މާޒީގެ ސަފުހާއެއް 2
މަންމަގެ ދެލޯ ބޮޑުވެގެން ދިޔަ މަންޒަރު އަހަރެންނަށް އަނދިރިކަމުގެ ތެރެއިން ފެނުނެވެ. ކުރިޔަށް ފިޔަވަޅެއް އަޅެން ނޭނގިފަ ހުރި އަހަރެންގެ މަންމައަށް ގޮވައިލީމެވެ. އެއާއެކު މަންމަ ސުވާލު ކުރީ އެއީ ކާކު ބުނި އެއްޗެއް ކަމާމެދުއެވެ.
“އެކަހަލަ އެއްޗެހިން ނުކިޔައްޗެ… އެއީ ހަޑި ކަމެއް” މަގުމަތީގައި ހުރެ އަހަރެންނަށް ނަސޭހަތް ދެމުން މަންމަ ކުރިއަށް ހިނގައިގަތެވެ. އެ ރޭގައި އަހަރެން ވަރަށް ހަމަޖެހިލައިގެން ނިދާލީމެވެ.
އާ ދުވަހަކަށް އިރު އެރީއެވެ. ނަމަވެސް މިޔަދު އަހަރެން ފެންކުޅި ކުޅޭކަށް ނުދަމެވެ. ރަހުމަތްތެރިން އަހަރެން ނުގޮސްގެން ބަލާ އަންނާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް ކަން ވީ އެހެންނެއް ނޫނެވެ. މަގުމަތީގައި ފެންކުޅި ކުޅޭ މީހުން އުޅޭތީވެ އަހަރެން ބޭރަކަށް ނުނިކުންނަމެވެ. މުޅި ދުވަސް ހޭދަ ކޮއްލީ ޓީވިން ފޮނުވަމުން ދިޔަ ކާޓޫނުތައް ބެލުމުގައެވެ. ހަމައެގޮތަށް ޢީދުގެ އެންމެ ފަހު ދުވަސް ވެސް ހޭދަކޮއްލީމެވެ.
އަނެއް ދުވަހެވެ. މޫސުން ރީތި އުޑުމަތި ސާފު ދުވަހެކެވެ. ހެނދުނު ހެނދުނާ އަހަރެން ދިޔައީ މާމަ ގެއަށެވެ. އެއީ މޫދަށް ދިޔުމަށް ނިންމާފައި ވާތީއެވެ. ހެނދުނުގެ ނާސްތާއަށް ފަހުން މަންމަ ވެސް ކޮއްކޮ ހިފައިގެންއައެވެ. އެއިރު މޫދައް ދިޔުމަށް އެއްޗެހިން ތައްޔާރު ކުރުމަށް އަހަރެން މާމައާއި ދޮންތައަށް އެހީތެރިވަމުން ދިޔައީމެވެ.
ވާންޖެހޭ ތައްޔާރީތައްވެ ނިމުމުން އަހަރުމެން އަތިރިއަށް ދިޔައީމެވެ. ދަތުރު ދާން ނިންމީ ކައިރީގަ އޮތް ފަޅު ރަށަށްށެވެ. އެހެން ކަމުން ޑިނގީއަށް އަރާ ފަޅު ރަށަށް ފަޅުރަށާ ދިމާއަށް މިސްރާބު ޖެހީމެވެ. މޫދުގެ ލޮނުގަނޑު ސާފުކަމުން ގޮސް ލޯގަނޑެއް ފަދައެވެ. މަސްމަހާ މެހިތައް މޫދުތެރޭގައި ރޭސް ޖަހަމުންދާ މަންޒަރު އަހަރެންނަށް ފެންނަމުން ދިޔައެވެ. އުޑެއް ފަޅެއް ވަތްކެއް ނުވެއެވެ. ޑިންގީ އެއްގައި ދަތުރު ފެށުމާއެކު އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ހަޔާތައް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއް ނުވާ އަހަރެން ދަތުރުގެ މަޖާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރީމެވެ. ރަށަށް އެނބުރި އައީ ހަވީރު 3 ޖަހާ އުޅެނިކޮށެވެ.
ގެއަށް އައި ގޮތަށް އަހަރެން ފެންވަރާ ސާފުތާހިރު ވެލީމެވެ. އޭރު އަހަރެންނެކޭ ޒޮމްބީ އެކޭ ތަފާތެއް ނެތެވެ. މުށިގަނޑު މަތީގައި ދެފައި ކާތަމުން ގޮސް ސިޓިންރޫމުގަ ހުރި ސޯފާއަށް ވެއްޓިގަތީމެވެ. އެއްފަރާތުގައި އޮތް ރިމޯޓު ނަގާ ޓީވީ އަޅުވާލަމުން ކާޓޫނު ބަލަން ފެށީމެވެ.
5 ޖަހާ 5:30 ކަންހާއިރު
ލުޔޫނާ އާއި ޝާއިނާ އަހަރެންނަށް ގޮވާލި އަޑަށް އަހަރެން ބޭރަށް ނިކުތީމެވެ. އެ ދެމީހުން އައިސް ދިން ހަބަރާއެކު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ” އެއީ ތެދެއްތަ ؟… އެ ބޭބެ ހަމަ އަސްލައް ވެސް ޖޫން އާ ބެހުނުތަ ؟” ނިކަން ހިނިއައިސް ހުރެ ލުޔޫނާ އަހަރެންނާ ސުވާލު ކޮށްލިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރުވާލީމެވެ. ” އެއްކަލަ ދުވަހު އީދު ކުޅެން ނިކުމެފަ ދެން ފަހަކުން އަހަރެން ނުނިކުންނަން” އަހަރެންގެ ޖަވާބާއެކު ޝާއިނާ އެކަމަށް އެއްބަސް ވެލިއެވެ.” އެ ބުނާހެން ޖޫން ނުނިކުމޭ… ދެން ހަފްސާތަ ކީއްވެ އެހެން އެންމެން ކާރި އެ ކިޔަނީ” ޝާއިނާ އެހެން ބުނުމުން އަހަރެން ވެސް ހުރީ ސުވާލު އުފެދިފައެވެ.” ދެން ކޮންމެ އެއްޗެއް ކީނަމަވެސް މިހާރު ޖޫން ގެ ވާހަކަ ރަށު އެންމެންގެ ތުންތުން މަތިން ދެކެވެމުން އަންނަނީ… އަތިރީގައަތިރީގަ އިން ޖޫންގެ މަންމަ ކައިރީ ހަފްސާތަ އިން އެ ވާހަކަ ކިޔަން.. އަހަރުން ވެސް މި އައީ އަޑު އިވިގެން ދެން އަހަރުން ދަނީ” އެހެން ބުނެ ލުޔޫނާ އަދި ޝާއިނާ ދިޔައެވެ.
ލުޔޫނާ ދެއްކި ވާހަކަ ތަކުން އަހަރެން ހިސާބަކަށް ޖެހިލުން ވިއެވެ. އެއީ މަންމައަށް ރުޅި އަތުވެއްޖެ ނަމަ ވާނެ ގޮތް އެނގޭތީއެވެ. އަހަރެން ގެ ޅަސިކުނޑިއަށް ވެގެން މިއުޅެނީ ކަހާ ވަރެއްގެ ކަމެއްކަން ނޭނގި ގޮސް ހަމަޖެހިލައިގެން ކާޓޫނު ބަލަން އިށިންނީމެވެ.
” ޖޫން!!!!!”
އިވިގެން ދިޔައީ މަންމަގެ ރުޅިވެރި އަޑެވެ. އަހަރެން އެއްޗެކޭ ނުބުނެވިގެ އެޅެނިކޮށް މަންމަ ގޮސް ބޭރުގައި ހުރި އިލޯޝިފަތި ހިފައިގެން އައެވެ. އަދި އަހަރެން ގެ ފަޔުގައި ޖެހިއެވެ. ފަޔުން ނެގި ދިލަ ތަދަކުން އަހަރެންނަށް ކޮޅަށް ތެދުވުނެވެ. އެއާއެކު ކަންކަށި މައްޗައް އަރައިގެން ދިޔައީ މަންމަގެ އަތުގެ ހޫނު ހަމަލާއެކެވެ. ޖެހިލެ ބާރުކަމުން އަހަރެން ވެއްޓުނީ މުށިގަނޑު މައްޗަށެވެ. ވީ ތަދެއްގެ ބޮޑުކަމުން އަޑުން އަޑަށް ނަގާ އަހަރެން ރޯންފެށީމެވެ. ނަމަވެސް މަންމަގެ ފަރާތުން ލިބެމުދިޔަ އަނިޔާ ތަކަށް ބަދަލެއް ނާދެއެވެ.
މަންމަގެ ފަރާތުން ލިބުނު އެންމެ ފަހު ހަމަލާއަކަށްވީ އިލޯޝިފަތީގެ ބުޑުން އަހަރެންގެ ބުރަކަށިގައި ހޭހުއްޓޭވަރަށް ޖެހުމެވެ. ނަމަވެސް އެއަށްވުރެ އަހަރެންނަށް ތަދުވީ މަންމަގެ އަނގައިން ނިކުތް ބަސްތަކުންނެވެ. ” ޖޫން ފިރިހެނަކާއެކު މަސްތުވާ ތަކެތި ބޮއެގެން އަމަލުވެފަ އެބައޮތޭ މީހަކު ދޮގު ހަދައިގެން ބުންޏަސް އަހަރެން ގަބޫލު ކުރާނަން” މި ބަސް ތަކުން އެހެން މީހަކަށް އަސަރު ނުކުރި ނަމަވެސް އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. ހީވީ ކޮށި ވަޅިއަކުން އަހަރެންގެ ހިތް ފޮތި ފޮއްޗަށް ކަފާލި ހެންނެވެ. މަންމަގެ އިތުބާރު މުޅި އުމުރަށް ގެއްލުނީއެވެ.
މަންމަ ކޮޓަރިއަށް ދިޔުމާއެކު މުޅި ގޭތެރޭގެ މަރެއްފަދަ ހަމަހިމޭންކަން ފެތުރިގެން ދިޔައެވެ. މުށިގަނޑު މަތީގައި ބަންޑުން އޮތް އަހަރެން ހިތްވަރު ކުރަމުން ތެދުވީމެވެ. ނަމަވެސް ހިނގޭގޮތެއް ނުވިއެވެ. އެހެންކަމުން ސޯފާގައި އަތް ވިއްދަމުން ކޮޅަށް ތެދުވީމެވެ. ފާރުގައި އަތް ޖައްސަމުން އަހަރެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލީމެވެ.
ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ ސޫރައަށް ބަލަން އިނީމެވެ. މޫނުގެ އެއް ފަޅި އެއްކޮށް ވަނީ ދުޅަވެފައެވެ. ދެލޯ ރަތްވެފަ ވާއިރު ލޮލުން ކަރުނަ ނުހިކެއެވެ. އަތުގެ އެކި ތަންތަން ވަނީ ނޫފާގަނެފައެވެ. ކޮޅަށް ހުންނާނެ ވަރު ނެތުމުން އަހަރެން އިނީ ލޯގަނޑު ކުރިމަތީގައި އިށީނދެގެނެވެ. މުޅި ކޮޓަރީގައި އަހަރެންގެ ގިސްލުމުގެ އަޑު ރަސްކަން ކުރަމުން ދިޔައެވެ.
–ނުނިމޭ–
