Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދަރިފުޅު

Aayaa
Aayaa Level 410 Stories100 Login100 Comments
February 16, 2023 7 Mins Read
8 Comments

މިއަދު އެންމެން އަހަރެން ބާކީ ކޮށްލީ އަހަރެންގެ އަތުގައި ބަލިކުއްޖެއް އޮތީމައެވެ. އެދަރިފުޅަސް ހުރިހާ ހިއްސެއް ހަމައަށް ނުލިބުނީމައެވެ. އުފަންވީއިރުވެސް ލޯފަން، ނުކުޅެދޭ ކުއްޖަކަށް ވީމައެވެ. ކައިރީގައި ނިދާފައި އޮތް ތުއްތު ސާރާގެ ފަން އިސްތަށިކޮޅުގައި ފިރުމާލަ ފިރުމާލަ އަހަރެން އޮތީމެވެ. އަހަރެންގެ ހަޔާތުގެ ބަނަ މާޒީގެ ސޮފުހާތައް އުކާށެވެ. އެއީ އަހަރެންގެ އަބަދުގެވެސް އާދައެވެ. ދަރިފުޅު ނިންދެވުމަށްފަހު އަހަރެން އެތައް އިރެއް ވަންދެން މާޒީ ހަނދާންކޮށް ރޯން އޮންނަމެވެ. އެހެނަސް އެދުވަސްތަކުގައި އަހަރެންގެ ލޮލުން ފޭބީ ހިތާމައިގެ ކަރުނައެވެ. މިރޭ އަހަރެންގެ ލޮލުން މިފައިބަނީ އުފާވެރިކަމުގެ ފޮނި ކަރުނައެވެ.

އަހަރެންނާއި ސާރާގެ ބައްޕަ ދިމާވީ މީގެ ހަތް އަހަރު ކުރިންނެވެ. އޭރު އަހަރެންގެ އުމުރުން ކިރިޔާ ވިހި އަހަރު ފުރުނީއެވެ. އޭނާއަށް އޭރު ސައްބީސް އަހަރު ވެއްޖެއެވެ. އޭނާއާ އަހަރެން ކައިވެނި ކުރީ ލޮތްބަކުންނެއް ނޫނެވެ. އާއިލާގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ. އެހެނަސް އެއީ ގަދަބާރުން ކުރެވުނު ކައިވެންޏެއް ނޫނެވެ. އަހަރެންނާ އޭނާގެ ރުހުމާއެކު ކުރެވުނު ކައިވެންޏެކެވެ. ކައިވެނި ކޮށްގެން ފުރަތަމަ ދުވަސްކޮޅު ދުރުދުރުން އުޅުނަސް ފަހުން އަހަރުމެން އެކުގައި އުޅެން ދަސްކުރީމެވެ. ދިރިއުޅުމާމެދު މަޝްވަރާކޮށް ގޮތްނިންމީމެވެ. އެތައް އަހުދަކާ ވައުދެއް ވީމެވެ. އެކަކުވެސް އަނެކަކު ދޫނުކުރުމަށް ހުވާކުރީމެވެ.

އަހަރުމެން އަލަތު ދަރިފުޅަށް މަރުހަބާ ކިއީ ކައިވެންޏަށް ދެއަހަރު ވާން ކައިރިވެފައި ވަނިކޮށެވެ. އެދުވަހަކީ އަހަރުމެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. އެހެނަސް އެއުފާވެރިކަން ދެމިގެން ދިޔައީ އެންމެ ތިންމަސްދުވަހަށެވެ. ދަރިފުޅުގެ ފުށުން ތަފާތެއް ފުރަތަމަ ފާހަގަވީ އަހަރެންނަށެވެ. އެހެންމީހުންގެ މޫނަށް ބަލާފައި ސާރާ ހީނުހަދައެވެ. އެއްޗެއް ދެއްކިއަސް ދެފައި ތަޅުވައެއް ނަހަދައެވެ. ސާރާއަށް އަޑުއިވޭކަން އަހަރެންނަށް އިނގެއެވެ. އަޑެއް ލައްވާލީމައި އެދިމާއަކަށް ބޯއަރިކުރާނެއެވެ.

އަހަރުމެން ދެމަފިރިން އަވަސްވެގަތީ ސާރާ ޑޮކްޓަރަށް ދައްކާށެވެ. މައްސަލައެއް އުޅޭނަމަ އަވަހަށް ބޭސްކުރާށެވެ. އެތައް ޓެސްޓުތަކެއް ހެދުމަށްފަހު ލިބުނު ނަތީޖާ ހިއްޗެވެ. އެހިސާބުން ފިރިމީހާ އުންމީދު ކަނޑައެއް ނުލައެވެ. ރާއްޖޭން ދެއްކި ޑޮކްޓަރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއްވެސް ނުކުރިއެވެ. ރާއްޖެއިން ބޭރަށް ގޮސްވެސް އަހަރުމެން ބައިވަރު ޓެސްޓުތަކެއް ހެދީމެވެ. ދަރިފުޅަށް ނުފެންނަކަން އޭނާ އެންމެފަހުން ގަބޫލު ކުރިއެވެ. އެހެންނަމަވެސް އިތުރު ފަރުވާއެއް ނުދެވޭނެ ކަމަށް ޑޮކްޓަރުން ބުނި ވާހަކަތަކާ އޭނާ އެއްގޮތަކަށްވެސް އެއްބަހެއް ނުވެއެވެ. ޓެސްޓަކަށް ފަހު ޓެސްޓެއް ހަދަމުން ޑޮކްޓަރަކަށް ފަހު ޑޮކްޓަރަކަށް ދެއްކުމުގައި އޭނާ ވަގުތުތައް ހޭދަކުރިއެވެ. ދަރިފުޅަށް އަވަސް ޝިފާއެއް ލިބޭނެކަމުގެ އުންމީދުގައެވެ. އެހެނަސް އެންމެންގެ ފަރާތުން ލިބެނީ އެއްޖަވާބެކެވެ.

އެހިސާބުން އަހަރުމެންގެ ހަޔާތުގައި ސިއްކަ ޖެހުނީ ދަރިފުޅަށް އަހަރެއްވީތަނާއެވެ. ފިރިމީހާއަކީ ރާއްޖޭގެ އެންމެންވެސް ދަންނަ މީހަކަށް ވީތީ ނުކުޅެދޭ ކުއްޖެއް އޭނާގެ ހުރުމުން މީހުން ކިޔާނެ އެއްޗަކަށް އޭނާ ބިރުގަތީއެވެ. ފިރިމީހާގެ ގެއާއި ޢާއިލާ ދޫކޮށް އަހަރެން އަމިއްލަ ޢާއިލާ ގާތަށް އައީ އެމީހުންގެ ފަރާތުން ލޮތްބާ އޯގާތެރިކަން އެދިގެންނެވެ. އެހެނަސް މަންމައަކަށް ވެހުރެ އެމަންމަ އަހަރެންނަށް ދިން މޮޅު ހިޔާލަކީ ދަރިފުޅު ކުޑަކުދިންގެ ހިޔާއަށް ދޫކޮށްލުމެވެ. އެއްބަނޑު އެއްބަފާ ދައްތަވެސް ތަކުރާރުކޮށް އެދެމުން ދިޔައީ ސާރާ ‘އެޑޮޕްޓު’ ކުރާށެވެ. މަޔަކަށްވެ ހުރެ އެފަދަ ކަމެއް އަހަރެން ކުރާނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހިތުގައި އިނސާނިއްޔަތުކަން އެބަހުއްޓެވެ. މިދަރިފުޅާ ދޭތެރޭ ކުލުނާއި ލޯބި އެބަ އޮތެވެ. އެމީހުންގެ ގާތުގައި ނޫޅެވިގެން އަހަރެން އެގެއިން ނިކުމެގެން އައީ އިއްދަ ހަމަވި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.

ސަރުކާރު އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެމުން ލިބޭ ކުޑަ އާމްދަނީ އަހަރެން ދިރިއުޅުމުގެ ކަންކަމަށް ހަރަދު ކުރަމެވެ. ދަރިފުޅަށް ކަމުދާނެ އެއްޗެހި ގަނެދެމެވެ. ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަސައްކަތް އަހަރެން ފެށީމެވެ. އެދަރިފުޅު ބާކީކޮށްލި މީހުންނަށް، ދަރިފުޅަކީ ކުޅެދޭ ކުއްޖެއްކަން އަންގައިދޭން އަހަރެން ބޭނުންވާތީއެވެ. ނަތީޖާ ވަރަށްވެސް ފޮންޏެވެ. އުމުރުން ހައަހަރުގައި ސާރާ ޤުރުއާން ހިތުދަސްކޮށް ނިންމާލީ ހާފިޒުކަމުގެ އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

މިރެއަކީ ސާރާއަށް ރަސްމިއްޔާތުގައި މެޑަލް ހަވާލުކުރެވުނު ރެއެވެ. އަހަރެން އޭނާ ގޮވައިގެން ޖަލްސާ އޮތް މާލަމަށް ގޮސް ހުރީ އެއްގޮތަކަށްވެސް ވާންއޮތް ގޮތް އެނގޭތީއެއް ނޫނެވެ. ވަނަވަނައަށް ދިޔަ މީހުންނަށް އިނާމު ހަވާލުކުރުމަށްފަހު ހާފިޒުންގެ ބައިން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް މެޑަލް ހަވާލުކޮށްދިނުމަށް ޝަރަފުވެރިޔާއަށް ގޮވައިފިއެވެ. އަހަރެންގެ މެއަށްހީވީ ހޫނުފެން އެއްޗެއް އެޅުނު ހެންނެވެ. އަތްފައި ފިނިވެ ހަރަކާތް ހުއްޓުނެވެ. ހަމަގައިމުވެސް ސްޓޭޖްއަށް އަރާ އެހުއްޓިލީ ސާރާގެ ބައްޕައެވެ. އެތައް އަހަރަކަށް ފަހު އޭނާ ފެނުމުން އަހަރެން ހާސްވާ ގޮތްވިއެވެ. އެންމެފަހުން ސާރާގެ ނަން ގޮވައިފިއެވެ. އަބަދުވެސް ސާރާއަކީ މަޑުން ހުންނަ ކުއްޖަކަށް ވީތީ ނުދަންނަ ބަޔަކާއެކު ސްޓޭޖަށް އަރަން ސާރާ އެއްބަހެއް ނުވިއެވެ. އެހެންވެ އޭނާ ގޮވައިގެން ސްޓޭޖަށް އަރަން ހަމަޖެހުނީ އަހަރެންނަށެވެ.

ހަރަކާތެއް ކޮށްލަން ނޭނގިފައި އަހަރެން އިނީމެވެ. ސިއްސައިގެން ދިޔައީ ސާރާ އަހަރެންގެ އަތަށް ދަމާލަމުން ސާރާގެ ނަން ގޮވައިފިއޭ ބުނެލުމުންނެވެ. ނުތަނަވަސްކަމާއެކު ހީލަމުން އަހަރެން ސާރާގެ އަތުގައި ހިފައިގެން ސްޓޭޖާ ދިމާއަށް ހިނގައިގަތީމެވެ. ސާރާ ބައްޕަގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ އަހަރުމެން ދެމައިންނަށްކަން އިނގުނު ހިނދު އަހަރެން ދެފައި އޮޅޭ ގޮތްވިއެވެ. ދެވަނަ ސިކުންތު އެއީ ސާރާ ދޫކޮށްލާފައި އައި ބައްޕައޭ ހަނދާންވުމާއެކު އެތާ ހުރެފައިވެސް އަޑުގެ ކޮޅަށް އޭނާއާ ދިމާއަށް ހަޅޭއް ލަވައިގަންނަން ބޭނުންވިއެވެ.

އޭނާއާ މެދު ދެކެންވީ ގޮތެއް ނޭނގި ހުރެ އަހަރެން ސްޓޭޖްގައި ހުއްޓިލީމެވެ. ދަރިފުޅު ޝަރަފުވެރިޔާއަށް ކުރިމަތި ކުރުވުމާއެކު އިސްވެ ސަލާމަށް އަތް ދިއްކޮށްލީ ސާރާއެވެ. އެއަތުގައި އޭނާ ނުހިފާކަން އިސްޖަހާލައިގެން ހުއްޓަސް އަހަރެންނަށް އިނގެއެވެ. ސާރާގެ ގާތުގައި ބުނަން ހިތަށް އެރިއެވެ.

“ދަރިފުޅާ.. ތިއީ ދަރިފުޅުގެ ބައްޕައެވެ. ދަރިފުޅާ މަންމަ އެންމެ ބޭނުންވި ދުވަހު އަހަރުމެން ދެމީހުން ދޫކޮށްލާފައި ދިޔަ މީހާއެވެ.”

އެހެނަސް އަނގައިން އަޑެއް ނުނިކުތެވެ. މިއީ އެފަދަ ކަމަކަށް އެންމެ މުނާސަބު ވަގުތެއް ނޫންކަން އަހަރެންނަށް އިނގެއެވެ. އެހެންނޫނަސް އޭނާގެ ދަރިއެއް ނުހުންނާނޭ ބުނީވެސް ހުދު އޭނާއެވެ. ވީއިރު މިއަދު އޭނާގެ ދަރިފުޅު އަނބުރައެއް ނާންނާނެއެވެ.

ދެން ކަންތައްވީ އަހަރެން ހީވެސް ނުކުރާ ފަދައަކުންނެވެ. ދަރިފުޅުގެ ގާތަށް އޭނާ ދެކަކޫ މައްޗަށް ތިރިވެ ބާރަށް ދަރިފުޅުގެ ގައިގައި ބާރަށް ބައްދައިގަތެވެ. ލޮލުން އައި ކަރުނަތައް ނުހިފެހެއްޓި ރޯންފެށި އަޑުން މުޅި އެމާހައުލު ގުގުމައިގެން ދިޔައެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ކުޑަކޮށް ބިރުގަނެފައި ހުރެ ސާރާ މަންމާއޭ ކިޔާ އަހަރެންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ލޮލުން އައި ކަރުނަ ފުހެމުން އަހަރެން ސާރަގެ އަތުގައި ހިފާލީމެވެ. ޖަލްސާގެ މާލަމުގައި ތިބި މީހުން ދެލޯ ފުހެލާތަން އަހަރެންނަށް ފެނެއެވެ.

“ސާ..ރާ.. ދަރި..ފުޅު..” ދެއަތުން ސާރާގެ މޫނުގައި ހިފަހައްޓާލަމުން ކެނޑިކެނޑިގެން ދިޔަ އަޑަކުން އޭނާ ބުނެލިއެވެ.

“ބައްޕަގެ.. ދަރިފުޅު..” އަނެއްކާވެސް އޭނާ ބާރަށް ރޯންފެށިއެވެ. އަހަރެންނަކަށްވެސް މިފަހަރު ކަރުނައެއް ނުހިފެހެއްޓުނެވެ. އެހެނަސް ނުހަނު ހިތްވަރު ކުރަމުން ގިސްލުން ހިންދާލީމެވެ. އެތަށް އިރެއް ވަންދެން އޭނާ ސާރާގެ ގައިގައި ބައްދާލައިގެން އިނެވެ. މަޑުމަޑުން އޭނާ ގިސްލުން މަޑުކޮށްލިއެވެ. ދެލޯ ފުހެލަމުން ކޮޅަށް ތެދުވިއެވެ. އަހަރެން ހީކުރީ ދެން ސާރާ އުރާލުމަށްފަހު އެންމެން ގާތު މިއީ އޭނާގެ ދަރިފުޅޭ ބުނާނީ ކަމުގައެވެ. އެފަދައިން އޭނާ ކަންތައް ކޮށްފިއްޔާ އަހަރެން ވަރަށް ރުޅި އަންނާނެއެވެ. މިހުރިހާ ދުވަހު އަހަރެން އެހާ ހާލުން އެދަރިފުޅު ބަލާ ބޮޑުކުރީމައި އޭނާ ހުރިހާ ‘ކްރެޑިޓް’ އެއް ނަގާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

އެހެންނަމަވެސް ކަންތައް ވީ އެފަދައަކުން ނޫނެވެ. އެހެންކުދިންނޭ އެއްފަދައިން މެޑަލް ހަވާލުކުރުމުން އަހަރުމެން ދެމައިން ސްޓޭޖުން ފައިބައިގެން އައީއެވެ. ޖަލްސާ ނިމުމާއެކު ވަރަށް ގިނަ މީހުން ސާރާއާ ބައްދަލު ކުރިއެވެ. މީހުން ގިނަވުމުގެ ސަބަބުން އޭނާ ހުރީ ހާސްވެ ބިރުގަންނަ ގޮތްވެފައެވެ. އެންމެންނާ ސަލާންކޮށް އިސްވެރިންނާ ވާހަކަދައްކާލުމަށްފަހު ގެއަށް ދާން ނިކުތް ވަގުތު ނުދަންނަ މީހަކު އަހަރުމެންގެ ގާތަށް އައެވެ. ކަޅު ކުލައިގެ ސޫޓެއްގައި ހުރިއިރު އޭނާގެ ޝަހުސިއްޔަތު ދައްކައިދެއެވެ. އޭނާ އަހަރެން ގާތުން އެދުނީ އޭނާއާއެކު އައުމަށެވެ. އެހެނަސް އެކަމަށް އަހަރެން ދެކޮޅު ހެދީމެވެ. އެންމެފަހުން އޭނާ އަހަރެންނަށް ބިރުދައްކަން ފެށިއެވެ. އޭނާއާއެކު ކާރަށް ނާރައިފިއްޔާ ގެއަށް ދާނެ ވާހަކައެވެ. އަހަރެން ކަހަލަ ނިކަމެއްޗަކު އުޅޭ ގެއަށް ދާކަށް އޭނާއަށް އުނދަގުލެއް ނުވާނެކަން އޭނާއަށް ބަލާފައި އަހަރެންނަށް ޔަގީންވެއެވެ. ބަލިގަބޫލުކޮށް އޭނާއާއެކު ދާން ޖެހުނީ އަހަރެންނަށެވެ.

ކާރުގެ ފަހަތު ދޮރު ހުޅުވާލައިގެން އޭނާ ހުއްޓެވެ. އަހަރެން ފަރުވާތެރިކަމާއެކު ކާރު ތެރެއަށް ނަޒަރު ހިންގާލީމެވެ. އެއްވެސް މީހަކު ނެތެވެ. އޭނާއަށް ނަޒަރެއް ދެމުން އަހަރެން ދަރިފުޅާއެކު ކާރަށް އަރާ ހަމަޖެހިލީމެވެ.

“މަންމީ.. ކީއްކުރަނީ ބޭބެ؟” އަހަރެންގެ ގައިގައި ބައްދާލައިގެން އިނދެ ސާރާ އަހާލިއެވެ.

“ދަރިފުޅު ހާސްވާ ކަމެއްނޫން. އެބޭބެ އެއުޅެނީ މަންމިމެން ގެއަށް ލައިދޭން..” ސާރާ ހާސްކުރުވަން ބޭނުންނުވާތީ އަހަރެން ބުނެލީމެވެ. އެއުމުރުގެ ކުދިންނާ އަޅާ ބަލާއިރު ސާރާ ވަރަށް ތަފާތެވެ. ކަންކަން ނަގައިގަންނަލެއް އޭނާ އަވަހެވެ. ކިރިޔާވެސް އަހަރެންނަށް ދެރައެއް ލިބިދާނެތީ އޭނާ ކަންބޮޑުވާނެއެވެ. މަންމައަށް އަޅާލަން ހުރި ހަމައެކަނި ކުއްޖަކީ އޭނާކަން އެޅަސިކުނޑިއަށްވެސް ވިސްނޭތާއެވެ. އިރުކޮޅެއްވީތަނާ ކާރުގެ ފަހަތު ދޮރު ހުޅުވާލަމުން މީހަކު އަރާ ސާރާގެ ކައިރީގައި އިށީނެވެ. އޭނާގެ ހަރަކާތްތައް އަވަސް ކަމުން އަހަރެންނަށް އޭނާ ފާހަގަކުރަން އިނގުނީ ކާރުގައި އިށީނދެ ހަމަޖެހިލުމުންނެވެ. އައި ސިނގުރުޅިން ސާރާގެ އަތުގައި ބާރަށް ހިފާލަމުން ދޮރުގައި ހިފާ ހުޅުވަން އުޅެގަތީމެވެ. އެހެނަސް އެދޮރު ހުރީ ތަޅުލާފައެވެ.

“މިހެންވެތަ ބިރު ދައްކައިގެން މިތަނަށް ގެނައީ؟” އޭނާއާ ކުރިމަތިލާ އަހަރެން ބާރަށް ވާހަކަދެއްކީމެވެ. “މިހުރިހާ ދުވަހަކު ތީނަ ކޮބާ؟ އަހަރެން ދޫނުކޮށްލާށޭ ކިޔާ ރޮއެ އާދޭސްކުރި ދުވަހު އަހަރެންނަށް ކިހިނެއްހެދީ؟ ދަރިއެއް ހުރިކަންވެސް ހަނދާންވެއްޖެ ދޯ..”

“ސާރާ ކުރިމަތީގައި އަޑުގަދަކޮށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން..” މަޑުމަޑުން އޭނާ ބުނެލިއެވެ. ސާރާއާ ދިމަ ބަލައިލެވުނީ އެހިނދުއެވެ. ބިރުން ހުރިވަރުން އޭނާ އިނީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެއަތުގެ އިހުސާސްވެސްވީ އެވަގުތެވެ.

“ކީއްވެ މިއަދު ތިއައީ؟ ކީއްވެ މީގެ ކުރިންނައީ؟ އެހުރިހާ ދުވަހަކު ސާރާގެ ބައްޕަ ކޮބާ؟ އިނގޭތަ ކިތައް ފަހަރުކަން ސާރާ އަހަރެން ގާތުގައި ބައްޕަ ކޮބައިތޯ އެހީ؟ އަހަރެން ދޭން ޖެހުނީ ކޮން ޖަވާބެއް؟” މިފަހަރު ތަންކޮޅެއް މަޑުން ވާހަކަދެއްކީމެވެ. އެއްވެސް އެއްޗެއް ނުބުނެ ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އޭނާ އިނީއެވެ.

“ސާރާގެ ބައްޕަ ބޮޑު ގަނޑުވަރެއްގަ އުޅޭއިރު ސާރާ އުޅުނީ ކޮން ހާލެއްގައިތޯ އެއްފަހަރުވެސް ތިނަފްސާ ސުވާލުކުރިންތަ؟ އަހަރެން.. އަހަރެން މަތިން އެއްފަހަރުވެސް ހަނދާންކުރިންތަ؟” ކެތްނުވެގެން އަހަރެންނަށް ރޮވެން ފެށުނެވެ. ކަންބޮޑުވެފައި އިން ސާރާގެ ކުޑަކުޑަ ދެ އަތުން އަހަރެންގެ މޫނުމަތީގައި ހިފަހައްޓާލިއެވެ.

“މަންމި ބުނީމެއްނު އެކަމަކު ޑެޑީ އަންނާނޭ، ކޮއްކޮ ބަސްއަހައިގެން ޤުރުއާން ކިޔެވީމަ. ޑެޑީއަކީ ވަރަށް ބެސްޓު ކުއްޖެކޭ މަންމި ބުނީމެއްނު..” ސާރާ ވާހަކަދެއްކިއެވެ. އެއީ އަހަރެން އޭނާ ގާތު އަބަދުވެސް ބުނާ ވާހަކައެވެ. ކުއްލިއަކަށް އޭނާ އަހަރުމެން ދެމައިންނަށް ބަލައިލިއެވެ.

“ސާރާގެ މަންމި ކީކޭ ބުނީ؟” ސާރާގެ އަތުގައި ހިފާ އޭނާއާ ދިމާއަށް ކުރިމަތިކޮށްލަމުން ނިކަން އަވަސްއަވަހަށް އޭނާ ސުވާލުކުރިއެވެ.

“މަންމި ބުނީ ޑެޑީ ދެރަވެފަ ހުރީމައޯ ސާރާ ކައިރިއަށް ނާންނަނީ. ސާރާ ކިޔެވީމަ ޑެޑީ ހެޕީވާނޭ.. އޭރަށް ޑެޑީއާ މަންމިއާ ސާރާ ވަރަށް ހެޕީކޮށޭ އުޅޭނީ.. ޑެޑީ ސާރާމެންދެކެ ވަރަށް ލޯބިވާނޭ މަންމި ބުނީ..” އަހަރެން އެކިދުވަސްމަތިން ސާރާއަށް ކިޔައިދިން ވާހަކަތައް ހަނދާންކުރަމުން އޭނާ ވާހަކަދެއްކިއެވެ. “ސާރާ ބޭނުން ޑެޑީއާ މީޓް ކުރަން..”

“މިއީ ސާރާގެ ޑޭޑް.. މިއީ ސާރާގެ ޑޭޑް..” އޭނާ އެޖުމްލަ ތަކުރާރުކޮށް ކިޔެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އެއަށްފަހު ދެން އެނބުރިލީ އަހަރެންނާވީ ފަރާތަށެވެ.

“އެކަމަކު ސާރާގެ ޑެޑީ ވަރަށް ބަސްނާހާ.. މަންމި ސޭޑްކޮށްލީވެސް ސާރާގެ ޑެޑީ.. ސާރާ ދޫކޮށްލީވެސް ޑެޑީ..” އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން އޭނާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަދެއްކުމުގެ އަސަރުން ކުރެވުނު ކަންތަކާމެދު އޭނާ ދެރަވާކަން އަހަރެންނަށް އެނގެއެވެ.

“އެއީ ތެދެއްތަ މަންމީ؟” ސުވާލުގެ ނަޒަރަކުން ސާރާ ސުވާލުކުރިއެވެ. ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ.

“ސާރާގެ ކައިރިންނާ ސާރާގެ މަންމަގެ ކިބައިން މަޢާފަށް އެދެން.” މަޑުމަޑުން އޭނާ ބުނެލިއެވެ. ހިމޭންކަމުގެ ސުކޫތަކަށްފަހު ދެންވެސް ވާހަކަދެއްކީ އޭނާއެވެ. “ސާރާގެ މަންމަ ބޭނުން ނުވިއަސް މީގެފަހުން ސާރާއަށް އަހަރެން ހަރަދުކުރާނަން.. އަހަރެންނަށް ހެޔޮ ވިސްނުނީ މާ ލަސްވި ފަހުން ކަމަށް ވެދާނެ.. އެކަމަކުވެސް މި ސުވާލު ކުރަން ބޭނުން.. ސާރާއަށްޓަކައި ނަމަވެސް ތިހަޔާތުން އަހަރެންނަށް ޖާގައެއް ލިބިދާނެތަ؟”

އަހަރެންގެ ހިތް ހުއްޓުނުހެންވެސް ހީވިއެވެ. ހިނދުކޮޅަކަށް އެވާހަކަތައް ގަބޫލުނުކުރެވިފައި އިނީމެވެ.

“ތިވާހަކަ ބުނަން ކެރުނު ކަމަށްޓަކައިވެސް ލަދުގަންނަން ޖެހޭނެ. ސާރާއަށް ދެން އެއްވެސް ހަރަދެއްވެސް ކުރާނެ ކަމެއްނެތް. ދެންވެސް އަހަރެން އަމިއްލައަށް ސާރާ ބަލަހައްޓާނަން..” އަހަރެން ރުންކުރުކަމާއެކު ބުނީމެވެ.

“ބައްޕައެއްގެ ހިތުގެ ރާނީއަކީ އަންހެން ދަރިފުޅޭ ބުނާ އަޑެއް ނާހަމުތަ؟ އަހަރެންވެސް އަހަރެންގެ ދަރިފުޅުދެކެ ލޯބިވޭ.. އެކަމަކު އެނބުރި ސާރާ ކައިރިއަށް ދާނެ ހިތްވަރެއް އަހަރެންނަށް ނުލިބުނީ.. އެތައް ރެއަކު ނުނިދިފާ އޮންނަން ތިދެމީހުން މަތިން ހަނދާންވާތީ.. ސާރާއަކީ އަހަރެންގެ ހިތުގެ ދިރުން. ކައިރިއަށް ގޮސް ހާލު  ނުބެލިއަސް އަބަދުވެސް އަހަރެން ސާރާ ހޯދަން. ބަލާ އަހަރެންގެ ފޯނު. ވޯލްޕޭޕަރގަ އިންނާނީ އަހަރުމެން ދެމީހުންގެ ކައިވެނީގެ ފޮޓޯ. ސާރާގެ ފޮޓޯ އަޅަން ވަކިން ހަދާފައި އިން ފޯލްޑްރ އެއް ގެލެރީގައި އިންނާނެ..” އޭނާގެ ދެލޯ ފެންކަޅިވިއެވެ. ކަރުނައަކަށް ފަހު ކަރުނައެއް އޭނާގެ ކޯތާފަތްމަތިން ފުންމާލައިގެން އައިސް އަތުގައި ޖެހެއެވެ. ހަނދާންވީ އަހަރެން އެގެއިން ނިކުންނަން ދިޔަ ވަގުތު އޭނާ އެންމެފަހުން ބުނެލި ވާހަކައެވެ.

“އަބަދުވެސް ހަނދާންކުރާނަން.. އެކަމަކު އަހަރެންނަށް ތިދަރިފުޅަށް އެންމެ ފުރިހަމަ ލޯބި ނުދެވިދާންތީ ބިރުގަނޭ..” އަހަރެން ގާތްކޮށްލާ ނިތަށް ބޮސްދެމުން އޭނާ ބުނެލިއެވެ. ދަރިފުޅު އެންމެ ފަހުފަހަރަށް އޭނާގެ އަތުތެރެއަށްލާ ބައްދާލަމުން ބޮސްދިނެވެ. އޭނާއަށް ފުރަގަސްދެމުން އަހަރެން އެގެއިން ނިކުމެގެން އައީ އެންމެ ފަހު ފަހަރަށްވެސް ފަސްބަލައި ނުލައެވެ.

“ސާރާއަށްޓަކައި.. އެންމެ ފަހު ފަހަރަށް..” ދެލޯ މަރާލަމުން ހިމޭންވެފައި އިނދެ އަހަރެން ބުނެލީމެވެ. ދެލޯ ހުޅުވާ ބަލައިލި އިރު ސާރާ އިނީ އޭނާގެ އަތުތެރޭގައެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ތިއީ ސާރާގެ ބައްޕަ..” އޭނާއާ ކައިރިވެލާ އަހަރެން ސާރާގެ އަތުގައި ހިފަހައްޓާލީމެވެ. އަހަރެންގެ އަތުން ސާރާ ދޫކޮށްލަމުން ސާރާ އޭނާގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. ހީވާގޮތުން ސާރާއަށްވެސް އެއަތުތެރެއިން ރައްކާތެރިކަމާއި، ހިމާޔަތް އިހުސާސް ވީއެވެ.

“ބައްޕަގެ ރާނީ.. ސޮރީ ބައްޕަގެ ސާރާ..” ސާރާގެ ކޮލަށް ބޮސްދެމުން އޭނާ ކިޔާލިއެވެ. އަނެއްކާވެސް އެއަތުގެ ތެރޭ ސާރާ ފޮރުވާލިއެވެ. ހިމޭންކަމާއެކު ސާރާވެސް އެއަތުގެ ތެރޭ އޮތެވެ. ކުރިން ބިރުން އުޅުނު ކުއްޖާ މިހާރު އެއޮތީ ނިކަން ހަމަޖެހިލާފައެވެ. ދެބަފައިންނަށް ބަލަން ހުރެ އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއީ އަހަރެން މިހުރިހާ ދުވަހު ކުރި ދުޢާއެވެ. ދެކެމުން އައި ހުވަފެނެވެ. ސާރާއަށް އޭނާގެ ބައްޕަގެ ލޯބި ލިބުމެވެ.

ހިމޭންކަމުގައި އެތަށް އިރެއް ވޭތުވިއެވެ. އަހަރެން ސިއްސައިގެން ދިޔައީ އޭނާގެ ކަނާއަތް އަހަރެންނަށް ދިއްކޮށްލުމުންނެވެ. އެއަތުގައި ހިފަންވީތޯ ނުވަތަ ނުހިފަންވީތޯ ސުވާލު އުފެދިފައި އަހަރެން އިނީމެވެ. އޭނާއަށް ތި އިތުބާރުކުރީ މާ އަވަހަށް ކަމަށްބުނެ އަހަރެންގެ ސިކުނޑި ތަކުރާރުކޮށް އިންޒާރު ދިނެވެ. އެހެނަސް ހިތް ބޭނުންވީ ހަޔާތުގެ ދެންއޮތް ދުވަސްތައް އޭނާއާއެކު އުފަލުގައި ވޭތުކުރާށެވެ. މަޑުމަޑުން އަހަރެން އަތް ހަރަކާތްކޮށްލީމެވެ. އެތައް އަހަރެއް ފަހުން އަހަރެން އެންމެ ލޯބިވި ފަރާތް ލިބޭތޯ ދުޢާ ކުރަނިކޮށް، އޭނާ އަހަރެންގެ ކުރިމައްޗަށް ގެންނާނީ އެކަމުގައި ފައިދާއެއް ވާނެތީކަމަށް އަހަރެން ގަބޫލު ކުރީމެވެ. އޭނާގެ އަތްމަތީގައި އަހަރެންގެ އަތް ބާއްވާލުމާއެކު ނިކަން ބާރަށް އަހަރެންގެ އަތުގައި ހިފާލާ އޭނާއާ ދިމާއަށް ދަމާލިއެވެ. ކައިވެނީގެ ފުރަތަމަ ރޭ އޭނާ އަޅުވައިދިން އަނގޮއްޓި ފާހަގަވީ އެވަގުތެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާވެސް އަތުގައި އޮތް އަނގޮއްޓި ދައްކާލިއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. އޭނާގެ އަތް ފުރަގަހުން ގެނެސް އަހަރެންގެ ކޮނޑުގައި އަޅުވާލާ ގާތްކޮށްލިއެވެ.

“އައި މިސްޑް ޔޫ ސޯ މަޗް އާޝީ.. އައި މިސްޑް ޔޫ..” އަހަރެންގެ ކަރުދޮށުގައި މޫނު ފޮރުވާލަމުން އޭނާ ބުނެލިއެވެ. “އާޝީ ނިކުމެގެން ދިޔަ ފަހުން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭ. ހަމަ ނިންޖެއް ނުލިބޭ. އެކަމަކު އަހަރެންގެ ފިނޑިކަމުން އެނބުރި އާޝީ ހޯދަންދާނެ ހިތްވަރެއް ނުލިބުނީ. އެކަމަކު ތިދެމީހުން އުޅޭ ހާލެއް ދުރުދުރުން ބަލަން. ވީވަރަކުން އެހީވެސް ވީން. ބަޓް އައި ޕްރޯމިސް ޔޫ، އަހަރެން ދެން މީ ފިނޑި މީހެއް ނޫން. ނުވެސް ވާނަން. އަބަދުވެސް ކަންކަމާ ކެރިގެން ކުރިމަތިލާނަން.. އައި ސްވެއާ..”

ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ. އެހާއަވަހަށް ހިތް ހުޅުވާލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހިމޭންވެފައި އިނދެވުނީވެސް އެހެންވެއެވެ.

“ސާރާއަށްޓަކައި މެރީ ކުރާނަން ދޯ..” ތެދުވެލާ ސާރާގެ ގައިގައި ބައްދާލަމުން އޭނާ ބުނެލިއެވެ. އޭރު ސާރާއަށް އޮތީ ނިދިފައެވެ. އަހަރެންގެ އަނގައިން މަޑުމަޑުން ހޫން އަޅުވާލީމެވެ. އެވަރަކުން އޭނާއަކަށް ނުފުދުނެވެ.

“ޔެސް..” ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެ އަހަރެން ބުނީމެވެ. އަހަރެން ހިނި ނައީމައިވެސް އޭނާއަކަށް ކަމަކު ނުދިޔައެވެ. ހިނިތުންވެ އިނދެ އާއެނކޭ ބުނަންދެން އޭނާ އަހަރެންގެ ގާތުން ސުވާލުކުރިއެވެ.

“ގެއަށްދަމާ.. ސާރާއަށްވެސް ނިދިއްޖެ..” އޭނާ ޑްރައިވަރަށް ގުޅަމުން ބުނެލިއެވެ.

އެހަނދާންތައްވުމާއެކު އަހަރެން އެނދުގައި އޮވެފައި ނިކަން ބާރަށް ހީލީމެވެ. އެހުރިހާ އިރު އަހަރެން އެތެރެއަށް ހިންދައިގެން އުޅުނު ހުނުންތައް ބޭރުވެގެން ދިޔައީ އެވަގުތެވެ. ސަރާގެ ބައްޕައަށްވީތީ އަހަރެން އެއްބަސްވީ ސާރާގެ ހަޔާތުން ބައްޕައެއްގެ ޖާގަ މަދުވުމަށް ނޭދޭތީއެވެ. ސާރާއަށް ބަލަން އޮވެ އަހަރެން މަޑުމަޑުން ކިޔާލީމެވެ.

“ދަރިފުޅާއެވެ. ދަރިފުޅަށްޓަކައި މަންމަ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރެވެ. ތިއީވެސް ކުޅެދޭ ކުއްޖެއްކަން މިހާރު އެންމެންވެސް ގަބޫލުކުރާނެކަން މަންމައަށް އެނގެއެވެ.”

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އިންތިޒާރު….1

Next

ފުރަތަމަ ލޯބި (ތިންވަނަ ބައި)

Next
February 19, 2023

ފުރަތަމަ ލޯބި (ތިންވަނަ ބައި)

Previews
February 14, 2023

އިންތިޒާރު….1

8 Comments!

  1. ކިއުންތެރިއެއް says:
    February 16, 2023 at 9:53 pm

    ވަރަށް ވެސް ރީތި އަދި އަސަރު ގަދަ ވާހަކައެއް! ޒުވާން ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ.

    1. Aayaa Aayaa says:
      February 17, 2023 at 12:24 pm

      😊! ޝުކުރިއްޔާ ކިއުންތެރިޔާ

  2. No one says:
    February 17, 2023 at 8:03 am

    Woww.. Very Emotional 😭.. Keep going dear ❤️❤️

    1. Aayaa Aayaa says:
      February 17, 2023 at 12:25 pm

      Thank you very much! Means a lot to me..❤️🥰

  3. Anonymous says:
    February 17, 2023 at 10:14 am

    I love this story I was criying of this story

    1. Aayaa Aayaa says:
      February 17, 2023 at 12:31 pm

      Thank you for the time taken to read this story, Anonymous..☺️🤍

  4. @rishithaa says:
    February 28, 2023 at 10:32 pm

    Very nice story
    So emotional 😭

  5. Aayaa Aayaa says:
    March 3, 2023 at 7:26 pm

    Thank you..☺️❤️

Comments are closed.



All Right Reserved!