ހަންގަނޑަށް ރޫޖެހިފައިވާ ދެކޮލަށް ބަލައިލެވުމުން ހިތް ފަޅައިގެން ނުދާނީ ފަހެ ކާކު ހެއްޔެވެ؟ ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުން ކަރުނަ ނާންނާނީ ކޮން ލޮލަކުން ހެއްޔެވެ؟ ދުނިޔެ މަތިން އެންމެ ލޯބިވި އިންސާނާ މަރާ ހަނގުރާމަ ކުރާ މަންޒަރު ބަލަން ކެތްވާނީ ކޮން އިންސާނަކަށްބާއެވެ؟ މޭ ފިތޭހެން ހީވި ވަގުތު އަހަރެންގެ އަތުތެރޭ އޮތް އޭނާގެ އަތަށް ބާރު ކޮށްލެވުނެވެ. ލޮލުން ކަރުނަ އައިކަންވެސް އެނގުނީ އެމަޑު އަތްތިލައިގެ އިހުސާސް ކޯތާފަތް ކައިރިން ކުރެވުމުންނެވެ. ކަރުނަވީ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަހަރެން އޭނާގެ ދެއަތުގައި ބޮސްދިނީމެވެ.
“ރިޔާ.. ޑޯންޓް ކްރައި.. އަހަރެން މާ ދެރަވެއޭ ރިޔާ ރޯތަން ފެނުނީމަ، ޕްލީޒް ރިޔާ!” އަހަރެންގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލަމުން އަލްޔާ ބުނެލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު، އަހަރެންގެ ލޮލުން އައި ކަރުނަތައްވީ އިތުރެވެ. ޖަވާބު ދިނުމެއްނެތި އަހަރެން އޭނާ ބާއްވާފައި އޮތް އެނދުގައި ބޯ އަޅާލީމެވެ. އޭނާވެސް އިތުރުއެއްޗެއް ނުބުނެ އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތީއެވެ. އަނބިމީހާ އެހާލުގައި އޮތުމުން އަހަރެންނަށް ކުރެވުނީ ކުށްވެރި އިހުސާސެކެވެ. އޭނާއަށް ދޭންވާ ވަރަށް ވަގުތު ނުދެވުނީމައެވެ.
އަހަރެންނާއި އަލްޔާ ބައްދަލުވީ މީގެ ހަތަރު އަހަރު ކުރިން އޮފީހުންނެވެ. އެކުވެރިކަމުގެ ގުޅުން ލޮތްބަށް ބަދަލުވެ ކައިވެނީގެ ގޮތުން އަހަރެމެން ގުޅުނީ ރައްޓެހިވެގެން އުޅޭތާ ދެއަހަރު ފަހުންނެވެ. ކައިވެންޏަށް މާގިނަ މަސްތަކެއްނުވެ އަލްޔާ އިނީ އަހަރެމެންގެ ހުރިހަމައެކަނި ދަރިފުޅަށް ބަލިވެއެވެ. އެހާ އަވަހަށް ދަރިއެއް ހޯދުމަކީ އަހަރެމެން ޕްލޭންކޮށްފައި އޮތް ކަމެއް ނޫނެވެ. ބަލިވެއިންކަން އެނގުނު ހިސާބުން އަލްޔާ ވަޒީފާއިން ވަކިވެ އޭނާގެ ހުރިހާ ވަގުތެއް ލިބެން އުޅޭ ދަރިފުޅަށް ހުސްކުރިއެވެ.
ނުވަ މަހާއި ނުވަދުވަސް ފަހުން އަލްޔާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އަހަރެންގެ ހުރިހާ ހުވަފެނެއް ވިއްސިވިހާލި ކުރަމުންނެވެ. ދަރިއެއް ލިބޭކަން އެނގިހުރެ އަހަރެން އަބަދުވެސް އުންމީދު ކުރީ ފިރިހެން ކުއްޖެއް ލިބޭނެކަމަށެވެ. އަހަރެންނަށް ގަބޫލުކުރެވުން ގޮތުގައި އާއިލާއެއް ހެދި ފޯދޭނީ އެއާއިލާއެއްގައި ފިރިހެން ކުއްޖެއް ހުރީމައެވެ. އަންހެން ދަރިން މީހަކާ އިނދެ ދިއުމުން އެކުދިންގެ ފަރާތުން މާބޮޑުކަމެއް އަހަރުމެންނަކަށް ނުކޮށްދެވޭނެއެވެ. އެހެނަސް ފިރިހެން ކުދިން ބޮޑުވެގެން ޢާއިލީ ޒިންމާތައްނަގާ ވިޔަފާރިއެއް އޮތްނަމަ އެވިޔަފާރިއަކާ ހަވާލުވެ އާއިލާއެއްގެ ނަމާއި، ޤަދަރު ހިފަހައްޓާނެއެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައި އަހަރެން ކަހަލަ ނުވިސްނޭ މީހަކު ހުރިކަމަށްޓަކައި އަހަރެން މިއަދު ލަދުވެތިވަމެވެ.
ދަރިފުޅު ލިބުން ފަހުން އަހަރެން ގޭގައި އުޅޭ ވަގުތުވެސް މަދުކުރީމެވެ. އޮފީހުގައި ގިނަވަގުތު މަސައްކަތްކޮށް ފުދޭވަރަކަށް ރުފިޔާ ލިބުމުން ހުޅުވީ ކެފޭއެކެވެ. އޮފީސް ނިންމާފައި ހަވީރުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެން އިންނަނީ އެތަނުގައެވެ. ގެއަށް ވަދެލަނީ ނިދާލާށެވެ. ހެނދުނުވެސް އައިރާ ހޭލަންވާއިރު އަހަރެން ގެއިން ނިކުމެގެން ދަމެވެ. ނަމަވެސް އަލްޔާ އެންމެ ފަހަރަކުވެސް ރުޅިއައިސްގެން އެއްވެސް ބަހެއް ނުބުނެއެވެ. ކެތްތެރިކަމުގައި އޭނާއަކީ ލާމަސީލު ނަމޫނާއެކެވެ. ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ދަރިފުޅަށް ދެއަހަރު ފުރިއްޖެއެވެ. ކުޑަނަމަވެސް ސަމާލުކަމެއް އެދަރިފުޅަކަށް އަހަރެން ނުދެމެވެ. ނަމަވެސް އައިރާ އަހަރެން ދެކެ ލޯބިވާކަން އޭނާގެ އަމަލުތަކުން އަހަރެންނަށް އެނގެއެވެ. އޭނާ ހޭލާ އުޅޭ ވަގުތެއްގައި ގެއަށް ވަދެއްޖެއްޔާ ދުވެލާފައި އައިސް ފައިގައި ބައްދާލާނެއެވެ. ބައެއް ދުވަސްދުވަހު އަހަރެންގެ އަތަށް ކަރުދާސް ގަނޑެއްވެސް ލައިދޭނެއެވެ. އެއްފަހަރުވެސް އޭގައި ލިޔެފައި އޮންނަ އެއްޗެއް އަހަރެން ނުބަލަމެވެ. އަހަރެންނަށް ވުރެ ކުރިން އޭނާ ހޭލާ ދުވަސްދުވަހު އަހަރެން ހޭލައްވާލާނީ އޭނާ އަހަރެންގެ ކޮލަށްދޭ ބޮސްދިނުމަކުންނެވެ. ހިތްހަމަ ނުޖެހުނަސް އަހަރެން ފާޅުގައި އެކަމެއް ދަރިފުޅަކަށް ނުދައްކަމެވެ. އަލްޔާވެސް އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީވެސް އުފަލާއެކުއެވެ. ޝަކުވާގެ އެއްވެސް ބަހެއް އަހަރެން އަހާކަށް ނުޖެހެއެވެ. އެކުވެރިން އަހަރެންނަށް އެތައް ފަހަރަކު ނަސޭހަތްވެސް ދިނެވެ. އުޅެމުން ދިޔަ ދިރިއުޅުން ބަދަލުކޮށް އަނބިމީހާއާ ދަރިފުޅަށް ވަގުތު ދިނުމަށެވެ. އެހެނަސް އަހަރެންގެ ހަރު ހިތަށް ވިސްނޭނެ ހެއްޔެވެ؟
އެއީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އަހަރެން އޮފީހުގައި އިންދާ އަލްޔާގެ ދޮންތަ ގުޅާފައި ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް ބުންޏެވެ. ކުރަންހުރި މަސައްކަތްތައް ބެހެއްޓުމަށް ފަހު އަހަރެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަދެ ދެފަރާތަށް ބަލަމުން ދަނިކޮށް އެމަޖެންސީ ކޮޓަރި ދޮރުމަތީ އަންހެނުންގެ ޢާއިލާގެ މީހުންނާ އަހަރެންގެ މަންމަ މަޑުކޮށްލައިގެން ތިއްބާ ފެނުނެވެ. މައިދައިތަގެ އުނގުގައި އައިރާ އިނުމުން އެތެރޭގައިވީ އަލްޔާކަން އަހަރެންނަށް ދެނެގަނެވުނެވެ. ހާސްވީވަރުން އަހަރެންނަށް ނުހަނު އަވަހަށް އެމީހުންގެ ގާތަށް ދެވިއްޖެއެވެ.
“އަލް.. އަލް ކޮބާ؟ ކިހިނެއްވީ؟” އެއްނޭވާ އިން އަހަރެން ކިޔައިލީމެވެ.
“އެންމެފަހުން އެނގިއްޖެ ދޯ އަންހެންނުންގެ ހާލެއް ބަލައިލަން..” އަލްޔާގެ ދޮންތަ، އަޝްރާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. އޭނާ ފުލުސް ޔުނީފޯމުގައި ހުރުމުން ޑިއުޓީގައި ހުރެފައި އައީކަން އަހަރެން ދެނެގަތީމެވެ.
“ކިހިނެއްހޭވީ؟” ފުދޭވަރަކަށް ބާރަށް އަހަރެން ބުނެލީމެވެ.
“މަންމަ ދިޔައިރަށް އޮތީ ބިންމައްޗަށް ވެއްޓިފަ.. އައިރާ ދޮރު ހުޅުވީ..” އަހަރެންގެ މަންމަ ބުންޏެވެ. ނުބުންޏަސް މަންމަވެސް ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ. މައިދައިތަގެ މޫނަށް ބަލައިލުމުން މައިދައިތަވެސް އިނީ ހިތްހަމަނުޖެހިފައިކަން އަހަރެންނަސް ދެނެގަނެވުނެވެ.
އެމަޖެންސީ ރޫމު ދޮރު ހުޅުވާލާފައި ނުކުތް ޑޮކްޓަރު ފެނުމުން އަހަރެން އަވސް ފިޔަވަޅުތަކެއްގައި ގޮސް ޑޮކްޓަރުގެ ކުރިމަތީ ހުއްޓުނީމެވެ.
“ލޭގެ ކެންސަރު ޖެހި އޭގެ އެންމެފަހު ސްޓޭޖްގައި ހުރީ. ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް.. މިވަގުތު ފަރުވާދޭނީ އައިސީޔޫގައި.” ޑޮކްޓަރު ބުނެލިއެވެ.
“އަލް ސަލާމަތް ކުރެވޭނެތަ؟” އެވަގުތު އަހަރެންނަށް ކޮށްލެވުނީ އެސުވާލެވެ.
“ކުރިން ބުނިހެން އެންމެފަހު ސްޓޭޖްގައި ހުރީ. ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް.. ” މައުލޫމާތުދީ ނިންމާލުމަށްފަހު ޑޮކްޓަރު އެނބުރިވަނީ އެމަޖަންސީ ކޮޓަރިއަށެވެ. ކަރުނައިން ފުރިފައިވާ ދެލޮލަކުން ނުރުހުމުގެ ނަޒަރުގައި އަހަރެންނަށް ބަލައިލާފައި އެންމެންވެސް ގޮސް އިށީނީ ގޮނޑިބަރިތަކުގައެވެ.
ގައިގައި ވަރުނެތް މީހެއް ފަދައިން އަހަރެން އައިސް އިށީނީ އެކަހެރިކޮށް އިން ގޮނޑިއެއްގައެވެ. ބޮލުގައި ރިއްސައިގަތީނުން ނުހަނު ބާރަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ހަނދާންވީ މިއަދު ހެނދުނު އަލްޔާއާއެކު ދެކެވުނު އެންމެ ފަހު ވާހަކަތަކެވެ.
***
އަތުގައި އޮތް ފައިލު ހިފައިގެން އަލްޔާ އައިސް ހުއްޓިލީ އަހަރެން ކައިރީއެވެ. އޭރު އަހަރެން އިނީ ކޮފީގެ އެންމެފަހު އެތިފޮދު ބޯށެވެ.
“ރިޔާ.. އަހަރެން މިވާހަކަ ބުނަންއުޅޭތާ ވަރަށް ދުވަސްވެއްޖެ..” އޭނާ ވާހަކަފެށިއެވެ
“ނުބުނައްޗޭ ޕްރެގްވީއޭ..” އަހަރެން ހީކުރީ އޭނާ އެއުޅެނީ ބަނޑުބޮޑުވި ވާހަކަ ބުނަންކަމަށެވެ. އަތުގައި އޮތް ފައިލުން އެއީ އޭނާ މާބަނޑުއިރު ގެންގުޅުން ކަހަލަ ފައިލެއްކަން އަހަރެންނަށް ޔަގީންވީއެވެ.
“ރިޔާ.. ލިސަން ޓު މީ..” އާދޭހާއެކު އޭނާ ބުންޏެވެ.
“އަލް.. އަހަރެން ލަސްވަނީ..” އޭނާއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ އަހަރެން ހިނގައިގަތީ އެޕާޓްމަންޓުން ނިކުންނާށެވެ.
“ރިޔާ.. ޕްލީޒް.. ހަމައެކަނި މިފަހަރު..” އޭނާ ތެދުވެގެން އައިސް ހިފީ އަހަރެންގެ އަތުގައެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. އިތުރު އެއްޗެއް ނުބުނެވެނީސް އައިރާ ރޯންފެށި އަޑު އިވުމާއެކު އަލްޔާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. ދެލޯ ފުހެމުން އޭނާ ގޮސް ވަނީ އައިރާގެ ކޮޓަރިއަށެވެ. މާބޮޑު ކަމެއްކަމަށް ނުހަދާ އަހަރެން ގެއިން ނިކުމެގެން އައީއެވެ.
**
ހިޔާލީ ދުނިޔެއިން ބޭރުވެވުނީ އައިރާ ނުހަނު ބާރަށް މަންމީއޭ ކިޔާ ގޮވާލިއަޑު އިވުމުންނެވެ. އިމަޖެންސީ ރޫމުން ނެރެގެން އޭރު އަލްޔާ އައިސީޔޫއަށް ގެންދަނީއެވެ. އަހަރެންވެސް ކޮޅަށް ތެދުވެލާ އަވަހަށް އެނދާ ކައިރިވެލީމެވެ. ކުރިއަށް ވުރެ އޭނާގެ ހަށިގަނޑު އަނަރޫފަވެފައިވާކަން އަހަރެންނަށް ފާހަގަވީވެސް އެވަގުތެވެ. އޮސްކިޖަން މާސްކް ގުޅާފައި އޮތްއިރު އަލްޔާގެ ދެލޯ އޮތީ މެރިފައެވެ. ދެލޯކައިރި ކަޅުވެފައި ހުރިކަންވެސް އެހިނދުގައި އަހަންނަށް ފާހަގަވިއެވެ. އެނދުގެ ފަހަތުގައި ހިފަހައްޓައިގެން ހުރެ އަހަރެން ދިޔައީމެވެ. ލޮލުން ކަރުނައައިކަން އެނގުނީ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ފައިގައި ބޮސްދީފައި ތިރިއަށް ފައިބައިގެން ދިއުމުންނެވެ.
އެއް ހަފްތާ ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފައިތުވެގެންދާ ކޮންމެ ދުވަހެއްގައި އަލްޔާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ.
“ރިޔާ.. ރިޔާ..” އަލްޔާ އަހަރެންގެ ނަމުން ދެތިން ފަހަރަކު ގޮވާލިއެވެ. ގޮދަޑިމަތިން ބޯހިއްލާލާ އޭނާގެ ލޮލާ ލޯ ސީދާ ކޮށްލީމެވެ.
“ސޮރީ.. އައިމް ސޮރީ.. އަލް.. އަހަރެންގެ އަލްޔާ..” އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.
“ރިޔާ ހުއްޓާލަބަ.. ޕްލީޒް…” އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނާ ބުނެލިއެވެ.
“ބަލާބަ.. އަލް އޮތް ހާލު. އަހަރެން ރަނގަޅަށް އަލްއަށް ބެލިނަމަ މިއަށްވުރެ ކުރިން އަލް ސަލާމަތް ކުރެވުނީސް.. އިޓްސް އޯލް މައި ފޯލްޓް.. އަހަރެންނަކީ ގޯސް ފިރިއެއް. ދަރިފުޅަށް އަޅާނުލި ބައްޕައެއް..” އެހުރިހާ ދުވަހު ހިފަހައްޓައިގެން ހުރި އިހުސާސްތައް އަލްޔާ ކުރިމަތީގައި ބަންޑުން ކޮށްލެވުނެވެ.
“ތިހެން ނުބުނާށޭ ރިޔާން..” ތަންކޮޅެއް ހަރުކަށިކަމާއެކު އޭނާ ބުނެލިއެވެ.
“އަހަރެން ދޫކޮށްފައި ނުދޭބަ އަލްލް.. ހެޔޮނުވާނެ. އަހަރެން އެކަނިވެރިވާނެ. ހިތާމައިން ހަލާކުވެދާނެ. އަހަރެންގެ ހަޔާތްފަޅުވާނެ. ހަމަ އެންމެ ޗާންސެއް އަހަރެންނަށްދީ.. އޭރުން އަހަރެން.. އަހަރެން ހުރިހާ ކަމެއްވެސް ރަނގަޅަށް ކޮށްދޭނަން.. އަލް.. އަހަރެން.. އަހަރެން.. ދް.. ދޫކޮށް ދިޔައީމަ.. ކިހިނެއް އަހަރެން އެކަނި އާރާ ބަލާނީވެސް.؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހަރެންނަށް ބުނެވުނެވެ.
ދެންދިޔައީ ހަމަހިމޭންކަމުގެ ސިކުންތުކޮޅެކެވެ. އެހެންއޮތުމަށްފަހު އަލްޔާ ކުއްލިއަކަށް ހީލިއެވެ.
“ކިހިނެއްވީ؟” ހައިރާންވެފައި އަހަރެން ބުނީމެވެ.
“އަހަރެން ބުނަން މިއުޅޭ ވާހަކައެއް ރިޔާ އަޑުއަހަން ބޭނުމެއް ނުވާނެ.. އެކަމަކު..” ދުރު ބަލަމުން އޭނާ ވާހަކަދެއްކިއެވެ. އެއަޑުގައި ރިހުމާއި ކެކުޅުން ވިއެވެ.
“ބުނެބަ.. އަހަރެން އަޑުއަހާނަން..”
“އައިރާ.. އަހަރެން މިދުނިޔާ ވަކިވްވް-” ކުއްލި ހަރަކާތަކާއެކު އަހަރެން އޭނާގެ އަނގަމަތީގައި އަތް އެޅީމެވެ. އެޖުމްލަ ފުރިހަމަކުރާ އަޑުއަހަން އަހަރެންގެ ހިތަށް ކުޅަދާނަ ނުވާނެތީއެވެ. “ބުނީމެއްނު އަޑުއަހާނަމޭ..”
“ހެޔޮނުވާނެ އަލްޔާ.. ވަކިވާ ވާހަކަނުދައްކާ..” އަހަރެން ހަރުއަޑުން ބުނީމެވެ. އޭނާ އަހަރެންގެ އަތުގައި ހިފާ މަޑުމަޑުން އަތް ދުރުކޮށްލިއެވެ.
“އަހަރެންނަށް ހީވަނީ އަހަރެންގެ ވަގުތު ވަރަށް ކައިރިވެއްޖެހެން.. އަހަރެން މިދުނިޔެއާ ވަކިވާން ޖެހިއްޖެއްޔާ އައިރާ ހެޔޮގޮތުގައި ބަލައްޗޭ..” ހިމޭން އަޑަކުން އޭނާ ބުނެލިއެވެ. ލޮލުގެ ހިމަ ކޮޅުން ފައިބައިގެން އައި ކަރުނަތިކި އަހަރެން ފޮހެލައިދިނީމެވެ. އޭނާއަށް ވާހަކަދައްކަން ފުރުސަތު ދީގެން އަހަރެން އިނީ ބަހެއް ނުކިޔައެވެ. “ރިޔާއަކީ އަހަރެންގެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯބި.. އަހަރެން ރިޔާކުރި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަރެންނާ އައިރާއަށް ބޭނުންވާ އެއްޗެހި ހޯދައިދިނުމަށް ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރަން.. ރިޔާ.. އަހަރެން ރިޔާއަށް މާކުރިންވެސް މާފުކޮށްފިން.. އަބަދުވެސް އަހަރެންނަށް ހެޔޮދުޢާ ކޮށްދެއްޗޭ.. ބަރާބަރަށް ނަމާދު އަދާކުރައްޗޭ.. ޖަންނަތުން އަހަރުމެން ބައްދަލުވޭތޯ އަބަދުވެސް ދުޢާކުރާތި. ދުނިޔެއަކީ ވަގުތީތަނެއް.. އަހަރެންގެ އުންމީދަކީ ދާއިމަށް ދެމިގެންދާ ދުވަހު އަހަރުމެންގެ ޢާއިލާ އެކުގައި ލެއްވުން..”
“އަބަދުވެސް ދުޢާ ކުރާނަން..” އޭނާގެ އަތުގައި ހިފާލަމުން އަހަރެން ބޮސްދިނީމެވެ.
“އައިރާ ހެޔޮގޮތުގައި ބަލައިދެއްޗޭ.. ދީނަށް ފަރުވާތެރި އަޚްލާޤް ރަނގަޅު ކުއްޖެއްގެ ގޮތުގައި އެދަރިފުޅު މުޖުތަމައަށް ނެރެދޭތި.. އަހަރެން އަބަދުވެސް ބޭނުންވި އައިރާ ބޮޑުވެގެން އަހަރުމެން ފަހުރުވެރިވާފަދަ ދަރިއަކަށް ވާތަން ދެކެން.. އެކަމަކު.. ދުނިޔެއަކީ ވަގުތީ ތަނެއްދޯ.. އަހަރެން.. އަހަރެން ރިޔާއަށް ހަވާލުކުރާ އަމާނާތެއް އެދަރިފުޅަކީ.. އެއަމާނާތައް ރައްކާތެރިވާތި..” އެފަހު ޖުމްލަތައް ބުނެވުނު އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގެން އައެވެ.
“އައި ލަވް ޔޫ އަލްޔާ..” ރޮވިފައިހުރެ އަހަރެންނަށް އޭނާގެ މޫނުގައި ބޮސްދެވެން ފެށުނެވެ.
“އައި.. ލަވް.. ޔޫ.. މޯ..” އެޖުމްލަ ބުނެލިއިރު އޭނާގެ ނޭވާތައް އަވަސްވަމުން ދިޔަކަން އަހަރެންނަށް ފާހަގަވިއެވެ. ގޮނޑިން ތެދުވެ އަހަރެން ބާރަށް ޑޮކްޓަރުންނަށް ގޮވަން ފެށީމެވެ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން އޮވެ އޭނާ އޭރު ޝަހާދަތުގެ ދެކަލިމަ ކިޔާލަ ކިޔާލަ އޮތެވެ.
ޑޮކްޓަރާ ނަރުހުން އައިސް އަލްޔާ ވަށާލިއެވެ. ބޭރަށް ނުދާން ގަދަ ދައްކާލިއަސް ނަރުހުންގެ ބަހަށް ކިޔަމަންވަމުން އަހަރެން ޖެހުނީ އެތަނުން ނިކުންނާށެވެ.
ފާއިތުވެގެން ދިޔަ ތިރީސް މިނެޓު އަހަރެންނަށް ހީވީ ތިރީސް ގަޑިއިރު ހެންނެވެ. ޑޮކްޓަރު ކޮޓަރިން ނިކުމެ އަހަރެމެންގެ ކުރިމަތީ ހުއްޓިލިއެވެ. އެމޫނުމަތި ހުރިގޮތުން އަހަރެންނަށް އުފާވެރި ހަބަރެއް ލިބޭނެކަމަކަށް އުންމީދެއް ނުކުރެވުނެވެ.
“ވީ ޑިޑް އަވަރ ބެސްޓް. ބަޓް ޕޭޝަންޓް ސަލާމަތެއް ނުކުރެވުނު..” އިސްޖަހާލަމުން ޑޮކްޓަރު ބުނެލިއެވެ. އަހަރެންގެ ކަންފަތަށް އެޖުމްލަތަށް އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދެފައިން ވާގި ދޫވުމާއެކު ބިންމައްޗަށް ތިރިވެވުނެވެ. މޫނުގައި އަތް އަޅާ ބާރުކޮށްލެވުނެވެ. ލޮލުން ކަރުނަތައް ފައިބައިގަތް ނަމަވެސް އަނގައިން އަޑެއް ނުނުކުތެވެ. އަތުގައި މަޑު ތުރުތުރެއް އުފެދިފައިވިއެވެ.
“ބައްޕީ.. ދައްތިމެން މަންމި ގެންދަނީ..” ލޯބި އަޑަކުން އައިރާ ބުނެލި އަޑުއިވުނެވެ. އެކުޑަ އަތްތިލައިން އަހަރެންގެ މޫނުގައި އެޅިފައި އޮތް އަތްތިލަ ނައްޓުވަން މަސައްކަތްކުރިއެވެ. “މަންމި ކައިރީ ބުނެބަ އަންނާށޭ އައިރާ ކައިރިއަށް. އައިރާ ސޭޑްވާނޭ މަންމި ނެތިއްޔާ..”
“މަންމަ ދެނެއް ނާންނާނެ ދަރިފުޅާ.. ދެން އައިރާއާ ބައްޕަ ޖެހޭނީ މަންމި ކައިރިއަށް ދާން..” ރޮއެގަނެފައި އަހަރެންނަށް ދަރިފުޅު ގައިގައި ބައްދައިގަނެވުނެވެ.
“މަންމި ބުނީ މަންމަ ދިޔައީމަ އައިރާ ބައްޕިގެ ބަސްއަހައްޗޭ..” އެ މައުސޫމް އަޑު އިވުމާއެކު އަހަރެންގެ ރުއިންވީ އިތުރެވެ. އަލްޔާ އެދަރިފުޅު ތަރުބިއްޔަތުކުރީ ހާދަ ފުރިހަމައަށޭ ހިތަށްއެރިއެވެ. ދަރިފުޅު ދުރުކޮށްލުމާއެކު އެކުޑަ އަތްތިލައަށާ ނިތަށް ބޮސްދިނީމެވެ.
އަހަރެންނަށް ހަވާލުކުރެވުނު އަމާނާތަށް ރައްކާތެރިވުމަށް އެހިނދުގައި އަހަރެން ޢަޒުމް ކަނޑައެޅީމެވެ. އަހަރެންނަށް ވެދިން ވަފާތެރި ލޮތްބަށްޓަކައި، އޭނާއަށް ކޮށްދެވޭނެ އެންމެފަހު ކަމެއްގެ ގޮތުގައެވެ.
-ނިމުނީ-
9 Comments!
Comments are closed.




V V V V reethi❤️ I love this story and it’s so emotional 😢
Thank you ZeeZee!☺️
yeah.. I got tears from my eyes.
keep it up your work.
And bring more stories in future for us
Wow what a beautiful story! Loved this❤️
Thank you silla..☺️
woww.. love this story! Keep going dear..!
Thank you ekujja..☺️
Thank you @leesh.. In sha Allah I will 😁..
So emotional 🥺 Absolutely love it 😍 Keep it up Aaya ❤️❤️♥️💖