Skip to content
އެސްފިޔަ

ޤުރުއާން ހިތުދަސްކޮށްގެން

“މަންމީ.. ދެން ނުކިޔެވޭނެ.. މިހާރު ލޮޑުވެއްޖެ!” އަތުގައި އޮތް މުޞްޙަފް ލައްޕާލަމުން އަނުމް އޭނާގެ މަންމައަށް ގޮވާލިއެވެ.

“އޯކޭ.. ފަނަރަ މިނެޓުގެ ކުޑަ ބްރޭކެއް.. އެއަށްފަހު މަންމަ ދާނަން ދަސްވެފަ އޮތްތޯ ބަލަން..” ކާމޭޒުމަތީ ހުރި ތަށިތައް ނަގަން އުޅުމަށްފަހު އަނުމްގެ މަންމަ ވާހަކަދެއްކި އަޑު އިވުނެވެ. ކައިރީ ހުރި މޭޒުމަތީގައި މުޞްޙަފް ބާއްވާލަމުން އަނުމް ދުއްވައިގަތީ، ކުޅުމަށްޓަކައި އޭނާގެ މައިންބަފައިން ހަދައިދީފައިވާ ކޮޓަރިއަށެވެ.

“އަނުމް.. އާދޭ ދެން..” ނުހަނު ލޮތްބާއެކު އަނުމްގެ މަންމަ ގޮވާލި އަޑު އިވުމުން، ކުޅެން އިނދެފައި އަނެއްކާވެސް އަނުމް ދިޔައީ މަންމަ ކައިރިއަށެވެ. އޭރު އަނުމްގެ މަންމަ އިނީ މުޞްޙަފް ހިފައިގެންނެވެ. އެއްވެސް ކުށެއް ނުޖައްސާ އަނުމް އޭނާގެ މަންމައަށް ހިތުދަސްކޮށްފައިވާ ބައި ކިޔައިދިނެވެ. އެއަށްފަހު، އަނުމް މަންމަގެ އަޑުދަށުން ދެން ދަސްކުރަން އޮތް ފިލާވަޅު ފަރިތަކުރިއެވެ.

“މަންމީ.. ކީއްވެތަ އަނުމް ޤުރުއާން ހިތުދަސްކުރަނީ؟” ކިޔަވާ ނިންމާލުމަށްފަހު ނުހަނު ޝައުޤުވެރިވެ އިނދެ އަނުމް ސުވާލުކޮށްލިއެވެ.

“އެއީ ނުހަނު ގިނަ ސަވާބާ ދަރުމަ ލިބޭ ކަމެއް ވީމަ ދަރިފުޅާ.. ޤުރުއާން ހިތުދަސްކުރީމަ ލިބޭ ސަވާބު މާތްﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެނގިގެންނުވޭ..” ހިނިތުންވުމާއެކު އަނުމްގެ މަންމަ ޖަވާބުދިނެވެ.

“އެހެންވިއްޔާ ޤުރުއާން ކިޔެވީމަ ސުވަރުގެ ދެވޭނެ ދޯ މަންމާ؟” އަނުމް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“އިންޝާﷲ.. ޤުރުއާން ކިޔަވާފަ އެއާ އެއްގޮތަށް އުޅެން ޢަމަލުކުރީމަ އިންޝާﷲ ސުވަރުގެ ދެވޭނެ. އަދި އިނގޭތަ؟ މަހްޝަރުގެ ބިމުގައި ހިސާބު ބެއްލެވޭނެ އިރެއްގެ އިންތިޒާރުގައި މީސްތަކުން ތިބޭއިރު ޤުރުއާން ހިތުދަސްކުރި ކުދިންގެ މައިންބަފައިންގެ ބޮލުގައި ތާޖެއް އެޅުވޭނެ. ކިހާ މަތިވެރި ޝަރަފެއް އެލިބެނީ މަންމަމެންނަށް ވެސް ދޯ.. ދަރިފުޅުވެސް އުފާވާނެއްނު އޭރަށް..” އަނުމްގެ މަންމަ ޖޯޝާއެކު އެވާހަކަތައް ކިޔައިދިނެވެ.

“ޔެސް މަންމީ.. އަނުމް ވަރަށް އުފާވާނެ..” އަނުމް އިނީ މަންމަގެ ވާހަކައަށް ނުހަނު ޝައުގުވެރިވެފައެވެ.

“ޤުރުއާން ހިތުދަސްކުރީމަ ސުކޫލުގައި ކިޔަވައިދޭ މާއްދާތައްވެސް ކިޔަވަން ފަސޭހަވާނެ. އެކިމާއްދާތަކުން ދަސްކުރާ އެއްޗެހި ހިތުދަސްކޮށް ހަނދާނުގައި ހަރުލައްވަންވެސް ފަސޭހަވާނެ.. ހިސާބުކަހަލަ އުނދަގޫ މާއްދާތައް ކިޔަވަން ފަސޭހަވާ ވާހަކަ ޤުރުއާން ހިތުދަސްކޮށްފައި ތިބި ކުދިން ބުނާކަން ދަރިފުޅަށް އިނގޭތަ؟”  އަނުމްގެ މަންމަ އޭނާއަށް ނޭނގޭ އެތައް މައުލޫމާތު އަނުމްއާ ހިއްސާކުރަމުން ދިޔައެވެ.

“މަންމީ.. އެކަމު ހިތުދަސްކުރަން ބައެއް ފަހަރު ވަރަށް އުނދަގޫ؟ އެއީ ކީއްވެ؟” އެނގެން ބޭނުންވެ އިނދެ އަނުމް ސުވާލުކޮށްލިއެވެ.

“ގިނައިން އުނދަގޫ ވަނީ އެއްގޮތް އާޔަތްތައް ދަސްކުރަން ދޯ ދަރިފުޅު..!” އަނުމް އޭނާގެ މަންމަގެ ބަހަށް ބޯޖަހާލިއެވެ. “އެފަދަ އާޔަތްތައްވެސް ވިސްނައިގެން ކިޔަވާލީމަ ފަސޭހަވާނެ.”

ދެންވެސް އަނުމް ހަމައެކަނި ބޯ ޖަހާލީއެވެ. މަންމަ ބުނި ވާހަކަތަކާމެދު އަނުމްއަށް އެއްބަސް ވެވުނީމައެވެ. މިހާރު ޤުރުއާން އެއްކޮށް ހިތުދަސްކޮށް ނިމުމަކާ ގާތްވެފައި އޮތުމާއެކު އަނުމްއަށް ނުހަނު ބޮޑަށް އެކަން ވަނީ ތަޖުރިބާ ކުރެވިފައެވެ.

“އަދި ދަރިފުޅަށް އެނގޭތަ ޤުރުއާން ހިތުދަސްކުރީމަ ޤިޔާމަތް ދުވަހު ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިގެން ދާނެ. ޤުރުއާން ކިޔަވަމުން ގޮސް އެންމެ ފަހުން ކިޔެވޭ ހިސާބަކަށް އެއީ އެމީހެއްގެ ދަރަޖަ.. ޤުރުއާން އެއްކޮށް ހިތުދަސްކޮށްފިއްޔާ ކިހާ މަތިވެރި ހިސާބަކަށް އެމީހެއްގެ ދަރަޖަ އުފުލިގެންދާނެ ދޯ.” އަނުމްގެ މަންމަ ކިޔައިދިނެވެ.

***

ދަރުބާރުގޭގެ މާލަމުން ނިކުމެގެން އައިއިރު އަނުމްގެ މަންމަގެ އަތުގައި އޮތީ މެޑަލްއެކެވެ. އަނުމް އައީ ބައްޕަގެ އަތުގައި ހިފާލައިގެންނެވެ. މިރެއަކީ އަނުމް ޤުރުއާން ހިތުދަސްކޮށް ނިންމާލާ އެއްވަނަ ދަރަޖައިގައި ފާސްވުމުން އޭނާއަށް މެޑަލް ލިބުނު ރެއެވެ. މިއަހަރުގެ އެންމެ ހަގު ބައިވެރިއަކަށްވެސްވީ އަނުމްއެވެ.

“ހިނގާ އައިސްކްރީމް ބޯން..” އެއްލޯ މަރާލަމުން އަނުމްގެ ބައްޕަ ބުނެލިއެވެ. މިހާ ދަންވެފައި ހުރުމާއެކު އައިސްކްރީމް ބޯން މަންމަ ހުއްދަނުދޭނެކަން އެނގިހުރެ އަނުމް އޭނާގެ މަންމައަށް ބަލައިލީ އާދޭހާއެކުއެވެ.

“އޯކޭ… އެކަމަކު ކޮންމެ ރެއަކު މިގޮތަށް އައިސްކްރީމް ނުބޮވޭނެ އިނގޭ..” ހިނިއައިސް ހުރެ އަނުމްގެ މަންމަ ބުނެލިއެވެ.

“މަންމާ.. މިހާރު އަނުމް ޤުރުއާން ހިތުދަސްކޮށް ނިންމާލީމަ ޤިޔާމަތް ދުވަހުން މަންމަމެންގެ ބޮލުގައި ތާޖެއް އެޅުވޭނެ ދޯ..” ނުހަނު އުފާވެފައި ހުރެ އަނުމް ބުނެލިއެވެ.

“އިންޝާﷲ..” އަނުމްއާ އެއްވަރަށް ތިރިވެލާ އަނުމް ގައިގައި ބައްދާލަމުން އޭނާގެ މައިންބަފައިން ބުނެލިއެވެ.

“ވަރަށް ލޯބިވޭ..” މަންމައާ ބައްޕަގެ ގައިގައި ބައްދާލަމުން އަނުމްވެސް ބުނެލިއެވެ.

-ނިމުނީ-

Comments (2)

  1. Someone

    Masha Allah ❤️ A dream of mine and every Muslim😊❤️❤️❤️

    1. Aayaa
      Someone

      Thank you 😊

Comments are closed.