މާޒީގެ ސަފުހާއެއް 3
ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ ސޫރައަށް ބަލަން އިނީމެވެ. މޫނުގެ އެއް ފަޅި އެއްކޮށް ވަނީ ދުޅަވެފައެވެ. ދެލޯ ރަތްވެފަ ވާއިރު ލޮލުން ކަރުނަ ނުހިކެއެވެ. އަތުގެ އެކި ތަންތަން ވަނީ ނޫފާގަނެފައެވެ. ކޮޅަށް ހުންނާނެ ވަރު ނެތުމުން އަހަރެން އިނީ ލޯގަނޑު ކުރިމަތީގައި އިށީނދެގެނެވެ. މުޅި ކޮޓަރީގައި އަހަރެންގެ ގިސްލުމުގެ އަޑު ރަސްކަން ކުރަމުން ދިޔައެވެ.
އަހަރެންނަކީ ބިކުރުވެރިއެކެވެ. ނަމަވެސް މުޅި ރަށުތެރޭގައި ދެކެވެމުން އެދަނީ އަހަރެންގެ ވާހަކައެވެ. އެއްވެސް ހެއްކެއްނެތިއެވެ. މިވަގުތު މީހާރު ވެސް މީހަކު އައިސް އެއީ ދޮގެއްކަން ސާބިތު ކުރުމަށް އަހަރެންގެ ގާތު މާތްﷲ ޤަންދީ ހުވާ ކުރަން ބުނި ކަމުގައި ވިޔަސް އެކަން އަހަރެން އެއްވެސް ޖެހިލުމެއް ނެތި ކުރާނަމެވެ. މިހެން ބުނުމުން ހިތަށް އަރާފާނެވެ. ކުޑަކުއްޖަކަށް އެއީ ކިހާ ވަރެއްގެ ކަމެއްކަން އެނގި ދާނެ ހެއްޔެވެ؟ އަހަރެންގެ ޖަވާބަކަށް ވާނީ އާނއެކޭ އިނގެއެވެ. އެއީ ކިހާ ވަރެއްގެ ކަމެއްކަން އަހަރެންނަށް އެނގެއެވެ.
އެހީއަކަށް އަތްދިއްކޮލާނެ މީހަކު ނުވިއެވެ. ހަމައެގޮތަށް ހަގީގަތް ހާމަކުރުމަށް އަހަރެންނަށް އެއްބާރުލުން ދޭނެ މީހަކުވެސް ނުވިއެވެ. ކޮންމެ މީހަކުވެސް އެއްވެސް އުނިކަމެއް ނެތި ކުރީ އެންމެ ކަމެކެވެ. އަހަރެންނަށް މަލާމާތް ކުރުމެވެ. ފެންނަ އިރަށް ޗުކުޗުކު ތެޅުވުމެވެ. އަހަރެންގެ ދުލުން ކިތަންމެ ވަރަކަށް އެއީ ދޮގެކޭ ބުނީ ކަމުގައި ވީނަމަވެސް ގަބޫލު ކުރާނެ ހަމައެކަކުވެސް ނުވިއެވެ. ކުލާސް ކުދިން ވެސް އަހަރެންނާއި ގުޅުން ކަނޑާލިއެވެ. ވާހަކަ ދެއްކި ނަމަވެސް އެއްވެސް ގާތްކަމެއް ނެތެވެ. މަލާމާތާއި ޖެއްސުމެވެ. މަންމަ ވެސް އަހަރެންނަކާ ވާހަކައެއް ނުދައްކައެވެ.
އަހަރެންގެ މައްސަލަ އެންމެ ފަހުން ސްކޫލާ ހަމައަށް ދިޔައީއެވެ. ސްޓޫޑެންޓް ކައުންސިލް ނާއިފާ މިސް އަހަރެންނާ ބައްދަލު ކުރީ އެދުވަހު ސެޝަން ނިންމާފައެވެ. މިސް އެތަކެއް ސުވާލެއް ކުރިއެވެ. ނަމަވެސް އަހަރެންގެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ. ނުކުރާ ކަމެއް ކުރި ކަމަށް ވާނެ ހެއްޔެވެ. މިސްގެ ގާތު ތަކުރާރުކޮށް ނޫނެކޭ ބުނީމެވެ. ނަމަވެސް މިސް ގަބޫލު ކުރާ ހެންނެއް ހިޔެއްނުވެއެވެ. ” ޖޫން ކީއްވެ ތަ ނުބުނަން ތި އުޅެނީ؟…. ލުޔޫނާލުޔޫނާ ބުންޏޭ އެ މީހާ ޖޫން އާ ބެހުނޭ” މިސް ހަށިފުރާ ނޭވާލަމުން ބުނެލިއެވެ.
އަހަރެންގެ ނޭވާ ތާށިވި ކަހަލައެވެ. އެކުވެރިޔެއްގެ ގޮތުގައި އެންމެ އިތުބާރު ކުރި އެކުވެރިޔާ އެންމެފަހުން އެ ދީނީ ކެއްސެވެ. ކީއްވެ ހެއްޔެވެ. އެ އެކުވެރިޔާ ބުނި ކޮންމެ ކަމެއް އަހަރެން އާއީ ކުރަމުންނެވެ. އެކުވެރިޔާ ނުރުހޭކަމެއް އަހަރެން ކޮއްފައެއް ނުވާނެވެ. ދެން އަހަރެންނަށް އެހާބޮޑު ލަނޑެއް ދޭންވީ ކީއްވެ ހެއްޔެވެ. މުޅި ހަށިގަނޑު ތެރޭގައި ތޫފާނެއް އުފެދިފަ ވާކަހަލައެވެ.
މަރުވެފައި ވާ މައްޔިތެއް ފަދައިން އަހަރެން ނާއިފާ މިސްގެ އޮފީހުން ނިކުތީމެވެ. އޭރު ލުޔޫނާ އާއި މަލްސާ އަންނަނީއެވެ. ލުޔޫނާ އަހަރެން ފެނުމުން ހިނިގަނޑެއް ޖަހާލިއެވެ. އަދި އަހަރެން ކައިރިން ހުރަސް ކަނޑާފަ ދިޔައެވެ. ގަބޫލުކުރަން ދަތިވިއެވެ. މުޅި އުމުރުގައި މަސައްކަތް ކުރި ނަމަވެސް ނުފިލާނެ ލައްގަނޑެއް އަހަރެންގެ ހަޔާތުގައި ޖައްސާފަ އެ ކުރަނީ މަލާމާތެވެ. މުޅި ރަށުތެރެއަށް އަހަރެން ފަޟީހަ ކޮއްލާފައި އޭނާއަށް އެ ލިބެނީ ހިތްހަމަޖެހުމެވެ.
ހަރު ފިޔަވަޅު ތަކެއް އަޅަމުން އަހަރެން ހިނގައިގަތީ ގެޔާ ދިމާއަށެވެ. އިތުރަށް ކެތް ނުކުރެވުމުނެވެ. ގެއަށް ވަތް އިރު މަންމަ އިނީ ސޯފާގައެވެ. އަހަރެން ގެއަށް އައިކަން އެނގުނު ނަމަވެސް އަޅައެއް ނުލައެވެ. އަހަރެންގެ ސަމާލުކަމެއްވެސް މަންމައަކަށް ނުދެވުނެވެ. ހަރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. ކޮނޑުގައި އަޅުވާފަ އޮތް ދަބަސް މުށިގަނޑު މައްޗަށް ދޫކޮށްލީމެވެ. އެއާއެކު މިއޮތް ހުރިހާ އިރު ހިންދަމުން ދިޔަ ކަރުނަތައް އޭގެ ޒާތުގައި ފައިބަން ފެށިއެވެ.
އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ. މީހަކަށް ދެރައެއް ދީނީއެއް ނޫނެވެ. ނުވަތަ މީހެއްގެ ޙައްޤަކަށް އަރައިގަތީ ހެއްޔެވެ. އަހަރެންނަށް މިހާ ބޮޑު ކެހިވެރިކަމެއް ލިބެންވީ ކީއްވެ ހެއްޔެވެ. ތަފާތު ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް ޖަވާބު ދޭނެ މީހަކު ނުވިއެވެ. ރޮއެ ރޮއެ ވަރުބަލިވީއިރު ވެސް ލޮލުން ކަރުނަ ނުހިކެއެވެ. ނަމަވެސް އަހަރެން ނިންމީ ދެން އިތުރަށް އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލުމަށެވެ. ހިތްވަރު ކުރަން އަޒުމު ކަނޑައެޅީމެވެ. އަދި އަހަރެންގެ ބަލިކަށިކަން އިތުރު އެއްވެސް އިންސާނަކަށް ނުދެއްކުމަށް ނިންމީމެވެ.
އޭގެ އަނެއް ދުވަހެވެ. އާދައިގެ މަތިން ފަރަންސީ ޓީޗަރެއް ކުލަހަށް އައުމުން ކުލާސް ކުދިން އަހަރެންނާ ދިމާކުރަން ފެށިއެވެ. ނަމަވެސް މިފަހަރު ތަފާތެވެ. އެހެން ފަހަރު ތަކުގައި ކަން ބަލަން އިންނަ ލުޔޫނާ އާއީ ޝާއިނާ ވެސް ދިޔައީ އަހަރެންނަށް މަލާމާތް ކުރަމުންނެވެ. ” އޭ ޖޫން ވަރަށް ފައްކާ ތަ އެ ބޭބެ ؟… ހެއްހެއްހެ.. ވަރަށް އަރާމު ލިބުނު ދޯ.. އަހަރެންނާ އެކު ކެރޭނެތަ ؟” ކުލާހުގެ އުޅޭ ފިރިހެން ކުއްޖަކު އެހެން ބުނުމުން ލުޔޫނާ ބުނެލިއެވެ. ” އައްޗީ ޒެއިން ދައްކާ ވާހަކަ.. އެކަހަލަ މުޑުދާރު އަންހެނުން ކޮންމެ މީހަކާ އެކު ވެސް އެހެން އުޅޭކަށް ފަހެއް ނުޖެހޭނެ ”
އަހަރެންގެ ކެއްތެރިކަން ކޮޅުންލިއެވެ. ލުޔޫނާ ދެކެ އަންނަމުން ދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ބޭނުން ވީ ލުޔޫނާގެ މޫނު ނޮޅާލުމަށެވެ. ނަމަވެސް އަތުގެ ހަމަލާއެއް ނުދެމެވެ. އަހަރެންވެސް ލުޔޫނާ ފަދައިން ބަހުގެ ހަމަލާ ދިނީމެވެ.
–ނުނިމޭ–
