ތިޔަ ލޯބީގައި…07
“ތިކައިވެނި ކުރިއަސް ދުވަހަކުވެސް އަހަރެންގެ ފަރާތުން ތިއަންހެންކުއްޖަކަށް އެއްވެސް ހެވެއްް ނުލިބޭނެ.” އަޑުގެނެތްތަނަށް ޒާއިން ހަޅޭލަވައިގަތީ ލޭއޮހޮރެމުންދިޔަ ދެއަތަށް މުށްކަވައި ބާރުކޮށްލަމުންނެވެ. އައިސްފައިހުރި ގަދަރުޅީގައި އަތުގައި އަޅަމުންދިޔަ ވޭންވެސް އޭނާއަށް އިހުސާސު ނުކުރެވޭކަހަލައެވެ.
ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް އޭނާއަށް ތޮއިބާގެ ބަސްގަބޫލުކުރުން ނޫންހެންގޮތެއް ނެތެވެ. އެގެދޫކޮށް އޭނާގޮސް ވަންނާނެ އެހެންތަނެއް ނެތެވެ. އޭނާއަކީ ގާތް އެއްވެސް ރަހުމަތްތެރިއަކުވެސް ހުރި މީހެއްނޫނެވެ. އެހެންނޫނަސް ތޮއިބާ ބުނިފަދައިން މަސައްކަތެއްކޮށްގެން ދިރިއުޅޭނެހައި ހިތްވަރެއްް އޭނާގެ ނެެތެވެ.
އަނެއްކާވެސް ޒާއިންއަށް ހަޅޭލަވައިގަނެވުނެވެ. ތިރީގައި ވެއްޓިފައިއޮތް ބޮޑީ ސްޕްރޭ ފުޅިއެއްގައި ފައިން ޖެހުމަށްފަހު ބާރު ހިނގުމެއްގައިގޮސް އޭނާ ފާހާނައަށް ވަނެވެ.
*****
އިޝާ ނަމާދުކޮށް ނިންމައިލުމަަށްފަހު ސާރާ މުސައްލަމަތިން ފޭބިއިރު ހިތައްލިބިފައިވީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނިކުރެވެން އުޅޭތީ އޭނާގެ ހިތް އުފަލުން ނަށަނީއެވެ. މިއީ ކޮންމެ މަޔަކަށްވެސް އަންނާނެ ދުވަހެއްކަން ޔަގީނެވެ. ޚިޔާލުތަކުގެ ފުންކަނޑުގައި ފީނަމުންދިޔަ ސާރާ ސިހުނީ ކުއްލިއަކަަށް އެނދުމަތީގައިއޮތް ފޯނު ރިންވާންފެށި އަޑަށެވެ. ހައިރާންވެފައި ސާރާ އައިސް ފޯނު ނަގަމުން ބަލައިލީ އެވަގުތަކީ އާންމުކޮށް އެއްވެސް މީހަކު އޭނާއަށް ގުޅާ ވަގުތަކަށް ނުވާތީއެވެ. ދިއްލެމުންދިޔަ ސްކްރީނުން ނާޒްގެ ނަންފެނުމާއެކު އަވަސް އަވަހަށް ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން ސަލާމް ގޮވައިލިއެވެ.
“އުފާވެރި ޚަބަރެއްދޭން މިގުޅީ.” ސަލާމުގެ ޖަވާދު ދީފައި ނާޒް ބުނެލިއެވެ. “ކޮން ޚަބަރެއް އަނެއްކާ؟” އެނދުގެ އެއްއަރިމަތީގައި އިނށީދެ ސާރާ ހަމަޖެހިލިއެވެ.
“މި ހަފްތާގެ ހުކުރު ދުވަހު ތޮއިބާ ބޭނުންވޭ ތިގެއަަށްދާން. ލަމްޔާ އާއި ޒާއިންއާ ދެކުދިން ކައިވެނީގެ ކުރިން ބައްދަލުވެ ވާހަކަދައްކާލަންވާނު.. ކީކޭ ސާރާ ބުނަނީ؟” ނާޒްގެ ވާހަކަތަކުން ސާރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
“ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެންވެސް ބޭނުން އެދެމީހުނާ ބައްދަލުކޮށްލަން. އެހެންވީމަ ހުކުރު ދުވަހުގެ ރޭގަނޑު ކެއުމަށް މިގެއަަށް ދައުވަތުދިނުން ކިހިނެއްވާނެ؟” ވިސްނައިލުމަަށްފަހު ސާރާ ގަޑިއެއް ކަނޑައެޅިއެވެ. ނާޒްއަށްވެސް އެގޮތްކަމުދިއުމުން އެގޮތަށް ނިންމައި އެފޯނުކޯލް ކުރުކޮށްލިއެވެ.
*****
އެހަފުތާގައި ބާއްވަން ހަމަޖެހިފައިވި ބައްދަލުވުމަށް ޝަޔަމް ވަރަށް ފުރިހަމައަށް ތައްޔާރުވިއެވެ. ވެރިއެއްގެ ހައިސިއްޔަތުން މުއައްޒިފުންނާއި ދައްކަން ބޭނުންވާ ވާހަކަތައް ހުރުމާއިވެސް އެކުއެވެ.
ފަރިހިނގުމެއްގައި ޝަޔަމްއައިސް މީޓިންގް ރޫމްއަށް ވަތްއިރު ހުރިހައި އެންމެން އެތަނުގައި އޭނާގެ އިންތިޒާރުގައި ތިއްބެވެ. ހިތްހެޔޮ ހިނިތުންވުމަކާއިއެކު އެންމެނާއި ކުރިމަތިލަމުން ޝަޔަމް ގޮސް އޭނާއަށް ޚާއްސަކުރެވިފައިވި ގޮނޑީގައި އިނށީދެލިއެވެ.
ޝަޔަމް ބައްދަލުވުން ފެށީ އޭނާގެ ވިޔަފާރިފެށިގެން އައިގޮތް ކުރުގޮތަކަށް ކިޔައިދެމުންނެވެ. އަދި އެވިޔަފާރި ކުރިއަރައިގެން އައިސް މިއަދު އޭނާހުރި މަގާމަށް އައުމަށްޓަކައި ކުރި ބުރަ މަސައްކަތަށްވެސް އަލިއަޅުވައިލިއެވެ. ސްކޫލް ދައުރުންސުރެވެސް އޭނާ އަކީ އާރކިޓެކްޗަރ އަށް ޝައުގުވެރިވާ މީހެއްކަމުން އެދާއިރައިން އަމިއްލަ ވިޔަފާރިއެއް ފެށުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެކެވެ. މިއަދު އޭނާގެ ހުވަފެން ފުރިހަމަވެފައިވީއިރު އެކަމާ އޭނާ އަބަދުވެސް ފަޚުރުވެރިވެއެވެ.
ޝަޔަމް ބޭނުންވަނީ އެބިލްޑިންގް އެއްކޮށް އައުކޮށްލަންކަމުން ދޮޅުމަސްދުވަހުގެތެރޭގައި އެކަންކޮށް ނިންމައިލުމަށްޓަކައި އޭނާ ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އަދި އެދުވަސްތަކުގައި އޮފީހުގެ މުއައްޒިފުންނަށް ޗުއްޓީއެއްދޭން ނިންމައިފައިވާ ކަމަށާއި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޭނާ އާއި އެއްކޮށް އެންމެ ގާތުންބެލުމަށްޓަކައި ނުހައިކް ހުންނާނެ ވާހަކަވެސް ބުނެލިއެވެ. ގަބޫލުނުކުރެވިފައި ޝަޔަމްއާއި ދިމާލަަށް ބަލަހައްޓައިގެން ނުހައިކްއަށް އިނދެވުނީއެވެ. ޝަޔަމްގެ ބޭނުމަކީ ކޮބައިކަމެއް އެއްގޮތަކަށްވެސް ނުހައިކް އަކަށް ނުވިސްނުނެވެ.
މީޓިންގް ނިމުނިއިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ޝަޔަމްގެ ވާހަކަތަކާ ގަޔާވާކަން އެމީހުންގެ ކިބައިން ފެންނަމުންދިޔައެވެ. އެއްޗެއް ނުބުނިނަމަވެސް ނުހައިކްގެ ހިތްވެސް ޝަޔަމްގެ ގާބިލްކަމަށް ތައުރީފުކޮށްލިއެވެ. އޭނާއަކީ ގާބިލް ވެރިއެއްކަމަށް ނުހައިކްގެ ހިތްވެސް އެއްބަސްވިއެވެ.
“އެލޯރިންގް އާރކިޓެކްޗަރ” ހިތާއި ހިތުން ނުހައިކްއަށް ކިޔައިލެވުނެވެ. އެނަންވެސްވީ އޭނާގެ ހިތަަށް ކަމުދިޔަ ނަމަކަށެވެ. ސިކުނޑީގައި އެނބުރެމުންދިޔަ އެކި ޚިޔާލުތަކާއެކު ނޭނގުމުގެ ތެރޭގައިވެސް ނުހައިކްއަށް ހިނިތުންވެލެވުނެވެ. ސަބަބު ޚުދު އޭނާގެ އަމިއްލަ ނަފުސަށްވެސް ނޭނގެއެވެ.
*****
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުންގޮސް ހުކުރު ދުވަސް އައިސް ޖެހުނުއިރު ލަމްޔާގެ ހިތުގެ ހިނގުންވީ މިއިން ދުވަހަކުވެސް އަވަސްނުވާވަރަށް އަވަސްވެފައެވެ. ސާރާއާއިއެކު ރޭގަނޑުގެ ކެއުމަށް އެކި ވައްތަރުތައް ތައްޔާރުކުރަމުން ދިޔައިރު އާދަޔާޚިލާފަަށް ލަމްޔާ ބަސްމަދުވެފައިހުރިކަން ސާރާއަށް ފާހަގަވިއެވެ. އަލަށް ކައިވެންޏެއްކުރެވެން އުޅޭއިރު އެފަދަކަންކަން ކުރިމަތިވެދާނެކަން ވިސްނޭތީ ސާރާ އެކަމާ ވިއްދާ އެއްވެސް އެއްޗެއްނުބުނެއެވެ.
ކެއުންތައްޔާރުކޮށް ނިންމައިލުމަށްފަހު ލަމްޔާ ކޮޓަރިއަށް ދިޔައީ ފެންވަރައި ތާޒާވެލުމަށްޓަކައެވެ. އެރެއަށް ޚާއްސަކޮށް ސާރާ ހޯދައިދީފައިވާ ހެދުން އަލަމާރިން ނަގައި އެނދުމަތީގައި ބާއްވައިލުމަށްފަހު އޭނާގޮސް ފާހާނާއަށް ވަނެވެ.
ފެންވަރައިގެން ނުކުމެ ހެދުން ލުމަަށްފަހު ލަމްޔާ ޑްރެސިންގް ޓޭބަލް ކައިރީގައި އިނށީދެ ޝޯލް އަޅަންފެށިއެވެ. މޭމަތި ނިވާވަރަށް ރީތިގޮތަކަށް ޝޯލްއަޅައި ނިންމައިލުމަށްފަހު ފުންނޭވާއެއްލަމުން ކޮޓަރީގެ ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ލަމްޔާ ބަލައިލިއެވެ.
އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން ސާރާ ގޮވައިލިއެވެ. ދާންވީ ވަގުތުޖެހުނީކަން އެނގި ލަމްޔާގެ ހިތް ތެޅިލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެލަމުން އައިސް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. ހިނިތުންވެފައިހުރި ސާރާ ބުނީ ޒާއިންއާއި ތޮއިބާ ގޭގެ ބޮޑުކޮޓަރީގައި ލަމްޔާގެ އިންތިޒާރުގައި އެބަތިބިކަމަށެވެ. ތުންފަތުގައި ދަތްއަޅައިލެވުނު ލަމްޔާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ލަމްޔާގެ ކޮނޑުގައި ފިރުމައިލަމުން ސާރާ އޭނާ ގޮވައިގެން ހިނގައިގަތެވެ.
ބޮޑުކޮޓަރީގައިހުރި ސޯފާގައި އިނށީދެއިން ތޮއިބާގެ ނަޒަރު އެގޭގެ އެކި ދިމަދިމާލަށް ހިންގަމުންދިޔައެވެ. އާދައިގެ ގޮތަކަށް ހަދައިފައިހުރި ގެއެއްކަމަކު ބަލައިލިކޮންމެ ދިމާލަކުން ފެންނަމުންދިޔައީ ސާފު ތާހިރުކަމެވެ. ހިތްހަމަޖެހިފައިއިން މީހަކު ފަދައިން ހިނިތުންވެލަމުން އޭނާ ކުރިމަތީހުރި ސޯފާގައި އިން ނުހައިކްގެ މޫނަށް ބަލައިލިއެވެ. އަދި އެކިއެކި ވާހަކަތައް ދައްކަންފެށިއެވެ.
ތޮއިބާގެ ގާތުގައިއިން ޒާއިން އިނީ އިސްޖެހިފައެވެ. ހިތްހަމަނުޖެހިފައި އިން ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. މަޖުބޫރުވެފައިއިން މީހަކު ފަދައިން ތުންފަތް ހަފައިލަ ހަފައިލައި އޭނާ އިނީ ފޫހިވެފައެވެ. ތޮއިބާއާއި މެދުގައި ހިތުގައިވީ ނުރުހުންތެރިކަމާއި ޝަކުވާއެވެ. ތޮއިބާއަށް ޖެއްސުމަށްވިޔަސް އެކައިވެނިކޮށް އެއަންހެންކުއްޖަކަށް ބޮޑު ލަނޑެއްދޭން އޭނާގެ ހިތަށް އަރަމުންދިޔައީ މަދުފަހަރަކު ނޫނެވެ.
އެއްވެސް އެއްޗެއް ނުބުނެ ޒާއިން އިންގޮތުން ނުހައިކްއަށްވެސް އިސްވެ ވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ. ކޮއްކޮގެ ކައިވެނި ހަމަޖެހުނު ވާހަކަ މަންމަ ބުނީއްސުރެ އެމީހަކާއި ބައްދަލުކޮށްލުމަަށް އޭނާ ހުރީ ކެތްމަދުވެފައެވެ. އެހެނަސް ޒާއިންގެ ފަރާތުން ފެންނަމުންދަނީ ބީރަށްޓެހިކަމެވެ.
ލަމްޔާ ގޮވައިގެން އައިސް މަޑުކޮށްލި ސާރާ ފެނުމުން ނުހައިކް އިންތަނުން ތެދުވެ ލޯބިވާ ކޮއްކޮގެ އަތުގައިހިފައި އޭނާއާއި ގާތްކޮށްލިއެވެ. އަދި ޖަންބުކުލަ އަރަމުންދިޔަ ލަމްޔާގެ ކޯތާފަތުގައި އަތުން ފިރުމައިލަމުން ގެނެސް އޭނާގެ ގާތުގައި އިނށީނުމަށް ބުންޏެވެ.
ލަދުގެންފައިހުރި ލަމްޔާ އިނށީދެ ހަމަޖެހިލުމާއެކު އޭނާގެ ދެފަރާތުން ނުހައިކްއާއި ސާރާ އިނށީނެވެ. އެހުރިހައިއިރު ތޮއިބާގެ ތޫނު ނަޒަރުހުރީ ލަމްޔާގެ ހިތްގައިމު މައުސޫމު މޫނަށް ހުއްޓިފައެވެ. ގާތުގައިހުރި ނާޒްއާއި ދިމާލަށް ބަލައިލީ ރުހުމާއެކުއެވެ. ނާޒްގެ ހޮވުން ވަރަށް ފުރިހަމައޭ ބުނާކަހަލައެވެ.
“ދަރިފުޅާ.” ލޯތްބާއިއެކު ތޮއިބާ ގޮވައިލިގޮތުން ސާރާގެ ހިތަަށް ފިނިކަމެއް އިހުސާސުވިއެވެ. ލަދުގަތްނަމަވެސް ލަސްލަހުން އިސްއިފުލައިލަމުން ލަމްޔާ ބަލައިލިއެވެ. “ލައްބަ” މަޑުމައިތިރިއަޑަކުން ލަމްޔާ ޖަވާބުދިނެވެ.
އިވިގެންދިޔަ މިއުޒިކެއްފަދަ ހިތްގައިމު އަޑުން ޒާއިންއަށް އިސްއުފުލައިލައި ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާގެ ކުރިމައްޗަށްވާގޮތަށްހުރި ސޯފާގައި އިން ލަމްޔާގެ މޫނަށް ބަލައިލިގޮތަށް އެހެންދިމާލަކަށް ބަލައިލާކަށް ޒާއިން ހަނދާނެއްނުވިއެވެ. ކުރިމަތީގައިއިނީ އޭނާ މިއިން ޒަމާނަކުވެސް ނުދެކޭފަދަ ސާދާ އަންހެންކުއްޖެއްވިއްޔާއެވެ. ލައިގެންއިން ކަޅުކުލައިގެ ދޫއަބާޔާއާއި އަޅައިފައިވާ ކަޅު ޝޯލްގެ ސަބަބުން ފެންނަންހުރީ ލަމްޔާގެ މަޑުރަތްކުލައެއް ވެރިވެފައިވާ ކުޑަކުޑަ ދޮން މޫނާއި ދެއަތްތިލަ އެކަންޏެވެ. ލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ޒާއިންއަށް އުނދަގޫވިއެވެ. ތޮއިބާ އޭނާއަށްޓަކައި ހޮވީ އެފަދަ އަންހެންކުއްޖެއްހެޔެވެ؟
ތޮއިބާގެ ސުވާލުތަކަށް މަޑުމަޑުންއިނދެ ޖަވާބުދެމުންދިޔަ ލަމްޔާގެ ކޮންމެ ހަރަކާތަކަށް ޒާއިންއަށް ބެލެމުންދިޔައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އެފަދަ އަންހެންކުއްޖަކަށް އޭނާ އިސްއުފުލައި ބަލައިނުލާނެކަން އަމިއްލަ ނަފުސަށް ޔަގީންވިއެއްކަމަކު ލަމްޔާގެ ހަރަކާތްތަކަށް ބެލުން ޒާއިންއަށް ހުއްޓައެއްނުލެވުނެވެ. ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ބައެއްފަހަރު ލަމްޔާގެ އެދޮންކޯތާފަތަށް ވެރިވެގެންދާ ލަދުވެތިކަމުގެ ކުލަވަރުން ޒާއިންއަށް ނޭނގި ނަމަވެސް ހިނިތުންވެލެވެއެވެ.
ޒާއިންގެ ނަޒަރުހުރީ އޭނާއަށް އަމާޒުވެފައިކަން އެނގި އެންމެފަހުން ލަސްލަހުން ލަމްޔާގެ ދިފު އެސްފިޔަތައް އުފުލައިލައި ޒާއިންގެ މޫނަަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެހިތުގެ ވިންދުވެސް އަވަސްވެގެން ދިޔައެވެ. މީގެ ކުރިން އިހުސާސު ނުކުރެވޭ އެތައްކަމެއް އެކުޑަހިނދުކޮޅުގައި ދެމީހުނަށްވެސް އިހުސާސުވެގެންދިޔަކަން ގައިމެވެ.
ލަމްޔާގެ ތޫނު ނަޒަދުން ޒާއިންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވައިފިއެވެ. އެގެއަށް އައުމުގެކުރިން އޭނާގެ އަމިއްލަ ނަފުސަށްވީ އެތައްވައުދެއް އުވިގެންދިޔައީ ޒާއިންގެ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ޒާއިންއަށް ހިނިތުންވެލެވުނެވެ. ހަގީގަތުގައިވެެސް ލަމްޔާގެ ޖާދުވީ އެރީތަކަމުން ޒާއިންއަށް އަސަރުކުރުވައިފިއެވެ. އިތުރަށް އެއަންހެންކުއްޖާ ދަސްކުރުމަށް އެދެވެންފެށިއެވެ. މިވީ ކިހިނެއްހެއްޔެވެ؟ އެއްގޮތަކަށްވެސް ޒާއިންއަކަށް ނުވިސްނުނެވެ. ދާދި ދެންމެއަކާ ޖެހެންދެން ޒާއިން ތޮއިބާގެ ހޮވުމަށް ނަފުރަތުކުރިއެވެ. އެހެނަސް ލަމްޔާ ފެނުމާއެކު ފަޅި ސުކުންތެއްގެ ތެރޭގައި އެހިތްބަދަލުވެއްޖެކަހަލައެވެ. އަނެއްކާ ލަމްޔާ އޭނާއަށް ސިހުރެއްޖެއްސީ ބާއެވެ؟ ކުޑަކޮށްވެސް މިއިން އެއްވެސް ސުވާލެއްގެ ޖަވާބެއްދޭކަށް ޒާއިންއަކަށް ނޭނގުނެވެ.
އޭނައަށް އެނގޭހައިވެސް ކަމަކީ ލަމްޔާ ފެނުމާއެކު ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަށްނުވާ އެތައްގޮތްތަކެއް ވެއްޖެ ކަމެވެ. ދުވަހަކު ނުކުރެވޭ އައު އިހުސާސުތަކަކުން އެހިތް ބަނދެވިއްޖެކަމެވެ. އެ މައުސޫމުކަމުން ފުރިފައިވާ އަންހެންކުއްޖާ މިލްކު ކުރުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތްކަމެވެ. ޒާއިން ބަލަންއިންގޮތުން ގަތްލަދެއްގެ ބޮޑުކަމުން އަވަސްއަވަހަށް ލަމްޔާ އިސްޖަހައިލިއެވެ. އެއާއެކު ޒާއިންގެ ލުއި ހުނުމުގެއަޑު އިވިގެންދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






