“ޔަލް.. އެބަ އަންނަން އިނގޭ ފާޚާނާއަށް ވަދެލާފަ.. ޖަސްޓް ގިވް މީ ފައިވް މިނެޓްސް..” ޔައިނާ ތެދުވެގެން ފާޚާނާއަށް ދިޔުމުން ޝިޔަލްއަށް އެދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “އޯހ ވަޓް ޑިޑް ޔޫ ތިންކް ޔައިނާ..؟ ޔައިނާ ހީކުރީ އަހަރެން އެހާ ފަސޭހައިން ޔައިނާ ދޫކޮށްލާނެ ކަމަށްތަ..؟ ނޯ ވޭ.. އަހަރެން ޔައިނާ ޙާސިލް ކުރާނަން.. އަހަރެން މީ މިހާތަނަށްވެސް ބޭނުން ކޮންމެ ކަމެއް ކޮށްފަ ނޫނީ ދޫކޮށްލާ މީހެއް ނޫން.. މިފަހަރުވެސް ވާނީ އެހެން.. ޔައިނާ ބަލައްޗޭ.. އަހަރެން ހުއްޓާލާނީ ޔައިނާ އަހަރެންގެ މީހަކަށް ހަދާފަ..” ޔައިނާ ދިޔަ ދިމާއަށް ބަލަން އިނދެގެން އެހެން ބުނެލި އިރު ޝިޔަލްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ.
ޝިޔަލްގެ ޙަޤީގީ މަޤްސަދަކީ ކޮބައިބާއެވެ؟ ޝިޔަލްގެ ސަބަބުން ޔައިނާއާއި މިލާންގެ ޙަޔާތަށް އަންނާނީ ކޮން ކަހަލަ ތޫފާނެއް ބާވައެވެ؟ އެ ދެމީހުން އަރައިގަންނަން ޖެހޭނީ ކޮންކަހަލަ އަޑިގުޑަންތަކަކުން ބާވައެވެ؟ ޔައިނާއާއި މިލާންއަށް ޝިޔަލްގެ ކިބައިން ސަލާމަތް ވެވިދާނެ ބާވައެވެ؟ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.
**ހަތަރު އަހަރު ފަސް**
ކެއަރލޫޕް ހޮސްޕިޓަލުގެ ދޮރުމައްޗަށް ހުއްޓުނު ކަޅު ކުލައިގެ ޕްރައިވެޓް ކާރަށް ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތް ޒުވާނާގެ ހައިބަތު ބޮޑުކަން ހާމަވެގެން ދިޔައެވެ. ބަލާބެލުމަށް އެ ޒުވާނާއަށް ވާނީ ފަންސަވީހަކަށް އަހަރެވެ. ހުދުކުލައިގެ ގަމީހެއްގެ މަތިން ކަޅު ކުލައިގެ ކޯޓުފަޓުލޫނު ލާފައި ހުރި އިރު ވަރަށް ހަރުދަނާ މީހެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ކަރުގައި އަޅާފައިވި ކަޅު ކުލައިގެ ޓައީއިންނާއި، ބޮލުގެ އިސްތަށިގަނޑު ޖެލްގެ އެހީގައި ތަރުތީބު ކަމާއި އެކު އޮމާންކޮށްލާފައި ވުމުން ވަރަށް ހިތްގައިމެވެ. ލޮލުގައި އޮތް ކަޅު ކުލައިގެ ރޭބަން އަވި އައިނު ނަގައި، އެ ޒުވާނާ ބާރަ ބުރީގެ އެ ބޮޑު ހޮސްޕިޓަލުގެ މަތިން ފެށިގެން ތިރިއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ.
ހޮސްޕިޓަލުގެ އެތެރެއަށް ވަދެގެން އައި އެ ޒުވާނާއަށް ދިޔައީ ގިނަ ބައެއްގެ ލޯތައް އަމާޒު ވަމުންނެވެ. ގިނަ އަންހެން ކުދިންތަކެއްގެ ލޯ އެ ޒުވާނާއަށް އަމާޒުވެފައި ވާ އިރު އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި މަޑުމަޑުން އެއްޗެހި ބުނެލާ މީހުންވެސް މަދެއް ނޫނެވެ. އެތައް އަންހެން ކުދީންތަކެއް އެ ޒުވާނާގެ ފިރިހެންވަންތަކަމުގެ ޖާދޫގައި ޖެހެމުން ދިޔަ ނަމަވެސް، އެއިން އެއްވެސް ކަމަކަށް އެ ޒުވާނާގެ ފަރުވާލެއް ނެތެވެ.
ފަޓުލޫނުގެ ދެޖީބަށް އަތް ޖަހައިލައިގެން ހިނގަމުން ދިޔަ އެ ޒުވާނާ ލިފްޓަށް އަރާފައި ފިތައިލީ އެންމެ މަތީ ބުރިއަށް ދިޔުމަށެވެ. އެ ބަޔަށް ދެވެނީ ތަޅުތަނޑި ޖަހައިގެން ކަމުން ޖީބުން ނެގި ތަޅުދަނޑި ލިފްޓުގެ ބާރަވަނަ ފިތުގެ ކައިރީގައި އިން ތަނަށް ލައްވައިލިއެވެ. އެއަށްފަހު، ހަމަޖެހިލީ އެންމެ މައްޗަށް ދެވެންދެންނެވެ. ލިފްޓުގެ ދޮރު ހުޅުވުމާއި އެކު އެ ޒުވާނާ ލިފްޓުން ނުކުތެވެ. އޭރު އެ ޒުވާނާގެ ފިޔަވަޅުތައް އަމާޒުވެފައި ހުރީ އެތަނުގައި ހުރި މައި އޮފީހާ ދިމާޢަށެވެ. އެހިސާބަށް ދެވުމުން އެ ޒުވާނާ އޮފީހުގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހައިލިއެވެ. ހުއްދަ ލިބުމާއި އެކު އެތެރެއަށް ވަނީ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހުއެވެ.
“ބައްޕާ…” އެ ޒުވާނާ ގޮވައިލީ އެ އޮފީގެ މަދުގައި ހުރި މޭޒުކައިރީގައި އިށީނދެގެން އިން މީހަކަށެވެ. އެއާއި އެކު އެ މީހާ ހިނިތުންވަމުން ގޮނޑިން ތެދުވިއެވެ. ބަލާބެލުމަށް އެމީހާއަށް ވާނީ ފަސްދޮޅަހަކަށް އަހަރެވެ. “އަނހަ ދަރިފުޅާ އަފާން.. އައީ ދޯ.. އަވަހަށް އާދޭ އެތެރެއަށް…” އެ ފިރިހެން މީހާ ހިނިތުންވެލަމުން އަފާންއަށް ގޮވައިލިއެވެ. އެއާއި އެކު އަފާންވެސް ހީލާފައި ގޮސް އޭނާގެ ބައްޕަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
“ލުކް އެޓް ޔޫ ދަރިފުޅާ.. ހާދަ ހަރުދަނާ ވެއްޖޭ ދަރިފުޅު.. ޔޫ ލުކް ސޯ ޕްރޮފެޝަނަލް ނައު.. ހީވަނީ އިއްޔެގަހެން ދަރިފުޅު ނެޕީގަނޑަކާއި އެކީ ބައްޕަގެ އަތުތެރޭގައި އޮތީ.. އިޓް ޖަސްޓް ފީލްސް ލައިކް ޔަސްޓަރޑޭ..” އަފާންގެ ބައްޕަ އާމިރުގެ ވާހަކައިން އަފާން ގާތަށްވެސް ހިނި އައެވެ. “ދެން ބައްޕާ.. އެކަހަލަ އެއްޗެހި ނުކިޔާތި އަނެއްކާ މީހުން ތިއްބާ..” އަފާން އޭނާގެ ފިރިހެންވަންތަ ބަރު އަޑުން ބުނެލި އިރު، އަކްމަލްއަށް ހިނިގަނޑެއް ޖަހައިލެވުނެވެ.
“އަހަހަ.. އެންމެ ރަނގަޅު.. އެކަމަކުވެސް ބައްޕަ ވަރަށް އުފާވޭ ދަރިފުޅު މިކަމާއި ޙަވާލުވީމަ.. ދަރިފުޅުގެ ދޮންބެވެސް ކުރިޔަށް ދާން ބޭނުންވީ ކުޅިވަރުގެ ދާއިރާއިން.. އަނެއްކޮޅުން ކޮއްކޮ ބޭނުންވަނީ ޑޮކްޓަރަކަށް ވާން.. އެކަންވެސް ވެއްޖެއްޔާ ކޮއްކޮއަށް މިތަނުން ވަޒީފާ ލިބޭނެ.. ދެން މި ބިޒްނަސް އެންޑް މެނޭޖްމެންޓްގެ ދާއިރާއަށް ޝައުޤު ހުރީ ހަމައެކަނި ދަރިފުޅު.. އެހެންވީމަ ބައްޕަަށް އެހާ ފަސޭހައިން ދަރިފުޅާ މިކަން މި ޙަވާލު ކުރެވުނީ..” އަކްމަލް ބުނެލީ އަފާންގެ ދޮށްޓަށް ހުންނަ އިރުފާންއާއި، ހަގަށް ހުންނަ އައްފާންގެ ވާހަކައެވެ.
“އަޅުގަނޑުމެން ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ބައްޕަ ހުރަސް ނާޅާނެކަން އަޅުގަނޑުމެން ތިން ބެއިންނަށްވެސް އިނގޭ.. އެކަމާ އަޅުގަނޑުމެން ވަރަށް އުފާ ކުރަން.. އެހެންނޫނަސް މިއީ އަޅުގަނޑުގެ އުއްމީދު.. މި ހޮސްޕިޓަލުގެ ސީއީއޯގެ މަޤާމަކީ އަބަދުވެސް އަޅުގަނޑު ހުންނަން ބޭނުންވި މަޤާމެއް.. އެހެންވީމަ މި ފުރުސަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ހުރިހާ ޝުކުރެއް ޙައްޤު ވަނީ ޙަޤީގަތުގައި ބައްޕައަށް.. ޝުކުރިއްޔާ ބައްޕާ..” އަފާން ހިނިތުންވެލަމުން ބުނި ވާހަކައިން އަކްމަލްއަށްވެސް ހިނިތުންވެވުނެވެ. މި ހޮސްޕިޓަލުގެ ހުރިހާ ކަމެއް އަފާންގެ އަތްމައްޗަށް ދޫކޮށްލަން އޭނާއަށް ފަސޭހަވިއެވެ.
“ބައްޕަ މި ހޮސްޕިޓަލުގެ ހުރިހާ ކަމެއްވެސް ދަރިފުޅާ ހަވާލުކުރަން މި ނިންމީ ވަރަށް ވިސްނާފަ.. ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން.. ދަރިފުޅަށްވެސް އެނގޭނެ މި ހޮސްޕިޓަލަކީ ވަރަށް ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ތަނެއްކަން.. އެހެންވީމަ ބައްޕަ އުއްމީދު ކުރަން ބައްޕަ ނުރުހޭފަދަ ކަމެއް ދަރިފުޅު ނުކުރާނެ ކަމަށް..” އަކްމަލް ބުނެލިއެވެ. “އަޅުގަނޑު ޔަޤީންކަން ދެން ބައްޕާ.. ﷲ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ ފަރާތުން ބައްޕައަށް ފެންނާނީ ހުސްވެސް ބައްޕަ ބޭނުންވާ ސިފަތައް.. ބައްޕަ ހިތްހަމަ ނުޖެހޭ ކަމެއް ދުވަހަކުވެސް އަޅުގަނޑުގެ ފަރާތުން ނުފެންނާނެ ކަމުގެ ޔަޤީންކަން ދެން..” އަފާންގެ ވާހަކަތަކުން އަކްމަލް އިނީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ދަރިފުޅުގެ ހުރި ހަރުދަނާ ކަމަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ.
“އެހެންވީމަ ހަމަ މިއަދު ބައްޕަ ލިޔެކިޔުންތައް ހަމަޖައްސާނަން.. އެންމެ ރަނގަޅެއްނު..؟” އަކްމަލްގެ ސުވާލަށް އަފާން ހިނިތުންވެފައި ބޯ ޖަހައިލިއެވެ. “އަދި އެއް ވާހަކަ.. ދަރިފުޅު މި ހޮސްޕިޓަލާ ޙަވާލުވާ ވާހަކަ ހޮސްޕިޓަލުގެ ހުރިހާ ޑިޕާރޓްމެންޓެއްގެ ފަރާތްތަކަށް ރަސްމީކޮށް އެންގުމަށް މާދަމާ މީޓިންއެއް ބާއްވާނަން.. އެ މީޓިންގައި ދަރިފުޅު ބައިވެރި ވުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް. އަދި ދަރިފުޅު ހޮސްޕިޓަލާ ޙަވާލު ވުމުގެ އުފަލުގައި ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތައް ޝާމިލްވާހެން ރަސްމިއްޔާތެއް ބާއްވަން ބައްޕަ ބޭނުން..” އަކްމަލް އޭނާގެ އެދުން ފާޅުކޮށްލިއެވެ. “ލައްބަ.. ބައްޕަ ބޭނުން ގޮތެއް.. މީޓިން އޮންނަ ގަޑި އަޅުގަނޑަށް އަންގާލާ..” އަފާން ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު.. އެހެންވީމަ މިއަދު ހިނގާ ހޮސްޕިޓަލްތެރެ ކުޑަކޮށް ބަލައިލަން.. ކޮންމެ ހަފްތާއަކުވެސް މަދުވެގެން އެއްފަހަރު ބައްޕަ އަމިއްލައަށް ގޮސް ހޮސްޕިޓަލުގެ ހުރިހާ ކަމެއް ދަނީ ރަނގަޅަށްތޯ ޗެކް ކުރަން.. އެކަން ދަރިފުޅުވެސް ވާނެ ކުރަން..” އެފަދަ އެކި ވާހަކަތަކުގައި ތިބެ ދެބަފައިން އޮފީހުން ނުކުމެ، މިސްރާބު ޖެހީ ތިރިއަށް ދިޔުމަށެވެ.
އަކްމަލްއާއި އެކީގައި ހިނގަމުން ދިޔަ އަފާންގެ ކަޅި ދިޔައީ އެކި ދިމަދިމާލަށް ދަތުރު ކުރަމުންނެވެ. ހޮސްޕިޓަލުގެ ހުރިހާ ކަމެއް އަކްމަލް ކިޔައިދެމުން ދިޔަ އިރު އެ ވާހަކަތައްވެސް ކަނުލާ އަޑުއަހަމުން ދިޔަ އަފާންއަށް ވަށައިގެންވީ މާޙައުލުގައި ހިނގާ އެހެން އެއްވެސް ކަމެއް ނޭނގޭނެކަން ގައިމެވެ. ނާރުގެ ޚާއްސަ ޑޮކްޓަރުގެ ކޮޓަރިން ނުކުމެގެން އެދިމާލަށް އައި އަންހެން ކުއްޖާ އަފާންގެ ލޮލުގައި އަޅައިނުގަތީ އެހެންވެގެންނެވެ. ހޮސްޕިޓަލުގެ މައިގަނޑު ކުލަ ކަމުގައިވާ ފެހި ކުލައިގެ ނަރުސް ޔުނީފޯމެއްގައި ހުރި އެ ނަރުސް ކުއްޖާގެ އަތުގައި ޕޭޝަންޓުންގެ ރިޕޯޓުތައް ލިޔެވިފައި ހުރި ފައިލްތަކެއް ހުއްޓެވެ. އެ އަންހެން ކުއްޖާވެސް އެތަނުން ފައިލެއް ހުޅުވައިގެން ކިޔަމުން ދިޔަ އިރު އެތަނުގައި ހިނގާ އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އެ ރިޕޯޓަށް ގެއްލި ހުސްވެފައެވެ.
އެ ރިޕޯޓު ކިޔަމުން ފުދޭވަރަކަށް ބާރު ހިނގުމެއްގައި އައި ނަރުސް ކުއްޖާއަށް ކުރިމަތިން އަންނަމުން ދިޔަ އަކްމަލްއާއި އަފާންއެއް ނުފެނުނެވެ. އެދިމާލަށް ހިނގަމުން ގޮސް އެންމެ ފަހުން އެ ފައިލުން ނަޒަރު ވަކިކޮށްލަން ޖެހުނީ މީޙެއްގެ ގައިގައި ވަރަށް ބާރަށް ޖެހިފައި ވެއްޓެން ދިޔުމުންނެވެ. ވެއްޓުމާއި އެކު ވާނެ ތަދު ހިތަށް އަރުވައިލެވުމުން އެ އަންހެން ކުއްޖާއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އަތުގައި ހުރި ފައިލްތައް ބިންމައްޗަށް ވެރުނު އިރު ދެ ތުންފަތް ޖައްސާ ބާރުކޮށްލެވުނީ ހަޅޭއްލަވައިގަނެވިދާނެތީއެވެ.
ކުރިމަތިން އައި ކުއްޖަކު އޭނާގެ ގައިގައި ވަރަށް ބާރަށް ޖެހުމުން އަފާން ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް، ހުއްޓުން އަރާފައި ހުރުމުގެ ބަދަލުގައި އެ އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ ކުއްޖާގެ އުނަގަނޑުގައި ހިފަހައްޓާ ގަޔާ ކައިރިއަށް ދަމާލެވުނީ، އެ ކުއްޖާ ވެއްޓުނަ ނުދޭން ވެގެންނެވެ. އެ އަންހެން ކުއްޖާގެ މޫނު އަފާންއަށް ފެނުނީ ދެނެވެ. އެއާއި އެކު އަފާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
އާއެކެވެ. އެއީ ހަމަ އެ މޫނެވެ. މީގެ އަހަރުތަކެއް ކުރިން، އަދި މިހާރުވެސް އެ ސޫރައެއް ދެކިލުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް އަފާން ވެދާނެ ސޫރައެވެ. ހަމަ އެ އޮމާން މޫނެވެ. އެ ހިތިފަތު ބުމައެވެ. އެ ކުޑަކުޑަ ލޯބިލޯބި ނޭފަތެވެ. ތުނި ތުންފަތެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އޮތުމުން އެ ކަޅުކަން ގަދަ ކަޅުކުލައިގެ އަސަރުގަދަ ކަޅި ފެނުމުގެ ނަސީބު ނުލިބުނު ކަމުގައި ވިޔަސް، އެ ރީތި އެސްފިޔަތަކުގެ ދިގުކަމާއި ވަރުގަދަކަން ނުހަނު ކައިރިން ދެކިލުމުގެ ނަސީބު ލިބުނެވެ. “ޒާރާ…” ވައި އަޑުން އެ ނަން ކިޔައިލެވުނު އިރު އަފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކާ ނުލައެވެ. ފަސް އަހަރު ފަހުން މިހާ ގާތުން، މިފަދަ ގޮތަކަށް އެ ހިތުގެ މަލިކާގެ ސޫރަ ދެކިލުމުގެ ނަސީބު މި އޮތީ ލިބިފައެވެ. ހިތާހިތުން ﷲއަށް ޙަމްދުކޮށްލެވުނު އިރު، މި ވަގުތުކޮޅު މުޅި ޢުމުރަށްވެސް ދެމިގެން ދާނެ ނަމައޭ އަފާންގެ ހިތަށް އެރިއެވެ.
ދެލޯ މަރާ، ބާރުކޮށްގެން އޮތް ޒާރާގެ ހިތުގެ ތެޅުން މަޑުވީ ބާރުގަދަ ދެއަތަކުން މީހަކު އޭނާގެ އުނަގަނޑުގައި ހިފަހައްޓާ، ދަމާލުމުންނެވެ. ނަމަވެސް، ދެންވެސް ދެލޯ މަރާލައިގެން ޒާރާއަށް އޮވެވުނީ ކުރެވެމުން ދިޔަ އާދަޔާޚިލާފު އިޙުސާސަކުންނެވެ. ރައްކާތެރިކަން އިޙުސާސް ކުރެވެމުން ދިޔަ އިރު، އެ އަތުގެ ތެރެއިން ދުވަހަކުވެސް ނުކުންނަން ބޭނުން ނުވާ ފަދަ އިޙުސާސެއް ކުރެވެމުން ދިޔައެވެ. “ޒާރާ…” ވައި އަޑުން މީހަކު އޭނާގެ ނަން ކިޔައިލުމުން ޒާރާއަށް ދެލޯ ހުޅުވައިލެވުނެވެ. އެ ބަރު، ފިރިހެންވަންތަ އަޑުން އޭނާގެ ނަން ކިޔައިލުމާއި އެކު، ޒާރާގެ ގައިގައި ވާހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ލޯ ހުޅުވައިލެވުމާއި އެކު ފެނުނު އަފާންގެ ހިތްގައިމު ސޫރައިން ޒާރާއަށް ކަޅި ޖަހައިނުލައި އަފާންއާއި ދިމާއަށް ބެލެމުން ދިޔައެވެ. އަފާންގެ ކައިރީގައި ދޫކޮށްލުމަށް ބުނަން ބޭނުންވި ނަމަވެސް، އެކަން ކާމިޔާބު ނުވީ، އަފާންގެ އެ ކަޅުކަން ގަދަ ކަޅީގެ ތެރެއަށް ހިނދުކޮޅެއްގެ ތެރޭގައި ޒާރާއަށް ފީނައިގަނެވުމުންނެވެ. އަފާންއަށްވެސް ޒާރާގެ ދެލޮލަށް ގެއްލިފައި ހުރެވުނީ އެ ފުން ކަނޑެއް ފަދަ އަސަރުގަދަ ދެލޮލުގެ ތެރެއިން އެއްޗެއް ހޯދަން އުޅޭ ފަދައަކުންނެވެ.
“އެެހެމް އެހެމް..” އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި އަފާންއާއި ޒާރާއަށް ސިހުން ލިބުނީ އަކްމަލް ކަރުކެހިލުމުންނެވެ. އެއާއިއެކު ޒާރާ އަވަސްއަވަހަށް ހަށިގަނޑު ބެލެންސްކޮށްލުމަށް ފަހު އަފާންގެ މޭގައި އަޅައި ކޮއްޕައިލިއެވެ. ޒާރާ ކޮއްޕައިލުމުން އަފާން ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ހަށިގަނޑު ބެލެންސް ކުރުމަށް އަފާންއަށް ދެތިން ފިޔަވަޅު ފަހަތަށް އެޅުނެވެ. އެއާއިއެކު، ކުޑަ ވަރެއްގެ ހައިރާންކަމަކާއި އެކު، ޒާރާއާއި ދިމާއަށް ބަލައިލެވުނީ ޒާރާ އެފަދަ ޙަރަކާތެއް ކޮށްފާނެކަން ޤަބޫލުވެސް ނުކުރެވޭތީއެވެ. އަފާން ބަލަން ހުރުމުން ޒާރާ އަވަސްއަވަހަށް ތިރިވެލާ، ބިންމަތީގައި ހުރި ފައިލްތައް ނަގަން އަވަސްވެގަތެވެ. އެއާއެކު، އަފާންވެސް ކުރިޔަށް ޖެހިލާ، ޒާރާއާ އެއްވަރަށް ތިރިވެ، ފައިލްތައް ނެގުމަށް ޒާރާއަށް އެހީވެދިނެވެ. “އަހަރެން ކޮއްޕާލިކަމަށްޓަކައި އަދަބު އަދި އޮންނާނެ..” އަކްމަލްއަށްވެސް އަޑު ނީވޭ ވަރަށް އަފާން ޒާރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަފާންގެ އެ ބަރު އަޑު އެހާ ކައިރިން އިވުމުން ޒާރާގެ ހިތުގެ ތެޅުން ބާރުވިއެވެ. އެ އަޑުގައި އެކުލެވިފައިވީ އިންޒާރުގެ ރާގު ޒާރާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ. ނަމަވެސް، އަފާންގެ މޫނަށް ބަލައިލުމެއްވެސް ނެތި ޒާރާ އަފާންގެ އަތުގައި ހުރި ފައިލްތައް އަތުލިއެވެ. އަދި އަވަސްއަވަހަށް ތެދުވެ، ކައިރީގައި ހުރި އަކްމަލްއަށް ބަލައިލިއެވެ.
“ގުޑް މޯނިން ސަރ..” ލުއި ހިނިތުންވުމަކާއި އެކު ޒާރާ އަކްމަލްއަށް ހެނދުނުގެ ތަހުނިޔާ ކިޔައިލި އިރު، އެ އަޑުގައިވީ އިޙްތިރާމެވެ. “މޯނިން ޒާރާ.. ބުރަ ދުވަހެއް ދޯ.. ހުރިހާ ކަމެއްވެސް ރަނގަޅުތަ..؟” އަކްމަލްވެސް ހިނިތުންވެލާ، ޒާރާއާއި ވާހަކަ ދެއްކިއެވެ. މުވައްޒަފުންނާއި އެކީ ރަނގަޅު ގުޅުމެއް ބިނާކުރުމަކީ އަބަދުވެސް އަކްމަލް އެންމެ އިސްކަން ދީގެން ކުރާ އެއް ކަމެވެ. އަދި ޚާއްސަކޮށް ޒާރާއަކީ އޭނާގެ ރަށު ކުއްޖަކަށް ވާ އިރު، އެ ގުޅުން އިތުރަށް ވަރުގަދައެވެ. “އާދެ ހުރިހާ ކަމެއްވެސް ހަމަ ބަރާބަރު.. އަޅުގަނޑު މިހާރު މި ދަނީ މި ރިޕޯޓުތައް ޕޭޝަންޓުންނާ ޙަވާލުކުރުމުގެ މަސައްކަތް ކުރަން..” އަފާންއާއި ދިމާލަށް ބަލައިވެސް ނުލައި، ޒާރާ ވާހަކަ ދެއްކިއެވެ. “އެހެންތަ..؟ އެހެންވީރު ލަސްކުރާނެ ކަމެއް ނެތް.. އަވަހަށް ދޭ..” އަކްމަލް ބުނެލީ ހިތްހެޔޮކަމާއި އެކީއެވެ. މަސައްކަތަށް ކިތަންމެ އައު ވީ ނަމަވެސް، ޒާރާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން ފެނިފައި އަކްމަލް އުފާވިއެވެ. އަކްމަލްގެ ހުއްދަ ލިބުމުން ޒާރާ އަވަސް ހިނގުމެއްގައި ދިޔައީ އަވަހަށް އަފާންގެ ކުރިމަތިން ދާން ބޭނުންވެފައި ހުރި ވަރުންނެވެ.
“ބައްޕާ.. ޒާރާ މަސައްކަތް ކުރަނީ މިތަނުގައިތަ..؟” ޒާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ، އަފާން އެއްސެވެ. “ހޫމް.. އަދި އެންމެ ދެމަސް މި ވަނީ.. އެކަމަކުވެސް މަސައްކަތަށް ވަރަށް ފަރުވާތެރި..” އަކްމަލް ބުނެލިއެވެ. އަކްމަލްގެ ދުލުން ޒާރާއަށް ތަޢުރީފު ކުރި އަޑު އިވިފައި އަފާންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “އެހެންތަ..؟” އަފާންއަށް ބުނެވުނީ އެހެންނެވެ. “ހޫމް.. ދަރިފުޅަކަށް ނޭނގޭތަ..؟ ބައްޕަ ހީކުރީ ތި ކުދިން އުޅޭލެއް އެކުވެރިކަމުން ހުރިހާ ވާހަކައެއްވެސް ހިއްސާ ކުރާކަމަށް..” އަކްމަލް އެހެން ބުނެލީ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އަފާންއާއި ޒާރާގެ މެދުގައި ވީ އެއްވެސް ކަމެއް ނޭނގޭ ޙާލުގައެވެ. “މިހާރު އޭރުހާ އެކުވެރިއެއް ނޫނޭ..” އަފާންގެ ތުންފަތުގައި ކުޅެލީ ހިތި ހިނިތުންވުމެކެވެ. މިކަން އަކްމަލްއަށް ސިއްރު ނުވެއެއް ނުދިޔައެވެ. އަފާންއާއި ޒާރާގެ މެދުގައި ކޮންމެވެސް ހަމަނުޖެހުމެއް ހިނގައިފި ކަން އޭނާއަށް އެނގުނެވެ. ދެންމެގައި އަފާންއާއި ޒާރާގެ ދެމެދުގައި ހިނގި ކުޑަ ހާދިސާއަށްފަހު، އެކަން މާ ބޮޑަށްވެސް އެނގި، ހާމަވެއްޖެއެވެ. ނަމަވެސް، މިވަގުތު އެ ވާހަކަ ނުދައްކަން ނިންމައިގެން ހުރީ ވަގުތާއި ޙާލަތުގެ ގޮތުންނެވެ. އެހެންނޫނަސް، ދަރީންގެ ދިރުއުޅުމަކީ އޭނާ އެއް އިރެއްގައިވެސް ކުޅޭނޭ އެއްޗެއް ނޫނެވެ. އެކުދިންގެ ކަންތައްތަކާ ޙަވާލުވެ، ޒިންމާ ނަގާނީ އެކުދިން އަމިއްލައަށެވެ.
*** ** ***
ޕޭޝަންޓުންގެ ރިޕޯޓުތައް ޙަވާލު ކުރަން ޖެހޭ ޑޮކްޓަރުންނާއި ޙަވާލު ކުރުމަށްފަހު، ޒާރާ ގޮސް ވަނީ ސްޓާފުންނަށް ޚާއްސަކުރެވިފައިވީ ވޮޝްރޫމަށެވެ. އެވަގުތު އެހިސާބުގައި އެއްވެސް މީހަކު ނެތްކަމީ ހަމަ އޭނާގެ ނަސީބެވެ. ވޮޝްރޫމަށް ވަދެވުމާއި އެކު ޒާރާ ދޮރުގައި ލެނގިލައި، ހިތާވީ ދިމާލުގައި އަތް އަޅައިލިއެވެ. އަފާންއާއި އޭނައާ ދޭތެރޭގައި ދެންމެހާ އިރަކު ހިނގި “އެކްސިޑެންޓު”ގެ މަތިން ހަނާންވުމާއި އެކު ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނެވެ. ގާތްގަނދަކަށް ފަސް އަހަރު ފަހުން އޭނާއަށް އަފާން ފެނުނު އިރު އަފާންއަށް އައިއްސްފައި ހުރި ބަދަލުތަކާއި ދޭތެރޭ ވިސްނައިލެވުނެވެ. ކޯޓުފަޓުލޫނުގައި ހުރި އިރު އަފާން ހާދަ ރީއްޗޭ ޒާރާގެ ހިތަށް އެރިއެވެ. ކުރިޔަށްވުރެ ބޯކޮށް ފަޅާފައިވި ތުނބުޅިންނާއި، ކުރުކޮށް ކޮށާލާފައި އޮތް އިސްތަށިކޮޅުން އިހަށްވުރެ ހަރުދަނާ ކަމަށް ދައްކައެވެ. ދެންމެ އަފާންގެ އަތުތެރޭގައި އޮވެވުނު ހަނދާން ވުމުން ޒާރާގެ ކޯތާފަތް ރަތްވެގެން ދިޔަ އިރު، ދެ އަތަށް ޔުނީފޯމު ބޮނޑިކޮށްލެވުނެވެ.
“އަފާން މިތާ ކީއްކުރަނީބާ..؟” ޒާރާއަށް ހިތާހިތާ ސުވާލު ކުރެވުނެވެ. މިއީ އަފާންގެ ބައްޕަގެ ހޮސްޕިޓަލެއްކަން އެނގުނު ނަމަވެސް، މިވީހާތަނަށް އަފާން މިތަނުްގެ އެތެރެއިން އޭނާއެއް ނުދެކެއެވެ. ހަމައެކަނި ހޮސްޕިޓަލަށް ޒިޔާރާތްކޮށްލީކަމުގައި ނިންމެންވެސް ނެތީ އަފާން އެހާ ރަސްމީކޮށް ހުރުމުންނެވެ. އަނެއްކާ އަފާން މިތަނުގައި މަސައްކަތް ކުރަނީބާވައޭ ޒާރާގެ ހިތަށް އެރިއެވެ. ނަމަވެސް، އެހެންވެސް ވާނީ ކިހިނަކުން ހެއްޔެވެ؟ އަފާން ކިޔެވީ ބިޒްނެސް މެނޭޖްމެންޓެވެ. ވީއިރު، ސިއްޙީ ދާއިރާގައި އޭނާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަނެއްކާ އަފާން މި ހޮސްޕިޓަލުގެ މެނޭޖްމެންޓުގެ ދާއިރާއާ ގުޅެން ނިންމީބާވައެވެ؟ އެހެންވެސް ވެދާނެއެވެ. މިފަދަ އެތައް ޚިޔާލުތަކެއް ޒާރާގެ ބޮލުގެތެރޭގައި އެނބުރެމުން ދިޔައެވެ. ނަމަވެސް، ހިތާހިތުން ދުޢާ ކޮށްލެވުނީ އަފާން މި ހޮސްޕިޓަލުގައި މަސައްކަތް ކުރަން ނުފައްޓާތޯއެވެ. އެހެންކަމަށް ވެއްޖެ ނަމަ، ކޮންމެ ދުވަހަކުވެސް އޭނާއަށް އަފާން ފެނުމުގެ ފުރުސަތު ބޮޑެވެ. އަފާން ނުފެނި، އަފާންގެ މަތިން ހަނދާން ނައްތާލުމަށް ފަސް އަަރު ހޭދަވީ އިރުވެސް އެކަން ކާމިޔާބެއް ނުވިއެވެ. ވީ އިރު، ކޮންމެ ދުވަހަކުހެން އަފާން އޭނާއަށް ފެންނާނެ ނަމަ، އަދި ކިހާ ވަރެއް ވާނެ ބާވައެވެ؟ “ޑޭމިޓް..” ޒިންކުގައި އަތުން ޖަހައިލަމުން ޒާރާ ބުނެލިއެވެ. މޫނު ދޮވެލުމަށްފަހު، ކުޑަކޮށް ތާޒާވެލައިގެން ޒާރާ ވޮޝްރޫމުންނުކުތީ ސިކުނޑިއަށް ބާރު ކުރަމުންދާ ޚިޔާލުތަކުގެ ސަބަބުން އޭނާގެ މަސައްކަތަށް ފަރުވާކުޑަ ވާން ބޭނުން ނުވާތީއެވެ.
*** ** ***
ހިތްފަސޭހަ ސަރަައްދެކެވެ. ވަށައިގެން ފެންނަނީ ޤުދުރަތުގެ ނަލަކަމާއި، ފެހި ކަމެވެ. ހަނދުވަރުގެ އަލިކަން މުޅި ސަރަޙައްަށް ފެތުރިފައިވާ އިރު، ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ. ރޭގަނޑުގެ ވަގުތު ކަމުން މާ ގިނަ ބަޔަކު ފެންނާކަށް ނެތެވެ. އެކަހެރި ހިސާބުތަކުން ލޯބިވެރީން މާފޮޅުވާ މަންޒަރު ފެންނަމުން ދިޔައެވެ. ތުއްތު ކުދިން ގޮވައިގެން މީހުން އެތަނުގައި އެވަގުތު ނޫޅެނީވެސް އެފަދަ މަންޒަރުތައް ފެންނާތީ ކަމަށް ވެދާނެއެވެ. މާލޭގައި އެންމެ ފަހުން ހުޅުވި “ރޯޝަން ޕާކު” ލޯބިވެރީންގެ ޖަގަހައިގެ ނަމުން މަޝްހޫރުވެފައިވަނީ އެހެންވެކަމަށްވެސް ވެދާނެއެވެ.
އެ ޕާކުގެ އެންމެ އެތެރޭގެ ހިސާބެއްގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އިން ޒުވާނާއަށް އެވަގުތު އެހިސާބުން ދަމުން ދިޔަ މަދު ބައެއްގެ ނަޒަރުވެސް ދިޔައީ ހުއްޓެމުންނެވެ. އެހެން ނުވާންވީވެސް ކީއްވެހެއްޔެވެ؟ ދިގު އިސްކޮޅަކާއި، ކަސްރަތީ ހަށިގަނޑެއް ލިބިފައިވި އެފަދަ ޒުވާނަކަށް ހިތް ނުކިޔާނީ ފަހެ ކާކު ހެއްޔެވެ؟ ހުދުކުލައިގެ ޓީޝާޓަކާއި އެކީ ކަޅު ކުލައިގެ ޖިންސެއްގައި އިން އިރު، ޓީޝާޓުގެ މަތިން މަޑު މުށިކުލައެއްގެ ޖެކެޓެއް ލާފައި އިނީ ފިނިން ސަލާމަތް ވުމަށް ހެން ހީވެއެވެ. ބޮލުގެ އިސްތަށިތައް އެއްވެސް ތަރުތީބެއް ނެތި ހޭވިފައިވާ އިރު، ކަރުގައި އަޅާފައިވާ ކަޅު ކުލައިގެ ފަށު ފުލުގައި ދޫނި ފިޔަގަނޑެއްގެ ބައްޓަމަށްވާ ރިހި ކުލައިގެ ފުލެއް އިނެވެ. ކިތަންމެ ގިނަ ބައެއްގެ ލޯތައް އެ ޒުވާނާއަށް އަމާޒުވަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވީ ހަމައެކަނި އަތުގައި އޮތް ފޯނަށެވެ.
ފޯނުން ފެންނަމުން ދިޔަ ފޮޓޯގަނޑަށް ބަލަހައްޓައިގެން މިލާން އިން އިރު، އެ ދެލޮލުގައިވީ ބަޔާން ކުރަން ދަތި އަސަރު ތަކެކެވެ. ހީވާ ގޮތުންއޭނާ ބަލަން ބޭނުން ނުވާ، ނުވަތަ ހިތްހަމަ ނުޖެހުން ގެނުވި ފޮޓޮއަކަށް އެ ފޮޓޯ ވީއެވެ. “ޔައިނާ…” މަޑުމަޑުން އެނަން ކިޔައިލެވުނު އިރު، މިލާންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. އަނެއްކާވެސް އެ ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް އިތުރު ވެއްޖެއެވެ. އެގޮތުގައި އޭނާ އިންދާ އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. ހަމަ އެ ނަމްބަރުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެ މެސެޖު ހުޅުވައިލީ ފެނިދާނެ މަންޒަރަކަށް ކެތް ކުރުން ނޫން ގޮތެއް ނެތް ކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.
އެ މެސެޖު ހުޅުވައިލި މިލާންގެ ދެލޯ އަނެއްކާވެސް ތެމިގެން ދިޔައީ ފެނުނު ފޮޓޮއަކުންނެވެ. ފިރިހެނެއްގެ އަތުތެރޭގައި އެ އޮތީ އޭނާގެ ހިތުގެ ރާނީ ނޫން އެހެން ފަރާތެއް ނޫނެވެ. އެ ފޮޓޯގައި އެހެންޏާ ނުފެންނަ ފަދަ ހިނިތުންވުމަކާއި، އުފާވެރި ކަމެއް ޔައިނާގެ މޫނުމަތިން ފެންނަން ހުރިކަން މިލާންއަށް ފާހަގަ ކުރެވުނެވެ. ދެން މިލާން މެސެޖުތައް ސްކްރޯލް ކޮށްލިއެވެ. އެއާއެކު، މިދިޔަ ދެމަސް ދުވަހުގެ މަތިން އެމީހާ ފޮނުވާފައި އިން ހަ ފޮޓޯ މިލާން ޖެހުނީ އަނެއްކާވެސް ބަލާށެވެ. ފުރަތަމަ ފޮޓޯގައި ޔައިނާއާއި އެމީހަކާއި މޭޒެއްގެ ދޮށުގައި ނަގާފައި އިން ފޮޓޯ އިނެވެ. އެ ފޮޓޮއިންވެސް ފާހަގަވީ ކަމަކީ އެ ފިރިހެން މީހާގެ އަތުގައި ޔައިނާ ހިފަހައްޓައިގެން އިން ތަނެވެ. ދެވަނަ ފޮޓޮއިން ފެނުނީ ޔައިނާ އެމީހަކަށް އައިސްކްރީމް ދޭ ތަނެވެ. ތިންވަނަ ފޮޓޯގައި ޔައިނާ އެމީހެއްގެ ކޮނޑުގައި އަތް ބާއްވާލައިގެން އިނެވެ. ހަތަރުވަނަ ފޮޓޯގައި ޔައިނާ އެމީހެއްގެ އަތުގައި ހިފާލައިގެން ހިނގާ ތަން ފެނުނެވެ. ފަސްވަނަ ފޮޓޯއިންނާއި، ހަވަނަ ފޮޓޯއިން ފެނުނީ ޔައިނާ އެމީހެއްގެ ގައިގައި ބައްދާލައިގެން ހުރި ތަނެވެ. “ޝީ އިޒް ޗީޓިން އޮން ޔޫ.. ތި ވަރަށް މީހަކަށް އިތުބާރު ކުރާކަށް ނުވާނެ.. މިއީ މިލާންއަށް ހެޔޮ އެދޭ ފަރާތެއް ކަމަށް ހީކޮށްލާ..” އެ ފޮޓޯގެ ތިރީގައި އޮތް މެސެޖު ކިޔައިލެވުމާއި އެކު، އެކު މިލާންއަށް ފޯނު ނިވައިލެވުނީ އިތުރަށް ބަލަން ކުޅަދާނަ ނުވުމުންނެވެ.
“ޔައިނާ.. މިއީ ހަމަ ޙަޤީގަތެއްތަ..؟ މި ފޮޓޯތައް ފެނުމަށްފަހުވެސް އަހަރެން ޔައިނާއަށް އިތުބާރު ކުރިން.. އެކަމަކު މިހާރު އަހަންނަށްވެސް އެބަ އުނދަގޫވޭ..” ހިތާހިތުން މިލާންއަށް ޝަކުވާ ކޮށްލެވުނެވެ. “އަބަދުވެސް ހަނދާން ކުރައްޗޭ.. އިތުބާރަކީ ގުޅުމެއްގެ ބިންގާ.. އެ ނެތިއްޖެ ނަމަ އެ ގުޅުމެއް ހީނަރުވާކަށް އިރުތަކެއް ނުނަގާނެ.. ފެންނަހާ މަންޒަރުތަކާއި އިވޭހާ އަޑުތަކެއް ޤަބޫލު ކުރަން ވެއްޖެ ނަމަ އެ ގުޅުން ހީނަރުވާކަށް އިރުތަކެއް ނުނަގާނެ..” އެވަގުތު މިލާންގެ ކަންފަތް ދޮށުގައި ގުގުމައިލީ މީގެ ހަތަރު އަހަރު ކުރީން ހެޔޮއެދޭ ފަރާތަކުން އޭނާއަށް ދިން ނަސޭޙަތުގެ ބަސްކޮޅެވެ. މި ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކުވެސް އޭނާ ހިތްހަމަ ޖައްސައިލަނީ އެ ބަސްތަކުގެ މަތިން ހަނދާން ކޮށްލަމުންނެވެ. ނަމަވެސް، ދެން އޭނާއަށް އިތުރަށް ކެތް ކުރެވިދާނެ ބާވައެވެ؟
“ރިލޭކްސް މިލާން.. ދެ ރަހުމަތްތެރިންވެސް ބައްދާލަފާނެއްނު.. މިލާންވެސް ލައުރާއާއި އެކީގައި އުޅެނީ އެހެންނެއްނު..” އެތަކެއް ވާހަކައެއް ދައްކައިގެން މިލާން ބެލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް، އެ ފޮޓޮއިން އޭނައަށް ތަފާތު ކަމެއް ފާހަގަ ވަނީއެވެ. އެހެންޏާ ނުކުރެވޭ ކަހަލަ އިޙްސާސެއް ކުރެވެނީއެވެ. އޭނާއަށް އެ ފޮޓޯތައް ފޮނުވަނީ ކާކުކަމެއްވެސް އަދި އެނގިފަކާ ނެތެވެ. އެ ފޮޓޯތައް ފޮނުވިޔަސް އަޅައެއްވެސް ނުލައެވެ. އެކަމާއި ބެހޭ ގޮތުން ޔައިނާއާ ސުވާލެއްވެސް ނުކުރެއެވެ. އެއީ ޔައިނާއަށް އޭނާ އިތުބާރު ކުރާ ވަރެވެ. ނަމަވެސް، މިހާރު ޝައްކު ކުރަން މަޖުބޫރެވެ. ވަރަށް ވިސްނުމަށްފަހު، މިލާން ނިންމީ އެ ފޮޓޯތަަކީ އެޑިޓްކޮށްފައިވާ ފޮޓޯތަކެއްތޯ ބެލުމަށެވެ. މޫނު ފުހެލަމުން އިން ތަނުން ތެދުވެ، މިލާން މިސްރާބު ޖެހީ އޭނާގެ ކާރާއި ދިމާއަށެވެ. ކާރަށް އެރުމަށްފަހު މިލާން ދުއްވައިލީ އަވަހަށް އޭނާގެ މަންޒިލަށް ދިޔުމުގެ ބޭނުމުގައެވެ. ފަނަރަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު، މިލާންއަށް އޭނާގެ މަންޒިލާއި ހަމައަށް ވާޞިލް ވެވުނެވެ. އެއާއި އެކު، ކާރުގެ ދޮރުފަތް ހުޅުވައިލުމަށްފަހު މިލާން ކާރުން ފޭބިއެވެ. އަދި ކުރިމަތީގައި ހުރި ފަސްބުރީގެ އިމާރާތަށް ވަންނަން ހިނގައިގަތެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Kalooww kaloowww kaloooooo laaaaa kalooooo ehyyyyy hatharu ahatu nimun iru sorun thah vx tunbulhi falhaifi dhww… Alheyyyhzafaan scene omggg alhe mi zaaraa boa haru kamun vx dhww..
Eyyyy whaaattttt e shiyal kanthah dhww mee milaan ah foto fonuvanyyyhy.. Aaakhhhh
Ey vrhhh emotional plus exiting mi part engeyyy…. Ma dhany eyy dhen.. Mashaabyaash dhonbe ge anniversary ah vx baakee 3 dhuvas.. Ekamah thahyyaaru vaan vx vrhjje.. Instagram aa Facebook aa Twitter aa dhn huri thanakah vx mikan eba jeheynu angan.. Ehnma ma dhiyaee engey
Byee lwbss mi vhk dheke vrh
In reply to @Reesha Corona
Hahaha arn dhn evaru vaa iru thunbulhi vs falhaane dhw🤣.. Ahaha yeah zaaraa maa boa hary dhw
Vedhaane dhw shiyal ah vs.. Hehe
Ahaha okay byeee.. Ma vs bechee filaavalhu hadhan
Vhk dheke dhw lwbi vany.. Ma dheke eh noon dhw.. Huh.. Dhera vejje… Hahaha lol😂😂❤️❤️❤️
Alhey cmnt gossi tha?
@Reesha Corona
Hoon gossi ey.. Manje akah nufennaaney fahun kurevunu cmnt eh.. But don’t worry.. Mashah libeyne eythi.. Ey btw Thee’ey handhakee ah waiting 😘