Skip to content
އެސްފިޔަ

ބަދަލުވި އާދަ

އިރު ފެނުން ހިއްލާލި ވަގުތެވެ. އޭރު ދުނިޔެމަތި ވަނީ އަލިވެފައެވެ. މަގުމަތީގައި އަންހެންވެރިން ކުނިކަހަމުން ދިޔައެވެ. ހިރަފުސް ބޯކަމުން މުޅިހިސާބުގަނޑު ވަނީ ދުމަށްވެފައެވެ. ފުސްކަމުން ހިނގާފައި ދާ މީހަކަށް ކުރިމަތި ނުފެންނަހާ ވެއެވެ.

އިރުއަރާ ހަމަޖެހުނު ވަގުތު މަރިއަމް އެއްކުރި ކުނިގޯނި ބަރޮލަށް ލައިގެން ހިނގައިގަތެވެ. އޭރު ކައިރީގައި އޭނާގެ ހަތްއަހަރުގެ ދަރިފުޅު އޭނާ އާއި އެއްވަރަށް ހިނގަމުން ދިޔައެވެ. ވަކިހިސާބަކަށް ދިއުމަށްފަހު މަޑުކޮށްލައިފިއެވެ. ބަރޮލުން ކުނިބަސްތާ ނެގުމަށްފަހު އެހިފައިގެން މަޑުކޮށްލީ ގަސްގަނޑެއްގެ ކައިރީގައެވެ. ކުނިގޯނި އަތަށް ހެޔޮވަރުކޮށްލުމަށްފަހު މީހަކުފެންނަން ހުރިތޯ މަރިއަމް ދެފަރާތް ރަނގަޅަށް ބަލާލިއެވެ.

މީހެއްގެ ހިލަމެއްނުވުމުން، މަރިއަމް އެކުނި ބަސްތާ އެތަނަށް އޮއްސާލުމަށްފަހު އެނބުރި ގެއަށް އައެވެ. އަދި މެނދުރަށް ކެއްކުމަށް ތައްޔާރުވާން ފެށިއެވެ.

ދުވަހަކީ ހުކުރު ދުވަސް ކަމުން މަރިއަމް ބޭނުންވީ މީރު އެއްޗެއް ތައްޔާރު ކޮށްލާށެވެ. އެހެން ކަމުން ވޮލެޓާއި ފޯނު އަތައް ހެޔޮވަރު ކޮށްލުމަށްފަހު ގެއިން ނިކުތެވެ. ދިޔަމަގުމަތީގައި އައިޝާ ބަރޯ ހިފައިގެން އަންނަތަން ފެނިއްޖެއެވެ.

“އޭ އައިޝަތޫ! ތިއައީ ގަސްގަނޑު ތެރެއަށް ކުނިބަރޯ އޮއްސާލާފަ ދޯ؟” ލައިގެން އިން ހައިސް ކޯޓު އަތަށް ބޮޑިކޮށްލަމުން މަރިއަމް ބުނެލިއެވެ.

“އައްޗީ! މަށެއް ނޫޅެން އެކަހަލަ ކަމެއްކުރާކަށް. އޭގެ ސަބަބުން ހަޑިވަނީ އަހަރެމެންގެ ރަށޭ.! އަޅެބަލަ ގަސްގަނޑު ތެރެއަށް ކުނި އުކަނީ މަރިޔަނބެއް ނޫންތަ؟ ނިކަން ތިއާދަ ހުއްޓާލަބަލަ! ފަހުން ހިތާމަ ކުރަން ޖެހިދާނެ.” އައިޝާ އަތް ހޫރަމުން ހޫރަމުން ބުނެލިއެވެ.

މަރިއަމް ތުން އަނބުރާލާފައި ފިހާރައަށް ވަދެ ކުކުޅާއި ދެތިން ތަރުކާރީ ގަނެގެން އަވަހަށް އެތަނުން ދެވޭތޯ ބެލިއެވެ. ދިޔަ މަގުމަތީގައި އައިޝާ އަށް ކަޅި އަޅާލިއެވެ.

އިރުމެދުން ނެއްޓި އޮއްސުމާ ދިމާއަށް އޭގެދަތުރު ފެށިއެވެ. ހަވީރުގެ ހިތްގައިމު ފިނި ވައިރޯޅި ލުއިކޮށް ޖެހެމުން ދިޔައީ އެންމެ ހިތްހަމަ ޖެހޭ ވަރަކަށެވެ. އެވަގުތު ބޮޑު ބަދިގޭ ކުނި ކޮތަޅެއް ހިފައިގެން ނިކުތް މަރިއަމް ގެ މިސްރާބު ހުރީ އަތިރިއަށެވެ.

ހަލުވި ހިނގުމެއްގައި ހައުސްކޯޓު އަރުވައި ޖަހަމުން ހިނގަމުން ދިޔައެވެ. އެދިޔަ ގޮތައްގޮސް ބަލާކަށް ނުހުރެ ކުނި ކޮތަޅު އެޔެއް މިޔެއް ނުބަލާ އަތުގެ ކޮޅަށް ހޫރާލިއެވެ. އެވަގުތު މީހަކު ހަޅޭއް ލަވައި ގަތް އަޑު އިވުނެވެ.

“އޭ! ބަލަ މަރިޔަނބާ!! ތިކަންތައް ނުކުރާށޭ ކިތައްފަހަރު ބުނެވިއްޖެ.މިފަހަރު މިޖެހުނީ އަހަރެންގެ ގައިގައި. ދެން ނޭނގެ ޖެހޭނީ ކާކުގެ ގައިގަ ކަމެއްވެސް. ބަލަ މަރިޔަނބާ.. ތިޔަހެން ކުނިތައް ޖެހުނު ތާކަށް އުކާލުމުން ހާދަ ބައިވަރު ބަލިތަކެއް ފެތުރެއޭ. އޭގެ ސަބަބުން މަދިރިތައް ގިނަވެ، ޑެންގޫ ހުންވެސް ފެތުރުމަކީ އެކަށިގެންވާކަމެއް.” އާދޭހުގެ ރާގަކަށް އެމީހާ ބުނެލި ގޮޮތުން އޭނާ އަށް ރަނގަލކަށް މަރިއަމް އެނގޭކަން ދޭހަވެއެވެ. އެމީހާ ބުނިއެއްޗަކަށް ބީރުކަންފަތެއް ދީފައި މަރިއަމް ހަމަ އެބާރުމިނުގައި ރަށުތެރެއަށް އަރައިގެން ދިޔައެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. އޭރުވެސް ވާރޭ ނުވެހޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން ރަށުތެރެ އޮތީ ހިރަފުސް ފެވައެވެ. އަދީ މީގެ ސަބަބުން ރަށުތެރޭގައި އެކި ކަހަލަގެ ތަފާތު ބަލިތައް ފެތުރެމުން ދިޔަ ދުވަސް ކޮޅެކެވެ.

ހެނދުނުގެ ވަގުތެވެ. މަރިއަމް ތެދުވި އިރު ހުރީ ރޯގާ ވައްތަރު ވެފައެވެ. ޕެނަޑޯލް ގުޅައެއް ކާލުމަށްފަހު ދުވަހުގެ ތާވަލައިގެން މަރިއަމް ކުރިއަށް ދިޔައެވެ. ނަމަވެސް މެނދުރު ވީއިރު ބޭހުގެ އަސަރު ކެނޑި ހުންވެސް އަންނަން ފެށިއެވެ. އޭރު މަރިއަމްގެ ދަރިފުޅުވެސް އުލުނީ ބޭރަށް ހިންގާ ހޮޑު ލާތީވެއެވެ. ދެމައިން ހޮސްޕިޓަލަށް ދިއުމުން ބޭސްތަކެއް ދީފައި ފޮނުވާލިއެވެ.

މަރިއަމް ރަނގަޅުވި ނަމަވެސް އޭނާގެ ދަރިފުޅުގެ ޙާލު ދެރަވަމުން ދިޔައެވެ. އެހެންވެ އަނެއްކާވެސް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލް އަށް ދިޔައެވެ. ޓެސްޓު ހެދުމުން އެނގުނީ އޭނާގެ ދަރިފުލައް ވަނީ ޑެންގޫ ހުން ޖެހިފައި ކަމެވެ. އަދި އެވެސް އޭގެ އެންމެ ނުރައްކާތެރި ޙާލަތެވެ. މަރިއަމް ވަރަށް ދެރަވިއެވެ.

މަރިއަމްގެ ދަރިފުޅު ވަނީ މިހާރު ވެނތިލޭޓަރަށް ލައިފައެވެ. ސަލާމަތް ވާނެ ކަމާމެދު ޑޮކްޓަރުންނަށް ވެސް ޝައްކެވެ. އޭރު އޭނާގެ ބޮލުގައި އެނބުރެމުން ދިޔައީ މީހުން ދައްކާފައި ހުރި ހެޔޮ ނަޞޭޙަތުގެ އަޑެވެ.

އެވަގުތު މަރިއަމް އަށް ގިސްލާފައި ރޯން ފެށިއްޖެ އެވެ. ދެރަވެގެންނެވެ. ހިތައް ކެތް ނުވެގެންނެވެ. އޭނާ މާތް ﷲ އަށް ދަންނަވަމުން ދިޔައެވެ. ދަރިފުޅު ޙެޔޮ ހާލުގައި ލައްވާތޯއެވެ. އަދި ދެން ދުވަހަކުވެސް މަގުމައްޗާއި އެހެން ތަންތަނަށް ކުނިނޭޅުމަށް ﷲ ގަންދީ ހުވާކުރިއެވެ.

މާތް ﷲ ގެ ރަޙްމަތުން މަރިއަމްގެ ދަރިފުޅުގެ ޙާލު ރަނގަޅުވަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް ވުރެ ރަނގަޅުވަމުން ގޮސް ކުރިއެކޭ އެއްގޮތަށް އާންމު ދިރިއުޅުމަށް އެއާއިލާ ރުޖޫޢަ ވިއެވެ.

ނަމަވެސް ބަދަލު ވި އެއްކަމެއް ވިއެވެ. މަރިއަމް އޭގެފަހުން ކުނި އުކަން ފެށި އެކަމަށް ޚާއްޞަ ކޮށްފައިވާ ސަރަޙައްދަށެވެ. އަދި މަރިއަމް އަށް މިދިމާވި ހާދިސާގެ ސަބަބުން ރަށުގައި އެހެން ކަންތައް ކުރާމީހުންނަށް ޢިބުރަތަކަށްވެ އެކަން ކުރުން މުޅިން ހުއްޓިއްޖެއެވެ. އަދި މީގެ ސަބަބުން ރަށުގެ ތިމާވެއްޓާއި މާޙައުލު ސާފުވެ ބަލިތަށް މަދުވިއެވެ.

  • ނިމުނީ –

Comments (3)

  1. Anonymous

    👏🖤

    1. Annna
      Anonymous

      Jazaakallah 🫶

  2. maryamshinana

    Wow…vrh salhi vhk eh mee

Comments are closed.