ފައިސާ ދަބަސް
މެންދުރު ނަމާދު ބަންގި ގޮވަން ގާތްވެފާ ވާތީ މަންމައާއެކު ވަލުތެރޭގައި ދަރުހޮވަން އުޅުމަށްފަހު ޒައިން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ޗުއްޓީ ދުވަހަކަށް ވުމާއެކު މަންމައާއެކު ވަލުތެރެއަށް ދަރުހޮވަން ދިއުމަކީ ޒައިންގެ އާދައެކެވެ.
ޒައިންއަކީ ފަގީރު އާއިލާއެއްގެ ކުއްޖެކެވެ. އުމުރުން ތިން އަހަރުގައި ބައްޕަ ނިޔާވުމާއެކު އެކި މަސައްކަތް ކޮށްގެން ޒައިން ބަލަހައްޓަމުން އައީ އޭނާގެ މަންމައެވެ. އެހެނަސް ގިނަ ފަހަރު ލިބޭ މަދު ރުފިޔާކޮޅުން އޮންނަނީ ބޭނުންވާ އެއްޗެހި ނުގަނެވިފައެވެ. ސުކޫލަށް ގެންދާ ސާމާނަކީ އެކަށްވެސް ރަށުގެ މީހުން ޒައިންއަށް ހަދިޔާކޮށްދޭ ތަކެއްޗެވެ. ކިތަންމެ ފަގީރުކޮށް އުޅުނަސް ޒައިންގެ މަންމަ އޭނާއަށް ރިވެތި އަހުލާޤު ދަސްކޮށްދިނެވެ. އެހެންވެ ރަށުގެ އެންމެންވެސް ޒައިންދެކެ ވަރަށް ލޯބިވެއެވެ. މަންމަ ދިން ހެޔޮ ނަސޭޙަތާއެކު ޒައިން ބޭނުންވަނީ ކިޔަވާ މޮޅުވެގެން ނިކަމެތި ފަޤީރު ކުދިންނަށް އެހީވާ ކުއްޖަކަށް ވާށެވެ.
ގެއާ ވަރަށް ކައިރިވެފައި ވަނިކޮށް ޒައިންގެ ލޮލުގައި އަޅައިގަތީ ގޭގެ މައިދޮރު ކައިރިއަށް ވެއްޓިފައި އޮތް ދަބަހެކެވެ. ދުވެލާފައި ގޮސް ޒައިން އެދަބަސް ނަގާ މަންމައަށް ދައްކާލިއެވެ.
“ވެދާނެ ކުއްޖަކަށް އޮޅިގެން ބާއްވާފަ ދެވުނު ދަބަހެއް ކަމަށްވެސް..” ޒައިންގެ މަންމަ ދަބަހުގައި ހިފަމުން ބުނެލިއެވެ. ޒައިން ބޭނުންވީ އެ ދަބަހުގެ އެތެރޭގައި ހުރި އެއްޗެއް ބަލައިލާށެވެ. އެހެނަސް ޒައިންގެ މަންމަ އެގޮތަށް ކަންތައް ނުކުރަން އެދުމުން ފަހުން އެތެރޭގައި ހުރި އެއްޗެއް ބަލާކަށް ނޫޅުނެވެ.
“މަންމާ.. އެކަމަކު މި ދަބަހުގެ ވެރިފަރާތަށް ރައްދުކޮށްދޭން ވާނެއްނު؟” ގެއަށް ވަދެ ކޮޓަރީގައި ދަބަސް ބަހައްޓާފައި ޒައިންގެ މަންމަ ބަދިގެ ފަރާތަށް ދިއުމުން ޒައިން ސުވާލުކޮށްލިއެވެ.
“ލައްބަ ދަރިފުޅާ.. ނަމާދުކޮށްގެން ފުލުސް އޮފީހަށް ދާނަން މަންމަ, ތިދަބަސް ހަވާލުކުރަން..” ބަދިގޭގައި ހުރުމަށްފަހު މަންމަ ގޮވާލިއެވެ. މެންދުރު ނަމާދުކޮށްގެން ޒައިންވެސް މަންމައާއެކު ދަބަސް ހިފައިގެން ފުލުސް އޮފީހަށް ގޮސް ދަބަސް ހަވާލުކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޒައިންގެ މަދަރުސީ ދުވަސްތައްވެސް ނިންމާލިއެވެ. މަންމަ ފަހުރުވެރިވާ ފަދަ މޮޅު ކުއްޖަކަށް ވެގެންނެވެ. މިއަދު ޒައިން ރާއްޖެއިން ބޭރަށް އެފުރަނީ މަންމައާއެކު އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ވަރުގަދަ އަޒުމާއެކީއެވެ. ޒައިންގެ ބައްޕަ ނިޔާވީ ކެންސަރު ބަލި ޖެހިގެން ކަން އެނގުނު ދުވަހުން ފެށިގެން އޭނާ ބޭނުންވީ ކެންސަރު ބަލީގެ ޑޮކްޓަރަކަށް ވާށެވެ. ކާމިޔާބު ކަމާއެކު ޔުނިވާސިޓީގެ ދުވަސްތައް ކުރިއަށް ދަނިކޮށް ކުއްލިއަކަށް ޒައިންގެ މަންމަ ބަލިވާން ފެއްޓެވެ.
މަންމަގެ ބަލިހާލަތު މާ ބޮޑުވާން ފެށުމުން ޒައިން މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ފުރަތަމަ ފަހަރު ބައެއް ބޭސްތައް ދިނުމަށްފަހު ދޫކޮށްލީއެވެ. ދެންވެސް މަންމަ ރަނގަޅުނުވާތީ އަނެއްކާވެސް މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުން ދިން ޚަބަރަކުން ޒައިންއަށް ހަތަރު އުދަރެސް ފެނުޖެހުނުފަދަ އިހުސާސް ކުރެވުނެވެ. ޒައިން މަންމަގެ ދެކިޑްނީ ވަނީ ފެއިލްވެފައެވެ. ކުރެވޭނެ އިތުރުކަމެއް ޒައިންއަކަށް ނޭނގުނެވެ. މަންމަގެ ބޭސްފަރުވާއަށް ވާވަރަށް އޭނާ އަތުގައި ފައިސާ ނެތުމުންނެވެ. މީހުންގެ ގާތުން ސަލާން ޖަހައިގެން ރުފިޔާ ހޯދާކަށް އޭނާގެ މަންމަ އެއްގޮތަކަށްވެސް ނުރުހެއެވެ. ޒައިންއަށް ކުރެވުނުހާވެސް ކަމަކީ މާތްﷲގެ ހަޒްރަތަށް ދުޢާ ކުރުމެވެ. މާބޮޑު ފަރުވާއެއް ނުދެވޭނަމަ ބަލިމީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރު ބުނުމުން މަންމަގެ ނުރުހުމުގައި ވެސް ޒައިން މީހުންގެ ފަރާތުން އެހީއަށް އެދެންފެށިއެވެ. ނޫސްތަކުގައާ މީހުންނަށް އެހީވުމަށް ހަދާފައި ހުންނަ ގްރޫޕްތަކުގައި ޖަހައިގެން ފުދޭވަރަކަށް ފައިސާ ލިބުނެވެ. އެހެނަސް އެފައިސާ އިން މަންމަގެ ކިޑްނީ ބަދަލުކުރުމުގެ ފަރުވާއަށް ބޭނުންވާ ހުރިހާ ހަރަދެއް ހަމައެއް ނުޖެހުނެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ޒައިން ޔުނިވާސިޓީގެ ކިޔެވުން ނިންމާލާފައި މިސްރާބުޖެހީ މަންމަގެ ގާތަށް ހޮސްޕިޓަލަށެވެ. ފިހާރައަކަށް ވަދެ މަންމައަށް އެންމެ މީރު ދެ ވައްތަރެއްގެ މޭވާއެއް ގަނެގެން ދިޔައީ މަންމައަށް ސިއްހަތަށް ފައިދާހުރި ކާނާ ކާންދޭން ޑޮކްޓަރު އަންގާފައި އޮންނާތީއެވެ. ހޮސްޕިޓަލަށްގޮސް އާދައިގެ މަތިން މަންމަގެ ހާލު ނަރުސް ކުދިންގެ ގާތުން ބަލާލުމަށްފަހު އޭނާ ގެނައި މޭވާތަށް ކޮށައިގެން މަންމައަށް ގެނެސްދިނެވެ. އެވަގުތު ދޮރުގައި މީހަކު ޓަކިޖަހާލި އަޑުއިވުނެވެ. ހައިރާންކަމާއެކު ޒައިން ދޮރުހުޅުވަން ދިޔައީ އާންމުކޮށް މަންމައަށް ގޮވާލަން އަންނާނެ މީހަކު އެގަޑީގައި ނޫޅޭނެތީއެވެ.
“ޒާހިރާ އާދަމްގެ ބޭސްފަރުވާއަށް ބޭނުންވާ ހުރިހާ ހަރަދެއް ހަމަޖެހިފައި ވަނީ.. ޑޯނާރވެސް ރެޑީގައި ހުރީ.. ދެ ހަފްތާ ފަހުން އޮޕަރޭޝަން ކުރާގޮތަށް ތާވަލުކުރެވިފައި އޮތީ..” ރަސްމީ ހެދުމެއްގައި ހުރި މީހާ ޒައިން ދޮރު ހުޅުވާލުމާއެކީ ބުނެލިއެވެ.
“ކިހިނެއް؟” ހައިރާންވެފައި ހުރުމުން ޒައިންއަށް ފުރަތަމަވެސް އަހާލެވުނީ އެހެންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އޭނާ ދިޔައީ ޒައިން އެހައިރާންކަން މަތީ ހުއްޓައެވެ. ޒައިންގެ މަންމަ ވީގޮތް އެހުމުން އޭނާއަށް އެވާހަކަ ކިޔައިދެވުނީވެސް އިރުކޮޅެއްވީ ފަހުންނެވެ. ކޮންމެ ގޮތެއް ވިއަސް މަންމަގެ އޮޕަރޭޝަން ކުރެވޭތީ ޒައިން ހުރީ އުފާވެފައެވެ. އެންމެ ރަނގަޅު ވަގުތު ޑޯނާރ އާއި ހަރަދު ހަމަޖައްސައިދިން މީހާއާ ބައްދަލުވާނެ ކަމުގެ އުންމީދު އޭނާގެ އޮތެވެ.
ދެހަފްތާ ފާއިތުވެގެން ދިޔައީ އެހެން ނޫނީ ދުވަސް ހިނގާ ވަރަށް ވުރެ ލަހުންހެންވެސް ޒައިންއަށް ހީވީ އެމީހުންނަށް އެހީވި މީހެއް ހޯދުމަށް އޭނާގެ ހިތުގައި އޮތް އެދުމެެއްގެ ބޮޑުކަމުންނެވެ. އޮޕަރޭޝަންގެ ދެދުވަސް ކުރިން ޒައިންއަށް އޭނާގެ މަންމައަށް ކިޑްނީ ހަދިޔާކުރާ ޑޯނަރއާ ބައްދަލުވިއެވެ. ޒައިން ހީކުރި ގޮތާ ހިލާފަށް އެމީހާއަށްވެސް ހަރަދު ހަމަޖެއްސި މީހާއެއް ނޭނގެއެވެ.
މިއަދަކީ ޒައިންގެ މަންމަ އޮޕަރޭޝަން ކުރާ ދުވަހެވެ. އެހެންވެ ޒައިން ހުރީ ވަރަށް ހާސްވެފައެވެ. ވަގުތުތައް ފާއިތުވަމުން ގޮސް އޭނާގެ މަންމަ އޮޕަރޭޝަން ކުރަން ވައްދައިފިއެވެ. ހަތަރު ގަޑިއިރުގެ ދިގު އިންތިޒާރުގެ ނިމުން އައީ އޮޕަރޭޝަން ތިއޭޓަރ އިން ޑޮކްޓަރު ނިކުތުމުންނެވެ. ހިނިތުންވުމާއެކު ޑޮކްޓަރު ބުނީ އޮޕަރޭޝަން ކާމިޔާބުވި ވާހަކައެވެ. ލިބުނު އުފަލާއެކު އޭނާއަށް ޝުކުރުގެ ސަޖިދައަށް ތިރިވެވުނެވެ.
މަންމަގެ ގާތަށް ވަދެވޭނެ އިރެއްގެ އިންތިޒާރުގައި ގޮނޑި ބަރީގައި އިށީނދެގެން ޒައިން އިނެވެ. ކުރިމަތީ މީހަކު ހުއްޓިހުރިހެން ހީވެ ބަލައިލި ވަގުތު ފެނިގެން ދިޔައީ މީގެ ދެހަފްތާ ކުރިން އެމީހުން ގާތަށް އައި މީހާއެެވެ. އަވަސް އަވަހަށް ޒައިން ކޮޅަށް ތެދުވެ އެމީހާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ.
“ބޮސް ބޭނުންވޭ ތިބޭފުޅާއާ ބައްދަލުކޮށްލަން.. އަޅުގަނޑާއެކު ވަޑައިގަންނަވާ.” ޒައިންއާ ސަލާންކޮށްލަމުން އެމީހާ ބުނެލިއެވެ. އެންމެ ރަނގަޅޭ ބުނެލަމުން ޒައިން އެމީހާގެ ފަހަތުން ހިނގައިގަތެވެ. ލިފްޓުން އެންމެ މަތީ ބަޔަށް ގޮސް ހުރި ހަމައެކަނި ދޮރު ދައްކާލަމުން އެމީހާ ވަނުމަށް އިޝާރާތް ކުރިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އެ ދޮރުން ވަތް ވަގުތު އެތާ ހުރި މީހާ ފެނި ޒައިން ހައިރާންވިއެވެ.
“ޑޮކްޓަރ؟” އެރޫމުގައި ހުރީ ޒައިން މަންމަގެ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރެވެ. އެޑޮކްޓަރަކީ މި ހޮސްޕިޓަލުގެ އިސްވެރިޔާކަންވެސް އޭނާއަށް މީގެ ކުރިން ނޭނގެއެވެ. ހިނިތުންވުމާއެކު އޭނާ ޒައިން ގާތުން އެދުނީ ސޯފާގައި އިށީނުމަށެވެ.
“ޒައިން އާ ޒައިން މަންމަ ވެދިން އެހީތެރިކަމަށް އަހަރެން ފަށްފަށުން ޝުކުރުވެރިވަން..” އެމީހާ ދެއްކި ވާހަކަ ޒައިންއަަކަށް ފަހުމެއްނުވިއެވެ. “އެދުވަހު ޒައިން ގެނެސްދިން ދަބަހުގައި ހުރީ ކޮންއެއްޗެއްކަން އިނގޭތަ؟”
“ނޭނގެ..” ކުއްލިއަަކަށް ޒައިން ހަނދާންވީ މީގެ އަހަރުތަކެއް ކުރިން ފުލުސް އޮފީހަށް ހަވާލުކުރި ދަބަސް މަތިންނެވެ. އެހެންވެ އަވަސް އަވަހަށް ޖަވާބު ދިނެވެ. ހަގީގަތުގައި ވެސް އެދަބަހުގައި ހުރީ ކޮންއެއްޗެއްކަން ޒައިންއަށް ނޭނގޭތީއެެވެ.
“އެ ދަބަހުގައި ހުރީ ބައިވަރު ރުފިޔާ.. އެރުފިޔާއަކީ އަހަރެންނަށް ވަރަށް މުހިންމު ރުފިޔާއެއް. ފުލުހުން އަހަރެންނަށް ފޮޓޮއެއް ދެއްކި. އެދަބަސް ހަވާލުކުރި މީހުންކަމަށް ބުނެ. އެދުވަހުން ފެށިގެން ޒައިންގެ ފޮޓޯ އަހަރެން އަތުގައި ވާނެ. ކޮންމެސް ދުވަހަކުން ޒައިން ހޯދައިގެން ވެސް ޒައިން ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލު ދޭން އަހަރެން ހުރީ އަޒުމު ކަނޑައަަޅައިގެން.. އަދިވެސް އެއްފަހަރު ޒައިންއަށާ ޒައިންގެ މަންމައަށް ޝުކުުރު އަދާކުރަން. އަހަރެން ހީކުރަން އެދުވަހު ޒައިން ދިން ދަބަހުގެ އަގު އަހަރެންނަށް އަދާކޮށްދެވުނު ކަމަށް..” ހިނިތުންވުމާއެކު އޭނާ ޒައިންއަށް ކިޔައިދިނެވެ.
“ޑޮކްޓަރ.. ޑޮކްޓަރ އަހަރުމެންނަށް ކޮށްދިން ކަންތަކަށް ޝުކުރު އަދާކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. ހަމަ ރަނގަޅަށްވެސް މިއަދު އަހަރެންނަށް ވިސްނިއްޖެ ކިތަންމެ ކުޑަ ހެޔޮކަމެއްގެ އަގުވެސް އެހާ ބޮޑުކަން..” ކޮޅަށް ތެދުވެ ޑޮކްޓަރު ގައިގައި ބައްދާލަމުން ޒައިން ބުންޏެވެ.
“މަންމަމެން ކުޑައިރު އަބަދުވެސް ބުނެދޭ ދޯ ހެޔޮކަމަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަމަށް.. ހަގީގަތުގައި އެއީ ކިހާ ބޮޑު ތެދެއްކަން އެއިރު އިހުސާސް ނުވިއަސް މިއަދު ޒައިން އަށް ވިސްނިއްޖެ ކަމަށް އުންމީދު ކުރަން..” ޑޮކްޓަރު ބުނެލިއެވެ.
އާނއެކެވެ. އެމީހަކު ކުރާ ހެޔޮކަމެއް ބޭކާރުވެގެންނެއް ނުދާނެއެވެ. އޭގެ ބަދަލު އަބަދުވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވައެވެ.
-ނިމުނީ-
2 Comments!
Comments are closed.




Ma sha Allah varah reethi vahaka ehh.. keep going.. Barakallah feeki 🥰♥️✨
Thank you Ibna for your kind comment..
❤️😘