Skip to content
އެސްފިޔަ

މަންޒިލް

 

ދުވަހަކީ އުޑުމަތި އެހާ ސާފު ދުވަހެއް ނޫނެވެ. ކުޑަކޮށް ނަމަވެސް ވިއްސާރަ ވިލާ ފެންނަމުން ދިޔައެވެ. އަހަރެން ގެއިން ނިކުތީ ކޮނޑުގައި ދަބަހެއް އަޅުވާލައިގެންނެވެ. ‘ބެކްޕެކް’ ގެ ދެއަތްގަނޑަށް ދަމާލާ ހެޔޮވަރު ކޮށްލުމަށްފަހު އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ މަންޒިލަކަށްވީ ރަށުގެ ބަނދަރެވެ. އާދައިގެ ހިނގުމެއްގައި އަހަރެން ގޮސް މަޑުކޮށްލީ ތޮށިގަނޑާއި ކައިރީގައެވެ. ފުރާގަޑި ޖެހެން އަދި ވަގުތުކޮޅެއް އޮތުމުން ބޮޑުހިޔާ ދީފައިވާ އޮފިއެލޭ ގަހެއްގެ ދަށުގައި އަހަރެން މަޑުކޮށްލީމެވެ. އޭރު އަހަރެން ދާން ހަމަޖެހިފައިވާ ފެރީ ތޮށިގަނޑާއި ކައިރި ކުރަނީއެވެ.

އަހަރެން ދާން ހަމަޖެހިފައި ވަނީ މާލެއަށެވެ. ފެރީގައި މާލެ އާއި ހަމައަށް ގާތް ގަނޑަކަށް ދެތިން ގަޑިއިރުގެ ތެރޭގައި ފޯރައެވެ. މަތީސާނަވީ ނިންމުމަށްފަހު އިތުރަށް ކިޔެވުމުގެ ނިޔަތުގައި އަހަރެން ފަށަން މިއުޅެނީ ވަރަށް އަޑި ގުޑަން ގިނަ ރާސްތާއެވެ. އަހަރެންނަށް ނޭގުނު ކަމަކީ މަންޒިލަށް ދަތުރު ކުރުމަށްޓަކައި އަޅާ ފުރަތަމަ ފިޔަވަޅުގައިވެސް އެތަކެއް ހުރަސްތަކެއް ވާކަމެވެ.

އެކިކަހަލަގެ ހިޔާލުތަކަށް އަހަރެން ގެނބެނިކޮށް ހޭވެރިކަމެއްވީ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އަހަރެން ސިއްސައިގެން ގޮސްފައި އެނބުރުނީމެވެ. އަހަރެންނަށް ހިނިތުންވެވުނީ އެއީ ކާކުކަން އެނގުނީމައެވެ.

“ދަރިފުޅު ހާދަ ބޮޑަކަށް ސިއްސައިގެން ދިޔައީ..؟” ކައިރީގައި މަޑުކޮށްލައިގެން އިން އަހަރެންގެ ލޯބިވާ މަންމަ ނުހަނު ފުޅާ ހިނިތުން ވުމެއްގައި ބުނެލިއެވެ. ނަމަވެސް، އެހިނިތުން ވުމުގެ ފަހަތުގައިވާ ކަންބޮޑުވުން އަހަރެންނަށް ރީތިކޮށް ފެނެއެވެ.

“މަންމަ ކުއްލިއަކަށް އައީމައޭ ދޯ..؟” މަންމަގެ ކައިރީގައި ހުރި އަހަރެންގެ ބައްޕަ އަހަރެންނަށް ދޯއެއްލިއެވެ.

އަހަރެންވެސް ހަމައެހާމެ ފުޅާ ހިނިތުންވުމެއްގައި ބޯޖަހާލީމެވެ. ހަމައެވަގުތު ފުރާގަޑިޖެހޭތީވެ ފެރީގެ ކައްޕި ގޮވާލިއަޑު އިވުނެވެ. އަހަރެން މަންމަ އާއި ބައްޕަ އަށް ބަލާލުމަށްފަހު ދެމީހުންގެ ގައިގައި ވަކިން ބައްދާލުމަށްފަހު ފެރީއަށް އެރީމެވެ. އަދި ނައްޓާލިވަގުތު އެދެމީހުންނަށް ހަނާ އަޅާލީމެވެ. އެހާ ދުރުންވެސް އަހަރެންނަށް މަންމަގެ ފެނކަޅިވެފައިވާ ދެލޯ ފެނިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނަކީ މަންމަ އާއި ބައްޕަ އަށް ލިބުނު ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ކުއްޖާގެ އިތުރުން އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އަހަރެންގެ ދެކޮއްކޮ ސްކޫލަށް ދާތީވެ މަންމަ އާއި ބައްޕައަށް އެދަތުރުގައި ބައިރިނުވެވުނީތީވެ އެދެމީހުން މާކުރިން ކަންބޮޑުވުން ފާޅުކުރިއެވެ.

ފެރީ މަޑު ދުވެއްޔެއްގައި ބަނދަރުން ނިކުމެ އޭގެ މަންޒިލަށް މިސްރާބު ޖެހިއެވެ. މަޑުމަޑުން ދުވެލި ބާރުވަމުންގޮސް އޭގެ އެންމެ ބާރުމިނުގައި މާލެއަށް ދިޔުމަށް ދަތުރު ފެށިއެވެ. ވަގުތަކީ އިރު މެދުޖެހިފައިވި ވަގުތު ނަމަވެސް އެހާ ހޫނުގަދައެއް ނޫނެވެ. އަހަރެންވެސް އަހަރެންގެ ސީޓުގައި ހަމަޖެހިލުމަށްފަހު ކަންފަތަށް ހެޑުސެޓު ޖަހާލީމެވެ.

އޭގެ ބައިގަޑިއިރުފަހެވެ. ފެރީ މާބޮދައް ތަޅުވާތީވެ އަހަރެން ދެލޯ ހުޅުވާލީމެވެ. ފަހަތުން އިވުނު ދެމީހެއްގެ ވާހަކައިން އެނގުނީ ކަނޑަށް ނިކުތީމައި ރާޅު ބޮޑުވީކަމެވެ. އަހަރެން އަނެއްކާވެސް ހަމަޖެހިލާފައި ދެލޯ މަރާލައި ނިދޭތޯ ބެލީމެވެ. ނަމަވެސް އިރުކޮޅެއްނުވެ އައި ބޮޑުރާޅަކާއެކީ ވަރަށް ބޮޑަށް ފެރީ ހަލުވާލުމުން އޭގެތެރޭގައި ތިބި މީހުންގެ ހަޅެކުގެ އަޑު އިވުނެވެ. އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ.

ފެރީގައި ތިބި ކްރޫއަށް އަހަރެން ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ފެންނަން ހުރި ކަންބޮޑުވުން ފެނިފައި އަހަރެންވެސް ބިރުގަންނަން ފެށިއެވެ. އިރުކޮޅެއްނުވެ ލައިފް ޖެކެޓް އެޅުމަށް އިރުޝާދު ދިނެވެ. ހުރިހާއެންމެން އެއްފަހަރާ ސީޓުމަތީގައި ހުރި ލައިފްޖެކެޓް ނަގައި ހެޔޮވަރު ކޮށްލިއެވެ. އޭރު އެއްބަޔަކު ހޮޑުލަނީ އެވެ. އެކަކުގެ ހޭވެސް ނެތެވެ. މުޅި ފެރިއިން އިވެނީ ގިސްލާ ރޯއަޑެވެ. އަދި އެމީހުން މަސަލަސް ކުރަން އުޅޭ މީހުންގެ އަޑެވެ.

އަހަރެންވެސް ފެންކަޅިވެއްޖެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އަހަރެން ދުޢާކުރީމެވެ. ސަލާމަތާއެކު ރަށާއި ހަމައަށް ފޯރާތޯއެވެ. ތިބެވުނީ ކަނޑުމަތީގައި ކަމުން ފޯނަށް ރޭންޖެއްވެސް ނުލިބެއެވެ، އެހެން ގޮތަކުން ނަމަވެސް ގުޅޭތޯ ބަލަން ހާސްވެފައި އުޅުނު ކައްޕިން އަހަރެންގެ ކުރިމަތިން ފެނެއެވެ.

އެގޮތުގައި ކަނޑުމަތީގައި ތިބޭތާ އެތެއް އިރެއްވެއްޖެއެވެ. ގަޑިން އޭރު ހައެއްޖެހީއެވެ. ތިބެވުނީ ކިހައި ހިސާބުކަންވެސް ނޭގެއެވެ. އޭރުވެސް ކަނޑުވަރަށް ގަދައެވެ. ބޮޑުދެތިން ރާޅުވެސް އޭރު ފެރީއަށް ބިންދާލައިފިއެވެ. ހުރިހާއެންމެން ކަހަލަ ގޮތަކަށް ތެމިފޯވެއްޖެއެވެ. އަހަރެންވެސް އެވެ.

ދުނިމެތި އިރަކަށްވުރެ އިރެއް ދިޔައީ އަނދިރި ވަމުންނެވެ. އެހެން ތިއްބައި ތަނެއްދޮރެއް ނޭނގޭހައި އަދިރިވެއްޖެއެވެ. އެބިރުވެރިކަމުގައި ތިއްބައި ކޯސްޓްގާޑަށް ގުޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ދިނެވެ. ނަމަވެސް އެއުފާވެރިކަން ދެމިއޮތީ ކުޑަވަގުތު ކޮޅަކަށެވެ. އައި ބޮޑު ރާޅަކާއެކު ހުރިހާއެންމެންނަށް އެއްފަހަރާ ފެރީގެ އެއްއަރިއަށް ޖެހުނެވެ. އެވަގުތު ފެރީ އަރިއަޅާލާ ބަނޑުން ޖެހިއެވެ. އަހަރެންނަށް ވެސް ވީނުވީއެއް ނެނގުނެވެ. އެގޮތް މިގޮތަށް ފެރީއަށް ވަތް ލޮނުގަނޑުތެރޭގައި އަހަރެން ތެޅޭން ފެށުނު ހަނދާން ވިއެވެ. ހާސްވެގެން ނޭވައި ނުލެވިގެންނެވެ.

އެހެން އުޅެނިކޮށް ފެރީގެ ދޭތެރެއަކުން ބޭރަށް އަހަރެންނަށް ނިކުމެވުނެވެ. ހިތްވަރުކޮށްފައި މައްޗައް އެރިއިރު އެތާގެ ޙާލަތު ވަކިން ބޮޑެވެ. އަހަރެންނަށް ފަތާން އެނގުނު ނަމަވެސް ކަނޑުގެ ރާޅަކާ އަހަރެންނަށް ހަނގުރާމައެއް ނުކުރެވުނެވެ. ބަލިވާންނެ ކަން ކަށަވަރުވާ ހަނގުރާމައެއް ކުރުމަކީ ބޭކާރުކަމެއްހެން އަހަރެންނަށް ހީވިއެވެ. އޭރު ބޯކޮށް ވާރޭ ވެސް ވެހެމުން ދިޔައެވެ. ފަސްފޫޓަށް ވުރެ އުސް ރާޅުތަކުގެ ތެރޭގައި އަހަރެން އުޅެނިކޮށް އަހަރެނަށް އެތައްބައިވަރު ލޮނުބޮވިއްޖެއެވެ. އޭގެ އިރުކޮޅެއްފަހުން ދެން އަހަރެންނަށް ވީގޮތްވެސް ނޭނގުނެވެ.

ބަލިބަލިކޮށް އެސްފިޔަތައް ހަލުވާލުމަށްފަހު އަހަރެން ލޯހުޅުވާލީމެވެ. ފެނުނީ ހުދުކުލައިގެ ސީލިންގަކާއި ތިންފިޔަލީ ފަންކާއެކެވެ. ތަނުގެ އަލި ގަދަކަމުން ލޯހުޅުވާލިހާ އަވަހަށް ލައްޕާލެވުނެވެ. އޮވެވުނީ ކޮންތާކު ކަމެއްވެސް ނޭނގެއެވެ. ފާއިތުވީ ކިތައް ދުވަސްކަމެއް ކިތައް ގަޑިއުރުކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. އަހަރެން އަނެއްކާވެސް ލޯހުޅުވާލީމެވެ. އަދި ދެފަރާތައް ބަލާލީމެވެ. ކައިރީގައި އަހަރެންގެ މަންމަ ހުދުކޯޓެއްލައިގެން ހުރި މީހަކާއި ވާހަކަދައްކަން ހުއްޓައި އަހަރެންނަށް ފެނުނެވެ. މަންމައަށް ގޮވާލުމަށް އަހަރެން އަނގަހުޅުވާލީމެވެ. ނަމަވެސް، ކަރުތެރެހިކިފައި ހުރުމުގެ ސަބަބުން ފުރަތަމަވެސް އަހަރެންނަށް ކެއްސައި ގަނެވުނީއެވެ.

އެއަޑަށް އަހަރެންގެ މަންމަ ދުވެފައި އައެވެ. އޭރު އެމަންމަހުރީ ރޮވިފައެވެ. ދެރަ އަޑަކުން އަހަރެން މަންމަ އަށް ގޮވާލީމެވެ. އަހަރެންނަށް އޮވެވުނީ މާލޭގެ ހޮސްޕިޓަލް އެއްގައެވެ. އަހަރެން ހޭނާރާ އޮންނަތާ ދެވަސް ވެއްޖެ ކަމުގައި މަންމަ ބުނެލިއެވެ. އަދި އެމަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ ދެކޮއްކޮ ގޮވައިގެން މާލެއެރީ މީގެ އެއްދުވަސް ކުރިންނެވެ.

އަހަރެން ސަލާމަތްވި ގޮތްވެސް އެނގެން ބޭނުންވިއެވެ. މަންމަ ކިޔައިދިނެވެ. އަހަރެން އޮޔާއި ވަޔާއި ދަނިކޮށް ކޯސްޓްގާޑައް ފެނުނީއެވެ. އަހަރެން އަދިވެސް ދިރިހުރިކަން އެނގުމުން އެމަޖެންސީކޮށް މާލެ ގެނެވުނެވެ. އަހަރެން މާތް ﷲ އަށް ޙަމްދުކުރީމެވެ. އަހަރެން ސަލާމަތާއެކު ލޯބިވާ މަންމަ އާއި ބައްޕަގެ ގާތައް ގެނެސްދިނުމުންނެވެ.

އަހަރެންނަށް އަހަރެންގެ މަންޒިލަށް އާދެވުނެވެ. ނަމަވެސް އޭރު އަހަރެން ހުރީ ދިމާވި ހާދިސާއިން ނަފްސާނީ ގޮތުން ބަލިކަށި ޙާލަތެއް ގައެވެ. ނަމަވެސް މިހާރު އަހަރެންގެ އުންމީދަކީ އަހަރެންގެ އެންމެ ފަހު މަންޒިލް ބާއްޖަވެރި ކުރުމެވެ.

  • – ނިމުނީ –

Comments (5)

  1. Lily

    Masha Allah vrh rythi vaahka eh
    Sis dhigu vhkq eh mihaaru nuliyanthr?

    1. Annna
      Lily

      Jazaakallah khairan Lily.. Nooney.. adhi liyaanan In Sha Allah.. Aina S3 mihaaru ehkoh plan koh ninmaifin Al’hamdhulillah.. 10 gr aharu veema kudakoh busy.. In Sha Allah olevel ninmaafa fashaanan.. ekam eyge kuriah konmeves varakah kuru vaahaka upload kuraanan In Sha Allah. 🙂😊😀

    2. Lily
      Lily

      Awwwn thank u so much siss ❤️❤️
      Vrh inthizaaru kurevey aina s3 ah
      Btw best of luck 💞

  2. mariyam

    Nice age annna my age is also 16

    1. Annna
      mariyam

      Jazaakallah khairan mariyam.. i am gonna be 17 soon

Comments are closed.