ނިޢުމަތް
ވަށައިގެން ފެންނަމުން ދިޔައީ ކާރުބާރު ބޮޑު މަގުތަކެވެ. އެމާޙައުލަށް ނަޒަރު ހިންގާލުމުން މިއީ މާލޭގެ މަގުތަކެއްކަން އެނގެއެވެ. އެކި އުމުރުފުރައިގެ މީހުން އެމަގުތަކުގައި ހިނގަމުން ދިޔައެވެ. ތޮއްޖެހުން ބޮޑު އެމަގުމައްޗަށް ނަޒަރު ހިނގާލައިގެން ގެއެއްގެ ދޮރުމަތީ ކުޑަ ކުއްޖަކާ އެކުއްޖާގެ ބައްޕަ ހުއްޓެވެ. އެއަންހެން ކުއްޖާގެ އެއްފައެއް ނެތެވެ. އެއްއަތުން އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ.
“ބައްޕީ. ދޮންތި ބޭނުމީ ރަށަށް ދާން. މިތަން ހާދަ ފޫއްސޭ. މަންމިއާއެކު ރަށުގަ މާ މަޖާ. ދޮންތިއަށް މަޖާކޮށް ކުޅެވޭނީވެސް އޭރުން. ބައްޕީ އަޅެ ކޮންއިރަކުތަ ރަށަށް ދަނީ.” އެކުއްޖާ އާދޭހުގެ ރާގެއްގައި އެކުއްޖާގެ ބައްޕަގާތު ބުނެލިއެވެ.
“ރަށަށް ދެވޭނީ އަދި ވީކްއެއް ފަހުންނޭ ދޮންތީ. ހިނގާބަ ބައްޕިއާއެކި ރީތި ތަންތަން ބަލައިލަން ދޯ.” ހައަހަރަށްދާ ހަފްސާގެ ގާތު އޭނާގެ ބައްޕަ ޢުޘްމާން ބުނެލިއެވެ.
“ނޯ. ދޮންތިއަށް އެކަނި ހިނގޭ ދުވަހަކު ބައްޕިއާ މަންމިއާ ކޮއްކޮއާއެކީ ދާނީ.” ދެރަވެފައި ހުރިގޮތަކަށް ހަފްސާ ބުނެލިއެވެ.
“ދަރިފުޅޫ. މިއަދު ދަރިފުޅުގެ ފައި ނެތިގެން ނުހިނގުނަސް އިންޝާﷲ ދަރިފުޅަށް ޤިޔާމަތް ދުވަހު ހިނގާނެ ފައެއް ލިބޭނެ. ހިނގާ ދެން ހިނގާލަން ދޯ.” ހަފްސާގެ ބައްޕަގެ ވާހަކަ އެހިސާބަށް ދިއުމާއެކު ދެން ވާހަކަދެއްކީ ހަފްސާއެވެ.
“ލައްބަ ބައްޕާ ދާނަން. އަސްލު ދޮންތިގެ އެއްފައި ނެތަސް ދެފައި ނެތް ކުދިންވެސް އުޅޭނެ ދޯ. އެހެންވީމަ ދޮންތިއަކީވެސް ލަކީ ކުއްޖެއް ދޯ ބައްޕީ.” ހަފްސާ އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“ލައްބަ ދަރިފުޅާ. ދޮންތިއަށް ދެއްވާފަހުރި ނިޢުމަތްތަކަށް ޝުކުރުކުރަން ޖެހޭނެ.” އުޘްމާން ލޮތްބާއެކު ހަފްސާގެ ކޮލުގައި ހިފާލިއެވެ. އަދި ހަފްސާ ގޮވައިގެން ކުރިއަށް ހިނގާލިއެވެ.
“ބައްޕި ބަލާބަ. އެދައްތަ ބޭބެއާ ދިމާއަށް ހަޅެއްލަވަނީ. އެބޭބެ ވަރަށް ދެރަވާނެ ދޯ ބައްޕީ. ހިނގާބަ އަޅެ އެބޭބެއަށް އެހީވާން.” ހަފްސާ ދެރަވެފައިވީ އަޑަކުން ބުނެލިއެވެ. ހަފްސާމެން އެތަނަށް ދަނިކޮށް އެއަންހެން މީހާ ފިރިހެން މީހާއާ ދިމައަށް އެއްޗެހިތަކެއް ކިއުމަށްފަހު ގޭގެތެރެއަށް ވަދެގެން ގޮސްފިއެވެ. އޭރު އެބޭބެގެ ލޮލުން ކަރުނަ ފައިބައެވެ.
“ބޭބޭ. ކިހިނެއްވީ؟ އެދައްތަ ކީކޭތަ އެބުނީ؟” ހަފްސާގެ ބައްޕަ އެބޭބެ ގާތަށް ގޮސް އަހާލިއެވެ.
“އެ ދައްތަ ރުޅިއައީ އަހަރެން ފެންކޭސް ގެނެސްދިނުން ލަސްވީމަ. އަހަރެން ޓްރެފިކްގަ ޖެހިގެން ލަސްވީ. އެދައްތައަކަށް ނުވިސްނޭ އަހަރުމެން ކުރާ ބުރަ މަސައްކަތް. އެންމެފަހުން ޑެލިވަރީއަށް ރުފިޔާވެސް ނުދީ އެވަނީ. ބޮސްދެން ރުފިޔާ ނަގާނީ އަހަރެންގެ އަތުން. އަހަރެންގެ ދަރިފުޅު ސުކޫލަށް ދާން ރުފިޔާ ނުލިބޭ.” އެބޭބެގެ ވާހަކަ ކުރިއަށް ގެންދިޔަ އިރު ރޮވުނެވެ. ހިތްވަރުކޮށްލަމުން އެމީހާ ލޮލުން އައި ކަރުނަތައް ފުހެލިއެވެ.
“ބޭބޭ. އިރާދުކުރެއްވިއްޔާ އެދައްތައަށް ވިސްނޭނެ. ބޭބެމެން ތިކުރާ މަސައްކަތް ބަލައިގަންނަ މީހުންވެސް އުޅޭނެ. ބޭބެއާއެކު މާތްﷲ ވޮޑިގެންވާކަން އަބަދުވެސް ހަނދާންކުރައްޗޭ. ބައްޕީ. ދޮންތި ބޭނުން މިބޭބެއަށް ހަދިޔާއެއް ދޭން.” ހަފްސާ ލޯބި އަޑަކުން ބުނެލިއެވެ. އެއާއެކު ހަފްސާގެ ބައްޕަ ވޮލެޓުނަގާ ރުފިޔާގެ ނޫޓުތަކެއް އެމީހާއަށް ދިނެވެ. ހިނިތުންވުމާއެކު ޝުކުރު އަދާކުރުމަށްފަހު އެމީހާ ދާން ހިނގައިގަތެވެ.
“ބައްޕީ. ދޮންތި ވަރަށް އުފާވެއްޖެ ބޭބެއަށް ހެޔޮކަމެއް ކޮށްދެވުނީމަ. ބައްޕަ އުފާނުވޭތަ؟” ހަފްސާ އޭނާގެ ބައްޕައާ ސުވާލުކޮށްލިއެވެ.
“ނޫން ބައްޕި ވެސް ވަރަށް އުފާވެއްޖެ. މަންމަ ގާތު ބުނެފިއްޔާ މަންމަ ވަރަށް އުފާވާނެ ދޯ.” ލޮތްބާއެކު ހަފްސާގެ ގައިގައި ބައްދާލުމުން ހަފްސާގެ ބައްޕަ ބުނެލިއެވެ. އަނެއްކާވެސް ހަފްސާއާ ޢުޘްމާން ކުރިއަށް ހިނގައިގަތެވެ.
“ބައްޕީ. ދޮންތިއަށް ބައްޕަ ރުފިޔާ ގެނައިމަ ސުކޫލަށްވެސް ދެވޭ. އެކަމަކު އެބޭބެގެ ދަރިފުޅު ހާދަ ދެރަވާނޭ ދޯ ސުކޫލަށް ނުދެވޭތީ. ކޮންމެ ކުއްޖަކުވެސް ކިޔަވާ ހިތްވާނެ ދޯ. އަނެއްކާ އެބޭބެވެސް ބޭނުންވާނެ ދޯ އެކޮއްކޮމެން ކައިރީ ތިބެންވެސް. އެކަމަކު ރުފިޔާ ނުލިބޭތީ އެކޮއްކޮމެން ދޫކޮށްލާފަ އެއަންނަނީ ރާއްޖެއަށް ދޯ. ދޮންތިވެސް ވަރަށް ދެރަވާނެ ދޮންތިގެ ބައްޕަ އެހެން ޤައުމަކަށް ގޮސްފިއްޔާ. އިންޝާﷲ ދޮންތިއަށް ލިބޭ ނިޢުމަތްތަކަށް ޝުކުރުކުރާނަން.” ހަފްސާ ލަސްލަހުން ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު ހަފްސާއަށާއި ޢުޘްމާންއަށް ޕާކެއް ކައިރިއަށް އާދެވިއްޖެއެވެ. ހަފްސާ އޭރު ލޮޑުވެފައި ވީތީ ދެބަފައިން ގޮސް އެތާހުރި ބެންޗެއްގައި އިށީނެވެ. ގަސްތައް ގިނަ ޕާކެއް ކަމުން ހަފްސާއަށް ވަށައިގެން ބެލެމުން ދިޔައެވެ. ކުއްލިއަކަށް ހަފްސާގެ ލޮލުގައި އަޅައިގަތީ އެބެންޗާއި ތަންކޮޅެއް ދުރުނޫން ހިސާބެއްގައި ހުރި ބެންޗެއްގައި ގައިމަތީ ތުނި ފޮތިގަނޑެއް އަޅައިގެން އިން މީހެކެވެ. ހަފްސާ އެމީހާއާ ހަމްދަރުދީގެ ނަޒަރަކުން ބަލައިލަމުން ޢުޘްމާންއަށް ގޮވާ އެމަންޒަރު ދައްކާލިއެވެ. ޢުޘްމާން އެމީހާއަށް ވީގޮތް ބަލަން ދާން ހިނގާށޭ ބުނުމުން ހަފްސާވެސް ނުހަނު ފޯރިއާއެކު އާނއެކޭ ބުނެލިއެވެ.
“އަޅުގަނޑުގެ ޤައުމުގައި ވަރަށް ނިކަމެތިކޮށް އުޅިފައި ރާއްޖެއައީ ރުފިޔާ ބޭނުންވާތީ. ރާއްޖެ އައިސް އަހަރެން އުޅެން ޖެހުނީ ޤައުމުގައި އުޅުނު ވަރަށް ވުރެ ދަތި ޙާލުގައި. ނިދާލާނެ ކޮޓަރިއެއް ނެތި ގޭގޭގެ ޓިނުގަނޑު މަތީގައި. ވާރޭގައާ އަވީގައި. ފިނިރޭރޭ ގައިގައި އަޅައިގެން އޮންނަ ތުނި ފޮތިގަނޑު އަޅާ އޮތުމެކޭ ނާޅާ އޮތުމެކޭ ހަމަ އެއްވަރު. ކޮއްކޮ ބޭބެއަށް އެހީވެދީ. ހެޔޮނުވާނެ. އެހެންނޫނީ ބޭބެ މިޙާލަށް މަރުވެދާނެ.” އެންމެ ފަހު ވާހަކަތައް ބުނަމުން އެބޭބެ ބާރަށް ރޮއެގަތެވެ. ހަފްސާގެ ލޮލުންވެސް ކަރުނަތިއްކެއް ވެއްޓުނެވެ.
“ބޭބެ ހާސްނުވޭ. މިއޮތީ އަޅުގަނޑުގެ ކޭޝްކާޑު. ބޭބެ ބޭނުން ވަރަކަށް މީގެން ރުފިޔާ ނަގާ. އިތުރަށް ބޭނުން ވިއަސް އަޅުގަނޑަށް ގުޅައްޗޭ. މިއީ އަޅުގަނޑުގެ ނަންބަރު.” ޢުޘްމާން ހިތްހެޔޮކަމާއެކު އޭނާގެ ޖީބުން ކޭޝްކާޑު ނަގާ އެބޭބެއަށް ދިއްކޮށްލިއެވެ.
“މިހާ ގިނައިން ކީއްވެ؟” ދެލޯ ބޮޑުކޮށްލަމުން އެމީހާ ބުނެލިއެވެ. ޢުޘްމާން ހަފްސާއަށް ބަލައިލީ ޖަވާބެއް ދޭށޭ ބުނާ ގޮތަކަށެވެ.
“ބޭބޭ. ތިއީ ހަމަ ދޮންތިއާ ބައްޕަގެ ފަރާތުން ބޭބެއަށް ދޭ ހަދިޔާއެއް. ﷲގެ މަގުގައި މީހަކު އެއްޗެއް ހޭދަކޮށްފިނަމަ އެއީ ގެއްލިގެންދާނެ އެއްޗެއް ނޫންކަން ހަމަ ޔަޤީން. ބޭބެ ތީކާޑު ގެންދޭ.” ހަފްސާ އެބޭބެއަށް ބަލައިލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ. އުފަލާއެކު އެބޭބެ އެހަދިޔާ ޤަބޫލުކޮށް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ހަފްސާވެސް އޭނާގެ ބައްޕަ ގާތު ގެއަށްދާ ވާހަކަ ބުނެލިއެވެ.
“ބައްޕާ. ދޮންތިއަށް ވަރަށް ގިނަ ނިޢުމަތް އެބަ ހުރި ދޯ. ދޮންތިދެކެ ލޯބިވާ ފެމިލީއަކާ ސުކޫލަށް ދާނެ ފޮތްތައް ވެސް. އަދި އުޅެލާނެ ރީތި ކޮޓަރިއެއްވެސް . އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތަކާމެދު ޝުކުރުކުރަން ވާނެ . ނިޢުމަތްތަކަށް ޝުކުރުކުރަންޏާ އިތުރަށް އެކަލާނގެ އަޅުގަނޑުމެންނަށް ނިޢުމަތްވެސް ދެއްވާނެ . އަދި އެނިޢުމަތްތަކާމެދު ޝުކުރުނުކުރާނަމަ ލިބިފައި ހުރި ނިޢުމަތްތައް އަނބުރާ ގެންދަވަންވެސް ގެންދަވާނެ. އަނެއް ބައި ފަހަރު ބައެއް ކުދިން އިމްތިޙާން ކުރަންވެގެން ލިބިފައި ހުންނަ ނިޢުމަތްތައް ގެންދަވަނީ . ވަރަށް ޢިބުރަތްތެރި ވާހަކައެއް ދޮންތިއަށް މިއަދު މިދަސްވީ..” ލިބުނު ޢިބުރަތްތެރި ފިލާވަޅުތަކުން ހަފްސާ އުފާވިއެވެ. އަބަދުވެސް އާޢިލްމެއް ހަފްސާއަށް ދަސްވެއްޖެނަމަ ހަފްސާ އެކަމާ ވަރަށް އުފާވެއެވެ.
-ނިމުނީ-
2 Comments!
Comments are closed.




This story is so good I love it❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏😍😍😍😍😍😍😍😍😍
Thank you Shiyal! 🙂