ފަތިހުގެ ފިނިފިނި ވައިރޯޅިތައް އައިސް ޔެލިންގެ އިސްތަށިގަނޑުގައި ބީހިލާފައި ދާއިރު ބަލާލަން ނުހަނު ހިތްގައިމެވެ. ކޮންމެ ވައިރޯޅިއެއްވެސް ބީހިލާފައި ދާގޮތުން ޔެލިންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އަދި އެ ފިޔާތޮށި ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވެގެންދެއެވެ. ޔެލިންއަކީ އުމުރުން 20 އަހަރުގެ ކުއްޖެކެވެ. ޔެލިންގެ ރީތިކަމަކީ އެ ރީތިކަމަށް ހުރިހާ ފިރިހެން ކުދިން ދީވާނާ ވެފައިވާ ފަދަ ރީތިކަމެކެވެ. އެ ކުޑަ ކުޑަ ދޮން ދޮން ވައް މޫނާއި، އެ ލޯބި ލޯބި ފިޔާތޮށި ތުންފަތާއި، އެ ބޮޑު ދެލޮލާއި، އެ މަޑު މުށިކުލައަށްދާ ކަޅިއާއި، އެދިގު އެސްފިޔަތަކާއި، ހިމަ ހިމަ ބުމައާއި ފެނިފައި މޮޔަވާ ފިރިހެން ކުދިން މަދެއްނޫނެވެ. ޔެލިން އަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެއް ކަމުން އޭނާގެ އިސްތަށިގަނޑު ވަނީ ފިރިހެނުންނަށް ފަރުދާ ވެފައެވެ. ނަމަވެސް އެ ކަޅު ދިގު ފަން އިސްތަށިގަނޑު އަދި އޭނާގެ ހަށިގަނޑުގެ ބައްޓަން ފެންނަ ފިރިހެނަކު މޮޔަވެދާނެއެވެ. ނަމަވެެސް ޔެލިން ލާ ގަޔަށް ދޫ ހެދުންތަކުން އޭނާގެ ހަވަރގްލާސް ބައްޓަންވަނީ ފިރިހެނުންނަށް ނިވައިވެފައެވެ. ޔެލިން އަކީ އެހެން ކުދިން ހެން އޭނާގެ ރީީތިކަމަށް ބޮޑާވެ ފަޙުރުވެރިވާ ކުއްޖެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަބަދުވެސް އެރީތިކަން އޭނާއަށް ދެއްވީތީއާއި އަދި އޭނާއަށް ރިވެތި އަޙުލާގު އުނގަންނަވައި ދެއްވީތީ އޭނާގެ މައިންބަފައިންނަށާއި ވެރި ރަސްކަލާނގެއަށް ޝުކުރު އަދާ ކުރެއެވެ.
ލައިކް އަކީވެސް ފަތިސްވަގުތު ބީޗްއަށް ނިކުމެލާ އެ ފިނިކަމާއި އެހިތްގައިމު ކަން އިހުސާސް ކޮއްލަން އަބަދުވެސް ހިތްއެދޭ ޒުވާނެކެވެ. އުމުރުން 23 އަހަރުގެ ލައިކްއަކީ އަންހެން ކުދިން އެންމެ ގަޔާވާކަހަލަ ހުުރިހާ ސިފަތަކެއް ލިވިގެންވާ ޒުވާނެކެވެ. އެ ކަޅުކަންގަދަ ކަޅިއާއި، އެ ފަން ކަޅު އިސްތަށިގަނޑާއި، އެ ކަސްރަތީ ހަށިގަނޑު ފެންނަ އަންހެން ކުއްޖަކު މޮޔަ ނުވެ ނުދާނެއެވެ. ހަމުގެ ކުލަ މަޑު މުށިކުލައެއްގައި ހުންނަ ލައިކް ގޮސް ހުއްޓިލީ ބީޗްގައި ހުރި ދިއްގާގަސް ދަށުގައެވެ. އެވަގުތު ލައިކް ލޮލުގައި އަޅައިގަތީ އެދިމާ ދޮން ވެލިގަނޑު މަތީގައި އެކަނިމާއެކަނި އިށީނދެލައިގެން އިން އަންހެން ކުއްޖާއަށެވެ. އެ އަންހެން ކުއްޖާއަކީ ވެސް ލައިކް އެކޭ އެއްފަދައިން ފަތިސް ވަގުތަށް ވަރަށް ލޯބި ކުރާ ކުއްޖެކޭ ލައިކް ހިތައް އެރިއެވެ. އަދި ހެނދުނުގެ ޒިކުރުތައް ކިޔާލަން ދިއްގާ ގަހުގައި އެލުވާފައި ހުރި ޖޯލިން ޖޯއްޔެއްގައި ލައިކް އޮށޯވެލިއެވެ.
ލައިކް އުފަން ރަށަށް އެއައީ މެލޭޝިއާގައި ޓްރެއިނިންގ ނިންމައިގެންނެވެ. ލައިކް އޯލެވެލް ނިންމި ގޮތަށް އޭނާ ކުޑައިރުއްސުރެވެސް އެންމެ ވާން ބޭނުންވާ ޕޮލިހަކަށް ވުމުގެ ހުވަފެން މިއަދު އެވަނީ ހަޤީގަތަކަށް ވެފައެވެ. ލައިކް އަކީ މިހާރު އޭނާގެ އުފަންރަށުގައި ހުރި ޕޮލިޝްޓޭޝަންގައި ހުރި އެންމެ މައްޗައް ކިޔަވައިގެން ހުރި އޮފިސަރ ވެސް މެއެވެ. ލައިކް ވަޒީފާއަށް ނިކުތީ އިއްޔެއެވެ. ލައިކްގެ ޓްރެއިންގ ޕާރފޮމެންސްތައް ރަނގަޅުވުމާއި އެކު ލައިކްއަށް ވަނީ އާދައިގެ ޕޮލިސް އޮފިސަރުންނަށް ވުރެވެސް މަތީ މަގާމެއް ދީފައެވެ. ނަމަވެސް މިކަމަކާއި ލައިކް ފޮނިވެ ބޮޑާވެ އެއް ނޫޅެއެވެ. އޭގެ ބަދަލުގައި އެހެން އޮފިސަރުންނެކޭ ވެސް އެއްފަދައިން ލައިކް ވެސް އެމީހުންކުރާ ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިވެއެވެ. ލައިކްއަކީ ވަރަށް މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ ޒުވާނަކަށް ވުމުން އެންމެންވެސް ލައިކްއާއި ވަރަށް އެކުވެރިއެވެ.
އިރުއަރަމުންދާ މަންޒަރު ފެނުމާއިއެކު ޔެލިން ތެދުވެ އެދިމާއަށް ދެއަތް ފުޅާކޮއް ހުޅުވާލާފައި ފުން ނޭވާއެއް ލިއެވެ. އެވަގުތު އެ ފިޔާތޮށި ތުންފަަތުގައި ލުއިލުއި ހިނިތުންވުމެއް ވިއެވެ. ހީވާގޮތުން މިވަގުތު ކޮޅަކީ އޭނާ އިންތިޒާރު ކުރަމުން އައި ވަގުތުކޮޅެވެ. ލައިކް އަށް މިމަންޒަރު ފެނިފައި އެދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެވުނެވެ. ލައިކް އަށް ޔެލިންގެ މޫނެއް އަދިވެސް ނުފެނެއެވެ. ފެނުނަސް ވެސް ލައިކްއަށް އެއީ ކާކުކަމެއް ނުވެސް އިނގޭނެއެވެ. އެހާ ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅެފައި އައުމުން ރަށުގައި އުޅޭ ލައިކް މެން އުމުރު ފުރާގެ ކުދިން ވެސް ލައިކް އަށް ވަކި ކުރަން އުނދަގޫވިއެވެ. ނަމަވެސް މި އަންހެން ކުއްޖާއަކީ ކޮން ކުއްޖެއްކަން ބަލާލަން ލައިކް ބޭނުންވެއްޖެއެވެ. އެކުއްޖާގެ އަމަލުތައް ހުރި ގޮތުން އެކުއްޖާއަކީ މިހާރު މިއުޅޭ އަންހެން ކުދިންހާ ފޮނި އަންހެން ކުއްޖެއް ނޫންކަން ލައިކްގެ ހިތައް އެރިއެވެ. އާންމުކޮއް މީހުން އިރުއަރާ މަންޒަރު ބަލަން އަންނަނީ އެވަގުތުގައި އެމަންޒަރު ފޮޓޯ ނަގާ ފޯނުގައި އެ ފޮޓޯތައް ރައްކާކުރުމަށެވެ. ނަމަވެސް މި އަންހެން ކުއްޖާ މި އަންނަނީ އިރުއަރާ ވަގުތުގައި އެ އަންނަ އިރުގެ ދޯދިތައް ގައިގައި ބީހުވާލަންތާއޭ ލައިކްގެ ހިތައް އެރިއެވެ. އެދިމާލަށް ދާން ނަގާލި ފިޔަވަޅާއި އެކު ލައިކް އަށް ހުއްޓެވުނީ ފަހަތުން މީހަކު ނުލަފާ ހިނިގަނޑެއް ޖަހާލުމުންނެވެ. ލައިކް އަށް އެއީ ކާކުކަން އިނގިއްޖެއެވެ. އެއީ ލައިކްގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޒިޔާންއެވެ. ޒިޔާންއަކީ ކުޑައިރުއްސުރެވެސް ލައިކްގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އަދި އަދާ ޖެހެންދެންވެސް އެދެމެދުގައިވި ރަޙުމަތްތެރިކަމަކަށް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ލައިކްއާއި ޒިޔާން އުޅޭލެއް ގާތްކަމުން އެއީ ރަޙުމަތްތެރިންހެންވެސް ހީނުވާނެއެވެ. އެއަށްވުރެ ބޮޑަށް ހީވާނީ އެއީ ކޮއްކޮއަކާއި ބޭބެއަކާއި ހެންނެވެ. ޒިޔާން އަކީ ވެސް ރަށު ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް އޮފިސަރއެކެވެ. ނަމަވެސް ޒިޔާން ޓްރެއިނިންގ ހެދީ މާލެއިންނެވެ. ލައިކް އިތުރަށް އެދާއިއާއިން ކިޔަވައިން ޓްރެއިނިންގ ހަދަން ބޭނުންވާތީ ލައިކް ދިޔައީ މެލޭއަށެވެ.
ޒިޔާން އައިސް ލައިކްގެ ކޮނޑައް އަތްވައްޓާލައިފައި ލާނެއްފާޑަކަށް ބުންޏެވެ. “މިހާރު މަގޭ ސޮރު ބޮޑުވެސްވީދޯ!” ލައިކްއަށް ޒިޔާން އެބުނީ ކީކޭކަން ވަރަށް ރަނގަޅަށް އެނގުނެވެ. އަދި އުޅަނބޮށިން ޒިޔާންގެ ބަނޑުގައި ޖަހާލާފައި އަހާލިއެވެ. “އެއީ ކޮން ކުއްޖެއްކަން އިނގޭތަ ޒެމިން އަށް؟” ޒިޔާން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ބުންޏެވެ. “އެއީ ޔެލިން، ވަރަށް ރަނގަޅު ކުއްޖެއް އެއީ. އެހެން އަންހެން ކުދިންނާ ހާސްބައި ތަފާތުވާނެ ބަލާ ބެލުމަށްވެސް އަދި އަޙުލާގުވެސް.. މިރަށު ހުރިހާ ފިރިހެން ކުދިން ތިބެނީ މޮޔަވެފަ ޔެލިން އާއި ހެދި.. ފިރިހެން ކުދިންގެ އުނދަގޫ ބޮޑު ކަމުން ގޭންވެސް ވަރަށް ނުނިކުންނާން އުޅޭނީ.. 20 އަހަރުގެ ކުއްޖެއް އެއީ.. އެންމެ 3 އަހަރުގެ ތަފާތު.. ހެހެ.. ލައިކްއާއި ވަރަށް ގުޅޭނެ ޔެލިން.” ލައިކް ފާޑަކަށް ނިތް އަރުވާލާފައި އެހިއެވެ. “ޒެމިން ވެސް އަނެއްކާ ޒިޔާއާއި ދިމައެއް ނޫން ދޯ ބަލަނީ، ޒެމިން ވެސް ޔެލިންގެ ފަހަތުން ވެސް ދުވަން ދޯ! ހެހެ..” “ހެހެ..ނޫނޭ އަހަރެންނަށް އަހަރެންގެ ޒިޔާއިން އެކަނިވެސް ފުދޭ، ޔެލިން އެއީ ޒިޔާގެ ބެސްޓްފްރެންޑް. ހެހެ.. އެހެންވެ އަސްލު މަށަށް ޔެލިންއާއި ބެހޭ އެހާ ގިނަ މައުލޫމާތު ލިބިފަ މިހުރީވެސް.. ޔެލިން އަށްވެސް އިނގޭނެ މަގޭ، އެކަމު އަހަންނަކާ ވެސް އެހާ ވާހަކަ ދައްކައެއް ނުހަދާނެ.. މިއަދު ހަވީރު އެކަމް ވާނެ ލެކް ވެސް ދިމާވެލަން ޔެލިންއާއި، އަހަރުމެން މިއަދު ހަވީރު ޖޫގޯ ބޯން ދާން ކިޔައިން މިއުޅެނީ، މިބުނީ މަށާއި ޒިޔާއާއި، އެކަމް މިފަހަރު ގުރޫޕް ބޮޑުކޮއްލާނީ ދޯ، ޒިޔާގެ ބެސްފްރެންޑް އެންޑް މަގޭގެ ބެސްޓްފްރެންޑް ވެސް ގޮވައިގެން ދާނީ.. އޯކޭ ދޯ ބްރޯ!” ޒިޔާން އެއްލޯ މަރާލުމަށްފަހު ލައިކް ގާތު ބުންޏެވެ. ލައިކް ފާޑަކަށް ބޯ ކަހާލައިފައި ހޫމް އެކޭ ބުންޏެވެ.
ޔެލިން އެގޮތަށް 10 ވަރަކަށް މިނެޓް ހުރުމަށްފަހު ހިތްފުރޭވަރުވުމުން ގެއަށްދާން އެނބުރުން ވަގުތު ދިއްގާގަސް ދޮށުގައި ހުރި ޒިޔާން ފެނުނެވެ. އަދި ޒިޔާން ކައިރީ ފޯނަށް ބަލަހައްޓައިގެން ހުރި ލައިކް އެވަގުތު އޭނާ ލޮލުގައި އަޅައިގަތެވެ. ޔެލިންގެ އުމުރުން 20 އަހަރުވީއިރުވެސް ޔެލިން އަދި އަދަށްވެސް ފިރިހެން ކުއްޖަކާ ލޯބީގެ ގުޅުމެއް ނުބާއްވައެވެ. އަދި ރައްޓެއްސެއް ގޮތުގައިވެސް ފިރިހެން ރަޙުމަތްތެރިން ނުގެންގުޅެއެވެ. ނަމަވެސް މިފަހަރު އޭނާއަށް ލައިކްއާއި ދިމަ ބަލާލަން މަޖުބޫރުވީ ކޮން ބާރަކުން ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ކުއްލިއަކަށް ޔެލިންއަށް ތެޅިގަނެވުނީ ޒިޔާން އަތް ހޫރާލަމުން ހައި ޖަހާލީމައެވެ. އަދި ވަގުތުން ނުވާ ކަމަށް ހަދާފައި އޭނާވެސް ރައްދުގައި ހައި ޖަހާލިއެވެ. ލައިކް އަށް އެ އަޑުއިވުމުން އެދިމާލަށް ބަލާލެވުނެވެ. އަދި ކުރިމަތިން ފެންނަމުންދާ ހޫރު ޕަރީއެއްފަދަ ރާނީއާއި ދިމަ ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. ލައިކްއަކީވެސް ޔެލިންއެކޭ އެއްފަދައިން އަދި އަދަށްދާންދެންވެސް ކުއްޖަކާ ލޯބީގެ ގުޅުމެއް ބާއްވާފައި ނުވާ ޒުވާނެކެވެ. ޔެލިންއާއި ހިލާފަށް ލައިކް އޭނާ އެބޭނުންވާ ރަނގަޅު އަޙުލާގު ހުރި ކުއްޖަކު ލިބޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަދި އަދައްދާންދެންވެސް ލައިކްއަށް އޭނާ އެބޭނުންވާ ސިފަތައް ހުރި ކުއްޖަކު ނުފެނެއެވެ. ދުނިޔޭގައި ބަލާލަން ރީތި ކިތޭ ކުއްޖަކު ލިބިދާނެއެވެ. ނަމަވެސް އަޙުލާގު ރަނގަޅު ކުއްޖަކު ލިބޭނީ ވަރަށް މަދުންނެވެ. ޒަމާން ބަދަލުވަމުންދާ ވަރަކަށް ކުދިންގެ އަޙުލާގީ ފެންވަރުވެސް ދަނީ ދައްވަމުންނެވެ. ނަމަވެސް މިއަދު ޔެލިން ފެނުމާއިއެކު ލައިކްގެ ހިތް ހުއްޓުން ކަހަލައެވެ.
ޔެލިން ގެއަށްދާން އޮންނަ މަގު އޮންނަނީ އެ ދިއްގާ ގަހާ ދިމާލުން ކަމަށް ވުމުން ޔެލިންގެ ހިތް އިތުރަށް ތެޅިލިއެވެ. ނަމަވެސް ލައިކްއާއި ދިމަ ރަނގަޅަށް ބަލާލަން ބޭނުންވާތީ ޔެލިން ކުރިއަށް ދާން ހިނގައިގަތެވެ. ޔެލިން ހިނގަމުން ދިޔައިރުވެސް ބެލެމުން ދިޔައީ ލައިކްއާއި ދިމައެވެ. ޒިޔާން ހުރީ އެދެމީހުންގެ އެ ރޮމޭންޓިކް މަންޒަރު ފެނިފައި ހިނިގަނޑު ހިފަހައްޓައިލައިގެންނެވެ. ޔެލިން ލައިކްއާއި އަރާ ހަމަވުމުން ޒިޔާން އަހާލިއެވެ. “ޔެލިން ދަނީތަ!” ކުއްލިއަކަށް ޔެލިންއަށާއި ލައިކްއަށާއި ދެމީހުންނަށް އެއްފަހަރާ އެދިމާ ބަލާލެވުނެވެ. ޔެލިން ލަދުންހުރެ ހޫމް އެކޭ ބުނުމަށްފަހު އެތަނުން އަވަހަށް ހިނގައިގަތެވެ. ލައިކްގެ ހިތް އަދިވެސް ހުރީ ވަރަށް ގަދައަށް ތެޅިތެޅި އެވެ. ލައިކް ހިތައް އެރިއެވެ.. ހާދަހާވާ ފުރިހަމަ ކުއްޖެކެވެ، މޫނުމަތިންވެސް އެހާ މައުސޫމްއެވެ.. އެ ހިޔާލުތަކުން އޭނާ ސިއްސުވާލީ އަނެއްކަވެސް ޒިޔާންއެވެ. “ބްރޯ ވަރެއް ވެއްޖެދޯ ފުރަތަމަ ފެނިލުމުންވެސް. ހެހެ.. ތިދެމީހުން ގުޅޭކަށް މާގިނަ ދުވަހެއް ނުނަގާނެ”. ލައިކް ބޯހޫރާލުމަށްފަހު ބުންޏެވެ. “ޒެމިންއަށް އިނގެއެއްނު އަހަރެންގެ ގޮތް، އަހަރެން ބޭނުންވާނެ އޭނާގެ ހުރިހާ މައުލޫމާތެއް، އޭނާގެ އަޙުލާގު ރަނގަޅޭ ޒެމިން ބުންޏަސް އަހަރެން ބަލަން ބޭނުންވާ އިތުރު ކަންކަން ހުންނާނެ، އެކަންކަން އަހަރެން އަމިއްލައިން ބަލާފަ އެއީ މަގޭ ފިއުޗަރ ކަމުގަ ވަންޏާމު ލަސްނުކޮއް އައިވިލް މޭކް ހާރ މައިން..” ޒިޔާން ހީލުމަށްފަހު ބުންޏެވެ. “އޯކޭ ބްރޯ، އައި ނޯ ޔޫ، އެންޑް އައި ނޯ ޔޫ ޓޫ އާ މޭޑް ފޯ އީޗް އަދާރ.. ޔެލިން އަކީވެސް މީގެ ކުރިން ކުއްޖަކާ ރައްތެހިވެފަ ވެސް ހުރި ކުއްޖެއް ނޫން، އަނެއްކާ ނުވިތާކަށް ބަލާވެސް ނުލާނެ އިސް އުފުލާ ފިރިހެނަކާ ދިމަ، ޒިޔާ ގެ ބީއެފް ވީމަ މިހާރު ކުޑަކޮއް މަށާ ދިމަވެސް ބަލާލާ ހައި ޖަހާލާ ހަދަނީވެސް އެ.. އެކަމް މިއަދު މަންޒަރު ތަފާތު، މިއަދު ޔެލިންވެސް ކަޅި ޖަހާނުލާ ލައިކްއާއި ދިމަ ބަލަމުން އައީ. އެންމެ ފެނިލުމަކުން ވެސް ވަރެއް ވެއްޖެ އޭނައަށްވެސް ކައެ އަށްވެސް، ހެހެ.. އެހެންމަ މިއަދު ހަވީރަށް ރެޑީ ވައްޗޭ.” ލައިކް އަށްވެސް މިއަދު އެހެންނާ ނުވާފަދަ ގޮތެއް ވެއްޖެކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އަދި ހަވީރު ދިމާވާނެ ކަމަށް ބުނެ ދެމީހުންވެސް ގެއަށްދާން ހިނގައިގަތެވެ.
ޔެލިން ގެއަށް އައިއިރުވެސް އޭނާގެ ހިތް ނަގަނަގާފައި ޖެހެއެވެ. އޭނާއަށް މިވަނީ ކީއްބާވައެ އޭނާގެ ހިތައްއެރިއެވެ. މިއޮއްހާދުވަހު ފިރިހެން ކުދިން އޭނާ ފަހަތުން ދުވާއިރު އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. ބަލާލަން ކިތަންމެ ހާވެސް ރީތި ފިރިހެން ކުދިން އާދެއެވެ. ނަމަވެސް ޔެލިން ގެ ހިތް އޭނަ އެއްވެސް ކުއްޖަކަށް އޭނާ ދޭކަށް ބޭނުމެއްނުވެއެވެ. ސަބަބަކަށްވަނީ ޔެލިން އެމީހުންނަށް އިތުބާރު ނުކުރުމެވެ. ޔެލިން ގްރޭޑް 7 ން ފެށިގެން އަޑުއަހަމުން ފެންނަމުން ދަނީ އެގޮތައް ރައްޓެހިވެގެން އުޅޭ ކުދިން އުޅޭ ގޮތެވެ. އެއްދުވަހު ރައްޓެހިވެއްޖެއްޔާ އަނެއްދުވަހު ރުޅިވެދާނެއެވެ. އެކަމާ ދެރަވެ ހިތާމަ ކުރާތަން ފެންނަނީ ގިނަފަހަރު އަންހެން ކުއްޖާއެވެ. މިކަހަލަ މަންޒަރުތައް ފެނިފައި ހުރުމާއެކު ޔެލިން ކޮންމެ ކޮންމެ ފިރިހެން ކުއްޖަކަށް އިތުބާރެއް ނުކުރެއެވެ. ނަމަވެސް މިއަދު އެފެނުން ޒުވާނާ އަކީ ތަފާތު މީހެއްކަން ޔެލިންއަށް އިހުސާސްވާން ފަށައިފިއެވެ. އެހެން ފިރިހެނަކު ނަމަ އެވަގުތުވެސް އޭނާއާއި ޖެއްސުމެއް ކޮއްލީހެވެ. ނަމަވެސް އެ ޒުވާނާ ހުރީ ހަމައެކަނި ޔެލިންއާއި ދިމަ ބަލަހައްޓައިގެންނެވެ. އަދި ޔެލިންއަށްވެސް އެ ޒުވާނާއާއި ދިމަ ބަލަން މަޖުބޫރުވެސް ކުރުވީއެވެ. ޔެލިންއަށް ހިޔާލުތަކުން ނިކުމެވުނީ ކޮފީއެއް ބޯން އަންނާށޭ ކިޔާފައި މަންމަ ގޮވާލުމުންނެވެ. ޔެލިންއަކީ ޔެލިންގެ މަންމައާއި ބައްޕައަށް ލިބިފައިހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަދި އެއީ ގޭގެ އެންމެ ހަގު ދަރިވެސް މެއެވެ. ދެން ތިބޭނީ ޔެލިންއަށް ވުރެ 2 އަހަރު ދޮށި އޭނަގެ ތުއްތު(ޔާއިން) އާއި 4 އަހަރުގެ ދޮށި އޭނާގެ ދޮންބެ(ޔުއާން)އެވެ. ޔެލިންގެ ދެ ބޭބެވެސް މިހާރު އުޅެނީ މެރީ ކޮއްގެންނެވެ. ޔުއާންގެ 3 އަހަރުގެ ލޯބިލޯބި ފިރިހެން ކުއްޖެއްވެސް ހުރެއެވެ. ޔުއާންގެ އެ ކުޑަކުޑަ އާއިލާ ދިރިއުޅެމުންދަނީ މެލޭޝިޔާގައެވެ. ޔުއާންގެ އަންހެނުން(ޔެލިންގެ ދޮންބެދައްތަ) ލޯޔަރ ކަން ކިޔަވަން ބޭނުންވާތީ އެކުޑަ އާއިލާ އެއްކޮއް މެލޭއަށް ދިރިއުޅުން ބަދަލު ކުރީއެވެ. ޔާއިން މެރީކޮއްގެން އަންހެނުން ގެނައީ އޭނާގެ މަންމަ ކައިރިއަށް އެ ގެއަށެވެ. ޔެލިންގެ ދެ ފަހަރީ އަކީވެސް އަޙުލާގު ރަނގަޅު މީހުންނާ ގުޅޭ ދެ ފަހަރީއެވެ. ޔާއިންގެ އަންހެނުން ޒޯޔާއާއި ޔެލިން އާއި މިހާރު ވަނީ ބެސްޓްފްރެންޑުންހާވެސް ގާތް ވެފައެވެ. ޒޯޔާ އަބަދުވެސް ޔެލިން ދެކެނީ އެއީ އޭނާގެ ކޮއްކޮއެއް ގޮތަށެވެ.
ޔެލިން ގޮސް ކާގެއަށް ވަނީ މަންމައާއި ތުއްތުދައްތަޔާއި(ޒޯޔާ) ކޮފީ ގިރަން ކާގޭގައި އުޅޭނެތީވެއެވެ. ޔެލިން ދިޔައިރު ތުއްތުދައްތަ 3 ތަށި ކޮފީ ހިފައިން ނިކުންނަނީއެވެ. 3 މީހުން ކޮފީތަށި ހިފައިގެން ގޮސް އިށީނީ ބޭރު ފެންޑާ ދޮށުގައި ހުރި ސޯފާ ތަކުގައެވެ. އަދި 3 މީހުންވެސް ހީހީފައި އެކި ވާހަކަތަކުގައި ތިބެފައި، މަންމަ އިނދެފައި ބުންޏެވެ. “މިހާރު މިރަށުގައި މަސްތުވާތަކެތި ގެންގުޅޭ ސޮރުންކޮޅު މައިތިރިވެއްޖެ ދޯ އެ އާނިސާ މެންގޭ ހަގުސޮރު އައިމަ، ކުރީދުވަހު އެސޮރު އެއައީ މެލޭޝިޔާއިން ޓްރެއިނިންގ ނިންމާލާފައި، އެސޮރު ޕޮލިހަށް ވަން ފަހުން އަދި މީ 2 ވަނަ ދުވަސް، 2 ދުވަހުން އެމީހުން ހުއްޓުވާލައިފި އެސޮރު، ފިސާރި ކެރޭ ސޮރެއް އެއީ.. އަނެއްކާ މީހުންނާ އެހާ ގުޅޭ މަޖާ މިޒާޖެއްގެ ސޮރެއް އެއީ، ވަރަށް އަޙުލާގު ރަނގަޅު ވާނެ..” ޔެލިން އިނީ މަންމަގެ މައުލޫމާތު މުއްސަނދި ކަމުން ހިނިއައިސްފައެވެ. “މަންމަ ހާދަހާ މައުލޫމާތު މުއްސަނދިއޭދޯ، ހުރިހާ މައުލޫމާތެއް ހޯދައިގެން އައިސް ކިޔާލިހެން ހީވަނީ ހަމަ. ހެހެ..” ޔެލިން އެހެން ބުނުމުން 3 މީހުންނަށް އެއްފަހަރާހެން ހީގަނެވުނެވެ. “ބަލަ އާނިސާއަކީ މަންމަގެ ރައްޓެއްސެކޭ، އަނެއްކާ އެސޮރުވެސް މަންމައާއި ނިކަން ސަމާސަ ކުރާނެ. ފުރަތަމަ ފެނުނީމާ އެސޮރަކަސް ނޭނގުން މަންމަ މީ ކާކުކަމެއް، ދެން އާނިސާ ކިޔައިދިނީމަ އެނގުނީ. އެހާ ގިނަދުވަހު ރާއްޖޭން ބޭރުގަ އުޅެފަ އައިމަ ނޭނގޭނެއްނު، އެސޮރުވެސް އެހާ ބޮޑަށް ބަދަލުވެފަ ހުރީ މިހާރު، ވަރަށް ރީތި މިހާރު، ނިކަން ވަރުގަދަކޮއް ހުންނަނީވެސް” މަންމަ ދައްކާ ވާހަކަ ތަކުން ޔެލިން އިންނަނީ ހިނިއައިއްސައެވެ. ޔެލިން އަކަށް އޭނާގެ މަންމަ އެދައްކަނީ ލައިކްގެ ވާހަަކަ ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އިނގޭ ކަމަކީ ޔެލިންގެ މަންމަ ލައިކް ޅީދަރިއަކަށް ހަދަން ވަރަށް ޤަބޫލުކަމެވެ. އަދި އެވަރަށް ލައިކްގެ ވާހަކަ ޔެލިން ގާތު ދެއްކުމުގެ އެއް ބޭނުމަކީ ވެސް އެޔެވެ. ޔެލިންގެ މަންމަ އާއި ބައްޕަ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޔެލިން ލޯބީގެ ގޮތުން ރަނގަޅު އަޙުލާގެއްހުރި ކުއްޖަކާ ގުޅި އަވަހައް ކައިވެނި ކުރާނެ ދުވަހެކެވެ.
ޔެލިންގެ މަންމަ ޔެލިންއަށް ވަޒީފާއަށް ދާންޖެހޭކަން ހަނދާންކޮއްލަދިނެވެ. ޔެލިން އަވަހަށް ކޮފީތަށީގައި ބާކީ ހުރި ކޯވަރު ދަމާލުމަށްފަހު އަވަހަށް ކޮޓަރިއަށް ވަނެވެ. ޔެލިންއަކީ އެރަށު ސްކޫލްގައި ވަޒީފާ އަދާކުރަމުންދާ ހީވާގި ޕްރައިމަރީ ޓީޗަރެކެެވެ. ޔެލިން އެންމެ ކުޑައިރުއްސުރެވެސް އެންމެ ވާން ބޭނުންވީ ޓީޗަރަކަށެވެ. ކުޑަކުދިންތަކަކަށް ކިޔަވައި ދިނުމަކީ ޔެލިން އެންމެ ކުރާހިތްވާ އެއްކަމެވެ. ޔެލިންގެ އެހުންނަ އެކުވެރި މަޑުމައިތިރި ސިފަ އަކީ ސްކޫލްގައި އުޅޭ އެހެން ޓީޗަރުންވެސް އަދި ޕްރިންސިޕަލް ވެސް އެންމެ ގަޔާވާ ސިފަތަކެވެ. އަދި ސްކޫލް ކުދިންތައްވެސް ޔެލިން ބުނާ ބަސް އަހާ ޔެލިންއަށް ވަރަށް އިހުތިރާމް ކުރެއެވެ. އަދި ޔެލިންދެކެ އެހާލޯބިވެއެވެ. މީހުންގެ ހިތް ނޭނގޭ ފަދައިން ޔެލިން އަށް ނޭނގޭ ކަމަކީ ޔެލިންދެކެ އިންތިހާއަށް ނަފްރަތުކުރާ ހަސަދަވެރިވާ މީހުން އުޅޭނެކަމެވެ. އަދި ވަކިން ހާއްސަކޮއް ޔެލިންގެ އެ ރީތިކަމަށް ހަސަދަވެރިވާ އަންހެނުން މަދެއްނޫނެވެ. އޭގެތެރެއިން އެކަކަކީ ދީމާ އެވެ. ދީމާއަކީ ޔެލިންއާއި އެއްކްލާހެއްގައި އުޅެ ބޮޑުވެފައިވާ ކުއްޖެކެވެ. ނަމަވެސް ކިޔަވާ ނިމުން އިރުވެސް ދީމާ އެއް ޔެލިންއަކާ ކުލާހުގައިވެސް ވާހަކަދައްކައެއް ނުހަދައެވެ. ޔެލިންއަކީ ވެސް މާގިނަ ކުދިންނާ ވާހަކަ ދައްކާ ކުއްޖެއް ނޫން ކަމުން އެކަމަކީ އޭނާ އެހާ އަޅާލި ކަމަކަށް ނުހެދިއެވެ. ނަމަވެސް މިހާރު ދެމީހުންވެސް އެއްތާކު ވަޒީފާ އަދާކުރަމުންދާތީ ކޮންމެހެންވެސް މަޖުބޫރުން ވާހަކަދައްކަން ޖެހިގެން ވާހަކަ ދައްކާލާހަދާލައެވެ. ދީމާއަކީ ކުޑައިރުއްސުރެވެސް ޔެލިންދެކެ އިންތިހާއަށް ނަފުރަތުކުރާ ކުއްޖެކެވެ. ސަބަބަކީ ޔެލިންގެ ރީތިކަމެވެ. ޔެލިން ފަހަތުން ފިރިހެން ކުދިން އެވަރަށް ދުވާތީ ދީމާ ހީވަނީ ރުޅިއައިސްގެންގޮސް ފިހިދާނެހެންނެވެ. ދީމާ ވަޒީފާއަށް ދާއިރުވެސް ހުންނަނީ އޭނާގެ ސިފަ ފޮރުވޭވަރަށް ފައުންޑޭޝަން ހާކާފައެވެ. އެއީ ޔެލިންއަށް ވުރެ އޭނާ ރީތިވާންވެގެންނެވެ. ނަމަވެސް އެއާއި ހިލާފަށް ޔެލިން އެލޯވެރާ ޖެލް ކޮޅެއް މޫނުގައި ހާކާލުމަށްފަހު ދެން ޖަހާލަނީ ފުއްކޮޅެކެވެ. ދެން މަޑުމަޑު ފިޔާތޮށި ލިޕްސްޓިކެއް ހާކާލީމަ އެނިމުނީއެވެ. ދީމާ ހުންނަނީ ބުރުގާވެސް ނާޅައެވެ. އަދި ލަނީވެސް އެހާ ގަޔަށް ބާރު އެއްޗިއްސެވެ. އޭނަގެ ނަޒަރުން އިސްތަށިގަނޑު އަދި ގައިގެ ވަނާތަކަކީ ފެންނަން ޖެހޭ އެއްޗިއްސެވެ. ނަމަވެސް ސުކޫލަށް ދާއިރު އެހާ ބާރު އަދި ކުރު އެއްޗިސް ލުން މަނާކުރުމުން ދީމާ ޕްރިންސިޕަލް ދެކެވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޔެލިން ދޫއެއްޗިސް ލައިން ބުރުގާ އަޅާފަ ހުންނަ އިރުވެސް ޔެލިން ފަހަތުން ފިރިހެނުން ދުވާވަރު މަދެއްނުވެއެވެ.
ޔެލިން މަސައްކަތްތައް ނިންމާލާފައި ގެއަށްދާން ނިކުމެގެން ދަނިކޮއް މިއަދު ހެނދުނު އޭނާއަށް ފެނުނު ޒުވާނާ ޕޮލިސްޓޭޝަން ފާރުކައިރީ ހުއްޓިލައިން ހުއްޓަ ފެނުނެވެ. ލައިކް ހުރީ ޒިޔާން އާއެކު ކޮފީއަކަށް ދާން ޒިޔާންގެ އިންތިޒާރުގައި ފޯނަށް ބަލަންށެވެ. ލައިކް ޕޮލިސް ޔުނީފޯމްގަ ފެންނަ ލެއް އަދި މާ ފުރިހަމައެވެ. ޔެލިންއަށް ކުރިއަށް ފިޔަވަޅެއް ވެސް އަޅަން ނޭނގިފައި ހުއްޓާ ފަހަތުން އައި ފިރިހެން ގްރޫޕް ގަނޑެއް ޔެލިންއާއި ފޮށެން ފެށިއެވެ. އަދި އެތަނުން އެކަކު ޔެލިން އަތުގައި އޮތް އަތްދަބަސް ދަމައިގަތެވެ. ޔެލިން ވަރަށް ބާރަށް “ހައު ޑެއާ ޔޫ” އޭ ކިޔާ ހަޅޭލަަވައި ގަތެވެ. އެވަގުތު ލައިކް ވެސް ސިއްސައިގެން ގޮސް އެދިމާ ބަލާލިއެވެ. އޭރުވެސް އެ ގްރޫޕް ގަނޑު ޔެލިންއާއި ފޮށެމުން ދިޔައެވެ. ލައިކްއަށް ފުރަތަމަ ފެނުމުންވެސް އެއީ ޔެލިންކަން އެނގުނެވެ. އަދި ވަރަށް ބާރަށް ދުވެފައި ގޮސް ޔެލިންގެ ކުރިމައްޗައް އަރާ އެ ގްރޫޕާއިވީ ފަރާތައް އެނބުރި އަތުގެ އިށާރާތުން ދަބަސް ދިނުމަށް ބުންޏެވެ. ދަބަސް ޖަހައިގެން ސޮރު އަވަހަށް ދަބަސް ގެންގޮސް ލައިކް އަތައް ދިނެވެ. އަދި ދާން ހިނގައިގަތެވެ. ނަމަވެސް އެމީހުން ހުއްޓެން މަޖުބޫރުވީ ލައިކް މަޑުކުރުމަށް ބުނުމުންނެވެ. ލައިކް އެމީހުން ކައިރީ ބުނީ ޔެލިން ކައިރިން މާފަށް އެދުމަށެވެ. އެ އެންމެންވެސް ލައިކް ބުނި ގޮތައް ޔެލިން ގާތު މާފަށް އެދުނެވެ. ޔެލިން އޯކޭޔޭ ބުންނެވެ. ލައިކް އެމީހުންނަށް އެކަހަލަ ކަމެއް ދަވަނަ ފަހަރު ތަކުރާރުވިޔަ ނުދިނުމަށް ނަސޭހަތް ދިނުމަށްފަހު އެމީހުން އެތަނުން ފޮނުވާލިއެވެ. ޔެލިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މި ޒުވާނާ މީ ހާދަ ބާރުގަދަ މީހެއްތާއޭ ޔެލިންގެ ހިތައް އެރިއެވެ. އެ ގްރޫޕް ގަނޑަކީ އެރަށުގައި އެންމެނާވެސް ފޮށެމުން އަންނަ ގުރޫޕެކެވެ. މީގެ ކުރިންވެސް މިރަށުގައި ޕޮލިހުން އުޅެއެވެ. ނަމަވެސް އެކަން ކޮންޓްރޯލެއް ނުވެއެވެ. އެކަމް މިހާރު ކުޑަކުދިންތަކެއްހެން އެމީހުން އެދިޔަ ގޮތުން ޔެލިން ގާތައް ކުޑަކޮއް ހިނިވެސް އައެވެ. ލައިކް އައިސް ޔެލިން އަށް ދަބަސް ދިނެވެ. އެވަގުތު ކޮޅަކީ ދެމީހުންވެސް އެކަކު އަނެކަކާއި އެހާ ކައިރިން ހަތަރުކަޅި ހަމަވި ފުރަތަމަ ވަގުތުކޮޅެވެ. ލައިކް ގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުންދިޔައެވެ. ކުރިމަތިން ފެންނަމުންދިޔަ ހޫރުޕަރީއެއްފަދަ ރާނީ ފެނިފައި ރަނގަޅަށްވެސް އެ ޖާދޫގައި އޭނާ އެ ޖެހެނީއެވެ. ޒިޔާން އެވަގުތު އެތަނަށް އައިސް ކަރުކެހިލިއެވެ. ދެމީހުންނަށްވެސް ލަދުން އިސްޖަހާލެވުނެވެ. ޔެލިން ލައިކްއަށް ޝުކުރުއަދާ ކުރުމަށްފަހު ގެއަށްދާން ހިނގައިގަތެވެ. “ދެޓްސް މައި ޑިއުޓީ އެންޑް ޔުއަރ އޯލްވޭސް ވެލްކަމް” ލައިކް ހީލާފައި ބޮލުގައި އަތް ހިންގާލިއެެވެ. އެދެމީހުން އުޅޭގޮތް ފެނިފައި ޒިޔާން ހުންނަނީ ހިނި އައިއްސައެވެ.
ޔެލިންއަށް ގެއަށް ގޮސް ވެސް ވިސްނެނީ އެޒުވާނާޔާ މެދުގައެވެ. އެ ޒުވާނާ ދެކެ އެ ގްރޫޕް އެހާ ބިރުގަންނާނީ އެޒުވާނާޔަކީ ޕޮލިހުގައި ވަރަށް މަތީ މީހެއް ވީމަތާއޭ ޔެލިންގެ ހިތައް އެރިއެވެ. “އަނެއްކާ އެއީބާ މަންމަ އެކީ މީހަކީ؟!” ޔެލިންގެ ހިތައް އެރިއެވެ. އަދި އެ ޒުވާނާ ޒިޔާންއާއި އެއްކޮއް އުޅޭތީ ޒިޔާންގެވެސް ވަރަށް ގާތް މީހެއްކަން ޔެލިންއަށް ޔަގީން ވިއެވެ. ގިނަ ހިޔާލު ތަކަކައް ގެއްލިފައި ހުރުމަށްފަހު ޔެލިން އަވަސްވެގަތީ މެންދުރު ނަމާދު ކޮއްގެން ކާން ނިކުންނާށެވެ. ޔެލިން މެންދުރު ކައިގެން އައިސް ކޮޓަރީގައި އިން ބީމް ބޭގް މަތީ އޮށޯވެލީ ވާހަކަ ފޮތެއް ނަގައިގެން އެކިޔާލުމަށެވެ. މީ ކޮންމެ ދުވަހަކުވެސް ޔެލިންގެ އާދައެވެ. ވާހަކަ ފޮތް ކިޔަން އޮއްވާ ކުއްލިޔަކަށް ޔެލިންގެ ފޯން ރިންގްވާން ފެށުމުން ބަލާލިއިރު ގުޅަނީ ޒިޔާއެވެ. ހިނިތުންވެލުމަށްފަހު ފޯންނަގާ “ޔެސް ޒިޔާ” އޭ ބުނެލިއެވެ. “އޭ ޔެލް، ހިނގާބަ މިއަދު ހަވީރު ޖޫގޯ ބޯން ދާން ޒިޔާ އާއި އެއްކޮއް، ޒެމިންވެސް ދާނެ އޭނަގެ ބެސްޓްފްރެންޑް އިންޓްރޮޑިއުސް ކޮއްދޭން ވެގެންނޯ އެއުޅެނީ އަހަރުމެންނަށް.. ހެހެ.. ވަރަށް ލޯބި ބިޓެއް އެއީ، ރެޑީވާތި 4:00 ޖަހާއިރަށް، އެގަޑިއަށް ބަލާ ދާނަން އިނގެ” ޒިޔާ އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލިއެވެ. “ހޫމް، އޯކޭ” ޔެލިން މިހެން ބުނުމަށްފަހު ފޯން ބޭއްވިއެވެ. އަދި ޒެމިންގެ ބެސްޓްފްރެންޑޭ ބުނުމުން ފުރަތަމަވެސް ހިތައް އައީ ޒެމިންއާއި އެކު އެފެންނަމުންދާ އާދަޔާހިލާފު ރީތި ވަރުގަދަ ޒުވާނާއެވެ. އެވަގުތު އާދަޔާ ހިލާފު ބާރުމިނެއްގައި ހިތް ތެޅެން ފެށީ ކީއްވެ ކަމެއް ޙުދު ޔެލިން އަކަށް ވެސް ނޭނގެއެވެ.
ނުނިމޭ
3 Comments!
Comments are closed.

I love this story 💖🤩
thank you so much friend 🙂 feel so happy with ur comment..
Kureege bitun ge nanthah dho??? Pakaaas😂😂