މާޒީގެ ސަފުހާއެއް 1
ނޯޓު : މި ވާހަކަ އަކީ ހަގީގީ ވާހަކައެއް ނަމަވެސް ނަމާއީ އުމުރު އެ ވަނީ ބަދަލު ކުރެވިފައެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ޙަޔާތުގެ ވަކި ހިސާބަކުން ކޮންމެ މީހަކު ވެސް އިމްތިހާނުތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެކިމީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އަހަރެންނަށް ވެސް ކުރިމަތިލާން ޖެހުނެވެ. އުމުރުން 9 އަހަރުގައެވެ. ރަނގަޅު ރަހުމަތްތެރިން ހިޔާރުކުރުމުގެ ބަދަލުގައި ގޯސް ރަހުމަތްތެރިން އިޙްތިޔާރު ކުރުމުންނެވެ.
“ޒިނޭ” ފިޤުހުވެރިންގެ އިޞްޠިލާޙުގައި ޒިނޭއަކީ ޝަރުޢީ ކައިވެންޏަކާ ނުލައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިނގުމެވެ. މާތްވީ އިސްލާމް ދީނުގައި ޒިނޭކުރުމާއި ބަދުއަޙްލާޤީ ޢަމަލުތަކަކީ ދީނުގައި ޙަރާމް ކުރައްވާފައިވާ ފާފަތަކެކެވެ. ބުނަން މި އުޅެނީ އަހަރެން ޒިނޭކުރި ވާހަކައެއްނޫނެވެ. ގޯސް ރަހުމަތްތެރިން އިޙްތިޔާރު ކުރުމުން އަހަރެންނަށް ލިބުނު ގެއްލުމެވެ.
2015 ސެޕްޓެމްބަރު 24 ވަނަ ދުވަސް
އަޟްޙާ އީދުގެ 2 ވަނަ ދުވަހެވެ. ރަށުތެރޭގައި އަހަރެންގެ އުމުރުފުރާގެ ކުދިން ދިޔައީ ފެންކުޅި ކުޅެމުންނެވެ. ހަމަ އެހެންމެ ބޮޑެތި މީހުން ވެސް މެއެވެ. އަހަރެން ވެސް އެކަމުގެ ފޯރި ނަގަމުން ދިޔައީއެވެ. އެކުވެރި ލުޔޫނާ ، މަލްސާ ، ޝާއިނާ އެކުގައެވެ. ފިރިހެނުންގެ އަތްދަށުން ސަލާމަތް ވެގެން ދުވަމުން ދުވަމުން ގޮސް އާދެވުނީ ރަށުގެ ދެކުނު ފަރާތަށެވެ. އެ ސަރަޙައްދުގައި އުޅޭ މީހުން ބޭރަށް ނިކުންނާނީ ހާލަކުން ފަހަރަކުއެވެ. ކީވެކަމެއް ނޭނގެއެވެ. ދެން ކޮންމެއަކަސް އަހަރުމެން އަތިރިމައްޗަށްދާން ހިނގައިގަތީމެވެ. މޫދަށް އެރުމުގެ ނިޔަތުގައެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ މުސްކުޅި އުމުރުފުރާގެ ފިރިހެނަކު އަހަރުމެންނަށް ގޮވާލިއެވެ. ” ބޭބެ ކާރިއަށް އައިސް ބަލާށޭ ” ބުނަމުންނެވެ. މުސްކުޅި މީހަކު އެހެން ގޮވައިލުމުން މަޑުނުކޮށް އަހަރުމެންނަށް ދާކަށް ނުކެރުނެވެ. އެހެންކަމުން ގޮސް އެ ބޭބެ ކައިރީ މަޑުކުރީމެވެ. ބޭބެ ގާތު ގޮވައިލީ ކޮން ބޭނުމެއްގަތޯ އެހީ ޝާއިނާއެވެ. ޖަވާބަކަށް ބޭބެ ބުނީ ” ބޭބެ އާއެކު ޖިންސީ ގުޅުން ހިންގުމަ” ށެވެ. ބޭބެ ބުނި ބަހުގެ މާނާ ރަނގަޅަށް ދޭހަ ނުވި ނަމަވެސް އެ ބުނީ ގޯސް އެއްޗެއްކަން އެނގުމުން އަހަރުމެން އަވަހަށް އެތަނުން ދިޔައީމެވެ. ނަސީބު ރަނގަޅީ ކަންނޭނގެއެވެ. އެ ބޭބެ މުސްކުޅިކަމުން ހަލުވިކޮށް ހެލިފެލި އުޅެން ދައްޗެވެ. އެހެން ނޫންނަމަ އެ ބޭބެ އަހަރުމެން ދިޔަކުނުދިނީސްއެވެ.
މޫދު ތެރޭގައި މަޖާ ކުރަން ތިބުމަށް ފަހު އަހަރުމެން އެއްގަމަށް އެރީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ސާފު ރީތި ދުވަހެކެވެ. ޖެހިލާ މަޑު ވައިރޯޅިތަކުން ހަށިގަނޑަށް އަރާމު ލިބެއެވެ. ނަމަވެސް މޫދުގައި ގިނަވަގުތު ހޭދަ ކުރުމުން އަހަރެންގެ ދަތްދޮޅި ތެޅެމުން ދިޔައެވެ. ސޯސަން މަގުން އަހަރެމެން ގެއަށްދާން ނިންމީ ގެޔާއި ދުރުކަމުންނެވެ.
ސަކަރާތް ޖަހަމުން އަހަރުމެން ހިނގާފައި އަންނަނިކޮށް އެއްކަލަ ބޭބެ އަހަރެންނަށް ފެނުނެވެ. އެހެންކަމުން އަވަހަށް ރައްޓެހިންނަށް ދެއްކީމެވެ. ލުޔޫނާއަށް އެ ބޭބެ ފެނުމުން ބުނެލީ ” ބަލާއެއްނު ދެން މީ” މި ބަސް ތަކެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ހަޑިއެއްޗެހިން ކިޔުމަކީ އަހަރެންގެ ރަހުމަތްތެރިންގެ އާދައެވެ. އަހުލާގީ ފެންވަރު އެހާމެ ދަށެވެ.
ހިތާއި ހިތުން އެ ބޭބެއަށް އަހަރުމެން ނުފެންނާނެ ކަމަށް ދުޢާ ކުރަމުން އަހަރެމެން ހިނގައިގަތީމެވެ. ނަމަވެސް ކަން ވީ އެހެންނެއް ނޫނެވެ. އެ ބޭބެއަށް އަހަރުމެން ފެނުނެވެ. އެއާއެކު އެކި ކަންކަމަށް އެދެން ފެށިއެވެ. ބޭބެ ބުނި ބައެއް ބަސްތަކުގެ މާނާ ނޭނގުނު ނަމަވެސް އަހަރުމެން އަވަހަށް އެތަނުން ދިޔައީމެވެ. ގެއަށް ދިޔުމުގެ ކުރިން ލުޔޫނާ އަހަރުމެން ގާތުން އެދުނީ މައިންބަފައިން ގާތު އެ ވާހަކަ ނުދެއްކުމަށެވެ. މަލްސާ އާއި ޝާއިނާ ވެސް އެކަމަށް އެއްބަސް ވުމުން އަހަރެން ވެސް އެއްބަސްވެލީމެވެ.
ކަޅުފޮއި ރެއެކެވެ. ނަމަވެސް ރަށުތެރެ ވަނީ ހަލަބޮލިވެފައެވެ. 9 ޖަހާއިރު ފެށޭ ސްޓޭޖު ޝޯ ފެށިފަ ވާތީ މިޔުޒިކުގެ އަޑު ވަނީ މުޅިރަށުގެ ހަމަހިމޭންކަން ނަގާލަފައެވެ. ދެ ޖިންސުގެ ޒުވާނުން މަގުމަތީގައި ސައިކަލު ބުރު ޖަހަން ނިކުމެ އުޅެއެވެ. ދުވާލުގެ ވަގުތު ތަކުގައި ކުލަޖަހާހެން ރޭގަނޑުގައެއް ނުޖަހާނެއެވެ. އޭގެ ބަދަލުގައި އުނގުޅަނީ ޑިސްކޯއެވެ.
މާމަގެ ގެއިން އަހަރެން މަންމަ އާއެކު ނިކުތީ ނިދަން ގެއަށް ދިޔުމަށެވެ. މަގުމަތީ ކިރިޔާ ވެސް އަލިކަމެއް ވަނީ އެއްފަރާތުގައި ހުރި ހޮޅި ދަނޑީގައި ހަރުކޮށްފަވާ ބޮކިންނެވެ. އަނދިރި ތަންތަން ދެކެ އިންތިހާއަށް ބިރުގަންނަ އަހަރެން ހިނގަމުން ދިޔައީ މަންމަގެ ހެދުމުން ފަސްބައިގަ ހިފުއްޓައިގެން ހުރެއެވެ. ” މަންމާ އަތުން ހެލުމަކީ ކޯޗެއްތަ؟” އެއްކަލަ ބޭބެ ކީ ބައެއް އެއްޗެހިން ހަނދާން ހުރުމުން އަހަރެން ސުވާލު ކޮއްލީމެވެ.
މަންމަގެ ދެލޯ ބޮޑުވެގެން ދިޔަ މަންޒަރު އަހަރެންނަށް އަނދިރިކަމުގެ ތެރެއިން ފެނުނެވެ. ކުރިޔަށް ފިޔަވަޅެއް އަޅެން ނޭނގިފަ ހުރި އަހަރެންގެ މަންމައަށް ގޮވައިލީމެވެ. އެއާއެކު މަންމަ ސުވާލު ކުރީ އެއީ ކާކު ބުނި އެއްޗެއް ކަމާމެދުއެވެ.
–ނުނިމޭ–
