ކަރުނަ ނާދޭހެ ލޯބި ބީވީމާ…2ވަނަ ބައި
މުޅި ހަށިގަނޑު ތެތްމާލި، ރަތްކުލަ އެކުވެފައިވާ ފެނުން ސަލާމަތް ވުމަށް ހަމަ އެންމެ ސިކުންތެއް ވެސް ނިޝާލްއަކަށް ނުލިބުނެވެ. އެހެނަސް ގަސްތަކާއި ނުލައި ލޯ މަރާލަމުން, މޫނު އެއްފަރާތް ކޮށްލެވުނުކަން ނަސީބެކެވެ. އެހެންނޫން ނަމަ އޭގެ އަސަރު ނިޝާލްގެ ލޮލަށް ވެސް ކުރީސްކަން ޔަޤީނެވެ.އިސާހިތަކު ލޯ ހުޅުވާލުމަށްފަހު ކުލަ ފެނުން ތެތް ވެފައިވާ،އޭނާގެ ހުދު ގަމީސް ފޮޅާލުމަށްފަހު، ކުރިމަތީގައި ހުއްޓިގެން ހުރި ޒުވާން، ލޫޅާފަތި އަންހެން ކުއްޖާއަށް ނިޝާލް ބަލާލިއެވެ.ނިޝާލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.ނިޝާލް ފަދައިން އެ އަންހެން ކުއްޖާ ވެސް ހުރީ ކުލައިން ތެމި ފައެވެ.އޭނާގެ ތެމިފައިވާ މޫނާއި ފަން އިސްތަށިގަނޑުން ފެންތިކި ފައިބައި ހުއްޓެވެ.ނިޝާލްގެ ކަޅި އެ އަންހެން ކުއްޖާއަށް އަމާޒުވެފައިވީ އިރު،އެ އަންހެން ކުއްޖާގެ ނަޒަރުގައިވީ ނިޝާލްއެވެ.ޖެހިލުން ވެފައިވީ ނަމަވެސް އެ އަންހެން ކުއްޖާ ވެސް ކަޅި ޖަހައި ނުލައި ނިޝާލްއަށް ބަލަހައްޓައިގެން އިނެވެ. އެހެނަސް.. ފާއިތުވީ ކުޑަ ވަގުތުކޮޅެކެވެ.އެ ދެ ނަޒަރު ބައްދަލު ވެފައިވީ ވަގުތުކޮޅަށް ނިޝާލްގެ ވައަތް ފަރާތުގައި ހުރި އެހެން އަންހެން ކުއްޖެއްގެ ހުނުމުގެ އަޑު ހުރަސް އެޅިއެވެ. ”ތިއޮތީ ހަމަ ރަނގަޅަށް ވެސް މަށަށް ލަނޑު ދެވިފަ” ހުނުމުގެ ތެރެއިން އެ އަންހެން ކުއްޖާ ބުނެލިއެވެ.އެ އަންހެން ކުއްޖާ ގެއިން ނިކުމެ ދުއްވައިގަތް ވަގުތާއި ނިޝާލްމެންނަށް އެ ގޯޅިއަށް ވަދެވުނު ވަގުތު ވީ އެއް ވަގުތަކަށެވެ.ކުލަފެނުން އެ އަންހެން ކުއްޖާ ސަލާމަތްވި ނަމަވެސް ނިޝާލްއަކަށް ނުވެވުނެވެ.އެ އަންހެން ކުއްޖާ ބުނެލި ޖުމްލައިން އެވަގުތު ކަންތައް ވެގެން ދިޔަގޮތް ނިޝާލްއަށް ނަގައިގަންނަން އުނދަގޫ ކަމަކަށް ނުވިއެވެ.ނިޝާލްގެ އެ ޙާލަތު ފެނިފައި ކައިރީގައި ހުރި އިޔާޒު ވެސް ހުރީ ޒާތަކަށް ހިނި އައިސްފައެވެ . ”އަޅާނުލާ..ތީ ..ޢީދު ހަދިޔާ ކަމަށް ހީކޮށްލާ..ހިނގާދާން” އިޔާޒް މިހެންބުނެ ނިންމާލުމާއި އެކު ދެވަނަ ފަހަރަށް އެ އަންހެން ކުއްޖާ އާއި ދިމާއަށް ނިޝާލް ބަލާލިއެވެ.ނިޝާލްގެ މޫނުމަތީގައިވީ ހިނިތުން ވުމެވެ.އެ އަންހެން ކުއްޖާއާއި ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތްކަން އެ މާނަ ފުން ބަލާލުމުން ދޭހަވާން ހުއްޓެވެ. އެ އަންހެން ކުއްޖާ ވެސް ދެވަނަ ފަހަރަށް ނިޝާލްއަށް ބަލާލުމަށްފަހު،އަތުގައި އޮތް ހުސް ޖަގު ހިފައިގެން،ދާދި ކައިރީގައި ހުރި އޭނާގެ ގޭތެރެއަށް ވަދެ ނިޝާލްގެ ލޯމަތިން ގެއްލުނެވެ.ދެން ހުރި އަންހެން ކުއްޖާ ވެސް ހަމަ އެ ގޭތެރެއަށް ވަދެގެންދިއެވެ.އެއިރު ނިޝާލްގެ ސިކުނޑީގެ ތެރޭގައި ސުވާލު ތަކެއް އެނބުރެމުން ދިޔައެވެ. ”..އެއީ ކޮން އަންހެން ކުއްޖެއް..ކުރިން ދެކުނު ހަނދާނެއް ނުވޭ..އެކަމަކު..ހީވަނީ އެއީ މިރަށު ކުއްޖެއް ހެން..ފެނިފަ ހުއްޓަސް ހަނދާނަކު ނެތް..” އެ އަންހެން ކުއްޖާގެ ވަނަވަރު އެނގިފައި ނުވުމުން އަމިއްލަ ނަފުސާ ނިޝާލް ސުވާލު ކުރަންފެށީ އެ ކުޑަކުޑަ ފެނިލުމުން ވެސް އޭނާގެ ހިތާއި ސިކުނޑިއަށް އެ އަންހެން ކުއްޖާ، ގަސްތަކާއި ނުލައި ބާރުފޯރުވާލުމުންނެވެ. ފުރަތަމަ ފެނިލުމުން ވެސް ނިޝާލްގެ ލޮލުގައި އެ ރީތި ސޫރަ ރައްކާކުރެވިގެންދިއެވެ. ”ނަސީބެއްނު މަ ސަލާމަތްވިކަން..އެހެންނޫނީ މަގޭ މިއޮތް ރީތި ޓީޝާޓް މުޅިން ޚަރާބު ވިސް..” ލައިގެން ހުރި މަޑު ނޫ ކުލައިގެ ޓީޝާޓްގެ ގިރުވާނުގައި ހިފައި ރީތި ކޮށްލަމުން އިޔާޒް ބުނެލިއެވެ. އެވަގުތު ކުލަ ފެނުން ސަލާމަތް ވެވުމުން އިޔާޒް ހުރީ ނިކަން ހިތްހަމަ ޖެހިފައެވެ. ”އަހަރެމެން ކުރިން ހަމަ އެކަނި ކުލަ ޖެހީ..މިހާރު ކުލަފެން ވެސް ޖަހަންފެށީތަ..?” އާދައިގެ މަތިން ބޮޑު ޢީދުގައި އޮންނަ ކުލަ ޖެހުމުގެ ކަންތަކަށް ބަދަލު އައިސްފައި ވުމުން,ހައިރާންވެފައި ނިޝާލް އެ ސުވާލު އިޔާޒްއާއި ކޮށްލިއެވެ. ”އާނ..އަދި ތިކަހަލަ ކިތަންމެ ކަމެއް ބަދަލުވެފަ ހުރިކަން ނިޝާލްއަށް އެނގިގެންދާނެ..މީ އެ ޒަމާނެއް ނޫނޭ.އެ ޒަމާން ހިގައްޖެ.މީ އާ ޒަމާނެއް.އާ ދުވަސްތަކެއް..ޒަމާން ބަދަލުވި ގޮތަށް މިރަށުގެ ގިނަ ކަންތައްތައް ވެސް ހުރީ ބަދަލުވެފަ.ރަށަށް ނައިސް އުޅޭ މީހުންނަކަށް ރެޔަކާވެސް ނުލާނެ..” އިޔާޒްގެ ފަހު ޖުމްލަ ނިންމާލީ ޒާތަކަށް ނިޝާލްއާއި ދިމާކޮށްލަމުންނެވެ.އެހެނަސް އެކަމާއި މާ ބޮޑަށް ދެކޮޅު ނުހަދައި އިޔާޒްގެ ވާހަކަ އާއި ނިޝާލް އެއްބައި ވެލިިއެވެ. ”ދެން ބުނެބަލަ..އެއީ ކޮން އަންހެން ކުއްޖެއް…? އަހަރެން މިހާރު ހަނދާނެއް ނެތް..” ހިނގަމުންދިއަ ގޯޅީގެ ވަކި ހިސާބަކަށް ދެވުމާއި އެކު ނިޝާލް, އޭނާގެ އަމިއްލަ ނަފްސާއި ކުރި ސުވާލު އިޔާޒް އާއި ކޮށްލިއެވެ. ”ތި އެހީ ކާކުގެ ވާހަކައެއް..? ނިޝާލްގެ ގަޔަށް ފެން ޖެހި އަންހެން ކުއްޖާގެ ވާހަކަތަ ނޫނީ އެއަންހެން ކުއްޖާގެ އެކުވެރިޔާގެ ވާހަކަތަ..?” ހީކުރެވުނު ގޮތް ހިތުގައި ފޮރުވާލަމުން އެކަން ޔަޤީން ކޮށްލުމުގެ ބޭނުމުގައި އިޔާޒް ވެސް ނިޝާލްއާއި ކޮށްލީ ސުވާލެކެވެ. ”ސަމާސާ ނުކޮށް ބުނެބަލަ.އަހަރެން މިހާރު އެއްވެސް ހަނދާނެއް ނެތް .އެއީ ކާކު ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު.އެއިން އެކަކުވެސް ނޭނގެ.ދެން ބުނެބަލަ..ފެން ޖެހީ ކޮން އަންހެން ކުއްޖެއް.? ކޮން ނަމެއްތަ އޭނަޔަށް ކިޔަނީ..?” އިޔާޒްގެ ސަމާސާ ކުރުން އެވަގުތު ނިޝާލްއަށް އުނދަގޫކޮށްލިއެވެ.ހިސާބަކަށް ނުރުހިފައި ނިޝާލް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. ”އުހުނ..މަށެއް ނުބުނާނަން.ނިޝާލް ޖެހޭނީ އަމިއްލައަށް އޭނަގެ މަޢުލޫމާތު ހޯދަން.އެކަމަކު އަހަރެންގެ ފަރާތަކުން ނޫން..” އިޔާޒް ވެސް ހުރީ ގޮތުގައެވެ.ހަމަ ހިލާ ނިޝާލްއަށް އެ އަންހެން ކުއްޖާގެ އެއްވެސް މައުލޫމާތެއް ނުދޭނަމޭ އިޔާޒްގެ ހިތުގައި އޮތެވެ.ނިޝާލްއާއި ސަމާސާ ކޮށްލުމަށް ލިބުނު އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން އޭނާގެ ހިތުގައި އޮތެވެ.ނިޝާލްގެ ވިސްނުން ވެސް ހުރީ ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ.ކޮންމެވެސް ގޮތަކަށް އެ އަންހެން ކުއްޖާގެ މަޢުލޫމާތު ހޯދާނަމޭ ނިޝާލް ބުނެލިއެވެ.
އެކިކަހަލަ ވާހަކަ ދައްކަމުން،ނިޝާލްމެންނަށް ބިލަތްދަފި ނަގަން ތައްޔާރު ވަމުންއައި ސަރަޙައްދަށް ދެވުނު އިރު ގިނަ އަދަދެއްގެ މީހުން އެތަނަށް ޖަމާވެފައި ތިއްބެވެ.އެންމެން ވެސް ތިބީ ދެ ސަފަކަށް ބެހިލައިގެން ތިބި، ބިލަތްދަފި ނެގުމުގެ ބައިވެރިން ލަވަ ކިޔަން ފަށާނެ ވަގުތެއްގެ އިންތިޒާރުގައެވެ.މާ ލަސްތަކެއް ނުވެ އެންމެންގެ އިންތިޒާރަށް ނިމުމެއް އައެވެ.ދިވެހި ސަޤާފީ ލަވައަކުން އަޑު ހަރުކޮށް އެ ކުޅިވަރު ފެށުމާއި އެކު މުޅި މާޙައުލުގެ ކުލަވަރު ބަދަލު ވެގެން ދިއެވެ.އަޑު ގަދަވެގެންދިއެވެ.އެކި މީހުން އެކި ރާގުރާގަށް އަޑު ލައްވައި،އެ ކުޅިވަރުގެ ބައިވެރިން ފަދައިން ލަވަ ކިޔަމުން ފޯރި ނަގަން ފެށިއެވެ.ހަމަ އެގޮތަށް ލަވަޔާއި އެއްވަރަށް އަތް ޖަހަމުން،އެ ކުޅިވަރުގެ ބައިވެރިންނަށް ސާބަސް ދީ ހަދަމުން ގެންދިއެވެ.ކުޑައެއް ބޮޑެއް،އަންހެނެއް ފިރިހެނެއް އެކަމުގައި އިސްތިސްނާ ނުވެއެވެ.މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި،އެންމެން ވެސް ތިބީ އެކުވެރިކަމާއި އެކު އެއް ފޯރިއެއްގައި،އެއް ޖޯޝެއްގައެވެ.ނިޝާލްއާއި އިޔާޒް ވެސް ކައިރީގައި ތިބި މީހުންނާއި އެއްބައި ވެލަމުން، އަތް ޖަހައި ސާބަސް ދޭން ފެށިއެވެ.ފުރަތަމަ ލަވަ ނިމުނީ އެންމެން ވެސް ހަމަ އެފޯރީގައި ތިއްބައެވެ.ލަވަ ނިމުމާއި އެކު އިތުރަށް ސާބަސް ދިނުމުގެ އަޑު ބާރުވެގެންދިއެވެ.ބައެއް މީހުން އެ މާޙަޢުލުގެ އެ އުފާވެރި މަންޒަރުތައް އެމީހުންގެ ފޯނުތަކާއި ކެމެރާ ތަކުގައި ރައްކާ ކުރަމުން ގެންދިއެވެ.ފުރަތަމަ ލަވަ ނިމި ދެވަނަ ލަވަ ވެސް ފެށުމާއި އެކު ކުޑަ ވަގުތުކޮޅަކަށް ހިމޭން ވެލި މާޙައުލު ހަލަބޮލި ވެގެންދިއެވެ.އަތްޖެހުމާއި ސާބަސް ދިނުން ތަކުރާރުވިއެވެ.ނިޝާލް އާއި އިޔާޒް ވެސް ވަކިވުމެއް ނެތި މީހުންގެ ތެރޭ ތިބެ އެ ފޯރީގައި ބައިވެރިވެގެން ތިއްބެވެ.ހުއްޓާނުލާ އަތްޖަހަމުން,މޫނު އަނބުރާލާ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ.އެވަގުތު ނިޝާލްގެ ހަރަކާތައް މަޑު ޖެހުމެއްއައެވެ.ކުއްލިއަކަށް ނިޝާލްގެ ލޮލުގައި އަޅައިގަތީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ގަޔަށް ކުލަފެން ޖެހި އަންހެން ކުއްޖާއެވެ.އެ އަންހެން ކުއްޖާގެ ކައިރީގައި އޭނާގެ އެކުވެރިޔާ އިނެވެ.ނިޝާލް މަޑުމަޑުން އިޔާޒްގެ ގައިގައި ކޮށްޓާލިއެވެ.އެވަގު އިޔާޒް ކިހިނެއްވީހޭ އަހާލުމުން އެ ދެ އަންހެން ކުދިން އިޔާޒްއަށް ދައްކާލިއެވެ. ”އެއީ ހަމަ އެއްކަލަ ދެކުދިން” އެ ދެކުދިންނަށް ބަލަން ހުރެފައި ނިޝާލް ބުނެލިއެވެ. ”އާނ.އެއީ ހަމަ އެ ދެކުދިން” އިޔާޒް ވެސް ނިޝާލް އާއި އެއްބައިވެލިއެވެ. ”އެމީހުން ފެނިފަ ނިޝާލްއަށް ތި ވީ ކިހިނެއްތަ..? ނިޝާލްއަށް އެމީހުން މާ ޚާއްސަވީތަ..?” ނިޝާލް ބަލަން ހުރި ގޮތުން ކޮންމެވެސް އެއްޗެއް ދޭހަވި ކަހަލަ ގޮތަކަށް އިޔާޒް އަހާލިއެވެ. ”އޭގެ ތެރެއިން އެކަކު.ކީއްވެ ކަމެއް ނޭނގެ އަހަންނަކަށް.އެކަމަކު..އެ އަންހެން ކުއްޖާ އަހަންނަށް ވަރަށް ކަމުގޮސްފި.އަހަރެންގެ ގަޔަށް ފެން ޖެހި އަންހެން ކުއްޖާ ވަރަށް ކަމުގޮސްފި” އިޔާޒްގެ ސުވާލުތަކަށް ހިނިތުން ވެފައި ނިޝާލް ޖަވާބުދިނެވެ.އިޔާޒްއަށް އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާތީ ނިޝާލްގެ ހިތުގައި ދައުރުވެލި އެ ޖަޒުބާތު އިޔާޒްއާއި ޙިއްސާ ކޮށްލިއެވެ. ”ކައިރިއަށް ގޮސް ވާހަކަ ދައްކާލަން ކެރޭނެތަ..?” އިޔާޒްގެ އިތުރު ސުވާލެއް ނިޝާލްއަށް އަމާޒުވިއެވެ. އޭގެ ޖަވާބުގައި އާނ އެކޭ ބުނެލާފައި ނިޝާލްމެންނާއި މާ ދުރު ނޫން ހިސާބެއްގައި ތިބި އެ ދެ އަންހެން ކުދިންގެ ކައިރިއަށް ދިއުމަށް ނިޝާލް އެޅި ފިޔަވަޅު ހަމަ އެ ސިކުންތުގައި މަޑު ޖައްސާލިއެވެ.ކުއްލިއަކަށް އެ ދެކުދިންގެ ކައިރިއަށް އައިސް މަޑުކޮށްލި އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ އެ ޒުވާނާ ފެނިފައި ނިޝާލް ސިހުނެވެ.ފެންނަ ފެނުމަށް އެއީ އެ ދެ އަންހެން ކުދިންނާ ވެސް ވަރަށް ގާތް މީހެއްކަން ހާމަވާން ހުއްޓެވެ. ނިޝާލްގެ މަސައްކަތް, އެ ޒުވާނާގެ ސަބަބުން ނާކާމިޔާބު ވުމުން ނުރުހިފައި ކުދި ކިޔާލިއެވެ.ހިތާއި ހިތުން އެ ޒުވާނާއާއި ދިމާއަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަންފެށީ އެ މަންޒަރު އިޔާޒްއަށް ވެސް ދައްކާލަމުންނެވެ.
ނިޝާލްއަށް ގެއަށް އާދެވުނުއިރު މެންދުރު ވާން ހުރީ ކުޑަ ވަގުތުކޮޅެކެވެ.އެހެންކަމުން އަވަހަށް ފެންވަރާލައިގެން މިސްކިތަށް ދާންވީއޭ ހިތަށް އަރުވާލާފައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ވަގުތު،އިނާޝާ ގޮވާލިއެވެ.އިނާޝާ އަކީ އަޒީޒާގެ އެންމެ ބޮޑު އަންހެން ދަރިއެވެ.ނިޝާލްއަށް ވުރެ އިނާޝާ ތިން އަހަރު ކުޑައެވެ. ”ނިޝާލްބެ ހާދަ ވަރަކަށް ކުލަޔާ ކުޅިފަ ތިހުރީ” ނިޝާލްގެ ހާލަތު ފެނިފައި އިނާޝާ ވެސް ހުރީ ޒާތަކަށް ހެވިފައެވެ.އެއީ ކޮންމެވެސް މީހެއްގެ ކަމެއްކަން އިނާޝާއަށް ވެސް ފަހުމްވިއެވެ. ”މީ ބިލަތްދަފި ނަގާތަން ބަލަން ދަނިކޮށް ކޮންމެވެސް ކުއްޖަކު ކުރި ކަމެއް .ކީއްކުރާނީ..? ޢީދު ވީމަ އެއްޗެކޭ ބުނާކަށް ވެސް ނުކެރޭނެއެއްނު.ކޮއްކޮ ނުދަންތަ ބިލަތްދަފި ނަގާތަން ބަލާލަން..?” އިނާޝާގެ ސުވާލަށް ޖަވާބު ދެމުން ނިޝާލް އަހާލިއެވެ.ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ހުރުމުން އިނާޝާ ބޭރަށް ނުދާކަން ނިޝާލްއަށް ހީވިއެވެ. ”އާނ.މިރޭ ޓެސްޓް އެއް އެބައޮތް.އެހެންވެ ފޮތްކިޔާލަން ގޭގަ މަޑުކުރީ” ޖަވާބުގައި އިނާޝާ ބުނެލިއެވެ.ގްރޭޑް ދިހައެއް ކިޔަވައި ނިމި,އެގާރަ ބާރަ ވެސް ކިޔަވައި ނިމުމުން,އޮންލައިން ކޯހެއް ހަދަމުން އަންނަ އިރު އޭގެ އެންމެ ފުރަތަމަ އިމްތިޙާން އޮންނާތީ،ފިލާވަޅުތައް ދަސްކުރަން ގޭގައި މަޑުކުރީ ކަމަށް އިނާޝާ ބުނެލިއެވެ.އިނާޝާއަކީ ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރާ ކުއްޖަކަށް ވީތީ އަބަދުވެސް ކޮންމެ އިމްތިޙާނަކުން ވެސް އެންމެ ރަނގަޅު ނަތީޖާ އިނާޝާ ހޯދައެވެ. ”ރަނގަޅު.އެކަމަކު..ޢީދު ތެރޭގަ ބޭރަށް ވެސް ނިކުމެލަން ވާނެ” ހިނިތުންވުމަކާއިއެކު މިހެން ބުނެ ނިޝާލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ގޮސް އެނދުގައި އޮށޯތުމަށްފަހު, ފުން ޚިޔާލަކަށް އިޔާޒް ފީނައިގަތެވެ. ..”ވަރަށް ރީތި.ވަރަށް ފުރިހަމަ.މިހާ ކައިރިން ދެކުނު މީ ފުރަތަމަ ފަހަރު” ހިތާހިތުން އިޔާޒް ކިޔާލިއެވެ. ”ކީއްވެތަ ކުރިން އޭނަ ފެނިފަ މަށަށް މިހެން ނުވީ.މިއަދު ހަމަ ކުއްލިއަކަށް ކީއްވެތަ މަގޭ ހިތް ތެޅެން މި ފެށީ..?” މީގެ ގަޑިއެއްހާއިރު ކުރިން ހިނގައިދިޔަ ކަންތައް ހަނދާން ކޮށްލަމުން,އިޔާޒް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރަންފެށިއެވެ. ”ދެން ވީ މިކަން ވޭތޯ މުގޯލި އަޅަން.އެހެންނޫނީ ތެޔޮނާށި ކާޅު ޖަހައިގަނެފާނެ” މިކަހަލަ ޚިޔާލުތަކެއްގައި އޮއްވައި އިޔާޒްއަށް ނިދުނެވެ.




