Skip to content
އެސްފިޔަ

ތީ އޭ ހަނދަކީ 26

 

ރީޝާގެ އެ ނޯޓު ކޮޅު ކިޔާ ނިމުމާއި އެކު ކަރުދާސްކޮޅު ޝަރީފްގެ އަތުން ދޫވިއެވެ. އެ ދަރިފުޅު މިއަދު އެ އިނީ އޭނާ އާއި އެތައް ހާސް މޭލެއް ދުރުގައެވެ. އެ ދަރިފުޅު ބައްޕައަކަށް އެންމެ ބޭނުންވި ދުވަހު އޭނާ އަކަށް ލޯބިން ފިރުމައެއް ވެސް ނުލެވުނެވެ. އަލްވަދާޢުގެ ސަލާމެއް ވެސް ނުކިޔުނެވެ. މުށިގަނޑު މަތިން އެ ކަރުދާސް ކޮޅު ނަގައި ކިޔާލި ރިއާޝްގެ ހިތަށް ވެސް އަސަރު ކުރިއެވެ. އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހަކު އެނގުމަކާ ނުލައި ގެއްލުމުންނެވެ. މިކަން ރިޔާޝް އަށް އެނގިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ލޮލުން ފޭދުނު ކަރުނަ ތިކި ބޮޑުވައި އިނގިލިން ފުހެލަމުން ޝަރީފް އަށް ހިތްވަރު ދިނުމުގެ ގޮތުން ޝަރީފްގެ ބުރަކަށީގައި ފިރުމާލިއެވެ.

 

**********

ތިން ހަފްތާއަށްފަހު ރިވާ ގެއަށް ދޫކޮށްލެވުނެވެ. އޭރު އޭނާ އަށް ކޮރުޖަހަމުން ކޮންމެވެސް ވަރަކަށް ހިނގެއެވެ. ރީޝާ ނެތުމުން އާއިލާގެ ފުރިހަމަކަން ވަނީ ގެއްލިފައެވެ. ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް ކޮމެޑީ ލޭންޑްގެ އެކުވެރިންގެ ގުޅުމަށް ވެސް ވަނީ އައިސްފައެވެ. އެހެންނަމަވެސް ނަޔާ ބަރާބަރަށް ރިވާގެ ޙާލު ބަލަން އާދެއެވެ. ދޭތެރެއަކުން އަހުޝަމް އާއި ރިއާޝް ވެސް ފޯނުގެ ޒަރީއާއިން އެމީހުންނާ ވާހަކަ ދައްކައެވެ.

 

ދުވަން ނުކުމެ އުޅުމުގެ ތެރެއިން ޖުމްހޫރީ މައިދާނަށް އަހުޝަމް އާއި ރިއާޝް ވަނީ ފިނިކޮށްލުމަށެވެ. އިރުވައިގެ މަޑު ވައިރޯޅިތައް ހެނދުނުގެ ސަލާމް ކިޔަމުން އެދެމީހުންގެ ގައިގައި ބީހިލުމާއިއެކު ދެމީހުންނަށް ވެސް ހިތް ހަމަޖެހުން ލިބުނެވެ. ރީޝާ ފުރައިގެން ދިޔަ ފަހުން އެ ދެމީހުން ވެސް ދިމާވި މިއީ ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހިނގި ކަންކަން ދެމީހުން އެކަކު އަނެކަކަށް ހިއްސާ ކުރަމުން ދިޔައީ އެތައް ޒަމާނަކަށްފަހު ބައްދަލުވީ ދެ ރަޙުމަތްތެރިން ފަދައިންނެވެ. ދެކެވުނު ވާހަކައެއްގެ ތެރެއިން އެއްކަލަ ކަރުދާސްކޮޅުގެ މަތިން އަހުޝަމް ހަނދާން ވިއެވެ. “އޭ… މަށަށް މިއުޅެނީ ފާޑެއްގެ އެއްޗެއް ފެނިގެން… ވަރަށް ކުރިން އެހެރަ ރުއް ބުޑުގައި އޮތް ކަރުދާސްކޮޅެއް… ވައްތަރީ މީހަކު ލިޔެފައި އޮތް ޑައިރީއެއްގެ ގަނޑަކާ… މަށަށް ހަމަ ކޮންމެ ރެއަކު ވިސްނެނީ އެއާ ދޭތެރޭ..” ފުރަތަމަ ފަހަރަށް މީހަކަށް އޭނާގެ ހިތުގައި ހިނގަމުން ދިޔަ ޖަޒުބާތު ތައް ފާޅުކޮށް ލިއެވެ. ވަރަށް ގަޔާވެފައި ރިއާޝް އެ ވާހަކަތައް އަޑުއަހަން އިނުމުން އަހުޝަމް އިތުރަށް އޭގެ ތަފްސީލް ކިޔައިދެމުން ދިޔައެވެ. “ދެން ކަލޭ އެ ކުއްޖާ ދެކެ ލޯބި ވީތަ؟…” ސަކަރާތް ޖަހާ ނުލެވޭތާ ގިނަ ދުވަސް ވުމުން ރިއާޝް ފެށީ އަހުޝަމް އަށް ދިމާކުރާށެވެ. އެހެނަސް އޭގެ އަސަރު ގަދަކަން ކިޔައިދިނުމުން ކޮންމެވެސް ވަރަކަށް ރިއާޝް މައިތިރިވިއެވެ. “އޭ ތިއެއް ނޫނޭ… ލައްކަ ދުވަސް ވެއްޖެ އެއްނު އަހަރުމެން އެއް ނުވާތާ… އުޅެބަލަ ދިމާކޮއްލަން… ދެން ރީޝް ނެތަސް ކަމެއް ކޮއްލެވިދާނެއްނު..” ކަރުދާސް ގަނޑު ފަހުން ދައްކާނަމޭ އަހުޝަމް ބުނުމުން ރިއާޝް އާ ވާހަކައެއް ފެށިއެވެ. ދެމީހުން އެކި ގޮތް ގޮތަށް މަޝްވަރާ ކުރުމަށްފަހު ނިންމީ ސްޓޫޑިއޯގައި ޕިއްޒާ ޕާޓީއެއް ބޭއްވުމަށެވެ. އެތާ ތިބެގެން ވައިބާރ ގުރޫޕުގައި ނަޔާ އާއި ރިވާ އާއި އެކު ހުރިހާ ކަމެއް ހަމަޖައްސާ ނިންމާލިއެވެ.

 

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ދެންމެ އެޖެއްސީ ބޮޑު ފްލައިޓެކެވެ. ދުރު ޤައުމަކުންއައި ފްލައިޓެކެވެ. ފަސިންޖަރުން ބޯޓުން ފައިބައިގެން އެއާރޕޯޓު ތެރޭގައި ހަލަބޮލިވާން ފަށައިފިއެވެ. އެކި ޤައުމުތަކުގެ މީހުންނެވެ. ދޮން މީހުންނާއި ކަޅު މީހުންނެވެ. އެމީހުންގެ ތެރެއިން ނުކުމެގެން އެއަންނަ ޢާއިލާގެ އެންމެން ވެސް ތިބީ ހެވި ދިއްލިފައެވެ. ދަތުރުގެ އެއްވެސް ވަރުބަލި ކަމެއް ނެތެވެ. ފޮށިތަންމަތި ހިފައިގެން އެމީހުން ގޮސް ޓެކްސީ އަކަށް އަރާ އަނެއްކާވެސް ދަތުރު ފެށިއެވެ.

 

ގިޓާގެ ނަރުތަކުން ލުއި މިއުޒިކެއް އިއްވަމުން ދިޔަ ރިޔާޝް އިނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ކައިވެނި ޙަފްލާއެއް ފަޅުފިލުވައިދޭށެވެ. އޭނާގެ އަޑުން އިއްވަމުން ދިޔަ ކޮންމެ ލަވައެއް ވެސް ޚާއްސަ ކުރެވިފައިވީ އެ ހިތުގެ މަލިކާއަށެވެ. ލޯމަރާލައިގެން އިނދެ ލަވަ ކިޔަމުން ދިޔައިރު އޭނާއަށް ދިޔައީ ރީޝާގެ ގާތުގައި އިނދެވޭ ކަމުގެ އިޙްސާސް ކުރެވެމުންނެވެ.

 

މި ލޯބީގެ ގުލްޝަން ފަރިވެ ފޮޅެޔޭ….

ވީމޭ ކަލާއަށް އިންތިޒާރުގައި …

ބޭނުން އަބަދަށް ތިޔަ ނަން މަގޭ….

މި ހިތުގައި ލިޔެވުން ވަރަށް ލޯބިން…

 

ތީ އޭ ހަނދަކީ….

ތީ އޭ ހަނދަކީ…

ލޯބީގެ ތީ އޭ ހަނދަކީ…

 

ތީ އޭ ހަނދަކީ….

ތީ އޭ ހަނދަކީ…

ލޯބީގެ ތީ އޭ ހަނދަކީ…

 

ލޯބިވާ މަގެ ހަނދަކީ ތީ އޭ…

އޮއެވަރާއެކު ބީވެ ނުދާށޭ…..

ވަކި ނުވެވޭހާ ލޯބިވޭ….

 

ލޯބިވާ މަގެ ހަނދަކީ ތީ އޭ…

އޮއެވަރާއެކު ބީވެ ނުދާށޭ…..

ވަކި ނުވެވޭހާ ލޯބިވޭ…

 

ގުޅުމަކީ އޭގެ ޙައްޤު ވެރީންނަށް ތެދެއް ކަން އެނގޭހޭ…

ގުޅުމަކަށް ބަލާފައި ލޭ ވެސް މަށަށް މާ ރަނގަޅޭ…

ހިނިތުން ވެލާށޭ ކަރްނައަށް ފަހު ވެސް މަގޭ ރަންކޮޅާ….

ގުޅުން ތައް ލޮއެއްބާއި އުފަލުގައި ދަމަހައްޓަވާށޭ…

 

ތީ އޭ ހަނދަކީ…

ތީ އޭ ހަނދަކީ…

ލޯބީގެ ތީ އޭ ހަނދަކީ….

 

ލޯތްބަކީ ތި އޭ…

ލޯތްބަކީ ތި އޭ….

ހިތުގައި ވާ ލޮއެއްބަކީ ތި އޭ….

 

ޕިއްޒާ ކެއުމައިގެން ކުރިއަށް ދިޔަ ހަތަރު އެކުވެރިން ދިޔައީ އިންސްޓަގްރާމް ލައިވް ޝޯވ އެއް ހުށަހަޅަމުންނެވެ. ނުދަންނަ ނަމްބަރަކުން ގުޅަން ފެށުމުން ނަޔާ ބެލްކަންޏަށް ނުކުތީ ކުދި ކިޔަމުން ނެވެ. ފޯނު ނެގި ގޮތަށް ވާހަކަދައްކަން ފެށީ އެ މީހަކަށް ފުރުސަތެއް ދިނުމެއް ނެތި އެވެ. “އޭ ބުނަން ރަނގަޅު ވާހަކައެއް؟ ކޮންމެހެން ކާޑު ހުސް ވީއޭ ކިޔައިގެން އަހަރުމެން އަތުން ލާރި ކާން އުޅޭނެ ކަމެއް ނެތް…. ތިހާ ވަރަށް މަގޭ ކާޑު ބޭނުމިއްޔާ އެސްޓީއޯ ގުދަނަށް ދޭ… ކަލޭ ބޭނުން ވައްތަރަކުން ކާޑު ދޭނެ… ފުށް ވިޔަސް ހަކުރު ވިޔަސް ހަނޑޫ ވިޔަސް ކަލޭ ބުނާ ވަރަކަށް ދޭނެ… އަހަރުމެން ވެސް ކާޑު ގަންނަނީ… ކަލެއަށް ވެސް އޮންނާނީ އެގޮތް! ސާފު ވެއްޖެ؟” ކިޔާނެ އެއްޗެއް ކިޔާ ނިންމާލުމަށްފަހު ނަޔާ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އެކޮޅުން އަންހެނަކު މާ ބާރަށް ހޭން ފެށުމުން ނަޔާ ހައިރާންވީ ނަމަވެސް އެމީހަކު ބުނާ އެއްޗެއް އަހާލަން ހިމޭނުން ހުއްޓެވެ. “ނާޔާ…..” ހުނުމުގެ ތެރެއިން އަކުރުތަކަށް ދަމާލަމުން އެ މީހަކު ގޮވާލިއެވެ. “ބަލަ މަންޖޭ… އާދެ ތިބޭފުޅާގެ މައުލޫމާތައްޓަކައި ދަންނަވާލަން.. މި ގުޅާލީކީ ބޭންކް އޮފް މޯލްޑިވްސް އަކުން ނޫން… އެހެން ނަމަވެސް މާފަންނު ތަރަފާލު ގެއިން އިނގޭތޯ؟” އެ އަޑު އަހާފައި ކޮންމެވެސް އެއްޗެއް ހަނދާން ކުރަން އުޅޭހެން ނަޔާ ތަރަފާލު ގެއޭ ދެތިން ފަހަރަކު ކިޔާލިއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ރަނާ މެން ގޭގެ ނަމަވެ. ތަރަފާލު ގެއަކީ އެ ގެއެވެ. ވީއިރު އެ ގެއިން ގުޅައިގެން މިއުޅެނީ ކާކު ހެއްޔެވެ؟ ރަނާ ވެސް ވީ ރާއްޖެއިން ބޭރުގައެވެ. މިފަދަ އެތައް ސުވާލުތަކެއްގެ ތެރޭގައި ތާށިވެފައި ނަޔާ ހުއްޓާ އަނެއްކާވެސް އެ ކޮޅުން ވާހަކަ ދައްކަން ފެށިއެވެ. “ހަލޯވްވް…. ނަޔާ… އަޅެ ރަނާ އޭ މީ… ހަލޯ” ދެން ލިބުނީ ސިހުމެކެވެ. ލިބުނު ސިހުމުގައި ނަޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަނާ ރާއްޖެ އަންނަ ޚަބަރެއް ނުވެސް ވެއެވެ. “އޯ އެމް ޖީ… ރަނާ؟؟ މަންޖޭ މަންޖެ މާލެ އެރީ ކޮންއިރަކޫ؟…” ނަޔާ ވާހަކަދައްކަން ފެށީ ލަސް ލަހުން ނަމަވެސް ސުވާލު ނިންމާލީ ފަހު އަކުރަށް ދަމާލަމުން ނެވެ. “އިއްޔެ… ސަޕްރައިޒްޒް… ކޮބާތަ އެންމެން؟ ރީޝް އަށް ގުޅަން އުޅެ އުޅެ ނުއެއް ގުޅުނު.. ބުނަނީ ނިއްވާލާފައޯ..” ހިނިތުން ވެފައި ހުރެ ރަނާ ބުނެލިއެވެ. “އާން ރީޝްއަށް ވީ ގޮތް ވެސް އެއީ ބޮޑު ވާހަކައެއް… އެ ވާހަކަ ވެސް ކިޔައިދޭނަން ފަހުން…އޭ އަހަރުމެން އެންމެން މިތިބީ ސްޓޫޑިއޯގައި.. މަންޖެ އަންނަގާ.. ޕިއްޒާ ޕާޓީ ބާއްވައިގެން މިއުޅެނީ…” ނަޔާގެ ދައުވަތު ރަނާ ވަގުތުން ގަބޫލު ކުރިއެވެ. ދިހަ މިނެޓު ތެރޭ ދާނަން ކަމުގައި ބުނުމުން ފޯނު ކަނޑާލާފައި ނަޔާ އެތެރެއަށް ވަނީ ކަމެއް ވީކަން ވެސް މޫނުމަތިން ހާމަ ނުކޮށެވެ. އެންމެންނަށް ސަޕްރައިޒެއް ދިނުމުގެ ނިޔަތުގައެވެ.

 

އިރުކޮޅެއް ފަހުން ސްޓޫޑިއޯގެ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ވަރަށް ނޫން ކަމަށް ހެދިލާފައި ނަޔާ އެދުނީ ރިއާޝް ގާތު ދޮރު ހުޅުވުމަށެވެ. ތުނި ތުނި ކޮށް އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން ރިއާޝް ގޮސް ދޮރު ހުޅުވީ ނޭވާ އެތެރެއަށް ދަމާލަމުންނެވެ. ކުރިމަތީގައި ހުރި ރަނާ ފެނުމުން އޭނާ ބޭރު ކުރަން އުޅުނު ނޭވާ ވެސް އެތެރެ ހަށީގައި ތާށިވިއެވެ. އިސްތަށިގަނޑުގައި ހިންގާލި އަތް ވެސް ބޯ މަތީ އޮތީ އެވެ. ހަރަކާތް ހުސްވެފައި ރިއާޝް އަށް ހުރެވުނީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ކުރަން ދަތި ވެފައެވެ. އެއީ އެ ސޫރައެއް ދެކިލުމަށްޓަކައި އޭނާގެ ހިތް ބޭޤަރާރު ވަމުން ދިޔަ ސޫރައެވެ. ކޮންމެ ރެއަކު ހުވަފެނުގައި އޭނާގެ އަރިހުގައި އުޅޭ ޕަރީއެވެ. މިވީހާ ދުވަހު އިންތިޒާރު ކުރެވެމުން ދިޔަ ފަރާތެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Reader

    Masha allah vrh vrh reethi ❤️
    Keep it up sis

    1. ReeshA CoronA
      Reader

      Thank you so much dear ☺️

  2. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    You’re so talented
    Keep it up

  3. Manjj

    Mi chi medhu kandaa lee thw?

  4. Minha

    ReeshaA CoronA mihaaru mi vhk medhu kandaalee thw???

  5. ReeshA CoronA

    Assalam Alaikum
    Varah dhigu break akah fahu alhugandu anehkaaves esfiya ah mi aee mi vaahaka kuriah gendhiumahtakaa. Eki kudhinge request thah libemun dhaathee. Veemaa mi hafthaa thereygai mi vaahakaige aa episode eh liye submit kureveyne vaahaka dhannavan. Insha ﷲ

Comments are closed.