Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެ

ނިމްރާގެ ޢަޒުމް

Aayaa
Aayaa Level 310 Stories100 Login100 Comments
October 2, 2022 2 Mins Read
0 Comments

މަންމަ ފެނުމާއެކު ނިމްރާ ގޮސް މަންމަ ގައިގައި ބައްދައިގަތެވެ. މަންމަގެ އޯގާތެރި ފިރުމުމުގެ އިހްސާސް ވުމާއެކު ނިމްރާއަށް ބާރަށް ރޮވެން ފެށުނެވެ.
“ކިހިނެއް ވީ ދަރިފުޅު؟” ހައިރާންވެ ހުރެ ނިމްރާގެ މަންމަ ބުނެލި އެވެ. ބޮޑުކަމެއް ވެގެން ނޫނީ ނިމްރާ ނުރޯނެކަން އޭނާގެ މަންމައަށް އެނގެއެވެ.
“މަންމީ.. އެކުދިން ބުނަނީ ނިމް އަކީ ވަރަށް ކަޅު ކުއްޖެކޯ. ކަޅު ކުދިން ވަރަށް ހަޑިވާނެއޯ.. އެއީ ތެދެއްތަ މަންމީ..؟” ގިސްލަމުން ނިމްރާ ވާހަކަދެއްކިއެވެ.
“އެކުދިން އެހެން ބުނީތަ؟” ނިމްރާގެ މަންމަ އަވަސް އަވަހަށް ބުނެލި އެވެ.
“ނިމްގެ އާރޓް ވޯކްވެސް ވީދާލީ އެހެން ބުނެފަ.” ނިމްރާގެ ރުއިން އަދިވެސް ނުހުއްޓެއެވެ.
“އެކުދިންނަށް ނުވިސްނޭތީ އެހެން އެބުނަނީ.. މާތްﷲ އިންސާނުން އުފެއްދެވީ އެންމެ ރީތި ސޫރައިގައި.. ދަރިފުޅު ވެސް ވަރަށް ރީތި މާޝާﷲ..” ނިމްރާގެ ކަރުނަތައް ފުހެދެމުން ލޮތްބާއެކު ނިމްރާގެ މަންމަ ބުނެލިއެވެ .
ނިމްރާއަކީ އުމުރުން އަށް އަހަރުގެ ކުއްޖެކެވެ. އޭނާ ދިރިއުޅެނީ މަންމަ އާއި ބައްޕައާއެކު އެވެ. ނިމްރާ އުފަންވި އިރުވެސް އޭނާގެ ހަމުގެ ކުލަ ކަޅެވެ. ކިޔެވުމަށް ނުހަނު ޝައުގުވެރިވާ ނިމްރާގެ އެންމެ މޮޅު ހުނަރަކީ ކުރެހުމެވެ.ކުލާހަށް އަލަށް އައި ކުއްޖަކު އެހެން ކުދިންނާ ގުޅިގެން ނިމްރާއަށް ހަނގާ ކުރަން ފެށި ފަހުން ނިމްރާ އިންނަނީ ވަރަށް ދެރަވެފައެވެ. ކުލާހުގައި އެކުދިން ހަނގާ ކުރާ ވާހަކަ ނިމްރާއަށް މަންމަ ކައިރީގައި ބުނާނެ ގޮތެއް ނޭނގި ފަސްކުރެވުނެވެ. ނަމަވެސް މިއަދު އެކުދިން އޭނާ ވަރަށް މަސައްކަތުން ނިންމާލި ކުރެހުން ހަލާކު ކޮށްލުމުން ނިމްރާ މާ ބޮޑަށް ދެރަވީއެވެ.

“އެކުދިން ގާތުގައި އެގޮތަށް ކަންތައް ނުކުރާން ބުނިންތަ؟ މިސްއާ އެވާހަކަ ހިއްސާކުރިންތަ؟” ނިމްރާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ނިމްރާގެ މަންމަ ސުވާލުކޮށްލިއެވެ. ވަކި އެއްޗެއް ނުބުނެ ނިމްރާ ދެފަރާތައް ބޯހޫރޫވާލިއެވެ.
“ކުލާހުގައި ނިމްއަށް އުނދަގޫވާ ގޮތަށް އެއްވެސް ކުއްޖަކު އެއްވެސް ކަމެއް ކޮށްފިއްޔާ އެގަޑީގަ ހުރި ޓީޗަރެއް ގާތު ބުނެލަން ވާނެ. ބުލީ ކުރާ ކުދިން ގާތުވެސް ބުނަން ވާނެ އެގޮތަށް އެކަން ނުކުރާށޭ..” ނިމްރާގެ މަންމަ ނަޞޭހަތުގެ ރާގެއްގައި ބުންޏެވެ.
“މަންމާ. ދިވެހި ވީކްގަ ނިމްމެން ކްލާހަށް އޮތީ ސްޓޭޖް އެކްޓިވިޓީ އެއްނު. ނިމް ކުދިންނަށް ކިޔައިދޭނީ ބުލީ ކުރުމަކީ ގޯސް ކަމެއްކަން..” ވިސްނާލަން އިނދެފައި ނިމްރާ ބުނެލިއެވެ.

ނިމްރާ ސްޓޭޖް މައްޗަށް އެރުމާއެކު ބައެއް ކުދިން ކަޅު ކުއްޖާއޭ ކިޔާ އަޑުއިވުނެވެ. ނަމަވެސް މިއަދު އޭނާ އެހުރީ އެއަށްވުރެ ގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ.

ބިސްމިނުގެ ބަރަކާތުން ނިމްރާ ވާހަކަދައްކަން ފެށިއެވެ. ނިމްރާގެ ބަސްމޮށުންތެރިކަމާ ވާހަކަދެއްެކުމުގެ ހުނަރުން މުޅި އޯޑިއަންސަށް ހަމަހިމޭން ކަން ވެރިވެގެން ދިޔައެވެ.

“ތިކުދިންނަށް އިނގޭތަ ބުލީ ކުރުމަކީ ކޮބައިކަން؟ އަދި ބުލީ ކުރުމުން އެހެން ކުދިންނަށް ލިބޭ ގެއްލުން؟” ނިމްރާ ސުވާލު ކޮށްލީ އޯޑިއަންސަށެވެ.

“ހަނގާކުރުމަކީ ކުއްޖަކު ބޭނުންނުވާ ނަންނަމުން ކުއްޖަކަށް ގޮވުމާއި, މަލާމާތްކުރުމާއި, ކުއްޖަކާ ބެހެގޮތުން ދޮގު ވާހަކަ ދެއްކުން ފަދަ ކަންތައްތައް..” ނިމްރާގެ ކަނާއަތް ފަރާތުގައި ހުރި އާލިޔާ ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

“އެހެންކަމުން މިއަދު އަޅުގަނޑުމެން ހުށައަޅައިދޭނީ ބުލީ ކުރުމުގެ ސަބަބުން ދިމާވެފައިވާ ހިތްދަތި ހާދިސާއެއް..” މިފަހަރު ވާހަކަދެއްކީ އޭނާގެ ވާއަތް ފަރާތުގައި ހުރި އީޝަލްގެ އެވެ.

ނިމްރާމެންގެ ރޯލް ޕްލޭއިން ފެނިގެން ދިޔައީ ހަމުގެ ކުލަ ކަޅު ކުއްޖަކަށް ކުދިން މަލާމާތް ކުރާތަނެވެ. އޭގެ ސަބަބުން އެކުއްޖާ ވަރަށް ދެރަވެފައި އިންނަ މަންޒަރު ފެނިގެން ދެއެވެ. ރޯލްޕްލޭ ނިންމާލަމުން ނިމްރާ ހުރިހާ ކުދިންނަށް ވަރަށް އިބުރަތްތެރި ނަސޭހަތް ކޮޅެއް ދެއެވެ.

“މާތް ﷲ އަހަރެމެން އިންސާނުން ހެއްދެވީ އެންމެ ރިވެތި ސޫރައިގައި. އެހެންވީމަ އެއްވެސް ކުއްޖަކު އެހެން ކުދިންނަށް މަލާމާތް ކުރުމަކީ ގޯސް ކަމެއް..” އަލްޔާ ސްޓޭޖްގެ ކުރިމަތީ ގައި ހުއްޓެމުން ބުނެލިއެވެ.

“އެހެން ކުދިންނަށް ބުލީ ކުރުމުގެ ކުރިން އަޅުގަނޑުމެންނަށް އެހެން ކުއްޖަކު ބުލީ ކޮށްފިއްޔާ ވާނެ ދެރަ އިހްސާސް ކޮށްލުން މުހިންމު..” އަލްޔާގެ ގާތުގައި ހުއްޓެމުން އީޝަލް ބުނެލިއެވެ.

“މާތް ﷲ ސޫރަތުލް މުއްޒައްމިލްގެ ދިހަ ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވަނީ (އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ.)” އެންމެފަހުން ވާހަކަދެއްކީ ނިމްރާއެވެ. ނިމްރާ ސްޓޭޖުން ފޭބުމާއެކު ހިމޭންވެފައި އޮތް ހޯލް ގުގުމައިގެން ދިޔައީ އެންމެންގެ ތަރުހީބުގެ އަތްތިލަ ބަޑިންނެވެ.

ޖެހިގެން އައި ދުވަހު ނިމްރާ ކުލާހަށް ވަނުމާއެކު ހުރިހާ ކުދިން ވަރަށް ދެރަވެ ތިބެ ނިމްރާގެ ކިބައިން މާފަށް އެދުނެވެ. ކުރެވުނީ ގޯސް ކަމެއްކަން އެކުދިންނަށް ވިސްނުނެވެ.

“ނިމްއަށް ބުލި ކުރެވުނީމަ ވަރަށް ބޮޑަށް ސޮރީ. ދެން ދުވަހަކުވެސް ނިމްއަށް ބުލީ އެއް ނުކުރާނަން.” އިސްޖަހާލަމުން ހުރިހާ ކުދިން ވެސް ބުނެލިއެވެ.

ނިމްރާ ވަރަށް އުފަލުން ހުރެ ހުރިހާ ކުދިންނަށް މަޢާފު ކުރިއެވެ.

އެދުވަހު ނިމްރާއަށް ވިސްނުނު ކަމަކީ މައްސަލައެއް ހައްލުވާނީ އަބަދުވެސް އެހީވެވޭނެ މީހަކާ އެވާހަކަ ހިއްސާކޮށްގެން ކަމެވެ. ނުބުނެ ދެރަވެފައި ހުއްޓަސް އެއްވެސް މީހަކަށް އެހީނުވެވޭނެ ކަމެވެ. އެހެން ކަމުން އެހީއެއް ބޭނުންނަމަ އަވަހަށް މަންމަމެން ގާތު ބުނަން ޖެހޭނެ ކަމެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 310 Stories100 Login100 Comments

Other Articles

Previous

ޙާލަތު (އެގާރަވަނަ ބައި)

Next

މަދަދުވެރިޔާ (13)

Next
October 2, 2022

މަދަދުވެރިޔާ (13)

Previews
October 2, 2022

ޙާލަތު (އެގާރަވަނަ ބައި)


All Right Reserved!