ދިރުމެއްނެތް ދިރިއުޅުން 3
ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ބަލާލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ.
ޒީން! އަހަރެން ކުރިން ދުވަހަކުވެސް ދުށިން ކޮންމެސް މީހަކަށް ގުޅެން ބޫތު ކައިރިއަށް އައިސް އެމީހުން ތިއްބަ. ކުރިން މިއޮށްހާދުހު ނުފެންނަ މަންޒަރެއް ވީމަ މި އަހާލީ.. ޒީންގެ އާއިލާ މީހެއް، ނޫނީ ކޮއްކޮއެއް ދައްތައެއް ބޭބެއެއް ނަމަވެސް މާދުރުގަ އުޅެނީތަ؟” ނަތޫ ހައިރާން ވެފައިހުރެ އަހަރެން ގާތު އަހާލިއެވެ.
ތެދެކެވެ. އެއީ އަހަންނަށްވެސް ނޭނގޭ ކަންކަމެވެ. އެއްވެސް އިރެއްގައި އަހަރެންގެ މަންމައާ ބައްޕައަކީ މާބޮޑަށް އަހަރެން ގާތްކޮށްގެން އުޅޭ ބައެއް ނޫނެވެ. ސަބަބެއް އަހަންނަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މަންމައާ ބައްޕަގެ ހުންނަނީ އަހަރެން އެކަނިކަމެވެ. އެކަމަކު އަހަންނަށް ލިބެންޖެހޭ ލޯބީގެ ހައްޤުން އަހަރެން މިވަނީ އެއްކިބާވެފައެވެ. އެއީ އަހަންނަށް އަބަދުވެސް އިހްސާސްވާ ކަމެކެވެ. ސުވާލެއްވެސް ކުރަން ކެރޭނީ ކިހިނެއްހެއްޔެވެ؟
އަހަރެން ކުރާ ކޮންމެ ސުވާލަކަށް އެމީހުންގެ ދުލުގައި ޖަވާބެއް އޮންނާނެހެން އަހަންނަށް ހިއެއް ނުވެއެވެ. އަހަރެންގެ ހަމަހިމޭން ކަމާއި އެކަނިވެރިކަން އަހަންނަށް ކަމުދާތީ އަހަރެން ހުންނަނީ ދުރުގައެވެ.
“ނަތޫ.. އަހަންނަށް އެނގޭ އެމީހުން މިތަނަށް އަންނަކަން. އެކަމަކު އަދި ދުވަހަކުވެސް ތިކަމާ ގުޅޭ ގޮތުން އަހަރެން އެމީހުންނާ ސުވާލެއް ނުކުރަން. ދުވަހަކުވެސް މަންމަ އެކަނި މިތާކަށް ނާންނާނެ. އަދި ބައްޕަ އެކަނިވެސް ނާންނާނެ. އަބަދުވެސް އެ ދެމީހުން އެކީ އަންނަނީ. ދެ ދުވަހަކު އެތާ ކުރިމަތިން މަންމަމެން ކައިރިންލާފަވެސް އަހަރެން ގޮސްފިން. އެކަމަކު އަންނާށޭ ކިޔާ ގޮވާވެސް ނުލާނެ. އަހަންނާ އެމީހަކާ ވާހަކަ ދައްކަވަން ބޭނުންވާނަމަ އަހަންނަށް ގޮވާނެތާ. މަށަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. ދެން އެވާނީ އެދެމީހުންގެ އަމިއްލަ ކަމެއް ކަމަށް.” ފަރުވާކުޑަ ގޮތަކަށް އަހަރެން ޖަވާބު ދިނީމެވެ.
“ޒީން! އެމީހުންނާ ދިމާލަށް އެވަރަށް ނުބަލަބަލަ. އޭރުން އިނގިދާނެ އެމީހުންގެ ވާހަކަ ދައްކަނީކަން. ބުނަންތަ ޒީން. އަހަންނަށް ފެންނަނީ އެކަމު ޒީން މަންމަ ގާތު އަހާލަން. ފަހަރެއްގަ ޒީން ނާހާތީ ނުބުނަނީވެސް ކަންނޭނގެ.” ނަތޫ ބެލީ އަހަންނަށް ވިސްނައިދީގެން ވެސް އެކަމުގެ ހަގީގަތް ހޯދުމަށެވެ.
“އަހާނީދެން ކޮންމެސް އިރަކުން. އަހަރެން މިދަނީ މިމަގުން އިނގޭ މިއަދު. ނަތޫ ވެސް ދެން ދޭ.” އަހަރެންގެ މިސްރާބު ބަދަލުކޮށްލަމުން ހިނގައިގަތީމެވެ.
ގެއަށްގޮސް ހަމަޖެހިލައިގެން އަހަރެން ފިލާވަޅުތައް ދަސްކުރަން އިށީނީމެވެ. ކުރިޔަށް އޮތް ހަފްތާއަކީ ޓެސްޓް ނަގަން ހަމަޖެހިފައިވާ ހަފްތާކަމުގައި ވާތީއެވެ. ޓެސްޓްތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާނަމަ، އަބަދުވެސް އަހަރެންގެ ހާލަކީ މިއީއެވެ. ދެން ކަމަކަށް އޮންނާނީ ދޭތެރެ ދޭތެރެއިން ކިޔަވަން މަސައްކަތް ކުރުމެވެ. އެވަރުންވެސް ގިނަފަހަރަށް އޮންނާނީ އެދެވޭ ނަތީޖާއެއް ނުލިބިފައެވެ.
“ޒީން! ބައްޕަ އެބައިން ކާންނުފަށާ. އަވަހަށް އާދޭ ކާން. ދެން ގޮސްފަ ފިލާވަޅުތައް ކިޔާނީ.” މަންމަގެ އަޑަށް ތަބާވަމުން އަހަރެން ފޮތްތައް ލައްޕާލީމެވެ. އެއީ ގޭތެރޭގެ ސަގާފަތެކެވެ. ކޮންމެ ގަޑިއެއްގައި ވެސް ކައި އުޅެނީ އަހަރެމެން ތިންމީހުން އެކުގައެވެ.
“ދަރިފުޅާ! މިފަހަރު ވާނެ ވަރަށް މަސައްކަތުންވެސް ނަތީޖާ ރަނގަޅު ކުރެވޭތޯ ބަލަން. ތި ކުލާހުގަ އުޅޭނު ޝަހީމާގެ ފިރިހެން ދަރިފުޅު. އޭނާއާ ހަމަހަމަ ކުރެވޭތޯ ބަލާބަލަ. އޭރުން އަހަރުމެން ކިހާ އުފާވާނެ. ދޯ ޒީނިޔާ؟” މަންމައަށް ދޯ ދެމުން ބައްޕަގެ ވާހަކަތައް ނިސްބަތްކުރީ އަހަންނަށެވެ.
ފަރީދު އެބުނި ތެދެކެވެ. ބައްޕައެއްގެ ހައިސިއްޔަތުން ދަރިއަކަށް ދޭން މިވަގުތު އެންމެ އަގުހުރި ނަސޭހަތެވެ. އެކަމަކު އަހަންނަށް ކުއްލިޔަކަށް އެހާ މޮޅުވެވޭނީ ކިހިނެއް ހެއްޔެވެ؟ އިޝާލަކީ އަހަރެމެން ކްލާހުގައި ހުރި އެންމެ އަލިގަދަ ތަރިއެވެ. އެތަރީގެ އަލިކަމާ އެއްވަރަށް އަހަރެން ވިދާ ބަބުޅަންވީ ކުއްލިޔަކަށް ހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަމަ، އެހާ ބާރަށް ދުވާ މަހެއްގެ ނިގުލުގައި ހިފައްޓަން އަހަންނަށް އެހާ ފަސޭހަ ވާނެހެއްޔެވެ؟
“ބައްޕާ! އަހަރެން ވަރަށް މަސައްކަތް ކުރާނަން. މާދަމާއަކީ މިޓާރމްގެ އެންމެ ފަހުދުވަސް. ހުކުރު ހޮނިހިރު ނިންމާފަ ދެން މިފެށޭ އާދިއްތައިގަ ޓެސްޓް ނަގާނެ. އެހެންވީމަ މި ތިން ދުވަހުވެސް ވަރަށް މަސައްކަތް ކުރާނަން. އިޝާލްއާ އެއްވަރު ކުރުން، ނޫނީ އިޝާލަށްވުރެ މޮޅުވުން.. އެއީ އަހަންނަށް ނޭނގޭ ކަމެއް.. ބައްޕާ އަހަރެން އެބައޮތް ވާހަކައެއް އަހާލަންވެފަ. އުންމީދުކުރަން މަންމަގެ ފަރާތުންވެސް ޖަވާބެއް ލިބޭނެކަމަށް. އެކަމު ޓެސްޓްތައް މުޅިން ނިމުނީމަ އިނގޭ.”
އަހަރެން ބުނެލީމެވެ.
“ކޮ..ކޮންކަމަކާ ގުޅޭ ގޮތުން؟ މިއަދު ދިމާވި ކަމަކާ ގުޅޭގޮތުންތަ؟” ޒީނިޔާ ހާސްވެފައި ހުރެ އަހާލިއެވެ. މަންމަގެ ނަޒަރު އެއްފަހަރު ބައްޕައަށް ހުއްޓޭއިރު އަނެއްފަހަރު އަހަންނަށް ހުއްޓާލައެވެ. އަހަރެންގެ ބޮލުގައި ކުޑަކޮށް ރިއްސާލިއެވެ. މަންމައާ ބައްޕަގެ ހާސްކަން އިތުރުވެފައި ވާވަރު ފެނިފައެވެ.
ޒީނިޔާއަށް ޔަޤީނެވެ. މިހާރަކަށް އައިސް ގުޅަމުންމިދާ ފޯނުތަކުގެ ވާހަކަ ޒީން ނާހާނެއެވެ. އެއީ ދުވަހަކުވެސް ޒީން ކޮށްފައިވާ ސުވާލެއް ނޫނެވެ. އެކަމަކު އެސުވާލުގެ ޖަވާބު ދޭންވެސް ކޮންމެސް އިރަކުން ތައްޔާރުވާން ޖެހޭނެއެވެ. އެހެންނަމަވެސް ޒީނިޔާ ހާސްވަނީއެވެ. ކުރިމަތިލާން ޖެހޭނީ ކޮންފަދަ ސުވާލަކާކަމެއް ޒީނިޔާއަށް އަދި ފަރީދަކަށްވެސް ނޭނގެއެވެ. ނަމަވެސް ޒީންގެ ސިކުނޑި ތަރައްޤީވަމުން ދާވަރަކަށް އެކަންކަމަށް ހާއްސަކޮށް ޒީނިޔާ ތައްޔާރުވާން ޖެހެއެވެ. އެކަން ޒީނިޔާ ގަބޫލު ކުރެއެވެ.
ޓާރމްގައި ކިޔަވަން ހަމަޖެހިފައިވާ އެންމެ ފަހުދުވަހެވެ. ކްލާހުގައި ވަނީ ކިޔެވުމަށްވުރެ ބޮޑަށް މަޖާކުރުމާއި ވާހަކަ ދެއްކުމެވެ. އެއްކުއްޖެއް އަނެއް ކުއްޖަކަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް އެދި ތަހުނިޔާކިޔުމެވެ. އެންމެ ހާއްސަކަމަކަށް އޮތީ ކޮންމެ ކުއްޖެގެ ފޮތުން ހުސްގަނޑެއްގައި އެހެން ކުދިންލައްވާ ސޮއިކުރުވުމެވެ. ހަނދާނެއްގެ ގޮތުގައެވެ. އިޝާލްއާ ޒީންވެސް މިއިން ކޮންމެ ކަމެއްގައި ބައިވެރިވިއެވެ.
“ޒީން! ހިނގާ ގެއާދިމާއަށް. އެބައޮތް ވާހަކައެއް ބުނަންވެފަ. މިއުޅެނީ ޓެސްޓު ނިމި ބަންދުވީމަ މާލެދާން. އައި.ޑީ.ކާރޑް އާކޮށްލަންވެގެން. އަހަންނާއެކު ދާންވީނު. އެކަނި ވީމަ މާލޭގަ އަހަރެން ވަރަށް ފޫހިވާނެ. ޒީން ނުޖެހޭނެތަ ކާރޑް އަކުރަކަށް؟ ކޮންމެހެން ވިޔަސް އަންނަ އަހަރު ޖީ.ސީ.އީ ހަދަންޏާ އައިޑީކާޑް ބޭނުންވާނެ.” ނަތޫ ވާހަކަ ދައްކަމުން މާލެ ދިޔުމަށްވެސް ދައުވަތު ދިނެވެ.
“އަހަރެންގެ އައި.ޑީ.ކާރޑް ހެއްދިފަހުން އެކާރޑް އަހަރެން ނުދެކެން. މަންމަ އަތުގަ އެވާނީ. އުފަންދުވަހުގެ ސެޓްފިކެޓާ އެއްޗެއްސަކީ އެމީހުން ބަލަހައްޓާ އެއްޗެއްސެއްނު. މުއްދަތު ބަލާފަ އަހަރެންވެސް ވީކަންނޭނގެ ތިކަން ކުރަން. އެކަމު ނޭނގެނީ މަންމަ އަހަރެން މާލެ ފޮނުވާނެކަން.” އަހަރެން ބުނެލީމެވެ.
“ޒީން! އެއްކަލަ ވާހަކަ މިހާރު މަންމަކައިރި އެހީތަ؟ މިބުނީ ފޯނުކުރާ ވާހަކަ؟”
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Nice
Thank you @Ghost girl