”ކާފާ ކޮންތާކު ތިއުޅެނީ… މާމަ ކިހާ ހާސްވާނެ…“ ކާފަގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެެވެ. އަހަރެން އަތް އޭރުވެސް ތުރުތުރު އަޅައެވެ.
”އަަހަރެން މިއައީ މާލެ ޖައްސާލާފަ ހެނދުނު ސައިބޮއެގެން. ކަލޯ ތިއީ ހުސޭނު ދަރިތަ.“ ކާފަ އަހަރެންނަށް ބަލާލަމުން ބުންޏެވެ.
”ޒީހާން. ޒިޔާދާގެ…ކާފަގެ ކާފަދަރިއޭ މިއީ.“ އެހާ ދުވަސް ފަހުން ކާފައާ ވާހަކަ ދައްކާލުން ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ފެންކަޅިވިއެވެ.
”އައްދޭ މަގޭ ޒީހާން ދޯ. ކަލޯ ހާދަ ދިގުވެއްޖޭ. މިދަނީ މާލެ ދާން ހިނގާ ދޯ“ ކާފަ ހިނިތުން ވެލާފާ ބުންޏެވެ.
” ހުމް.. އެކަމަކު މާމަ ގޮވައިގެންދޯ ދާނީ… ހިނގާ މާމަ ބަލައި… ”
” މައްސަަލައެއްނެތް. މިހުރީ ކާފައާ މާލޭން ދިމާވި މަންޖެއެއް.“ އަންހެން ކުއްޖާއަށް ބަލާލަމުން ކާފަ ބުންޏެވެ. އަހަރެން ޝުކުރު އަދާކުރަން ބަލާލީމެވެ.
”އިޝާ??“ ވައި އަޑުން އަހަރެންނަށް ބުނެވުނެވެ.
******
ކާފަ އަހަރެންގެ އަތުގައި ބާރަށް ހިފައިގެން ހުއްޓެވެ. ކޮންމެވެސް ވަރަކަށް ތަދުވެސް އިޙްސާސް ކުރެވުނެވެ. ހިނގާށޭދާން ބުނެފައި އަހަރެންވެސް ހިނގައި ގަތީމެވެ. ކާފަ މަޑުމަޑުން ގެއާ ދިމާލަށް ހިނގަމުން ދިޔައެވެ. އިޝާ އަހަރެންނާ އެއްވަރަށް ހިނގަމުން ދިޔައެވެ. ދެންމެ ގަނެފައި ހުރި ބިރާ ހާސްކަން މަޑުމަޑުން ފިލަމުން ހަމަޖެހެމުން ދާކަމުގެ އިޙްސާސް ވިއެވެ.
”މުހުތާރާ. ކަލޭ ކައިރީ… މަ… ބުނިންދޯ މަކައިރީ ނުބުނެ ނުދާށޭ“ މާމަ ދުވަމުން އެތިވަރެއް ކިޔަމުން ގިސްލަމުން އެބައާދެއެވެ.
”މަރިޔަބާ… ކަލޭ ރޯވަރު ކަމެއްވެއްޖެތަ… މަމި އައީއެއްނުން… މާލެ ޖައްސާލިއްޔޭ… މިހުރީ އަހަރެންނާ ދިމާވި މަންޖެއެއް. މާ ވާހަކައެއް ނުދައްކާނެ“ ކާފަ ދެލޯބޮޑުކޮށް ވާހަކަދެއްކިއެވެ.
މާމައޭރުވެސް ކުދި ކިޔަނީއެވެ. އަހަރެންނަށް އަދި ހަމަ ބިމަށް އާދެވުނީއެވެ. އެންމެން ގޭތެެރެއަށް ވަނެވެ. އިޝާއަށް ވެސް ގޮވާ މާމަ އޭނަވެސް ވެއްދިއެވެ.
މާމަ ކާފަގިވައިގެން ކޮޓަރިއަށް ދިޔައެވެ. އޭރުވެސް ކޮޓަރިން މާލެ ދިޔަވާހަކަ ކާފަ ދައްކާތީ އަޑުއިވެއެވެ. އަހަރެންނަށް ކުޑަކޮށް ހެވުނެވެ.
އިޝާ އަށީގައި އިށީނދެލައިގެން އިނެވެ. ކަކުލާ ހިސާބަކަށްދާ މުށި ހެދުމެއް ލައިފާ ގަދަ މުށި ކުލައިގެ ހަރުވާޅެއް ލައިފާ ހުއްޓެވެ. އިސްޖައިގެން އިންއިރު ކޯތާފަތުގައި މަޑު ޖަންބު ފިޔާތޮށި ކުލައެއް ހުއްޓެވެ. ކާފަ މިއަދު ނުގެއްލި އެ ހުރީ މިކުއްޖާގެ ސަބަބުންނެވެ. އަހަރެންގެ ހިތުން މިކުއްޖާއަށް ޝުކުރުވެރި ވެވުނެވެ.
މަޑުމަޑުން ގޮސް އަހަރެން އިޝާގެ ކައިރީގައި އިށީނީމެވެ. ނަމަވެސް ދެފޫޓެއް ހާ ދުރުމިން ބައިންދާފައެވެ. އޭނާ މަތި ބަލާލިއެވެ. އަދި ލަވައަކަށް ހަރަކާތް ކޮށްލާގޮތަށް ބޯހަލުވާލިއެވެ. ދެން އަހަރެންނާ ދިމާލަށް މޫނު އަނބުރާލިއެވެ. އަހަރެން ދެލޯ ބޮޑުކޮށގެން ބަލަން އިންތަން ފެނިފައި އޭނާގެ މޫނު އެކީ ރަތްވެގެން ދިޔައެވެ. އަދި ނިކަން އަވަހަށް ނުވަތައް މޫނު އަނބުރާލިއެވެ. އެވަގުތު އޭނާގެ ބުރުގާގެ ފަހަތްކޮޅު އައިސް އަހަރެން މޫނުގައި ފިރުމާލިއެވެ. ފިޔާތޮށި ފިނިފެންމަލުގައި ހުންނަ ފަދަ އަސަރުގަ ވަހެއް ސިކުނޑިއަށް ފޯރިއެވެ. އިތުރަށް ވަސްބަލާލަން ބޭނުން ވިއެއްކަމަކު ނަފްސު މަތަކޮށްލީމެވެ.
”ކާފަ… ކާފަ ގެނެސް ދިނީތީ… ތެންކްސް“ ރީތިކޮށް ބުނަން ކުރި މަސައްކަތުން ނުކުތީ ކުރަކި އަޑެކެވެ.
އިޝާ އަހަރެންނާ ދިމާލަށް ބަލާލިއެވެ. ކަޅުކަން ގަދަ ދެލޮލެވެ. ދިގު އެސްފިޔަތަކެކެވެ. ކަޅު ރީތި ބުމައެވެ. ވާއަތު ކޯމަތީ ކަޅު ތަންކޮށްކޮޅު ހުއްޓެއްކަމަކު އުނިކަމެކޭ ނުބުނެވޭނެވެ. އިތުރަށް ފުރިހަމަ ކޮށްދޭ ކަހަލައެވެ. ތުންފަތްމަތީގައި އަސްލު ފިޔާތޮށި ކުލަ ނަލައެެވެ. އިޝާ ހީލިއެވެ.
މީހުން ބުނެއެވެ. ބަނޑުގައި ކޮކާތަކެއް އައުމެވެ. އެކަހަލަ ކޮންމެވެސް އެއްޗެކެވެ. އަހަރެންނަށް މިހާރު މިވަނީ އެކަލަ އިޙްސާސެއް ކަންނޭނގެއެވެ. ނޫނެކެވެ. ހަމަޖެހެންވީއެވެ. އިޝާ ހަމައެކަނި ރީތީއެވެ. ނަލައީއެވެ. ލޯބިގޮތެއް ހުންނަނީއެވެ. އަސަރުން ފުރިގެންވާ ޖަޒުބާތުތަކެއް ގެނުވަނީނެވެ. ގޯސްވީއެވެ. އިޝާއެވެ. ހަމަ އާދައިގެ އަންހެން ކުއްޖެވެ. އެހާހިސާބުން ނިމުނީއެވެ. އަހަރެން ލޯތްބެއް ނުވެއެވެ. އަހަރެން މީހަކާ އިންނަ ހިތެއް ނެތެވެ. ދިރިއުޅުމެއް ފަށާހިތެއްނެތެވެ. ސުބްޙާނަالله ކޮންހާ ޚިޔާލު ތަކެއް ހެތްޔެވެ.
އިޝާ އޭނާގެ ޝަހާދު އިނގިލި ތުންފަތް މަތީގައި ޖައްސާލިއެވެ. ހިމޭން ވާން ބުނަނީ ބާވެއެވެ. ދެން އަނެއް އަތުން ޝަހާދު އިނގިލިގެނެސް އަމިއްލަ ތުންފަތުގައި ހުރަސްކޮށް ލިއެވެ. ވާާހަކަ ނުދައްކަންވީ ހެއްޔެވެ. ނޭނގުނެވެ.
”އީޝާ… އަހަރެންނަށް ނޭނގުނު“ ހަމަ ބުނަން އުޅޭ އެތި ނޭނގުމުން އަހަރެން ބުނީމެވެ.
އީޝާ މަޑުމަޑުން ހީލިއެވެ. އަހަރެންގެ ފޯނަށް އިނގިލި ދިއްކޮށްލިއެވެ. ފޯނު ހުޅުވާފައި ދިނީމެވެ. އަވަސް އަވަހަށް އަހަރެންގެ އަތުން ފޯނު އަތުލިއެވެ. އެއްޗެއް އަވަސް އަވަހަށް ޓައިޕްކޮށްފާ ދިނެވެ. ލިޔެފައި އޮތީ މިހެނެވެ.
I can’t speak. I am a mute.
މިހެނެވެ.
އަހަރެންނަށް އުނގަދޫވިއެވެ. ޤަބޫލުކުރަން މަސައްކަތް ކުރީމެވެ.
”އަސްލުވެސް?“ އަހަރެންނަށް އަހާލެވުނެވެ.
އިޝާ ބޯޖަހާލިއެވެ. އަދި ހިނިތުންވެލިއެވެ.
އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގި އިޝާއާއި ދިމާލަށް ބަލާލަން ހުރެވުނެވެ. އެހާ މޫރިތި ސޫރައެއްގައި ހުއްޓެއް ކަމަކު މިކުއްޖާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާ ދެރަވާނެ ބާވެއެވެ. އެއްވެސް މީހަކަށް އޭނާގެ އަޑު ނީވޭނެއެވެ. ހީލާ ހަޅޭލަވައެއް ނުހެދޭނެއެވެ. އިންސާފުހެއްޔެވެ. މިންވަރުފުޅުގައި ހުރިގޮތް ތާއެވެ.
އިޝާ އަހަރެންނާ ގާތްވެލިއެވެ. ކަންފަތުގައި ވިންދު ޖެހެމުންދާ ކަހަލަ އިޙްސާސެއް ވިއެވެ. އަހަރެންގެ ލޮލަށް ބަލަމުން އޭނާގެ އަތުން ކިހިނެއްވީތޯ އިޝާރާތް ކޮށްލިއެވެ.
”އަ-” ބުނަން އުޅުންއެތި އަނގަޔަށް ވަނެއެވެ. އަހަރެންގެ ބޮޑުވެފައި ހުރި ލޮލަށް ބަލަން އިޝާކަޅިޖަހާނުލައި ހުއްޓެވެ. ސިކުނޑި ހުސްވިއެވެ. މުށި ދެލޯދަޅައަޅާ ކަހަލައެވެ. މަސްތުވީ ބާރެެއްގެ އިޙްސާސްވިއެވެ. އެސިކުންތު ކޮޅު ދާއިމަށް ދެމިހުންނާނެ ނަމައޭ ހިތައްއެރިއެވެ.
”ޒީހާން“ މާމަގެ އަޑާއެކު ހަމަ ބިމަށް މީހާގެ ހިއްސުތައް އައެވެ. އާއެކޭ ބުނެފައި އިޝާއާދިމާއަށް ބަލާލިއިރު އެނާ ހުރީ އިސްޖަހައިގެންނެވެ. ކޯތާފަތުގައި މަޑުމަޑު ރަތްކަމެއް ހުއްޓެވެ. ދެދުވެ ހިނިތުންވެލާފާ އިޝާ ބޭރަށް ނުކުތެވެ.
”ޒީހާން“ އަނެއްކާވެސް މާމަ ގޮވާލިއެވެ. އަހަރެން ލަސްނުކޮށް އަވަހަށް ކޮޓަރިއާ ދިމާލަށް މިސްރާބުޖެހީމެވެ.
ކާފައޭރު އޮށޯވެލައިގެން އޮތެވެ. މާމަ ކާފަގެ ގައިގާ ރަޖާ އަޅާލިއެވެ.
” ހާދަ އިރެއްކޮށްފަ ތިޔައީ… ކޮބާ އިޝާ?“ މާމަ އެހިއެވެ.
” ގޮއްސި ގެއަށް ކަންނޭނގެ … މާމާ… އިޝާއަކަށް ވާހަކައެއް ނުދެއްކޭތަ?“ ނާހާ ކެތްނުކުރެވުނެވެ.
” އާނ މާމަ ހީކުރީ ދަރިފުޅަށް އިނގޭނެކަމަށް. ކުރިން އެމަންޖެ ވާހަަކަ ދައްކާނެ. އިޝާގެ މަންމަ އޭނާ ވަރަށް ކުޑައިރު ސިހުރުގެ ކަމެއްގައި ނިޔާވި. އެކަމުގެ ހިތާމައިގެ ކަމަށް ވަނީ އޭނާގެ އަޑު ދިޔައީވެސް. މާ ކަ ރަނގަޅަކަށް ނޭނގެ. އޭނަގެ ބޮޑުދައިގަ ގޭގަ އޭނަ އުޅޭނީ. ނިކަން ތޫނު ފިލި ހިތްހެޔޮ ކުއްޖެއް. މާމަ އަށް ވަރަށް އެހީތެރިވެދޭނެ.“
މާމަގެ ބުނި ވާހަކައަށް އަހަރެން އިނީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޝާއާއި މެދު ހިތުގައި ހަމްދަރުދީއެއް އުފެދުނެވެ. މާމަ ތެދުވެލިއެވެ.
” އަންނާނަން ބަދިގެ ހަމައަކަށް އަޅުވާލާފަ. ކާފަ ބަލާލަށްޗޭ. ރަނގަޅަށް ދުނުމީ ދަރިފުޅު ދިޔަސް އެންމެ ރަނގަޅު.“ މިހެން ބުނެފައި ނުކުތެވެ.
ކާފަޔާ ދިމާއަށް ބަލާލިއިރު ނިކަން އަރާމުކޮށް ނިދާލާފައި އޮތެވެ. އެނދުބޯލާ ކޮޅުގައި ހުރި ރޭޑިޔޯއިން ޤުރުއާނުގެ އަޑުހުއްޓެވެ.
ކުއްލިއަކަަށް ކާފަގެ ގަޔަށް ހިޔަންޔެއް އެޅުހެން ހީވިއެވެ. މަޑުމަޑު ބަލާލިއިރު ކާފަ ހަމަ އޮތީއެވެ. އޭރުވެސް ޤުރުއާނުގެ އަޑުހުއްޓެވެ. ހަމަ އެސިކުންތު ކާފަގެ މޫނަށް ރޫޖެހިލިއެވެ. އަހަރެން ކާފަގެ ކޮނޑުގައި ހިފާލުމަށްފަހު ކާފާއޭ ކިޔާ ގޮވާލީމެވެ. އޭރުވެސް ޤުރުއާނުގެ އަޑު ހުއްޓެވެ.
وَأَنَّهُۥ كَانَ رِجَالٌۭ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍۢ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًۭا ٦ [ސޫރަތުލް ޖިންނ]
ކުއްލިއަކަށް ކާފަގެ ލޯތަންމިނަށް ހުޅުވުނެވެ. އަހަރެން ސިއްސައިގެން ދުރައްޖެހެވުނެެވެ. އަޑެއް ނައެވެ. ދެލޯހުރީ ރަތްވެފައެވެ. އެނދު މައްޗައް ހުރި ގޮތައް ތެދުވިއެވެ. އަހަރެންނާ ދިމާލަށް ބަލާހުމަށް ފަހު ކަށި ގޮތަކަށް ކަރު އަނބުރާލަމުން ރޭޑިޔޯއަށް ކާފަގެ ނަޒަރު ހުއްޓުނެވެ. އަތް ތަންމިނަށް ފުޅާކުރުމަށް ފަހު ރޭޑިޔޯގައި ޖެހިޖެހީނުން އޭތި ކުދިިކުދިވެގެން ދިޔައެވެ.
”ބލއއ ނުން! މަ ނިދަޔަސް ކަލޭމެންނަށް އުނދަގޫ ވަނީތަ.“ ކާފަ ހަޅޭލައިގަތެވެ. ޒީލަގަދަ ބަރު އަޑަކުންނެވެ. ކާފަގެ އަޑާ މާތަފާތެވެ. ކަންފަތް ބައްވާފަދަ އަޑެކެވެ.
ކަރު އަނެއްކާވެސް އަނބުރާލިއެވެ. ބަދަ މުގުރޭއަޑު އިވޭހެންވެސް ހީވެއެވެ.
”ޒިޔާދާގެ ކުޑަ ގލދޯ! ކަލޭ ކީކުރަން މަރަށަށް ތިއެރީ. ކާފަ ދެކިލަންތަ.“
އަހަރެންގެ އަޑު ބެދުނެވެ. ކަންފަތުން ލޭއަންނަކަމުގެ އިހްސާސް އެބަވެއެވެ. ކޮންފަދަ ކަމެއްހެއްޔެވެ.
ކުއްލިއަކަށް ކާފަ މަޑުވިއެވެ. ކުޑަވެލިއެވެ. އަދި ކާފަގެ އަމިއްލައަޑުން ވާހަކަ ދެއްކިއެވެ.
”ޒީހާން ކީއްވެ އައީ. ދޭ މިތަނުން ދޭ. ކާފައާއި ކައިރި ވެއްޖެއްޔާ… ” ދެން ކުއްލިއަކަށް ކާފަ ހޭންފެށިއެވެ. އަހަރެން ގަތީ އަމަށަކު ބިރެއްނޫނެވެ.
”އޭތް!“ އަނެއްކާވެސް ހަޅޭލަވައިގަތެވެ.
”ކަލޭ އަސްލު މަރާލަންވީ“ ހަމައެވަގުތު ކާފަގެ އަތް އަހަރެންގެ ކަރަށް އައެވެ. ބާރަށް ހިފާލިއެވެ. އަހަރެންނަށް ތެޅިގަނެވުނެވެ. ނޭވާއެއް ނުލެވުނެވެ. ކާފަގެ ލޮލުން ނަފްރަތާއި ރުޅިވެރިކަން ބުރަމުންދާ ކަހަލައެވެ.
”ކަލޭ މަރާލާނަން. ކަލޭ މަންމަވެސް މަރާނަން. މާމަވެސް މަރާނަން. އިޝާވެސް މަރާނަން. އެކަކުވެސް ދުލެއްނުކުރާނަން.“ ކާފަގެ ހަޅޭކުގެ އަޑޫ މުޅިކޮޓަރިތެރޭ ހުއްޓެވެ. ނޭވާ ކޮޅަށް ދިޔައެވެ. ވިންދު އަވަސް ވަމުން ދިޔައެވެ. އަހަރެންގެ މޫނުމަތި އަނދިރިވިއެވެ.
******އަދި ނުނިމޭ******
ނޯޓް: ދެން އޮތްބައި އަންނާނެ ކަމަށް ލަފާކުރެވެނީ ހަފްތާއެއް ފަހުން
