Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ޑައިރީ (ފަހުބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
August 3, 2022 7 Mins Read
0 Comments

“ދަރިފުޅާ އައިހަމް..” އެއީ އައިހަމްގެ ހިތުން ދުވަހަކުވެސް ފިލާނެ އަޑެއް ނޫނެވެ. ދުނިޔޭގެ އެކަކުގެ އަޑު ވަކިކުރަން ނޭނގުނަސް އެއަޑު ވަކިކުރަން އެނގޭނެއެވެ. ކިތަންމެ އަހަރެއް ދުވަސް ފަހުން އެއަޑު އިވުނު ކަމުގައިވެސްމެއެވެ. އާނއެކެވެ. އެއީ ހަމަ އޭނާގެ މަންމަގެ އަޑެވެ. ރިޔަޒާގެ އަޑެވެ.

ރިޔާޒާއަށް ބަލައިލި އައިހަމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރަލިއެވެ. މަންމާއޭ ބުނެލަމުން އައިހަމް އޭނާގެ މަންމަގެ ގައިގައި ބައްދައިގަތެވެ. އޭރު މަޑު ގިސްލުމެއްގެ އަޑު އެކޮޓަރިތެރޭ ގުގުމައިގެން ދިޔައެވެ. ހިތަށް ލިބުނު އުފަލެއްގެ ސަބަބުން އައިހަމްއަށް ރުއިން ހުއްޓާލަންވީ އުނދަގޫ ކަމަކަށެވެ. ރިޔާޒާވެސް އައިހަމްގެ ގައިގައި ބައްދާލި އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައި ގަނެއްޖެއެވެ.

އެވަގުތު އެ ރޫމްގެ ދޮރު ހުޅުވާލި ނަރުސް ކުއްޖާވެސް ހުއްޓުން އަރާފައި ހުރީ އެދެމައިންނަށް ބަލާށެވެ. ލުއި ހިނިތުންވުމެއް އެމޫނުމަތީގައި ވިއެވެ. ނަރުސް ކުއްޖާއަށް ހަމަ ހޭވެރިކަމެއް ވީ ފަހަތުން އައި ޑޮކްޓަރު އޭނާއަށް ގޮވާލުމުންނެވެ. ތުންފިއްތާލަމުން އަވަސް އަވަހަށް ދެލޯ ތަޅުވާލި ނަމަވެސް އެ ނަރުސް ކުއްޖާގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ. ފަހަތުން ވަތް ޑޮކްޓަރުވެސް ހިނިތުންވެފައި އެމަންޒަރު ބަލަން އިރުކޮޅަކު ހުއްޓެވެ.

“އެކްސްކިއުޒް މީ..” އައިހަމްގެ ބުރަކަށީގައި ފިރުމާލަމުން ޑޮކްޓަރު ބުނެލި އަޑު އިވުމުން އައިހަމް ހިތްވަރު ކޮށްލަމުން ތެދުވެލިއެވެ. ރިޔާޒާވެސް ކަރުނަތައް ފުހެލިއެވެ. ޑޮކްޓަރުން ރިޔާޒާގެ ކަންތައް ބަލަން ކައިރިވުމުން އައިހަމް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ދިހަވަރަކަށް މިނެޓު  ފަހުން ޑޮކްޓަރުން އެކޮޓަރިން ނިކުމެގެން ދިއުމުން އައިހަމް އަނެއްކާވެސް މަންމަގެ ގާތަށް ގޮސް ހުއްޓިލިއެވެ.

“ދަރިފުޅު ކިހިނެއް؟؟ ކޮބާ ޔާންމެން..” އައިހަމްގެ އަތުގައި ހިފާލަމުން ރިޔާޒާ ބުނެލިއެވެ.

“އަޅުގަނޑު ރަނގަޅޭ.. ޔަޒާންމެންނާ ބައްޕައާވީ ގޭގަ.. މަންމަ ކިހިނެއް؟؟” އައިހަމް ހިނިތުންވަމުން ބުނެލިއެވެ.

“މަންމަ ރަނގަޅު..” ހިނިތުންވަމުން ރިޔާޒާ ބުނެލިއެވެ.

“މަންމާ.. ޑޮކްޓަރު ބުނި.. މަ.. މަންމަ.. ޑް.. ޑްރަގް ބޭނުންކުރީ އޭ؟.. އް.. އެ.. އެއީ ކީއްވެ؟” އަޑު ތުރުތުރު އަޅަމުން ދިޔަ ހާލު ޝަކުވާއިން ފުރިގެންވީ ރާގެއްގައި އައިހަމް ބުނެލިއެވެ. އެއާއެކު ރިޔާޒާ ސިހުންވެ ދުރުބަލަން ފެށިއެވެ.

“މަންމަ ޑްރަގްއެއް ބޭނުމެއް ނުކުރަމޭ ދަރިފުޅާ..” އައިހަމްއަށް ބަލާނުލާ އޮވެ ރިޔާޒާ ބުނެލިއެވެ. އެވަގުތު ރިޔާޒާގެ ލޮލުން ފައިބައިގެން އައި ކަރުނަތިކި އައިހަމްއަށް ފެނުނެވެ.

“ނޫން މަންމާ.. ޑޮކްޓަރ ބުނީވެސް..” އައިހަމް ހިފާލިއެވެ. ރިޔާޒާ ލައްވާ އެވާހަކަތައް ބުނުވާށެވެ.

“ކޮބާ އައިހަމްގެ ބައްޕަ…؟” ރިޔާޒާ މައުޟޫ ބަދަލު ކޮށްލިއެވެ.

“ބައްޕަ ހުރީ ހައްޔަރު ކޮށްފައޭ މަންމާ.. ދެން ބުނެބަލަ.. ޕްލީޒް..” އައިހަމް ކުރު ނުކުރިއެވެ. ނަމަވެސް ރިޔާޒާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

އެވަގުތު އެކޮޓަރީގެ ދޮރުހުޅުވާލަމުން ހިންދުއާ ހިބާއާ އިނާޝާގެ އިތުރުން ލަތީފުވެސް ވަނެވެ. ހުރިހާ އެންމެންނަށް އުފަލުންގޮސް ރިޔާޒާ ގައިގައި ބައްދާލެވުނެވެ.

އަނެއްކާވެސް ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުމުން އެންމެންނަށް އެދިމާއަށް ބަލައިލެވުނެވެ. އެއީ ހުމާމްއާ، ޕޮލިސް އޮފިސަރެކެވެ. އައިހަމް އެމީހާގެ ޔުނިފޯރމްގައި އިން ނޭމް ޓެގަށް ބަލައިލިއެވެ. ނަމަކަށް އިނީ ރާހިލްއެވެ.

“ޒިދާން ބޭނުންވޭ އައިހަމްއާ ބައްދަލުކޮށްލަން.. އެގާރަ ޖަހާއިރު ޕޮލިސް ސްޓޭޝަންއަށް ވަޑައިގެން ދެއްވުން އެދެން” ލަތީފުއަށް އިޝާރަތްކުރުމަށްފަހު ރާހިލް ބުނަން ބޭނުންވި ވާހަކަ ބުނެ ނިމުމުން ދިޔައެވެ.

ބަރާބަރު އެގާރަ ޖެހިއިރު އައިހަމްއާ ލަތީފު ތިބީ ޕޮލިސް ސްޓޭޝަން ދޮރުމަތީއެވެ. އައިހަމް ފެނުމުން ޒިދާން އިސްދަށަށް ޖަހާލިއެވެ. މަޑުމަޑުން އޭނާ ތުންތަޅުވަން ފެށިއެވެ. ވޭތުވެ ދިޔަ ދެދުވަސްތެރޭ ޒިދާންގެ ޙާލަތަކީ އެއީއެވެ. އަބަދުވެސް ތުންތަޅުވާލަ ތުން ތަޅުވާލަ އިނުމެވެ. ހަގީގަތުގައި އޭނާ ތުންތަޅުވަނީއެއް ނޫނެވެ. މަޑުމަޑުން ވާހަކަދައްކަނީއެވެ. ދޭތެރެއަކުން ރޮއެގަނެއެވެ. އޭނާ ކައިރިއަށް އަންނަ ކޮންމެ ޕޮލިސް އޮފިސަރެއްގެ ގާތު ބުނާ ވާހަކައަކީ އައިހަމްއާ ބައްދަލުކޮށްދިނުމަށް އެދި ބުނެލާ ވާހަކައެވެ.

ޒިދާންގެ ކުރިމައްޗަށް ހުއްޓުނު އައިހަމްގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. އެންމެ ފަހުން ބައްޕަ ފެނުން ދުވަހާ މާލޭގެ ގެއިން ބައްޕަ އޭނާ ނެރެލި ދުވަސް މަތިން ހަނދާންވުމުން އަތް ފައި ފިނިވިއެވެ. ނަމަވެސް ހިތްވަރު ކޮށްލަމުން އައިހަމް އޭނާގެ ހިތަށް ވިސްނައިދިނެވެ. ބައްޕަ ވަނީ ބައްޕައަށެވެ. ކިތަންމެ އަނިޔާއެއް ކުރިއަސް ގުޅުން ނެތަސް އޭނާގެ ގައިގައި ހުންނާނީ ބައްޕަގެ ލެއެވެ. މަޑު ފިޔަވަޅުތަކެއްގައި އައިހަމް ޒިދާންގެ ކައިރިއަށް ގޮސް ޒިދާންގެ ގައިގައި ބައްދާލިއެވެ.

“ބައްޕަ ދެރަނުވޭ.. އަޅުގަނޑު މާފުކޮށްފިން…” އައިހަމް ލޮތްބާ އޯގާތެރިކަމާއެކު ޒިދާންގެ ގާތު ބުނެލިއެވެ. އައިހަމްގެ އެހަރަކާތުން ޒިދާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެހުރިހާ އަނިޔާތަކެއް އައިހަމްއަށް ދިން މީހާއަށް އައިހަމްގެ އެއްވެސް ހިތްބުރަކަމެއް ނެތެވެ. ހަގީގަތުގައި އޭނާއަކީ އައިހަމްގެ ބައްޕައޭ ބުނަންވެސް ހެޔޮވާ ވަރުގެ މީހެއް ނޫނެވެ. ޒިދާންއަށް ރޮއެގަނެވުނީވެސް ހިތަށް އެރާ ފައިބައި ގަތް އެއްޗެހިތަކެއްގެ ސަބަބުންނެވެ.

ޕޮލިހުންގެ ތަހުގީގުގައި އައިހަމް އޭނާގެ ބައްޕައަށް މާފުކުރުމުން ޒިދާންއަށް އަމުރުއައީ ލުއިކޮށެވެ. އަށް އަހަރުގެ ޖަލު ހުކުމް ފަސް އަހަރަށް ކުރުކުރެވުނެވެ.

އެދުވަހަށް ފަހު އައިހަމްގެ ޢާއިލާއާއެކު އުޅެމުން ދިޔައީ އުފަލާއެކުއެވެ. ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރުމަށްފަހު ޒިދާން ޖަލުގެ ތޭރިތަކުން ނުކުތެވެ. އެތައް ބައެއްގެ ނުރުހުމުގެ ބެލުންތައް އޭނާއަށް އަމާޒުވިއެވެ. ނަމަވެސް އެހުރިހާ ބެލުންތަކުން ޒިދާން ސަލާމަތް ކޮށްދިނީ އައިހަމްއެވެ. ޒިދާން ތިންވަނަ ކައިވެންޏެއް ކުރިއެވެ. އޭނާގެ ހަޔާތުން މިއަދާ ހަމައަށް ފެއިލްވިއަސް އެދުވަހަށް ފަހު އޭނާއަކީ ޤަދަރުވެރި މީހެކެވެ. ދުވަހަކުވެސް ފެއިލްނުވެ ހުރިހާ ކަމަކުން އިބުރަތް ހާސިލްކުރަމުން ކުރިއަށް މަގުކޮށަމުން ދިޔައެވެ.

އައިހަމް ދެރަވީ އޭނާގެ މަންމައާ ބައްޕައާ އަލުން ނުގުޅޭނެކަން އެނގޭތީއެވެ. ނަމަވެސް ބައްޕަގެ ލޮތްބާ އަޅާލުން އޭނާއަށް ލިބެމުން ދިޔައެވެ. ޔަޒާންއާ އައިހަމް މާލެ ދިޔައީ ޒިދާންގެ އެދުމަށް ރިޔާޒާގެ ހުއްދައާ އެކުއެވެ.

އެދުވަހަށްފަހު އައިހަމްއަކީ ގިނަ ޕޯޑިއަމްތަކުން ފެންނަ ކުއްޖަކަށް ވެއްޖެއެވެ. އެއްޗެހި ހުށައެޅުމަށް އައިހަމްގެ ނަންވަނީ ރަންއަކުރުން ފަވާލެވިފައެވެ. ހާއްސަކޮށް ދިވެހިބަހަށް އައިހަމްއަކީ މޮޅުކުއްޖަކަށް ވެއްޖެއެވެ. ފަހަރަކު ގްރޭޑެއް ނިންމަމުން ފަޚުރުވެރި ނަތީޖާތަކަކާއެކު އައިހަމް ކުރިއަށް ދިޔައެވެ. އޯލެވެލްއާ އޭލެވެލް ނިންމާލީ ރާއްޖޭގެ އެންމެ މޮޅު ދަރިވަރުކަމުގެ ލަޤަބު ހޯދަމުންނެވެ. އައިހަމް ޖާނަލިސްޓަކަށް ވާންބޭނުން ވާހަކަ ހުމާމްގެ ގާތު ބުނުމުން އޭނާއަށް ވަޒީފާ ދިނެވެ. ނަމަވެސް ކުޑަ އިންޓަވިއުއެއްވަނީ ބާއްވާފައެވެ. ހުމާމްއަކީ އަދުލުވެރިކަމަށް ލޯބިކުރާ މީހަކަށް ވީތީއެވެ. އައިހަމްއަކީ މިހާރު މޯލްޑިވްސް ނިއުސްގެ މަޝްހޫރު ޖާނަލިސްޓެކެވެ.

އުމުރުން ފަންސަވީސް އަހަރުގައި އޭނާއަށް ޙަޔާތުގެ ބައިވެރިއެއް ހޮވައި ދިނީ ރިޔާޒާއެވެ. ރިޔާޒާގެ އެހޮވުން އައިހަމްއަށާއި ޒިދާންއަށް ކަމުދިޔައެވެ. އެހެންކަމުން ފަސް މަސްފަހުން އައިހަމްގެ ކައިވެނި ކުރެވުނެވެ.

އެދުވަހުގެ ހެނދުނުގެ ވަގުތެވެ. ރޭގައި ލަހުން ނިދުމުން އެންމެންނަށްވެސް ނިދި އެއްފަރާތަށް ޖައްސާލުމަށްފަހު ތެދުވުން ވީ ބޮޑު ކަމަކަށެވެ.

ހަތެއް ޖަހާލާހާއިރު އައިހަމް ކޮޓަރިން ނިކުމެ ދެފަރާތައް ބަލައިލީ މީހަކު ފެންނަން ހުރިތޯއެވެ. ކޮޓަރިތަކުން ނިދާބޮކީގެ ބަދަލުގައި ހުދުކުލައިގެ އަލި ބޮކި ފެނުމުން އެމީހުން ހޭލައިފިކަން އިނގެއެވެ. މަޑުހިނގުމެއްގައި އައިހަމް އިއްތާލީ ސިޓިންގ ރޫމު ސޯފައިގައެވެ. ރިމޯޓު ނަގަމުން އައިހަމް މޯލްޑިވްސް ނިއުސްއަށް ލިއެވެ. އެވަގުތު އެޗެނަލުން އަންނަނީ ޚަބަރުތަކުގެ ސުރުޚީތަކެވެ. ޓީވީގެ އަޑު ކުޑަކޮށް މަޑުކޮށްލަމުން އައިހަމް ޓީވީއަށް ނަޒަރު ހުއްޓައިގެން އިނެވެ.

“ދަރިފުޅާ..” ނަމާދުކޮށްގެން ކޮޓަރިން ނިކުންނަމުން ރިޔާޒާ ގޮވާލިއެވެ.

“ލައްބަ..” އައިހަމް ޓީވީއިން ނަޒަރު ވަކިކުރުމެއް ނެތި ބުނެލިއެވެ.

“ދަރިފުޅު ފްރީތަ؟ މަންމަ ވާހަކައެއް ދައްކާލަން..” ރިޔާޒާ އައިހަމް ކައިރީ ސޯފައިގާ އިށީންނަމުން ބުނެލިއެވެ. އައިހަމް ރިޔާޒާއަށް ބަލާލަމުން ބޯޖަހާލިއެވެ.”ދަރިފުޅު މަންމަ ކައިރީ ވަރަށް ކީން ދޯ އެދުވަހު މަންމަ ޑްރަގް ބޭނުންކުރީ ކީއްވެ ހެއްޔޭ.. އެކަމަކު މިއަދު އެހުރިހާ ވާހަކައެއް ފަށައިގެން ކިއުމުގެ ބޭނުމެއް ނެތް ދޯ.. އެކަމަކުވެސް ދަރިފުޅު އެނގެން ބޭނުންވާތީ މަންމަ ބުނެލާނަން…”

****

އާޝާ ފެންވަރުވާ ނިމިގެން ކާމޭޒަށް ސައި ލުމަށްފަހު ރިޔާޒާވަނީ ކޮޓަރިއަށެވެ. އެނދުމަތީ އޮތް އޭނާގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ޒިދާންގެ ނަން ފެނުމުން ރިޔާޒާއަށް ދެފަރާތައް ބަލާލެވުނީ ލަތީފު ކޮބައިތޯއެވެ. ކާގޭގައި ސައިބޯން އަރާ ލަތީފު އިންކަން ހަނދާންވުމުން ތުރުތުރުއަޅާ ހާލު އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“އައިހަމް އެބަ އުޅޭތަ؟؟” އަމުރުވެރި ރާގަކަށް ރުޅިއައިސް ހުރެ ޒިދާން ބުނެލިއެވެ.

“އާން އެބަ އުޅޭ.. ޒިދާންއަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ.. އޭނާ މިހާރު އެހުރީ އަހަރެންގެ ބެލުމުގެ ދަށުގައި..” ރިޔާޒާވެސް ގޮތެއް ދުލަށް ނުކުރިއެވެ. ބިރު އެއްފަރާތް ކޮށްލަމުން ސާބިތުކަމާއެކު ވާހަކަދެއްކިއެވެ.

“ދެންވެސް ކުރެވޭނެ ކަންތައް ހުންނާނެ.. ރިޔާޒާ ކައިރީ ބުނިން އޭނާ ދެން ތިގެއަށް ނުވައްދާށޭ.. އޭނާ ކައިރީވެސް ބުނިން ރިޔާޒާ ކައިރިއަށް ނުދައްޗޭ.. އޭނާ މަރާލާނަން.. ރިޔާޒާއަށް ދެން ފެންނާނީ އޭނާގެ ފުރާނަނެތް މަސްގަނޑު.. ރެޑީ ޓު ކްރައި.. އަވަހަށް ޕޮލިހަށް ގުޅާބަލަ ދެންވެސް.. އޭރަށް އޭނާ ސަލާމަތް ކުރެވިދާނެ ތޯއްޗެއް ފަހަރެއްގައި.. ހެހެހެހެ…” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ޒިދާން ފޯނު ކަނޑާލިއެވެ. ޒިދާންގެ އެކޯލް ލޮގް ޑިލީޓް ކޮށްލުމަށްފަހު ސިޓިންގ ރޫމު ސޯފާގައި ފޯނު ބޭއްވުމަށްފަހު ރިޔާޒާ ފާހަނައަށް ވަދެ ސާފު ފުޅި ތުންޖެހިއެވެ. އެވަގުތު ބޮލަށް އެނބުރުން އަރަން ފެށުމުން ސާފުފުޅި މަތިޖަހުމަށްފަހު ދުވެފައި ފާހަނައިން ނުކުތެވެ. ކުރެވުނީ ކޮށްގެންވާނެ ވަރުގެކަމެއް ނޫންކަން އިހުސާސްވީ ވެސް އެވަގުތެވެ. ނަމަވެސް ދަރިފުޅުގެ ފުރާނަނެތް މަސްގަނޑަށް ބަލަން ހުރުމަށްވުރެ މިގޮތް އޭނާއަށް މާ ހިތަށް ފަސޭހަވާނެއެވެ. ވާނުވާއެއް ނޭނގި ރިޔާޒާ ވެއްޓެން ދިޔަވަގުތު ބޭރުން ލަތީފު ރިޔާޒާއަށް ގޮވަލި އަޑު އިވުނެވެ.

*******

“ހެހެ.. ދެން އެކަން އެ ނިމުނީނު.. އެވާހަކަ ބާއްވާ ދެން..” އައިހަމް ހިނިތުންވުމާއެކު ބުނެލިއެވެ.

“އާން.. މިހާރު އައިހަމްގެ ބައްޕައަކީ އެކަހަލަ މީހެއް ނޫން.. ދޮންމަންމަ ވެސް އެހާ ރަނގަޅު ދޯ.. މަންމަ ބޭނުމެއް ނޫން މިއަދު މަންމަ މިވާހަކަ ކިއައިދިނުމުން ދަރިފުޅު ބައްޕައާ މެދު ހިތް ބުރަކަމެއް ބާއްވާކަށް އިނގޭ..” ރިޔާޒާވެސް ހިނިތުންވެ ހުރެ ބުނެލިއެވެ.

“އަހަރެންގެ ހިތުން ފިރިމީހާ ދެކެ ލޯބިވާ އަޅާލާ ތެދުވެރި މީހެއް ފިރިމީހާގެ ދަރިންދެކެވެސް ލޯބިވާނެ..” ފަހަތުން އިވުނީ އައިހަމްގެ ދޮންމަންމަ ދީނާގެ އަޑެވެ. އައިހަމް ދޮންމަންމަ ނުކިއާން ދީނާއަށް ކިއަނީ ބޮޑުމަންމައެވެ.

“އަނހާ ދީނާ ދޯ.. ދެންމެ ދޯ ތިއައީ..” ރިޔާޒާ ސޯފައިން ތަންކޮޅެއް ދައްކާލަމުން ބުނެލިއެވެ. އައިހަމް ސޯފައިގައި އިނދެފައި ތެދުވެލީ މީހުން ގިނަވަމުން ދާތީއެވެ. ފަހަރަކު މީހަކު ގެއަށް އިތުރުވަމުން ދިޔައެވެ. އެކި މީހުން އެކި ކަންކަމުގައި މަޝްޣޫލުވަމުން ދިޔައެވެ. ގޭތެރެ ހަލަބޮލިވާންވެސް ފަށައިފިއެވެ.

ބޭރަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ ހުމާމްމެންނާ ޔައުޝާމެން އެގެއަށް އައިސް ވަންނަތަން ފެނުމުންނެވެ. ޔައުޝާ އައިހަމްއަށް ބަލާލިތަން ފެނުމުން އައިހަމްގެ ތުންފަތާ ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. އިސްޖަހާލަމުން އައިހަމް ބާރު ބާރަށް ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ. ހުމާމްމެންގެ ދިމާކުރުންތަކުން އޭނާ ކޮޓަރިން ބޭރަށްވެސް ނިކުންނަނީ މަދުންނެވެ. ނަމަވެސް ގަދަކަމުންވެސް އައިހަމް ކޮޓަރިން ނެރެން ހުމާމްމެން އާދެއެވެ. ޔައުޝާ އެގެއަށް އައިސް ހުރެއްޖެނަމަ ހުމާމްމެންގެ ފޯރި ގަދަވެއެވެ. ދޮރުގައި ލެނގި ގަނެގެން ހުރި އައިހަމްގެ ހިނިތުންވުން ފުޅާވަމުން ދިޔައެވެ.

މަޑުމައިތިރި ކަމާއި ހިތްހެޔޮ އޯގާތެރި ކަމުގެ ލާމަސީލު ނަމޫނާއެކެވެ. ޔައުޝާއަކީ އެންމެންގެވެސް ލޯބި ލިބިފައިވީ ކުއްޖެކެވެ. އައިހަމްއަށް ޔައުޝާ ފަރާތުން އެންމެ ކަމުދިޔައެއް ސިފައަކީ އޭނާގެ ލަދުވެތިކަމެވެ.

“ސާބަސް އިނގޭ އައިހަމް.. ތި ފުނާއަޅާ ނިމޭނެބާ ޕާޓީ ފެށޭއިރަށް ވެސް..” އައިހަމް ކޮޓަރި ދޮރުގައި ލެނގިގަނެގެން ހުރި ހުމާމް ބުނެލިއެވެ.

“މި ނިމުނީއޭ…” ކޮނޑެއްގައި އަޅުވާފައި އިން ކޯޓު ނަގާ ރުލެއްވެސް ނާރާނެހެން ގަޔަށް މަހާލަމުން އައިހަމް ބުނެލިއެވެ.

“ދުވަހަކުވެސް މިހުމާމުއެއް ބޮޑެއް ނުވާނެ.. އިނާޔާ ބޮޑުވާއިރުވެސް ހުމާމު ހުންނާނީ ތިވަރަށް..” ހަތަރު އަހަރުގެ އިނާޔާއަށް ކާންދޭން ހުރި އިނާޝާ  ބުނެލިއެވެ.

“އިނީވެސް ބޮޑެއް ނުވާނެ.. އަހަރެންނަށް ތިރީސް އަހަރޭ އަދި.. ތިރީސް ތިން އަހަރުވީމަ އަދި ޒުވާންކަން ފުރާ ފުރިހަމަވާނީ ވެސް” ހުމާމް ބުނެލިއެވެ.

“ދޮންބޭ….” ކޮޓަރިން ނުކުތް ޔަޒާން ކެއްސަން ފެށުމުން އައިހަމްއަށް ގޮވަލިއެވެ.

“ދޮގެއް ވާ ނޫނޭ… ދެން ތި ހުއްޓާލަބަލަ… ކުއްހު..ކުއްހު..” އައިހަމްއާ ދިމާކޮށްލަމުން ހުމާމްވެސް ކެއްސަން ފެށިއެވެ.

“އައިހަމް.. މިހާރު މި މިބަތް ތަށީގައިވެސް ލަނީ ސެންޓު ރަހައޭ… މިހާރު ޔައުއަށްވެސް ވަސްދުވާނޭ..” އަނގަމަތީ އަތްއަޅާލަމުން އިނާޝާ ބުނެލިއެވެ.

“ކިހާ ދެރަކަމެއްތަ ދޯ.. އަދި ކުޑަ ސެންޓު ކޮޅެކޭ އެޖެހުނީ.” އައިހަމް ތުން އަނބުރާލަމުން ބުނެލިއެވެ. ސެންޓު ފުޅިން ސެންޓު ނާންނަން ފެށުމުން ފުޅި ގުޑުވާލިއެވެ. އެވަގުތު އައިހަމްއަށް އިނގުނީ ސެންޓު ފުޅި ހުސްވީކަމެވެ. މާލޭން މިރެއަށް ގެނައި އަގު ބޮޑު ސެންޓު ފުޅި ހުސްވުމުން އައިހަމްއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.

“އައިހަމް އާދޭ ދާން ދެން.. ސެންޓު ފުޅިވެސް ހުސްވީއެއްނުދޯ.. ވަރަށް ދެރަ.. ދެ ސެންޓު ފުޅި ގަތްނަމަ..” ހުމާމް ތުންފަތުގައި ދަތް އަޅާލަމުން ބުނެލީ ހެވި ދާނެތީއެވެ.

“އާނ މިދަނީ..” އައިހަމް އަވަސް އަވަހަށް ބުނެލިއެވެ.

“އެހަށް މަޑުކޮށްބަލަ.. އެބަ އަންނަން ޓައި އިނީ ރަނގަޅަށްތޯ ބަލައިލާފަ..” ސިޓންގ ރޫމަށް ނިކުމެފައި އައިހަމް ބުނެލިއެވެ.

“އޭ އަދި އެބަ އަންނަން ބޯ ރީތި ކޮށްލާފަ..” ކޮޓަރިން ނިކުމެފައި ދެވަނަ ފަހަރަށް އައިހަމް ކޮޓަރިއަށް ދިޔައެވެ.

“ތި ދެވޭނެ ބާ ދޯ.. ހެހެހެ…”ދީނާ ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.

“އެންމެ ފަހު ފަހަރޭ ބޮޑު މަންމާ..” އައިހަމް ލޯގަނޑު ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.

ބޫޓަށް އަރައިގެން ގޭން ނިކުމެފައިވެސް އައިހަމް އަނބުރާލާފައި ގެއަށް ވަދެ މަސްފެންގަނޑުކައިރީ ބަހައްޓާފައިހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބެލިއެވެ.

*****

“އޭ ދެން އައިހަމް ރުޅި އަންނާނެ.. ތިވަރަށް ނުޖައްސަބަލަ ލިޕްސްޓިކް..” ލޯގަނޑަށް ފުރަގަސް ދީގެންހުރި ޔައުޝާ ޝިއުރާގެ އަތުގައި ހިފަމުން ބުނެލިއެވެ.

“ސުބުހާނަﷲ..” ލޯގަނޑު ކުރިމަށްޗަށް އެރި ޔައުޝާ ޑްރެސިންގ ޓޭބަލްމަތީ ހުރި ޓީޝޫ ބޮނޑިން ޓީޝޫއެއް ނަގަމުން ތުންފަތުގައި ހުރި ލިޕްސްޓިކްގައި ހާކަލިއެވެ.

“ކޮބައިތަ ފޮރުވައިގެން އުޅުން ސެންޓު ފުޅި.. މިރޭދެން ޖެހޭނީ އެ ނަގަން..” ޝިއުރީން ދެއަތް ފުރަގަހަށްލަމުން ބުނެލިއެވެ.

“ބުނީމެއްނު މިރެއޭ ނަގާނީ..” ޔައުޝާ ތަޅުދަނޑިން އޭނާގެ ސިއްރު ވަތްގަނޑު ހުޅުވާލިއެވެ. އެތަނުގެ ތެރެއިން ސެންޓު ފުޅި ނަގަމުން އަވަސް އަވަހަށް ތަޅުދަނޑި ފޮރުވިއެވެ.

“ހެހެހެ… އޭނަ ފެއިންޓް ވާނެ ޔައު ދޮންތި ފެންނައިރަށް…” ޝިއުރީން ދެންވެސް ދިމާކޮށްލިއެވެ.

“ޝިއޫ…” ޔައުޝާ ގޮވާލިއެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ދޮންތަބެ އައިއްސިއޯ މިހާރު..” ކޮޓަރިއަށް ވަތް ޔައުޝާގެ ދޮންބެ އާޒިމް ބުނެލިއެވެ. އެއާއެކު ޔައުޝާގެ އަތް ފިނިވިއެވެ.

އައިހަމް ސްޓޭޖްމަތީ ހުއްޓި ހުރި އިރު އޭނާގެ ކަނާތް ފަރާތުގައި ޔައުޝާ ހުއްޓެވެ. ގުރާފެހި ކުލައިގެ ގަމީހަކާ ކޯޓެއް ލައިގެން ހުރި އައިހަމްގެ ފުރިހަމަކަން އިތުރުކަމަށް ދައްކައެވެ. މިރެއަށް ހާއްސަކޮށް އައިހަމް އޭނާ ދުވަހަކުވެސް ފުނާ ނާޅާހާ ރީއްޗަށް ފުނާއަޅާފައި ހުއްޓެވެ. ގުރާފެހި ކުލައިގެ ބޮޑުފަސްބައިލީ ދޫހެދުމެއްގައި ހުދުކުލައިން ބޮޑުކޮށް ޝޯލްއަޅައިފައި ޔައުޝާ ހުއްޓެވެ. އައިހަމްއަށް އިރުކޮޅު ކޮޅުން ޔައުޝާއަށް ބަލައިލެވެއެވެ. ޔައުޝާގެ ހާލަކީވެސް އެއެވެ. އެއިން ކޮންމެ ފަހަރަކު ދެމީހުންގެ ތުންފަތުގައި އުފަންވެގެން އަންނަނީ ލަދުރަކި ހިނިތުންވުންތަކެވެ.

އެމީހުންގެ ކައިވެޏަށް އަހަރެއް ވީދުވަހަކީ އެޢާއިލާ ފަޅުފިލުވާލި ލޯބި ލޯބި އަޝްކާ އުފަންވި ދުވަހެވެ. އަޝްކާގެ އުމުރުން ފަސް އަހަރުގައި ދެވަނަ ދަރިއަކު އައިހަމްއަށް ލިބުނެވެ. ނަމަކީ ޔަޝްމީއެވެ. ގޭގެ ފަޅުފިލުވާލަން އިތުރު ކުއްޖަކު އައީ އޭގެ ހަތަރު އަހަރު ފަހުންނެވެ. މިފަހަރު ލޯބިލޯބި ފިރިހެން ކުއްޖެކެވެ.

********

“ދޮންތި ޖާނަލިސްޓަކަށްވީ ބައްޕި ޖާނަލިސްޓަކަށް ވީމަތަ؟؟” ފުންނޭވައެއް ދޫކޮށްލަމުން ސާދައަހަރުގެ އަޝްކާ އާޝާއާ ސުވާލުކޮށްލިއެވެ.

“ހެހެހެ… އާނ..” އައިހަމްގެ ޑައިރީ ލައްޕާލަމުން ހެމުން އާޝާ ބުނެލިއެވެ.

“ދޮންތިއަށް ޓުވެންޓީ ފޯ އަހަރުވީ އިރުވެސް މީހަކާ ނީނދެއޭ..” އަޝްކާ ތުން އަނބުރާލިއެވެ.

“ހެހެހެ.. ކޮންމެސް ދުހުކުން ކުރާނަމޭ.. އިންޝާﷲ..” އާޝާ ހެމުން ބުނެލިއެވެ.

ކޮޓަރިއަށް ވަތް އައިހަމް ދެލޯ ބޮޑުކޮށްލަމުން އާޝާއާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރީގައި އިތުރު މީހަކު ހުރިކަން އާޝާއަށާ އަޝްކާއަށް އިނގުނީވެސް އައިހަމް އާޝާގެ އަތުގައި އޮތް ފޮތް ޖަހައިގަތުމުންނެވެ.

“ކާކު މިފޮތް ދިނީ؟؟” އައިހަމް ހާސްވެފައި ހުރެ ބުނެލިއެވެ.

“ތީތި ފެނުނީ ބައްޕިގެ ސްކޫލް ފޮތްތައް ހާވަން އުޅެނިކޮށް…” އަޝްކާ ހިނިތުންވެ ހުރެ ބުނެލިއެވެ.

“މް.. މީތި އެއްކޮށްކީތަ؟؟” އައިހަމް އެފޮތް މެއާލާ ބޮނޑިކޮށްލަމުން ބުނެލިއެވެ

“ހްމްމްމް…”އެއާއެކު އައިހަމް ހުއްޓުން އެރިއެވެ.

“ސޮރީ ބައްޕީ… އަޝްކު ވަރަށް ދެރަވި ބައްޕިއަށް ވީގޮތުން… ބައްޕި ހާދަ ހިތްވަރު ގަދައޭ.. މާޝާﷲ..” އަޝްކާ ހަމްދަރުދީވެފައި ބުނެލިއެވެ.

“އެހެންތަ؟؟ އަޝްކުވެސް ދޯ!!” އެފޮތް އަލަމާރީގެ އެންމެ އަޑިއަށްލާ ފޮރުވަމުން އައިހަމް އަޝްކާ ފަހާ ދުއްވައިގަތެވެ.

“ވަރެއްގެ ފިރިއެއް ކަލޭނޭ..” އާއިޝް އުރާލައިގެން ހުރި ޔައުޝާ ބުނެލިއެވެ.

“ބައްޕި އިޒް ސޯ ފަނީ.. އައި ލަވް ބައްޕި..” އަޝްކާ މާނޭވާ ލަމުން ބުނެލިއެވެ.

“ހެހެހެ…ބައްޕިވެސް ވަރަށް ލޯބިވޭ އަޝްކު ދެކެ..” އުނަގަނޑުގައި އަތްވިއްދައިގެން އޮތް އައިހަމް ހިނިތުންވަމުން ބުނެލިއެވެ. އެވަގުތު އާއިޝްއާ ޔަޝްމީ އެއްފަހަރާކަހަލަ ގޮތަކަށް ދުވަމުން އައިސް އައިހްމަގެ ގައިގައި ބައްދާލިއެވެ. އަޝްކާވެސް ފުރަގަހުން އައިސް އައިހަމްގެ ގައިގައި ބައްދާލިއެވެ. ޔައުޝާ ފޯނުގައި އެފޮޓޯ ރައްކާކުރިއެވެ. އައިހަމް ހުރިހާ ކުދިން ގައިގައި އެއްފަހަރާ ބައްދާލީ ބައްޕަގެ ހިމާޔަތް ތިހުރިހާ ކުދިންނަށް ދޭނަމޭ ބުނާ ފަދައަކުންނެވެ.

-ނިމުނީ-

މި ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރިއްޔާ! އިންޝާ ﷲ ވަރަށް އަވަހަށް އާޔާގެ އާ ވާހަކައެއް ކިޔާލަން ލިބޭނެ.😊

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 11

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 12

Next
August 3, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 12

Previews
July 30, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 11



All Right Reserved!