ތިޔަ ލޯބީގައި… 05
ބަސްހުއްޓި އާނގަމަވެފައި ޝަޔަމްގެ ރީތި ސޫރައަށް އެންމެން ބަލަމުންދިޔައިރު ޝަޔަމްގެ ދެލޯ އަމާޒުވެފައިވީ އޭނާ ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް އިސްޖަހައިލި ނުހައިކްއަށެވެ. ވަގުތުން އެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“އެއީ.. އެއީ ޝަޔަމްތަ؟ ޝަޔަމް އަޒްހަރް؟” ހައިރާންވެ އަޖައިބުވެފައިހުރެ އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް ހިޔާމް ބުނެލިއެވެ. އެތަނުގައި ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރީ ހަމައެކަނި އޭނާއެއްނޫނެވެ. އޮފީސް ދޮރުމަތީގައި އައު ވެރިޔާއަށް މަރުހަބާކިޔަން ހުއްޓިތިބި ގިނަމީހުންގެ ހާލަކީ އެއީއެވެ. ދެލޮލަށް ފެންނަމުން މިދަނީ ހަގީގަތެއްކަމާމެދުވަނީ ޝައްކުވެފައެވެ.
ފަރިހިނގުމެއްގައި ޝަޔަމްއައިސް އޮފީސްދޮރުމައްޗާ ހަމަވުމާއެކު އެންމެ ކުރީސަފުގައިހުރި އަންހެންކުއްޖަކު މަރުހަބާއޭ ބުނެލަމުން އަތުގައިއޮތް ބޮޑު މާބޮނޑި ދިއްކޮށްލިއެވެ. ޝުކުރުވެރިވަމުން އެމާބޮނޑީގައި ހިފައިލައިފައި ޝަޔަމް އެކުއްޖާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އޮފީސްތެރެއަށް ވަނުމަށްޓަކައި ކުރިއަަށް ހިނގައިގަތެވެ. ޝަޔަމްގެ ގާތުގައި ހުރެގެން ދާންވީމަގު ދައްކައިދެމުން ޒައިދު ދިޔައެވެ. އޭނާގެ މޫނުމަތިންފެންނަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. “ޔަގީން އެ ޒައިދުއަށް ބޮޑު ލާރިގަނޑެއް ލިބުނީކަން.” ފޫހިގޮތަކަށް ޒައިދާ ދިމާލަށް ބަލަންހުރި ހިޔާމްގެ ހިތަށް އެރިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒައިދުގެ އަމަލުތަކުން އެކޮމްޕެނީ ވިއްކާލަން ޖެހެމުން އެކަމާ އެއްވެސް ހިތާމައެއްކުރާކަމުގެ އަސަރެއް ފައުޅެއްނުވެއެވެ.
ވަށަިއިގެންތިބި އެންމެންގެ ހިތްތަށް އޭނާގެ ޖާދުވީ ހިނިތުންވުމުން ފަތަހަކުރަމުން ޝަޔަމްއައިސް މަޑުޖެހިލީ ނުހައިކްގެ ކުރިމަތީއެވެ. ވަގުތުން ޒައިދު އެއީ އެއޮފީހުގައި އޭނާ އާއި އެންމެ ގާތުގައި މަަސައްކަތްކުރި ފަރާތްކަން ހާމަކޮށްލިއެވެ. އިސްޖަހައިގެންހުރި ނުހައިކްގެ މޫނަށް ޝަޔަމް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އަދި ޒައިދުގެ ވާހަކަތަކަށް ހިނިތުންވެލަމުން ބޯޖަހައިލުމަށްފަހު އަލުން ހިނގައިގަތެވެ.
ޝަޔަމްގެ ފަހަތުން ހުރިހައި މުއައްޒިފުންގޮސް އޮފީހުގެ މީޓިންގް ރޫމަށް ވަނެވެ. އެތަންވެސް ވަނީ އެދުވަހަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. އެއީ ނުހައިކްގެ ބުރަ މަަސައްކަތްކަމަށްބުނެ ޒައިދު ތައުރީފުކޮށްލުމާއެކު ޝަޔަމް ނިތްއަރުވައިލިއެވެ. އަދި އަޅައިގެންހުރި އަވިއައިނު ނަގަމުން ވަށައިގެން ނަޒަރުހިންގައިލިއެވެ. އޭރު ހުރިހައިއެންމެންކަހަލަ ގޮތަކަށް އެތަނަށްވަދެއްޖެއެވެ.
އެބޮޑުކޮޓަރީގެ މެދުގައިހުރި ގަދަ އަޅިކުލައިގެ ބޮޑު މޭޒުދޮށު ހުރިހައި އެންމެން އިނށީދެ ހަމަޖެހިލުމާއެކު ޝަޔަމް ވާހަކަދައްކަން ފެށިއެވެ. އޭނާއާއިބެހޭ ކުރުތައާރަފެއް ދިނުމަށްފަހު އެއޮފީހާއި އެތަނުގެ މުއައްޒިފުންގެ ފަރާތުން އޭނާ އުއްމީދުކުރާ ކަންކަން ކުރުގޮތަކަށް ކިޔައިދިނެވެ. އަދި އޭނާއަކީ އެތަނުގައިތިބި ގިނަ މީހުން ދަންނަ މޫނެއްކަން ޔަގީންވިއަސް އެކަމާބެހޭގޮތުން އެހަފުތާގައި ބާއްވަން އޭނާ ގަސްދުކޮށްފައިވާ ބައްދަލުވުމުގައި ވާހަކަދައްކާނެކަމަށް ބުނެލީ ހިނިތުންވެފައި ހުރެއެވެ. އެއާއެކު އިސްޖެހިފައިއިން ނުހައިކް ސުވާލުގެ ނަޒަރަކުން އިސްއުފުލައިލައި އެންމެނަށް ބަލައިލިއެވެ. ތެދެކެވެ. ގިނަމީހުން ޝަޔަމްއަށް ބަލަހައްޓައިގެންތިބި ގޮތުން އެއީ އެމީހުންދަންނަ މީހެއްކަން ނުހައިކްއަށް ވިސްނުނެވެ. އަނެއްކާ ޝަޔަމް އެއީ ކާކުބާއެވެ؟ ނުހައިކްގެ ސިކުނޑި އެކިސުވާލުތަކުން ފުނިޖެހެމުންދިޔައެވެ. އެއްގޮތަކަށްވެސް މިވާނުވާއެއް އޭނާއަކަށް ނުވިސްނުނެވެ. ޝަޔަމް އެއޮފީހަށް ވެރިއެއްގެ ގޮތުގައި އަންނަންޖެހުނު ސަބަބަކާއިމެދުވެސް އޭނާއިނީ ސުވާލުއުފެދިފައެވެ. އަނެއްކާ އެއަންހެންކުއްޖާ އޭނަށްއާ ފާރަލަނީބާވައެވެ؟ ހިތަށްއެރިއެއްޗަކުން ނުހައިކް އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވައިލިއެވެ.
ފުރަތަމަ ދުވަސްކަމުން ބައްދަލުވުން ދިގުދަންމާކަށް ޝަޔަމް ބޭނުމެއްނުވިއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާތަށް ފާގަހަކޮށްލުމަަށްފަހު އޭނާ އެބައްދަލުވުން ކުރުކޮށްލީ އެހަފުތާގައި ބާއްވަން ނިންމައިފައިވާ ބައްދަލުވުން އޮންނާނެ ދުވަހާއި ގަޑި އެންގުމަށްފަހުއެވެ.
ބައްދަލުވުން ނިމުމާއެކު މަޑުމަޑުން މީހުންތައް އެތަނުން ނުކުންނަންފެށިއެވެ. ސިއްރުސިއްރުން އެކިވާހަކަދައްކަމުންނެވެ. ހިނިތުންވެފައިހުރެ ޒައިދުވެސް ޝަޔަމްއާ ސަލާމްކޮށްލުމަށްފަހު އެތަނުން ނުކުންނަން މިސްރާބުޖެހިއެވެ. އޮފީސް ދޮރުމައްޗާ ހަމައަށްގޮސް ހުއްޓިލުމަށްފަހު ވަށައިގެން އޭނާ ނަޒަރުހިންގައިލީ އެއީ އެތަނަށް އޭނާ އަންނާނެ އެންމެފަހު ދުވަސްކަމަށްވީމައެވެ.
މީޓިންގް ރޫމްއިން ނުކުންނަންދިޔަ ނުހައިކްއަށް ޝަޔަމް ގޮވައިލުމާއެކު އެހުރިފިޔަވަޅުމަތީގައި އޭނާ މަޑުޖެހުނެވެ. ފަސްއެނބުރި ބަލައިލަން ނުކެރިފައި އޭނާ ހުއްޓައި ޝަޔަމްގެ އިޝާރާތަށް ބޯލަނބައި ނުހައިކްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލުމަށްފަހު އޭނާގެ ގާތުގައި ހުރި ހިޔާމް އެހެންމީހުންގެ ފަހަތުންގޮސް އެތަނުން ނުކުތެވެ.
“ނުހައިކް. މިތަނުގަ އިނށީދެލަން އާދެބަލަ.” މަޑުމައިތިރިކަމާއެކު ޝަޔަމް އެދުނުގޮތުން ނުހައިކްގެ މޫނުމައްޗަށް ހައިރާންކަންވެރިއެވެ. ޝަޔަމްއާއި ދިމާވީއްސުރެ އެއަންހެންކުއްޖާގެ ފަރާތުން އޭނާ ދުށީ ބޮޑާކަންވިއްޔާއެވެ.
ވަކިއެއްޗެއްނުބުނެ ލަސްފިޔަވަޅުތަކެއްގައި ނުހައިކްއައިސް ޝަޔަމް އިނށީދެގެންއިން ގޮނޑިއާއި ޖެހިގެންހުރި ގޮނޑީގައި އިނށީދެލިއެވެ. ފަރުވާތެރިކަމާއެކު ޝަޔަމް ނުހައިކްގެ މޫނަށް ބަލައިލީ އެމޫނުން އެއްޗެއް ދަސްކުރަންއުޅޭ މީހަކުފަދައިންނެވެ.
“ޒައިދު ބުނިގޮތުގަ ތީ އޭނަގެ ޕީއޭ. އެހެންމަ އަހަރެންގެ ވިސްނުންވެސްހުރީ ނުހައިކް މިހާރުވެސް ތިހުރި މަޤާމުގަ ބަހައްޓަން. އަހަރެންގެވެސް ޕީއޭ ގޮތުގަ. ހަގީގަތުގަ އަހަރެންގެ ވިސްނުމެއްނެތް އެއްވެސް މުއައްޒިފަކު އެމީހެއްގެ މަޤާމުން ވަކިކުރާކަށް. އަހަރެން ބޭނުމީ މިހާރުވެސް މިތަނުގަ އުޅޭ މީހުނާއެކު މަސައްކަތްކުރަން.” ޝަޔަމް ވާހަކަދައްކަމުން ގެންދިޔައިރުވެސް ނުހައިކް އެއްވެސް އެއްޗެއްނުބުނެ މަޑުމަޑުން އިނީ ކަނުލައިއަޑުއަހާށެވެ. ކިތަންމެ ހިތްނުރުހުނަސް މިއަދު އޭނާއަށް އެނޫންގޮތެއްނެތެވެ. ކޮންމެގޮތެއްވިއަސް އޭނާގެ ވެރިއެއްގެ މަގާމުގައިހުރި މީހަކަށް ކިޔަމަންވުމަކީ އޭނާގެ ޒިންމާއެކެވެ.
“އެއްވެސް އެއްޗެއް ނުބުނާނަންތަ؟ އަހަރެންނާ އެއްވެސް ސުވާލެއް ނުކުރާނަންތަ؟” ނުހައިކްގެ ހަމަހިމޭންކަން ޝަޔަމްއަށް ކަމަކުނުދިޔައެވެ. ތުންފިއްތައިލަމުން މޫނަށްގޮތެއް ހަދައިލީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ ނުހައިކްގެ ސަމާލުކަން ހޯދަންވިއްޔާއެވެ.
“ތީ ކާކު؟ ކީއްވެ މި އޮފީސް..” ވާހަކަދައްކަން ފަށައިފައިވެސް ނުހައިކް މެދުކަނޑައިލީ ކުރެވެން މިއުޅެނީ ރަނގަޅު ސުވާލެއްބާއޭ ހިތަށްއަރައިފައެވެ. ނުބުނިނަމަވެސް ނުހައިކްގެ ހިތުގައިވި ސުވާލުތައް ޝަޔަމް ދެނެގަތެވެ.
“ވެލް. އަހަރެންދޯ.. އަހަރެންގެ ކުރު ތައާރަފެއް ދެންމެ ބައްދަލުވުމުގަ ދިނިން. އެކަމު އެއީ ޕާރސަނަލް އިންޓްރޯޑަކްޝަން އެއް ދޯ. ވިޔަފާރީގެ ދުނިޔޭގަ އަހަރެންމީ ކާކުކަން ނުދަންނަ މީހެއް މަދުވާނެ ކަންނޭނގެ. އެވެސް ޚާއްސަކޮށް މިދާއިރާގަ. ވެދާނެ ނުހައިކްއަށް ނޭނގެނީކަމަށް.. އަހަރެމެން ބައްދަލުވިފަހުން އެއްފަހަރުވެސް އިސްއުފުލައިލައި އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ނުހައިކް ބަލާލިންތަ؟” ވާހަކަދައްކަމުންގޮސް ކުޑަކޮށް ނުހައިކްއާއި ވީދިމާލަށް ގުދުވެލެމުން ހެވިފައި ޝަޔަމް އަހައިލިއެވެ.
ޝަޔަމްގެ ސުވާލާއެކު އިސްއުފުލައިލަމުން ނުހައިކް އޭނާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ހެވިފައި ނުހައިކްއާއި ދިމާލަށް ބަލަހައްޓައިގެން ޝަޔަމް އިނެވެ. ހައިރާންކަންވެރިވެގެންދިޔަ ނުހައިކްއަަށް ޝަޔަމް ހާމަކުރަން ބޭނުންވި ކަންތައް ވިސްނުނީކަށް އޭނާއަށް އެނގުނެވެ. އެއްއަރިއަކަށް ހިނިތުންވެލަމުން އިންތަނުން ޝަޔަމް ތެދުވިއެވެ.
“އައި ގެސް ޔޫ ނޯ މީ.. ޔެސް.. އަހަރެންމީ ދުނިޔޭގެ ފެންވަރުގަވެސް ހޮވާލެވޭ މަޝްހޫރު އެއް އާރކިޓެކްޗަރ ކޮމްޕެނީގެ އޯނާ.. އެލޯރިންގް އާރކިޓެކްޗަރ.. ގެސް ޔޫ ހާރޑް ދި ނޭމް.” ހަށަންބަނދެލަމުން އޭނާއަށް ބަލަހައްޓައިގެންއިން ނުހައިކްއާއި ކުރިމަތިލައިފައި ޝަޔަމް ބުނެލީ ފޮނިގޮތަކަށެވެ. އެއަޑުގައި އެކުލެވިފައިވީ ބޮޑާކަމެވެ. އޭނާގެ އަމިއްލަ ނަފުސާމެދު ފަޚުރުވެރިވާކަން ޝަޔަމްގެ ދެލޮލުން އެކަނިވެސް ހެކިދެއެވެ. ހުއްޓުންއަރައިފައި ނުހައިކްއަށް އިނދެވުނީ ބުނާނެއެއްޗެއް ނުވިސްނިފައެވެ. ތެދެކެވެ. ޝަޔަމްއާއި ދިމާވިއްސުރެ އެންމެފަހަރަކުވެސް ފަރުވާތެރިވެ އޭނާ ޝަޔަމްއަށް ބަލައިލައިފައެއްނެތެވެ. ޝަޔަމްގެ ފުށުން ފެނުނު ކަންތައްތަކާ އޭނާ ގަޔާނުވީއެވެ. އެހެނަސް މިއަދު އެންމެ ނަޒަރަކުންވެސް ޝަޔަމް އެއީ އޭނާ ދަންނަ މޫނެއްކަން އެނގިއްޖެއެވެ. ސޯޝަލް މީޑިއާއާއި އެކިއެކި ނޫސްތަކުންނާއި އިންޓަރނެޓްގެ ޒަރިއްޔާއިން ފެނިދެނިވާ މޫނެއް ފާހަގަކުރަން ނޭނގޭނީ ކާކަށްހެއްޔެވެ؟ ކާމިޔާބު އެންމެ ޒުވާން ވިޔަފާރިވެރިންގެ ތެރޭގައި ޝަޔަމްގެ ނަން ހިމެނޭނެކަން ގައިމެވެ.
“ރާއްޖެއަކީ އަހަރެންގެ މަންމަ ނިސްބަތްވާ ގައުމު. މިތަނުގަވެސް އަހަރެންގެ އާއިލާ އޮވޭ. ކިޔަވައިނިމި އަހަރެންގެ އަމިއްލަ ވިޔަފާރިއެއްފަށާ އެވިޔަފާރި ފުޅާވިދުވަހުންފެށިގެންވެސް އަހަރެން ދެކެމުންއައި ހުވަފެނެއް އެއީ ރާއްޖޭގަވެސް އަހަރެންގެ ވިޔަފާރީގެ ގޮތްޕެއް އޮތުން. އެކަމަކު އުޅެންޖެހުނުލެއް ބުރަކަމުން އެހުވަފެން ހަގީގަތަށްނުވެފަ މިހުރިހާ ދުވަހު އޮތީ. އެންމެފަހުން އަހަރެން ރާއްޖެއަށްކުރި ދަތުރުގަ އަހަރެންނަަށް މި އާރކިޓެކްޗަރ ކޮމްޕެނީއާބެހޭ މައުލޫމާތު ލިބުނީ. މިތަނުގެ ވިޔަފާރި ދަށަށްގޮސް މިތަން ވިއްކާލަންއުޅޭކަހަލަ ޚަބަރެއް ލިބުމުން އަހަރެން ހިތަށްއެރީ މީ އަހަރެންގެ ހުވަފެންފުރިހަމަކުރުމަަށްލިބޭ ރަނުގެ ފުރުސަތެކޭ. މިފުރުސަތުގެ ބޭނުން އަހަރެން ހިފާނަމޭ. އެހެންވެ އަހަރެން މިތަން ގަންނަން ބޭނުންވީ. ޒައިދުއަަށް ކޮންޓެކްޓްކޮށް މިވާހަކަތައްދެއްކީ އެޚަބަރުގެ ތެދުދޮގު އޮޅުންފިލުވުމަަށް. އޭނަ ހުރީ މިތަންވިއްކާލާގޮތަށް. އެހެންވެ އެހާ ފަސޭހައިން އަހަރެންނަަށް މިކަންވީ. އެންޑް ފައިނަލީ… އައި އެމް ހިއަރ” ނުހައިކްގެ ހިތުގައިވި ގިނަ ސުވާލުތަކަށް ޝަޔަމްގެ ވާހަކަތަކުން ޖަވާބުލިބިގެންދިޔައެވެ. އެންމެފަހު ޖުމުލަ ބުނެލަމުން ދެއަތްފުޅާކޮށްލައިފައި ޝަޔަމް އެނބުރިލިއެވެ. މީހުންގެ ކުރިމަތީ ކިތަންމެ ބޮޑާގޮތް ދެެއްކިނަމަވެސް އެއަންހެންކުއްޖާގެހުރި މައުސޫމުކަން އެއަމަލުން ނުހައިކްގެ ހިތަށް އިހުސާސުވިއެވެ. އެހެނަސް މޫނުމަތިން އެއްވެސް އަސަރެއް ދެއްކުމެއްނެތި އޭނާ މޫނު އަނެއްފަރާތަށް އަނބުރައިލީއެވެ. އަބަދުމެ ދެކެމުންއައި ހުވަފެނެއްގައި ހަގީގީކުލަ ޖެހުމުން އުފާނުވާނީ ކާކުހެއްޔެވެ؟
“އެނީވޭސް.. އަހަރެން މިވިސްނަނީ މި ބިލްޑިންގް އާކޮށްލަން. މިތަނުގެ އިންޓީރިއާއާ ހުރިހާކަމެއް ބަދަލުކޮށްލަން.. ދެން އޮންނަ ބައްދަލުވުމެއްގަ އެހުރިހާ މައުލޫމާތެއް ހިއްސާކުރާނަން.” ނުހައިކްގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުމުން ދެންވެސް ވާހަކަދެއްކީ ޝަޔަމްއެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ މަޑުމައިތިރިގޮތް ދައްކައިގެންވިޔަސް ނުހައިކްގެ ހިތާހަމައަށް ވާސިލްވުމަށެވެ. ބޯޖަހައިލަމުން ނުހައިކް ހިނިތުންވެލީ ގަދަކަމުންކަހަލަ ގޮތަކަށެވެ. އޭނާ އިނީ އެތަނުން އަވަހަށް ނުކުންނަން ބޭނުންވެފައެވެ. ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ނުހައިކްގާތު އޭނާގެ ކެބިންއާއި އެންމެފަހުން ކުރިއަަށް ގެންދެވިފައިހުރި ޕްރޮޖެކްޓްސްގެ ފައިލްތައް ދެއްކުމަށް ޝަޔަމް އެދުނެވެ. ދުރުވާށޭބުނެ ނުހައިކް އިންތަނުން ތެދުވެ ހިނގައިގަތީ މީޓިންގް ރޫމްއިން ނުކުންނާށެވެ. ބޮޑާގޮތަކަަށް ހިނިތުންވެފައިހުރެ ޝަޔަމްވެސް ނުހައިކްގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔަ އެކި ޚިޔާލުތަކުން އެތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ.
*****
ލަމްޔާގެ ކޮޓަރީގައި ޓަކި ޖަހައިލަމުން ސާރާ ދޮރުހުޅުވައިލިއިރު ޚަތިމު ހިފައިގެން އެނދުމަތީގައި ޤުރުއާންކިޔަވަންއިން ލަމްޔާފެނި އެހިތަށްފިނިކަން ލިބިގެންދިޔައެވެ. ލޯތްބާއެކު ދަރިފުޅަށް ގޮވައިލަމުން ސާރާ އައިސް އެނދުގެ އެއްފަރާތުގައި އިނށީދެލިއެވެ. ސާރާފެނުމާއެކު ޚަތިމް ލައްޕައިލަމުން ކިހިނެއްވީތޯ ލަމްޔާ އަހައިލިއެވެ.
“މަންމަ މިއައީ ވާހަަކައެއް ދައްކާލަން.” ކޮޓަރީގެ ކަނެއްގައިހުރި ކަބަޑެއްގެ ތެރޭ ޚަތިމު ބާވައިލައިފައި އައިސް ސާރާ ގަތުގައި އިނށީން ލަމްޔާގެ ކޮނޑުގައި ފިރުމައިލަމުން ސާރާ ބުނެލިއެވެ. “ކޮންވާހަކައެއް އަނެއްކާ؟” ސާރާގެ މޫނަށް ބަލަންއިނދެ މަޑުމައިތިރިކަމާއެކު ލަމްޔާ އަހައިލިއެވެ.
“މަންމަގެ އެކުވެރި ނާޒްދައްތަ ލަމްއަށް އެނގެއެއްނު ދޯ. ކުރިންދުވަހު މިގެއަށްއައި މަންމައާ ބައްދަލުކޮށްލަން. ދަރިފުޅުގެ ކައިވެންޏަށް ވަރަށް ރަނގަޅު އާއިލާއަކުން އެދުނުވާހަކަ ބުނި.” ލަމްޔާގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ސާރާ އިނީ ފަރުވާތެރިކަމާއެކު ބަލާށެވެ. ހާސްކަންވެރިވެގެންދިޔަ ލަމްޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
“ދެން.. އަޅުގަނޑު.. އަޅުގަނޑު.. ކިހިނެއް؟” ހިތުގައިއޮތް އެއްޗެއް ހާމަކުރަން ލަމްޔާއަށްވީ އުނދަގޫ ކަމަކަށެވެ. އެއަޑުގައިހުރި މަޑު ތުރުތުރު ސާރާއަކަށް ސިއްރެއްނުވިއެވެ.
“ހަމަޖެހިބަލަ. ދަރިފުޅު ހާސްވާންޖެހޭވަރު ކަމެއް ނޫނެއްނު މިއީ. ފުރާފުރިހަމަވީމަ ކޮންމެ މީހަކުވެސް ކައިވެނިކޮށް ދިރިއުޅުމެއްފަށަންވާނު. ދަރިފުޅު ތިހުރީ އެއުމުރަށް އަޅާފަ. އަނެއްކާ ނާޒްދައްތަ އެއީ މަންމަ އިތުބާރުކުރާ މީހެއް. ނާޒްދައްތަ ބުނި އެއީ ރަނގަޅު އާއިލާއެކޭ. އެއާއިލާގަހުރި ހަމައެކަނި ފިރިހެންކުއްޖާ ވީމަ އެސޮރުގެ ކައިވެނި އެމީހުންވެސް ބޭނުންވަނީ ރަނގަޅު ކުއްޖަކާ ކުރުވަން. ދަރިފުޅު މިކަމާ ވިސްނާލަން މަންމައަށް ފެންނަކީ. އެކަމަކު ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއްނެތް. ވިސްނާލާފަ ގޮތެއްނިންމާ.” ހާސްވެފައިއިން ލަމްޔާގެނެެސް އޭނާގެ މެޔާލައި ބޮނޑިކޮށްލަމުން ބުރަކަށީގައި ސާރާ ފިރުމަމުންދިޔައެވެ. މަންމަގެ
މޭގައި ބޯއަޅައިލައިގެންއިނދެ ލަސްލަހުން ލަމްޔާ ބޯޖަހައިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






