ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 22
އާއިޒަށް ސިހިފައި ދުރަށް ޖެހެވުނެވެ. ފަނޑު އަނދިރީގެ ތެރެއިން އެއީ ކާކު ކަމެއް ދަނެގަންނާކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެއީ ޔާނާ ނޫންކަމެވެ. އަވަސް އަވަހަށް ދެކޮޅު ހޯދާލެވުނީ ސްވިޗްބޯޑު ހުރި ދިމާއެއް ދެނެގަތުމުގެ ބޭނުމުގައެވެ.
ދޮރާ ދިމާއަށް ހިނގައިގަނެވުނީ އެތަނުގައި ސްވިޗްބޯޑް ހުންނާނެކަމަށް ލަފާކޮށްފައެވެ. އަނދިރީގައި ގޮސް ފާރުގައި އަތް ކާއްތައި ގަތުމާއެކު ސްވިޗްތަށް އަތުގައި ޖެހުމުން ދިއްލައިލިއެވެ. މުޅި ތަން އަލިވެގެން ދިޔަހިނދު ދާދި ކައިރީގައި ހުއްޓިލައިގެން ހުރި ޖާހަތު ފެނުމުން އާއިޒުއަށް ސިހުންލިބި ކޮށިއަރާގޮތްވިއެވެ. ޔާނާ އެކޭ އެއްފަދަ ހެދުމެއްގައި ހުރުމުން އަނދިރީގެ ތެރެއިން ދެނެގަނަން ނޭގުނީއެވެ. އަދި ޖާހަތު އޭނާއަށް އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެކަމުގެ ހިލަމެއްވެސް ވެފައި ނެތުމުންނެވެ.
އާއިޒުގެ ކެއްސުން ގަނޑު މައިތިރި ނުވިއެވެ. ޖާހަތު ކައިރީގައި ހުރި ފެންތަށި ދިއްކޮށްލުމުން އާއިޒު އަވަސް އަވަހަށް ފެން ބޯލިއެވެ. މީހާ ހަމައަކަށް އެޅުނު ހިނދު އާއިޒުގެ މުޅި މޫނު ބަނަވެގެން ދިޔައީ އައި ގަދަ ރުޅީގެ ސަބަބުންނެވެ. އަތުގައިވާ ބިއްލޫރި ތަށި ބިންމަތީގައި ޖެހިޖެހީނުން ފުނޑުފުނޑުވެގެން ދިޔައެވެ. ޖާހަތުގެ މޫނު މައްޗަށް ކުޑަވެސް ސިހުމެއް ވެރިވެގެނެއް ނުދިޔައެވެ. މޫނު މަތިން ފެންނަމުން ދިޔައީ އަޒުމް ވަރުގަދަ ކަމާއި އާއިޒުގެ ޕްލޭން ކާމިޔާބު ނުވީތީ އެކަމުގެ ފަހްރެވެ.
“ކިހިނެއްވީ؟ އަހަރެން ކަމު ނުދަނީތަ؟” ޖެއްސުންކުރާފަދަ ރާގެއްގައި ޖާހަތު އަހާލިއެވެ. އާއިޒު ހިމޭނުން ހުރިއިރުވެސް އެ މޫނު މަތި ހީވަނީ ދެންމެ ދެންމެ ހުޅު ރޯވެގަނެފާނެ ހެންނެވެ. “އެދުވަހުވެސް އަހަރަން ބުނީމެއްނު އަހަރެން ހަމަހޭގަ ހުއްޓާ ކަލެއަށް ލާހިކެއް ނޫނޭ ޔާނުއާ ހަމައަށް ދާކަށްވެސް. އަބަދުވެސް އަންހެނުންގެ ނިކަމެތި ކަމުގެ ފައިދާ ކަލޭ ނަގަމެންނު. މިއަދު ނިކަމެތި އަންހެނެއް ކަލޭގެ ހުރިހާ ރޭވުމެއް ފެނަށް ހަދާލައިފި.” ޖާހަތު ހަރުކަށިކޮށް ވާހަކަ ދައްކަމުން ދިޔައެވެ.
އާއިޒު ހީވަނީ ކެކެމުންދާ ފެން އެއްޗެއް ހެނެވެ. އޭނާއަކީ އަދި ދުވަހަކުވެސް ނާކާމިޔާބު ވާން ޖެހުނު މީހެއް ނޫނެވެ. މިއަދު ޖާހަތުގެ ސަބަބުން އޭނާގެ އެތަށް ރޭވުމެއް ނާކާމިޔާބުވެއްޖެއެވެ.
“ދެން ކީއްކުރާނީ.؟ ކަލޭ ބޭނުންވީ މިވަގުތަކީ ޔާނުގެ ހަޔާތް އެފުށް މިފުށަށް ޖަހާލާނެ ވަގުތެއް ކަމުގައި ހަދާލާކަށެއްނު؟ އެކަމަކު ބަލާބަލަ ވީގޮތް. މިވަގުތު ވެގެން މިދަނީ ޔާނުގެ ހަޔާތުގެ އާ ބިންގާ އެޅޭ ރެއަކަށް. ދުވަހަކުވެސް ވަކިވުމެއް ނުވާފަދަ މާތް ގުޅުމަކުން ދެހިތް ގުޅި ލާމެހިގެން ދިޔަ ރެއަކަށް.” ޖާހަތުގެ ވާހަކަ މިހިސާބަށް ދިޔަ ތަނާ އާއިޒު ބަލައިލިއެވެ. އެ ދެލޮލުން ފެންނަނީ ނަފްރަތާ ރުޅިވެރިކަމެވެ.
“ދެން ކުރަންވީކަން ބުނެދޭންވީތަ؟ މިރޭ ކަލޭ، ކައިވެނީގެ ހެދުން އެކަންޏެއް ނޫން ލާނީ. އެހެން ހުރިހާ ކަމެއްވެސް ކުރާނެ.” އާއިޒު ނުލަފާ ގޮތަކަށް ބަލައިލަމުން މިހެން ބުނުމަށްފަހު ޖާހަތު އަތުގެ އުޅަނބޮށީގައި ހިފައި އެނދާ ދިމާއަށް ގެންދަން ފެށިއެވެ. ޖާހަތު ދަތްކުނޑި ވިކާލުމަށްފަހު އާއިޒުގެ އަތް ނަށްޓުވައިލިއެވެ. އަދި ހަމަ އެސިކުންތުކޮޅުގައި އާއިޒުގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ވީއްލާލިއެވެ. މިވަރަށް ހިތްވަރު ލިބުނީ ކިހިނެއް ކޮންތަނަކުންކަމެއް ޚުދު ޖާހަތަށްވެސް ނޭނގެއެވެ. އެނާވެސް އޭނާގެ ހިތްވަރުގަދަކަމާމެދު އަޖާއިބު ވެއްޖެއެވެ.
މޫނު މައްޗަށް އެރި ހޫނު ހަމަލާ އާއިޒުއަށްވެސް ސިހުން ގެނުވިއެވެ. ނިކަމެތި އަންހެން ކުއްޖެއް އޭނާއަށް އޮޅުވާލައި އަތް އިސްކުރުމުން ބަދަލު ހިފުމުގެ ރޫހު އާއިޒުގެ ހަށިގަނޑުގައި އުފެދުނެވެ. ޖާހަތުގެ އެއް އަތުގައި ހިފައި އެނދުމައްޗަށް ހޫރާލިއެވެ. އަދި ޖާހަތުއާ ދިމާއަށް ހިނގައިގަތީ ޝިކާރަވެރިއެއް އޭގެ ޝިކާރަ އަތު ޖެހުމުން ދާފަދަ ގޮތަކަށެވެ.
އިރުގެ އަލިކަން ކުޑަދޮރުން ފޭދިގެން އައިސް އެނދުގައި އޮތް ޔާނާގެ މޫނަށް އެޅުމުން އިތުރަށް ބްލޭންކެޓްގައި ބޮނޑިވެގަނެވުނެވެ. ނަމަވެސް އިރުކޮޅަކުން ލޯ ހުޅުވައިލެވުނީ ކުޑަކޮށް ހޭލެވި އީމަން މަތިން ހަނދާން ވުމުންނެވެ. އެނބުރި ފަހަތަށް ބަލައިލެވުނެވެ. ފުން ނިންޖެއްގައި އަދިވެސް ލޯމަރާލައިގެން އީމަން އޮތްތަން ފެނި ޔާނާއަށް ހިނިތުންވެލެވުނެވެ. މަޑުމަޑުން އީމަންކައިރިއަށް ގުދުވެލެވުނީ ހިތްފުރެންދެން ބަލައިލުމަށެވެ.
އިރުކޮޅަކު އެހެން އޮތުމަށްފަހު އެނދުން ފައިބައިގެން ގޮސް ފާހާނާއަށް ވަނީ ތާޒާ ވެލުމަށެވެ. ފެންމާގަނޑު ދޫކޮށްލުމާއެކު ހޫނު ފެންތިކިތަށް ޔާނާގެ ތުނި ހަށިގަނޑުގައި ބޮސް ދޭންފެށުމުން ލޯމަރާލެވުނީ ލިބުނު އަރާމެއްގެ ބޮޑުކަމުންނެވެ. އެހިނދު ލޯމަތިން ސިފަ ވެގެން ދިޔައީ ރޭގެ އެ އުފާވެރި ވަގުތެވެ. ލޯހުޅުވާލެވުނީ ހިނިތުން ވެލެވުމާއެކީއެވެ. ދެއަތުން ގައިގައި ބައްދައިލެވުނީ އަދިވެސް އީމަންގެ އެބީހުމަށް ހިތް އެދެވުނީތީއެވެ.
ފެންވަރާލައިގެން ފާހާނާގައި އޮތް ބާތުރޯބް ލައިގެން ބޭރަށް ނުކުތީ ލާނީ ކޮން ހެދުމެއް ބާވައޭ ހިތަށް އަރާފައެވެ. ރޭ އައިއިރު ހަމަ ގައިމުވެސް އެހެން ހެދުމެއް ނުގެނެއެވެ. ދެހިޔާލެއްގައި ހުރެ ނުކުމެގެން ގޮސް ހޯދާލީ ފޯނެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ފެނުމުން ނަގައިގެން ޖާހަތުއަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. އަދި ނުތެދުވަނީ ކަމުގައި ނިންމައި ގޮސް ކުޑަދޮރުގެ ފޮތިގަނޑު ދެފަރާތަށް ކަހައިލިއެވެ. އިސްކޮޅާ އެއްވަރުގެ އެ ކުޑަދޮރުން ބޭރުގައިވާ ބޮޑެތި ގަސްތަކާއި ދުރުގައިވާ މޫދު ފެނުމުން ބަލަން ހުރެވުނީ އެސްފިޔަ ޖަހާނުލެވިއެވެ.
އެނދުގައި އޮތް އީމަންގެ ލޯހުޅުވާލެވުމާއެކު އެންމެ ފުރަތަމަ ފެނުނީ ކުޑަދޮރުކައިރީ ހުރި ޔާނާއެވެ. ބާތުރޯބްގައި ހުރިއިރު އެ ދޮން ދިގު ދެފައިވަނީ ކަކުލާ ހަމައިން ހާމައަށެވެ. އެދިގު އިސްތަށިގަނޑު ވަނީ ވިހުރެން ދޫކޮށްލެވިފައެވެ. އީމަން އެނދުން ތެދުވެގެން އައިސް ޔާނާގެ ފަހަތުގައި ހުއްޓި ބައްދައިލިއެވެ. ފެންވަރާލުމުން ފިނވެފައިވާ އެހަށިގަނޑަށް އީމަންގެ ގައިގެ ހޫނުކަން ވެރިވުމުން އަރާމުކަމެއް ލިބިގެން ދިޔުމާއެކު އީމަންގެ އަތުތެރޭގައި ބޮޑިވެލެވުނެވެ.
ޔާނާގެ ގައިން ދުވަމުންދާ އެރޯމާ ވަހުން އީމަން މަސްތުވާހާވިއެވެ. އެ ދޮން ކަނދުރާއަށް ބޮސްދެވުނީ ބޭ އިޚްތިޔާރުގައެވެ. ގައިގެ ލޯލިކޮޅުތަށް ކޮޅަށް ޖެހިގެން ދިޔުމުން ޔާނާއަށް އީމަންއާ ދިމާއަށް އެނބުރިލެވުނެވެ. އަދި ދެކޮޑުގައި އަތް އަޅައިލިއެވެ.
“ކީއްވެ ނުގޮވީ؟” އީމަން އިޝްގީ ގޮތަކަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.
“ފެންވަރާލައިގެން ނިކުމެ ގޮވަން ހުރީ. އެކަމަކު ލާނެ ހެދުމެއް ނެތް ހަނދާންވުމުން ހުރެވުނީ.” ޔާނާ ވީ ގޮތް ކިޔައިދިނެވެ. “ޖާތުގެ ހަބަރެއް ވޭތޯ ގުޅާވެސްލައިފިން. އެކަމަކު އަދި ހޭނުލެވެނީ ކަންނޭނގެ. ފޯނު ނުނަގާ.”
“އެހެންތަ! އަސްލު އެވީގޮތް އެނގޭތަ.” އީމަން އިސްޖަހާލަމުން އަހާލިއެވެ.
“ނޭނގޭ. ކިހިނެތްވީ؟” ޔާނާ ސީރިއަސްވެލާފައި އަހާލިއެވެ.
“އެހިސާބުން އޭގެ މާނައަކީ ހެދުމެއް ނުލާށޯ!” އީމަން މިހެން ބުނަމުން ހިނިއައިސްފައި ހުރެ އިސްއުފުލާލިއިރު އެދެލޮލުގައި ލާނެތް ކުލަވަރުފެނި ޔާނާ ދުރަށް ދުއްވައިގަތެވެ. އީމަން އަތް އެއްލުމުން ހިފުނީ ބާތުރޯބުގެ ފަސްބައިގައެވެ. ޔާނާ އަނެއްއަތުން ހިފައި ދަމަންފެށިއެވެ. ދެމީހުންގެ އެތަށް ސަކަރާތެއްގައި ތިބެފައި އީމަން ފާހާނާއަށްވަނީ ޔާނާ ބަނޑުހައިވެއްޖެ ކަމުގައި ބުނަން ފެށުމުންނެވެ.
ލިފްޓްގެ ދޮރު ދެފަރާތަށް ކެހިގެން ދިޔުމާއެކު، ހިނިހޮރަކުން ނިކުމެގެން އައި ހިނިތަކެއްހެން، ބޭރަށް އައި މީޑިއާގެ މީހުންނާއި ހޮޓެލްގެ އިސްވެރިން އައިސް ދޮރުކުރިމަތީގައި ހުއްޓުނެވެ. އަދި ހޮޓެލްގެ މީހެއް ތަޅުދަނޑިން ދޮރުހުޅުވާލުމާއެކު އެންމެން ކޮޓަރިތެރެއަށް ދެމިގަތެވެ. ކެމެރާތަކުން ފްލޭޝް ކެނޑެން ފެށިއިރު ކެމެރާތައް އަމާޒުކުރެވިފައިވަނީ އެނދުމަތީގައި ބަންޑުން ނިދިފައި އޮތް އާއިޒުއަށެވެ. އެނދު ކައިރީ ބިންމަތީގައި އިށީނދެގެން ދެކަކޫ މެޔާލާ ބޮނޑި ކޮށްލައިގެން މޫނު ފޮރުވާލައިގެން އިން ޖާހަތު އިސް އުފުލާލިއެވެ.
މޫނު މަތީގެ އެކި ތަންތަން ވަނީ ނޫފައިގެންފައެވެ. ގައިގައި ބެޑްޝީޓެއް އޮޅާލައިގެން އިންއިރު ހެދުމުގެ ކޮނޑުމަތިން ފެންނަން ހުރި ހިސާބުގެ އެތަން މިތަން ވަނީ ވީދިފައެވެ.
މުޅިތަނަށް ވެރިވެގަތް ހަލަބޮލިކަން އިހުސާސްވެ އާއިޒު ބޯ ހިއްލާލިއެވެ. މަޑުމަޑުން ލޯ އުނގުޅާލުމާއެކު ބޮލުގައި ހިފައި ލެވުނީ ބޮލަށް ބަރުވެފައިވާ ފަދަ އިހުސާސެއް ކުރެވުމުންނެވެ. ނަމަވެސް ކޮޓަރިތެރޭގައިވާ އެންމެން ފެނި ދެލޯ ބޮޑުވެގެން ދިޔައީ ހައިރާންކަންވެރިވެގެން ދިޔުމުންނެވެ. އެންމެންގެ ކެމެރާގެ ފްލޭޝްތަކުން ލޮލަށް އުނދަގޫވާން ފެށުމުން މޫނު އަނެއްފަރާތަށް އަނބުރައިލެވުނެވެ. އެވަގުތު އެނދުކައިރީގައި އިން ޖާހަތުގެ ހާލަތު ފެނި މޭގަނޑު ގުޑައިގެން ދިޔަފަދައެވެ. ހަމަބިމަށް ފޭބި މިވަނީ ކީއްކަން އިހުސާސްވީ އަދި ކިރިޔާއެވެ. ރޭލައިގެން ހުރި ޓީޝާޓްވެސް ބިންމަތީގައި އޮތްތަންފެނި ކޮޅަށް ތެދުވެވުނެވެ. ފުލުހުން އެތަނަށް ވަދެގަތުމާއެކު މުޅި ތަނަށް ހަލަބޮލިކަން ފެތުރިގެން ދިޔައެވެ.
ޖެހިގެން ހުރި ކޮޓަރިން ހެމުން ހެމުން ނިކުތް އީމަންއާ ޔާނާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރުންނެވެ. ޖާހަތު އާއި އާއިޒު ގޮވައިގެން ފުލުހުން ބޭރަށް ނުކުތްތަނެވެ. ޔާނާއަށް ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ. ޔާނާ އާ އީމަން ފެނުމުން އާއިޒުގެ ލޭ ކެކިގަތް ކަހަލައެވެ. ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
“މަކަރުވެރި އަންހެނާ. ހިތުން ވަރަށް މޮޅު ކަމެއް ދޯ ތިކުރެވުނީ.” އަދި ޖާހަތުއަށް އެނބުރި ބަލައިލަމުން ބުނެލިއެވެ. “ޖާހަތު، އަހަރެން ކަލެއަށް އިތުބާރުކުރުން އެއީ ކުރެވުނު މޮޔަ ކަމެއް. މިކަމުގެ ބަދަލު ލިބިގަންނަން ތައްޔާރަށް ހުންނާތި.” ފުލުހުން އާއިޒު ގަދަކަމުން ދަމާފައި ގެންގޮސް ލިފްޓަށް އެރުވިއެވެ. އާއިޒު ރުޅިއައިސްފައި ދައްކަމުން ދިޔަ ވާހަކަ ތަކުން ޖާހަތު އާއިޒު އެތަނަށް ގެނައީ ޚުދު އަމިއްލައަށް ކަމަށް އެނގުނެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ލަނޑުދޭން އުޅުމުން ލަނޑު ލިބުނީވެސް ޚުދު ޖާހަތުއަށް ކަމުގައި ގޮވަމުން ދިޔައެވެ.
އާއިޒުގެ ވާހަކަ ތަކުން ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޖާހަތު އެފަދަ ކަމެއް ކުރުމުން ރުޅި އައިސް ކޮންޓްރޯލް ނުކުރެވުނެވެ. ޖާހަތުކައިރިއަށް ޖެހިލާފައި އައި ރުޅީގައި މޫނު މަތީގައި ޖެހިއެވެ. ޖާހަތު ސިހި ކޯތާފަތްމަތީގައި އަތް އަޅާއިގެން ޔާނާއަށް ބަލަން އިނދެވުނީ ސިހުނުވަރުންނެވެ. އީމަން ފަހަތުގައި ހުރެފައި އައިސް ޔާނާގެ ގައިގައި ހިފެހެއްޓިއެވެ.
“އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ޖާތު އަކީ ތިހާ ނުވިސްނޭ ކުއްޖެއް ކަމަކަށް. އަމިއްލައަށް އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލެވުނު އިރު ހީކުރީ ކީކޭތަ؟ އަހަރެންނަށްޓަކައިތަ ތިކަން ކުރީ؟ އަހަރެން ގަބޫލެއް ނުކުރާނަން އަހަންނަށްޓަކައި ތިގޮތަށް ކޮށްދޭ ކަމެއް. ތިއީ ޖާތު އަމިއްލައަށް ލިބިގަތް އަނިޔާއެއް. އަހަރެން ދުވަހަކުވެސް ޖާތުއަކަށް މަޢާފެއް ނުކުރާނަން. އަހަރެންގެ ކޮއްކޮ ތިފަދަ ޅައެއްޗެއް ނާޅާނެ.” ޔާނާ ރުޅިގަދަވެފައި ވާހަކަ ދައްކަން ފެށުމުން ރޮވުނެވެ. އަނެއްކޮޅުން ޖާހަތުގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާނެ ހިތްވަރެއްވެސް ނުލިބުނެވެ.
ފުލުހުންގެ ދެ އޮފިސަރުން އައިސް ޖާހަތު ގެންދިޔައީ މައްސަލަ ތަހްގީގު ކުރުމަށް ބޭނުންވާ ކަމަށް ބުނެއެވެ. އީމަން ޔާނާ ޔާނާގެ ގެއަށް ގެންދިޔައެވެ.
މެންދުރުވުމާ ގާތްވަނީއެވެ. ސިޓިން ރޫމްގެ ސޯފާގައި އޮށޯވެލައިގެން ފުން ވިސްނުމެއްގައި އޮތް ޔާނާއަށް ދޮރާ ދިމާއަށް ބަލައިލެވުނީ މީހެއްގެ ހިލަމެއް ވުމުންނެވެ. އީމަންއާ ޖާހަތު ދޮރުމަތީގައި ހުރިއެވެ. ޔާނާ ކޮޅަށް ތެދުވުނެވެ. އަދި އަވަސް ފިޔަވަޅު މަތީގައި ގޮސް ކޮޓަރިއަށްވަނީ ޖާހަތުއާ ކުރިމަތިލާން ބޭނުން ނުވުމުންނެވެ. ޖާހަތު އެފަދަ ގޮތަކަށް ވިސްނާނުލައި ކަންތައް ކުރުމުން ޔާނާ އިނީ ވަރަށް ދެރަވެފައެވެ. އަދި ހަމަ އެހެންމެ އޭނާއަށް ޖާހަތު ނުހުއްޓުވުމުން އެކަމާ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވެނީއެވެ.
އީމަން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޔާނާ ހުރީ ކުޑަ ދޮރުކައިރީގައެވެ. އީމަން ގޮސް ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ޔާނާ ހަމަ ހުރި ގޮތަށް ހުރީއެވެ.
“ޔާނު، އެއްޗެކޭ ބުނެބަލަ. ހުރިހާ ކަމެއް ރަނގަޅުވާނެޔޭ” އީމަން އެންމެ ފަހުން ބުނެލިއެވެ.
“ދެން ކޮން އެއްޗެއްތަ އަހަރެން ބުނަން އޮތީ. ޖާތު ބޭނުން ގޮތަކަށް ހުރިހާ ކަމެއް ކުރަމުންދާއިރު އެންމެ ފަހަރުކުވެސް ވިސްނާލިނަމަ. ދެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިއަސް ހުރިހާ ކަމެއް ރަނގަޅުވާނީ ކިހިނެއް. ވީކަމެއް ނުވާކަމަކަށް ހެދޭނެތަ؟” ޔާނާ ރޮވިފައި ވާހަކަ ދެއްކިއެވެ.
“ވީ ކަމެއް ނުވާ ކަމަކަށް ނުހެދޭނެ. އެކަމަކު ކަމެއް ނުވަންޏާ ހަމަ ވާނީ ނުވާކަމަށް.” ކޮޓަރީގެ ދޮރު މަތީގައި ހުރި ޖާހަތު ޔާނާގެ ވާހަކަ ތައް އަޑު އިވިފައި ބުނެލިއެވެ.
“އަދިވެސް ޖާތު މޮޅު ވާހަކަ ދެއްކޭތޯ ބަލާތި. ދެން ކޮން ކަމެއް ރަނގަޅު ކުރެވޭނީ؟ މާ ހުޝިޔާރު މީހެއް ކަމަށް ހެދިގެން ކަންތައް ކުރަން އުޅުމުގެ ނަތީޖާ ފެނިއްޖެ އެއްނު. ދެން ކޮން ކަމެއް ނުވެއޭތަ ތިބުނީ؟ އެންމެ ބާރު ސްޕީޑްގައި މީޑިއާތަކުގައި ތިވާހަކަ ދެއްކެމުން އެދަނީ. ދެން؟ އެންމެންގެ ކުރިމަތީގައި ގެއްލިފައިވާ އަބުރު އަނބުރާ ހޯދޭނެތަ؟” ޔާނާ ރުޅިގަދަވެފައި އައިސް ޖާހަތު ކުރިމަތީގައި ހުއްޓި ސުވާލުކޮށްގަތެވެ.
ޖާހަތުގެ ލޮލުން ކަރުނަ ނީރާލިއެވެ. އަދި އިސް ޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ. “އަހަރެންގެ ވެއްޓިފައިވާ އަގު އިއާދައެއް ނުކުރެވޭނެ. އެއީ ވާނެކަމެއް ނޫން. އެހެން ނޫނަސް އަހަރެންގެ ފަރުވާލެއް ނެތް. އަހަރެންނޭ ކިޔައިގެން ދައްކަނީ ތެދު ވާހަކަ ތަކެއް ނޫންކަން އަހަންނަށް އެނގޭ. ޔާނު އަށްވެސް އެނގެއެއްނު؟” ޖާހަތު ވާހަކަ ދައްކަމުން އިސް އުފުލާލާފައި ޔާނާ އާ ސުވާލުކޮށްލިއެވެ.
“އެދުވަހުގެ ވާހަކަ ތައް އަހަރެންގެ ފަރުވާލެއް ނެތް. އެއީ ޖާތުއަށް އޮޅުވާލައިގެން ބަޔަކު ހިންގި ކަމެއް.” ޔާނާ ރައްދުގައި ބުނެލިއެވެ.
“ޔާނު، ތިވާހަކައޭ އަހަރެން ބުނަން މިއުޅެނީ. އަހަރެނަށް އޮޅުވާލައިގެން ބަޔަކު މީހުންގެ ރޭވުމެއްގައި ޖެހެވުމުގެ ސަބަބުން މުޅި މާލެތެރޭގައި އަހަރެން ވަނީ ބަދުނާމުވެފަ. އަހަންނަށް މި ލަނޑު ދިނީ އާއިޒު. އަހަރެން މުޅި މާލެއަށް ގިނަވެގެން ދިޔައީ އޭނަގެ އެދުމަށް ބޯނުލެނބުމުން. އޭނަ ބޭނުންވީ ޔާނު އޭނައާ ހަމައަށް ގެންދަން. ނަމަވެސް އަހަރެން އިންކާރު ކުރުމުން ހުމާމު އަށް އެންގީ އަހަރެން ރޭޕް ކުރަން. ހުމާމަކަށް އެކަމެއް ނުވި.” ޖާހަތު އެރޭ ކަންތައް ވީ ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި ޔާނާގާތުގައި އެވާހަކަ ނުބުނީ ކައިވެނީގެ ދުވަސް ކައިރިވެފައި އޮތުމުންނާއި ޔާނާ މާޔޫސް ކުރުވަން ބޭނުން ނުވުމުން ކަމަށްވެސް ބުންޏެވެ.
“އަހަރެންނަށް އިންސާފެއް ނުލިބުނު. އަހަރެންގެ ނަން ވެއްޔާ މޮޑެލުމަށްފަހު އާއިޒު އެއްވެސް އަދަބެއް ނެތި އުޅެމުންދާތަން ބަލަން ހުންނަންވީތަ؟ ކާކު އަހަންނަށް އިންސާފު ހޯދައިދޭނީ. އަންހެންކުއްޖެއްގެ އެންމެ އަގު ބޮޑު ފޭރާމަކީ އޭނާގެ އިއްޒަތް. އަހަރެންގެ އެފޭރާން އާއިޒު ވީދާ ކުދިކުދި ކޮށްލައިފި. އަހަންނަކީ އެއްވެސް މީހެއް ހުރި މީހެއްނޫން. ހަމަ އެކަނި ހުރީ ޔާނު. އޭނަ ބޭނުންވީ ޔާނުގެ ދިރިއުޅުން ފުނޑުފުނޑުކޮށްލަން. އެހެންވެގެން އަހަރެންގެ ބޭނުމަކަށްވީ އޭނާގެ މަޤްސަދު ހާސިލް ވިޔަ ނުދިނުން.” ޖާހަތު ކިޔައިދިނެވެ.
“އެކަމަކު ޖާތު، ހަމަ ޖާތުގެ އަގެއްނު މިފަހަރުވެސް ތި ވެއްޓުނީ. ކީއްވެ ތިހެން ހެދީ؟” ޔާނާ އެންމެ ކަން ބޮޑުވާކަން ހާމަކޮށްލިއެވެ.
“ޔާނު އަހަންނަކީ ނިކަމެތި އަންހެން ކުއްޖެއް. އަހަރެންގެ ނަން ހަޑިވިޔަސް ދެތިން ދުވަހަކުން މީހުން ހަނދާންނެތިދާނެ. ނަމަވެސް އާއިޒުމެންކަހަލަ ބޮޑެތި މުއްސަނދި މީހުންގެ ފަސްބައިގައި ޖެހޭ ލައްގަނޑު ދުވަހަކުވެސް ފިލުވައެއް ނުލެވޭނެ.” ޖާހަތު ތަފްސީލުކޮށްދިނެވެ.
“ތިޔެއް ނޫނޭ އަހަރެން ކަންބޮޑުވާކަން. މައްސަލައެއް ނެތް. ޖާތުގެ އެއްވެސް ކުށެއްނެތި އޭނަ ޖާތު ބޭޒާރުކޮށްލުމުން ޖާތުއަށް އިންސާފު ލިބެވެންޖެހޭނެ. ނުލިބުމުން ބަދަލު ހިފީ. އެކަމަކު ކީއްވެ ޖާތުގެ އަމިއްލަ ނަފްސު އޭނައަށް ވިއްކާލަން ޖެހޭފަދަ ގޮތަކަށް ތިކަން ކުރީ. އެނޫން ގޮތަކަށްވެސް ބަދަލު ހިފިދާނެއްނު؟” ޔާނާ ސުވާލުކޮށްލިއެވެ. އަދި މަޑުމަޑުން މޫނުގައި ނޫފައިގެންފައި ހުރި ތަންތަނުގައި އަތް ޖައްސާލިއެވެ.
ޖާހަތުގާތަށް ހިނިއައެވެ. “އާއިޒު އާ އެކީ އުޅެލުމުން އަހަންނަށްވެސް ފައިދާއެއްކުރި. މަކަރުވެރިކަން. މިއީ އަސްލެއް ނޫން. ފޭކް.” ޖާހަތު މިހެން ބުނަމުން ޑްރެސިން ޓޭބަލް މަތީގައި ހުރި ކަފަ އެތިން ކަފަ ބޯޅައެއް ނަގައި ޒައިތޫނި ކޮޅެއް އެޅުމަށްފަހު މޫނުގައި ކާއްތަން ފެށުމުން މޫނުމަތީގައި ނޫފައިގެންފައި ހުރިހެން ހީވާ މޭކަޕްތައް ފިލަންފެށިއެވެ. އީމަންއާ ޔާނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގުނީމައެވެ.
11 Comments
Comments are closed.
nice
nice
me frst.. yayy
Masha Allah vara salhi…..konirakun next part up kodhayny……
Superb….. v habeys waiting for next episode soo baldy….
v lwbi waitin for the next part
🙂
Masha Allah mibaives varah nice.. konerakun next part kiyaalah libaynee..
Adminoo. Aasheys kohfa mibunany. Pls pls search kureveygoi hadhaidheebala
hey mihaaru search kureveyneyy.. if you are on desktop, there will be a search bar on the right side. and if you are on mobile then it will be below the advertisements( after the story)… if you still couldn’t then pls call me on 7997991.. ill explain eyrun.
V salhi m part ves .thankolheh avahah up kohdhehvvun edhen
Next part up vaane dhuvaheh vx bunelan ragalhu dhw mi haa varah ahaa iru