Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 25

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
October 19, 2022 10 Mins Read
2 Comments

“ލައުރާ!! ފަހުގެ އިންޒާރު މި ދެނީ!! ޔައިނާއަކީ އަހަންނާ ލޭގެ ގުޅުމެއް ނުހިނގިޔަސް އަހަރެންގެ އަމިއްލަ ކޮއްކޮއެއް ކަހަލަ ކުއްޖެއް.. އޭނައަށް ހަޑިވާ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިފިއްޔާ އަހަންނެއް މަޑަކުން ނުހުންނާނަން!! އެ ވަރިހަމަ ލައުރާއަކަސް މިލާންއަކަސް.. އަޑު އިވިއްޖެތަ..؟!” އަފާން ހުރީ ލޮލުން އަލިފާން ކަނި ބުރާ ވަރު ވެފައެވެ. “މަށަށް ހީވަނީ ލައުރާ ޔައިނާއޭ ކިޔައިގެން ތި ހުރިހާ ވާހަކައެއް ދައްކާ އިރު ޔައިނާއެއް ނޫން ކަންނޭނގެ ގޯހީ.. ލައުރާ ކަންނޭނގެ ތިބުނާ ވައްތަރަކަށް އުޅެނީވެސް.. މަށަށް ޔަގީނޭ މިލާންއާއި ލައުރާގެ މެދުގައި ގުޅުމެއް އޮވެގެންކަން މިލާންއާއި ޔައިނާ ވަކިވީ-” އަފާންގެ ވާހަކަ ފުރިހަމަ ނުކުރެވުނީ މިލާން އަތުގެ ހޫނު ޙަމަލާއެ އް އަފާންގެ މޫނަށް އެރުމުންނެވެ. މިލާން ޖެހިލެއް ބާރުކަމުން އަފާންގެ ތުންފަތުން ދިޔައީ ލޭ އަންނަމުންނެވެ. ކުއްލިއަކަށް މިލާންގެ ފަރާތުން މި ފެނުނު ޢަމަލުން ލައުރާއާއި ޒާރާވެސް ތިބީ ހައިރާންވެފައެވެ. އަފާން ތުންފަތުގައި އަތް އުނގުޅައިލުމާއެކު، އަތުގައި ހޭކުނު ލެޔަށް ބަލައިލިއެވެ. އެއަށްފަހު، މިލާންއަށް އޭނާ ބަލައިލީ ނުރައްކާތެރިކަމުން ފުރިގެންވީ ނަޒަރަކުންނެވެ.

“ވަރަށް ކެތް ކޮށްފިން އަފާން.. ވަރަށް ކެތް ކޮށްފިން.. ކިޔާ އެއްޗެއް އަހަންނާ ދިމާއަށް ކިޔާ.. ކޮންމެހެން ލައުރާ މި ދޭތެރެއަށް ވައްދަން ހަދާނެ ކަމެއް ނެތް.. ކަލޭ ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް..” މިލާން އެހެން ބުނުމާއެކު، އަފާން އައި ބާރުމިނުގައި އައިސް މިލާންގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ އެއަށްފަހު، މިލާންގެ މޫނުގައި ގޮށްމުށުން ޖެހީ ލޭ އަންނާނެހާ ބާރަށެވެ. “ކަލޭ އަދި އެއްފަހަރު ޔައިނާއޭ ކިޔައިގެން ތިހެން ބުނެބަލަ!! ހަނދާން ކުރާތި!! ދެން ތިހެން ބުނެފިއްޔާ މަށަށް ވުރެ ނުބައި މީހަކު ނުުންނާނެ!!” އަފާން ދިނީ އިންޒާރެކެވެ. އެއާއެކު، މިލާންވެސް ރުޅިއައިސްގެން އަފާންގެ ގަމީހުގެ ގިރުވާނުގައި ހިފީ އަފާން ވާހަކަ ދައްކަމުން ދިޔަ ގޮތުން ރުޅި އައިސް ހުރެއެވެ. އެކަކުއަނެކަކުގެ ގަޔަށް އަަރާ ވަރު ވެފައި ތިބި މިލާންއާއި އަފާން ފެނި، ޒާރާއާއި ލައުރާ ތިބީ ބިރުން ގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ. މިލާންއާއި ލައުރާ ޔައިނާއޭ ކިޔައިގެން ދެއްކި ވާހަކަތަކުން ކިތަންމެ ރުޅި އައިސްފައި އިން ނަމަވެސް، މިވަގުތު ޒާރާއަށް މޫނުމަތިން އެކަން ހާމަ ނުކުރެވުނީ ވެފައި ހުރި ދެރައިގެ ސަބަބުންނެވެ.

“އަފާން! މިލާން! ކިހިނެތް މި ވަނީ..؟!” އަފާންއާއި މިލާންއަށް ބަލައިލެވުނީ އިވުނު އަޑަށެވެ. އޭރުމާހިރުއާއި ޝުޢައިބު އެތަނުގައި ތިބި އިރު، ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. “މިކަހަލަ ވަގުތެއްގަވެސް ދެމީހުން ތަޅާފޮޅަންތަ މިތަނަށް އައީ؟! ހަމަ މިހާރު ދޫކޮށްލާ!!” ޝުޢައިބު ބުނެލީ ރުޅިއައިސްފައެވެ. “ދެން ފަހަރަކުންވެސް ޔައިނާއޭ ކިޔައިގެން އެކަހަލަ އެއްޗެއް ބުނުމުގެ ކުރިން ވިސްނާލާތި!” އަފާން ފަހުގެ އިންޒާރު ދީފައި މިލާންގެ ގިރުވާނުން ދޫކޮށްލިއެވެ. “އަފާން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް ހަގީގަތް ވާނީ ހަގީގަތަށް.. އަހަންނާ ޔައިނާ ރުޅިވީ އެނޫން ސަބަބެއް އޮވެގެނެއް ނޫން..” މިލާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ކަން އިޙުސާސް ކުރެވުނީ މާހިރުއާއި ޝުޢައިބުގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައީތީއެވެ.

“ކީކޭ..؟ ދަރިފުޅު ޔައިނާއާ ރުޅިވީތަ..؟” މާހިރުއަށް ސިހުން ލިބުނީ މިހާ ދުވަސް ކޮށްފައި ޔައިނާއާއި މިލާން ވަކިވުމުންނެވެ. އިތުރަށް ދެން ސިއްރު ނުކުރެވޭނޭކަން އެނގުމުން މިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އާނ.. ރުޅި ވެއްޖައިން..” މިލާން ބުނެލިއެވެ. “ކީއްވެގެން..؟” މާހިރުއަށް އަހައިލެވުނެވެ. އެއަށް ދޭނެ ޖަވާބެއް ނޭނގި މިލާން އިރުކޮޅަކު ވިސްނައިލަން ޖެހުނެވެ. “އެއީ އަޅުގަނޑުމެން ދެމީހުން ނިންމި ނިންމުމެއް.. އިތުރަށް ދެން އެކަކު އަނެކަކާއި އެކީގައި ނޫލެވޭނެކަން ޔަގީންވީމަ ރުޅިވީ..” މިލާންގެ ޖަވާބުން އަފާންއަށް ޗޮކެއް ކަނޑައިލެވުނެވެ. އޭނާ މިލާންއަށް ރައްދުކޮށްލީ މަލާމާތުގެ ހިނިތުންވުމެކެވެ. މިފަހަރު ޔައިނާއޭ ކިޔައިގެން ކިޔާނެ ހުތުރު އެއްޗެއް ހިތަށް ނައީބާވައޭ އަފާން ބުނެލީ ހިތުންނެވެ. މިވަގުތު ބުނަން ބޭނުންވެފައި ހުރި ކިތަންމެ އެއްޗެއް ހުރި ނަމަވެސް، އަފާން ކެތްކޮށްލައިގެން ހުރީ މާހިރުއާއި ޝުޢައިބު ހުރުމުންނެވެ. އަދިވެސް ރުޅިއައިސް ރަތްވެފައި ހުރެ އަފާން ފަހަތަށް ބަލައިލި އިރު ޒާރާ އިން ގޮތް ފެނުމުން ރުޅިގަނޑު އެކީ ފިލައިގެން ދިޔަ ކަހަލައެވެ. ވަގުތުން ޒާރާ ކައިރީ އިށީނދެ، އަނެއްކާވެސް ޒާރާއަށް އެ ދެއަތުގެ ހިމާޔަތް ދިނީ ދެންމެ ކަންތައް ވީ ގޮތުން ޒާރާއަށް ކުރާނެ އަސަރު އިޙުސާސް ކުރެވުމުންނެވެ.

“އަފާން.. މިލާން.. ދެމީހުން ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަނީނު.. އަވަހަށް ދޭ ބޭސް އަޅާލައިގެން އަންނަން..” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މާހިރު ބުނެލުމުން އަފާންއާއި މިލާންއަށް އެކަކުއަނެކަކާ ދިމާލަށް ބަލައިލެވުނެވެ. “ތެދެއް.. ޒާރާ.. ދަރިފުޅު ދާންވީނު މިދެކުދިން ގޮވައިގެން.. ބައްޕަމެން މިތާ މަޑުކޮށްލާނަން..” ޒާރާ ކުރިޔަށްވުރެ ހަމަޖެހިފައި އިންހެން ހީވެ، ޝުޢައިބު ބުނެލިއެވެ. އެއާއެކު، މޫނު ފުހެލަމުން ޒާރާ ތެދުވިއެވެ. ޒާރާއާއި އެކު އަފާންއާއި މިލާންގެ އިތުރުން ލައުރާވެސް ހިނގައިގަތީ މާހިރުގެ އެދުމަށެވެ. އަފާންގެ ބުނުމަށް، އެމީހުން ދިޔައީ އަފާންގެ އޮފީހަށެވެ. އެތަނުގައި ފަރސްޓް އެއިޑް ކިޓެއް ހުންނާނެތީ، މިވަގުތު ޕޭޝަންޓުން ތިބޭ ތަނަށް ދާން އަފާން ބޭނުން ނުވީއެވެ.

އަފާންމެން ދިޔަ ދިމާއަށް ބަލަހްޓައިގެން ހުރި ޝުޢައިބަށް ބަލައިލެވުނީ ޒާރާގެ ކޮނޑުގައި ވަށައިލެވިފައިވާ އަފާންގެ އަތަށެވެ. ވަގުތުން އެ ދެމެދުގައި އޮންނަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ނޫންކަން ޝުޢައިބަށް ނަގައިގަނެވުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އަފާން ފަދަ ރަނގަޅު ބައިވެރިޔަކު ޒާރާގެ ޙަޔާތަށް އައުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނަކަށް ވީތީއެވެ. ނަމަވެސް، މިވަގުތު އެއިން ކަމަކާއި އުފާކުރެވޭ ވަރަށް ވުރެ، ލިބިފައިވާ ހިތްދަތިކަން މާ ބޮޑެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޝުޢައިބު ގޮސް މާހިރުގެ ކައިރީގައި އިށީނެވެ.

މާހިރުއަށް ވިސްނެމުން ދިޔައީ ދެންމެ މިލާން ބުނި ވާހަކައިގެ މަތިންނެވެ. ޔައިނާއާއި އޭނާ ރުޅިވީއޭ ބުނުމުން މާހިރުގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އޭނާ މިލާންގެ ނިންމުމާއި ދެކޮޅު ހަދަނީކީ ނޫނެވެ. ނަމަވެސް، ޔާސިރު މިފަދަ ނާޒުކު ޙާލަތެއްގައި އޮއްވާ، ޔައިނާއަށް މިފަދަ ގޮތަކަށް ކަންތައް ދިމާވުމުން ދެރަވީއެވެ. ކޮންމެއަކަސް، ވާން ހުރި ކަމެއް ވާނެތާއެވެ. ޔައިނާއާއި މިލާން ރުޅިވިއެއް ކަމަކު، ޔާސިރުއާއި އޭނާއާއި ދޭތެރޭގައި އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެއް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ޔާސިރުއަށް އަވަސް ޝިފާއަކަށް އެދި، މާހިރުއާއި ޝުޢައިބުވެސް ދިޔައީ ހިތާހިތުން ދުޢާ ކުރަމުންނެވެ.

*** ** ***

އަފާންގެ ކެބިންއަށް ވަން އިރުވެސް، އެކަކުވެސް އެކައްޗެއްވެސް ނުބުނެއެވެ. އަފާންއާއި މިލާން އެކަކު އަނެކަކާއި ވާހަކަ ނުދެއްކިތާ، ބަލައިވެސް ނުލައެވެ. އަފާން ގޮސް އޭނާގެ ގޮނޑީގައި އިށީން އިރު، މިލާން އިށީނީ އެތަނުގައި ހުރި ހުދުކުލައިގެ ސޯފާގައެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެކޭ ނުބުނުމުން ވާހަކަ ދެއްކީ ލައުރާއެވެ. “ފަރސްޓްއެއިޑް ކިޓް ކޮބާ..؟” ލައުރާ އެހުމުން އަފާން ހަމައެކަނި އަތުން އިޝާރާތް ކޮށްލީއެވެ. އޭގެންވެސް އަފާން ލައުރާ ދެކެ ފޫހިވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ.

އަފާން އިޝާރާތް ކުރުމުން ލައުރާ އެއްވެސް އެއްޗެކޭ ބުނުމެއް ނެތި، ފަރސްޓް އެއިޑް ބޮކްސް ހިފައިގެން ގޮސް މިލާންގެ ކައިރީގައި އިށީނެވެ. ޒާރާވެސް ގޮސް އެތަނުން އެހެން ފޮށްޓެއް ހިފައިގެން އައިސް އަފާންގެ ކައިރީގައި ހުއްޓުނެވެ. ކަފަކޮޅަކަށް ބެޓަޑިންކޮޅެއް އަޅައިލުމަށްފަހު، ޒާރާ އަފާންގެ ތުންފަތުން ފަޅައިގެން އިން ތަނުގައި މަޑުމަޑުން ޖައްސައިލިއެވެ. އެއާއެކު، ނެގި ދިލައިން އަފާންގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. އެއާއެކު، ޒާރާ އަފާންގެ މޫނާއި ކުޑަކޮށް ކައިރިވެލުމަށްފަހު، މަޑުމަޑުން ފުމެލިއެވެ. ޒާރާގެ ހޫނު ނޭވާތައް އަފާންގެ މޫނަށް އެޅެން ފެށުމުން ހަނދާންވީ މީގެ ފަސް އަހަރު ކުރިން ހަމަ އެގޮތަށް އަފާންގެ އުޅަނބޮށި މަށައިގެން ދިޔަ ދުވަހު ޒާރާ ބޭސްއަޅައިދިން ގޮތެވެ. ޒާރާގެ މޫނަށް ގެއްލިފައި އަފާންއަށް އިނދެވުނީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. ޒާރާ އެތަން ސާފުކޮށްލާފައި، ބޭސްކޮޅެއް އުނގުޅާލާފައި ފަރސްޓް އެއިޑް ފޮށި ލައްޕައިލިއެވެ.

މިލާންގެ ކައިރީގައި އިން ލައުރާ ޒާރާގެ ޙަރަކާތްތަކަށް ބަލާފައި ހަމަ އެގޮތަށް ކަންތައް ކުރަން ފެށިއެވެ. މިލާންގެ މޫނާއި ކައިރިވެ، ތުންފަތަށް ފުމެމުން ދިޔަ އިރު، ލައުރާއަށް ކުރަމުން ދިޔައީ ތަފާތު އިޙުސާސްތަކެކެވެ. މިލާންގެ ތުންފަތް އަފާންހާ ބޮޑަށް ހަލާކުވެފައި ނުވި ނަމަވެސް، ލޭ ފޭދިފައި ހުއްޓެވެ. އެތަންކޮޅު ސާފުކޮށްލާފައި ބޭސް އަޅައި ނިމެންދެންވެސް، މިލާން އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ލައުރާއާއި ދިމާލަށް އެންމެ ފަހަރަކުވެސް މިލާން ބަލައިވެސް ނުލައެވެ. އެކަމުން ލައުރާގެ ހިތަށް އަސަރު ކުރި ނަމަވެސް، ބޭސް އަޅައި ނިންމާލާފައި ފޮށި ލައްޕައިލިއެވެ.

ބޭސް އަޅައި ނިމުމުން ހަތަރު މީހުންވެސް އިރުކޮޅަކު ތިބި އިރު، އެއްޗެކޭ ބުނާނެ އެކަކުވެސް ނުވިއެވެ. އެންމެ ފަހުން ދާން ހިނގާށޭ ބުނެ، އަފާން ޒާރާގެ އަތުގައި ހިފައިގެން ގޮސް އޮފީހުން ނުކުތެވެ. އަފާންގެ ފަހަތުން މިލާންއާއި ލައުރާވެސް ނުކުމެ، ލިފްޓަށް އެރި އިރުވެސް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ކޮންމެއަކަސް، ކަންތައް މި އޮތީ މިއަދު ވަރަށް ނާޒުކު ފައްތަރަކަށް އަރާފައެވެ. އެކުގައި އުޅެބޮޑުވި އެކުވެރީންތަކެއްގެ އެކުވެރިކަން މި ވަނީ ރޫޅެން ފަށާފައެވެ.

*** ** ***

އޮޕަރޭޝަން ތިއޭޓަރުގެ ކައިރީގައި ހުރި ގޮނޑިބަރީގައި މިވަގުތު ތިބީ އަފާންއާއި މިލާންގެ އިތުރުން ޒާރާއެވެ. ޒާރާވެސް މިއަދު ޑިޔުޓީއިން ޗުއްޓީއެއް ނެގީ، އެތަނުގައި ހުންނަން ބޭނުން ވުމުންނެވެ. ލައުރާ ކުންފުނީގެ ކަމެއް ޖެހުމުގެ ސަބަބުން އޮފީހަށް ދިޔަ އިރު، މާހިރުއާއި ޝުޢައިބު ކެންޓީނަށް ދިޔައީ މިލާން ކިޔާކިޔާ އާދޭސް ކުރުމުގެ ސަބަބުންނެވެ. އަފާންގެ ބައްޕަ އަކްމަލްވެސް ޔާސިރު ޙާލު ބަލައިލުމަށް އެތަނަށް އައިސް، އެ ދިޔައީ ހަމަ ދެންމެއެވެ. އަފާންގެ ކޮނޑުގައި ބޯ އަޅާލައިގެން ޒާރާ އޮތް އރު، އަދިވެސް އެ ދެލޮލުން އިރުއިރުކޮޅާ ހިމޭން ކަރުނަތައް ފައިބައެވެ. އެމީހުންނާއި ދެތިން ގޮނޑި ދޫކޮށްލާފައި މިލާން އިން އިރު، އެ ދެމެދުގައި އަދިވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އޭނާއާއި ޔައިނާގެ ގުޅުން ނިމުނުކަމުގައި ވިޔަސް، އޭނާއާއި ޔާސިރުގެ ގުޅުން ނިމުނީ ކަމަކަށް މިލާން ޤަބޫލެއް ނުކުރެއެވެ. އެހެނީ، އަދިވެސް މިލާންގެ ހިތުން ޔާސިރުއަށް ދެވިފައިވަނީ މާހިރުއަށްވެސް ދެވިފައިވާ ފަދަ މަތިވެރި ލޯތްބެކެވެ. އެ ޤަދަރެވެ. އިޙްތިރާމެވެ. މި ދޭތެރެއަށް ކޮންމެހެން ޔައިނާ ވެއްދުމުގެ ބޭނުމެއް ނެތެވެ. އޭނާ އެހާ ހާސްވެފައި އެ އިނީ އެހެންވެއެވެ. ޔާސިރުއަށް ކަމެއް ވެދާނެތީ އެ ހިތް ބިރުގަންނަނީ އިންތިހާއަށެވެ.

ހާސްކަން މަތީގައި ތިބި ތިން މީހުންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނީ ޑޮކްޓަރު ނުކުތުމުންނެވެ. “ޑޮކްޓަރ.. ބައްޕަ ރަނގަޅުތޯ..؟” މިލާންއަށް އަހައިލެވުނީ ހިތްއަވަސްވެފައި ހުރެއެވެ. އެއާއެކު، އިރުކޮޅެއް ވަންދެން ޑޮކްޓަރު އެއްޗެކޭ ނުބުނެ ހުއްޓެވެ. އެހެންކަމުން މިލާމްނެންގެ ހާސްކަން ވީ އިތުރެވެ. “ޑޮކްޓަރ.. ހުރިހާ ކަމެއްވެސް ރަނގަޅުތޯ..؟” މިފަހަރު އަހައިލީ އަފާންއެވެ. “ބައްލަވާ.. މިވަގުތު އެއްޗެއް ދަންނަވާލަން ވަރަށް ދަތި.. ޕޭޝަންޓު އޮތީ އަދިވެސް ވަރަށް ކްރިޓިކަލް ހާލަތެއްގަ.. މިހާ ބޮޑަށް ޕޭޝަންޓުގެ ހާލު ދަށްވާން އަސްލު މެދުވެރިވި ސަބަބަކީ ދުން.. ޕޭޝަންޓަކީ ނޭވާހިއްލާ ޕޭޝަންޓެއްތޯ..؟ އަޅުގަނޑުމެންނަށް ލަފާކުރެވެނީ އެހެން.. ދެއްތޯ..؟” ޑޮކްްޓަރު އަހައިލުމުން ޒާރާ ބޯ ޖަހައިލީ ކަރުނަވީ ލޮލަކާ އެކީއެވެ. “އައި ނިއު އިޓް.. އެކަމުގެ ސަބަބުން ޕޭޝަންޓުގެ ފުއްޕާމެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި.. އަދި އަލިފާނުގެ ސަބަބުން ބޭރުގެ ގުނަވަންތަކަށްވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފަ.. ވީމާ މިވަގުތު އެއްޗެއް ދަންނަވާލަން ވަރަށް ދަތި.. ޕޭޝަންޓު ސަލާމަތްވާނެ ކަމުގެ އުއްމީދު ވަރަށް ކުޑަ.. އެކަމަކު އަޅުގަނޑުމެން އަދިވެސް މި ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން.. ވީ އާރ ޓްރައިން އަވަރ ބެސްޓް.. ދެން އޮތް ކަމަކީ ދުޢާ ކުރުން.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” މިލާންގެ ކޮނޑުގައި ޖަހައިލަމުން ޑޮކްޓަރު ބުނެލީ ހިތްވަރުދޭ ރާގެއްގައެވެ. އެ ޑޮކްޓަރު އަނެއްކާވެސް އެތެރެއަށް ވަނުމުން މިލާންއަށް ގޮނޑީގައި އިށީނދެލެވުނެވެ. ޒާރާއަށް ރޮއެގަނެވިފައި އަފާންގެ ގައިގައި ބައްދައިލެވުނީ ޔާސިރު ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުންނެވެ. އަފާންވެސް ޒާރާގެ ބޮލުގައި ފިރުމަމުން ދިޔަ އިރު، ހުރެވުނީ ފެންކަޅިވެފައެވެ.

މާހިރުއާއި ޝުޢައިބަށް އެތަނަށް އާދެވުނީ އެވަގުތެވެ. މިލާންމެން ތިބި ގޮތް ފެނުމާއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން އެމީހުންނަށް ހީވިއެވެ. މާހިރު އައިސް މިލާންގެ ކައިރީގައި އިށީނދެފައި މިލާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ޝުޢައިބުވެސް ގޮސް އަފާންގެ ކައިރި ވީގޮތް އެއްސެވެ. މިލާންއަށް ކިޔައިނުދެވުމުން އެންމެފަހުން ޑޮކްޓަރު ބުނި ވާހަކަތައް ކިޔައިދިނީ އަފާންއެވެ.

“ދެން އަހަރުމެންނަށް ކުރެވޭނެހާވެސް ކަމަކީ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން.. އެނޫން ގޮތެއް މިވަގުތަކު އަހަރެމެންނަކަށް ނެތް..” މިލާންގެ ބުރަކަށީގައި ފިރުވައިލަމުން މާހިރު ބުނެލި އިރު، ޚުދު އޭނާވެސް އިނީ އެކަމުން އަރައިގަނެވޭނެ ގޮތެއް ނޭނގިފައެވެ.

އެތަނުގައި އެމީހުން ތިބޭތާ އެތައް އިރެއް ވެއްޖެއެވެ. ނަމާދު ކޮށްލުމަށް، އެހެންނޫނީ އެއްޗެއް ކައިލުމަށް މެނުވީ އެއިން އެކަކުވެސް އެތަނަކުން ނުދެއެވެ. ނަމަވެސް، ރޭގަނޑުވުމުން ޝުޢައިބު ބޭނުންވީ ޒާރާ ގެއަށް ފޮނުވާލާށެވެ. ފުރަތަމަ ނުދާން ވެގެން ޒާރާ ދެކޮޅު ހެދި ނަމަވެސް ޝުޢައިބު ކުރުނުކޮށް ކިޔަން ފެށުމުން ޒާރާ ގެއަށް ދާން ނިންމީ، އޭނާވެސް ނުހަނު ވަރުބަލިވެފައި ހުރުމުންނެވެ.

“އަފާން.. އަފާން ދޭ ޒާ ގޮވައިގެން ގެއަށް.. ޒާ ކައިރި މަޑުކޮށްލައްޗޭ..” ޝުޢައިބު އެހެން ބުނުމުން އަފާން ލައްބައޭ ބުނެ ޒާރާގެ އަތުގައި ހިފައިގެން ދިޔައެވެ. ހޮސްޕިޓަލުން ނުކުމެ، ކާރަށް އަރައިގެން އަފާން މިސްރާބު ޖެހީ ޒާރާގެ ގެއަށެވެ. ޒާރާގެ ގެއަށް އާދެވުމުން ކާރު ޕާކް ކޮށްލުމަށްފަހު، އަފާން ޒާރާއާއި އެކީ ގޮސް ގެއަށް ވަނެވެ. ތިންވަނަ ބުރިއަށް އެރުމަށްފަހު، ޒާރާގެ އެޕާރޓްމެންޓަށް ވަނީ ދެމީހުން އެކީއެވެ.

“ޒާރާ.. ދޭ ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށްލައިގެން އަންނަން..” ޒާރާ ހުރީ އަދިވެސް ޔުނީފޯމުގައި ކަމުން އަފާން ބުނެލިއެވެ. އަފާން ހަމަ އެހެން ބުނުމާއި އެކީ ޒާރާ ކޮޓަރިއަށް ވަނީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ. ޒާރާ ކޮޓަރިއަށް ވަދެ، ފެންވަރާ، ރީތިވެލިއެވެ. އެއަށްފަހު، ކަޅުކުލައިގެ ހުޑީއަކާއި، އަޅި ކުލައިގެ ސްވެޓްޕޭންޓެއް ލުމަށްފަހު، ގޭތެރޭގައި އަޅާ ކަހަލަ ކުޑަ ވަށްބުރުގަލެއް އެޅިއެވެ. ދެލޮލާއި، މޫނު ރަތްވެފައި ހުރި ނަމަވެސް، އެކަމަށް ސަމާލުކަމެއް ނުދީ ޒާރާ ނުކުތީ ބޭރަށެވެ. ޒާރާ ނުކުތް އިރު، ސިޓިންރޫމުން އަފާން ފެންނަން ނެތުމުން ކުޑަކޮށް ހައިރާންވިއެވެ. އަފާން އެހާ އަވަހަށް ދިޔައީއޭ ހިތާ ޒާރާއަށް ރޮވެން ފެށުނެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާ އެކަނިކޮށްލާފައި އަފާން ދިޔުމުން އެ ހިތަށް އަސަރު ކުރީ އިންތިހާއަށެވެ. މިހާ ކުޑަ ވަގުތުކޮޅަކަށްވެސް އަފާން އޭނާގެ ކައިރީގައި ނެތުމުން ޒާރާއަށް ވީ ވަރަކީ އެއީއެވެ. އަފާންއާއި ނުލައި އުޅެން ވެއްޖެ ނަމަ ވާނޭ ގޮތަކާއި ދޭތެރޭގައި ޒާރާއަށް ވިސްނައިލެވުނީ ދެނެވެ. އަފާން ދެކެ ލޯބިވެވިއްޖެކަން ޒާރާއަށް ޔަޤީންވީ އެހިސާބުންނެވެ. އެކަން ނަގައިގަނެވުމާއި އެކު، ޒާރާގެ ގިސްލުމުގެ އަޑު ބާރުވިއެވެ.

“ޒާރާ..” ފަހަތުން މީހަކު ގޮވައިލި އަޑު އިވުމުން ޒާރާއަށް ފަހަތް ބަލައިލެވުނީ ކުއްލިއަކަށެވެ. ގަމީހުގެ އަތުކުރި އޮޅާލައިގެން ހުރި އަފާން ފެނިފައި ޒާރާގެ ހިތަށް ވަގުތުން ފިނިކަން ލިބުނެވެ. އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލައި، ޒާރާ ދުވެފައި ގޮސް އަފާންގެ އަތުތެރެއަށް ވަނެވެ. ޒާރާގެ އެޢަމަލުން އަފާންއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިގެން ދިޔައީ، ދާދި ދެންމެއަކު، ހަމައަކަށް އެޅިފައި ހުރި ޒާރާ އަނެއްކާވެސް ރޯން ފެށުމުންނެވެ. ކިހިނެތްވީތޯ އަހައިލަމުން އަފާންވެސް އޭނާގެ އަތް ޒާރާގެ ގައިގައި ވަށައިލިއެވެ.

“އަ.. އަހަރެން ހީކުރީ.. އަ.. އަފާން ދިޔައީ ކަމަށް..” އަޅައަޅައިގަންނަމުން ޒާރާ ބުނެލީ އަފާންގެ ގައިން ދޫކޮށްނުލައި ހުރެއެވެ. ހިނދުކޮޅަކަށްވެސް އަފާން ދޫކޮށްލައިފި ނަމަ އޭނާގެ ލޯ ކުރިމަތިން އަފާން ގެއްލިދާނެޔޭ ހީވަނީއެވެ. އެކަން އެގޮތަށް ވެއްޖެއްޔާ ޒާރާ މޮޔަވެދާނެއެވެ. “އަހަރެން ނުދަމޭ ޒާރާ.. އަހަރެން އެބަ ހުރީމޭ.. ޒާރާ ކައިރިއޭ މި ހުރީ.. ރިލޭކްސް..” ޒާރާ އޭނާގެ ގަޔާ ދުރުކޮށްލަން މަސައްކަތް ކުރި ނަމަވެސް، އެކަން އަފާންއަށް ކާމިޔާބު ނުވީ އެއަށްވުރެ ބާރަށް ޒާރާ އަފާންގެ ގައިގައި ހިފަހައްޓާފައި ހުރުމުންނެވެ. “އަފާން ނުދައްޗޭ..” ޒާރާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އެއީ އޭނާގެ ހިތުގެ އަޑެވެ. “އަހަރެން ނުދާނަމޭ ޒާރާ.. ނުދާނަމޭ އެއްވެސް ތާކަށް..” އަފާން ބުނެލީ ޔަޤީންކަމާއެކީއެވެ.

“އައި ލަވް ޔޫ އަފާން.. އައި ލަވް ޔޫ.. އަފާން އަހަންނަށް ގެއްލިއްޖެއްޔާ އަހަރެން މޮޔަ ވެދާނެ.. ޕްލީޒް.. އަހަރެން ދޫކޮށްލާފަ ނުދައްޗޭ.. ޕްލީޒް..” ޒާރާގެ ވާހަކައިން އަފާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން ޒާރާ އޭނާގެ ގަޔާއި ދުރުކޮށްލާފައި، ދެއަތުން ޒާރާގެ މޫނުގައި ހިފަހައްޓައިލިއެވެ. “އަދި އެއްފަހަރު ބުނެބަލަ..” އަފާން އެދުނީ އެ ތިން ލަފްޒު ޒާރާގެ ދުލުން ބުނާ އަޑު އިވުމުން އެ ހިތަށް ލިބޭ ހަމަޖެހުމުންނެވެ. “އައި ލަވް ޔޫ އަފާން.. އައި ލަވް ޔޫ ސޯ މަޗް.. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން އަފާން ދެކެ މިހާ ވަރަށް ލޯބިވެވިދާނެ ކަމަކަށް.. ވެވުނު އިރުވެސް އަހަރެން މިކަން ގަބޫލެއް ނުކުރަން.. އެކަމަކު.. މިއަދު އަފާން އަހަރެންގެ ކުރިމަތިން ހިނދުކޮޅަކަށްވެސް ގޮސްފާނެތީ އަހަރެން ބިރު ގަނޭ.. އައި ލަވް ޔޫ އަފާން.. ދުވަހަކުވެސް އަފާންއާ ވަކިވާކަށް އަހަންނެއް ނޭދެން..” ޒާރާ އެ އިއްވާލީ އޭނާގެ ހިތުގެ އަޑެވެ. ވީ އުފަލުން އަފާން އަނެއްކާވެސް ޒާރާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. “ލަވް ޔޫ މޯރ ޒާރާ.. ޒާރާއަށް އިހުސާސްވެސް ނުކުރެވޭނެ ޒާރާގެ ދުލުން ތިހެން ބުނެލާ އަޑު އަހަން އަހަރެން ކުރި އިންތިޒާރެއް.. ވަރަށް ލޯބިވޭ..” ޒާރާގެ ބޮލުގައި ތުންފަތް ޖައްސާލަމުން އަފާން ބުނެލި އިރު، އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

“އޯކޭ.. ދެން ހިނގާ ކާން.. އަދި އެއްވެސް އެއްޗެއް ނުވެސް ކައެއްނު ތި އުޅެނީ.. އަހަރެން ހުންނާނެ ސޫޕް ހަދާފަ.. ހިނގަ ދާން ސޫޕްތަށި ބޯލަން.. އޭރުން ގައިގަ ވަރު ޖެހޭނީ..” އަފާން ޒާރާ ގޮވައިގެން ހިނގައިގަތީ ބަދިގެއަށެވެ. “އަފާންއަށް ކައްކަންވެސް އެނގޭތަ..؟” ޒާރާ އަހައިލީ ގަބޫލު ނުކުރެވިފައެވެ. “އައްދޭ.. ޒާރާ ހީކުރީ މަށަށް ނޭނގޭނެ ކަމަށްތަ..؟ މިހާރުވެސް ޒާރާއަށްވުރެ މޮޅުވާނެ..” އަފާން އެހެން ބުނުމުން ޒާރާ ކައިރިއަށް ހިނި އައެވެ. ޒާރާގެ ތުންފަތުން ހިނިތުންވުމެއް ފެނުމުން އަފާން ހިތްހަމަޖެހުނެވެ. އަފާން ތަށްޓަކަށް ސޫޕް އަޅައިގެން އައިސް ޒާރާއަށް ދޭން ފެށިއެވެ. ޒާރާވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ސޫޕް ބޮމުން ދިޔައެވެ. ޙަޤީގަތުގައިވެސް އަފާން ހާދަ މޮޅޭ ޒާރާގެ ހިތަށް އެރީ ސޫޕް މީރުކަމުންނެވެ. އަފާންގެ ސަބަބުން އެވަގުތުކޮޅަށް ޒާރާއަށް ހިތާމަތަކުން ދުރު ވެވުނެވެ.

*** ** ***

ޑޮކްޓަރު ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ތިބި މިލާންއާއި، މާހިރު، އަދި ޝުޢައިބުގެ އިންތިޒާރަށް ނިމުމެއް އައީ ޑޮކްޓަރު ނުކުތުމުންނެވެ. ވަގުތުން އެންމެން އެއްފަހަރާ ކޮޅަށް ތެދުވިއެވެ. ނަމަވެސް ޑޮކްޓަރުގެ މޫނުމަތިން ފެނުނު އަސަރުތަކުން އެ ތިންމީހުންގެ އުއްމީދުގެ ހުޅުކޮޅުވެސް ނިވުނު ފަދައެވެ.

“ޕޭޝަންޓް ސަލާމަތް ވާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތް.. ވަރަށް ބޮޑަށް ސޮރީ.. ވީ ޓްރައިޑް އަވަރ ބެސްޓް..” ޑޮކްޓަރު އެހެން ބުނުމާއެކު، މިލާންއަށް މޫނުގައި އަތް އަޅައިލެވުނެވެ. “އެކަމަކު އޭގެ ކުރިން ޕޭޝަންޓް އެބަ އެދޭ އަޅުގަނޑުމެން ގާތު މިލާން ކިޔާ ބޭފުޅަކަށް ގޮވައިލުމަށް.. ކޮބައިތޯ މިލާންއަކީ..؟” ޑޮކްޓަރު އެހެން ބުނުމުން މިލާން މޫނުމަތިން އަތް ނެގިއެވެ. “އަޅުގަނޑު މިލާން އަކީ..” މިލާން ބުނެލިއެވެ. “ދުރުވޭ އަޅުގަނޑާ އެކީ..” ޑޮކްޓަރު އެހެން ބުނުމުން މިލާންވެސް ޑޮކްޓަރުގެ ފަހަތުން ގޮސް އެތެރެއަށް ވަނެވެ. އެތެރެއަށް ހަމަ ވަނުމާއެކު، އިވެން ފެށި މެޝިންތަކުގެ އަޑުންވެސް މިލާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ޔާސިރު އޮތް އެނދާއި ކައިރިވީ ވަރަކުން މިލާންގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ޔާސިރު އޮތް ޙާލު ފެނިފައެވެ. ގައިގެ އެތަން މިތަނަށް ހޮޅިތައް ގުޅާފައި އޮތް އިރު، ނޭވާ ލަމުން ދިޔައީވެސް ވަރަށް ޙާލުންނެވެ.

“ބަ.. ބައްޕާ..” މިލާންއަށް ގޮވައިލެވުނީ ނުހަނު އުނދަގުލުންނެވެ. ޔާސިރު އަޅާފައި އޮތް އޮކްސިޖަން މާސްކު ނެގީ ރަނގަޅަށް ވާހަކަ ދެއްކުމަށެވެ. “ދަރިފުޅާ.. ބައްޕަ.. ނެތް ދުވަހަކުންވެސް.. ޔައި.. ޔައިނާއަށް ރަނގަޅަށް ބަލައިދޭތި.. އެއީ ބައްޕަގެ ހުރިހާވެސް މީހަކީ.. ޔައިނާއާ އިނދެގެން.. ރަނގަޅު ދިރިއުޅުމެއް އުޅޭތި.. ދުވަހަކުވެސް.. ޔައިނާ ދޫކޮށްނުލާތި.. ޔައިނާ ގާތު ބުނެދީ ބައްޕަ ވަރަށް.. ލޯބިވޭ ޔައިނާ ދެކެ.. މިލާން.. ޔައިނާއަށް ވަރަށް ލޯބި ދޭތި.. ދުވަހަކުވެސް ބައްޕަ ނެތް ކަމުގެ އިޙްސާސް ޔައިނާއަށް ނުކުރެވޭ ވަރަށް ޔައިނާއަށް ލޯބި ދީ.. މީ ބައްޕަގެ ހަމައެކަނި އެދުމަކީ.. މީ ބައްޕަގެ ވަޞިއްޔަތެއް ކަމަށް ބަލާ.. ބައްޕަ ނެތް ދުވަހަކުވެސް ޔައިނާއާ އިނދެގެން ރަނގަޅު ދިރިއުޅުމެއް އުޅޭ.. ބައްޕައަށް އިތުބާރު ކުރެވޭ ހަމައެކަނި މީހަކީ މިލާން.. ބައްޕައަށް މިކަން ކޮށްދެވިދާނެތަ..؟” ޔާސިރުގެ ސުވާލަށް ދޭނެ ޖަވާބެއް މިލާންއަކަށް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް، ޔާސިރު މިއަދު އޭނާގެ ކިބައިން އެ އެދެނީ ދުވަހަކުވެސް އޭނާ ނުކުރާނަން ކަމަށް އަމިއްލަ ނަފްސަށް ވަޢުދު ވެފައިވާ ކަމެކެވެ. ނަމަވެސް، މިއަދު ޔާސިރު އެ އޮތީ މަރުގެ ތުންފަތް މަތީގައެވެ. ސަލާމަތްވާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ޔާސިރު މި ދުނިޔެއިން ވަކިވެގެން ދާ އިރު، ކޮށްދެވޭނެ އެންމެ ބޮޑަކަށް އުފާ ކޮށްދިނުމަށް މިލާން ބޭނުންވިއެވެ.

“ލައްބަ ބައްޕާ.. ބައްޕަ ހާސްނުވޭ.. ބައްޕަ ނެތް ދުނިޔެއަކުވެސް އަޅުގަނޑު ޔައިނާއަށް ބަލާނަން.. ޔައިނާއާ ކައިވެނި ކޮށްގެން އުފަލުގަ ގެންގުޅެވޭތޯ މަސައްކަތް ކުރާނަން..” ދެލޯ މަރައިލަމުން މިލާން ޖަވާބު ދިނީ އޭނާގެ ހުރިހާ އުއްމީދުތަކެއް ވިއްސިވިހާލި ކޮށްލަމުންނެވެ. މިލާންގެ ޖަވާބުން ޔާސިރުއަށް ހިނިތުންވެވުނެވެ. “އެހެންވީރު ބައްޕަ މި ދުނިޔެއިން ވަކިވެގެން ދާނީ ވަރަށް އުފަލުން ހުރެ.. ބައްޕައަށް ހެޔޮ ދުޢާ ކޮށްދެއްޗޭ.. ﷲ އިރާދަކުރެއްވިއްޔާ ޖަންނަތުން ތި ހުރިހާ ކުދިންނާއި ބައްދަލްވާނެ..” ދެލޮލުން ކަރުނަ އޮހޮރޭ ޙާލުގައިވެސް، ޔާސިރުގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެ މޫނު ބަބުޅަމުން ދަނީ އުފާވެރިކަމާ އެކުއެވެ. ނޭވާ ނުލެވިގެން، ޔާސިރު ތެޅިފޮޅެން ފެށުމުން ޑޮކްޓަރު މިލާން ކައިރި ބޭރަށް ނުކުތުމަށް އެދުނެވެ. ދާން ބޭނުން ނުވެ ހުރެފައިވެސް މިލާން ބޭރަށް ނުކުތީ ކަރުނަވީ ލޮލަކާއި އެކުއެވެ.

މިލާން ބޭރަށް ނުކުތުމާއިއެކު، މާހިރު އައިސް ޔާސިރުގެ ޙާލު އަހަން ފެށިއެވެ. ބުނާނެ އެއްޗެއް ނޭނގި، މިލާންއަށް ރޮވުނީއެވެ. އެއާއެކު، މާހިރުއަށްވެސް ކަންތައްތައް މާ ރަނގަޅު ނޫންކަން އެނގުނެވެ.

އޭގެ ފަސް މިނެޓު ފަހުން ޑޮކްޓަރު ނުކުތެވެ. ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ތިބި ތިން މީހުން އަވަސް ހިނގުމެއްގައި އައިސް އެތަނުގައި ހުއްޓުނީ ޖަވާބަކަށް ކެތް މަދުވެފައި ހުރެއެވެ. “އައިމް ސޮރީ.. ޕޭޝަންޓް ސަލާމަތެއް ނުކުރެވުނު..” އިސްޖަހައިލަމުން ޑޮކްޓަރު ބުނެލި ވާހަކަ އެތަނުގައި ގުގުމައިލީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މާހިރުއަށާއި ޝުޢައިބުއަށް ކޮޅަށް ހުންނަން ދަތިވުމުން ގޮނޑީގައި އިށީން އިރު، މިލާން މޫނުގައި އަތް އަޅައިލީ ރޮވިދާނެތީއެވެ.

“ކަށުކަމާކެމީގެ ކަންތައް ކހިނެތް ހަދަނީ.؟.” އިރުކޮޅަކު އެ އިން ގޮތަށް އިނދެފައި ހިތްވަރުލައި އެއްޗެއް ބުނީ ޝުޢައިބެވެ. “ކޮންމެ ގޮތެއް ވިޔަސް ޔައިނާއަށް އަންގާފަ މިކަމުގަ ގޮތެއް ނިންމޭނީ.. ޔައިނާ މިކޮޅަށް އަންނަން ބޭނުންވަންޏާ އެހާ އިރަށް އަދި ވަޅުނުލައި މަޑުކޮށްލާނީ..” ޝުޢައިބު ބޯ ޖަހައިލީ މާހިރުގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުންނެވެ. މިލާން އޭރުވެސް ހުރީ ހުރި ގޮތަށް މޫނުގައި އަތް އަޅާލައިގެންނެވެ. މާހިރު ގޮސް މިލާންގެ ކޮނޑުގައި އަތް ބާވާލިއެވެ. މިލާންއަށް ކެތްވީ އެހިސާބަށެވެ. މާހިރުގެ ގައިގައި އޮޅުލައިގަންނަމުން ރޯން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. މާހިރުވެސް ފެންކަޅިވެފައި ހުރެ މިލާންގެ ގައިގައި ބައްދާލި އިރު، ޝުޢައިބު ފޯނު ނެގީ ޒާރާމެންނަށް މި ޚަބަރު ދިނުމަށެވެ.

*** ** ***

އަފާންގެ އުނގުގައި ބޯ އަޅާލައިގެން ޒާރާ އޮތީ ދެލޯ މެރިމެރިއެވެ. ޒާރާގެ ބޮލުގައި ފިރުމަމުން ދިޔަ އިރު، އަފާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނަމަވެސް، އެ ވަގުތުކޮޅަށް ހުރަސް އެޅީ ޒާރާގެ ފޯނު ރިންގު ވުމުންނެވެ. ވަގުތުން ތެދުވެ، ޒާރާ ފޯނަށް ޖަވާބު ދިނީ ގުޅަނީ ބައްޕަކަން އެނގުމުންނެވެ. “ހަލޯ.. ބައްޕާ.. ކޮބާ ޔާސިރުބެ..؟” ޒާރާ އަހައިލީ ކެތް މަދުވެފައި ހުރެއެވެ. ނަމަވެސް، ދެން ޝުޢައިބު ބުނި ބަސްތަކުން ޒާރާއަށް އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލަށް ކަރުނަތައް ގިނަވެއްޖެއެވެ. ދާދި ދެންމެއަކު ވެފައި ހުރި ވަރުބައްޔާއި، އައިސްފައި ހުރި ނިދި ފިލައި ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ޒާރާގެ އަތުން ވެއްޓުނު ގޮތަށް ފޯނުގެ އެކި ބައިބައި ވަކިވެ، އެކީ ހަލާކުވިއެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އަފާންއަށް ރޭކާލީ އެހިސާބުންނެވެ. ޒާރާ ގެނެސް، ކައިރީގައި ބަންދަމުން ކިހިނެތްވީތޯ އަހައިލިއެވެ. “އަ.. އަފާން.. ޔާ.. ޔާސިރުބެ.. ނިޔާވެއްޖެ..” އެހެން ބުނުމަށްފަހު ޒާރާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. އަފާންގެ މޭގައި މޫނު ފޮރުވައިގެން އިނދެ ޒާރާއަށް ވިސްނެމުން ދިޔައީ ޔައިނާއާއި ދޭތެރޭގައެވެ. ޒާރާގެ ބޮލުގައި ފިރުމަފިރުމާލަ އިން އަފާންވެސް އިންތިހާއަށް ކަންބޮޑުވެފައި އިނީ ޔައިނާއާއި މެދުގައެވެ. ޔާސިރުގެ އެ ކުއްލި ވަކިވެދިޔުމުން ޔައިނާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ ޔައިނާއަށް އެ ޚަބަރު ދޭނީ ކިހިނެތް ހެއްޔެވެ؟

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މަދަދުވެރިޔާ (21)

Next

ލޯތްބައް އެދެމޭ 12

Next
October 19, 2022

ލޯތްބައް އެދެމޭ 12

Previews
October 19, 2022

މަދަދުވެރިޔާ (21)

2 Comments!

  1. Nayaa Nayaa says:
    October 19, 2022 at 9:39 pm

    In reply to @Aayaa
    Aww tysm darling 🖤.. Really means a lot to me inge🖤..
    Yeah yaige dad ah v gothun yannu vs vrh dhera vey.. Insha Allah rangalhu vaane hurihaa kameh vs.. Let’s hope for the best dhw..
    Contact dhw.. I don’t use any social media applications mihaaru.. It just takes away too much time and I can’t focus on studies.. Hehe.. So sorry darl.. But we’ll talk one day Insha Allah 🖤😊

  2. Aayaa Aayaa says:
    October 20, 2022 at 2:52 pm

    Hehe nevermind.. Study hard and achieve your dreamss.. 🤍
    In sha Allah, I hope soo..😊

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 26←


All Right Reserved!