Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް ލޯބިވިން

Aayaa
Aayaa Level 410 Stories100 Login100 Comments
February 23, 2023 9 Mins Read
8 Comments

ހޮސްޕިޓަލުން ނިކުންނަން ގޮސްގޮސް ހުރެފައިވެސް ފެނުނު މަންޒަރުން އަހަރެން ކައިރިވެލީ ރިސެޕްޝަންގައި ތިބި ކުދިން ގާތަށެވެ. ދުރުގައި ނަރުސްކުދިން ބޮނޑިވެގެން އުޅޭ ތަނަށް އިޝާރަތް ކޮށްލަމުން ވެގެން އުޅޭ ގޮތް އިނގޭތޯ އަހާލީމެވެ.

“ޔާ.. ޑޮކްޓަރ އެޕޭޝަންޓް ނަގަން ވީނުން. ޑޮކްޓަރ ނޫރް ދެންމެއަކު އެދިޔައީ ސައިން އޮފް ވެގެން.. ސުއިސައިޑް ވާން އުޅުން ޕޭޝަންޓެއް..” ރިސެޕްޝަނިސްޓާއި ވާހަކަދައްކަން ހުރެފައި ޝަފްޔާ އަހަރެންނާ ވާހަކަދެއްކިއެވެ. އޭނާއަކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެކެވެ. އަހަރެއްހާ ދުވަސްވަންދެން އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރެވުމުން ހޮސްޕިޓަލުގެ މުވައްޒަފުންނާވެސް އަހަރެންގެ ގުޅުން ބަދަހިވާނެއެވެ.

“ޔެސް އޮފްކޯސް.. ނެގިދާނެ..” އަހަރެންގެ އޮފް ގަޑިއެއް ނަމަވެސް ނިކަން އަވަހަށް އެއްބަސް ވީމެވެ. އޭނާ ގާތު އަހަރެންނާއެކު އައުމަށް އެދެމުން ހިނގައިގަތީ ވޯޑާ ދިމާއަށެވެ.

“އަސްލު ކިހިނެއްވީ؟” އޭނާ އައިސް އަރާ ހަމަކުރުމާއެކު އަހަރެން ސުވާލު ކުރީމެވެ.

“ޓެކްސީ ޑްރައިވަރެއް ގެނައީ. އޭނާ އުޅޭ ގޭގެ ޓެރަހަށް އަރާ ފުންމާލަން އުޅެނިކޮށް ސަލާމަތް ކޮށްގެން ގެނައީ ކަމަށް އޭނާ ބުނީ.. މިހާރު އެއުޅެނީ ވަޅިއެއް ހިފައިގެން.. އެއްވެސް މީހަކު ކައިރިވިއަކާވެސް ނުދޭ..” ޝަފްޔާ އޭނާއަށް އިނގޭ މައުލޫމާތު އަހަރެންނާ ހިއްސާ ކުރިއެވެ.

އަހަރެން ފެނުމާއެކު އެތާތިބި ގިނަ ނަރުސްކުދިން އެއްފަރާތަކަށް ޖެހިލަމުން ‘ޑޮކްޓަރ އައިއްސި’އޭ ބުނެލައެވެ. އެތަނަށް ކައިރިވެފައި ތިބި މީހުން އެއްފަރާތް ކޮށްލަމުން އަހަރެން ކުރިއަށް ޖެހިލީމެވެ.

ފެނުނު ސޫރައަކުން އަހަރެންގެ ހިތުގެ ތެޅުން މަޑު ޖެހިލިއެވެ. އެސޫރަ ފެނިފައި އަހަރެންނަށް ހަރަކާތެއްވެސް ނުކޮށްލެވިފައި އިރުކޮޅަކު ހުރެވުނެވެ. އަހަރެން ފެނުމާއެކު އޭނާގެ ހަރަކާތްތައްވެސް މަޑުޖެހިލިކަން އެނގުނީ ބޮލާ ހިސާބަށް ނެގިފައި އިން ދެއަތް މަޑު މަޑުން ތިރިވެލީމައެވެ.

ޑޮކްޓަރަކީ އަހަރެންނަށް ވިއަސް ބުނާނެ އެއްޗެއް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް އަހަރެން ދޫ ހަރަކާތް ކުރުމަށް ނުކުޅެދުނެވެ. ބަހެއް ބުނުމެއްނެތި އަހަރެން ކުރިއަށް ޖެހިލާ އަތް ދިއްކޮށްލީމެވެ. އަތުގައި އޮތް ވަޅި އަހަރެންނަށް ދޭށޭ ބުނާ ފަދައަކުންނެވެ.

“ކައިރިނުވާތި..” ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމާއެކު އޭނާ ބާރަށް ވާހަކަދެއްކިއެވެ. ހަމަ ގައިމުވެސް އޭނާއަށް އަހަރެން ވަކިކުރަން އިނގިއްޖެއޭ އަހަރެންގެ ހިތް ބުންޏެވެ. ދިވެހިން ވާހަކަދެއްކީމައެވެ.

“އަހަރެން އެއްވެސް ކަމެއް ނުކުރާނަމޭ.. ތި ވަޅި އަހަރެންގެ އަތަށް ދީ..” އިނގިރޭސިން ވާހަކަދެއްކުމުގެ ބަދަލުގައި ދިވެހިން ވާހަކަ ދެއްކީމެވެ.

“މިބުނީނު ދުރަށް ދާށޭ.. ކައިރި ނުވާތި..” އޭނާ ވަޅި ދިއްކޮށްލީ އަހަރެންނާ ދިމާއަށެވެ.

“ޕްލީޒް.. ތިގޮތަށް ނުހަދާ… ޔާނިޝް ޕްލީޒް..” އާދޭހާއެކު އަހަރެން އެދުނީމެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްގެން އިރުކޮޅަކު ހުއްޓިގެން ހުރީމެވެ. އެއަށްފަހު އަހަރެން ބޯ ޖަހާލީއެވެ. މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ އަހަރެންނަށް ވަޅި ދިއްކޮށްލިއެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން އޭނާ ދޫދިނުމުން އަހަރެންނަށްވެސް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނާއާ ކައިރިވެލަމުން އެ އަތުގައި އޮތް ވަޅި ނަގާ އެންމެ ކައިރިން އަހަރެންނާ ހަމަކުރި ނަރުސް ކުއްޖާއާ ހަވާލުކުރީމެވެ.

“އެންމެން މިތަނުން ފޮނުވާލާ.. އެއްވެސް މީހަކު އަހަރެން ބޭނުމެއް ނޫން.. އަހަރެންވެސް މިތަނުން ފޮނުވާލާ..” އަހަރެން އޭނާއާ ދިމާއަށް އެނބުރިލުމާއެކު މަޑު އަޑަކުން އަހަރެން ގާތުން އޭނާ އެދުނެވެ.

“ޝަފްޔާ ފިޔަވާ އެއްވެސް ނަރުހެއް މިވަގުތު ބޭނުމެއް ނޫން.. އެންމެންވެސް އެނބުރި މަސައްކަތަށް ދޭ.. އަހަރެން މިޕޭޝަންޓާ ހަވާލުވެއްޖައިން..” ވަށައިގެން ތިބި މީހުންނާ މުހާތަބުކޮށް އަހަރެން ވާހަކަދެއްކީ މެލޭ ބަހުންނެވެ. އެއާއެކު ގިނަ މީހުން މާހައުލު ދޫކޮށް ދާން ފެށިއެވެ.

“އެކަނިތަ މިކޮޅުގަ ތިއުޅެނީ؟” އެންމެން ދިއުމާއެކު އަހަރެން އަނެއްކާވެސް އޭނާއާ ކުރިމަތިލީމެވެ.

“އީވާއާ ބެހޭ ކަމެއް ނޫން..” އޭނާގެ ރާގު ހަރުކަށްޓެވެ. އެއީ މީގެ ކުރިން އޭނާގެ ކިބައިން އަހަރެންނަށް ފެނުނު ސިފަތަކެއް ނޫނެވެ.

“އިނގެއެއްނު އަހަރެންނަކީ ގޮތް ދޫނުކުރާ މީހެއްކަން.. ޓެލް މީ؟ މަންމަމެންނާ އެއްކޮށްތަ އައީ؟” އަހަރެންވެސް ތަންކޮޅެއް ހަރުކަށިކޮށް ބުނެލީމެވެ.

“އަހަރެން ދާނަން އެކަނި..” އޭނާ އުޅުނީ ކުޑަކުއްޖެއްހެން ބޮޑާ ހާކާށެވެ. އަހަރެންގެ ގާތަށް ހިނި އާދެވެން ވެސް އުޅުނެވެ.

“ހަމަ އެހާބޮޑު ސުވާލެއްތަ އަހަރެން ކުރީ.. ޖަވާބު ނުދޭންވެގެން ތިއުޅެނީ..” ފޫހިވާކަމަށް އަހަރެން ހެދުނީމެވެ. “ތިހާލުގައި އެކަނި ދާކަށް އަހަރެންނެއް ނުފޮނުވާނަން.. އެކަނި އައިސް އުޅެންޏާ ތިއުޅޭ ތާކަށް ގެންގޮސް ދޭނީ އަހަރެން..”

“މަންމައާ ބައްޕައާ އެއްކޮށް އައީ..” އަހަރެން ކުރުނުކުރާނެކަން އޭނާއަށް ޔަގީންވީ ކަންނޭނގެއެވެ.

“ނަންބަރު ގެނޭ..” އަހަރެން އެދުނީމެވެ. ޖީބުން ފޯނު ނަގައި އޭނާ އަހަރެންނަށް ނަންބަރު ދައްކާލިއެވެ. އަތްދަބަހުން ކަރުދާސްކޮޅެއް ނަގާ އަހަރެން ނަންބަރު ނޯޓް ކޮށްލީމެވެ. އެއަށްފަހު އެދިއްކޮށްލީ ޝަފްޔާއަށެވެ. ރިސެޕްޝަނަށް ގޮސް އެނަންބަރަށް ގުޅަން އަހަރެން އެދުނީމެވެ.

“ވީލްޗެއަރ އެއްގައި އޭނާ އަހަރެންގެ ރޫމަށް ގެންދޭ.. ޕޭޝަންޓް ބަލައި އަންނާނެ މީހުން. އެމީހުން ކައިރީވެސް ބުނޭ އަހަރެންގެ ރޫމަށް ދާށޭ..” ދުރުގައި މަޑުކޮށްގެން ތިބި ދެ ނަރުސް ކުދިންގެ ގާތުން އަހަރެން އެދުނީމެވެ. އެމީހުން ވީލްޗެއާރ ގެނައުމާއެކު ޔާނިޝް އެއަށް އެރުމަށް ކުރީ އިންކާރެވެ.

“އެކަނިވެސް ހިނގާނަން. މިއުޅެނީ ފައި ބުރިވެގެންނެއް ނޫނޭ..” އަހަރެންނަށް ލޯ އަޅާލަމުން އޭނާ އަމިއްލައަށް ތެދުވަން އުޅެގަތެވެ. ނަރުސް ކުދިން ތިބީ އަހަރެންގެ ބަހެއްގެ އިންތިޒާރުގައެވެ. އަޅާނުލާށޭ ބުނުމުން އަހަރެންގެ ބަހަށް ކިޔަމަންވަމުން އެމީހުން ދިޔައީއެވެ.

އެނދުން ތެދުވެ އޭނާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ކުޑަކޮށް ކޮރުފައި ޖަހަމުންނެވެ. ވޯޑު ދޮރުން ނިކުންނަން ދަންދެން އަހަރެން ހުރީ ބަލާށެވެ. އެއަށްފަހު މަޑު ދުވެއްޔެއްގައި ގޮސް އޭނާއާ އަރާ ހަމަ ކުރީމެވެ.

“އެހާ ފަސޭހައިން އަހަރެން ދޫކޮށްލާނޭ ހީނުކުރަށްޗޭ..” ބޭރުގައި ހުރި ގޮނޑިބަރިތަކުގައި އޭނާ އިށީންނަން އުޅުމުން އަހަރެން ބުނެލީމެވެ.

“އީވާ ބުނާ ގޮތަށް ކަންތައް ކުރަން މިއީ އީވާގެ އަޅަކީތަ؟” އަހަރެންނާ ދިމައަށްވެސް އޭނާ ބަލައިނުލާ ވާހަކަދެއްކިއެވެ.

“ތިއީ މިހާރު އަހަރެންގެ ޕޭޝަންޓެއް. އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނީ..” ހަށަމް ބަނދެލަމުން އަހަރެން ބުނެލީމެވެ. އިތުރަށް ދެކޮޅެއް ނުހެދިއެވެ. ލިފްޓު ހުރި ދިމައަށް ހިނގައިގަނެފިއެވެ.

“އަހަރެން ހީކުރީ ސިޑިން ކަމަށް އަރާނީ ހިތްވަރުގަދަ މީހުން..” ލާނެތް ގޮތަކަށް އަހަރެން ބުނެލީ މަޖަލަކަށެވެ. އެހެނަސް ލިފްޓަށް އަރަން ފަށާފައިވެސް އޭނާ ފޭބިއެވެ. އަހަރެންނަށް ލޯ އަޅާލާފައި އޭނާ ދިޔައީ ސިޑިއަށް އަރާށެވެ.

ދެލޯ މައްޗަށް ނަގާލަމުން އަހަރެން އޭނާ ފަހަތުން ދިޔައީމެވެ. ނުހަނު ހާލުން ދެފައި މައްޗަށް ނަގަމުން އޭނާ ސިޑިން އަރައެވެ. އޭނާއަށް ވުރެ ކުރިން އަހަރެން ފުރަތަމަ ބަޔަށްއަރާ އޭނާ މައްޗަށް އަރާތަން ބަލަން ހުރީމެވެ.

“ކެތްތެރި މީހުން އެބަފެނޭ މިހާރު..” ރާގުލާފައި އަހަރެން ބުނީމެވެ. އެއަޑުތައް އޭނާއަށް އިވުނުހެނެއް ހިޔެއްނުވެއެވެ. އޭނާއަށް ޖެހިފައި ހުރީ ކޮން ބައްޔެއް ކަމެއް ބުނެދޭކަށްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ގައިގައި ވައި އެޅިލާފައި އޭނާ ދިޔައީ ދެވަނަ ބަޔަށްވެސް އަރާށެވެ. އެހެނަސް ހުށިޔާރުވެ ހުރެ އޭނާގެ އަތުގައި ހިފާ ލިފްޓު ހުރި ދިމާއަށް ދަމާލިއެވެ.

“މީހުން އަހަރެން ކައިރީ ބުނާނީވެސް ކީކޭ؟ ޑޮކްޓަރު ބަލިމީހާ ސިޑިންއަރާތަން ބަލަން ހެވިފައި ހުއްޓޭ. ނޭނގޭ މިހާރުވެސް ފުޓޭޖް ލީކްނުކޮށްލާ ނޫންކަމެއް. އެހެންނޫނަސް ހަލާކުވެފައި ހުރިތަނަށްވެސް ރަނގަޅެއް ނުވާނެ ސިޑިން އެރީމަ..” ނިކަން ޑްރެމެޓިކް ވެލީމެވެ. މިހާރު އަހަރެންގެ އަޅެކޭ އޭނާ ތަފާތެއް ނެތެވެ. ބުނެފިކަމެއް ކުރެއެވެ. އަތުގައި ހިފީމައި އަތް ފޮޅުވާލާފައި ކުރިއަށް ހިނގައިގަތެވެ.

ލިފްޓަށް އެރުމަށްފަހު އަހަރެން ފަރުވާތެރިކަމާއެކު އޭނާއަށް ނަޒަރު ހުއްޓާލީމެވެ. ކުރިއާ އަޅާ ބަލާއިރު އޭނާ ވަރަށް ތަފާތެވެ. ތުނިކޮށް ކޮށާލާފައި އޮންނަ ލޯބި އިސްތަށިކޮޅު އޮތީ ހިސާބަކަށް ދިގު ކުރެވިފައެވެ. އެއިސްތަށިކޮޅު ހާވާލާ ހިތްވިއެވެ. ތުނބުޅި މަތިމަސް ތުނިކޮށް ކޮށާފައި ހުރިގޮތުން އޭނާ ހާދަ ފިރިހެންވަންތައޭ އަހަރެންގެ ހިތް ބުނެލިއެވެ. އިސްކޮޅުންވެސް ދެމިލާފައި ހުރިވަރުން އަހަރެންނަށްވުރެވެސް މިހާރު އޭނާ ދިގެވެ. ބަދަލު ނުވެ ހުރީ އެންމެ ކަމެކެވެ. ހިކިކޮށް ހުންނަ އަނަރޫފަ ހަށިގަނޑެވެ.

“ހާދަ ތަފާތޭ؟” މަޑުމަޑުން ކިޔާލެވުނެވެ. ދުލުން ބަހެއް ނިކުމެއްޖެކަން އެނގުނީ އޭނާ ލޯ އަޅައިގެން ހުރެ ދިގުކޮށް ‘އޭނ’ އޭ ކިޔާލީމައެވެ.

“އެއްޗެއް ނޫން..” ރަކިވާން އުޅުމުން އަހަރެން އިސްދަށަށް ޖަހާލީމެވެ.

ފަސްވަނަ ފްލޯއަށް ލިފްޓު ހުއްޓުމާއެކު އޭނާ ނިކުމެ ދެފަރާތަށް ހުރި ބޯޑުތައް ބަލަމުން ހިނގަންފެށިއެވެ. އަހަރެންގެ ރޫމް ފެނޭތޯ ކަންނޭނގެއެވެ. ‘އީވާ މުހައްމަދު’ ޖަހާފައި އިން ރޫމް ފެނުމާއެކު އޭނާ އަހަރެންގެ ހުއްދަވެސް ހޯދާނުލާ ދޮރު ހުޅުވާލިއެވެ. އަހަރެން އޭނާގެ ފަހަތުން ދަމުން ގޮސް ހުއްޓެން މަޖުބޫރުވީ ފަހަތުން ޝަފްޔާ ގޮވާލި އަޑުއިވުމުންނެވެ.

“އޭނާ އަތުގައި އެބައޮތް ބާރުގަދަ ދެ އިންޖެކްޝަނެއް. އާ ޔޫ ޝުއާ ދެޓް ޔޫ ކޭން ހޭންޑްލް ހިމް؟” މާނޭވާ ލަމުން ޝަފްޔާ ސުވާލުކުރިއެވެ. ޝަފްޔާ ގާތުގައި ރޫމް ދޮރުމަތީގައި މަޑުކޮށްލާށޭ ބުނަމުން އަހަރެން ވަނީ ރޫމްއަށެވެ.

އޭނާ އިށީނދެގެން އިނީ އެރޫމްގައި ހުރި ދެގޮނޑި އިން ސޯފާގައި ކުޑަދޮރާ ވީ ފަރާތަށެވެ. އަހަރެން ގޮސް ދޮރުފޮތި ކަހާލާ ކުޑަދޮރު ހުޅުވާލީމެވެ. އިރުގެ ރަންދަޅަތައް ރޫމްއަށް ވަދެގެން އައެވެ. ބަހެއް ބުނުމެއްނެތި އަހަރެން އޭނާގެ ކުރިމަތީގައި ހުއްޓެމުން އަތް ދިއްކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ޖިންސްގެ ޖީބުން އެ އިންޖެކްޝަންތައް ނަގާ ދިއްކޮށްލިއެވެ. އޭގައި ހިފާ މޭޒުމަތީ ބައްވާފައި އައިސް އަހަރެން ގޮސް އިށީނީ އަނެއް ފަރާތުން ސޯފާގެ އަތްގަނޑު މަތީގައެވެ.

“މަންމަ ކިހާ ދެރަވާނެ އެފަދަ ކަމެއް ކޮށްފިއްޔާ..” މަޑުމަޑުން އަހަރެން ބުނެލީމެވެ.

“މަންމައަށްވެސް ނުކޮށްދެވޭނެ ކަންތައް ހުންނާނެ..” އޭނާ ބުނި ވާހަކައެއް އަހަރެންނަށް ފަހުމެއް ނުވިއެވެ.

“ކިހިނެއްވެފަތަ ތިހުރީ ޔާނިއަށް؟ ހާދަ ތަފާތުކޮށް ތި ވާހަކަދައްކަނީ؟ ޔޫ އާ ނޮޓް ދި ސޭމް ޕާސަން އޭޒް ބިފޯ..” އަހަރެން ޝައުގުވެރިވެފައި އިނދެ ސުވާލުކުރީމެވެ.

“ކިހާ އަހަރެއް މިވީ؟ ދިރިއުޅުމައިގެން އެންމެންވެސް ކުރިއަށް ދާނެ. މިޒާޖާ ވާހަކަދެއްކުމުގެ ގޮތްވެސް ތަފާތުވާނެ.” ކުރިން ހުރި ގޮތް ދޫނުކުރުމުގެ އާދަ ދޫކޮށްލާ އޭނާ މަޑުމަޑުން ވާހަކަދެއްކިއެވެ.

“އަހަރެންވެސް ހިތަށްއަރާ ދިރިއުޅުމައިގެން ކުރިއަށް ދާން ހިތްވަރު ލިބޭނެނަމައޭ.” ބޭރުން ފެންނަމުން ދިޔަ ހިތްފަސޭހަ މަންޒަރަށް ގެއްލި އިނދެ އަހަރެން ބުނެލީމެވެ.

“ކީކޭ؟” އަހަރެންގެ މޫނަށް ބަލަން ހުރެ އޭނާ ސުވާލުކުރިއެވެ.

“ނެވާމައިންޑް. ކީއްކުރަން މެލޭޝިޔާއަށް އައީ؟” އޭނައަށް ބަލައިލާފައި އަނެއްކާވެސް އަހަރެން ނަޒަރު ވަކިކޮށްލީމެވެ.

“ލޯބިވާ ކުއްޖެއް ދުރުން ނަމަވެސް ފެނޭތޯ..” ހިމޭން އަޑަކުން އޭނާ ބުންޏެވެ.

“ލެޓް މީ ގެސް.. ދެން އޭނަ ބުނީ ލޮތްބެއް ނުވެއޭ. އެހެންވެ ސުއިސައިޑް ވާން އުޅުނީ؟” ފަރުވާތެރިކަމާއި އެކު އޭނާގެ މޫނަށް އަރާ ކުލަވަރު ބަލަން އަހަރެން އިނީމެވެ. “ކަމް އޯން. އެކަހަލަ ކަމެއް ނުކުރައްޗޭ ދެން..”

“ތިހީވަނީ ރަނގަޅަކަށް ނޫން. އޭނާ އަހަރެންނަށް އޭރަކު ނުފެނޭ. އެކަމަކު އަހަރެންގެ ހިތަށް ވަރަށް ތަދުވާނެ އޭނަ ފެނުނީމަ. މިހާރު އުމުރުން ތިރީސް ވަނީ. އެކަމަކު އޭނާ ކަހަލަ ކުއްޖަކު ނުފެނުން..” އެއަޑުގައި ހިތާމައާއި ވޭންވިއެވެ.

“ތިބުނީ ރަނގަޅަށް. ލޯބިވާ މީހަކު ނުލިބުނީމާ ދެރަވާނެ ވަރު އިހްސާސްވޭ. އަހަރެންނަށް ލޯބި ވެވުނީ ނަފްރަތުން. އޭނާ ލޯބި ހުށައެޅި ހިސާބުން އަހަރެން އޭނާއަށް ވަރަށް ނަފްރަތު ކުރަން. އެކަމަކު ފަހުން ލޯބި ވެވުނީ. އޭރު އަހަރެންނަކަށް ޔަގީނެއް ނޫން އޭނާ އަހަރެން ދެކެ ލޯބިވާކަމެއް. ދެޓްސް އަ ލޯންގް ޓައިމް އެގޯ. ބަޓް ސްޓިލް ކާންޓް ފޮގެޓް..” މަޑުމަޑުން ހިނގާލައިފަައި އައިސް އަހަރެން ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އޭނާވެސް ކޮޅަށް ތެދުވިއެވެ.

“ކާކު؟ ސްކޫލް ކުއްޖެއްތަ؟ އަހަރެންނަށް އިނގޭ ކުއްޖެއްތަ؟” ގަޔާވެލާފައި އޭނާ ސުވާލުކުރިއެވެ.

އަހަރެންނާ ޔާނިޝް ދިމާވީ ސްކޫލު ދައުރުގައި އަމީނިއްޔާ އިންނެވެ. އޭރު އަހަރުމެންގެ އުމުރުން ފަނަރަ އަހަރެވެ. އަހަރެންނަކީ އެންމެންނާ ގުޅޭ މިޒާޖެއްގެ ކުއްޖަކަށް ވީތީ ޔާނިޝްއާ އެކުވެރިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ފަހުން އެނގުނު ގޮތުގައި އެއީ އަހަރެން މަންމަ ރަށުގެ މަންމައާ ތިމާގެ ކުއްޖެއް ކަމެވެ. އެހިސާބުން އަހަރުމެން ދެމީހުން ވަކިން ހާއްސަކޮށް އެކުގައި އުޅެން ފެށީމެވެ.

އޯލެވެލްގެ ދުވަސްތައް ނިންމާލުމަށްފަހު އަހަރުމެން އޭލެވެލް ހެދީ އަހުމަދިއްޔާ ސުކޫލުންނެވެ. ދެމީހުން އެއްކިލާހެއްގައި އުޅުނަސް ކުރިން ޖެހުނު މައްސަލައަކާ ގުޅިގެން އަހަރުމެންގެ ދޭތެރޭގައި އޮތް އެކުވެރިކަން އޭރު އޮތީ ނިމިފައެވެ. އޭގެފަހުން އަހަރުމެން ދުވަހަކުވެސް އެކަކު އަނެކަކާ ވާހަކަދައްކައެއް ނަހަދަމެވެ. ނަމަވެސް އަހަރެން ޗުއްޓީއަށް ރަށަށް ގޮސް އުޅުނު ދެތިން ފަހަރަކު އޭނާ ފެނުނެވެ.

“ނުބުނާނަން. ދެން ޔާނިޝް ބުނެބަލަ. ކާކުތަ ޔާނިޝްގެ ހިތް އަތުލައިގެން ތިއުޅެނީ؟” އޭނާއަށް ނަޒަރެއް ދެމުން އަހަރެން ސުވާލުކުރީމެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ ހުރީއެވެ. އަހަރެންނަށް ނިންމީ އޭނާއަށް މީހަކު ކައިރީގައި ހުރީމައި އުނދަގޫވީ ކަމަށެވެ. އެހެންވެ މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓުނީ މޭޒު ކައިރީގައެވެ. ގަލަމެއް ނަގައިގެން އޭގެ ދޯރީގައި ކުޅެލަ ކުޅެލަ އަހަރެންހުރީ އޭނާ ވާހަކަދައްކާނެ ކަމުގެ އިންތިޒާރުގައެވެ.

“ތިއީ އަހަރެންނަށް ކާކު؟ އަހަރެން ކީއްވެ އީވާއަށް ކިޔައިދޭންވީ؟ ތިއީ ކޮން ހައިސިއްޔަތެއްގެ ކާކުކަމަށް ބަލައިގެން؟” އޭނާ ކުރީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމަށް ހިތުލައިގެން ހުރި ސުވާލުތަކެއް ނޫނެވެ. އެސުވާލުތަކުގެ ސަބަބުން އަހަރެންގެ ދުލުގައި ތަޅުއެޅުވުނެވެ.

“އީވާ ބޭނުމީ އަހަރެންނަށް ބަލި މީހެއް ފަދައިން ޓްރީޓް ކުރަންތަ؟ އެހެންވިއްޔާ ވަރަށް ސާފުކޮށް މިބުނަނީ އަހަރެން މިއީ ނަފްސާނީ ބަލި މީހެއްނޫން. ތެރަޕިސްޓެއް ކައިރިއަށް އައިސް އޭނާއަށް ލައިފް ސްޓޯރީ ކިޔައިދޭނެކަމަށް ހީނުކުރާތި. އަހަރެންނަށް އަހަރެންގެ އަމިއްލަ ލައިފް ހޭންޑްލް ކުރެވޭނެ.” އަނެއްކާވެސް އޭނާގެ އަޑަށް ހަރުކަށިކަން ވެރިވެގަތެވެ.

“ނު.. ނޫން.. ވީ އާރ ފްރޭންޑްސް. އަހަރެންނަކީ ޔާނިޝްއަށް ހެޔޮއެދޭ ޔާނިޝްގެ ވާހަކަތައް އަޑުއަހާނެ މީހެއްގެ ހައިސިއްޔަތުން މިބުނަނީ. ތިއީ އަހަރެންގެ ޕޭޝަންޓެއް ނޫން. ކުރިން އެހެން ބުނެވިފަ އޮތިއްޔާ އެއީ ޔާނިޝް މިތަނަށް ގެންނަން ވެގެން ބުނި އެއްޗެއް..” އާގަންނަމުން އަހަރެންނަށް ބުނެވުނެވެ.

“ވީ އާ އެއްނޫން.. ވީ ވާ ފްރޭންޑްސް..” އޭނާ ރަނގަޅުކޮށްލައިދިނެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ.

“އެހެންވިއަސް އަހަރެން ޔާނިޝްއަށް ހެޔޮއެދެން. އަބަދުވެސް ޔާނިޝްއަށް ހެޔޮގޮތް މެދުވެރިވުމަށް އަހަރެން ބޭނުންވަނީ. އަހަރެންނަކީ އޭރުވެސް މިހާރުވެސް ޔާނިޝްގެ ވާހަކަތައް އަޑުއަހާނެ މީހެއް.. ކޮންމެ ވާހަކައެއް ދެއްކިއަސް ކަނުލާ އަޑުއަހާނަން.” ހިންދިރުވާލަމުން އަހަރެން ބުނެލީމެވެ.

“އަހަރެންނާވެސް އެކުއްޖާ ދިމާވީ ސުކޫލުގަ އުޅުނު އިރު. ފުރަތަމަ ނަޒަރުންވެސް ލޯބިވިން. ދެން ވަރަށް ހިތްވަރުކޮށްފަ ލޯބި ހުށައެޅީމަ އޭނާ ބުނީ ނޫނެކޭ. ފުރަތަމަ ހީކުރިން އަހަރުމެން އަދި މާކުޑައީ އޭ ރައްޓެހިވެގެން އުޅެން. އެކަމަކު ފަހުން މިވިސްނެނީ އަހަރުމެން އެކަކު އަނެކަކާ ނުގުޅޭކަން. އޭނާގެ އާއިލާއަކީ މާލޭގެ ތަނަވަސް އާއިލާއެއް. އަހަރެންނަކީ މެދު ފަންތީގެ އާއިލާއެއްގެ ކުއްޖެއް. އެހެންވެ ފަހުން އޭނާ ކައިރިއަށް ދާނެ ހިތްވަރެއް ނުލިބުން. އޭނާ ކަހަލަ އަހަރެންނަށް ކަމުދާ އަންހެން ކުއްޖެއް އަހަރެންނަކަށް ނުފެނުނޭ..”  އޭނާ ވާހަދައްކަން ފެށިއެވެ. އެއަޑުގައި ޝަކުވާވިއެވެ.

“މަންމަ އަބަދު ކިޔާނީ ދަރިއެއް ހޯދާނީ މަންމަ ދުނިޔެ ދޫކުރީމަހޭ. އެހެންވެ ވަރަށް ޓްރައި ކުރިން ލައިފްގައި ކުރިއަށް ދާން. ގިނަ އަންހެން ކުދިން އަހަރެން ސިފަކުރާނީ ޕްލޭބޯއީ އެއް ގޮތަށް. ކީއްވެ؟ އެއްކުއްޖަކާ ރައްޓެހިވެގެން އެއްދުވަހަށްވެސް ނޫޅެވޭތީ. އަހަރެން ކިހާ ޓްރައިއެއް ކުރިން ލައިފްއެއް ފެށޭތޯ. ފަހަރެއްގަ މިއީ ހަމަނުޖެހޭ ވާހަކައަކަށްވެސް ވެދާނެ. އެކަމަކު އެންމެ ގިނަ ދުވަސްވަންދެން ވެސް ކުއްޖަކާ ރައްޓެހިވެގެން އަހަރެންނަށް އުޅެވުނީ ތޭވީސް ދުވަސް ވަންދެން. ހެހެ. ގަބޫލެއްވެސް ނުކުރާނަން ދޯ.”

“އަހަރެން ގާތުގައި ނަން ބުނެބަލަ. ސްކޫލްގައި އުޅުން ކުއްޖެއް ވިއްޔާ ޔަގީން ހޯދައިދޭނަން. އޭނާ މެރީޑްތަ؟” އަހަރެން ބޭނުންވީ އެއީ ކޮން އަންހެން ކުއްޖެއްތޯ ބަލާށެވެ.

“އޭނާ މެރިޑްއެއް ނޫން..” އޭނާގެ އަޑު ކައިރިވެގެން އައިހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް ފަސްބަލައިލާކަށް އަހަރެންނަކަށް ނުކެރުނެވެ.

“ދެން ބުނެބަ، ކާކުތަ އެއީ؟” މަޑުމަޑުން އަހަރެން އަހާލީމެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެ އަހަރެން ފަހަތް ބަލައިލީމެވެ. އޭނާ ހުރީ އަހަރެންނާ ދެފިޔަވަޅު ދުރުގައެވެ. ހިތް ތެޅެން ފެށީ އެންމެ ބާރު މިނުގައެވެ. އެތެރެއަށް ދަމާލި ނޭވާވެސް ބޭރުކޮށްލާކަށް އަހަރެންނަކަށް ނުކެރުނެވެ. އަތްފައި ފިނިވެ ހަރަކާތް ހުއްޓިފައި ހުރެވުނީއެވެ.

އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަހަރެންނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލިއެވެ. ފަހަތަށް ޖެހެވޭކަށް އަހަރެންނަކަށް ނެތެވެ. އެހެނަސް އެވަރުންވެސް މޭޒު ކޮށްޕާލެވުން ވަރަކަށް ކޮށްޕާލާފައި ފަހަތަށް ޖެހިލީމެވެ. އޭނާ މަޑުމަޑުން އަހަރެންނާ ކައިރިވާން ފެށިއެވެ. އެހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅުނެވެ.

“ތިއީ އެމީހަކީ.. ކީއްވެތަ ނޭނގޭ ކަމަށް ތިހެދެނީ؟” ކަންފަތް ދޮށުގައި ވައި އަޑުން އޭނާ ބުނެލި ގޮތުން އަހަރެންގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އަހަރެންގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ހުރިކަމުގައި ވިއަސް މެއެވެ.

“އިނގޭ ދެންވެސް އިންކާރު ކުރާނެކަން މި ލޮތްބަށް.. އެކަމަކުވެސް.. ހިތަށް ލުޔެއް ލިބޭނެ ކަމުގެ އުންމީދުގައި ބުނާނަން..” ކަންފަތް ދޮށުން އޭނާގެ އަޑު އިވެއެވެ. އޭނާ ކައިރިވެގެން ހުރި ގޮތުން އަހަރެންނަށް އުނދަގޫވިއެވެ. އެހެނަސް ހަރަކާތެއް ކުރާކަށް ނުކެރުނެވެ. “އައި.. ލަވް.. ޔޫ..” ނިކަން ލަސްލަހުން ކޮންމެ ބަހެއް އޭނާ ކިޔާލިއެވެ. އަހަރެންނަށް ހިންދިރުވާލެވުނީއެވެ.

އޭނާ އަހަރެންނާ ދުރުވެލިއެވެ. މޫނަށްވެސް ބަލައިނުލާ ދިޔައީ ރޫމްއިން ނިކުންނާށެވެ. އަހަރެންގެ ސިކުނޑި މަސައްކަތްކުރަން ފެށީ އެވަގުތެވެ.

“ޔާނިޝް.. އައި. އައި ލަވް ޔޫ ޓޫ..” ނިކަން ހިތްވަރު ކޮށްފައި ބުނެލި އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ކުއްލިއަކަށް އޭނާ ފަސް އެނބުރި ބަލައިލިއެވެ. އެއައި ބާރު މިނުގައި އައިސް އަނެއްކާވެސް ހުއްޓުނީ އަހަރެންނާ ޖެހޭ ނުޖެހޭ ހިސާބުގައެވެ.

“އަހަރެން ކޮމްފޯޓް ކުރަން ބުނި ވާހަކައެއް ވިއްޔާ ބުނެލާނަން.. އަހަރެންނަށްވެސް އިހުސާސްތައް ކޮންޓްރޯލްކުރަން އެނގޭ..” ހަތަރު ކަޅި ހަމަކޮށްގެން ހުރެ އޭނާ ބުންޏެވެ.

“ނޫން.. ﷲއަށްޓަކައި ބުނަން. އަހަރެން ދޫކޮށްފައި ނުދޭ. އެކަލާނގެ ދެނެވޮޑިގެންވާނީ އަހަރެން ޔާނިދެކެވީ ލޯބި. ތި ލޮތްބަށް އެދި އެކަލާނގެ ހަޒްރަތަށް އެދި ދެންނެވިވަރު..” ދެލޮލުން އައި ކަރުނަތައް ފައިބައިގެން ދިޔައެވެ.

“އަހަރެންދެކެ ލޯބިވޭތަ؟” އޭނާ ސުވާލުކުރިއެވެ. އެކަން އޭނާއަށް ގަބޫލެއް ނުކުރެވުނެވެ.

“އާނ ލޯބިވޭ.. ވަރަށް ލޯބިވޭ. އަހަރެންގެ ހިތަށް އިތުރު އަނިޔާއެއް ނުދީ..” މަޑު ގިސްލުމެއް އަހަރެންގެ އަނގައިން ނިކުމެގެން އައެވެ. ހިތްވަރު ކޮށްފައި އެގިސްލުން ހިންދާލީމެވެ. އޭނާގެ އަތް ހަރަކާތް ކުރީ އަހަރެންގެ ލޮލުން އައި ކަރުނަތައް ފުހެދޭށެވެ. އެހެނަސް އެއަށްވުރެ ކުރިން އަހަރެން އެކަރުނަތައް ފުހެލީމެވެ.

“ހެހެ.. ބުނެވުންދޯ އިހުސާސްތައް ކޮންޓްރޯލް ކުރާނަމޭ..” ޒާތަކަށް ހިނިއައިސްފައި ހުރެ އޭނާ ދުރުބަލައިލިއެވެ.

“އީވާ..” ތަފާތު ގޮތެއް އެއަޑުގައި ވިއެވެ. އަހަރެންގެ މޫނާ އޭނާގެ މޫނާ ސީދާ ކޮށްލިއެވެ. ހަތަރުކަޅި ހަމަކޮށް އޭނާގެ ފުން ދެލޮލަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އޭނާ އަހަރެންގެ ދެފަރާތުން މޭޒުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ކައިރިވެލިއެވެ.

“އައިމް ސޮރީ.. ލޯބިވެވުނީ ފަހުން..” މަޑުމަޑުން އަހަރެން ބުނެލީމެވެ. އޭނާގެ ފަރާތުންޖަވާބެއް ނުލިބުނެވެ. މަޑުމަޑުން އޭނާ ކައިރިވެލިއެވެ. އަހަރެން ލޯ މެރެމުން ދިޔައެވެ.

ސިއްސައިގެން ގޮސް އަހަރެން އޭނާގެ އަތުގެ ތެރެއިން ދުރުވެލީ ދޮރު ހުޅުވާލި އަޑު އިވިފައެވެ. އޭނާވެސް ސިހިފައި ފަހަތް ބަލައިލި ގޮތަށް ބޮލުގައި އަތް އަޅައިލިއެވެ. ހަމަބިމަށް އާދެވުނު ފަދައިން އަހަރެންނަށް މާތްﷲއަށް ހަމްދު ކުރެވުނީ ކުރެވެން އުޅުނު ކަންތަކުން އެކަލާނގެ އަހަރެން ސަލާމަތް ކުރެއްވުމުންނެވެ. ކުރިމަތީގައި ތިބި އޭނާގެ މަންމައާ ބައްޕަ ހައިރާންވެފައި އަހަރުމެން ދެމީހުންނަށް ބަލަން ތިއްބެވެ. އަހަރުމެން ތިބި ގޮތް ފެނުނުކަން އެދެމީހުންގެ ނަޒަރުން އަހަރެންނަށް އެނގުނެވެ. ޝަފްޔާ އެމީހުންގެ ފަހަތުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ މަންމަގެ ނަޒަރު އަހަރެންނަށް ދަތުރުކޮށްލި ގޮތުން އަހަރެންގެ މޫނަށް ޖަންބު ކުލަ ވެރިވެގަތެވެ.

“ޑޮކްޓަރ. ސޮރީ..” ޝަފްޔާއަށްވުރެ ކުރިން އެމީހުން ވަނީތީ އެކަމަށް އޭނާ މާފަށް އެދުނީކަން އަހަރެންނަށް އެނގުނެވެ. އަހަރެން ބޯޖަހާލުމާއެކު އޭނާގާތުގައި ދިޔައަސް އެންމެ ރަނގަޅު ކަމުގައި ބުނީމެވެ.

ޝަފްޔާ ދޮރު ލައްޕާލުމަށްފަހު ދިއުމާއެކުވެސް އަހަރުމެން ހަތަރު މީހުންގެ މެދަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ޔާނިޝްގެ މަންމައާ ބައްޕަ އާގަމަވެފައިވާ ފަދައަކުން ބަލަން ތިބީއެވެ. ބުނަންވީ ކީކޭކަމެއް އަހަރެންނަކަށްވެސް ނޭނގުނެވެ.

“މަންމާ.. އަހަރެން މެރީ ކުރަން މިއުޅެނީ..” އޭނާ ބުނެލި ވާހަކައިން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަވެސް ބުމަ އަރުވާލަމުން ކައިރީ ހުރި ޔާނިޝްގެ ބައްޕައަށް ބަލައިލިއެވެ.

“މީޓް މައި ފިއުޗާ ވައިފް. އީވާ..” އަހަރެންނާ ދިމާއަށް އިޝާރާތްކޮށްލަމުން އޭނާ ބުނެލިއެވެ.

“ދަރިފުޅާ؟” ހައިރާންވެފައި ހުރެ އޭނާގެ މަންމަ ކިޔާލިއެވެ.

“މަންމާ. ސިީރިއަސްކޮށް މިބުނީ.. މަންމަ ބޭނުމެއްނޫންތަ އަހަރެން ދިރިއުޅުމެއް ފަށާތަން ބަލާކަށް؟” އޭނާ ބުންޏެވެ.

“އީވާ؟ ދަރިފުޅު. އެކަމަކު..” ވާހަކަދައްކަން ފަށާފައިވެސް އޭނާގެ މަންމަ ހުއްޓާލީ ޔާނިޝްގެ ބައްޕަ އަތުގައި ހިފާލުމުންނެވެ.

“ދަރިފުޅު ރަނގަޅުތަ؟” ޔާނިޝްގެ ބައްޕަ ކުރިއަށް ޖެހިލިއެވެ. “ކިހިނެއްވެގެން.. އެކަހަލަ ކަމެއް…؟”

“ސޮރީ.. ދެން އެކަހަލަ ކަމެއް ނުކުރާނަން.. ނުވިސްނުނީ.. އެތަނަށް އަރާފައި ފައިބަން އުޅެނިކޮށް އެބޭބެ އައިސް އަހަރެން އެތަނުން ބޭލުވީވެސް.” އަހަރެންނަށް ނުކިޔައިދޭ ވާހަކަތައް އޭނާ މައިންބަފައިންނަށް ކިޔައިދިނެވެ.

“އެއީ ތެދެއްތަ އީވާ؟ އަހަރުމެންގެ ދަރިފުޅު ރަނގަޅުތަ؟” ކަންބޮޑުވެފައި ހުރެ އޭނާގެ މަންމަ ސުވާލުކުރީ އަހަރެންނާއެވެ.

“އެއީ ތެދެއް ޔާނި މަންމާ.. މާބޮޑަށް ސްޓްރެސްވީމަ ވީގޮތެއް ކަމަށް ބެލެވެނީ..” އަހަރެން ހިނިތުންވީމެވެ.

“މާޝާ ﷲ.. އީވާވެސް ތިހުރީ ބޮޑުވެފަ ދޯ؟ އަހަރެން އުޅުނީމޭ އީވާގެ ނަންބަރު ހޯދަންވެސް މިކޮޅަށް އާދެވުނީމަ..” މާނޭވާއެއް ދޫކޮށްލަމުން ޔާނިޝްގެ މަންމަ އަހަރެންގެ ގައިގައި ބައްދާލިއެވެ. “ކިހިނެއް ދަރިފުޅު؟ ރަނގަޅުތަ؟ މިހާރު ޔާނި މަންމައަށްވުރެވެސް ބޮޑޭ ދޯ އެކޮއެ..”

“ރަނގަޅު އަލްހަމްދުﷲ.. ޔާނި މަންމަމެން ކިހިނެއް؟ ލަތީފުބެވެސް ރަނގަޅުދޯ؟” ދުރުގައި ހުރި ޔާނިޝްގެ ބައްޕައަށް އަަހަރެން ބުނެލީމެވެ.

“މަންމާ. އަހަރެން މިއުޅެނީ މެރީ ކުރަން..” އަހަރުމެން ދެމީހުންގެ ވާހަކަތައް މެދުކަނޑާލަމުން އޭނާ ވާހަކަދެއްކިއެވެ.

“ޔާނިޝް އެކިޔަނީ ތެދެއްތަ؟ ތިއީތަ ޔާނިޝް އެންމެ ލޯބިވާ ކުއްޖަކީ؟ ސްކޫލު ދުވަސްވަރުވެސް ނިކަން ދެރަވެގެން އުޅުނޭ އޭނާ ލޮތްބެއް ނުވެއޭ ކިޔައިގެން.. ހެހެ..” ޒުލްފާ ދައްތަ ބޭނުންވީ އަހަރެންގެ ބަހެކެވެ. އެހެނަސް ބުނަންވީ ކީކޭ ކަމެއް އަހަރެންނަކަށް ނޭނގުނެވެ. ލަދުގަނެފައި ހުރެ ބަލައިލެވުނީ ޔާނިޝްއަށެވެ.

“އާނއެކޭ މަންމާ. އެކުއްޖާއަކީ އީވާއޭ. މަންމަ ކީމެއްނު ފަހުން އީވާ ދުރުވި ވާހަކަ. އެއީ އެހެންވެއޭ. އެކަމަކު މިހާރު އަހަރެން ބޭނުމެއް ނޫން އެންމެ ދުވަހަކުވެސް މަޑުކުރާކަށް. މިހާރުވެސް ރަށަށް ގޮސް މެރީކުރަން ބޭނުންވަނީ.” ސުކޫލު ދުވަސްވަރުގެ ވާހަކަ އޭނާ އޮޅުންފިލުވައިދިނެވެ.

“ދެކުދިން ބޭނުންވިއްޔާ ކައިވެނި ކުރަންވީ. އެކަމަކު އެހާއަވަސް އަރުވާލައިގެން ނޫޅެއްޗޭ..” ލަތީފުބެ އަހަރުމެންނަށް ދިނީ ހެޔޮ ނަސޭހަތެކެވެ. ހިނިތުންވަމުން އަހަރެން ބޯ ޖަހާލީމެވެ.

“ދައްތަމެން މިރޭ ކާން އޮންނަން ވީނުން އަޅުގަނޑުމެންގެ ގެއަށް؟..” ދުވަސްތަކަކަށްފަހު ފެނިދެނިވެ އުޅޭ ބަޔަކު ފެނުމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ.

“ކިހާ ހިސާބެއްގައި އުޅެނީ.؟” ޒުލްފާ ދައްތަ ބުންޏެވެ. އަހަރެން ދިރިއުޅޭ ހިސާބު ބުނެދިނީމެވެ. ނަސީބަކުން އެމީހުން އުޅޭ ގެސްޓްހައުސްވެސް ހުރީ އަހަރެން އުޅޭ ގެއާ ވަރަށް ކައިރީގައެވެ. ވަދާޢުގެ ސަލާން ކުރުމަށްފަހު އެމީހުން ރޫމްއިން ނިކުންނަން ދިޔައީ ރޭގަނޑު އެމީހުން ދާނެކަމަށް ބުނަމުންނެވެ.

ރޫމްއިން ނިކުމެ ދޮރު ލައްޕާލަމުން އޭނާ ފަހަތް ބަލައިލިއެވެ. ރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަހަރެން “އަބަދުވެސް ލޯބިވޭ”އޭ ބުނެ އަނގައިން އިޝާރާތް ކޮށްލީމެވެ. އޭނާވެސް ނިކަން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެއްލޯ މަރާލީމެވެ. ދޮރު ލައްޕާލުމަށްފަހު އޭނާ ދިއުމުން އަހަރެން ހިނިތުންވެލީމެވެ. ފުރަތަމަ ލޯބި ލިބުން މީހުންގެ ތެރެއިން އަހަރުމެން ދެމީހުންގެ ނަންވެސް ހިމެނުނީތީ އުފާކުރާ ހާލުއެވެ. އެހުރިހާ ދުވަހަކު ކުރެވުނު އިންތިޒާރު ބޭކަރުވެ ނުދިޔައީތީއެވެ. ތަކުރާރުކޮށް އަހަރެންގެ ހިތް ކިޔަމުން ދިޔައީ އަބަދުވެސް ލޯބިވީމެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އިންތިޒާރު 2

Next

ފުރަތަމަ ލޯބި (ހަތަރުވަނަ ބައި)

Next
February 23, 2023

ފުރަތަމަ ލޯބި (ހަތަރުވަނަ ބައި)

Previews
February 22, 2023

އިންތިޒާރު 2

8 Comments!

  1. Someone says:
    February 27, 2023 at 3:38 pm

    Masha Allah. This story is amazing. Love it ❤️

    1. Aayaa Aayaa says:
      March 3, 2023 at 6:59 pm

      Thank you someone! ☺️

  2. @raavi says:
    February 28, 2023 at 9:55 pm

    Nice story
    I hope your life be like it
    Love you

    1. Aayaa Aayaa says:
      March 3, 2023 at 7:13 pm

      LOL..🤣 I don’t know what to say about that.. Just My imaginary world.. haadha inthizaareh kuran jeheyney 30yrs vandhen..😂😂 anyways Thank you for the lovely comment nd Love you too.😘❤️

  3. Alson says:
    March 3, 2023 at 7:30 pm

    I’m am also a teen. And I love this story

    1. Aayaa Aayaa says:
      March 6, 2023 at 1:17 pm

      Thank you for the lovely comment Alson.🤍☺️

  4. Happy :) says:
    March 5, 2023 at 9:21 pm

    Love the idea of the story..😍 Waiting for another..❤️💖

    1. Aayaa Aayaa says:
      March 6, 2023 at 1:18 pm

      Thank you Happy..☺️🥰

Comments are closed.



All Right Reserved!