ޖެހެމުން ދިޔަ ބާރުވަޔާއެކު ގަސްތައް ވަޔާ އެއްކޮޅަށް އަރިވެލައެވެ. އުޑުމަތީގައި ހުރި، ގަދަ އަޅިކުލައިގެ ވިލާތައް ވައިސޫރިއެއްހާ އަވަހަށް އިރުމަތި ފަރާތުން ފައިބައިގެން ދެއެވެ. ހަމަ އެއާއެކު އަނެއްކާވެސް ހުޅަނގު މުރިނގުން އެއަށްވުރެ ބޮޑު ވިލާގަނޑެއް އަރައިގެން އާދެއެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން މަގުތައް މަތީގައި ފެންގަނޑު ހެދިފައި އޮތެވެ. އިރުކޮޅު ކޮޅުން ވިދާލުމާއެކު ގުގުރާލައެވެ. މުޅި ރަށުތެރެ އޮތީ ފަޅުކޮށެވެ. މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. ބައެއް ގޭތައް ކުނި ނުކަހާ އޮތުމުގެ ސަބަބުން އެގޭތަކުގެ ބޭރު މަގުމަތި އޮތީ ފަތްތަކުން ފުރިފައެވެ. ރަށުގެ މީހުން އާބާދުވާން ފަށާފައި އޮތް ހިސާބުންވެސް ފެންނަނީ ހުސް ކަމެވެ. މުޅި އެހިސާބަށް ނަޒަރު ހިންގާލި ނަމަވެސް ފެންނާނީ ސިމެންތި ގަށާ މެޝިންތަކާ ރާނަން ބޭނުންކުރާ ސަމާނުތަކެވެ.
ސިކުންތު ކޮޅަކަށް ހިމޭންވެފައި އޮތް މަގު ފަޅު ފިލުވާލީ މަގުގެ ކޮޅުން ފެނުނު ޒުވާން ފިރިހެން ކުއްޖާއެވެ. ގަދަ ނޫ ކުލައިގެ ވިއްސާރަ ކޯޓެއްގައި ހުރި އެކުއްޖާގެ ގައިގެ ކުލަ އައްޔެވެ. ކުކުޅު ބިހެއްގެ ބައްޓަމަށް އިން ހިމަ މޫނަކާއި ހިމަ ދިގު ހަރުގަނޑު ހަށިގަނޑެކެވެ. ބަޓަނެއް ގޮތަށް އިން ފުޅާ ނޭފަތާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ވަށް ދެލޮލަކާއި ބޯ ބުމައެކެވެ. ފުދޭ ވަރަކަށް ދިގު އެސްފިޔަތަކާއި ކަޅު ކުލައިގެ ކަޅިއެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމާއި ނުރުހުމުގެ ކުލަވަރެވެ. މަޑު ހިނގުމެއްގައި އޭނާ އެމަގުގެ އަނެއް ކޮޅަށް ގޮސް ކަނާއަތް ފަރާތުން ޖެހިގެން އޮތް މަގަށް އަނބުރާލިއެވެ. އެމަގުގެ ވާއަތް ފަރާތުގައި ހުރި ދެގެއަކީވެސް އަލަށް އަޅަން ފަށާފައި ހުރި ދެގެއެވެ. ކަނާއަތް ފަރާތުގައި ހުރި އެއްގެ ވަރަށް ބާވެފައި ހުރި އިރު އެފިރިހެން ކުއްޖާ ގޮސް ވަނީ އެގެއާ ޖެހިގެން ހުރި ތަނަވަސް ގޮތަކަށް ހުރި ގެއަށެވެ.
“ނާއިކް….” އޭނާ އެގެއަށް ވަނުމާއެކު އިވިގެން ދިޔައީ އަންހެނަކު އޭނާގެ ނަމުން ބާރަށް ގޮވާލި އަޑެވެ. “ކޮންތާކުންތަ ތިއައީ؟؟”
“އަހަރެން ދާ ތަނެއް މިގޭ މީހުން ބަލާކަށް ނުޖެހޭނެ..” ނާއިކް ހަރުއަޑުން މުޅި ގެއަށް އަޑު އިވޭ ވަރަށް އިއްވާލިއެވެ.
“ނާއީ….” އެވަގުތު ގޭގެތެރެއިން ފިރިހެނެއް ނުހަނު ލޯބިން ނާއިކްއަށް ގޮވާލިއެވެ. އެއަޑު ކައިރިވަމުން އައިސް އޭނާ ހުރީ ސިޓިންގ ރޫމު ބޮޑު ދޮރު ކައިރީއެވެ.
ފުދޭވަރަކަށް ދިގުކޮށް ހުރި އިސްކޮޅަކާއެކު އޭނާގެ ހަށިގަނޑު ހުރީ މެދު މިނެއްގައެވެ. ކުކުޅު ބިހެއްގެ ބަށްޓަމަށް އިން މޫނަކާ ވަށް ލޮލެއްގެ އިތުރުން ކަޅު ކަޅިއެކެވެ. ދިގު އެސްފިޔަތަކާއެކު ބޯ ބުމައެކެވެ. ލައިގެން ހުރީ އޮރެންޖު ކުލައިގެ ޓީޝާޓަކާއެކު ގަދަ ނޫކުލައިގެ ޖިންސެކެވެ.
އެމީހާއަށް ބަލާލުމެއް ނެތި ނާއިކް ސިޓިންގ ރޫމުން ވަންނަން ދިޔައެވެ. އެއަށްވުރެ ކުރިން އެފިރިހެން މީހާ ދޮރުން ނުދެވޭ ގޮތަށް ބައްދައިފިއެވެ. ނާއިކްގެ މޫނަމަތިން ރުޅީގެ އަސަރު ފާޅުވެ އޭނާ އަތް މުށް ކަވާލުމަށްފަހު އެމީހާގެ މޫނަށް އަމާޒުކޮށްލަން އުޅުނެވެ. އެހެނަސް އެމީހާ ނާއިކްގެ އަތުގައި ހިފާ ހުއްޓުވައިފިއެވެ.
“ކޮނަތާކުން ތިއައީ؟؟” އެމީހާ ނާއިކްއަށް ބަލަން ހުރެ ދެލޯ ހަނިކޮށްލިއެވެ.
“ބުނެފިން މިގޭގައި ނޫޅޭނެއޭ އަހަރެން ދާ ތަނެއް ބަލަން ޖެހޭ މީހެއް!” އެމީހާ ހިފަހައްޓައިގެން ހުރި ނާއިކްގެ ކަނާއަތް ދަމައި ގަނެވޭތޯ ބަލަމުން އޭނާ އަމުރެއް ކޮށްލިއެވެ.
“އުހުނ.. ދޮންބެ އިޒް އޯލްވޭސް ވިތް ޔޫ.” ނާއިކް އޭނާގެ އަތް ދަމައިގަންނަން މަސައްކަތް ކުރާ އަތުގައި އޭނާގެ ވާއަތުން ހިފާ އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ނާއިކްއާ އަމާޒުކޮށްލިއެވެ.
“ނާހިލް. ދެން އޭނާ ދޫކޮށްލާ..” އެމީހުންގެ ފަހަތުގައި ހުރި ސިޔާދާ ބުނެލިއެވެ. ނާހިލް ނާއިކްގެ އަތުން ދޫކޮށްލާ އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. ނާއިކް އޭނާއަށް ބަލައިވެސް ނުލާ ދިޔަ ގޮތުން ނާހިލް ހިސާބަކަށް ދެރަ ވިއެވެ.
ކޮޓަރީގެ ތެރޭގައި ހުރި ނާއިކްގެ ކަޅި ދެކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. ކޮޓަރީގެ މެދުގައި އޭނާ ހުއްޓިގެން ހުރި އިރު އޭނާގެ ނަޒަރު ހުރީ އަލަމާރި މައްޗަށެވެ. ސިކުންތުކޮޅެއް ފަހުން އޭނާ، ކިޔަވާ މޭޒު ދޮށުގައި ހުރި ގޮނޑި ހިފައިގެން ގޮސް އަލަމާރި ކައިރީ ބެހެއްޓިއެވެ. އެއަށްފަހު އެގޮނޑިއަށް އަރާ އަލަމާރި މަތީހުރި އެއްޗެހި ނަގަން ފެށިއެވެ.
“ނާއީ.. ޕްލީޒް ދޮންބެ ކައިރީ ބުނެބަ ކޮންތާކުން ތިއައީ؟ ކޮޓަރި ދޮރު ތަޅުލައިގެން ކޮން އޮޕްރޭޝަނެއް ތިކުރަނީ؟؟” ނާއިކް ސިހިގެން ދިޔައީ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ނާހިލް ބޭރުގައި ހުރެ ވާހަކަދެއްކި އަޑަށެވެ. އަވަސް އަވަހަށް އެ ގޮނޑިން ފައިބާ ގޮނޑި ކުރިން ހުރި ތަނަށް ލުމަށް ފަހު ކޮޓަރި ދޮރު ހުޅުވިއެވެ.
“މިއައީ ބޭރުން…”
“ދޮންބެއަށް ވެސް ތިވަރު އިނގޭ..”
“ދެން އިތުރަށް ހޯދަނީ ކީއްކުރަންތަ؟”
“ނާއީ އަދި ތީ ފަނަރަ އަހަރުގެ ކުއްޖެއް.. ދޮންބެއަށް ނާއީ ބޮޑެއް ނުވާނެ އެއިޓީން ވީމަ ނޫނީ..”
“މިއައީ ނާއީގެ ފްރޭންޑް، ހިޝާމް ގެއިން..”
“ތިވަރު ނުބުނެވިގެން ތި ރުޅި ގަދަވަނީ.. އެކަމަކު ފަތިހު ނަމާދުން ފައިބާ ގޮތަށް އެއްވެސް މީހަކަށް އެނގި ނުލާ ދާކަށްވެސް ނުވާނެއްނު. މީގެ ފަހުން ހެނދުނު ސައިބޮއެގެން އެގެއަށް ދިޔަސް ދާންވާނި އިނގޭ..” ނަޞޭޙަތުގެ ރާގުގައި ނާހިލް ވާހަކަދެއްކިއެވެ. ނާހިލްގެ ބަހަށް ނާއިކް ބޯ ޖަހާލިއެވެ. “އޯކޭ ދެން. ސައި ބޮއެފިންތަ؟ ދޮންބެ މިހުންނަނީ ނާއީ އާދޭތޯ ސައިވެސް ނުބޮއެ. މަންމައާ ދޮންބެ މިތިބީ ކަންބޮޑުވެފަ ނާއީ ދިޔަ ތަނެއް ނޭނގިގެން. މާ ލަސްވަންދެން ގެއަށް ނައިސް ހުރީމަ މަންމަ ކުޑަކޮށް އެ ރުޅިގަދަވީ..”
“ދެން ހެވޭ.. ކޮން އިރަކު އެކޮޅަށް ފުރަނީ؟؟”
“ނާއީ ގޮވައިގެން ދެން އަންނަ ހަފްތާގަ..”
“ނާއީ ނުދާނަން. ނާއީ ލަންޑަންއަށް ދާނީ. އިންޖިނިއަރިން ކިޔަވަން.”
“އުހުނ.. މަންމަ ބުނީ ނާއީ ގޮވައިގެން ދާށޭވެސް..”
“ނޫން..” ބޮޑާ ހާކާލަމުން ނާއިކް ބުނެލިއެވެ.
“ހެހެ. ނާއީ ސްކޫލް ނިމުނީމައޭ އެކޮޅަށް ދަނީ..” ނާހިލް ލުއި ހީލުމަކާއެކު ބުނެލިއެވެ. އެމައުޟޫއަށް އިތުރު އެއްޗެއް ބުނާކަހަލަ ޚިޔާލެއް ނާއިކް ނުކުރިއެވެ. އެހެންކަމުން ސުފުރާ ދޮށުގައި ތިބިއިރު ދެކެވުނީ ނާހިލް ސަޢުދީއަށް ދިއުމުގެ ކުރިން ބާބަކިއުއެއް ހެދުމުގެ ވާހަކައެވެ.
ކައި ނިމިގެން މިފަހަރުވެސް ނާއިކް ކޮޓަރިއަށް ގޮސް، ދޮރު ތަޅުލާ ގޮނޑި ހިފައިގެން ގޮސް އަލަމާރި މަތި ހާވަން ފެށިއެވެ. އޭނާ ބޭނުންވާ އެތި އެތަނުން ނުފެނުމުން ކޮޓަރީގައި ހުރި ކަބަޑުތައް ހާވަން ފެށިއެވެ. ކޮޓަރީގެ ކަނެއްގައި ހުރި ކަބަޑުގެ މަތިން ދެވަނަ ވަތްގަނޑު ހުޅުވާ ބަލަން ފެށިތާ ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ ހުރިހާ ދަތްތަކެއް ދައްކާލައިގެން ގޮނޑިން ފޭބިއެވެ. އޭނާގެ އަތުގައި އޮތީ ކަރަންޓު ނަރުތަކަކާއެކު ދެ ބޮތްކެވެ. އެތަކެތި އެތެރެ ނުފެންނަ ކޮތަޅަކަށް ލުމަށްފަހު އޭނާ ސިއްރުން ކޮޓަރި ދޮރު ހުޅުވާލިއެވެ. ސިޓިންގ ރޫމު ސޯފައިގައި ޚަބަރު ބަލަން އިން ސިޔާދާ ފެނި އޭނާގެ ތުންފަތުގައި ދަތް އަޅާލިއެވެ.
“މިދަނީ ހިޝާމްމެން ގެއަށް. ނަމާދަށް ގެއަށް އަންނާނަން.” ކިޔަވާ މޭޒުމަތީ އޮތް ހުސް ގަނޑެއްގައި ލިޔެލަމުން ނާއިކް ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ. އޭރުވެސް ވާރޭ ވެހެމުން ދިޔައެވެ. ވައި ކުޑަކޮށް މަޑުވެލާފައިވިއެވެ. ކުޑައެއް އަޅައިގެން ދެވޭވަރު ވާތީ އޭނާ ކިޔަވާ މޭޒުމަތީގައި އޮތް ކުޑަ ހިފައިގެން ކުޑަދޮރުން ފޭބިއެވެ.
“ހިޝާމް ސޮރީ ގަޑިއަށް ނާދެވުނީމަ. މިހާރު ގޭގަ އެއުޅޭ ދޮންބެއެއް އުޅޭތީ ވަރަށް ފޫހިވޭ. އަންނަ ހަފްތާގަ ފުރަން ވެގެންނޯ މިއުޅެނީ. ދޮންބެ ދިޔައިމަ ފަސޭހަ ވާނެ.” ހިޝާމްމެން ގޭ ބިއްދަށް ފަރާތުގައި ހުންނަ ފަންގެގަނޑަށް ވަންނަމުން ނާއިކް ބުނެލިއެވެ.
“ހްމްމް.. މަގޭވެސް ދެންމެ މިވަނީ. އަދި ބައްޕަ ބުނި މިހަފްތާގައި ދެން އެއްފަހަރުއޯ މިތަނަށް ވަދެވޭނީ. ބައްޕަ ވަރަށް ބަލާ މިތަން. އަހަރުން ބައްޕަވެސް އަންނަ ހަފްތާގަ ޗުއްޓީ ހަމަވެގެން ރިސޯޓަށް ދާން ޖެހޭ. ދެން މަންމައަށް ނޭނގޭނެ ބަޔަކު މިތާ އުޅުނަސް..” ހިޝާމް އެ ފަންގެ ގަނޑުގެ ތެރޭގައި ހުރި ކުޑަ ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ.
“މަގޭ ދޮންތަ.. އެސައިމެންޓެއް ދިންކަން އެނގުންފަހުން އަބަދު ކިޔަނީ އެފޫހި ކަންތައް ކުރަން ހިނގާށޯ. ދެން މަންމަވެސް ބުނެފި އެސައިމެންޓް ނުނިންމާ ބޭރަށް ނުދެވޭނެއޯ. މިހަފްތާގަ ގޭ ބަންދު. އާހްހް.. އަންނަ ހަފްތާގަ ދެން އިތުރު ކަމެއް ކުރެވޭނީ ދޯ..” ހަމަ އެވަގުތު އެގެގަނޑަށް ވަތް ރަޒާން ބުނެލިއެވެ.
“އެކަމަކު ރަޒާނޫ.. ކަލޭ އެއްވެސް ފިލާވަޅެއް ނުނިންމާ ވިއްޔަ އުޅެނީ. މަގޭ އެސައިމެންޓު ދިން ރޭ ނިންމައިފިން. މަށަށް ވަރަށް އުނދަގޫ ފިލާވަޅު ނުނިންމާ ދަސްނުކޮށް ދެން އެހެން ކަމެއް ކުރަން.” ނާއިކް ރަޒާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “މިއޮތީ ބޮތްކާ ނަރުތައް.. މަގޭ ބުނީމެއްނު މަގޭ އަތުގަ ހުންނާނޭ..”
“އެހެންވީމަ އަންނަ ހަފްތާއަށް ފަސްކުރާނީ. ކިތަންމެ ފޫހިވިއަސް ދެން ތިބޭނީ ގޭގަ. މިޝަންއާ އެއްޗެހި ކޮމްޕްލީޓް ކުރަން ގިނަ ދުވަސްވެސް ނަގާނެ.” ފުން ނޭވައެއް ދޫކޮށްލަމުން ހިޝާމް ބުނެލިއެވެ.
“އަނެއް ފަހަރު ކޮންތާކަށް އެދިއައީ؟ ނާއިކޫ.. ކުޑަ ދޮރުވެސް ހުޅުވާފަ. ޔަގީނޭ ކުޑަދޮރުން ފައިބައިގެންކަން އެދިޔައީ. އެއްވަރުގެ ކަންތައް. ދޮންބެ ހެންނެއް ނާއިކްއަކަށް ނޫޅެވޭ ދޯ..” ނާއިކްގެ ކޮޓަރި ދޮރު ހުޅުވާލި ސިޔާދާ ކިޔަން ފެށިއެވެ.
“މަންމާ.. މިހާރު ކީކޭ ތިކިއަނީ؟” ސިޔާދާގެ އަޑަށް ނާހިލް ކޮޓަރިން ނިކުމެގެން އައެވެ. ސިޔާދާ އޭނާގެ ވާހަކަތައް ތަކުރާރު ކޮށްލިއެވެ.
“މިއޮތީ ކޮން ގަނޑެއްތަ؟ ހިޝާމްމެން ގެއަށޯ. ނަމާދަށް އަންނާނަމޯ..” ކިޔަވާ މޭޒުމަތީ އޮތް ގަނޑުކޮޅު ނާހިލްގެ ލޮލުގައި އަޅައިގަތުމުން އޭތި ކިޔާލިއެވެ. އެވަގުތު ސިޔާދާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
“ނާހިލް އައި ފަހުން ކޮންމެ ނަމާދަކަށް ކޮއްކޮ ދޭ. މީގެ ކުރިން މަންމަ ކިތަންމެ ވަރަކަށް ކިޔަސް ނުދޭ ވިއްޔަ. އެކަމަކު ދަރިފުޅު ދިޔައިމަ މަންމަ ކިހިނެއްތަ ހަދާނީ؟ އެކުއްޖާ އަބަދުވެސް ހިޝާމްމެންގެ ގޭގައި ދެން އުޅޭނީ..” ހިސާބަކަށް ދެރަވެފައި ހުރެ ސިޔާދާ އޭނާގެ ވާހަކަ ނިންމާލިއެވެ.
“މަންމައަށް ކަން ކުރަންވީ ގޮތް އަހަރެން ކިޔައިދޭނަމޭ. އޭނާ ހިޝާމްމެންގެ ގެއަށް ގޮސް ކުރާ ކަންތައް މަންމަ ބަލަންތަ؟ އަހަރެން ހުރިހާ ވާހަކައެއް ހޯދާނަން ނާއީ ކައިރިން. ނާއީ އަދި ބަސްއަހާ ކުއްޖަކަށް ވާނެ އިންޝާﷲ. އޭނާ އެގޮތަށް އުޅެމުންވެސް އެބަ ކިޔަވާ ދޯ. ކޮންމެ ދުވަހަކު ފިލާވަޅުވެސް ހަދާ ދަސްކުރެއެއްނު. އެކޮޅަށް ގޮސްވެސް އަހަރެން ދޭތެރެއަކުން މަންމައަށް ގުޅާނަން އިނގޭ.” ހިނިތުންވުމާއެކު ނާހިލް އޭނާގެ މަންމައާ މުޚާތަބު ކޮށްލިއެވެ. ސިޔާދާ ލުއި ހިނިތުންވުމާއެކު ބޯ ޖަހާލިއެވެ.
ނާހިލްއަކީ އުމުރުން ފަންސަވީސް އަހަރުގެ ޒުވާނެކެވެ. އޭނާ ކިޔަވަމުންދަނީ މަދީނާގައި ހުންނަ ޔުނިވާސިޓީ އަކުންނެވެ. ސުކޫލުގައި ނާހިލް ކިޔަވާ މޮޅުވުމުގެ ސަބަބުން ލިބުނު ސްކޯލާޝިޕެއްގައި އޭނާ ކިޔަވަން ބޭނުންވި ސައިންސް އެންޑް ޤުރުއާންގެ ދާއިރާ އިން ކިޔަވަން ދިޔައެވެ. އަންނަ އަހަރަކީ ނާހިލްގެ ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. މިއަދާ ހަމައަށް އައި އިރު ނާހިލްވަނީ ޔުނިވާސިޓީގައި ފާހަގަ ކޮށްލެވޭ މޮޅު ދަރިވަރަކަށް ވެފައެވެ.
“ދެން ހިނގާ ގެއަށް ދާން.. އަހަރުން ގޭގައި އިނދެގެންވެސް ވިސްނާނަން އެހެން އައިޑިއާއެއް އާދޭތޯ.” ނާއިކް ރަޒާންގެ ކޮނޑުގައި ވިއްދާލަމުން ބުނެލިއެވެ.
“އޭ މަޑު ކުރޭ.. ބައްޕަ އަންނާނެ މިތަން ބަލަން. އެހެންވީމަ ސާފުކޮށްފަ ދާން ވާނީ..” ހިޝާމް ހާސްވެފައި، އެގެގަނޑުން ނިކުންނަން ދިޔަ ނާއިކް އާއި ރަޒާންއަށް ގޮވާލިއެވެ.
އެގެގަނޑުގެ ކަނުގައި ކަބަޑެއް ބެހެއްޓިފައި ހުއްޓެވެ. ވަށައިގެން ހުރީ އެކި ކަހަލަ ސާމާނު ތަކެވެ. ހަލާކުވެފައި އޮތް ފޯނަކާއި ފަހާފޮށްޓަކާއި ފަންކާ ފަދަ އެއްޗެއްސެވެ. ނާއިކްމެން މަސައްކަތްތައް ކުރަނީ އެތަނުގެ މެދުގައި އޮންނަ ހުސް ޖާގައިގައެވެ.
އެތަން ސާފުކޮށް ނިންމާލުމަށްފަހު ނާއިކް އާއި ރަޒާން ގެއަށް ދަނިކޮށް މެންދުރު ނަމާދަށް ބަންގި ގޮވަން ފެށިއެވެ. ގެއަށް ގޮސް ފެންވަރައިގެން ނާހިލްއާއެކު، ނާއިކް ދިޔައީ މިސްކިތަށެވެ.
“ނާއީ ހިޝާމްމެން ގެއަށް ގޮސް ކުރާ ކަންތައް ދޮންބެއަށް ކިޔައިދެވި ދާނެތަ؟” ނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި ނާހިލް ސުވާލުކޮށްލިއެވެ.
“ފޯ ވަޓް ޔޫ ވޯންޓް ނޯ؟؟”ނުރުހުމުގެ ރާގުގައި ނާއިކް ބުނެލިއެވެ.
“ނާއީއަށް އަބަދު ހަނދާން ކޮށްދޭންތަ މިޖެހެނީ؟ ދޮންބެ ބުނީމެއްނު ނާއީއަކީ އަދިވެސް ކުޑަ ކުއްޖެކޭ. ދޮންބެމެން ނާއީ އުޅޭ ގޮތް ބަލަން ޖެހޭނެއްނު. ނާއީގެ ބައްޕަ ހުރި ނަމައެއްނު ނާއީގެ ދޮންބެއަށް ނާއީ ނުބަލާ ހުރެވުނީ. އެކަމަކު ނާއީގެ ބައްޕައެއް ނެތި ނާއީ ނުބައި މަގަކުން ދާން ނޭދޭތީ އެއްނު ދޮންބެމެން ނާއީ ގާތު ސުވާލު ކުރާނީ. ސުވާލުކުރަނީވެސް ލޯބިވާތީ.” ނާހިލް ނަޞޭޙަތް ދިނެވެ. އެވާހަކަތައް ނާއިކްއަށް ނުއިވޭ ފަދައެވެ. “ނާއީ.. ދޮންބެ ސުވާލެއް އެބަ ކުރަމެއްނު. ޖަވާބު ދީބަލަ.”
“ދޮންބެ މާގިނައިން ލެކްޗަރ ދެނީ. ނާއީ ހާދަ ފޫހިވެއޭ. ދެން ހުއްޓާލާ. ނާއީ އެގެއަށް ދަނީ އެކިކަހަލަ އެއްޗެހި ހަދަން. ހަލާކުވެފަ ހުންނަ ފަންކާ ކަހަލަ އެއްޗެހި. އެއީ ފްރޭންޑްސްއާ މީޓް ކުރަންވެސް ދާތަން. ދެން އަންނާނެ ސުވާލަކީ ކޮން ބަޔަކާ އެކުހޭ ދަނީ. އެހެއްނު؟ ހިޝާމްއާ ނާއީއާ ރަޒާން.” ނާއިކް ފޫހިވެފައި ހުރެ ޖަވާބު ދިނެވެ.
“އޯކޭ. އެކަމަކު މާބޮޑެތި އެއްޗެހި ނަހަދާތި. ނާއީމެން އަދި ތީ ބޮޑެތި އިންޖިނިއާރސް އެއް ނޫން. އެހެންވީމަ ނާއީމެންނަށް ހެދޭ ވަރުގެ އެއްޗެހި ހަދާނީ..” ނާހިލް އިތުރު ކޮށްލިއެވެ. ނާއިކް ރަނގަޅަށް އެވާހަކަ އަޑުނާހާ ހޫނ ލައްވާލިއެވެ.
ޖެހިގެން އައި ދުވަހު ވިއްސާރަ މަޑުވެލިއެވެ. އެދުވަހު ނާހިލް ޖޯޝާއެކު ބާބަކިއުގެ ވާހަކަ ފެށިއެވެ. ނާއިކްވެސް ބާބަކިއު ހަދަން ހުރި ފޯރީގައި ނާހިލްއާ ވާހަކަދައްކާ ފޯރި ނަގަމުން ދިޔައެވެ.
ސިޔާދާގެ ހިތް ދެރަވަމުން ދިޔައީ އޭނާގެ ދޮށީ ދަރިފުޅު ރަށުން ފުރާ ދުވަސް ގާތްވަމުން އަންނާތީއެވެ. ނާހިލްގެ އުމުރުން ސޯޅަ އަހަރުގައި އޭނާގެ ބައްޕަ ނިޔާވުމުން ސިޔާދާއަށް ހުރިހާ ކަމެއް ކޮށްދިނީ އޭނާއެވެ. ސިޔާދާ ގޭތެރޭގެ މަސައްކަތްތައް ކުރަމުން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ޚަރަދުތައް ދެކޮޅު ޖެއްސޭ ވަރެއް ނުވެއެވެ. ފުރާވަރުގެ އުމުރަށް ދަމުން ދިޔަ ނާއިކްއަށް އޭނާ ބޭނުންވާ އެއްޗެހި ނުލިބުމުގެ ސަބަބުން ޝަކުވާ ކުރެއެވެ. އެޝަކުވާ އަޑުއަހާ ސިޔާދާގެ ހިތުގައި ވޭން އަޅައެވެ. ނާހިލް ގްރޭޑް ދިހައެއް ކިޔަވަމުން ފިހާރައަކަށް ވަޒީފާއަށް ދާން ފެށީ ސިޔާދާގެ ނުރުހުމުގައެވެ. ނާހިލް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން ފިހާރައަށް ދަމުން ކިޔަވާ މޮޅުވިއެވެ. ނާއިކްގެ ހަރުކަށި މިޒާޖުގެ ފެށުން އައީ އޭނާގެ މަންމައާ ދޮންބެއަށް އޭނާ ބޭނުންވާ އެއްޗެހި ނުގަނެދެވުމުންނެވެ. އޭނާގެ އެކުވެރިންނަށް އެހުރިހާ އެއްޗެއް ލިބިފައި އޭނާ އެހާ ނިކަމެތިކޮށް ހުރުމުން އޭނާ އެރުޅި އެންމެ ބޮޑަށް ބޭލީ ސިޔާދާއަށެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހު ބާބަކިއު ހެދުނެވެ. ބާބަކިއުގައި ބައިވެރި ވުމަށްޓަކައި ނާއިކްގެ ބައްޕަ ފަރާތު ބޮޑުދައްތަ، ޒާހިދާއާ އޭނާގެ ތިން ކުދިންވެސް އައެވެ. ޒާހިދާގެ ދޮށީދަރިއަކީ އުމުރުން ބާވީސް އަހަރުގެ ޒުނާމްއެވެ. ދެން ތިބެނީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. އެއީ ތޭރަ އަހަރުގެ އަމްރާ އާއި އައިނީއެވެ. އެހެންކަމުން އެބާބަކިއު އިތުރަށް ފޯރިގަދަވެގެން ދިއައެވެ. ނާއިކްއާ ޒުނާމްވެސް ނާހިލްއާއެކު ނާށި އަންދަމުން ދިޔައެވެ. ސިޔާދާ ގާތު އާދޭސްކޮށްގެން މިރުސް ގަނޑު ފުނޑާ ކުކުޅު މަސްތަކުގަ އާއި ފައިތަކުގައި ހަވާދުލީ ނާހިލްއާ ޒުނާމްއެވެ. ނާއިކް ހައިރާންވީ މަންމަގާތު އެވަރަށް އާދޭސްކޮށްގެން އަންހެނުން ކުރާ މަސައްކަތްތައް ދޮންބެއާ ކުޑަދޮންބެ ކުރުމުންނެވެ. ނާއިކްއަށް ވިސްނިފައި އޮތް ގޮތުން އަންހެނުން ކުރާ މަސައްކަތްތައް ފިރިހެނުން ކުރާކަށް ނުޖެހެއެވެ.
ހަފްތާގެ ދުވަސްތައް ފާއިތުވަމުން ގޮސް ނާހިލް ފުރާ ދުވަސް ޖެހުނެވެ. އެދުވަހަކީ ހިޝާމްގެ ބައްޕަވެސް ރިސޯޓަށް ދާން، މާލެ ފުރާ ދުވަސްކަމަށް ހިޝާމް ބުންޏެވެ. ނާހިލް ދިއުމުގެ ކުރިން ނާއިކްއަށް އެތަށް ނަޞޭޙަތެއް ދިނެވެ. ނާހިލް ހީކުރި ފަދައިން އެނަޞޭޙަތްތައް ނާއިކްގެ އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނިކުމެގެން ދިޔައެވެ. ބޯޓު ފުރާ ވަގުތު ކައިރިވުމުން ނާހިލް ބޯޓަށް އަރާ ވަގުތު ޖެހުނެވެ. ސިޔާދާ ގައިގައި ބައްދާލި ވަގުތު ދެމީހުންގެ ލޮލުންވެސް ހިތާމަވެރި ކަރުނަ ފޭބިއެވެ. ނާއިކް އޭނާގެ ދޮންބެ ގައިގައި ބައްދާލުމުން ލުއި ގޮތަކަށް ހީލިއެވެ. ނާހިލް ދާތީ ހަގީގަތުގައި އޭނާ އެއްވެސް ވަރަކަށް ދެރައެއް ނުވެއެވެ. އޭނާގެ ކަޅި ދަތުރު ކުރަމުން ދިޔައީ އެއްވެފައި ތިބި މީހުންނަށެވެ. ހިޝާމްއާ ރަޒާންވެސް މީހުންތަކުގެ ތެރެއިން ފެނުމުން ނާއިކްއަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. ނާހިލްއަށް ދެފަރާތަށް ބޯހޫރުވާލެވުނީ ނާއިކްގެ ހިތް އެނގުމުންނެވެ. ބޯޓު ޖެޓީއާ ދުރުކޮށްލުމާއެކު ނާއިކް އަވަސްއަވަހަށް ހިޝާމްމެން ގާތަށް ދިއުމަށް އަވަސްވެ ގަތެވެ. އޭނާއަށް ނޭނގުނީ ބޯޓުގެ ކުޑަދޮރަކުން ނާހިލް އޭނާއަށް ބަލަން އިންކަމެވެ.
ޖެހިގެން އައި ދުވަހު ސުކޫލުން އައި ގޮތަށް ނާއިކް ދިޔައީ ހިޝާމްމެންގެ ގެއަށެވެ. އޭނާ އުފާވެފައި ހުރީ އެމީހުން މިހުރިހާ ދުވަހު ނުހެދިގެން އުޅުނު އެކްސްޕެރިމެންޓް ހެދެން އުޅޭތީއެވެ.
“ތިއައީ ދޯ ބްރޯ. ލެޓްސް ސްޓާޓް.. ކަލޭ ނައިސްގެން ލަސްވެފަ މިތިބެނީ.” ނާއިކްއަށް އެތަނަށް ވަދެވުމާއެކު ރަޒާން އާއި ހިޝާމް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. ތިން މީހުން ހަމަ ވުމާއެކު ލަސްކުރުމެއް ނެތި މަސައްކަތް ފެއްޓިއެވެ. އެންމެ ފުރަތަމަ އެތަނުގައި ބަހައްޓާފައި ހުރި ފަހާފޮށި ހެދޭތޯ މަސައްކަތް ކުރިއެވެ. ނުހަނު ކާމިޔާބު ކަމާއެކު އެމަސައްކަތް ނިމުމުން ބޮކި ގެނެސްގެން ހަދަން ޖެހުނު އެކްސްޕެރިމެންޓު ހަދަން ފެށިއެވެ.
“މަންމާ. އޭނާ މިހާރު ނަމާދު ކުރޭތަ؟” އެކޮޅުން ވާހަކަދެއްކީ މާލޭގެ މަޝްހޫރު، އެމެޒޯން ގެސްޓް ހައުސް ދޮރުމަތީ ލުގޭޖްއެއް ހިފައިގެން ހުރި ނާހިލްއެވެ.
“ދަރިފުޅާ. ދަރިފުޅު ދިޔަ ފަހުން އޭނާ އެއްވެސް ނަމާދަކަށް ނުދޭ. މަންމަ ބުނީމަވެސް… ބުނީ ތީ ކާކުހެއްޔޯ އަހަރެން ގާތު ނަމާދަށް ދާށޭ ކިއަން. މަންމައަށް ނަމާދު ކުރެވުނީމަ މަންމައަށް ނިމުނީ ނޫންހޯ..” ވާހަކައިގެ ތެރެއިން ސިޔާދާއަށް ގިސްލެވެން ފެށުނެވެ. “މިހާރުވެސް ގޭގަ ނޫޅޭ. އިއްޔެވެސް ހަވީރު ދިޔަ ގޮތަށް އިރުއޮއްސޭރު ގަޑީގަ އައި. ދެން އަނެއްކާ ބޭރަށް ގޮސް އައީ ނުވަ ގަޑި ބައިވާން އުޅެނިކޮށް.”
“މަންމަ ދެރަ ނުވޭ.. އިންޝާﷲ އޭނާއަށް އަދި ވިސްނޭނެ. އަހަރެންވެސް މަސައްކަތް ކުރާނަން އޭނާއަށް ވިސްނައިދެވޭތޯ. މަންމާ ފްލައިޓް އެބޮތް ތިނެއް ޖަހާއިރު.” ހިތަށް ކިތަންމެ ތަދުވިއަސް ހިތްވަރުކޮށްފައި ނާހިލް ބުނެލިއެވެ.
“އާނ ދަރިފުޅާ. ބަސް އަހައިގެން ކިޔަވައްޗޭ. މަންމަ އަބަދުވެސް ބޭނުން ދަރިފުޅާ ނާއީ ކޮއްކޮއާ ދެކުދިންނަކީ ވަރަށް މޮޅު ކުދިންތަކަކަށް ހަދަން.” ކަރުނަ ތަކުގެ ތެރެއިން ސިޔާދާ ބުނެލިއެވެ. “ދެން ކޮންއިރަކުތަ ދަރިފުޅު މީހަކާ އިންނަނީ؟”
“ހެހެ. މަންމަގެ ތިހުވަފެން އަހަރެން ހަޤީޤަތަކަށް ހަދައިދޭނަން. އިންޝާﷲ. އަދި ނާއީވެސް. އަހަރެން ޝުކުރު ދަންނަވާ އިރު އެންމެ ފުރަތަމަވެސް މަންމައަށް ޝުކުރު އަދާކުރާނީ.” ނާހިލް ލުއި ހީލުމަކާއެކު ބުނެލުމުން ސިޔާދާވެސް ހީލިއެވެ. “އޯކޭ. މިހާރު ޓެކްސީއަށް މިއަރަނީ. ފުރުމުގެ ކުރިން އަދި ގުޅާނަން އިންޝާﷲ..”
ސިޔާދާ އާނއެކޭ ބުނަލަމުން ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އޭނާއަށް ފޯނުގެ ސްކްރީނަށް ބަލަން އިނދެ ހިނިތުންވެވުނީ ނާހިލް އޭނާދެކެ ލޯބިވާ ވަރު އިޙްސާސް ވުމުންނެވެ.
ސުވިޗުބޯޑުން ކަރަންޓު ސޯޓުވާން ފެށިކަމެއް މަސައްކަތުގައި އަވަދިނެތި ތިބި ތިން މީހުންނަކަށް ނޭނގުނެވެ. ކަރަންޓު ސޯޓުވެ ގެގަނޑުގެ ދޮރުގައި ރޯވިއެވެ. އެތަނުން އެމީހުންނަށް ސަލާމަތް ވެވޭނެ އިތުރު ގޮތެއް ނެތެވެ. ހިޝާމްގެ ބައްޕަ މާލެ ދިޔައީ ގޭގެ ފަންތައް އާ ކުރުމަށްފަހު އެތަނުގެ ވަށައިގެން ފިލާ ޖަހާފައެވެ. އަލިފާން ރޯވެ އެތާ ހުރި ޑަބިޔަލެއް ގޮވި އަޑަށް ސިއްސައިގެން ގޮސް ތިން މީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. އެއާއެކު އެންމެންގެ ހިތް ބިރުވެރި ކަމުން ވަށާލިއެވެ. އެކަކަށްވެސް އަނގައިން ބުނާނެހާ ހިތްވަރެއް ނުލިބުނެވެ.
-ނުނިމޭ-
4 Comments!
Comments are closed.




V salhi thuhthaaa…😍🥰 Keep going..
in reply to @aminath sudhaana..
Thankss Shaii..❤️😘
I really appreciate your support..😁💕
Vrh reethi ma sha Allah
My favourite dhivehi vaahaka writer
Allahummabarik thuhtha 🥰❤️😘
Thank u dhahthiii! I appreciate your support! ♥️😊