ސިކުނޑިއަށް ވެރިވަމުން ދިޔަ ނައްސި ޚިޔާލުތަކާއެކު ޔައިނާއަށް މިވަގުތު ކުރަން ވިސްނުނީ އިންސާނަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. ނުކުރާ ކުށެއްގައި ބެދި، ލޯބިވާ އެންމެން އޭނާގެ ޙަޔާތުން ބީވެގެން ދިޔުމަށްވުރެ، އޭނާ މި ދުނިޔެއިން ވަކިވެގެން ދިޔުންވެސް މާ ރަނގަުކަމުގައި އެ ހިތް ބުނަމުން ދިޔައެވެ. ވަގުތާއި ޙާލަތުގެ ނާޒުކު ކަމުން އިތުރު ގޮތަކަށް ވިސްނާނެ ފުރުސަތެއް ނުލިބި، މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ޔައިނާއަށް ނިންމުނެވެ. ތެދުވެ، ޔައިނާ ހިނގައިގަތީ އެނދާއި ދިމާއަށެވެ. އެނދުމަތީގައި އޮތް ބެޑްޝީޓު ނަގައި، ޔައިނާ މަތީގައި ހުރި ފަންކާއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ރަތްވެފައިވާ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އެނދުމައްޗަށް ކޮޅަށް އެރި އިރު، އަދިވެސް އެއްފަހަރު މިއީ އެންމެ ރަނގަޅު ގޮތްކަމާއި މެދު އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.
އެނދުމައްޗަށް ކޮޅަށް އަރާ ހުރި ޔައިނާއަށް ހޭވެރިކަންވީ ކުއްލިއަކަށެވެ. ވަގުތުން އެނދުމަތިން ފޭބުނު އިރު، އަނގަމަތީގައި އަތްއަޅާފައި ބާރަށް ގިސްލެވެން ފެށުނެވެ. ކުރެވެން އުޅުނު ފާފައިގެ ބޮޑުކަން ހިތަށް އަރުވައިލެވުމުން އެ ހިތް ކުދިކުދިވި ފަދައެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް އޭނާއާއި ދޭތެރޭގައި ދެކުނަސް، އޭނާ އެފަދަ ފާފައެއް ނުކުރާ ކަން ހެއްދެވި ފަރާތް އެންމެ މޮޅަށް ދެނެވޮޑިގެން ވާނެއެވެ. އެކަކު އޭނާއާއި އެކީގައި ނުވިޔަސް، މާތްﷲ އަބަދުވެސް އޭނާއާއި އެކީގައި ވާނެކަން ހަނދާންކުރަމުން ޔައިނާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ދާދި ދެންމެއަކު ވީ ކަންތައް ލޯ ކުރިމައްޗަށް ސިފަވާ ވަރުން އިތުރަށް ރޮވުން ނޫން ކަމެއް ނުވިއެވެ ރޯ ޒަޚަމެއް ހިތުގައި ލެވިފައި ހުރި އިރު، ސިކުނޑިއަށް ފެންނަ މަންޒަރުތަކުގެ ސަބަބުން އެ ތާޒާ ޒަޚަމުން އިތުރަށް ލޭ ފޭދުން ނޫން ނަތީޖާއެއް ނުނުކުމެއެވެ.
ދެކަކޫ މޭގައި ޖައްސާލައިގެން ޔައިނާ އިނދެ ރޮމުން ދިޔައީ އެތައް އިރެއް ވަންދެނެވެ. އެތަނުން ތެދުވާނެހާ ހިތްވަރުވެސް ނެތިފައި ޔައިނާ އިނީ ހިތް ފުރެންދެން ރޯލާށެވެ. ކިތަންމެ ވަރަކަށް ރޮއެ، އާދޭސްކޮށް، ކަރުނަ އެޅިޔަސް، މިއަދު އެ ވޭނުން ފުރިގެންވީ ކަރުނަތައް ފުހެލައިދޭން އަންނާނޭ މީހަކު ނެތެވެ. މުޅި ދުނިޔެއިން އެކަނިވެ، ބާކީވެއްޖެ ކަމުގެ އިޙްސާސް ޔައިނާއަށް ކުރެވެމުން ދިޔައެވެ.
ކަކުލުކައި ބޯ ޖައްސާލައިގެން އިނދެ ގިސްލަގިސްލާފައި ރޮމުން ދިޔަ ޔައިނާއަށް ފޯނާއި ދިމާލަށް ބަލައިލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ޔައިނާ ފޯނު ނަގައި، ބަލައިލިއެވެ. “ބައްޕަ…” މަޑުމަޑުން އެހެން ކިޔައިލެވުނު އިރު، ޔައިނާގެ ލޮލުން އިތުރަށް ކަރުނަ އަންނަން ފެށިއެވެ. މިވަގުތު ބައްޕައާއި ވާހަކަ ދައްކާނޭ ހިތްވަރެއް ނެތުމުން ޔައިނާ ފޯނު ކަނޑައިލިއެވެ. ނުވާތާކަށް މިލާން ބައްޕަ ކައިރީ މި ވާހަކަ ނުބުނާ ކަމެއްވެސް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އިސާހިތަކު އެ ޚަބަރު ލިބިގެން ޒާރާމެންވެސް ގުޅަން ފަށާފާނެއެވެ. އެމީހުންނާއިވެސް ކުރިމަތިލާނެ ހިތްވަރެއް ނެތުމުން ޔައިނާ ފޯނު ނިވައިލިއެވެ. އެއަށްފަހު ލޯ މަރައިލަމުން އެނދުގެ ފަޑީގައި ބޯ ޖައްސައިލިއެވެ. އެވަގުތު އޭނާގެ ލޮލަށް ސިފަވީ ޝިޔަލް އޭނާގެ ހަށިގަނޑުގައި ބައްދައިގަނެގެން އޮތް ގޮތެވެ. ވަގުތުން ދަތްކުނޑިވިކާލާ، އަތް މުއްކަވައިލެވުނީ އެ ހަނދާން ވިޔަސް މީހާއަށް ވާ ގޮތުންނެވެ. ވަގުތުން އިން ތަނުން ތެދުވެ، ޔައިނާ މިސްރާބު ޖެހީ ފާޚާނާއާއި ދިމާއަށެވެ. ކިތަންމެ ފިނިވެފައި ހުރި ނަމަވެސް، މާގަނޑު ދޫކޮށްލާ އޭގެ ދަށުގައި ހުޓުނެވެ. އެއަށްފަހު، އެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ދޮންނަމުން ދިޔައީ ނަޖިހެއް ޖެހުމުން އެ ސާފުކުރާ ބީދައިންނެވެ. ލައިގެމް ހުރި ހެދުންވެސް ވީދާލާފައި، މުށިތަކުގެ މައްޗަށް ޖެހީ، އެ އެއްޗެހިންވެސް ޝިޔަލްގެ ނިޝާން ފެންނަމުން ދާތީއެވެ. އެއަށްފަހު، ރޮމުން ރޮމުން ތަޅުންގަނޑަށް ތިރިވެވުނީ ގައިގައި އިތުރު ވަރެއް ނެތުމުންނެވެ. ތިރިވެވުމާއި އެކުހެން ގައިހުރި ބާރެއްލާފައި ޔައިނާ ހަޅޭލަވައިގަތީ އެ ކުދިކުދިވެފައިވީ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ.
*** ** ***
ހޮސްޓެލްއިން ނުކުމެގެން ދިޔަ ގޮތަށް މިލާން ބޭނުންވީ ވީހާވެސް އަވަހަކަށް ރާއްޖެ ފުރޭނެ ފްލައިޓެއް ބުކް ކުރުމަށެވެ. އޭނާގެ ޕީއޭއަށް ގުޅައިގެން މިލާން މިއަދު ހަވީރު އިންޑިއާއަށް ފުރާ ފްލައިޓެއް ބުކް ކުރިއެވެ. އެއަށްފަހު، އިންޑިއާއިން ރާއްޖެއަށް ދެވޭނެ މަގެއްވެސް ހޯދިއެވެ. އެހާ އިރު ވާން ވާ އިރަށް ހުންނާނެ ހޮޓަލެއް ހޯދުމަށް މިލާން އަވަސްވެގަތެވެ.
ހޮޓެލުގެ ކޮޓަރިއަށް ގޮސް ވަދެވުމާއި އެކު މިލާން މިއޮށް ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ. ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނީ ހަށިގަނޑަށް ވަމުން ދިޔަ ބަރު އިޙުސާސެއްގެ ސަބަބުންނެވެ. އަދިވެސް ލޯ މަރާލާ އިރަށް ފެންނަނީ ޔައިނާއާއި ޝިޔަލްއެވެ. އެ ޙާލަތުގައި އެކަކު އަނެކަކުގެ އަތުތެރެއިން އުފާ ހޯދަމުން ދާ މަންޒަރެވެ. އެކަންތައް ހަނދާންވާ ކޮންމެ ފަހަރަކު މިލާންގެ ހިތަށް ހީވަނީ އެތައް ހާސް ތީރުތަކެއް ހަރާ، ޒަޚަމްކޮށްލާ ހެންނެވެ. އަދިވެސް، ޔައިނާ އޭނާއަށް ބޭވަފާތެރި ވެދާނެކަން ޤަބޫލު ނުކުރެވެނީއެވެ. ނޫނީ ޤަބޫލު ކުރަން ދަތިވަނީއެވެ. ނުވަތަ ޤަބޫލު ކުރަން ބޭނުން ނުވަނީއެވެ.
އޭނާއަށް ލޯބި ވެވުނީ ހަމަ އެކަހަލަ މީހެއް ދެކެ ބާވައެވެ؟ ޔައިނާ އެކަހަލަ ބޭވަފާތެރިއަކަށް ވެދާނެ ކަމަކަށް ދުަހެއްގެ ކޮޅުންވެސް އޭނާ ހިޔެއް ނުކުރެއެވެ. އޭނާ ޔައިނާއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ކިހާ ލޯތްބެއް ދިން ހެއްޔެވެ؟ ނަމަވެސް، އެ ހުރިހާ ކަމެއްގެ ބަދަލު އޭނާއަށް މި ލިބުނީ ކިހިނެތް ހެއްޔެވެ؟ ޤަބޫލުވެސް ނުކުރެވެއެވެ. ޔައިނާ އެފަދަ ކަމެއް ކޮށްފާނެކަން ޤަބޫލު ކުރަން އޭނައަށް ކިތަންމެހާވެސް އުނދަގުލެވެ. އެފަދަ ޚިޔާލުތައް ބޮލުތެރޭގައި އެނބުރެން ފެށުމުން މިލާންއަށް އަޑުން އަޑު ނަގާ، ރޮއެގަނެވުނެވެ. މިފަހަރު އޭނާ އަޑު މަޑުކުރާކަށްވެސް ނޫޅުނެވެ. ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. ބޮޑު ފިރިހެނަކަށްވިޔަސް، ކެތް ކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ރޮއެރޮއެ ވަރުބަލި ވުމުން މިލާން ކަރުނަތައް ފުހެލިއެވެ. އިތުރަށް ރޯނޭހާ ހިތްވަރުވެސް ނެތް ފަދައަކުންނެވެ. ފޯނު ރިންގުވާން ފެށީ ހަމަ އެވަގުތުއެވެ. ޖީބުގައި އޮތް ފޯނު ނަގައި މިލާން ގުޅަނީ ކާކުތޯ ބަލައިލިއެވެ. “ބައްޕަ..” ޔާސިރުގެ ނަމްބަރު އިނުމުން މިލާންއަށް މަޑުމަޑުން ކިޔައިލެވުނެވެ. އަނެއްކާ ވީ ހުރިހާ ކަމެއް ޔާސިރުއަށް އެނގުނީ ބާވައެވެ؟ ޔައިނާ ބުނީ ބާވައެވެ؟ ފުން ނޭވާއެއް ދޫކޮށްލަމުން މިލާން ފޯނު ނަގައި ކަންފަތުގައި ޖަހައިލީ ޔާސިރުގެ ސުވާލުތަކާއި ކުރިމަތިލާން ތައްޔާރު ވެގެންނެވެ.
“ހަލޯ.. ދަރިފުޅާ މިލާން.. ބައްޕަ މި ގުޅާލީ ޔައިނާ ފޯނު ނުނަގައިގެން.. ޒާރާ ބުނި ދަރިފުޅު ވީ ޔައިނާ ކައިރީގައޭ. އެހެންވެގެން.. ޔައިނާ އާއްމުކޮށް ގުޅީމަ ވަރަށް ބިޒީ ނުކުރާނެ.. އެހެންވެގެން ކަމެއް ވީތޯ އަހައިލަން ވެގެން..” ޔާސިރުގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު މިލާންއަށް އިނދެވުނެވެ. ޔާސިރު ޔައިނާ ދެކެ ހާދަހާ ލޯތްބެއް ވެޔޭ ހިތަށް އެރުމުން އިތުރަށް ފެންކަޅި ވިއެވެ. ޔައިނާގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ފެނިއްޖެ ނަމަ، ޔާސިރު ދުނިޔޭންވެސް މޮޔަވެދާނެއެވެ. “ދަރިފުޅާ.. މިލާން.. ހަލޯ.. އެބަހުރިންތަ..؟” އެފަރާތުން ޔާސިރުގެ އަޑު އިވުމާއި އެކު މިލާންއަށް ހަމަބިމަށް އާދެވުނެވެ. ފުންކޮށް ދެތިން ނޭވާ ދޫކޮށްލާފައި ޔާސިރުއަށް ޙަޤީގަތް ސިއްރު ކުރަން ނިންމީ ޔާސިރުގެ ޙާލަތާއި ދޭތެރޭ ވިސްނާލާފައެވެ. “ލައްބަ ބައްޕާ… ޔައިނާއާ ދިމާވިއޭ މިއަދު.. އަސްލު އަޅުގަނޑު މިކޮޅަށް އައީ ވިޔަފާރި ކަމަކު.. ޔައިނާ މިއަދު ކޮލެޖަށް ދާން ޖެހޭ ދުވަހެއް ވީމަ ކަންނޭނގެ އެއީ.. ކްލާސް ގަޑި ވީމަ ފޯނު ނުނެގުނީ ކަމަށް ވާނީ.. ހުރިހާ ކަމެއްވެސް ރަނގަޅޭ..” މިލާން ހުރިހާ ވާހަކައެއްވެސް ދައްކަމުން ދިޔައީ ހިތާއި ދެކޮޅަށެވެ. “އެހެންތަ..؟ އެންމެ ރަނގަޅު.. ދެން ބާއްވަނީއޭ.. ވަރަށް ސަލާމް..” ޔާސިރު ހަމަ ފޯނު ބޭއްވުމާއި އެކު މިލާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ޔާސިރުއަށް ދޮގެއް ހަދަން ޖެހުމުން އިންތިހާއަށް ދެރަވި ނަމަވެސް، މިވަގުތު އިހަށް އެހެން ބުނީ ޔާސިރުއަށް ވެދާނެ ގޮތަކާއި ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނުމަށް ފަހުއެވެ.
ދެން މިލާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒާރާއާއި އަފާން އަދި ސުވާލުތަކަށް ޖަވާބު ދޭނެ ގޮތެވެ. ލައުރާއަށް މިކަން ކިޔައިދޭނެކަމާއި މެދު މިލާންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް، ޒާރާއާއި އަފާންގެ ކައިރީގައި އިހަށް މި ވާހަކަ ނުބުނެ ލަސްކޮށްލަން އޭނާ ބޭނުންވިއެވެ. ސިކުނޑީގައި އުފެދެމުން ދިޔަ ހައިޖާނުގަނޑުން ދުރުވުމުގެ ގޮތުން މިލާން ބެލީ ނިދީގެ ފޮނިމީރުކަން އިޙުސާސް ކުރެވޭތޯއެވެ. ނަމަވެސް، ލޯ މަރާލާ އިރަށްވެސް ފެންނަނީ ޔައިނާއެވެ. އެހެން ފިރިހެނެއްގެ އަތުތެރޭގައި ޔައިނާ އޮތް ގޮތް ހިތަށް ސިފަވާ ކޮންމެ ފަހަރަކު މިލާންގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިލާންއަށް ހަމަޖެހިލެވޭ ގޮތެއް ނުވިއެވެ. އެގޮތުގައި އޮއްވާ، މިލާންއަށް ފޯނެއް އަންނަން ފެށިއެވެ. ގުޅަނީ އަފާންއެވެ. މިލާންއަށް ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ރިންގު ކެނޑި، ދެވަނަ ފަހަރަށްވެސް ރިންގުވާން ފެށުމުން މިލާން އަކަށް ކެތެއް ނުވިއެވެ. އަފާންއަށް ދައްކާނެ މޫނެއް، ބުނެދޭނެ ވާހަކައެއް މިލާންގެ ވިސްނުމަކަށް ނައެވެ. އެހެން އޮއްވާ ޒާރާ ގުޅަން ފެށިއެވެ. މިފަހަރުވެސް ފޯނު ނަގާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެ ދެމީހުން ގުޅާ ވަރުން އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން މިލާން ފޯނު ނިވައިލިއެވެ. ތެދަށް ބުނާ ކަމުގައި ވަނީ ނަމަ، އެއިން އެއްވެސް މީހަކު ޔައިނާއާއި ދޭތެރޭ އެހާ ގޯސްކޮށް ދެކެން އޭނާ ބޭނުން ނުވަނީއެވެ. އެއީ އަދިވެސް އެ ހިތުން ޔައިނާ ނޫން ފަރާތަކަށް ޖާގަ ދެވިފައި ނުވާތީއެވެ. ޔައިނާ ކޮންމެ ގޮތަކަށް އޭނާއާއި ދޭތެރޭގައި ކަންތައް ކުރި ކަމުގައި ވިޔަސް، އެ ހިތާއި ސިކުނޑިން ޔައިނާގެ ހަނދާންތައް ފުހެލުން ވާނީ ނުހަނު ދަތި ކަމަކަށެވެ. އެކަން ވުމަށް ވުރެ، ގާތީވެސް ނުވުމެވެ.
*** ** ***
އެނދުމަތީގައި އިށީނދެލައިގެން އިން ޔައިނާ އިނީ އެއްވެސް ދިރުމެއް ނެތް ފަދައަކުންނެވެ. އެ ރީތި މޫނު ވަނީ މިލާ މޯޅިވެފައެވެ. ރިންގުވަމުން ދިޔަ ފޯނަށް ބަލަހައްޓައިގެން އިން އިރު ޔައިނާ އިނީ ދެ ކަކޫ މޭގައި ޖައްސާލާ، ދެ އަތް ކަކުލުގައި ވަށާލައިގެންނެވެ. ފައިކަރީގައި އޮތް ފޯނު ނިވުމަށްފަހު، މިހާރު އެ ރިންގުވަމުން ދަނީ ދިހަވަނަ ފަހަރަށެވެ. ބައްޕަ ދެފަހަރު ގުޅާފައި އޮތް އިރު، އަފާން ތިން ފަހަރު ގުޅާފައި އޮތެވެ. ޒާރާވެސް މިހާރު އެ ގުޅަނީ ދިހަ ވަނަ ފަހަރަށެވެ. ނަމަވެސް، ފޯނު ނަގާނެ ހިތްވަރެއްވެސް ނެތިފައި ޔައިނާ އިނީ ހަމަ އިން ގޮތަށެވެ. އެހެން އިންދާ، ޔައިނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ފޭބިއެވެ. އެގޮތަށް ދެވަނަ ފހަރަށްވެސް ކަރުނަ ތިއްކެއް ފޭބިއެވެ. ކަރުނައަކަސް ވުރެ ކަރުނައެއް ފައިބަމުން ގޮސް އެ ކޮޓަރިތެރޭގައި ޔައިނާގެ މަޑު ގިސްލުމުގެ އަޑު ގުގުމަން ފެށިއެވެ. ގިސްލުމުގެ އަޑުވެސް ހިނދަކަށްވުރެ ހިނދެއް ބާރުވަމުން ދިޔަ އިރު ލޮލުން ފައިބާ ކަރުނައިގެ ޢަދަދުވެސް ދިޔައީ ހިނދަކަށްވުރެ ހިނދެއް ގިނަ ވަމުންނެވެ.
*** ** ***
ފަސްވަނަ ފަހަރުވެސް ގުޅައިގެން ޔައިނާ ފޯނު ނުނެގުމުން ޒާރާ ގާތަށް ރުޅި އައެވެ. އޭނާ ދެން ދެތިން ފަހަރަކު މިލާންއަށްވެސް ގުޅައިލިއެވެ. ނަމަވެސް ޖަވާބެއް ނައެވެ. ހާސްވީ ވަރުން ޝިޔަލްއަށްވެސް މެސެޖު ކުރިއެވެ. ނަމަވެސް، އޭނާގެ އެ މެސެޖު ކިޔައިލުން ފިޔަވާ އިތުރު ޖަވާބެއް ޝިޔަލްވެސް ދީފަކާ ނެތެވެ. ފުރަތަމަ ގުޅައިގެން ޔައިނާ ފޯނު ނުނެގުމުން ޒާރާ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އެ ދެމީހުން މާފޮޅުވަނީ ކަމަށް ނިންމުނެވެ. ނަމަވެސް، ފަސް ފަހަރު ގުޅައިގެންވެސް ފޯނު ނުނެގުމުން ހިސާބަކަށް ހާސްވީ އެއީ ޔައިނާ ދުވަހަކުވެސް ކޮށް އުޅޭ ކަމަކަށް ނޫން ވީމައެވެ. ކިތަންމެ ކުޑަ ކަމެއްގައި ބުރަވިޔަސް، ދުވަހަކުވެސް ޔައިނާ އޭނާގެ ފޯނެއް ކަނޑާލާފައި ނުވާތީ މިއަދު ވަކި އެހެން ހަދަންވީ ސަބަބެއް ޒާރާއަކަށް ނުވިސްނުނެވެ. މިލާންއަށް ގުޅުމުންވެސް ބުނަނީ ފޯނު ނިވާލާފައިވާ ކަމުގައެވެ. އެކަމުން ޒާރާގެ ހައިރާންކަން ވީ އިތުރެވެ. މިލާންއަކީ ދުވަހަކުވެސް އެގޮތަށް ފޯނު ނިވާލައިގެން އުޅުނު މީހެއް ނޫނެވެ. ދެން ވަކި މިއަދު އެގޮތަށް މިލާންވެސް ކަންތައް ކުރުމުން ޒާރާގެ ހިތުގެ ކަނަކުން އެލާރމް އަޅަން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށް އެ ނާޒުކު ހިތް އެވަގުތުވެސް ބުނަމުން ދިޔައެވެ.
އަޅެ ދެން ކިހިނެތް ހަދާނީ..؟” ފޯނު އަތަށް ލައިގެން ދެކޮޅަށް ދެކޮޅަށް ހިނގާ ހިނގާ ހުރި ޒާރާ ދިޔައީ ކުރާނެ ކަމަކާއި ދޭތެރޭގައި ވިސްނަމުންނެވެ. އެވަގުތު ކުއްލިއަކަށް އައި މޮޅު ޚިޔާލާއެކީގައި ޒާރާ ފޯނުން މީހަކަށް ޑައިލް ކޮސްލިއެވެ. ދެތިން ރިންގާއި އެކީގައި އެކޮޅުން ފޯނު ނެގުމުން ޒާރާ އަވަސްއަވަހަށް ފޯނު ކަންފަތުގައި ޖަހައި، ހަލޯއޭ ބުނެލިއެވެ. “ޔާސިރުބޭ..؟ ޔައި މިއަދު ގުޅިތަ..؟” ޒާރާ ބެލީ މަޑުން ވާހަކަ ދެއްކޭތޯއެވެ. އެއީ މިވަގުތު ޔާސިރު ހާސްކުރަން އޭނާ ބޭނުން ނުވާތީއެވެ. “ބޭބެ ދެތިން ރިންގެއް ޖަހައިލީމަވެސް ފޯނެއް ނުނަގަ.. ދެން ބޭބެ ގުޅީ މިލާންއަށް.. ހަމަ ދެންމެއަކު މި ގުޅީ.. މިލާން ބުނީ ހުރިހާ ކަމެއްވެސް ރަނގަޅޭ.. ޔައި ކޮލެޖުގަ ބިޒީވީމަ ފޯނަށް ނުގުޅޭ ކަމަށް ވާނީއޭ ބުނީ..” ޔާސިރުގެ ޖަވާބުންވެސް ޒާރާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. “ައްބަ. އޯކޭ ބޭބޭ.. ދެން ބާއްވަނީއޭ.. ވަރަށް ސަލާމް..” އެހެން ބުނެފައި ފޯނު ބޭއްވި އިރުވެސް، ޒާރާގެ ހިތުގައި ސުވާލުތައް ވަނީ ފުނި ޖެހިފައެވެ. ދެންމެ ޔާސިރު ބުނި ގޮތުން ނަމަ، މިލާން ފޯނަށް ޖަވާބު ދިނީ ހަމަ ދެންމެއަކުއެވެ. ވީއިރު، އޭނާ މިލާންއަށް ގުޅި އިރު މިލާންގެ ފޯނު ނިވިފައި އޮތުމުން ހައިރާން ވާނެ ނޫންހެއްޔެވެ؟ އަނެއްކާ މިއަދަކީ ޔައިނާގެ ކޮލެޖުވެސް ބަންދު ދުވަހަކެވެ. ވީއިރު، ޔައިނާ ކޮލެޖުގައި އުޅެޔޭ ޔާސިރު ގާތު މިލާން ބުނީ ކީއްވެގެން ބާވައެވެ؟ މިފަދަ ވިސްނުންތަކެއްގައި ހުރި ޒާރާ ދެން ގުޅައިލީ ލައުރާއަށެވެ. މިލާންއަށް ކިރިޔާ ކަމެއް ވިޔަސް، އެންމެ އަވަހަށް އެކަން އެނގޭނީ ލައުރާއަށް ކަމާއި މެދު، ޒާރާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
“ހަލޯ.. ލައު..؟” ލައުރާ ފޯނު ނެގުމުން ޒާރާ ގޮވައިލިއެވެ. “ކީކޭ ޒާ..؟” ލައުރާ ޖަވާބު ދިނެވެ. “ލައު.. މިލާންގެ ހަބަރެއް ވިތަ..؟” ޒާރާ ދިޔައީ ސީދާ މައުޟޫއަށެވެ. “ނޫން.. އެކޮޅަށް ދިޔަ ފަހުން އަދި ގުޅާ ނުލެވެ.. މަވެސް މިހުރީ މިހާރު އައްޑޫގަ.. ކިހިނެތްވީ އަނެއްކާ..؟ ކަމެއް ވީތަ..؟’ ލައުރާ އެއްސެވެ. “ނޫނޭ.. ދެން މިލާން ގުޅިތޯ ބަލައިލީ ހަމަ..” މިވަގުތު ލައުރާގެ ހިތް ހާސްކުރުވަން ބޭނުން ނުވާތީ ޒާރާ ބުނެލިއެވެ. “އެހެންތަ..؟ އޭ ޒާ.. އޯކޭއޭ އިނގޭ.. މަ ގުޅާނަން ފަހުން.. މި އުޅެނީ ބިޒްނެސް ޓްރިޕެއްގަ އައްޑޫއަށް އައިސް.. މިހާރު މީޓިން ފަށަން އެ އުޅެނީ..” ލައުރާ ފޯނުކޯލް ކުރުކޮށްލީ މިވަގުތު ވަރަށް ބުރަ ކަމުގައި ބުނަމުންނެވެ. “އޯކޭ.. ގުޑް ލަކް.. ވަރަށް ސަލާމް..” ލައުރާ ފޯނު ބޭއްވުމުން ޒާރާއަށް އަނެއްކާވެސް ވިސްނައިލެވުނެވެ. އެހެންވީމާ މިލާން އަދި ލައުރާއަށްވެް ނުގުޅަނީކަން އެނގިއްޖެއެވެ. މިލާން ނޫނީ ޔައިނާގެ ޚަބަރެއް ހޯދަން މިހާރު ޔާސިރުއަށް ގުޅިއްޖެއެވެ. ލައުރާއަށްވެސް ގުޅިއްޖެއެވެ. ދެން މިލާންގެ ޚަބަރެއް އެނގޭ ހުންނާނީ އެންމެ މީހެކެވެ. އެއީ އަފާންއެވެ. ލައުރާ ފިޔަވައި ދެން މިލާން އެންމެ ގާތްކޮށް އުޅޭނީ އަފާން އާއިއެވެ. ނަމަވެސް، އަފާންއަށް ގުޅައިގެން ވާހަކަ ދެއްކޭނެހާ ހިތްވަރު ޒާރާގެ ހުންނާނެ ބާވައެވެ؟
އަފާންގެ ނަމްބަރު ލިޔުމަށްފަހު، ގުޅާނީތޯ ނޫނީ ނުގުޅާނީތޯ އަމިއްލަ ނަފްސާއި ބަހުސްކުރަން އިންދާ އަފާން ގުޅަން ފެށިއެވެ. ވަގުތުން ޒާރާ ފޯނު ނެގީ، އަފާން އެ ގުޅަނީ މިލާންގެ ވާހަކައެއް ބުނަން ކަން އެނގޭތީއެވެ.
“މިލާންއާއި ޔައިގެ ޚަބަރެއް ވިތަ..؟” ދެމީހުންނަށްވެސް އަހައިލެވުނީ އެއްފަހަރާއެވެ. އެހެންކަމުން ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. “ނޫން ނުވޭ..” ދެންވެސް ބުނެވުނީ ދެމީހުންނަށް އެއްފަހަރާއެވެ. އެކޮޅުން އަފާން ލުއިކޮށް ހީލި އަޑު އިވުމުން ޒާރާގެ ގައިން ހީބިހި ނަގައިގަތެވެ. އެއްވެސް އިޚްތިޔާރެއް ނެތި ޒާރާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް، މިއީ މަޖާކޮސް ސަކަރާތް ޖަހަން ޖެހޭ ވަގުތު ނޫންކަން ޒާރާއަށް އެނގުނެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ވީހާވެސް އަވަހަށް ޔައިނާމެންގެ ޚަބަރެއް އަފާންއަށް އެނގޭތޯ ބެލުމަށެވެ.
“މިލާން ނުގުޅާތަ އަފާންއަކަށް..؟” ޒާރާ އެއްސެވެ. “އާނ ނުގުޅައޭ.. މަ ގުޅައިފިން މިހާރު ހަތް ފަހަރށް.. މެސެޖުވެސް ކޮށްފިން.. ފޯނު ނިވާލާފަޔޯ.. އޭނަ އެއީ ދުވަހަކުވެސް ފޯނު ނިވާލައގެން އުޅޭ މީހެއް ނޫނޭ..” އަފާން ޖަވާބުދިނީ ތެަށެވެ. “ދެންމެ ޔާސިރުބެއަށް ގުޅީމަ ބުނީ ޔާސިރުބެވެސް ޔައިއަށް ގުޅައިގެން ޔައި ފޯނު ނުނެގީމަ މިލާންއަށޯ ގުޅީ.. ހަމަ ދެންމެއަކުއޯ މި ގުޅީ.. މިލާން ބުންޏޯ ހުރިހާ ކަމެއްވެސް ރަނގަޅޭ.. ޔައި ކޮލެޖުގަ އުޅޭތީއޭ ފޯނު ނުނެގުނީ.. އެކަމް މިއަދުމީ ޔައިގެ ކޮލެޖު ބަންދު ދުވަހެކޭ..” ހާސްވެފައި ހުރި ވަރުން ޒާރާ ވާހަކަ ދައްކަމުން ދިޔައީ ނިކަން އަވަސްއަވަހަށެވެ. “ޒާރާ.. ކާމް ޑައުން.. ހަމަޖެހިބަލަ.. އަހަރުމެން ވީ ގޮތެއް ހޯދާނީއޭ.. އަވަސް އަރުވާލައިގެން ޕެނިކްވެގެން އުޅުނީއޭ ކިޔާފަ އެއްވެސް ކަމެއް ނުވާނު..” އަފާން ކަންބޮޑުވީ ޒާރާއާއި ދޭތެރޭގައެވެ. “ދެންމެ ލައުއަށްވެސް ގުޅިން.. އޭނަ ބުނީ އަދި މިލާން އެކޮޅަށް ދިޔަ ފަހުން ނުގުޅެޔޯ.. އޭނައަކަށްވެސް ނޭނގޭ އެއްވެސް ކަމެއް.. އަޅެ އަފާން އަހަރެން ވަރަށް ބިރުގަނޭ އެބަ.. އަނެއްކާ ޔައިއަށް ކަމެއް ވީބާ..؟” އަފާން ބުނި ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދީ ޒާރާ ދައްކަމުން ދިޔައީ އޭނާ ބޭނުންވި ވާހަކައެވެ. “ނޫނޭ ޒާރާ.. އެކަހަލަ ކަމެއް ނުވާނޭ އިރާދަކުރެއްވިއްޔާ.. ވެދާނު މިލާންގެ ފޯނު ނިވުނީމަކަމަށްވެސް ނުގުޅެނީ..” އަފާން ބެލީ ވީހާވެސް ބޮޑަށް ޒާރާ ހަމައަކަށް އެޅުވޭތޯއެވެ. “މިލާންއާއި ޔައިނާގެ ފޯނުން ޗާޖު ހުސްވެގެން ގޮސް ނިވެނީވެސް އެއް ގަޑިއަކުތަ..؟” ޒާރާ ގާތަށް ފާޑެއްގެ ރުޅިއެއް އައެވެ. “ޒާރާ ހަމަޖެހިބަލަ.. ވެދާނު އެދެމީހުން މާފޮޅުވުމުގަ ބިޒީވަނީ ކަމަށްވެސް.. ކަމޯން.. ޖަސްޓް ޗިލް.. އެދެމީހުން އަދި އަހަރެމެންނަށް ގުޅާނެޔޭ..” އަފާން ބުނެލިއެވެ. އަފާންގެ ބަސްތަކުން ނޭނގި ނަމަވެސް، ޒާރާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިގެން ދިޔައެވެ. “ޝުއަރ…” ޒާރާ ބުނީ ހަމައެކަނި އެހެންނެވެ. އެއާއެކު، އެ ދެމެދަށް ހަމަހިމޭންކަމުގެ ސުކޫތެއް ވެރިވިއެވެ. އެކަކަށްވެސް އެއްވެސް އެއްޗެކޭ ބުނަން ނުކެރިފައި ތިބީއެވެ. އެހެންޏާ އެކަކު އަނެކަކާއި ދިމާވެއްޖެއްޔާ އެކަކު އަނެކަކު ގަޔަށްބޮލަށް އަރާ ދެމީހުން މިއަދު އެ ތިބީ ފޯނު ކޯލެއްގައި ވާހަކަ ދައްކަން ނުކެރިފައެވެ. ތަޤުދީރުގެ ރޭވުން ހަމަ އެހާވެސް ކުޅަދާނައީއެވެ.
“ޒާރާ..” ކުއްލިއަކަށް އަފާންއަށް ޒާރާއަށް ގޮވައިލެވުނީ މިލާންގެ މެސެޖެއް ފޯނަށް އައުމުންނެވެ. “މިލާން މެސެޖުކޮށްފި..” އަފާން އެހެން ބުނުމާއި އެކީ ޒާރާއަށް ތެޅިގަނެވުނު ގޮތްވެސް ނޭނގުނެވެ. “ކީކޭ އޮތީ..؟” އަވަސްއަވަހަށް ޒާރާ އަހައިލުމާއެކު އަފާން އެ މެސެޖު ޒާރާއަށް އަޑު އިވޭ ވަރަށް ކިޔަން ފެށިއެވެ. “ސޮރީ.. ފޯނުން ޗާޖު ގޮސްގެން ނިވިފަ އޮތީމަ ފޯނު ނުނެގުނީ.. މިއަދު ހަވީރު ތިނެއް ޖަހާ އިރު ފުރަން.. ތަންކޮޅެއް އަވަހަށް ފުރަން މި އުޅެނީ އޮފީހުގަ ކުޑަ ކަމެއް ދިމާވެގެން.. މާދަމާރޭ ދިހައެއް ޖަހާ އިރު ތިކޮޅަށް ދެވޭނީ.. ގޮއްސަ ތި މީހުންގެ ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން.. އަފާން ކައެ ފްރީ ވިއްޔާ އެހާ އިރަށް އަހަރެން ބަލާ އެއަރޕޯޓަށް އައިސްދެއްޗޭ..” އަފާން އެ މެސެޖު ކިޔައި ނިންމާލިއެވެ. “ސީ.. މަ ބުނީމެއްނު ހުރިހާ ކަމެއްވެސް ރަނގަޅޭ..” އަފާން ބުނެލިއެވެ. “އައިމް ނޮޓް ޝުއަރ އަފާން.. އަހަންނަށް އަދިވެސް ހީވަނީ-‘ “ކަމޯން ޒާރާ.. ޖަސްޓް ޗިލް.. ނުވޭނު އެއްވެސް ގޮތެއް.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ..” އަފާން ދައްކަމުން ދިޔަ ވާހަކަތަކުން ޒާރާގެ ހިތަށް ފިނިކަން ހޯދައިދިނުމުގައި ކާމިޔާބު ކުރަމުން ދިޔައެވެ. އެ އަޑުގައިވީ އޯގާތެރިކަން ޒާރާއަށް ނޭނގި ނުދިޔައެވެ. “ޔާހ.. އިރާދަކުރެއްވިއްޔާ..” އެހެން ބުނުމަށްފަހު، ޒާރާ ފޯނު ކަނޑައިލީ އަފާންއަށް އެއްެވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. މާ ގިނަ ވަގުތު މިހެން އަފާންއާއި ވާހަކަ ދެއްކުމުގައި ހޭދަވެއްޖެ ނަމަ، ނަތީޖާ ރަނގަޅެއް ނުވާނޭކަން ޒާރާއަށް އެނގެއެވެ.
*** ** ***
އަފާންއަށް މެސެޖު ކުރުމަށްފަހު މިލާން އަނެއްކާވެސް ފޯނު ނިވައިލީއެވެ. އެއަށްފަހު، ކުޑަދޮރުން ބޭރަށް ބަލަން އިން މިލާންގެދެލޮލަށް އަނެއްކާވެސް ހޫނު ކަރުނަތައް ގިނަވާން ފެށިއެވެ. މިގޮތަށް އަފާންމެންނަށް ޙަޤީގަތް ފޮރުވައިގެން މާ ގިނަ ދުވަހު ނޫޅެވޭނެކަން މިލާންއަށް އެނގެއެވެ. ނަމަވެސް، އިހަށް މިލާން ބޭނުންވީ އަފާންއަށާއި ޒާރާއަށްވެސް ޙަޤީގަތް ސިއްރު ކުރާށެވެ. ފޯނުން ހުރިހާ ވާހަކައެއް ކިޔައިދިނުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. މިވަގުތުވެސް އޭނާ ވަނީ މީހެއްގެ އަޅާލުމާއި، އޯގާތެރިކަމަށް ނުހަނު ބޮޑަށް ބޭނުން ވެފައެވެ.
ފަސްއަހަރު ދުވަހު އެއްކޮށް އުޅުނު ލޯބިވެރިޔާ ބޭވަފާތެރި ވުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ ނަމަވެސް، މިއަދުވެސް އޭނާ ބޭނުންވަނީ ޔައިނާގެ އެ ކުށް ފޮރުވާށެވެ. އެހެން މީހުންގެ ކުރިމަތީގައި ޔައިނާގެ އެ ޙަޤީގަތް ނިއުޅުވާލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ޔައިނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޔައިނާ އޭނާއާއި ދޭތެރޭގައި ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރި ކަމުގައި ވީ ނަމަވެސްއެވެ. ޔައިނާ ދެކެ ނަފްރަތު ކުރަން ކިތަންމެ ބޭނުންވީ ނަމަވެސް، އެކަމެއްވެސް އޭނާއަކަށް ނުވެއެވެ. އޭނާއަށް ހަދާނެ ގޮތް ހުސްވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ދިރިއުޅުމުގައި ދާނޭ މިސޞްރާބެއް ނޭނގި، މަގު އޮޅިފައިވާ މުސާފިރަކަށް ވީ ފަދައެވެ. ދެމީހުން އެކީގައި ކަޑައްތު ކުރި ފަސް އަހަރު ދުވަހުގެ ލޯބީގެ ދަތުރު ކަފުންކޮށް ވަޅުލާން މި ޖެހުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ޔައިނާގެ ސަބަބުން އެ ހިތުގައި އެޅުނު ކޫރު ދުވަހަކުވެސް ފިލައިގެން ދާނެ ކަމެއް ނޭނގެއެވެ. އެ ނޫން މީހަކާއި ދިމާލަށް އެ ނަޒަރުން ބަލައިލެވޭނެ ހެންވެސް ހިޔެއް ނުވެއެވެ. ތަޤުދީރު އޭނައާއި މި ކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






This part is amazing ❤️when next part dear….. Can’t wait for next part❤️ keep it up ❤️
This part is amazing ❤️when next part dear❤️ keep it up
Keep it up ❤️ when next part dear 💕
In reply to @Aminath Ahushama Mueen
Aww thankiu so much darling 🖤.. Next part insha Allah Friday ga submit kohlaanan.. Keep waiting dear🖤🖤..