ނުފިލާނޭ މިހިތަކުން 2
ޖަހަމުން ދިޔަސަކަރާތުގެ ތެރެއިން ވަގުތު ފާއިތުވެގެން ދިޔަގޮތެއްވެސް ނޭންގުއެވެ. ހުރިހާ ކުދިންގެ ފަރާތުންވެސް ފެންނަމުންދިޔައީ އެއްބައިވަންތަކަމެވެ. ފެންނަ މީހަކަށް ހީވާނީ އެއީ ފެށުނީންސުރެންވެސް ދަންނަ ގާތް ރަހުމަތްތެރިންހެންނެވެ. ގަޑިން 12:00 ޖަހަން ކައިރިވެފައި ވުމާއެކު އެންމެންވެސް ޖަހަމުންދިޔަ ސަކަރާތްތައް ހުއްޓާލުމަށް ފަހު ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ބެލެނިވެރިޔާއާއި އެކު ގެޔަށް ދިއުމަށް ހިނގައިގަތެވެ. ބޭބެ ބަލައިއައުމާއިއެކު އަހަރެންވެސް އަވަސްވެލީ ގެޔަށް ދިއުމަށެވެ. ގެޔަށް ދެވުމާއިއެކު ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ. ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ނިދީގެ ފުންކަނޑައް ގެނބުނީ މާއިރުތަކެއް ނުވެއެވެ.
އާދުވަހަކަށް އިރު އޭގެ ވާޖިބު އަދާކުރަމުން ދުނިޔެއަށް މަރުހަބާ ކިޔެވެ. މިއަދަކީ ކުލާސް ހުރިހާ ކުދިން ވެގެން ރައްޓެހި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހި ކޮށްލުމުގެ ނިޔަތުގައި ޕިކްނިކް ދާން ރާވައިފައިވާ ދުވަހެވެ. އެހެން ކަމުން އަހަރެންވެސް އަވަސްވެލީ އަހަންނާއި ހަވާލުކުރެވިފައިވާ މަސައްކަތް ނިމްމާލުމަށެވެ. ދައްތަގެ އެހީތެރިކަމާއިއެކު ފެންވަރުގެ މަޖާ ގަނޑެއް އަހަރެން ތައްޔާރުކޮށްލީމެވެ. އަދި ޕިކްނިކްދާން ރެޑީވެލައިގެން ނުކުމެ ދައްތައާއި މުހާތަބް ކޮއްލާ އަހަންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކޮށްލީމެވެ. ގަޑިން 7 ޖަހަން ކައިރިވެފައި ވުމުން ކުލާސް ކުދިން އަހަންނަށް ގުޅައި ބީޗްއަށް އައުމަށް ބުނެ ފޯން ކަނޑާލި އެވެ. އެވަގުތު ދައްތައާއި އަހަރެން ދާދި ގާތުގައި ވުމުން އެކޮޅުން ދެއްކި ވާހަކަ ދައްތައަށް އަޑުއިވުނެވެ. އަދި އަހަންނަށް ލިފްޓެއް ދޭނެ ކަމައްބުނެ އަހަރެން ދާންހަމަޖެހިފައިވާ މަންޒިލައް އަހަރެން ގެންގޮސްދިނެވެ.
ދައްތަ އަހަރެން ލާފައި ދިޔުމުން ރަހްމަތްތެރިންނާއި އެކު އެމީހުން ޖަހަމުންދިޔަ ސަކަރާތުގައި އަހަރެންވެސް ޝާމިލްވީމެވެ. މާލަސްތަކެއް ނުވެ ކުލާސް ހުރިހާ ކުދިންވެސް ބީޗަށް އަތުވެއްޖެއެވެ. އެވަގުތު އަހަރެމެން އެންމެން ޖަހަމުންދިޔަ ސަކަރާތް މެދުކަނޑާލައި އަވަސްވެލީ ކޮންމެ ކުއްޖެއްވެސް ތައްޔާރުކޮށްލާފައިވާ ކާތަކެތި ބީޗްގައިވާ ހަޓްމަތީ އަތުރާލުމަށެވެ. އެހިނދު އަހަރެން ތައްޔާރުކޮށްލާފައިވާ މަޖާ ތަށީގެ މީރުވަހުން ކާމެޒުމަތި އެއްވަސް ކޮށްލިއެވެ. އަދި ހުރިހާ ކުދިންގެ ތައުރީފްގެ ފޮނި ބަސްކޮޅު އަހަންނަށް އިއްވާލިއެވެ. އެވަގުތު އަހަންނާއި ދާދިގާތުން ވަރަށް ދަންނަ ހިތްގައިމު މަޑުމައިތިރި އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ޝައްކެއްވެސް ނެތެވެ. އެއީ ރޭގާ އަހަންނާއި ބައްދަލުވި ޒުވާނާއެވެ. ކަންދިމާވިގޮތުން އޭނާއަކީ އަހަންނާއި އެއް ކުލާހެއްގައި ތަޢުލީމު ޙާޞިލް ކުރާނެ ޒުވާނެކެވެ. އެވަގުތު އަހަރެން ހިތަށްއެރިއެވެ. ތަގުދީރަކީވެސް ހާދަ ހައިރާން ކުރުވަނިވި އެއްޗެއްތާއެވެ. ނަމަވެސް ރޭގައި ކަންވީގޮތުގެ ސަބަބުން ގަތްލަދުން އަހަރެން ބެލީ ވީހާވެސް އެޒުވާނާއާއި ދުރުން އުޅެވޭތޯ އެވެ. އެހެނަސް އެޒުވާނާގެ މޫނުމަތީގައިވާ މައުސޫމްކަމާއި، ހިތުގައިވީ އުދާސްތަކާއި އެހިތަށް އަޅަމުންދިޔަ ވޭން އެ ފަރި ހިނިތުންވުމާއި މުށިކުލައިގެ ދެލޮލުން އަހަންނަށް ނަގައި ގަނެވުނެވެ. އަދި އެ އުދާސްތަކުގެ ފަހަތުގައިވީ ސިއްރުތައް ދެނެގަތުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި އުފެދުނެވެ.
ކައިނިންމާލައިގެން ކުލާސް ހުރިހާ ކުދިން ވެސް ފޫހިފިލުވާލައި މަޖާކޮށްލުމުގެ ގޮތުން ތަފާތް އެކި އެކި ގޭމްތަށް ކުޅުނީމެވެ. ނަމަވެސް އަހަރެން ޖަހަމުންދިޔަ ސަކަރާތައް ހުއްޓުމެއްގެނުވީ އެއްކަލަ ޒުވާނާ ޖަންނައޭ ކިޔާ އަހަންނަށް ގޮވާލުމުންނެވެ. އަދި އިޝާރާތުން ކައިރިޔައް އައިސްލުމައް ބުންޔެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ވެފައިވާ ވަރުބަލިކަމުގެ އިތުރުން އެންމެންތެރޭ އަހަރެންގެ ނަމުން އެޒުވާނާ ގޮވާލުމުންނެވެ. ޖެހި ސަކަރާތުގެ ތެރެއިން ޒުވާނާއަށް އަހަރެންގެ ނަންވެސް އެނގުނީތާއެވެ. މަޑު ހިނގުމެއްގައި އަހަރެންގޮސް އެޒުވާނާ ކުރިމަތީ ހުއްޓިލީމެވެ. މިއަދުގެ 10:00 އަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ފުރެޝާސް ނައިޓްގެ ތައްޔާރީތައް ކުރުމައް ކެންޕަހަށް ދާން ރޭގާ މީޓިންއަށް ހާޒިރުވި ހުރިހާ ކުދިންނަށް ދަޢުވަތު އަރުވާފައިވާ ކަމަށްބުނެ އޭނާ އާއި އޭނާ އެއްކޮށް ރޭ އެތަނުގައި އުޅުނު ބައެއް ކުދިންކޮޅަކާއި އެކު ކެންޕަހަށް ދާން އަހަރެން ކައިރީގައި ބުނެ އޭނާގެ ސައިކަލު ފަހަތައް އަރަން ބުންޔެވެ. ގަޑިން 10:05 ހިނގާފައިވުމުން ދެކޮޅުހެދުމެެއްނެތި އަހަރެން އެޒުވާނާގެ ފަހަތައް އެރީމެވެ. ކެންޕަހަށް ދިޔަ މަގުމަތީ އަހަރެމެން ދެމީހުން އެކަކުއަނެކަކަށް ކުޑަކޮށް ތައާރަފް ވެލީމެވެ. އަދި އެޒުވާނާގެ ނަމަކީ ނިމްރް ކަމަށް ބުނެ ހިނިތުންވެލިއެވެ. ބަސްމަގު ހުރިގޮތުން އޭނާއަކީ ވަރަށް މަޑުމައިތިރި ހިތްހެޔޮ މީހެއްކަން އަހަންނަށް އެނގުނެވެ. ނަމަވެސް ނިމްރްގެ އަޑުގައިވީ ވޭން އަހަންނަށް އިހްސާސް ކުރެވުނެވެ. މިހިރަ މައުސޫމް މޫނުގެ ފަހަތުގައި ވާ ކެކުޅުމާއިވޭން އެކުޑަ ހިނދުކޮޅުތެރޭ އަހަރެންގެ ހިތަށް ވެރިވިއެވެ. ހާދަ ދަތި އުނދަގޫތަކެއް ތަހަންމަލް ކޮއްފައިވާ ޒުވާނެއްތާއެވެ. އަހަރެން އެ ވިސްނުމުގެ ފުންކަނޑުން ނެރެދިނީވެސް ހަމަ އެޒުވާނާއެވެ. ކެންޕަހަށް އާދެވުނުކަމަށް ބުނެ ސައިކަލު ހުއްޓާލުމުން އަހަރެން ފޭބީމެވެ. އަދި ނިމްރްއަށް ޝުކުރު އަދާކޮށްލުމަށްފަހު ކެންޕަހަށް އަހަރެން ވަނީމެވެ.
ވަރަށް ބުރަކޮއް ހުރިހާ ކުދިން އެއްކޮށް ފުރެޝާސް ނައިޓްގެ ތައްޔާރީތަކުގައި އަވަދިނެތި އުޅުނީމެވެ. އެއުޅުމުގެ ތެރެއިން އަހަންނާއި ނިމްރުއާއި ދެމީހުންވެސް ހީސަމާސާކޮށް އުޅުނީމެވެ. މީއަދި އަހަންނަށް ނުފެންނަ މަންޒަރެކެވެ. ދަންނަ ގާތް ރަހްމަތްތެރިންނާއި ވެސް މަދު މަދުން މުހާތަބްކޮށް އުޅޭ ޒުވާނަކު ދާދި ދެންމެ ދިމާވީ މީހަކާއި އެކު މިހާ ގާތްކޮށް އުޅެނީ ކީއްވެބާއެވެ؟ ހަގީގަތުގައި ވެސް އޭނާ އެހުރީ އުފަލުންނެވެ. އެކުވެރިކަމާއި މަޖަލުގައި އަހަރެމެންނަށް ހަވާލުކުރެވިފައިވާ މަސަތްކަތްތައް ކޮއްލުމައްފަހު މެންދުރު ނަމާދު ގެ ވަގުތު ފާއިތްވެ އަސުރައް އެޅުމުން ހުރިހާ މަސަތްކަތެއް އެހުރި ވަރަކުން ހުއްޓާލައި އެންމެންވެސް އެކުއްޖެއްގެ ގެޔަށް ހިނގައްޖެއެވެ. ބޭބެވެސް އަހަރެން ބަލައި އައުމާއިއެކު އަހަރެންވެސް ގެޔަށް ދިޔައީމެވެ. ވެފައިވާ ވަރުބަލިކަން ފިލުވާލައި އަލުން އަނބުރާ ކެންޕަހަށް ދާން ތައްޔާރުވެލަން ފެންވަރާލައި ނަމާދުކޮށް ރީތިވެލައިގެން އަހަރެން ނުކުތީމެވެ. ކެންޕަހަށް ދާމަގުމަތީ ފިހާރައިން އެއްޗެއް ގަނެގެން ކުޑަގޮތަކަށް ސައިބޮއިލަާނޭ ކަމަށްބުނެ ބޭބެ އާއި އެކު އަލުން ކެންޕަހަށް އައީމެވެ. ކުރިން އުޅުނުހާ ބުރަކޮއް މަސައްކަތުގައި އުޅެ ކޮލީގްއަކާއި އެކު މިރޭ 20:00 ގައި ބާއްވަން ހަމަޖެހިފައިވާ މުނާސަބަތައް ތައްޔާރުވެލަން އަހަރެން ގެޔަށް އައީމެވެ. އަހަރެން ގެޔަށް ވަދުމާއި އެކު ދައްތަ އަހަންނަށް ތައްޔާރުކޮށްލަދީފައިވާ ކުޑަ ވިދުމެއް ހުރި ބަލާލަން އެހާމެރީތި މަޑު ނޫކުލައިގެ ހެދުމެއް އަހަންނާއި ހަވާލުކޮށްލިއެވެ. ހަގީގަތުގައި ވެސް އަހަރެން ވަރަށް އުފާވިއެވެ. އަދި ދައްތައަށް ފައްފަށުން ޝުކުރުއަދާކުރީމެވެ.
ރޭގަނޑުގެ ކަޅު އަނދިރިކަން ދުނިޔެމައްޗަށް ވެރިވެފައިވިއެވެ. އަހަރެން ތައްޔާރުވެލައިގެން ނުކުމެ އަހަރެންގެ ރަހްމަތްތެރިއަކަށް އަހަރެން ބަލާއައުމައް ބުނެ ގުޅާލީމެވެ. ނަމަވެސް އޭނާ ސައިކަލު ލިބެން ނެތްކަމަށް ބުނުމުން އަހަރެން ހަދާނެގޮތް ބޮޑުވިއެވެ. ދަންނަ އިތުރު ރަހްމަތްތެރިއެއްވެސް ނެތުމުންނެވެ. އެވަގުތު އަހަންނަށް ނިމްރް މަތިން ހަނދާން ވިއެވެ. ލަދުން ބުނަން ނުކެރިފައި ހުރި ނަމަވެސް 8 ޖަހަން ކައިރިވެފައި ވުމުން އަހަރެން ނިމްރްއަށް ގުޅީމެވެ. މިދަނީއޭ ބުނެ ނިމްރް ފޯން ކަނޑާލިއެވެ. އަދި މާލަސްތަކެއް ނުވެ ގޭދޮށައް އަތުވެއްޖެއެވެ. އަހަރެން ނިމްރްގެ ސައިކަލް ފަހަތަށް އެރީމެވެ. ވަރައްވެސް ހިތްގައިމު ރެއެކެވެ. ޖެހެމުންދިޔަ މަޑު ވައިރޯޅިތައް އައިސް މޫނުމަތީ މަޑުމަޑުން ބީހިލަމުންދިޔައެވެ. ނިމްރްވެސް ރޭގަނޑުގެ އެ މަޑުމައިތިރި ވަގުތުގައި ވަރަށް މަޑުން ސައިކަލު ދުއްވާލާފައި ދިޔައެވެ.
ކޮލެޖް ކަންތައްތަކުގައި ކިތަންމެ ބުރަކޮއް އުޅުނުނަމަވެސް މާހައުލުގެ މަޑުމައިތިރިކަމާއި ރޭގަނޑުގެ ހިތްގައިމުކަމުގެ ސަބަބުން އަހަރެންގެ ހިތަށް އެތައް އުދާސްތަކެއް ވެރިވިއެވެ. ލޯބިވާ މައިންބަފައިންނާއި ދުރައް މުޅިން ނުދަންނަ މާހައުލަކަށް އާދެވުމުންނެވެ. ނުދަންނަ އެތައް ބައެއްގެ އެހީތެރިކަމައް ބޭނުންޖެހިފައި ވުމުންނެވެ. ކޮންމެވެސް ވަރެއްގެ ނިކަމެތިކަމެއް އިހްސާސް ކުރެވެން ފެށުނެވެ. ނަމަވެސް މިއީ ދުނިޔެއެވެ. ބުރަމަސަތްކަތާއެކު މަތީ ތައުލީމް ހާސިލްކޮއްގެންނޫނީ ކުރިއެރުމެއް ނެތެވެ. މާޔޫސްކަމާއި އެކު އަހަންނަށް ރޮވޭގޮތްވިއެވެ. ހިތުގާ އެތަކެއް ޝަކުވާތަކެއް ފުނިޖެހެންފެށިއެވެ. އެއްވެސް އިހްތިޔާރަކާއިނުލައި އަހަންނަށް ނިމްރްގެ ކޮނޑުގައި ބޯއަޅައި ލެވުނެވެ. އަދި ހިތަށް ބަރުވެގެން ދިޔުމުން އެތަކެއް ހިތާމަވެރި އިހްސާސްތަކެއް ކުރެވެންފެށުނެވެ. ދެލޯ ކަރުނުން ފުރިއްޖެއެވެ. މަޑުމަޑުން ނިމްރްގެ އެ ފިރިހެންވަންތަ ހަށިގަނޑުގައި ބައްދާލައި ލޯމަރާލެވުނެވެ. އެހިނދު ނިމްރްގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ރޭގަނޑުގެ އެ ހަމަހިމޭންކަން ނަގާލީ ނިމްރްގެ ވޭނުންފުރިގެންވީ މަޑުމައިތިރި އަޑެވެ. ވަރަށް އޯގާތެރިކަމާއެކު ވީކިހިނެއްތޯ އަހަންނާއި ސުވާލުކޮށްލިއެވެ. ނަމަވެސް ނިމްރްއަށް ދޭނެ އެއްވެސް ޖަވާބެއް އަހަރެން އަތަކުނެތެވެ. މަޑުމަޑުން ނިމްރްގެ ގައިން ދޫކޮށްލައި އަހަރެން މާފައް އެދުނީމެވެ. ބޭއިޙްތިޔާރުގައި ކުރެވުނު މޮޔަ ކަމަކަށެވެ. ކެންޕަހަށް އަތުވެއްޖެއެވެ. ނިމްރްއަށް ޝުކުރުވެސް އަދާކޮށްނުލާ ކެންޕަހަށް ވަދެ، އަހަރެންގެ ރައްޓެހިން ކައިރީ ހުއްޓިލީމެވެ. ނަމަވެސް އެހުރިހާ މަޖަލުގެ ތެރޭގައި ވެސް އަހަންނަށް ކުރެވުނު މޮޔަ ކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެންފެށުނެވެ.
މުނާސަބަތު މިވަނީ ނިމުމަކާ ކައިރިވެފައެވެ. އެންމެންވެސް ފޮޓޯ ނެގުމާއިގެން ކުރިޔަށް ދިޔައެވެ. އަދި އަހަރެންވެސް ހިތުގާވީ އުދާސްތައް އެއްފަރާތްކޮށްލައި އެކުދިންނާއި ބައިވެރިވެލީމެވެ. 12 ޖަހަން ކައިރިވެފައި ވުމުން އަހަރެން ގެޔަށް ދާން ނުކުންނަން ދަނިކޮށް ނިމްރް އަހަރެން ހުއްޓުވިއެވެ. ގަތްލަދުން އިސްޖަހައިގެން ހުރެ އަހަރެން އޭނާ އާއި ވާހަކަ ދެއްކީމެވެ. ނިމްރް އަހަރެން ގެޔައްލައިދޭނެ ކަމަށް ބުންޏެވެ. އަހަރެން އާއެކޭ ބުނެ ނިމްރުއާއި ދުރައް ހިނގައިގަތީމެވެ. ނަމަވެސް ނިމްރު އަނެއްކާވެސް އަހަރެން މަޑުކުރުވާ އޭނައާއި އެކު ފޮޓޯއަކަށް ހުއްޓިލަން އެދުނެވެ. ކުޑަކޮށް ޖެހިލުންވީ ނަމަވެސް އަހަންނަށް ނިމްރް ވެދިން އެހީތެރިކަމަށްޓަކައި އަހަރެން އޭނާގެ އެ އެދުން ފުރިހަމަކޮށް ދިނީމެވެ. އަދި ނިމްރް އަހަރެން ގެޔަށް ލައިދިނުމުން ތޭންކްސް އޭބުނެ އަހަރެން ގެޔަށް ވަނީމެވެ. ކޮޓަރިއަށް ވަދެ ތާޒާވެލައިގެން އަހަރެން އޮށޯވެލީމެވެ. އެހިނދު ފޯނަށް ނޯޓިފިކޭޝަންއެއް އައުމުން އަހަރެން ބަލާލީމެވެ. މެސެޖް ކޮއްފައިވަނީ ނިމްރުއެވެ. އަހަރެން މިރޭ ލައިގެން ހުރި ހެދުމުގައި ހީވަނީ ޕަރީއެއް ފަދައިންނޭބުނެ އަހަންނަށް ތައުރީފްކުރިއެވެ. އަހަރެންގެ ފާރުވެފައިވީ ހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. ނިމްރްގެ އެ ތައުރީފަށް ޝުކުރުއަދާކޮށްލީމެވެ. އަދި މިރޭވެދިޔަ ކަންތަކަށް މާފަށް އެދުނީމެވެ. “ޑޯންޓް ވޮރީ، އިޓްސް އޯކޭ” އޭ ބުނެ ނިމްރް މެސެޖް ކޮއްލިއެވެ. ވަރުބަލިވެފައިވީލެއް ބޮޑުކަމުން ހިސާހިތަކު ނިދީގެ ފުންކަނޑައް އަހަރެން ގެނބި ހުވަފެނީ އާލަމަކައް އަތުވެއްޖެއެވެ. މުޅިރޭ ވެސް ވޭތުވެގެން ދިޔައީ އެފަރި، ހިތްހެޔޮ ޒުވާނާގެ ހިޔާލުގައެވެ. ހީވާކަހަލައޭ، އަހަރެންގެ ހުރިހާ އުދާސްތަކެއް ދުރުކޮށްދީ، ހިތުގައިވާ ޒަހަމްތަކަށް ފަރުވާދޭނޭ ފަރާތަކީ އެއީއެވެ.
ނުނިމޭ.
މަރްޔަމް ނިހާ ހުސައިން (އާހިން)
