Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުޑަކުދިންގެ

ބޯޅަ

Aayaa
Aayaa Level 410 Stories100 Login100 Comments
January 26, 2023 3 Mins Read
6 Comments

އިފްނާންއާ އަނަސްއަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. ދެކުދިންގެ ތެރެއިން ދޮށީ އިފްނާންއަށް މިއަހަރު ދިހަ އަހަރު ފުރުނު އިރު އަނަސްއަށްވީ އަށް އަހަރެވެ. ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށް މާލެއަށް އަންނަން އެކުދިންނަށް ޖެހުނީ، ބައްޕައަށް ރަނގަޅު ވަޒީފާއެއް މާލެއިން ހަމަ ޖެހުމުންނެވެ. ރަށުގެ ބޮޑު ގޯތީގައި މަޖާކޮށް ކުޅެ އުޅުމަށްފަހު، މާލެ ފަދަ ޖާގަކުޑަ ތަނަކަށް އާދެވުމުން ދެކުދިންވެސް ތިބީ ވަރަށް ފޫހިވެފައެވެ. އެހެންވެ މަންމަ ކައިރީގައި ވަރަށް އާދޭސްކޮށްގެން ބޯޅައެއް ގަތީ ގޭގައި ކުޅޭށެވެ.

މެންދުރު ސުކޫލު ނިންމާލުމަށްފަހު ގެއަށް އައި އިރު އާ ބޯޅައެއް ލިބިފައި އޮތުމާއެކު ދެކުދިންވެސް ނުހަނު ފޯރި އަރައިގެން އުޅުނީ ކުޅެން ބޭނުންވެގެންނެވެ. އަވަސްއަވަހަށް ފިލާވަޅުތައް ނިންމާލިއެވެ. ސިޓިންރޫމުގައި އޮތް ޖާގަ ކުޑަކަމުން ސޯފާތައް އެއްފަރާތަކަށް ޖައްސާލުމަށްފަހު އެކުޑަ ތަންކޮޅުގައި ދެކުދިން ފެށީ ފުޓުބޯޅަ ކުޅޭށެވެ. ގޯލެއްޖެހޭ ކޮންމެ ފަހަރަކު މާބޮޑަށް އަޑުގަދަވާތީ އަޑު މަޑުކުރުމަށް އެކުދިންގެ މަންމަ ހަނދާންކޮށްދެއެވެ.

އިރުކޮޅެއް ފަހުން ގޭގެ ބެލްއަޅާލި އަޑު އިވުނެވެ. މަސައްކަތުން ނިމިގެން ބައްޕަ ގެއަށް އައީ ކަމަށް ހީކޮށް އަނަސް އަވަހަށް ދިޔައީ ގޭގެ ދޮރު ހުޅުވާށެވެ. އެހެނަސް ގޭގެ ދޮރުމަތީ ހުރީ ނުދަންނަ އަންހެން މީހެކެވެ.

“މަންމަ އެބައުޅުއްވާތަ؟” ނުހަނު މަޑުމައިތިރިކަމާއެކު އަންހެން މީހާ ބުނެލިއެވެ. ބޯ ޖަހާލަމުން އަނަސް އެތެރެއަށް ދުއްވައިގަތީ މަންމައަށް ގޮވަމުންނެވެ.

“މަންމި ހޯދަން މީހަކު އައިސް އެބަހުރި..” ބަދިގޭގައި މަސައްކަތް ކުރަން ހުރުމަށްފަހު އަވަސް އަވަހަށް އަތް ދޮވެލައިގެން އެކުދިންގެ މަންމަ ދޮރު ކައިރިއަށް ދިޔައެވެ.

“ވަރަށް ބޮޑަށް މާފު ކުރަން އުނދަގޫ ކުރަން ޖެހުނީމަ.. އެކަމަކުވެސް އަޑުގަދަވާތީ މިއައީ.. އަޅުގަނޑުގެ ބައްޕަ ރޭގަނޑު މަސައްކަތް ކުރުމަށްފަހު ގެއަށް އައިސް އަރާމުކޮށްލަން އޮންނަ ގަޑިމިއީ.. ބައްޕައަށް އުނދަގޫވެގެން އުޅުއްވާތީ.” އަނަސްމެންގެ މަންމައާ އެއަންހެން މީހާ ވާހަކަދެއްކުމަށްފަހު ދިޔައެވެ.

ދެކުދިންގެ ގާތުގައި މަންމަ ބުނީ ކުޅުން ހުއްޓާލުމަށްފަހު އެހެން ކަމެއް ކުރުމަށެވެ. އެބޭބެއަށް އުނދަގޫވާގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނެދިނެވެ.

“ދޮންބެ ދެން ކުޅެން ހުއްޓާލަން ވީނު. މަންމި ބުނީ ކުޅޭކަށް ނުވާނޭ…” އެންމެ ކުޑަވިއަސް އަނަސް ބޭބެއަށް ނަސޭހަތްތެރިވިއެވެ.

“ނޫން.. މިގަޑި ނޫނިއްޔާ ދެން ކުޅެން އެހެން ގަޑިއެއް ނުލިބޭނެއްނު. އެހެންނޫނަސް ބޯޅަ ނުކުޅޭތާ ވަރަށް ދުވަސް ވެއްޖެ..” އިފްނާން ކުޅުން ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ.

“ދަރިފުޅު.. އެހެންހަދާކަށް ނުވާނެ އިނގޭ. އަވަށްޓެރިންނަށް އުނދަގޫ ނުކުރުމަށް ރަސޫލާﷺ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފަ. ބަސްއަހައިގެން އަވަހަށް ބޯޅަ ބާއްވާ..” މަންމަ ގޮވާލި އަޑު ދެކުދިންނަށްވެސް އިވުނެވެ. ބަސްއަހައިގެން ކުޅުން ހުއްޓާލަން މިފަހަރުވެސް އަނަސް ނަސޭހަތްތެރިވިއެވެ. އެހެނަސް އިފްނާން ގޮތް ދޫނުކުރުމުން އަނަސް ކުޅެން އެއްބަސްވިއެވެ.

“އެކުދިން ކައިރީ ނުބުނަންތަ؟” ކޮޓަރިއަށް ވަދެގެން އައި ޝާޒް ފެނުމުން ޝާޒްގެ ބައްޕަ ބުނެލިއެވެ.

“ނޫން ބައްޕާ.. އަނެއްކާވެސް ދާންވީތަ؟” ބައްޕައަށް ނުނިދިގެން އުޅޭތީ ޝާޒް ކަންބޮޑުވިއެވެ.

“ދެން ދާނެ ކަމެއްނެތް.. އަދި ވިސްނޭނެ އެކުދިންނަށްވެސް އިންޝާﷲ.. ބައްޕަ ނިދޭތޯ ބަލައިލާނަން..” އެންމެ ރަނގަޅު ކަމަށް ބުނަމުން ޝާޒް ނިކުތީ ކޮޓަރިން ބޭރަށެވެ.

ދެކުދިން ގާތު ނުކުޅެން ބުނެފައި އޮއްވާ ކުޅުމުން މަންމަ ބޯޅަ ފޮރުވިއެވެ. އެކުދިންނަށް ބޯޅަ ދެން ލިބޭނީ އެއް ހަފްތާ ފަހުން ކަމަށް ބުންޏެވެ. އެކުދިންގެ ބައްޕައަށް އެކަން އިނގުމާއެކު ނުހަނު ދެރަވެ ހުރެ އަވަށްޓެރިންނަށް އުނދަގޫ ކުރުމަކީ ގޯސް ކަމެއް ކަން އެކުދިންނަށް ބުނެދިނެވެ.

“ތިކުދިންނަށް ކަމެއް ވިއަސް އެންމެ ފުރަތަމަ އެހީވެދެން ތިބޭނީ އެކުދިންނެއްނު.. ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ ޖިބްރީލް ޢަލައިހިއްސަލާމް، ތިމަން ކަލޭގެފާނަށް ތަކުރާރުކޮށް އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް އެންގެވިކަމަށް. އެހެންވީމަ ދެން އެފަދަ ކަމެއް ތަކުރާރުނުކުރައްޗޭ..”

އެއްރެއެއްގެ ނުވައެއް ޖަހާލާ ހާއިރެވެ. އަނަސްއާ އިފްނާން ގޭގައި ތިބީ އެކަންޏެވެ. ބައްޕަ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރީމައި މަންމައަށްވެސް ގެއަށް ނާދެވިފައި ހުރީއެވެ.

“މިރޭ މަންމަވެސް ގޭގައެއް ނެތެއްނު. މާދަން ސްކޫލަށް ދާކަށްވެސް ނުޖެހޭނެ. ތަންކޮޅެއް ދަންވަންދެން ބޯޅަ ކުޅެލަން ތިބެފަ ނިދާނީ ދޯ..” ނިކަން ގިނައިރު ވަންދެން ސޯފާގައި ވިސްނަން އިނދެފައި އިފްނާން ބުނެލިއެވެ.

“އެކަމަކު މަންމަވީ ބޯޅަ ފޮރުވާފަ. ދޮންބެއަށްވެސް އިނގެއެއްނު..” މާޔޫސްވެފައި އިނދެ އަނަސް ބުނެލިއެވެ.

“އާދޭބަލަ..” އަނަސްގެ އަތުގައި ހިފާ ދަމާލަމުން އިފްނާން ބުނެލިއެވެ.

ދެކުދިން ދިޔައީ މަންމަމެންގެ ކޮޓަރިއަށެވެ. ނުހަނު ހާލުން ބޯޅަ ހޯދުނު އިރު ދެކުދިންވެސް ތިބީ ހިސާބަކަށް ލޮޑުވެފައެވެ. އެހެންނަމަވެސް ބޯޅަ ފެނުމާއެކު ނިކަން އުފާވެފައި ތިބެ ސިޓިންރޫމަށް ގޮސް ބޯޅަ ކުޅެންފެށިއެވެ. އިރުކޮޅެއް ނުވަނީސް ގޭގެ ބެލް އަޅާލި އަޑު އިވުނެވެ.

“މިގަޑީގަ ބޯޅަ ކުޅޭތީ.. ނުނިދިގެން ދައްތަ މިއައީ.. އެހެންގަޑިއެއްގަ ބޯޅަ ކުޅެލަންވީނު..” ނަސޭހަތުގެ ރާގެއްގައި ޝާޒް ބުނެލިއެވެ.

“ދެން ކޮން ގަޑިއެއްގައިތަ ކުޅެން ވީ؟ ދައްތަ އަބަދުވެސް ނިދަން އުޅެނީ..” ޝާޒްގެ ކުރިމަތީގައި އަޑުގަދަކޮށް ބަސްބުނުމަށް ފަހު އިފްނާން ދޮރު ޖެހިއެވެ.

އަނަސް ވީގޮތް އެހުމުންވެސް އެއްވެސް އެއްޗެއް ނުބުނެ އިފްނާން އުޅުނީ ކުޅޭށެވެ. ވަރަށް ބާރަށް އަނަސް ޖެހި ބޯޅައެއް ގޮސް ޖެހުނީ އަލަމާރި މަތީގައި ހުރި ބިއްލޫރި ވާސްގައެވެ. އިފްނާންއަށް ދުރަށް ދުއްވައި ނުގަނެވެނީސް އެ ވާސް އައިސް ޖެހުނީ އިފްނާންގެ ބޮލުގައެވެ. ވަގުތުން ބޯ ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ހާސްވެފައި އަނަސްއަށް ހުރެވުނީ ބަލާށެވެ.

“އާހް. ހާދަ ތަދުވެއޭ އަނަސް.. ދޭބަލަ އެއްކަލަ ދައްތައަށް ގޮވަން..” އިފްނާންއަށް ވާހަކަދެއްކުނީވެސް ރޮމުންނެވެ. އަނަސް އަވަސްއަވަހަށް ޖެހިގެން ހުރި އެޕާޓްމެންޓަށް ގޮސް ޝާޒްއަށް ގޮވިއެވެ. ހާސްވެފައި ހުރެ ޝާޒްގެ ފަހަތުން އޭނާގެ މަންމައާ ބައްޕަވެސް އައެވެ.

“ހޮސްޕިޓަލަށް ދާން ހިނގާ.. ބޮލުން ލޭ މަނާވާނެހެން ހިއެއް ނުވޭ.. މަންމަމެން ނޫޅޭތަ އެކޮއެ؟” ޝާޒްގް ބައްޕަ ހާސްވެފައިހުރެ ވާހަކަދެއްކިއެވެ.

“މަންމަވެސް ދިޔައީ ހޮސްޕިޓަލަށް.. ކޮއްކޮވެސް ދާނަން ދޮންބެއާއެކު..” އިފްނާން ރޯތަން ފެނުމުން އަނަސްއަށްވެސް ރޮވުނެވެ. ގިސްލަމުން ބޭބެގެ އަތުގައި ހިފަހައްޓާލައިގެން އަނަސް އިނެވެ.

ޝާޒްއާއި އޭނާގެ މައިންބަފައިންގެ އެހީގައި އިފްނާން ހޮސްޕިޓަލަށް ގެންދެވުނެވެ. ނަސީބުދިމާކުރި ގޮތުން އެމީހުންނަށް ދެވުނީ އިފްނާންގެ ބައްޕަވެސް އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލަށެވެ. ބޮލުގައި ބޭސް އަޅައި ނިމުމުން މަންމައާއި ބައްޕަ އިފްނާން ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. މަންމަމެންގެ ފަހަތުން އަނަސްވެސް ވަނެވެ.

“ކިހިނެއްވީ؟” ކަންބޮޑުވެފައި ހުރެ އަނަސްގެ މަންމަ ސުވާލުކުރިއެވެ. އިސްޖަހާލައިގެން އިނދެ އިފްނާން ވީގޮތް އޮޅުންފިލުވައިދިނެވެ. އަނަސްވެސް އެއީ ތެދެއްކަމަށް އެއްބަސްވިއެވެ.

“ކިހާ ދެރަކޮށް މިދިމާވީ. އެހެންވެ މަންމަމެން އަބަދުވެސް ބުނަނީ އެއްވެސް ކުއްޖަކަށް ދެރަކޮށް ކަންތައް ކުރާކަށް ނުވާނެއޭ..” އިފްނާންގެ ވާހަކަ ނިމުމާއެކު މަންމަ ވާހަކަދެއްކިއެވެ.

“ސޮރީ މަންމަ..” ދެރަވެފައި އިނދެ ދެކުދިންވެސް ބުނެލިއެވެ.

“މަންމަ ކައިރިއަކުން ނޫން މާފަށް އެދޭނީ. ގެއަށް ގޮސް އެންމެ ފުރަތަމަވެސް ދެކުދިން ޖެހޭނެ ބޭބެމެން ކިބައިން މާފަށް އެދެން..” މަންމަގެ ވާހަކަށް ދެކުދިންވެސް އެއްބަސް ވިއެވެ.

އިފްނާން ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އޭރު އެކުދިންގެ ބައްޕަވެސް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެންމެ ފުރަތަމަވެސް އެކުދިން ދިޔައީ ޝާޒްމެން އުޅޭ އެޕާޓްމަންޓަށެވެ. ނުހަނު ދެރަވެ ހުރެ އިފްނާންއާ އަނަސްވެސް އަވަށްޓެރިޔާގެ ކިބައިން މާފަށް އެދުނެވެ. ހިތްހެޔޮކަމާއެކު އެގޭގައި އުޅުނު އެންމެންވެސް އަނަސްމެންނަށް މާފު ކުރިއެވެ. އެދުވަހު އިފްނާންއާ އަނަސްއަށްވެސް ވިސްނުނެވެ. އެންމެ ގާތުގައި އުޅޭ މީހުންނަށް އުނދަގޫ ކުރުމަކީ ގޯސް އާދައެކެވެ. މަންމައާ ބައްޕަ ނުވަތަ އާއިލާގެ އެހެން މީހަކަށް ވިއަސްއެވެ. ދެރަގޮތެއްވެއްޖެނަމަ  އަޅާލަން ތިބޭނީ އެމީހުންނެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އުމުރައް ވެސް ލޯބިވިން – ނުވަ ވަނަ ބައި

Next

ސާރާ 2

Next
January 31, 2023

ސާރާ 2

Previews
January 24, 2023

އުމުރައް ވެސް ލޯބިވިން – ނުވަ ވަނަ ބައި

6 Comments!

  1. @$hai says:
    February 1, 2023 at 4:46 pm

    Nice story
    Love you sis

    1. Aayaa Aayaa says:
      February 3, 2023 at 2:09 pm

      Thank you so much @$hai!
      Love you tooo lil girl 🙂

  2. No name says:
    February 1, 2023 at 4:48 pm

    Ur stories are amazing.. Luv it.. ❤️

    1. Aayaa Aayaa says:
      February 3, 2023 at 2:12 pm

      Means a lot to me.. Thanks a lot!

  3. Shuaau10 says:
    September 1, 2024 at 9:44 pm

    Nice thuhtha nice story

    1. Aayaa Aayaa says:
      September 2, 2024 at 4:13 pm

      Thank you Shuakko! 🥰🤍

Comments are closed.



All Right Reserved!