“ސާރާއަށް ދެރަ ގޮތެއް ވެއްޖެއްޔާ ކީއްކުރާނީ؟ މަރުވާނީތަ؟” މިޝްކާ ގެ ވާހަކަ މެދުކަނޑާލާފައި ސަރާ ގެއާދިމާއަށް ދާން ދުއްވައިގަތެވެ.
********
ފަހަތުން މިޝްކާ ވެސް ދުއްވައިގަތީ މަޑުކުރާށޭ ގޮވަމުންނެވެ. ސާރާ ގެއަށް ވަތްއިރު ޒާންގެ ރުއިމުގެ އަޑުއިވުނެވެ. ދުވެފައިކަހަލަ ގޮތަކަށްގޮސް ކޮޓަރިއަށް ވަތް އިރު ޒުލޭޚާ ޒާން އުރާލާއިގެން އެދިމާލަށް އަންނަނީއެވެ. “އަހާން…. ކޮންތާކުން ތިއައީ. މިދަރި މިއޮށް ރޮއެ ރޮއެ ބަލިވަނީ”. ” އަޅޭ މަންމިގެ ދޫނީ އަވަހަށް އާދޭ”. ސާރާ ޒާން އަށް ބުއްފުޅި ގިރައިގެން އައިސް ސޯފާގައި އިނެވެ. “ކޮބާތަ ސާރާ ހޯދަން ދިޔަ ގޮއްޔެ؟” ޒުލޭޚާ މިހެން ބުނި ވަގުތު މިޝްކާ އައިސް ގެއަށް ވަނެވެ. “ސާބަސް މަންމާ، އަހަރެން މިއައީ އޭ. ސާރާމެން ދުވާހާ ބާރަށް އަހަންނަކަށް ނުދުވެވޭނެ އެންނު ދޯ”. ސާރާއަށް ދޯ ދެމުން މިޝްކާގޮސް ކޮޓަރިއަށް ވަނެވެ.
މިޝްކާއަކީ މީގެ އަހަރެއްހާ ކުރިން ސާރާ ކައިސްއާއި އިނދެގެން ދ.ކުޑަހުވަދޫއަށް ކުރި ދަތުރެއްގައި ލިބުނު ރައްޓެއްސެކެވެ. ސާރާއަކީ އއ.ތޮއްޑޫ ކުއްޖެކެވެ. ވިޔަފާރި ދަތުރަކަށް އެމެރިކާއަށް ދިޔަފަހުން ކައިސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ކައިސްގެ ގޮތްނޭނގޭ ގެއްލުމުގެ ފަހަތުގައި ވަނީ ސާރާކަމަށް ބުނެ ކައިސްގެ މަންމަމެން ސާރާ އާއި ޒާން ގެއިން ނެރެފިއެވެ. އެރޭގެ ވިއްސާރާގައި ދާނެ އިތުރުތަނެއް ނެތި މާޔޫސްވެފައި އިންދާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ މިޝްކާއެވެ. އެރެއަށްފަހު މިއަދާ ޖެހެންދެން ސާރާ އުޅެމުން އައީ މިޝްކާމެން ގޭގައެވެ.
ސާރާއަށް އޮވެވުނީ އަނދިރި ކޮޓަރިއެއް ތެރޭގައެވެ. ވަށައިގެން ތަނެއް ދޮރެއް ނުފެނެއެވެ. “ތިޔަހެން އަބަދާއި އަބަދު މީހުންނަށް ބަރޯސާވެގެން އުޅެގެން ވާނެ ފައިދާއެއް ނޯންނާނެ!” އަނދިރި ގަނޑުން މީހަކު ބުނި އަޑު އިވުނެވެ. “ކަލޭތީ މަގޭ ދަރިއަކަށް ހުރި ހަލާކެއް.. ހަމަ މިހާރު މީގެއިން ނިކުމޭ” ކައިސް މަންމަގެ ދުލުން ނިކުތް ވިހަ ގަދަ ބަސްތަކުން ސާރާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ސިއްސައިން ގޮސް ސާރާއަށް ހޭލެވުނީ އިރު ޒާންއަށް އޮތީ ހޭލެވިފައެވެ. ޒާން އުރާލުމަށްފަހު ކޮލަށް ދޮނެއް ދިނެވެ. ސާރާ މިހާތަނަށް ދިރިހުރުމުގެ ހުރިހާވެސް އުއްމީދަކީ ޒާން އެވެ. ޒާން ނެތްނަމަ ސާރާ މިހާރު މި ކެހިވެރި ދުނިޔެއާ އަލްވަދާއު ކިޔައިފީހެވެ. ޒާން ފެންވަރުވާ ރީތި ކުރަމުން ދިޔަ ވަގުތު ވިސްނެމުން ދިޔައީ ފެނުނު ހުވަފެނާއި ދޭތެރެއެވެ. އެއީ ހަޤީޤަތުގައިވެސް ތެދެއް ތަ؟ އަނެއްކާ މިޝްކާމެންވެސް އަހަންނާ ދޭތެރޭ ދެކެނީ އެހެން ބާ؟ މި ހިޔާލުތަކާއި ހެދި ސާރާ ހުރީ ބޮލުގަ ރިއްސާފައެވެ. އަވަހަށް ތައްޔާރުވެގެން ޒާން ހޮވައިގެން ނިކުތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ.
ސާރާ ބަދިގޭގައި އުޅެނިކޮށް ޒުލޭޚާ ނިކުމެއްޖެއެވެ. “އަޅޭ.. މިއަދުވެސް ދައްތައަށް ގޮވާނުލާ ސައި ހަދަނީތަ؟” ޒުލޭޚާ އެހެން ދުވަސް ތަކެކޭ އެއްގޮތަށް ޝަކުވާ ކޮށްލިއެވެ. “ދައްތާ މީކީ އެއްވެސް ކަމެއް ނޫނޭ” ހިނި ގަނޑެއް ޖަހާލުމަށްފަހު ސާރާ ބުންޏެވެ. “އެކަނި މައި އެކަންޏެއްނު ތިއުޅެނީ.. ކޮބާތަ މިއުޅޭ މިޝްކާ؟” މިހެން ބުނެ މިޝްކާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. “މިޝްކާ!މިޝްކާ! ދަރިފުޅާ މިހާރު އެއޮށް ދިހަގަޑި ބައިވީ” “ލައްބައޭ މަންމާ” މިޝްކާ ނުކުމެގެން އައިސް ޒާން އާއި ސަމްސާ ކޮށްލި ވަގުތު މިޝްކާގެ ބައްޕަ ހުސެއިން ވެސް ކޮޓަރިން ނިކުތެވެ. “ހާދަ މީރު ވަހެކެވެ ދުވަނީ ދޯ” ” ބޭބެގެ ފޭވަރިޓް މިހުރިހާ ކައްކާފައޭ މިހުރީ އަވަހަށް އާދޭ ސައިބޯނި” ހުސެއިންގެ ބުނުމަށް ރައްދު ސާރާ ބުންޏެވެ. އެންމެން ކެއުމުގައި މަޝްޢޫލުވެގެން އުޅުނު އިރު ސާރާ އިނީ މިޝްކާއާއި އެކަހެރި ވާނެ ވަގުތަކަށް އިންތިޒާރު ކުރަންށެވެ. ޒުލޭޚާ އާއި ހުސެއިން ކައިގެން ޒާން ކައިރިއަށް ސިޓިންރޫމްއަށް ދިޔުމުން ސާރާ މިޝްކާ ގާތު ބުންޏެވެ. “މިޝްކާ.. އަހަރެން ވަޒީފާއަކަށް ދާން ބޭނުން” މިޝްކާ އަނގައަށް ރޮށިކޮޅު ލީ “”ތަށް ހުއްޓުނެވެ. “ވަޒީފާއަކަށޭ؟ ކީއްވެ ކުއްލިއަކަށް ތިހެން ތި އެހީ؟” ސާރާ މިޝްކާއަށް ރޭގަ ފެނުނު ހުވަފެނުގެ ވާހަކަ ހިއްސާކުރިއެވެ. “ސާރާ ބޭނުންމިއްޔާ ވަޒީފާއެއް ހޯދަ ދީފާނަން.. އަހަރެންގެ ގާތް ރައްޓެއްސެއް އުޅޭނެ ސުކޫލް އޮފީހުގަ. އެތަނުން ލިބިދާނެ ސާރާއަށް ވަޒީފާއެއް” މިޝްކާ މިހެން ބުނެ ޑިއުޓީއަށް ދިޔައެވެ. މި ވާހަކައިން ސާރާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
ޖެހިގެން އައި ދުވަހު މިޝްކާ ބުނި ގަޑިއަށް ސާރާ ސްކޫލަށް ދިޔައެވެ. ގޭޓް ދޮށުގައި ހުރި މަސައްކަތު މީހާ އައިސް ކީއްކުރާ ކުއްޖެއްހޭ އެހިއެވެ. ޖަވާބު ގައި ސާރާ، މިއައި އިންޓަވިއުއަށޭ ބުނުމުން ސާރާ އޮފީހާ ހަމައަށް ގެންގޮސްދިނެވެ. އިންޓަވިއުގެ ސުވާލުތަކަށް ސާރާ ޖަވާބުދިނީ ވަރަށް ކެރިގެންނެވެ. ސުކޫލުން ނުކުމެގެން ދިޔައިރު ސާރާގެ މޫނުމަތީގައި ވަނީ ކާމިޔާބުގެ އުންމީދީ ހިނިތުންވުމެކެވެ.
ދެދުވަހެއް ފަހުން ނުދަންނަ ނަންބަރަކުން ސާރާގެ ފޯނަށް ގުޅިއެވެ. “ހަލޯ؟”
*** ނުނިމޭ ***
3 Comments!
Comments are closed.

V.reethi.. Waiting for the next part
Thank you very much Laila 🤗.
Thank you sm Laila.. next part will come soon ia ✨