7 އަހަރު މާލޭގައި އުޅުމަށް ފަހު ރަށަށް ދެވެނީއެވެ. މަންމަ ބުނީތީ މާމަ ދެކިލުމަށެވެ. އަހަރެން ކުޑަކޮށެވެސް ދާން ބޭނުންވެގެއްނެއް ނޫނެވެ. އަހަރެންގެ ރަޙުމަތްތެރިންވެސް މާލޭގައި އެކި އެކި ކަންކަމުގައެވެ. އެކަމު މަންމަ އެވަރަށް ބުނީމަ ދެން ނުގޮސްވެސް ފަރަކު ނުޖެހޭނެއެވެ. އީދަށް ކޮލެޖް ބަނދުކުރީމަ އަހަރެން މަންމަ އެދުނުގޮތައް ރަށަށް ދާން ނިންމީއެވެ. މާމަވެސް ނުފެންނަތާ މިހާރު އަހަރެއްވީއެވެ. އެހެންވެ އަހަރެން ނިންމީ މާމައާއި ކާފައާއެކު މަހެއް ނޫނީ ދޮޅުމަހެއް ހޭދަ ކޮށްލުމަށްފަހު މާލެ ދިއުމަށެވެ.
ލާންޗު ބަނދަރަށް ލަފައިފިއެވެ. އަހަރެން ބެލީ އަވަހަށް ފޮށިތައް ބާލާށެވެ. ދެން ޕިކަޕަކަށް ގުޅުމުން ބުނީ 5 މިނެޓް ތެރޭ ގާތް ކުރަނީ ކަމުގައެވެ. އަހަރެން ދަބަސް އަޅުވައިގެން ފޮށި މަތީ އިށީނދެލައިގެން އިނީމެވެ. ހެނދުނުގެ ދެ އަވި މެންދުރުގެ ދިލަ އަތްވައް ބަދަލުވަމުން ދިޔައެވެ. ނަމަވެސް ކަނޑުން ޖެހެމުން ދިޔަވައި ދިޔައީ ހަށި ފިނިކުރަމުންދެއެވެ. އަވިއާނުން ލޮލަށް އަވިން ކުރާއަސަރު ކުޑަ ކުރަމުންދެއެވެ. ބަނދަރު ސަރަޙައްދުގައި ގަސް މަދެވެ. ފައްޗަކަށް ރުށް އިންދާފާ ހުރި އިރު މުޅި ސަޙައްދުގައިވެސް ހަނަފަސް ކޮށް ހުރި ވެއްޔެވެ. ވާރެކޮޅެއް ވެހިލާނަމަ ކިހާ ރަނގަޅުހޭ އަހަރެން ހިތައް އެރިއެވެ. ރަށަށް ނުދާތާ އެހާ ދުވަސް ވުމުން ރަށުގެ މާޙައުލުހުރީ ވަރަށް ބަދަލުވެފައެވެ.
ސަރަހައްދުގާ މާކަ މީހަކު ނެތެވެ. އެއްފަރާތުގައި ތަނކޮޅެއް ދުރުން ހޮޅުއަށްޓެއް ހުއްޓެވެ. ފުރާވަރުގެ ޒުވާން އަންހެން ކުދިންކޮޅެއް ތިއްބެެއެވެ. އެމީހުން ސަކަރާތް ޖަހާ ހޭ އަޑު އިވެއެވެ. އަދިވެސް ޕިކަޕްނާދެއެވެ. މާމަ މިހާރު އަހަރެން ކޮބާތޯ ބަލަން ދެފަހަރު ގުޅައިފިއެވެ. އަހަރެން އަނެއްކާވެސް ޕިކަޕަށް ގުޅީމެވެ. ތެޔޮ ހުސްވެގެން އުޅޭވަހާކަބުންޏެވެ. އަދި އިރުގަނޑެއްވާނޭ ބުންޏެވެ. ރަށަށް އެރުނުތާ މާގިނައިރެއް ނުވެއެވެ. މިހާރުވެސް މިދަނީ ގޯހުން ގޯހަށެވެ.
ވާރޭގެ ތިކި އަތައް ޖެހެން ފެށިއެވެ. މަތި ބަލާލިއިރު ވާރޭ ވިލާތައް ހުޅަނގު އެބަ ގާތްކުރެއެވެ. ވައިބާރުވެ އިސާހިތަކު މުޅިމާޙައުލު އަނދިރިކަން ވެރިވިއެވެ. ދަބަސްތައް ތެމިދާނެތީ އަވަހަށް މިސްރާބު ޖެހީ ހޮޅުވައްޓާ ދިމާލަށެވެ. ދުވަމުން ކަހަލަ ގޮތަކަށް ފޮށިކޮނޑަށް ލައިގެންގޮސް ހޮޅުވަށްޓަށް ވަދެވުނު ތަނާ ވާރެ އޮއްސާލިއެވެ. ސަލާމަތްވީ ކިރިޔާއެވެ. އަށްޓަށް ފޮށި އަރުވާ އަށީގައި ޖައްސާލީމެވެ. ހަމަޖެހިލާފާ ވަށައިގެންވާ މާޙައުލަށް ބަލާލީމެވެ. އަށި މެދުގައި ހުރި އިރު އެއްފަރާތެއްގައި ޖޯއްޔެއް ހުއްޓެވެ. ސިމެތިން ހަތަރު ތަނބުޖަހާ ޓިނުން އަށި ހިޔާކޮށްފާ ވެއެވެ. އެއްތަނބުގައި ކުޑަ ޓީވީއަކުން ލަވަ ޖެހެމުން ދެއެވެ. މިހާރު ޖެހެމުން ދަނީ ”ކަލާޔާ ނުލާ“ މިލަވައެވެ. ވާރޭގެ ޓިނު ފުރާޅުގައި ޖެހޭއަޑު ގަދަކަމުން ލަވައިގެ އަޑު ދިޔައީ ފޭދެމުންނެވެ.
ހެމުން ހެމުންއޭރު ބޭރުގައި ތިބި އަންހެން ބައިގަނޑު ފަހަރުން ހޮޅުވަށްޓަށް ވަނެވެ. އަހަރެންވެސް ހޭ އަޑަށް ފަހަތް ބަލާލީމެވެ. ފަސްވަރަކަށް ޒުވާން ކުދިންނެވެ. އަހަރެންގެ އުމުރުހެން ހީވެއެވެ. އަހަރެން ފެނުމުން އެކުދިންގެ ހުނުމުގެ އަޑު މަޑުވިއެވެ. އަހަރެންވެސް މޫނު އަނބުރާލީ ލަދުންނެވެ. ދުވަހަކުވެސް އަހަރެން މާވަރަކަށް އަންހެން ކުދިންނާ ވާހަކަދައްކާއެއް ނޫޅެމެވެ. އެހެންެ އަވަސް އަރުވާލާފަ އަނެއް ފަރާތައް އެނބުރުނީއެވެ. ވާރޭގެ ކެރި ހުއްޓާލާކަށް ނޫޅެއެވެ. ފޯނު ބަލާއިރު ރޭންޖްވެސް މިހާރު ނުލިބުނެވެ. ރަނގަޅަށް ކަމެއް ދަންޏާ ދެންދާނީ މިހާކަށް ހާވަރަށެވެ. ހިތްހަމަ ނުޖެހުނެވެ. މަންމައާއި ދެކޮޅު ހަދާފަ މިތަނަށް ނާދެވުނުނަމައެވެ. އަހަރެންނަށް އަބަދުވެސް ކަމުދަނީ ”ސިޓީ ލައިފް“ އެވެ. ރާއްޖެތެރޭ ރަށެއްގައި އުޅުމަކީ އަހަރެންގެ ތަބީއަތެއް ނޫނެވެ. އެކަމަކު ދެން ވަކި ރުޅިއައިސްގެން ކުރެވޭނެ ކަމެއް ނެތެވެ. މިހުރީ ރަށަށް އާދެވިފައެވެ. ދެން ހަމަޖެހިލަންވީއެވެ.
ފުންނޭވާއެއް ދޫކޮށްލީމެވެ. ވާރޭ ތިކީގެ އަޑު ކަންފަތުގައި ހިފާލިއެވެ. ޖެހެމުން ދިޔަ ފިނި ވައިން ހީިބިހިނަގައިގެން ދިޔައެވެ. ވައިއަންނަގޮތުން ވާރޭ ކުދި ތިކި މޫނަށް ޖެހެމުން ދިޔައެވެ. އެވަގުތު ހިތް ހަމަޖެހެމުން ދިޔައެވެ. ހަމަ ނޭނގިހުރެވެ.
އޭރު އެތާތިބި އަންހެންކުދިން ސިއްރު ސިއްރުން ވާހަކަ ދައްކާ އަޑުއިވެއެވެ.
”އެއީ ކާކުތަ……… މިރަށު ކުއްޖެއް………ނޭނގެ……………ބީރަށްޓެއްސެއް…………މަޑުން ވާހަކަދައްކަބަލަ…………ނީވޭނެ އޭނަ އެއިނީ މާދުރުގަ………“
ދެން އިރުކޮށްކޮޅާ ހިނިގަނޑެއް ޖަހާލާއަޑު އެބަ އިވެއެވެ.
”ނުން ނުކެރޭނެ……ނޫނެކޭ………ރޯގާޖެހިދާނެ…………އިޝާ މަޑުކޮށްބަލަ………އޭތް“ އަނެއްކާވެސް ހޭން ފެށިއެވެ. މިހެން ހުރެފާ ތޫނު އަޑަކުން އެތަނުން އެކަކު ހަޅޭލަވައި ގަތެވެ. ކަމެއް ވީތޯ ބަލާލިއިރު އެތަނުން އެކަކުގެ އަތުގަ ހިފައިގެން އަނެކަނު ހޮޅުއަށިން ބޭރަށް ދުއްވައިގަތެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއަށެވެ.
އަނެއް ތިން ކުދިން ބަލަން ހުރެފައި ތިންމީހުންވެސް ދުއްވައިގަތެވެ. ތޫލި އަޑަކުން ހަޅޭލަވަމުންނެވެ. އަހަރެންނަށް ހުރެވުނީ ބަލާށެވެ. އަޖައިބުން ފުރިފައެވެ. ދުވަމުން އެންމެންގޮސް އެތާ ހުރި ޗަކަ ފެންގަނޑަކަށް އެރި ފުމެންފެށިއެވެ. ހެމުން ހަޅޭލަވަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ. އަހަރެންނަކީ ވާރޭގެ ތެމުމަށް ލޯބިކުރާ މީހަކަށް ނުވުމުން އަހަރެންނަށް މިކަންވީ އަޖައިބުކުރުއަނިވި ކަމަށެވެ. މާލޭގަ އުމުރުވޭތަކުރި އިރު ދުވަހަކުވެސް ވާރޭގަ ތެމިގެނެއްނޫޅެމެވެ. މާލެއިން ފެންމަ މަންޒަރަކަށްވެސް ނުވެއެވެ. ކޮންމެއަކަސް ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެކުދީންތައް މަޖާކުރާތަނަށެެވެ. ހިތް ބުނާ ކަހަލައެވެ. ވާރެއާއި ތެމިލަންވީއެވެ. މަޖާވެދާނެއެވެ. ނަމަވެސް އެއީ އަހަރެންނަށް ކުރަންކެރޭނެ ކަމެއްނޫނެވެ.
ކެރިގަނޑު އިތުރަށް ގަދަކޮށްލިއެވެ. އަންހެން ގްރޫޕުގެ ސަކަރާތްޖަހާއަޑު އިތުރަށް ގަދަވިއެވެ. އެތަނުން އެއްކުޖަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކަޅު ބުރުގާއެއްގައި ހުރި އިރު ލައިގެން ހުރީ ރަތްކުލައިގެ ކުރުހެދުމެކެވެ. ގަދަޔަށް ވާރޭ ވެހެމުން ދިޔައެއްކަމަކު އެންމެން ތިބީ ހޮޅުވަށްޓާ ގާތުގާ ކަމުން ލޮލަށް ވަކިވާރުވެއެވެ.
ޓީވީއިން ޖެހެމުން ދިޔަލަވަ ވާރޭގެ އަޑާ އެއްވިހެން ހީވިއެވެ. ސިކުނޑިއަށް ވަންނަމުން ދިޔަ ފަދައެވެ. ހިތުގެ ނާރުތަކުގައި ކޮށްޓަމުންނެވެ.
”އިޝާރާތް ހޭ ކުރީ“
ރަތްކުލައިގެ ހެދުން ދެފަރާތައް ވިހުރެމުންދާއިރު ހީވަނީ ވަޔާ ހެލިލާ ރަތް ފިނިމަލެއްހެނެވެ. ހެދުން ފޯކޮށްފައިވާ ފެންފޮދު އޭނާ ފުންމާ ކޮންމެ ފަހަރަކު މާޙައުލަށް ބުރައިގެން ދެއެވެ. ތަރިތަކެއް ފަދައިންނެވެ.
”ލަދުން ހީ ލިޔޭ“
މާޚައުލު އުޖާލާ ކުރާފަދަ އަލިކަމެއް އޭނާގެ ހިނިތުންވުމުގައިވެއެވެ. ފިޔާތޮށި ތުންފަތުގެ ފަހަތުން ކިރުކޮޅެއް ކަހަލަ ދަތްތަކުގައިވެސް އުނިކަމެއް ނެތެވެ. ހެމުން ދިޔައިރު ދެލޯމެރިފައިވެއެވެ.
”ހުއްޓުނީތީ ފެންނަފަށުގައި ތިޔަހެން“
ވާރޭ ފެންނުން މީހާ ތެމިފޯވެފައިވާއިރު އޭނާ ބައްޓަމާ ރޫފައިގެ ފުރިހަމަކަން ހާމަކޮށްދެއެވެ. އަހަރެންގެ ހިތް ތެޅިފޮޅެމުން ދިޔައީ އަހަރެންނަށްވެސް ވާނުވާ ނޭނގޭފަދަ ގޮތަކަށެވެ.
”ހޫރެކޭ ހީވިއޭ“
ކޮން ހީއެއްހެއްޔެވެ? ޔަޤީނެވެ. ހޫރަކަށް ނުވާނެގޮތެއް ނެތެވެ. ކާކު ހެއްޔެވެ. އަހަރެންނަށް މީޙަކު ފެނިގެން މިހާވަރެއް ނުވެއެވެ. ވާކަށް ނުވަސްޖެހެއެވެ. ވާރޭގެ އަޑު އަދިވެސް ނުކެނޑެއެވެ. އަހަރެން ހުރީ އަދިވެސް އަނެއްފަރާތައް އެބުރިލަން ނުކެރިފައެވެ. މުޅި މީހާ ގާވެފައިވާ ކަހަލައެވެ.
”އިޝާރާތް ހޭ ކުރީ…“
”އިޝާ… ހިނގާ ދެންދާ ގެއަށް… މަ ރޯގާ ޖެހިދާނެއެވެ“ އަހަރެން ގެއްލިފާހުރި ކުއްޖާގެ އަތުގަހިފާފަ އެތާ ހުރި ކުއްޖެއް ބުންޏެވެ. އިޝާ ބޯޖަހާލާފަ އަނެއް ކުއްޖާ ގޮވައިގެން ދުއްވައިގަތީ ހޮޅުއަށީގެ ކަނާތުގައި ހުރި ބަނދަރު މަގާ ދިމާލަށެވެ. އެވަގުތު އޭނާ އަހަރެންނާ ހަތަރު ކަޅު ހަމަވިއެވެ. އަދި އޭނާ އަހަރެން ފެނުމުން ހީލިއެވެ. މޭ ތޮޅިތަކީ އަހާލުމެއްވެސް ނެތިއެވެ. ވަގުތުން އަނެއް ފަރާތައް އަހަރެން އެނބުރުނީމެވެ. މާނޭވާ ލަމުންނެވެ. އެޔޮއް ފިނި މާޙައުލުގައި އަހަރެންގެ ނިތް ކުރިން އޮހޮރެމުން ދިޔަ ދާ ތިކިތައް ފާހަގަ ވިއެވެ. ކަލޯ ގަޔާ މިވީ ވާ ކަމެވެ.
އެކަމު ކޮންފަދަ ކަމެއް ހެއްޔެވެ. މާޝާ الله. މާޝާ الله. މާޝާ الله. ހަމަ އެހާވެސް ފުރިހަމައެވެ. މިއީ އަހަރެންގެ ރައްޓެހިން އެކިޔާ ލޯބިހެއްޔެވެ. މިއީ އެބުނާ ފުރަތަމަ ނަޒަރުގެ ކަންތައް ގަނޑު ހެއްޔެވެ. މިހުރިހާ ކަމަކާ ވިސްނަމުން ދިޔަރު ވެހެމުން ދިޔަ ކެރިގަނޑު މަޑު ވެއްޖެއެވެ. ވައިވެސް މަޑުވެއްޖެއެވެ.
ބަރުގަނުގެ އަޑަށް ސިއްސައިގެން ދިޔައެވެ. ޕިކަޕު އައިއްސިއެވެ. ބޯ ދެފަރާތައް ހޫރުވާލުމަށްފަހު ބެލީ ދެންމެ އެފެނުން މަންޒަރު ސިކުނޑިން ފުހެލެވޭތޯއެވެ. ނުވާނެކަން ވެސް އެނގެއެވެ. ފޮށިތައް ޕިކަޕައް އަރުވައިގެން މިސްރާބު ޖެހީ މާމަމެންގެއަށެވެ. ބަނދަރުމަގުން ދިޔައިރު ކަނާތް ފަރާރުގައި ރުށްވަލެއް އޮތެވެ. ވާތްފަރާތުގައި އޮތީ ރަށު މަދަރުސާއެވެ. ރަށުތެރެ އަދިވެސް އޮތީ މީގެ 7 އަހަރު ކުރިން ހަމަ އޮތް ގޮތަށެވެ.
މާމަމެން ގެއަށް އާދެވިއްޖެއެވެ. ފޮށިތައް ބޭލުމަށްފަހު ޕިކަޕަށް ލާރިދެއްކީމެވެ. އަދިވެސް އެއްފަހަރު ފޮށިތައް ހަމަތޯބަލާލީމެވެ. މާމަމެންގޭ ބަނބުކެޔޮ ގަހުގެ ހިޔާ މުޅި ގޯއްވައް އެޅިފައިވެއެވެ. ކާޅު ގޮވާ އަޑާއި ކޮވެލީގެ އަޑު ހުއްޓެވެ. މަގުގައި އެކި ހިސާބުގައި ދެތިން ސައިކަލެއް ދުއްވާފާގެއެވެ, ފަހަތުން ބައިސްކަލެއް ދިޔައެވެ. މާ މީހަކު ނެތެވެ. މާލެ ފަދަ ތަނަކާ އަޅާބަލާ ރަށް ހީވަނީ ފަޅުތަނެއްހެނެވެ.
ފޮށި ފަހުން ވައްދަން ބަހައްޓާފަ އަހަރެން ބޭނުންވީ މާމަ ދެކިލާށެވެ. ވަށާފާރު މިހާރު ރާނާފައި ވުމުން ކުރިން ފެންނަހެން ބޭރުން މައިގެއެއް ނުފެނެއެވެ. ނޫކުލައިގެ ލަކުޑި ދޮރުގެ ތަޅުގައި އަހަރެން ހިފާލީމެވެ. އެވަގުތު ވަރަށްބާރަށް ދޮރު އަހަރެންނާ ދިމާލަށް އައެވެ. އައި ބާރުމިނުގައި ބޮލުގައި ޖެހުނެވެ. ވަގުތުން އެނބުރުން އަރައިގެން ދިޔައެވެ. ދެކަކޫ މައްޗައް ތިރިވިއެވެ. ކުރިމަތި ބަލާލިއިރު އަންހެން ކުއްޖެއް މޫނު މަތީ އަތްއަޅައިގެން އެތާ ހުއްޓެވެ.
”އިޝާ??“ އަހަރެން ބުނަން އުޅުނުއެތިން ނުކުތީ ވައި އަޑެކެވެ. ދެން މޫނު މަތި އަނދިރިވިއެވެ.
*އަދި ނުނިމޭ*
3 Comments!
Comments are closed.

Share your reviews through comments <3
I love this story varha wes salhi next part uploaded coladhibala
Will do soon 🙂