އިނާޝާ
މޫސުމީގޮތުން އެދުވަހާއި އެއްގޮތްކަމެއް ހުއްޓަސް މީގެ 4 އަހަރު ކުރިން ހަމަ އެބޯޓުގައި މާލެދާން ފުރި ދަވަހު އިނާޝާއަށް ކުރެވުނު އިހުސާސް މިއަދު އޭނާއަށް އެކުރެވޭ އިހުސާސާއި ވަރަށް ތަފާތެވެ. އެދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަން ރަށްަށް ދާން އެ ފުރަނީ އަހަރުތަކެއް ފަހުން މައިންބަފައިންގެ މޫނު ދެކިލުމަށް ކެތްމަދުވެ ހުރެއެވެ. އެމީހުންގެ އޯގާތެރި ބަސްތަކުން ލިބޭ ހިތްހަމަޖެހުމަށް ފެންބޮވައިގަނެފައިވާހާލުގައެވެ.
ހަވީރުގެ ފިނި ރޯޅިތަކާއި އެކު އިނާޝާ ރަށަށް ކުރި ދަތުރު ނިމިއްޖެއެވެ. ހިތް އެދޭމަންޒިލަށް ވާސިލުވެއްޖެއެވެ. އޭނާއަށް ރަށުގެ ވެލިގަނޑުގައި ފައި ބީއްސާލުމާއިއެކު އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅައިނުލެވި އުޅެނިކޮށް އޭނާގެ ތުނި ހަށިގަނޑުގައި ބައްދާލީ ލޯބިވާ ކޮއްކޮ، އިޒާނެވެ. އިނާޝާ ފެނި އުފަލުން ތިބި އޭނާގެ މަންމައާއި ބައްޕަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރެއް ސިއްރުކުރަން އުޅެ ކަހަލައެވެ. އެ ވާނީ އޭނާގެ ހިކި ހަށިގަނޑު ފެނުމުން ކަމަށެވެ. އިނާޝާ ، އޭޏާގެ މައިންބަފައިންގެ އަޅާލުންފެނި ހިނިތުންވެލިއިރު އެހިތުގެ ބައެއްގައި ރިއްސާލިކަހަލައެވެ. ނަމަވެސް އުފާވެރިކަން އެހުރިހާ އިހުސާސްތަކެއްގެ މައްޗަށް ގަދަހޯދައި ހިތްހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ބޭރުވެގެންދިޔައެވެ. އަދި ހުރިހާ އެންމެން އެކުގައި ގެއާއި ދިމާއަށް މިސްރާބުޖެހީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެފައި ވާ ކަންކަމުގެ ވާހަކަ ދައްކަމުންނެވެ.
ގެއަށްއައިސް ސައިބުއިމަށް ވަތްއިރުވެސް އެވާހަކަތައް ކުރިއަށް ދެއެެވެ. ގޭތެރޭގައާއި ރަށުތެރޭގައި ހިނގާފައިވާ ކަންކަމުގެ ވާހަކަ ކިޔަމުންދިޔައިރު ހުރިހާ އެންމެންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ނަަމަވެސް އިނާޝާގެ މޫނުމަތީގައި ވަނީ މަސްނޫއީ ހިނިތުންވުމެއްނޫންކަމާމެދު ޝައްކު އުފެދެއެވެ.
ސައިބޮއި ނިންމާލައިގެން ނިކުތް އިރު ރޭގަނޑުގެ އަނދިރިކަން ދުނިޔޭގެ މައްޗަށް އަތްގަދަކުރަން ފަށައިފިއެވެ. ބުރުހަމަ ހަނދުގެ ދަރުބާރުގައި ވިދަމުން ދިޔަ ތަރިތައް އަނދިރީގެ މައްޗަށް ބާރުފޯރުވަން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވަމުން ދިޔައީ އުޑުގައިލެވިފައިވާ ކަޅު އަނދިރީގެ ސާލުގެ ސަބަބުންނެވެ. އެ އަނދިރިކަމުގެ ތެރޭގައިވެސް އިނާޝާ އަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގޭތެރެއަށްއައިސްފައިވާ ބަދަލުތައް ފާހަގަކުރެވުނެވެ. ގޯތި ތެރެއަށް ހިޔާދިނުމަށް ހުރި ބިޔަ ޖަނބުރޯލު ގަސް ނެތުމުން ފަޅުކަމަށްދައްކައެވެ. ގޭތެރޭގައި އަނދިރިކަން ވަނީ އަލިކަމަށްވުރެ ގަދަވެފައެވެ. ގޭގެ ހާލަތު ކުރިއަށްވުރެ ދަށްކަން އޭނާއަށް އިނގުނެވެ. އަދި މޭގައިވާ އުދާސްތައް ބޭރުކޮށްލުމަށް ފުންނޭވާއެއް އެފިނި ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
ނިދަން އޮއްތާލައި އޮތް އިނާޝާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ލައިގެން އޮތް އަތްދިގު ޓާރޓަލްނެކް ސްވެޓަރގެ ސަބަބުން އިންތިހާއަށް ހޫނުވަމުންދިޔައެވެ. ގޭގެ ހާލަތާއިމެދު ކަންބޮޑުވެ ފިކުރުކުރެވެމުންދިޔައެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލަން އޭނާ ބޭނުންވިއެވެ. ދެލޯ މަރާލައި ފުން ނޭވާއެއް ލައިފިއެވެ. އެއާއެކުއޭނާގެ ކަންފަތުގައި ޖެހުނީ ޖެހިގެންހުރި ގޭގައި އުޅޭ ދެމަފިރިންގެ ދެމެދުގައި ކުރެވެމުންދިޔަ ޒުވާބުގެ އަޑެވެ.އޭނާގެ ކަންފަތް ހީވީ ތޫނު އެއްޗަކުން ޒަޚަމު ކޮށްލިހެނެވެ. ނޭވާ އަވަސްވެ އެއްކޮށް ދަހިއްލާ ފޯވެއްޖެއެވެ. ދެއަތްތިލަ މުއްކަވާލެވި ދެދަތްޕިލާ ޖައްސާލައި ބާރުކޮއްލިގޮތުން ދަތްތަކަށް ޒަޚަމު ނުވާކަމެއްވެސް ޔަގީނެއްނޫނެވެ. މުޅި ހަށިގަނޑަށް ޝޮކެއް ޖެހިގެންދިޔައެވެ. އޭނާގެ ހަށިގަނޑުގެ މައްޗަށް އެހެންމީހެއްގެ ބާރުފޯރުވާފައިވާކަހަލައެވެ. އިނާޝާގެ އަޑެއް ބޭރުނުކުރުމަށް މަސައްކަތްކުރަމުން ވަރަށް ހިތްވަރުކޮށް ތެދުވެ ބޭރަށް ދިއުމަށް ހިނގައިގަތެވެ. ވަރަށް މަސައްކަތަށްފަހު ގެއާއި ދާދި ކައިރީގައިވާ އަތިރިމައްޗާއި ހަމައަށްފޯރިއިރު އޭނާގެ ދެފައިން ވާގިދޫވެގެން ބިނަމމައްޗަށް ތިރިވެއްޖެއެވެ. އަދި މާޒީގެ ހަނދާންތައް ބިރުވެރިހުވަފެނެއް ފަދައިން އައިސް އޭނާ ވަށާލައިފިއެވެ.
***
އިނާޝާ މާލެއަށް ދިޔައީ ކޯހެއް ފުރިހަމަކުރުމަށެވެ. އެފުރުސަތު ރަށުން ލިބެންނެތުމުންނެވެ. އެދުވަހު އޭނާގެ ހިތުގައި އެޅި ވޭން ބަޔާންކޮށްދިނުމަކީ ގަލަމަކަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އޭނާގެ ލޯބިވާ މައިންބަފައިން ދޫކޮށް ދިއުމަށް އޭނާގެ ޟަމީރު ދެކޮޅުހެދިނަމަވެސް އެނޫންގޮތެއް ނެތުމުން އޭނާ ހިތާއިދެކޮޅަށްވެސް މާލެ ދިޔައީއެވެ. ނަމަވެސް އެ ހަތަރު އަހަރަކީ އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި އަދި ހިތާމަވެރި ދުވަސްތައްކަން އޭނާއަކަށް ނޭނގެއެވެ. އެނބުރި ރަށަށް އައުމަށް ކެތްމަދުވެފައިހުރި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.
މާލެއަށްދިޔަ އެންމެ ފުރަތަމަ އަހަރު އިނާޝާ މަސައްކަތްކުރަމުންދިޔައީ މާލޭގެ ވައްޓަފާޅިއަށް ހޭނުމަށް ދަސްކުރަމުންނެވެ. ކިޔެވުމުގައި ހޭބޯނާރާ އުޅެމުން ދިޔައީ ކުރިމަތިވަމުން ދިޔަ އެގްޒާމަށް ތައްޔާރުވުމަށެވެ. އެގޮތުން އެ އެގްޒާމަށް ތައްޔާރުވުމަށްޓަކައި އޭނާގެ ލެކްޗަރަރ ނެގި ‘މޮޑެލް އެގްޒާމް’ގައި ލިބުނު ނަތީޖާފެނި އިނާޝާގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފެންނަމުންދިޔައެވެ. ކުރި ބުރަމަސައްކަތާއިއެކުގައިވެސް ކިރިޔަ ކިރިޔައި ފާސްވެފައި ވުމުން އޭޏާގެ ހިތްވަރު އެލުނެވެ. މުޅި ކުލާހުގައިވެސް އެންމެ ދަށްމާކުހެއް ލިބުމުން އެއަށްވުރެން ބޮޑަށްލަދުގަނެ ހިތާމަކުރިއެވެ. މިސަބަބަށަޓަކަޢި އޭނާގެ ލެކްޗަރަރ އިނާޝާގެ ގާތުގައި ކްލާސްތައް ނިންމުމަށްފަހު މަޑުކޮށްލުމަށް އެދުމުން އޭނާ އިސްޖަހާލަމުން އެއްބަސްވިއެވެ. ނަމަވެސް އެއީ އޭނާގެ ހަޔާތުގައި ދިމާވާނެ އެންމެ ބިރުވެރި ދުވަސްކަން އެނގޭނަމަ އޭނާގެ މަރަށް ފިލަންނުދުވާނެހާ އަވަހަށް އެތަނުން ދުވެ ފިލީހެވެ.
އެދުވަހުގެ ކުލާސްތައް ނިމުމުން މަޑުކޮށްލައިގެން އިނީ ގަޑި ދުއްވާލުމަށް ފޮތެއްކިޔާށެވެ. ކުރިމަތިން ހިޔަންޏެއްވިހެން ހީވެ ބަލައިލިއިރު އޭނާގެ ލެކްޗަރަރ، ސައުލް ކުރިމަތިން ފެނުމުން އޭޏާގެ ހިތްތެޅިގަތީ ލިބުނު ސިހުމުންނެެވެ. އޭނާގެ މޭޒުގައި ދެއަތް ވިއްދާލައިގެން ހުރިއިރު އެ ދެލޮލުގައިވި ގޮތްނޭނގޭ ކުލަވަރެއްގެ ސަބަބުން އިނާޝާގެ ހިތްގުޑިލިއެވެ. އަދި އަވަސް އަވަހަށް އަތުގައިވާ ފޮތް ދަބަހަށްލުމަށްފަހު އިހުތިރާމު އަދާކުރުމުގެ ގޮތުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ސައުލް އިނާޝާގެ ދެއަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. އަދި އޭނާގެ ދަހިވެތި ނަޒަރު، އިނާޝާގެ މޫނުން ފެށިގެން މަޑުމަޑުން ތިރިއަށް ދަތުރުކުރަންފެށިއެވެ. އިނާޝާގެ ހިތް ބިރުވެރިކަމުންފުރުނެވެ. އަދި ބޭއިޚްތިޔާރުގައި ލޮލުން ކަރުނަ ހިލުނެވެ. މި މަންޒަރު ފެނި ސައުލްގެ ތުންފަތްމަތީގައި ނުލަފާ ހިނިތުންވުމެއް ކުޅެލިއެވެ. އަދި އޭނާގެ ނަފްސު އިނާޝާގެ ހަށިގަނޑުގެ މައްޗަށް ގަދަވަމުންދިޔައެވެ. އިނާޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުގެ އިތުރުން އެހީއަކަށް އެދި ގޮވައިލަން ހުޅުވާލި އަނގައިން އަޑެއް ނުނިކުތެވެ. ބިރުވެރިކަމާއި ލިބުނު ޝޮކުގެ ސަބަބުން މޭބެދި، ކަރުތެރޭގައި އޭނާގެ އަޑު ތާށިވެފައިވެއެވެ.
އެދުވަހު ގެއަށް ދެވުނުއިރު އާދައުގެ މަތީން ގޭތެރޭގައިވަނީ ޒުވާބުގެ އަޑުން ގުގުމާލައިފައެވެ. ނަމަވެސް އިނާޝަގެ ހާލަތުފެނުމުން އެގޭގެ ވެރިމީހާގެ އަންހެނުން އައިސް އޭނާގެ ކައިރީގައި ހުއްޓިލައި ވީގޮތެއް އޮޅުންފިލުވުމަށް މަސައްކަތް ކުރިއެވެ. އިނާޝާއަށް އެއްވެސް އަޑެއް ނީވެއެވެ. ޖަވާބެއް ނުލިބުމުން ކަންބޮޑުވެހުރެ މަޑުމަޑުން އިނާޝާގެ ކޮނޑުގައި އެ އަންހެންމީހާ އަތް ބާއްވައިލިއެވެ. އެއާއެކު އިނާޝާ ތެޅިގަނެ ރޯންފެށިއެވެ. އަދި ދުއްވައިގަނެ ގޮސް ކޮޓަރީގެ ރައްކާތެރިކަމުގެ ތެރެއަށް ވަނެވެ. އެއާއެކު ބޭރުގައި ޒުވާބު ކުރުމުގެ އަޑު ގަދަވެގެން ދިޔައެވެ.
ޖެހިގެންއައި ދުވަސްތަކުގައި ގެއިން ބޭރަށް ދިއުމަށް އިނާޝާ އިންކާރު ކުރިއެވެ. އަދި ބަލިކަމަށް އަންގައި ގޭގައި މަޑުކުރިއެވެ. އަދިވެސް އޭނާއަށް ކަންކަމުގައި ސަމާލުކަން ނުދެވުމުގެ ސަބަބުން ގޭގައި ކުރާ ކުދިކުދި ކަންކަންވެސް ރަނގަޅަށް ނުކުރެވެއެވެ. އެއްދުވަހު ތައްޓެއް ތަޅައިގެންދިޔަނަމަ އަނެއް ދުވަހު ކައްކާއެއްޗެހީގައި ލޮނުގަދަވެއެވެ. މިހެން ކަންތައްވާންފެށުމުން ގޭގެ ވެރިމީހާ ވާހަކަ ދެއްކިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް އިނާޝާ އޭނާއަށް ފުރަތަމަ ފަހަރަށް އެދުވަހު ކްލާހުގައި ދިމާވި ހާދިސާގެ ވާހަކަ ކިޔައިދިނެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް އޭނާއާ ދިމާއަށް އެއްޗެހި ކިޔުމަށްފަހު އެތަނުން ނިކުމެގެން ވެރިމީހާ ދިޔައީއެވެ. ކަންދިމާކުރިގޮތުން ސައުލް އަކީ ވެރިމީހާގެ ކުޑައިރުގެ ރަހުމަތްތެރިއެކެވެ. އެހެންކަމުން އެވާހަކަ ގަބޫލުކުރުމަށް އޭނާ ދެކޮޅުހެދިއެވެ. އަދި ތަފާތު ނަންނަމުންގޮވައި އޭނާ ލަދުގަންނުވާލައިފިއެވެ. އިނާޝާގެ ދެލޮލުން ކަރުނައިގެ މުތީތައް ފައިބަމުންދިޔައެވެ. އެދުވަހަށްފަހު ގޭގެ މާހައުލުވެސް ކުރިއަށްވުރެ އުނދަގޫވެގެންދިޔައެވެ. ގޭގައި އުޅުނު ދެތިން ކުދިންގެ ފަރާތުން ރުޅިވެރިކަމާއި މަލާމާތް ރައްދުވަމުންދިޔައިރު ގޭގެ ހުރިހާ މަސައްކަތެއްހެން އޭނާގެ މައްޗައް ޖައްސަމުންދިޔައެވެ. ގެއިންނާއި ކޮލެޖުންވެސް އަނިޔާއާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް އޭނާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟
މިއަދު މުޅިހަށިގަނޑުން އެންމެ ތަންކޮޅެއްވެސް އެހެން މީހަކަށް ފެނުމަށް ނުރުހެނީ އޭނާގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ލާފައިވާ ލަކުނުތަކުގެ ސަބަބުންނެވެ. މޫނު ފިޔަވައި އެހެން ހުރިހާތަނެއްގައި ވަނީ އޭނާގެ ހިތްދަތި ވާހަކަތައް ލިޔެވިފައެވެ. އެވާހަކަތައް މީހަކަށް އެނގުމަށްވުރެ މިދުނިޔެއިން ދިއުންވެސް އޭނާއަށް މާ ރަނގަޅެވެ. އެކަމަށް އޭނާ މަސައްކަތް ކޮށްފައިވަނީ ކިތައްފަހަރުކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ މައިންބަފައިންގެ ސޫރަ ލޯމައްޗަށް ސިފަވުމުން އެކަމަށް ހުރަސްއެޅެއެވެ. މާލެއިން އައުމަށް ބޭނުންވެފައިހުރީ މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަމަށް ބޭނުންވެފައިވުމުންކަމަށްވިޔަސް އޭނާއަށް އެވާހަކަތައް އެމީހުންގެ ކިބައިން ސިއްރުކޮށްގެން އުޅުމަކީވޭނަކަށް ވަނީ އެންމެ ދުވަހެއްގެ ތެރޭގައި ވެފައެވެ. އޭނާގެ ހިތް އެދި ރޮމުންދަނީ އެމީހުންގެ ގާތުގައި ހުރިހާކަމެއް ކިޔައިދިނުމަށެވެ. އެކަމަށް އެމީހުންގެ އެހީތެރިކަން ބޭނުންވާ މިންވަރު ވިސްނުނަސް އިތުރަށް ބުރައެއް ޖެއްސުމަށް ބޭނުން ނުވާތީ ފަސްޖެހެވެނީއެވެ.
***
މޫނުމައްޗަށް ބުރައިގެންދިޔަ ލޮނުތިކިތަކުގެ ލޮނުގަން އޭނާގެ ދުލަށް އިހުސާސް ވިއެވެ. ރަނގަޅަށް ވިސްނާލެވުނުއިރު ދެލޮލުން އޭނާގެ ކޯތާފަތްމައްޗަށް ކަރުނައިގެ ކޯރަކުން ތެމިއްޖެއެވެ. ސިކުނޑީގައިވާ ހުސްކަމާއެކު ރަނގަޅަކަށް ނުވިސްނުނެވެ. ފުސްވެފައިވާދެލޮލުގެ އިތުރުން ސިކުނޑީގައިވެސް ފަރުދާއެއް ދެމިގެން ގޮސްފައިވާހެން ހީވިއެވެ. ހިތުގައާއި ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވި، އީނާޝާ މޫދާއި ދިމާއަށް މިސްރާބު ޖެހިއެވެ. ގަނޑުވެގެންދާފަދަ ފިނި ކަނޑުގެ ތެރެއިން ރާޅު ނަގަމުންދިޔައިރުވެސް އޭނާގެ ފަރުވާލެއް ނެތެވެ. މޫނުމައްޗަށް އަނދިރިވަމުންދިޔައިރު މީހަކު އޭނާގެ އަތުގައި ހިފައި އެއްގަމަށް ދަމައިގަތްހެން ހީވިއެވެ. އެއާއެކު މުޅި ދުނިޔެ އަނދިރިވެއްޖެއެވެ.
*
އޭގެ އަހަރެއްހާދުވަސް ފަހެވެ. އިނާޝާ އިނީ ގޭގެ ކުރިމަތީގައިވާ ފިނިއަށީގައި އޭނާގެ އާއިލާއާއިއެކު ސަކަރާތުގެ ތެރެއަށްގެއްލިފައެވެ. އަތްކުރު ޓީޝާޓެއް ލައިގެން އިން އިރު އެ ކުރު އިސްތަށިގަނޑު ހަވީރުގެ ފިނި ވަޔަށް ވިހުރެމުން ދެއެވެ. އެ ތާޒާ މޫނުމަތީގައިވާ އުފާވެރިހިނިތުންވުމުގައި މަސްނޫއީ ކަމެއް ނެތްކަން ޔަގީންކޮށްދެނީ އެ މޫނުމަތިން ފެންނަ އުޖާލާކަމެވެ.
އެރޭ އޭނާ ސަލާމަތްކޮށްދިން އިޒާންގެ ހިތުގައިވަނީ އޭނާގެ ލޯބިވާ ދައްތަ ބޮޑު ފާފައަކުން ސަލާމަތްކޮށްދެވުނު ކަމުގެ އުފާވެރިކަމެވެ. ހިތްހަމަޖެހުމާއިއެކު އިނާޝާއާއި ދިމާ ބަލައިލި އޭނާގެ މައިންބަފައިންގެ ހިތުގައިވަނީ އިނާޝާއަށް ފަރުވާކޮށްދެވުނުކަމުގެ ހިތްހަމަޖެހުމެވެ. ސައުލް ޖަލުގެ ގޮޅިއެއްގެ ތެރެއަށް ލެވި، އެމީހުންގެ ދަރިފުޅު ސަލާމަތްވިކަމުން ލިބުނު އުފާވެރިކަމެވެ. ނަމަވެސް އެ އަނިޔާވެރިކަމުގެދަށަށް އިނާޝާ ދާންޖެހުނު ސަބަބަކީ އެމީހުންކަމުގައި އިހުސާސްވެއެވެ. އެމީހުންގެ ދަރިފުޅު ހެދި އުފާވެރި ދޮގުތަކުގެ އަސްލުނުފެނުނުކަމަށްޓަކައި ލަދުގަނެއެވެ. އަބަދަށްވެސް އެކަމާއި އެމީހުން ހިތާމަ ކުރާނެއެވެ.
_ނިމުނީ_
note: ޔަލާގެ އެޕިސޯޑްތައް ދެން އަޕްލޯޑްވާނީ އެންމެ އަވަސްވެގެންވެސް އޮކްޓޯބަރ ނުވަތަ ނޮވެމްބަރ ހިސާބުގަ. ތަންކޮޅެއް ދިގުކޮށް، އެ ސީީޒަން ނިންމާލާފައި ގެނެސްދިނުމުގެ ޚިޔާލު މިހާރު އޮތީ. އެއްވެސް ނޯޓިސް އެއް ނުދީ އެހާ ގިނަދުވަސް ދިއުމުން މާފަށް އެދެން. ތެންކްޔޫ އޯލް ފޮރ ދަ ސަޕޯރޓް..
