތައް ހޯދައިގެން އެންމެ ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ ގޮތް އަހަރެމެންނަށް މަގުފަހިކޮށްދިނެވެ.
މަންމަގެ މުސާރައިން ދެކޮޅު ނުޖެހޭނެކަން ގައިމެވެ. އަހަރެން ކައިރީ ވަޒީފާ އަދާކުރަން މަންމައެއް ނުބުނާނެކަން ކަށަވަރެވެ. އަހަރެން ގްރެޑުއޭޓް ވީ މީގެ މަހެއްހާ ކުރިންނެވެ. އެ ދުވަހު ވަޒީފާއަށް ދާން ބޭނުންވެގެން ބައްޕަގާތު އެދުމުން ބައްޕަ އެކަމަށް ކުރީ އިންކާރެވެ. ނަމަވެސް އަދު އަހަރެން ވަޒީފާ އަދާކޮށްގެން ނޫނީ ކޮއްކޮމެނަށް ރަނގަޅު މުސްތަގުބަލެއް ނުފެންނާނެއެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. ތައުލީމީ ގޮތުން ގާބިލް ބަޔަކަށް ވެގެންނޫނީ ދިރިއުޅުމެއް އެ މީހުންނަކަށް ނޫޅެވޭނެއެވެ.
މަންމަގެ އާއިލާގައި ހުރި ހަމައެކަނި މީހަކީ މަންމައެވެ. މާމަ އާއި ކާފަ މީގެ ތިން އަހަރު ކުރިން ނިޔާވެއްޖެއެވެ. ދެންއޮތީ ބައްޕަގެ އާއިލާއެވެ. ބައްޕަގެ އެއްވަނޑުގައި އަދު ދުނިޔޭގައި ހުރީ ހަމައެކަނި އެންމެ އަންހެނެކެވެ. އެ ދައްތަވެސް މިއަދު އޮތީ ބަލި އެނދުގައެވެ.
އަހަރެން ހިފަހައްޓާލއިގެން އިން ކަރުނަތައް އޭގެ މަގާމު ދޫކޮށް އަހަރެންގެ ކޯތާފަތް ހުރަސްކުރިއެވެ. އެވަގުތު އެ ކަރުނަތައް ފޮހެލުމަށްފަހު މަންމަ ކައިރިއަށް ގޮސް ހުއްޓުވަން މަސައްކަތް ކުރީމެވެ. ނުރޯން ބުނެ އާދޭސް ކުރީމެވެ. އެތައް ނަސޭހަތެއް ދީ ހުއްޓުވާން މަސައްކަތް ކުރީމެވެ.
އުމުރުން 22 އަހަރުވީއިރު އަހަރެންނެއް މިފަދަ ހިތާމައަކާއި ކުރިމައްޗެއް ނުލަމެވެ. ކިތަންމެ ދަތިކަމަކަށް ވި ނަމަވެސް އަހަރެންގެ އަޒުމުގައި ހިފެހެއްޓީމެވެ. ﷲ އެއްވެސް އަޅަކަށް ނުއުއްފުއްލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އަހަރެން ދުނިޔެއާއި ކުރިމަތިލާނީ ކެރިގެން ހިތްވަރާއެކުއެވެ.
ބައްޕަ ވަޅުލުމުގެ ކަންތައް ނިމުމުން އަހަރެން އެންމެ ކުރިންވެސް ބެލީ ވަޒީފާއެއް ލިބޭތޯއެވެ. އެއީ އަހަރެންނަށް ކުރަންޖެހޭނެ ކަމެކެވެ. މާލެއިން ވަޒީފާއެއް ހޯދުމަކީ ނުހަނު ދަތި ކަމެކެވެ. އެހެންކަމުން އަހަރެން ގުޅައިލީ ޝަނާޔާއަށެވެ. އެއީ އަހަރެންގެ ދުވަސްވީ އެކުވެރިއެކެވެ. ޝަނާޔާ އަކީ އަތްމަތި ތަނަވަސް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އެ އާއިލާގައި އެންމެ ހަގަށް ހުންނަނީ އޭނައެވެ. ޝަނާޔާގެ ބައްޕައަކީ މަޝަހޫރު ވިޔަފާރިވެރިއެކެވެ. ރާއްޖޭގައި ފާހަގަ ކޮށްލެވޭ ދެތިން ފެޝަން ޑިޒައިނިން ކުންފުނީގެ ވެރިޔާއެވެ.
“ވަރަށް ރަނގަޅު ގަޑިއެއްގައި އަސްލު ތި ގުޅީ… ދޮންތަގެ އެސިސްޓެންޓް އިއްޔެ ވަޒީފާއިން ވަކިވީ… އަހަރެން އޭނަޔާ ވާހަކަ ދައްކާނަން.ސީވީ ފޮނުވާލާ…” ޝަނާޔާގެ ވާހަކައިން އަހަރެންގެ އުންމީދު އާލާވިއެވެ. ވާޒީފައެއް ލިބޭނެކަން ކަށަވަރުވިއެވެ.
ބައްޕަ ނިޔާވި ވާހަކަ ޝަނާޔާކައިރީ އަހަރެން ނުބުނީ ޗުއްޓީ އަށް ރަށަށް ގޮސްފައިވާތީއެވެ. އެމީހުންގެ ޗުއްޓީ އަހަރެންގެ ސަބަބުން ފަނިވާން ނޭދޭތީއެވެ.
ޝަނާޔާގެ ބޮޑަ ހުންނާނީ ހާނިޔާއެވެ. ޝަނާޔާއާއެކު އެ ގެޔަށް ދާދުވަސް ދުވަހު އޭނާއާއި ބައްދަލުވެއެވެ. ކިތަންމެ މުއްސަނދި ނަމަވެސް ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނޯވެއެވެ. އަހަރެންވެސް އެންމެ ރަނގަޅު ކަމަށް ފޯނު ބޭއްވީމެވެ. މަންމަގެ ހާލަކީ ކޮބައިތޯ ބަލާށެވެ.
“ދަރިފުޅާ ސަމްރީން…” އަހަރެން ފެނުމާއެކު މަންމަ އަހަރެންގެ ގައިގާ އޮޅުލައިގަތެވެ.
“މަންމާ ހުއްޓާލަބަލަ. މިއީ ކޮންމެ މީހަކުވެސް ދެކެން ޖެހޭނެ ދުވަހެއް… ދެން އޮތީ ހެޔޮ ދުއާ ކުރުން ރޮއެގެން ކުރާނ އެއްވެސް ފައިދާއެއް ނޯންނާނެ.” އަހަރެން ބެލީ މަންމައަށް ވިސްނައިދެވޭތޯއެވެ. އިރުކޮޅަކު އެގޮތަށް ވާހަކަ ދެކުމުން މަންމަ ހުއްޓާލިއެވެ.
“އަހަރެން ވަޒީފާއަށް ދާން ނިންމާފިން. މިނިންމުން ނިންމީ އަހަރެންގެ އުފަލަކަށް. އެހެންމެ ކޮއްކޮމެންގެ އުފަލަކަށް. ކިޔެވި އެއްޗެއްގެ ބޭނުން ވެސް ހިފޭނީ މިގޮތަށް ވީމަ.” އަހަރެން ބުނީމެވެ. މަންމަ ބަހެއް ނުބުނެ އެކަމަށް އެއްބަސް ވިއެވެ. އެއީ މަޖުބޫރީ ހާލަތެވެ. ބޭނުންވެގެންނެއް ނޫނެވެ.
މަންމަ ކައިރީ އިނުމަށްފަހު އަހަރެންގެ ކޮޓަރިއަށް އަހަރެން ވަނީމެވެ. ރިންގްވަމުން ދިޔަ ފޯނުން ޝަނާޔާގެ ނަން ފެނުމުން އަވަހަށް ފޯނު ނެގީމެވެ.
“ޖޮބް ހަމަ ޖެހިފަ އިނީ… އެކަމް އަހާލެވިދާނެތަ ކީއްވެތޯ ޖޮބަށް އެޕްލައި ކުރަނީ.. މިހެން މިބުނީ މީގެ ކުރިން ރީން ބުނި ބައްޕަ އޯކޭ އެއް ނޫނޭ…” ޝަނާޔާ އެހެން ބުނުމުން ދޭނީ ކޮން ޖަވާބެއްކަން ނޭނގިފައި އިނެވުނީއެވެ.
“ޓައިމް ޗޭންޖްސް އެވްރީތިން” އެ ޖަވާބުން އޭނާގެ ހިތުގައި ހުރި ޝައްކުތައް ފިލައިގެންދާނެކަން ޔަގީނެވެ.
“އޯހް.. އޯކޭ… ދެން ރީން ބެނުމިއްޔާ މާދަންވެސް ޖޮބަށް ނިކުމޭ… ޑޭ އަފްޓަރ ޓުމޯޜޯވެސް އޯކޭ އޭ ދޮންތަ ބުނީ…” އެހެން ބުނުމުން އަހަރެން މާދަން ނިކުންނާނެ ކަމަށް ބުނީމެވެ. ކުޑަކޮސް ބިޒީ ވެލަން ބޭނުންވާތީއެވެ. ބައްޕަގެ ހަދާންތަކާއި ދުރަށް ގޮސް ފިލާށެވެ. ހިތްހަމަ ޖައްސާލުމަށެވެ.
*
އާ ދުވަހަކަށް އިރު އަރާފިއެވެ. އެހެން ދުވަސްދުވަހެކޭ ޚިލާފަށް މިއަދު ގެޔަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ކޮންމެ ދުވަހަޖުވެސް ހެނދުނު ޔައިލް އަށާއި އަޔާންއަށް ގޮވާ އަޑަށް އަހަރެންނަށްވެސް ހޭލެވޭނެއެވެ. ނުތެދުވާން ބޮޑާ ދެއްކުމުން ބައްޕަ އެމީހުންނަށް ލެކްޗަރު އަޅާ އަޑު އެހުމަކީ އަހަރެންނަށް ވަރަށް މަޖާ ކަމެކެވެ. އެއީ ހަނދާންތަކެވެ. މާޒީ އާއި އެކުވެފައި ހުރި އުފާވެރި ދުވަސްތަކެވެ.
އަހަރެން ހޭލައި އޮފީހަށް ދިޔުމަށް ތައްޔާރުވެލީމެވެ. ހުދުކުލައިގެން ގަމީހަކާއެކު ކަޅުކުލައިގެ ސްކިނީއެއް ލައި ބެގީ ކޮށްލީމެވެ. ދޫކޮށްލެވިފައި ހުރި އިސްތަށިގަނޑު ނަގައި ހުޅިއެއް ޖަހާލީމެވެ. އެއްވެސް މޭކަޕެއް ނުކޮށް އަހަރެން ނިކުތީ ބޭރަށެވެ. ޔައިލް އަށާއި އަޔާން އަށް ގޮވުމަށެވެ. ބައްޕަ ވަކިވިނަމަވެސް ސްކޫލަށް ނުގޮސް ގޭގައި ތިބެގެން ނުވާނެއެވެ. އެމީހުން ހޭލުމުން އަހަރެން އަވަހަށް ބޭރަށް ނިކުތީ މަންމަ ކައިރީ ސައިނުބޯނަން ކަމަށް ބުނެފައެވެ.
ގެ ކައިރީ މަގުމަތީ ޕާކު ކޮށްލެވިފައި ހުރި ކާރަށް އަރާ އޮފީހަށް މިސްރާބު ޖެހީމެވެ. ހާނިޔާ ބުންފައި އޮތް ގަޑިއަށް އެތަނަށް ދެވޭތޯއެވެ. ގަޑި ޖެހިގެން ކަންކަން ކުރުމަކީ އަހަރެން އެއްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ.
އޮފީސް ބިލްޑިންއަށް ބަލައިލާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. އޭރު ހާނިޔާ އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.
“ފަސްޓް ޑޭ ވީމަ ނޭނގިދާނެތީ މިހުރީ… މިހާރު ދެން އަހަރެންގެ ބައްޕަގެ ޒިންމާ އަހަރެން ނަގައިގެން މިއުޅެނީ… ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އަހަރެން. ދެން ސަމްރީންއަށް އަހަރެން އެނގޭނު ދޯ.. އެހެން މީހުން މެޑަމް ކިޔަސް ރީން ކިޔަންވާނީ ހާނީ… އޭޒް ޔޫޝުއަލް..” ހާނިޔާ ހިނގައި ގަންނަމުން ބުނެލިއެވެ.
“އަސްލު ރީން ވީމަ އިނގޭ މިދިނީ… ރީން ވަރަށް ސްޕެޝިއަލްވީމަ. މީ މަސައްކަތް ކުރަން ޖެހޭ ތަނަކީ… އަހަރެންގެ އޮފީހުގަ. އަހަރެން ކައިރީ ދެން އިނގޭނު ދޯ ކުރަން ޖެހޭ ކަންކަން.” މަސައްކަތް ކުރަން ޖެހޭ ކެބިން ދައްކާލަމުން ހާނިޔާ ބުނެލިއެވެ. އޭނާ ވާހަކަ ދެއްކީ ހިތްހެޔޮ ކަމާއެކުއެވެ. އަހަރެންނަށް ލިބުނު މަގާމުގެ ގޮތުން ގިނަވަގުތު އުޅެން ޖެހެނީ ހާނިޔާ ކައިރީއެވެ. އުމުރުގެ ގޮތުން އަހަރެންނަށްވުރެ ދިހަ އަހަރު ބޮޑުވި ނަމަވެސް އެކަމެއް އަހަރެންނަކަށް އިހްސާސްއެއް ނުކުރެވެއެވެ.
ދޭތެރެއަކުން ޝަނާޔާ އަހަރެންނަށް ގުޅައި އޮފީސް ކިހިނެއްތޯ އަހައެވެ. އަހަރެންވެސް ވަރަށް ފުރިހަމަ ކަމަށް ބުނީމެވެ. ދުވަހަކުވެސް މިފަދަ ވަޒީފާއެއް ނުލިބޭނެކަން ކަށަވަރުވާތީއެވެ.
ފުރަތަމަ ދުވަސްކަމުން އޮފީހުގެ މަސައްކަތް ވަރަށް ލުޔެވެ. އަހަރެން އޮފީސް ނިންމާލުމަށްފަހު ގެޔަށް ދާނ ނިކުތުމުން އަހަރެންނާއެކު ހާނިޔާ ވެސް އައެވެ.
“އަސްލު ޝަނާޔާ ވެސް ބުނި ރީން ޖޮބަށް ދާން ބޭނުން ނޫން ވާހަކަ މި ބުނީ ރީންގެ ބައްޕަ ގަބޫލް ނޫން ވާހަކަ އަސްލު ކިހިނެއްވީ…؟” ހާނިޔާގެ އެ ސުވާލުގެ ޖަވާބުގައި އަހަރެން ދޮގު ހަދާކަށް ނެތީމެވެ.
” ބައްޕަ އިއްޔާ ނިޔާވެއްޖެ ހާޓް އެޓޭޖެއް ޖެހިގެން. ދެން އަހަރެންގެ ހަގަށް ތިބި ދެ ކޮއްކޮގެ ހަރަދުތައް ބަލަހައްޓަން ޖެހޭނު. މަންމައަށް ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހޭނެ.” އަހަރެން އެހެން ބުނީ ކަށީގައި ނެތް ހިތްވަރު ނެރެގެންނެވެ.
“ސުބްހާނަ ﷲ ކީއްވެތަ ކުރިން ބައްޕަ ނިޔާވި ވާހަކަ ނުބުނީ… އޭރުން މިއަދު އޮފީހަށް އަންނަންވެސް ނުބުނީސް.” ހާނިޔާ ހުރީ ހައިރާން ވެފައެވެ.
“ކުޑަކޮށް ޑިސްޓްރެކްޓް ވާން ބޭނުމީ. ކަމެއްގަ ބިޒީ ވެލަން. ބައްޕަގެ ހަނދާން ތަކާއި ދުރަށްދާން އެ ހިޔާލުތައް އައީމަ ވަރަށް ދެރަވޭ.. ރޯކަށް ބޭނުމެއް ނޫން. ބޭނުންވަނީ ވަރަށް ހިތްވަރުގަދަކުރާން..” އަހަރެންގެ ހިތުގައި އޮތްގޮތަށް ބުނެލީމެވެ.
“އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ޝަނާޔާ ވެސް މާދަން މާލެ އާދޭ…! އަހަރެންވެސް މި އުޅެނީ ހަފްތާއެއް ފަހުން ކައިވެނި ކުރަން. އަންނަން ވާނެ އިނގޭ..” ހާނިޔާ އެހެން ބުނުމުން އަހަރެން ހީލީމެވެ.
“އަނހާ…! ސަމީރައްތަ އެއްޗެހި ގޮވީމަ ދޯ ތިކަން ވެސް ތިކުރަނީ… އަވަހަށް ތިކަން ނިންމާ. މިހާރު ތިއޮށް އުމުރު ދެބައި ވަނީ…” އަބަދުވެސް އަހަރެންނަކީ އެކަހަލަ ކަންކަމުގައި ޖޯކު ޖަހައި އުޅޭ މީހަކީމެވެ. ލޯބީގެ ގޮތުން މީހަކާ ނުގުޅުނެއް ކަމަކު މިހާރު އަހަރެންވެސް އެކަހަލަ ކަމަކާ ވިސްނަން ޖެހެއެވެ. ނަމަވެސް އެ ޚިޔާލު ވެސް ބައްޕަގެ ވަކިވުމާއެކު އަހަރެން ދޫކޮށް ހިނގައްޖެވެ. އަދު ބޭނުންވަނީ ކޮއްކޮމެނަށް ރަނގަޅު މުސްތަގުބަލެއް ހޯދަ ދޭށެވެ. އެ ދެމީހުން ހަރުދަނާ ބަޔަކަށް ހަދާށެވެ.
“އަހަރެން ނިމުނީމަ ދެން ޖެހޭނީ ރީންމެންގެ ޓާން އޭ އިންނާނީ…” އަހަރެން އެހެން ބުނުމުން ބުނެލިއެވެ.
“ހާސްނުވެބަލަ އެކަން ވެސް ވަގުތު ޖެހުނީމަ ވާނޭ…” އަހަރެންގެ ހިޔާލުގައި އެކަން ނެތްނަމަވެސް ހާނިޔާއާއި އެއްބައިވެލަން ބުނެލީމެވެ.
އެ ގޮތަށް އެކި ވާހަކަތައް ދެއްކުމަށްފަހު ގެޔަށް އާދެވުނު އިރު ހަތަރުގަޑި ބައިވަނީއެވެ. އަހަރެން ގެޔަށް ދިޔައިރު މަންމަ ކާން ހަދާގެން އިނެވެ.
“ހެނދުނު ވެސް ކާއެއްޗެއް ނުކާ ދިޔައީ… މަންމައަށް އިނގޭ ދަރިފުޅު ދެރަވާކަން ދެއްކެން ނޫޅުނަސް ދެރަވާނެކަން.” މަންމަ އަހަރެން ފެނުމުން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މަންމަ އެބުނީވެސް ދޮގު ވާހަކައެއް ނޫނެވެ.
“މަންމަ ހާސްނުވަބަލަ. އަހަރެން ކެއީމޭ… ބައްޕަ ދެކެ ލޯބިވުމުގެ މާނަ އަކީ ބައްޕަ ވަކިވީމަ ރޯށެކޭ ނޫނެއްނު. ބައްޕަ ދެއްކި މަގުން ހިނގާށޭ އެއްނު. ބައްޕަ އެދޭ ފަދަ ދަރިއަކަށް ވާށެއްނު. ބައްޕައަށް ހެޔޮދުއާ ކުރުމެއްނު.” އަހަރެން ފައްޗަކަށް އަމުނާލީމެވެ. މަންމަވެސް އިތުރު އެއްޗެކޭ ނުބުނެއެވެ.
ކައި ނިންމާލުމަށްފަހު ކޮޓަރިއަށް ވަނެ ހަމަ އެނދުގައި އޮށޯވެލާ ހަމަ ޖެހިލީމެވެ. ސައިޑް ޓޭބަލް މަތީ އިން އަހަރެންގެ އާއިލާގެ ފޮޓޯ ފްރޭމް ނަގައި ބަލައިލީމެވެ. ބައްޕަގެ ހިނިތުންވުން ފެނި އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެ ހިނިތުންވުން އަދު އަހަރެންނަކަށް ގާތުން ބަލާނެ ފުރުސަތެއް ނެތެވެ. ހަގީގަތުގައިވެސް ބައްޕަވަކިވުމުން އަހަރެންނަށް ވެސް ކުށަ ޝޮކެއް ލިބުނެވެ.
ޚިޔާލުތަކުން ބޭރުވެވުނީ ފޯނު ރިންގުވާނ ފެށުމުންނެވެ. ގުޅަނީ ޝަނާޔާއެވެ.
“އަހަރެން މީ ރީންގެ އެންމެ ގާތް އެކުވެރިޔާ އޯ.. އެކަމް ބައްޕަ ނިޔާވި އިރު އަންގާވެސް ނުލާ..” ޝަނާޔާ ހުރީ އަހަރެން ދެކެ ރުޅި އައިސްއެވެ.
“އަހަރެން ގަބޫލެއް ނުކުރަން އަހަރެންގެ ބައްޕަ ވަކިވި ކަމަކަށް. އަދިވެސް ހީވަނީ ހަމަ ކައިރީގަ ހުރިހެން. އަހަރެންގެ ބޮލުގައި ފިރުމާހެން.” އަހަރެން ވާހަކަ ދެއްކީ ދެރަވެފައި ހުރެގެންނެވެ.
“އައްޔަބޭގެ ހުވަފެން ވެސް ހަގީގަތަށް ހަދައިދޭތަން ނުފެނި ދޯ ވަކިވީ ވެސް.” އެކޮޅުން ޝަނާޔާ ބުނެލިއެވެ.
“ކޮން ހުވަފެނެއް؟” އަހަރެން ހައިރާންވިއެވެ.
“ހޫމް… އައްޔަބޭ ނުބުނެ ދޯ. އަހަރެން ކައިރީ ރީން ގްރެޖުއޭޓް ވި ދުވަހު ބުންޏޭ، ދެން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ރީން މީހަކާ އިނެ ރަނގަޅު ދިރިއުޅުމެއް އުޅޭ ދުވަހެއް ދެކުމޭ… މިކަމާ ވިސްނައްޗެ..! ރީން މައިންޑް ނުކުރައްޗޭ. ނާފިއު އަކީ ގޯސް ކުއްޖެއް ހެން ހިޔެއް ނުވޭ.. އޭނަ އަށް ޔެސްބުނެބަލަ.” ނާފިއު އަކީ ކިޔަވާގެން ހުރި މީހެކެވެ. ނަމަވެސް އޭނާ އަކީ ރަނގަޅު ވަޒީފާއެއް އަދާ ކުރާ މީހެއް ނޫނެވެ. ގޮތަކަށް ބުނަންޏާ އުޅެނީ ބައްޕަގެ ތައްޕާހުގައެވެ.
“އުނހޫން. އަހަރެން ދެ ކޮއްކޮ އެބަތިއްބޭ..! މިކޮޅުގަ އުޅޭއިރު ދެކޮޅެއް ނުޖެހޭނެ ދެމީހުން ކުރާ މަސައްކަތުން ނޫނީ… ދެން އެއީ އަދި ވަޒީފާއަކަށް ދާ މީހެއް ވެސް ނޫން… އައި ކާންޓް ސޭ ޔެސް.” އަހަރެން ބުނީމެވެ.
“ޖަސްޓް ބުނެލީ.. އަހަންނަށް އޯކޭ…! ރީންގެ ލައިފްތާ..! ބަޓް ރީން ޖެހޭނެ އަހަރުންނަށް އިންވައިޓް ކުރަން ކޮންމެ މީހަކާ އިނަސް..” އެއީ ޝަނާޔާގެ އާދައެވެ.
“ހޫމް ދެން ޝަނާޔާއަށް ނުކޮށް ކާކަށް ކުރާނީ..” ހިނިގަނޑެއް ޖަހާލަމުން ބުނެލީމެވެ.
ގިނައިރުތަކެއް ވަންދެން އެހެން ވާހަކަ ދައްކަން ތިބުމަށްފަހު އަހަރެންނަށް ނިދުނީ ޝަނާޔާ ފޯނު ބޭއްވުމުންނެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ކިތަންމެ އަވަހަށް ނިދުނު ނަމަވެސް ދެން ހޭލެވުނީ އަނެއް ދުވަހު ހެނދުނުއެވެ.
އަވަސްއަވަހަށް ތައްޔާރުވެލުމަށްފަހު އަހަރެން ދިޔައީ އޮފީހަށެވެ. އޮފީހުގެ މަސައްކަތުގައި މަސްއޫލްވުމަށެވެ.
“ރީން. ދޭބަ 3 ކޮފީ ބަލާ..” އޮފީހުގެ މަސައްކަތުގެ ތެރެއިން މެންދުރު ވާނ ކައިރިވެފައި ހުއްޓާ ހާނިޔާ ބުނެލިއެވެ. އަހަރެން އެކަމަށް އިންކާރު ކުރުމެއް ނެތި ކޮފީ ހަދަން ދިޔައީމެވެ. ބޮލުގައި އެވަގުތު އެނބުުރެމުން ދިޔައީ ތިން ކޮފީ ކީއްވެގެންތޯއެވެ. ފަހަރުގައި ވެދާނެއެވެ. ހާނިޔާ އިންނަން އުޅޭ މީހާ އަންނަނީއެވެ. އެކަހަލަ ހިޔާލެއްގައި ހުރެ 3 ކޮފީ ހަދައިގެން ޓްރޭއަކަށް ލުމަށްފަހު ހިފައިގެން ދިޔައީމެވެ. އޭރު ވެސް އަހަރެންގެ ސިކުނޑީގައި ވަނީ ތިން ކޮފީ ކީއްވެ ހެއްޔެވެ؟ އޮފީހުގައި ހިނގަމުން ދިޔަ އެއްކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ. ޓްރޭ ހިފައިގެން ދަނިކޮށް މީހެއްގެ ގައިގާ ޖެހުނެވެ. އިސް އުފުލާލާ އޭނާގެ މޫނަށް ބަލާލީމެވެ. އަހަރެންނަށް ވުރެ ދެތިން ފޫޓް ދިގުވާނެއެވެ. ކަސްރަތީ ހަށިގަނޑެކެވެ.ތުނިކޮށް ކޮށާލެވިފައި ހުރި މަތިމަހާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން ދައްކުވައިދެއެވެ. ލައިގެން ހުރީ ހުދު ކުލައިގެ ގަމީހެކެވެ. ތިރިން ފަޓުލުނު ލައި ބެގީ ކުރެވިފައި ހުއްޓެވެ. އަހަރެން ގެނައި ޓްރޭގައި ހުރީ ކޮފީތަށިތައް އޭނާގެ ގައިގާ ޖެހުނު ތަންތަނުގެ ނިޝާން ހުއްޓެވެ.
“ވަޓް ދަ..” އޭނާ އައިނު ނަގައި ގަމީހަށް ބަލައިލަމުން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

mi story vx vrh salhi…kurin ailessh liyunu story vx kiyan comment nukuriyas…e story vx vrh salhi…you are a talented author..
mi story vx vrh reethi vaane hn heevany..
mi part vrh reethi❤
ohhA new story by ailessh