“އާނިމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން ޚަދީޖާދައްތަގެ ފަރާތުން އަހަންނަށް އެނގުނު…އަހަރެންގެ ފަރާތުން އެއްވެސް މީހަަކާ ހަމައަށް ވާހަަކައެއް ފޯރަފާނެތީ ޖެހިލުންވާކަށް އާނިމް ނުޖެހޭނެ….އަހަންނަށް އިތުބާރުކުރެވޭނެ…އާނިމް ހިތަށްއަރާފާނެ ނުދަންނަ މީހުން ގާތު މަންމަ އާނިމްގެ ވާހަކަދައްކަނީއޭ…އެކަމަކު އެހެންހީނުކުރާތި….އެހާލަތުގަ އެއީ ކޮންމެމީހަކަށްވީނަމަވެސް ހިތުގައިވާ އުދާސްތައް ކިޔައިދީ ބޭރުކުރަން ބޭނުންވާނެ ހަމަކޮންމެ މީހަކުވެސް…އަހަންނަށް އިނގޭ ޚަދީޖާދައްތަވެސް އެދައްތަގެ ހުރި ހަމައެކަނި އަދި ނުހަނު ލޯބިވާ ދަރިފުޅުގެ ގޯސްވާހަކަ މީހުންކައިރި ދައްކަން ބޭނުންނުވާނެކަން…އެކަމަކު އެދުވަހު އެދައްތަގެ ހިތަށް ބަރުދާސްތު ނުކުރެވުމުން އަހަންނާ އެވާހަކަތައް ހިއްސާކުރީ…އެހެންވީމަ މަންމައަށް ހިތްބުރަ ނުކުރާތި އާނިމް….އަހަރެން އާނިމްގެ ޒާތީ ހަޔާތާ ބެހެނީއެއް ނޫން…އެކަމަކު އާނިމް ބޭނުންނަމަ އަހަރެން މިހުރީ ތިކަމުން އާނިމް ސަލާމަތްކޮށްދޭން އިންޝާﷲ” ޝައިނާ ދެރަވެލާފައި ބުނެލިއެވެ.
“އާނިމް ބޭނުންނަމަ އަހަންނާ ހުރިހާ ވާހަކައެއްވެސް ހިއްސާކުރެވޭނެ…މީ ސިއްރުހިފެހެއްޓޭނެ މީހެއް އިންޝާﷲ” ޝައިނާ އިތުރަށް ބުނެލިއެވެ.ޝައިނާ އެހެންބުނުމުން އިސްދަށަށް ޖަހައިގެން އިން އާނިމް، ދެލޯފުހެލުމަށްފަހު ޝައިނާއަށް ބަލައިލިއެވެ.އޭނާވެސް ބޭނުންވަނީ އޭނާގެ ހިތުގައި އުުފެދިފައިވާ ވޭންތަކާއި އުދާސްތައް މީހަކަށް ކިޔައިދީގެން ނަމަވެސް ހަށްޓައް ލުޔެއް ހޯދުމެވެ.ވަގުތުކޮޅަކަށް ޝައިނާއާ ދިމާލަށް ބަލަންއިނދެ އޭނައާ މެދު އާނިމް ފިކުރުކޮށްލިއެވެ.
ޝައިނާއަކީ ރަނގަޅު ޒުވާނެކެވެ.އޭނާގެ މަންމަ ސަލާމަތްކޮށްދިން މިޒުވާނާއަށް ކިތަންމެ ޝުކުރެއްވެސް ހައްގުކަން ޚުދު އާނިމްވެސް ގަބޫލުކުރެއެވެ. “އަހަރެން މަޖުބޫރެއް ނުކުރަން އިނގޭ…ފީލް ފްރީ ހަމަ ކިޔައިދޭން…އާނިމް ބޭނުންނުވަންޏާ އިޓްސް އޯކޭ ކިޔައިނުދިނަސް…އެކަމަކު ޝައިނާގެ ނަސޭހަތަކީ ޚަދީޖާ ދައްތައަކީ އުމުރުން ދުވަސްވެފައިން މީހަކަށްވެސް ވާތީއާއެކު، އަދި އެއީ އާނިމްގެ މަންމަ ކަމުގައި ވާތީ އެދައްތަ ހިތުގަ ނުޖެއްސުމަށް….އަހަންނަށް އިނގޭ އާނިމް މަންމަދެކެ ލޯބިވާކަން…އެހެންނޫންނަމަ މިއަދު ހާސްވެހުރެ އާނިމް ގެއަކަށް ނުވަންނާނެ އަދި އަހަރެން ޚަދީޖާދައްތަގެ ވާހަކަ ކިޔައިދިންއިރު ހިތާމައެއްވެސް ނުކުރިސް” އާނިމް އަނގައިން ނުބުނެ ޝައިނާއަށް ބަލަންއިނުމުން، އޭނާ ވާހަކަ ހިއްސާކުރަން ބޭނުންނުވާކަމަށް ޝައިނާ ނިންމިއެވެ.
“އަހަރެން ބުނިންދޯ އެހާ ގިނަވަގުތެއް ނުނަގާނަމޭ އާނިމް ދިޔަޔަސް ދެން އެންމެ ރަނގަޅު…އަހަރެންގެ ވާހަކަ އަޑުއެހީތީ ޝުކުރުވެރިން” ޝައިނާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. “އަހަރެން ކިޔައިދީފާނަން” ޝައިނާ ތެދުވުމުން އަވަހަށް އާނިމް ބުނެލިއެވެ.އާނިމްގެ އެބަހަށް ޝައިނާ އާނިމާ ދިމާލަށް ބަލައިލިއެވެ.އަދި އަނެއްކާވެސް ގޮނޑީގައި އިށީނެވެ. “އަހަރެންވެސް ބޭނުން މީހަކަށް އަހަރެންގެ ވާހަކަތައް ހިއްސާކުރަން” އާނިމް ބުނެލިއެެވެ. “ކިޔައިދީ އަހަރެން އަޑުއަހާނަން އިންޝާﷲ” ޝައިނާ އޯގާތެރިކަމާއެކު ބުނެލިއެވެ.
އާނިމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ހަޔާތާ ބެހޭގޮތުން ކިޔައިދޭން ފެށިއެެވެ. “އަހަރެން ސުކޫލު ނިންމާލީ ރަނގަޅު ނަތީޖާތަކާއިއެކު…ކިޔެވުން ފުރިހަމަކަމާއެކު ނިންމާލެވުނީ މައިންބަފައިންނާއި އޭރު ގެންގުޅުނު އެކުވެރިންގެވެސް ސަބަބުންނޭ ބުނެވޭނީ…އަހަރެން އޭރު ގެންގުޅުނު އެކުވެރިންނަކީ އަހުލާގު ރަނގަޅު ދީންވެރިބައެއް…މެދުމިނަށް ލޯބިކުރާ ބައެއް…އިސްރާފުކުރުމަށް ލޯބިނުކުރާ ބައެއް…އެމީހުންގެ ތެރޭގަ އެންމެ ތަނަވަސް މީހަކީ އަހަރެން…އެހެންވެ އަހަރެން އެމީހުންނަށް ހަދިޔާ ގަނެދީ އުޅެން….ދޭހަދިޔާތަކުގަ އެމީހުން ހިފިިއަސް އަގުބޮޑެތި އެއްޗެހި ނުގަތުމަށް އެމީހުން އެދޭ…އެއީ އިސްރާފުކަމުގައި އެމީހުން އަހަންނަށް ނަސޭހަތްތެރިވޭ…އަހަރެން ކިތަންމެ ތަނަވަހަސް އެމީހުން ދުވަހަކުވެސް އަހަރެންގެ ތަނަވަސްކަމާބެހޭގޮތުން ވާހަކަދައްކާ ތައުރީފުކޮށެއް ނުހަދާ…ދުނިޔަވީ މުއްސަނދިކަމަކީ އެމީހުންނަށް އެއްވެސް އަގެއް ހުރިއެއްޗެއްނޫން…އެމީހުންގެ ކަމަކަށް އޮންނަނީ ދީނުގެ ވާޖިބުތައް އަދާކުރުމާއި އެކަކުއަނެކަކަށް ހެޔޮނަސޭހަތްދިނުން…އާޚިރަތާއި މަރާއިބެހޭގޮތުން އެކަކުއަނެކަކަށް ހަނދާންކޮށްދިނުން…ސަމާސައަށް ނަމަވެސް އެމީހުން ދޮގެއްނުހަދާ..އަހަރެންގެ މައިންބަފައިންނަކީވެސް ނަމާދަށް ފަރުވާތެރިބައެއްކަމުން އަހަރެންވެސް ބޮޑުވަމުން އައިއިރު އެންމެ ނަމާދެއްވެސް ނާޅަން…އެކުވެރިންވެސް ހަމައެފަދަ…އަހަރެމެން ބައެއްފަހަރު މަޖާކޮށް ހިތްހަމަޖައްސާލުމަށް މަސްބާނާށާއި ދަތުރުގޮސް ހަދަން…އެހެންދާ ދިއުމުގަވެސް އަހަރެމެން ދުވަހަކުވެސް ނަމާދެއް ނާޅަން….
ސުކޫލުގަަ އުޅުނުއިރު އެންމެ ބަސްއަހާ އަދި ކިޔެވުމަށް މޮޅުކުދިންގެ ތެރޭގަވެސް އަހަރެމެން ހޮވާލެވޭ….ކުލާހުގައްޔާ ސުކޫލުގެ މާހައުލުގަ އުޅޭ ވިޔާނުދާ ކުދިންގެ ބައިގަނޑުތައް އަހަރެމެންނާ ވަރަށް ދިމާކުރޭ…ތަފާތު ނަންނަމުން ގޮވާ އެކިކަހަލަ އުދަނގޫތައްވެސް ކުރޭ…އެއިން ކޮންމެކަމަކަށް އަހަރެމެން ކެތްކުރިން…ބަދަލުހިފެން އޮވެމެ އެކުވެރިންގެ ނަސޭހަތުގަ ހިފާ އެކަން ނުކޮށް ދޫކޮށްލިން” އާނިމް ކިޔައިދެމުން ގޮސް ވާހަކަ ހުއްޓާލިއެވެ. އަދި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ކޮންމެއަކަސް ދުވަސްތައް އެގޮތުގައި އަހަރެން ހޭދަކުރިން…އަހަންނާ އޮންނަ އެކުވެރިކަމުގެ ސަބަބުން އަހަރެންގެ އެކުވެރިން ގެއަށް އައިސްވެސް ހަދާ…އެމީހުން އެހެން އައިސް އުޅުމުގެ ތެރޭގަ މަންމައާ އެމީހުން ދިމާވެ އެމީހުންގެ ރަނގަޅުކަން މަންމައަށްވެސް އެނގުނު…އަހަރެންގެ އެކުވެރިންނާމެދު މަންމަ ވަރަށް ހިތްހަމަޖެހުނު….ދުވަސްތައް ފާއިތުވަމުންދާން ފެށި…އަހަންނަށް އެހެންމީހުން އުޅޭގޮތް ފެންނަންފެށި…ލަވަޖެހުމާއި މަޖާކުރުމުގަ އެންމެންވެސް އުޅޭތަން އަހަންނަށް ފެންނަން ފެށި…އެކަންކަމަށް އަހަންނަށް ގަޔާވެވެންފެށި…އަހަރެންގެ މައިންބަފައިން އަހަރެންބުނި ކޮންމެއެއްޗެއް ހޯދަދިނަސް ދުވަހަކުވެސް މިއުޒިކު ސާމާނެއް ނުގަނެދޭ…އަހަރެންގެ އެކުވެރިންނަކީވެސް ލަވައާއި މިއުޒިކާއި ދުރުބައެެއްކަމުން އަހަރެންވެސް އުޅުނީ އެކަމާ ދުރުގަ…ނަމަވެސް އެހެންމީހުން އެމީހުންގެ އެކުވެރިންނާއެކު ލަވަޖަހާ މަޖާކުރާތަން ފެންނާތީ އަހަރެންވެސް އެކަންކަން ކުރަން ބޭނުންވާންފެށި…ނަތީޖާއަކަށްވެގެންދިޔައީ އަހަރެންގެ އެކުވެރިންދެެކެ އަހަރެން ފޫހިވާންފެށުން..އެމީހުންނަކީ ނާތަހުޒީބު ބައެއްކަމަށް އަހަންނަށް ހީކުރެވެން ފެށުން” އާނިމް ކިޔައިދެމުން ދިޔައެވެ.
“އެއްދުވަހަކު އަހަރެންގެ ސުކޫލު މީހަކާ ދިމާވި..އޭނާއަކީ ވިޔާނުދާ ކަމަށް ސުކޫލުގަވެސް މަޝްހޫރުމީހެއް..އޭނާގެ ނަމަކީ ސޮފްވާން…ސޮފްވާން ފެނުމުން އަހަރެން އޭނައާ ވާހަކަދައްކަން ފެށި…އަހަންނަކީ އޭނާއާއެކު އެއްސުކޫލެއްގަ ކިޔެވިމީހެއްކަމަށް ބުނިން…އެދުވަހަށްފަހު މަޑުމަޑުން އަހަންނާ ސޮފްވާނާ ދެމެދު ރަހުމަތްތެރިކަން އުފެދި އެގުޅުން ބަދަހިވަމުންދިޔަ…ސޮފްވާނަކީ ދީންވެރި މީހަކަށް ނުވާތީ އަހަރެންގެ ދިރިއުޅުންވެސް މަޑުމަޑުން އޭނަގެ ދިރިއުޅުމާއި އެއްގޮތްވާން ފެށި….ދުވަހަކުވެސް ލަވަ އަޑުނާހާ މީހާ ލަވަ އަޑުއަހަން ފެށި…ފަހުގެ ލަވައެއް ނިކުންނައިރަށް އެލަވަ އަޑުއަހާ ނޫނީ ބަލާމީހުންގެ ތެރޭގަ އަހަރެމެންވި…
އާންމުގޮތެއްގަ ބޭރަށް ދިއުމަށް ސޮފްވާން އަހަންނަށް ގުޅަނީ ނަމާދުވަގުތުތަކަށް…އެހެންކަމުން އަހަރެން ފުރަތަމަ އުޅެނީ ނަމާދުކުރުމަށް…ނަމަވެސް އަހަރެން އެހެން ހަދާތީ ސޮފްވާން ހިތްހަމައެއް ނުޖެހުނު…އޭނާ މާގިނައިރު އަހަރެންގެ އިންތިޒާރުގާ ހުންނަން ޖެހެނީ ކަމަށްބުނެ ފަހުން ނަމާދުކުރުމަށް ސޮފްވާން އަހަރެން ގާތު ބުނި….ސޮފްވާންގެ އެބުނުމަށް އަހަރެން އިޖާބަދިނިން…ބަންގިގޮވިއަސް ފަހުން ނަމާދުކުރަން ހިތުލައިގެން ބޭރަށްދަނީ…ބޭރުތެރޭގަ މަޖާނަގަން ހަދައިގެން ނަމާދުގެ މަތިން ހަނދާންނެތި ވަގުތު ފަހަނައަޅާ ދަނީ..އެގޮތަށް އަހަރެން ނަމާދު އަޅަންފެށީ….
އަހަންނަށް ހެޔޮނޫން ބަދަލުތަކެއް އައިސްފިކަން އަހަރެންގެ ރަނގަޅު އެކުވެރިންނަށް ފާހަގަވެގެން އެކަމަށް ވަރަށް ނަސޭހަތްތެރިވި…ހަގީގަތުގަ ސޮފްވާނާ ދިމާވިފަހުން އެމީހުންނާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެހެންވެ އެމީހުންގެ އެވާހަކަތަކަށް އަހަރެންނަށް ސަމާލުކަމެއް ނުދެވުނު” އާނިމް ކިޔައިދެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Knme episode ehgaves mihunnani ginain beykaaru vaahaka liyefa adhi ehaa kuru