Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާ

އޯވަރނައިޓް

Aayaa
Aayaa Level 410 Stories100 Login100 Comments
December 13, 2022 5 Mins Read
2 Comments

ކާމޭޒު ކައިރީ ހުރި ގޮނޑި ކައިރި ކޮށްލަމުން އަހަރެންވެސް ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވެލީމެވެ. އެމީހުން މަޝްވަރާކުރަމުން ދިޔައީ ޝިމްރީންމެން އާ ގެއަށް ބަދަލުވުމާއެކު ކުރާނެ މަޖާ ކަމަކާ ބެހޭ ގޮތުންނެވެ. ފަނަރަވަރަކަށް މިނެޓު ވެގެން ދިޔައިރުވެސް އެންމެން އެއްބަސް ވެވޭ ކަހަލަ ކަމެއް ނުނިންމުނެވެ. އެންމެ ފަހުން ފެށުނީ ކުޑަ ޒުވާބެކެވެ. ބާބަކިއު އެއް ހަދަން ބޭނުންވާ މީހުންނާ ރޭގަނޑު ނޫޑުލީސް ކައްކަން ބޭނުންވާ މީހުންނެވެ. ކަންފަތުގައި އަތް އަޅައިގެން ހުރެ އަހަރެން ކައިރިވެލީ ސިންކު ކައިރިއަށް އަތް ދޮވެލާށެވެ. ކުއްލިއަކަށް ސިކުނޑިއަށް އައި މޮޅު ހިޔާލާއެކު އަހަރެންނަށް ހަޅެއް ލަވައިގަނެވުނީ އިހުތިޔާރުން ބޭރުގައެވެ. އެންމެންގެ ސަމާލުކަންވެސް އަހަރެންނަށް ހުއްޓިއްޖެއެވެ.

“އޯވާރނައިޓް..” ދެއަތް ފުޅާ ކޮށްލަމުން ހެވިފައި ހުރެ އަހަރެން ބާރު ބާރަށް ބުނެލީމެވެ. އެންމެންވެސް އެކަކު އަނެކަށް ބަލަން ތިއްބެވެ.

“ޔޭސް.. ޔޫ އާރ ދި ބެސްޓް ތުއްތާ.” ގޮނޑިން ތެދުވެގެން އައިސް އަހަރެންގެ ކަރުގައި އެލިގަންނަމުން ޒާން ބުނެލިއެވެ. އެއާއެކު އެންމެންވެސް ނުހަނު އަވަހަށް އަހަރެންގެ ބަހަށް އެއްބަސްވެއްޖެއެވެ.

“އެކަމަކު ބޮޑޭ އެއްބަސް ވާނެތަ ތުއްތަ އަންނަން؟” ވިސްނަން ހުރެފައި ހަޒާލް އަހާލިއެވެ. އަހަރެންގެ މޫނުމަތީ ހުރި ފުޅާ ހިނިތުންވުން ފިލާ ދިޔައީ ދެނެވެ.

އުމުރުން ފަނަރަ އަހަރުވީ އިރު ދުވަހަކުވެސް ރޭގަނޑު ބޭރަށް ދިއުމަށް އަހަރެންގެ މައިންބަފައިން އެއްބަސް ވެފައެއް ނުވެއެވެ. ސަބަބު އިނގެނީ އެމީހުންނަށެވެ. އެހެންވިއަސް އަހަރެން ކަޒިން ކުދިންނާއެކު އެއްރޭ އޯވަރނައިޓްއެއް ހަދާލަން ނުހަނު ބޭނުންވެއެވެ. އެންމެން އެއްކޮށް މާމަގޭގައި ނިދާފައި އަނެއް ދުވަހު ގެއަށް ދާން ބޭނުންވާތީ ކުޑައިރުވެސް ބޮޑާހާކަމެވެ.

“އެންމެން ގޮސް ބޮޑޭ ކައިރީ އަހާނީ.. އޭރަށް އެއްބަސް ވާނެ..” ޝަޔާލް ދިން ހިޔާލާ އެއްބަސް ވެވުނު މީހަކު އެތާނގައި ނެތެވެ. ކުރިން ކަންތައް ވީގޮތް އެމީހުންނަށްވެސް އިނގޭތީއެވެ.

“ނޯ.. މިހެން ހަދާނީ.. އާޔާ ލިޔާނީ ނޯޓެއް ބޮޑޭއަށް.. ދެން ފިލައިގެން އަންނާނީ.. އަހަރުން ދާނަން ތިގޭ ކައިރިއަށް އާޔާ ބަލައި.. އޭރަށް ސަޅި ވާނެއްނު؟” އެންމެންގެ ތެރެއިން ދޮށީވީމައި ޔަލާގެ ވިސްނުންވެސް ތޫނީތާއެވެ. އުފަލުން ގޮސް އަހަރެން ޔަލާގެ ގައިގައި ބައްދާލީމެވެ.

“މާދަން ޝަޔާމެން ގެއަށް އަންނަނީ ދޯ.. އެހެންވީމަ ހުުކުރު ދުވަހު އައިސްފަ ހޮނިހިރު ދުވަހު ދާނީ ދޯ..” ޔަލާގެ ކޮއްކޮ ހަޒާލް ޕްލޭންކޮށްލިއެވެ.

“އޭ ކަލޭމެން ހުރިހާ ދުވަހަކު ކިޔަވަން ދިޔައަސް އަހަރުމެން ޓެސްޓޭ އޮތީ ބޯމަތިވެފަ..” ޝިމްރީން ހަނދާން ކޮށްދިނީ އަހަރުގެ ފުރަތަމަ އިމްތިހާނުގެ ވާހަކައެވެ. އަވަސްއަވަހަށް އަހަރެންނާ ޔަލާ ޝިމްރީންގެ ވާހަކަައަށް އެއްބަސް ވީމެވެ.

“ސޯ އިޓްސް ޑަން.. މަންމަމެން ޝިޔައްކޮ ގޮވައިގެން ޑޮކްޓަރަށް ދައްކަން ކުޅުދޫފުއްޓަށް ދާނެ ޓެސްޓު ނިމޭ ދުވަހުގެ އަނެއްދުވަހު.. އެހެންވީމަ ޑިސެންބަރ ތޭރަ އަކީ އަހަރުމެންގެ ފަސްޓް އޯވާރނައިޓް..” އެންމެ ކުޑައަސް ޝަޔާލްވެސް ބޯ ބޮޑެވެ.

ޝަޔާލްއާ ޝިމްރީންއަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. ޝިމްރީން ގްރޭޑް ހަތެއްގައި ކިޔަވާއިރު ޝަޔާލް އޭނާއަށްވުރެ ހަގީ ތިން އަހަރެވެ. ހަޒާލްއާ ޔަލާއަކީވެސް އެއްގެއެއްގެ ދެކުދިންނެވެ. ހުރިހާ ކުދިންގެ ތެރެއިން އެންމެ ދޮށީ ޔަލާއަށް ސޯޅަ އަހަރެވެ. ޔަލާއަށްފަހު ދެން އެންމެ ބޮޑު ކުއްޖަކީ އަހަރެންނެވެ. ހަޒާލްއަށް މިއަހަރުވީ ބާރައަހަރެވެ. ޒާންއާ ހަޒާލްއަކީ އެއްއަހަރެއްގެ ދެކުދިންނެވެ.

ދުވަސްތައް ނުހަނު އަވަހަށް ފާއިތުވެގެން ހިނގައްޖެއެވެ. އަހަރެންނާ ޔަލާ އަދި ޝިމްރީންވެސް ބުރަކޮށް އުޅުނީ ޓެސްޓުން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އެންމެ ފަހު ޓެސްޓު ނިންމާލުމަށްފަހު އަހަރެން ގެއަށް އައި ގޮތަށް ކަޒިން ގުރޫޕަށް ވަދެ ޓެކްސްޓް ކުރަން ފެށީމެވެ.

އެންމެން ގާތު އަހަރެން ބުނީ މަންމަ ގާތުގައި އޯވަރނައިޓް ހަދަން ދާން ހުއްދައަކަށް އެދޭނަން ކަމުގައެވެ. އެއްބަސް ނުވެއްޖެއްޔާ ޕްލޭންއާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަހަރެން ދިނީމެވެ. ގުރޫޕުތެރޭގައި ވާހަކަދެއްކުން ހުއްޓާލަން ޖެހުނީ ޔަލާ އެންމެންނަށްވެސް ދިން ވަރުގަދަ އިންޒާރުންނެވެ. އަހަރެންނާ ޝިމްރީންގެ ޓެސްޓު ނިމުނަސް އޭނާގެ ޓެސްޓް ނިމެނީ އަދި ދެދުވަސް ފަހުން ކަމަށްވާތީ އޭނާ އުޅުނީ ފޮތް ކިޔުމައިގެންނެވެ.

“މަންމާ! ބައްޕާ! އަޅުގަނޑު މިދަނީ ތުތޭމެން ގެއަށް.. މާދަން އަންނާނަން.. ނުބުނެ ދާންޖެހޭތީ ސޮރީ..” މަންމަ ނަމާދުކުރަން އިންދާ އެކޮޓަރިއަށް ވަދެ ސިއްރުން މޭޒުމަތީގައި ގަނޑުކޮޅު ބާއްވާލީމެވެ. ފަހަތަށް އެނބުރުނު އިރު މަންމަ ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ.

“ކީއްކުރަނީ؟” މަންމަ ސުވާލުކޮށްލިއެވެ. ހިތްނުތަނަވަސް ވެފައި ހުރުމާއެކު އަހަރެންނަށް ހިންދިރުވާލެވުނެވެ.

“މީ.. މި ޕެނެޑޯލް ގުޅައެއް އޮތްތޯ ބަލާލީ.. ކުޑަކޮށް ބޮލުގަ ރިއްސާތީ..” ޖެހިލުންވެފައި ހުރެވެސް އަހަރެން ޖަވާބު ދިނީމެވެ. އެވެސް ދޮގެކެވެ.

“ބޭރުގައި ހުރި ކަބަޑުގަ ހުންނާނެ..” އަހަރެންނަށް ޖަވާބު ދިނުމަށްފަހު މަންމަ ފެށީ ސުންނަތް ކުރާށެވެ.

“ހަމަ ކިރިޔާ..” ފުން ނޭވާއެއް ދޫކޮށްލަމުން މީގެ ކުޑައިރުކޮޅެއް ކުރިން ވީގޮތް އަހަރެން ޔަލާއަށް ކިޔައިދިނީމެވެ. އަހަރުމެން ހިނގަމުން ދިޔައީ އަނދިރި ގޯޅިތަކުންނެވެ. މީހަކަށް ފެނިގެން މަންމައަށް ގުޅާފާނެތީއެވެ. ޔަލާ އޭނާގެ އަތުގައި އޮތް ފޯނު އެލާޓު އަޅާތީ ބަލައިލިއެވެ. އޭގެން އަންގާފައި އޮތީ ތިރީސް ސިކުންތު ތެރޭ ޗާޖުހުސްވެގެން ނިވޭނެ ވާހަކައެވެ. އެވަގުތުވެސް އަހަރެން ބަލައިލީ ގަޑިން ވީވަރެކެވެ. ހަތެއް ޖަހަން ބާކީ ހުރީ އެންމެ މިނެޓެކެވެ.

“އޯ މައި ގޯޑް.. ހަތެއް ޖަހާ އިރު ކަރަންޓު ކެނޑޭނެ. މިއަދު ގޮވިއެއްނު އެވާހަކަ..” އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ޔަލާ އަނެއްކާ ފޯނު ދިއްލާލިއެވެ. ބަރާބަރު ހަތެއް ޖެހީއެވެ. އެންމެ ސިކުންތެއްވެސް މަޑެއް ނުވިއެވެ. މުޅި ރަށަށް ވެރިވެގެން ދިޔައީ ކަނު އަނދިރިކަމެވެ.

އަހަރެންނަށް ޔަލާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ބިރުން ހުރި ވަރުންނެވެ. އަނދިރި ކަމުގެ ތެރެއިން އެއްތަނެއްވެސް ވަކިވާ ވަރެއް ނޫނެވެ. އެއްފަރާތުން އޮތީ ވަލުތެރެއެވެ. އަނެއް ފަރާތުން ހަދަން ފަށާފައި ހުރި ގެތަކެވެ.

“ފޯނު ޗާޖު ހުސްވާނީވެސް މިކަހަލަ ގަޑީގައި..” އަޑުތުރުތުރު ލަމުން ޔަލާ ބުނެލިއެވެ.

“އެހެންނު ވާނީ. އަބަދު ޔޫޓިއުބްގަ.. ދޮނޭވެސް އަބަދު ކިޔާނެ ޗާޖު ދިޔައަސް އެފޯނު ޗާޖަށް ނުޖަހާ ވާހަކަ..” އަހަރެންނަށް ޝަކުވާ ކޮށްލެވުނެވެ.

“އޭ ބަލާ.. މީހަކު އެބައާދޭ..” ދުރުން މަގަށް އެޅުނު އަލި ފެނުނީ އަހަރެންނަށެވެ. “ހިނގާ އެމީހާ ކައިރީ ބުނަން ގެންގޮސްދޭށޭ..”

“އެއީ އެއްކަލަ ކާރު.. ކުރިން ދުވަހު ޕޮލިހުން ގެންދިޔަ ސޮރު.. ޖަމްޝީދު.. އޭނާ އައިސް އަހަރުމެން ކިޑްނެޕް ކުރިއަސް އާޔާއަށް ހެޔޮދޯ..” ޔަލާގެ އަޑުން އޭނާ ޖެހިލުންވެފައި ހުރިވަރު އިނގެއެވެ. އަހަރެންވެސް ފުރަތަމަ ބިރުގަތެވެ. ރަށުގައި ގެންގުޅެނީ އެންމެ ކާރެއްކަން އަހަރެންނަށްވެސް އިނގެއެވެ.

“އަލި އެޅުނީމަ ޔަލާއަށް އިނގޭދޯ އެއީ ކާރެއްކަން، ބައިސްކަލެއްކަން، ސައިކަލެއްކަން..” އަހަރެން ދެންވެސް ބެލީ ‘ޕޮސިޓިވް’ކޮށް ވިސްނޭތޯއެވެ.

“އަޑުން އިނގޭނެ ދޯ..” ޔަލާ އަހަރެންގެ އަތުގައި ހިފާ ޖެހިގެން ހުރި ގެވަޅުތެރެއަށް ދެމިގަތެވެ. އަނދިރީގައި ގިނައިރު ތިބުމުން އަހަރުމެންގެ ލޯ ހުރީ އަންދިރިކަމުގެ ތެރެއަށް ހޭނިފައެވެ.

“މިތަނަށްތަ އެއައީ؟” ވައި އަޑުން އަހަރެން ބުނެލީމެވެ. އެކާރު އައިސް ހުއްޓީ ސީދާ އެގެވަޅު ދޮރު މައްޗަށްކަން އެނގެއެވެ. ވަށާފާރު ރާނާފައި ހުރުމުން ބޭރެއް ނުފެނެއެވެ. ދެން އިވެން ފެށީ ފިޔަވަޅު ތަކެއްގެ އަޑެކެވެ. އެ އަންނަނީ ގެވަޅަށް ވަންނަންކަން އެއަޑުން އަހަރުމެން ދެނެގަތީމެވެ.

“ދެން ކިހިން-” ޔަލާ އަހަރެންގެ އަނގަމަތީ އަތް އެޅިއެވެ. އަހަރެން އަތުގައި ހިފައިގެން މަޑު ފިޔަވަޅުތަކެއްގައި އޭނާ ގޮސްވަނީ ކައިރީ ހުރި ދަރުފުނި ބިއްދޮށަށެވެ.

ގެވަޅަށް ބަޔަކު ވަނެވެ. ކޮންބައެއް ކަމެއް ނޭނގެއެވެ. އިތުރު ބައެއް އައިކަންވެސް އެނގެއެވެ. ފަަނަރަ މިނެޓެއް ހާއިރުވަންދެން އެގޮތެއްގައި އަހަރުމެން ތިބީމެވެ. އެތެރެއަށް ދަމާލި ނޭވާ ބޭރުކޮށްލަނީވެސް ނުހަނު ސިއްރުންނެވެ. އެއްކޮށް އަޑު މަޑުވެލުމުން އަހަރެން މަޑުމަޑުން ތެދުވެލީމެވެ. މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ސީދާ އަހަރުމެން ތިބި ދިމައަށް ބަލަހައްޓައިގެން މީހަކު ހުއްޓެވެ. އަވަސްއަވަހަށް ތިރިވެލީމެވެ. އެމީހުންގެ ބަޔަކު ދަރުފުނި ކައިރިއަށް އައެވެ. އަހަރެންނާ ޔަލާ އެކަކު އަނެކަކު ގައިގައި ބައްދައިގެން ކަހަލަ ގޮތަކަށް ދިބީމެވެ. ޔަލާ ކުރިން ދެއްކި ވާހަކަ ހަނދާންވުމުން އަނބުރާ ގެއަށް ދެވޭނެ ކަމުގެ އުންމީދުވެސް އަހަރެން ކަނޑާލީމެވެ. މާތް ﷲއަށް ހަމްދުކުރެވުނު ވަރެއްވެސް އަހަރެންނަކަށް ނޭނގުނެވެ. އެއްވެސް މީހަކު ނުފެނުމުން އެމީހުން އަނބުރާ ދިޔައީތީއެވެ.

އެގޮތަށް އެތަނުގައި ތިބެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. މަޑުމަޑުން ދަރުފުނީގެ ދެފަރާތުން ބޯދިއްކޮށްލަމުން އަހަރުމެން ތެދުވީ ކަރަންޓު އައިސް އިރުކޮޅެއް ވީ ފަހުންނެވެ. އެނބުރި އެގެއަަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއްވިއަސް މިރޭ ބޭނުންވީ ގެއަށް ދާށެވެ. އަހަރެން އާދޭސްކުރަން ފެށުމުން ޔަލާ އެންމެ ފަހުން ބަލި ގަބޫލުކުރުމަށްފަހު އަހަރެން ގެއަށް ލައިދޭން އައެވެ.

“އެއް ފަހަރު ބުނީމަ އަޑުއަހާނަމަ ކިހާ ރަނގަޅު.. މިއަދު އެހީމަވެސް ބުނިން ނޫނެކޭ ނުދެވޭނޭ.. ކަމެއް ވެެގެން ދޯ މައިންބަފައިން ދަރިން ކައިރީ ބުނާނީ ނުދާށޭ.. ނަސީބެއްނު ސަލާމަތުން ގެއާ ހިސާބަށް އާދެވުނުކަންވެސް..” މަންމަ ކުރިމަތީ އިސްޖަހާލައިގެން އަހަރެން ހުރީމެވެ. ކަންތައް ވީ އަހަރެން ހީކުރި ގޮތާ އެއްގޮތަށެވެ. މަންމައަށް ވީގޮތް ކިޔައިދިނުމުން ރުޅި އައީއެވެ. އެހެނަސް މަންމަ ބުނެދިނީ ރަނގަޅު ވާހަކައެއްކަން އަހަރެންގެ ހިތާ ސިކުނޑި އެއްބަސްވެއެވެ.  ދުވަހަކުވެސް މައިންބަފައިން ދަރިންނަކަށް ދެރަ ގޮތެއް ނޭދެއެވެ. ވީއިރު އެމީހުންގެ ބަސްއެހުން އެއީ އެންމެ ރަނގަޅު ގޮތެވެ. ނުދެވޭނެ ވާހަކަވެސް ބުނަނީ ވަކި ސަބަބުތަކެއް އޮންނާތީކަން އަހަރެންނަށް އެނގުނީ އަދި ކިރިޔާއެވެ. ނަމަވެސް އެއްފަހަރުވެސް މަންމަ ނޫނެކޭ ބުނި ސަބަބު އަހަރެންނަށް ބުނެދިންނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އިތުރު އެންމެ ފަހަރަކުވެސް މަންމަ ގާތުގައި އަހަރެން ހުއްދައަކަށް ނޭދުނީމުހެވެ.

އިޝާ ނަމާދުކޮށް ނިންމާލައިގެން އަހަރެން މަންމަމެން ކޮޓަރީގައި އޮތީމެވެ. ކުރެވުނު ކަންތަކާމެދު ނުހަނު ދެރަވެފައެވެ. ކުޑަކޮށް ރޮވެންވެސް ރޮވުނެވެ. އޭރު މަންމަ އުޅެނީ ބައްޕަ ގެއަށް އަންނަން ވާއިރު ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ. ކުއްލިއަކަށް ބާލީސްދަށުން ފޯނު ވައިބްރޭޓް ވީ އަޑު އިވުމުން ފޯނު ހުޅުވާ ބަލައިލީމެވެ. ކަޒިން ގުރޫޕަށް ޝިމްރީން ފޮޓޯ މެސެޖެއް ފޮނުވާފައި އޮތެވެ. އަހަރެންނާ އެއްވަރުގެ ހުރިހާ ކުދިން ފޮޓޯގައި ހެވިފައި ތިބިއިރު އަހަރެން މަތިން އެކަކުވެސް ‘މިސް’ ނުވަނީތޯ ހިތަށް އެރިއެވެ. އެފޮޓޯ ފެނުމާއެކު އަހަރެންގެ ހިޔާލު ބަދަލުވެއްޖެއެވެ. ގެއަށް ނައިސް ޔަލާއާއެކު އެގެއަށް ދެވުނު ނަމައޭ ހިތަށް އެރިއެވެ.

ބައްޕަ ގެއަށް އައި އަޑު އިވުމުން އަހަރެން އަވަސްއަވަހަށް ބާލީސްދަށަށް ފޯނު ލުމަށްފަހު ދެލޯ މަރާލީމެވެ. ގަމީސް ބަދަލުކޮށްގެން ބައްޕަ ދިޔައީ ކާގެއަށެވެ. އިރުކޮޅަކުން މަންމައާ ބައްޕަ ވާހަކަދެއްކި އަޑު ނުސާފުކޮށް އަހަރެންނަށް އިވުނެވެ. ޔަގީނުންވެސް މަންމަ އެވާހަކަ ބައްޕައަށް ކިޔައިދޭނެކަން އަހަރެންނަށް އިނގެއެވެ.

“ދަރިފުޅާ..” ކޮޓަރިއަށް އައިސް ބައްޕަ އަހަރެންނަށް ގޮވިއެވެ. ނަމަވެސް ނިދާފައި ކަމަށް ހަދައިގެން އަހަރެން އޮތީއެވެ. އެއް ގަޑިއިރުގެ ‘ލެކްޗަރ’އެއް އަޑުއަހަން އަހަރެންގެ ސިކުނޑި މިވަގުތު ތައްޔާރެއް ނޫނެވެ.

“ގެއަށް އައިސް ތެދުތެދަށް ވީހުރިހާ ގޮތެއް ކިޔައިދިނީމަ އެއްފަހަރު ކަމަށް މިރޭ މިފޮނުވަނީ..” ލިބުނު އުފަލެއްގެ ބޮޑުކަމުން އަހަރެން ފުންމައިގެން ތެދުވެ އެނދުގައި ދެފައި ވައްކޮށްލީމެވެ. “އެކަމަކު ދެން އެކަހަލަ ކަމެއް ވެއްޖެއްޔާ ދުވަހަކުވެސް ނުފޮނުވާނަން..”

ޝިމްރީންމެން ގެއަށް ދާންވެގެން ކުރިން ތައްޔާރު ކުރި ދަބަސް ހިފައިގެން އަހަރެން ބައްޕައާއެކު ސައިކަލުގައި އެގެއަށް ދިޔައީމެވެ. އަހަރެން ލައިދިނުމަށްފަހު ބައްޕަ ދިޔައީ ގެއަށެވެ.

“ތުއްތާ..” އެހާ މަޑުމަޑުން ދޮރު ހުޅުވީމަވެސް ސިޓިންގްރޫމުގައި ހުރި ޒާންއަށް އަޑުއިވިއްޖެއެވެ. އަހަރެން ހަމަ ފެނުމާއެކު އަހަރެންގެ ކަރުގައި އެލިގަންނަމުން އޭނާ ފުމެން ފެށިއެވެ.

“ޔަލާ ދޮންތިއާ އެއްކޮށް އެންމެން އެބަ އުޅޭ ކުކުޅު ފިހަން ވެގެން.. ޒާން ދާނަން ކުރިން.. ދެން ތުއްތަ ޒާން ފަހަތުން ނިކުންނާނީ..” ޒާން ދިނީ ސަޅި އައިޑިއާއެކެވެ. އަހަރެން ގޮސް ސިއްސުވާލީމައި އެމީހުން ވަރަށް އުފާވާނެކަން ޔަގީނެވެ.

“ސަޕްރައިޒްޒް..” އެންމެންގެ ސަމާލުކަން ހޯދުމަށްފަހު ޒާން ދެއަތް ފުޅާކޮށް އަހަރެން ހުރި ދިމާއަށް ދިއްކޮށްލިއެވެ.

“އައިމް ބޭކް..” ހަޅެއް ލަވައިގަންނަމުން އަހަރެން އެންމެންގެ ކުރިމައްޗަށް އެރީމެވެ. ހުއްޓުން އަރާފައި އެންމެން އަހަރެންނަށް ބަލަން ތިއްބެވެ. ކުރިމަތިން ފެންނަ މަންޒަރު އެމީހުންނަށް ގަބޫލުނުކުރެވުނީތާއެވެ.

އެންމެ ފުރަތަމަ ދުވެފައި އައިސް އަހަރެން ގައިގައި ބައްދައިގަތީ ޝަޔާލްއެވެ. އޭނާގެ ފަހަތުން ޝަކުވާ ކުރަމުން އައި ޝިމްރީންވެސް އަހަރެން ގައިގައި ބައްދާލިއެވެ. ހަޒާލްއާ އެކުއެކީހެން، އަތްދޮވެގެން އައި ޔަލާވެސް އަހަރެންގައިގައި ބައްދާލަމުން އުފާފާޅުކުރިއެވެ. އެރޭ އެތަށް އިރެއް ވަންދެން ހޭލާ މަޖާކުރަން އަހަރުމެން އުޅުނީމެވެ. އެ ހަނދާންތަކަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފުހެލެވޭނެ ހަނދާންތަކެއް ނޫނެވެ. ދުނިޔޭގައި ހުރި ދުވަހަކު އެހަނދާންތައް އަހަރެންނާއެކު ވާނެއެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ވައުދޭ ވެވޭ މީ…32

Next

ކަލާގެ ހިނިތުންވުން 3

Next
December 13, 2022

ކަލާގެ ހިނިތުންވުން 3

Previews
December 13, 2022

ވައުދޭ ވެވޭ މީ…32

2 Comments!

  1. Anonymous says:
    December 6, 2024 at 11:13 am

    Very funny
    😂💟💟

  2. Shuaau10 says:
    December 6, 2024 at 11:13 am

    Very funny
    😂💟💟

Comments are closed.



All Right Reserved!