Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ޑައިރީ (ހަތަރުވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
July 30, 2022 8 Mins Read
0 Comments

އައިހަމް ސިއްސައިގެން ދިޔައީ އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދެއްކުމުންނެވެ. ދުވަހަކުވެސް އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދައްކަފާނޭ އޭނާ ހިތަކަށް ނާރައެވެ. އެއަޑު ޖެހުމުން އެއަޑުގެ ވެރިއަކީ ކާކުކަން އައިހަމްއަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ވަގުތުން އޭނާގެ ލޯ ފުރިގެން އައީ ކަރުނުންނެވެ. އެއީ އުފާވެރިކަމުގެ ކަރުނަކަމެއް ހިތާމައިގެ ކަރުނަކަމެއް ބުނަން އޭނައަށްވެސް ދަށްޗެވެ.

ރުޅިއައިސް ހުރި ޒިދާން ލަތީފުއާ ދިމާއަށް ހިނގައިގަތެވެ. އައިހަމް ބިރުގަތީ ޒިދާން އެހާވަރަށް ރުޅިއައިސް ހުރެގެން ލަތީފުއަށް ކަމެއް ކޮށްފާނެތީއެވެ. ބޮޑު ދެފިރިހެނުން ތަޅައިގަނެއްޖެއްޔާ މާރާމާރީއެއްވެސް ހިނގާފާނެއެވެ. ލަތީފު ހަމައެކަނި ވާހަކަދެއްކިއަސް، ލަތީފުގެ ގައިގައި ތަޅައިގަންނާކަށް ޒިދާން ފަހެއް ނުޖެހޭނެއެވެ.

“ޔާން.. އާޝް ގޮވައިގެން މިތަނުން ނުކުމެގެން ގޮސް ކޮޓަރިއަށް ވަދޭ..” ވައި އަޑުން އައިހަމް ޔަޒާން ގާތު ބުނެލިއެވެ. އައިހަމް ބުނި ގޮތަށް ޔަޒާން އާޝާ ގޮވައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ސަލާމް ޕޮލިސް.. އަޅުގަނޑު މީ ޔަޒާން.. ކުރިން ދުވަހު ބޭބެމެން މައުލޫމާތު ދިންއިރު ބުނީމެއްނު ޒުވާބު ކުރަންޏާ ބޭބެމެންނަށޭ ގުޅަނީ.. އަޅުގަނޑުގެ އަސްލު ބައްޕަ އައިސްގެން ޒުވާބު ކުރޭ އެބަ.. ދޮންބެގެ ގައިގައި ވަރަށް ތެޅި..” ދެވިސްނުމެއްގައި ހުރެ ޔަޒާން، ރިޔާޒާގެ ފޯނު ނަގަމުން ގުޅާލީ ޕޮލިހަށެވެ.

ގެއަށް ވަދެގެންއައި ޕޮލިހުން ފެނުމުން ޒިދާން ދިޔައީ ސިއްސައިގެންނެވެ. ޒިދާންއަށް ތަނެއް ހަރަކާތް ކޮށްލަން ނޭނގިފައި ހުއްޓާ ޕޮލިހުން އައިސް އޭނާ ހިފެހެއްޓިއެވެ. އެވަގުތު ލަތީފުގެ ފޯނު ރިންގުވާން ފެށިއެވެ. ލަތީފުއަށް ރިޔާޒާ މަތިން ހަނދާންވުމުން އަވަހަށް ފޯނު ނެގިއެވެ. ލަތީފުއަށް އަވަހަށް ގޭތެރެއަށް ދުއްވައިގަނެވުނީ އެއްޗެހި ޕެކު ކުރާށެވެ. އައިހަމްއަށްވެސް މަންމަގެ މަތިން ހަނދާންވުމުން ލަތީފުގެ ކައިރިން ސުވާލު ކުރަން ފެށިއެވެ. ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއްނެތި ލަތީފު އޭނާގެ ކޮޓަރިއަށް ވަދެ އެއްޗެހި ހޯދަން ފެށިއެވެ. ލަތީފުގެ ގާތުން ވީގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރެ އޭނާގެ ފަހަތުން އައިހަމް އައިއިރު އަނެއް ކޮޅުން ޕޮލިސް އޮފިސަރެއްވެސް ފަހަތުންއައެވެ. މިވަގުތުގެ ހާލަތު ޕޮލިސް އޮފިސަރަށް ކިޔައިދެމުން ހުރިހާ ސާމާނުތައް ހިފައިގެން ލަތީފު ހިނގައިގަތީ ހޮސްޕިޓަލަށް ދާށެވެ.

ޒިދާން ހަޅެއްލަވާ ސަލާމަތް ވެވޭތޯ ތެޅެނީއެވެ. ޕޮލިހުން ފޮޅުވާލަން މަސައްކަތް ކުރަނީއެވެ. އެންމެފަހުން ޒިދާންގެ އަތުގައި ބިޑިއަޅުވަން ޕޮލިހުންނަށް މަޖުބޫރުވިއެވެ. މަންޒަރު ބަލަން މަގުމައްޗަށް ނުކުމެ އެތަށް ބަޔަކު ތިއްބެވެ. މީހުންތައް ސިއްރު ކިއަވާތަން ފެނި ޒިދާންގެ ރުޅިގަނޑުވީ އިތުރެވެ.

އައިހަމް އަވަސްވެގަތީ މަންމަ ކައިރިއަށް ދާށެވެ. އާޝާއާއި ޔަޒާން ގޮވައިގެން އޭނާ ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ.

އަވަސް ފަރުވާދޭ ކޮޓަރީގައި ރިޔާޒާ ބާއްވާފައި އޮތެވެ. އައިހަމްއަށް ތުންފިއްތާލެވުނީ ، މަންމަ އޮތް ހާލަށް ބަލަން ކެތްނުވުމުންނެވެ.

“ބައްޕަ ބޭނުމެއް ނުވޭ އައިހަމްމެން އެކަނި ބައިތިއްބާފައި ދާކަށް.. ދެތިން ހެދުން ކޮތަޅަކަށް ލައިގެން ވަރަށް އަވަހަށް އަންނަން ދާންވީނު..” ލަތީފު ހިތްހެޔޮކަމައެކު ބުނެލިއެވެ. އެއާއެކު އައިހަމްއާ ޔަޒާން ދުވެފައި ކަހަލަ ގޮތަކަށް މިސްރާބުޖެހީ ގެއަށެވެ.

**ގަޑީއިރެއް ފަސް**

“އެއްވެސް އިރަކު ޕޭޝަންޓް ޑްރަގްއެއް ބޭނުންކުރިތޯ؟؟” އައިސީޔޫ ދޮރު ހުޅުވާލުމަށް ފަހު ނުކުތް ޒުވާން ޑޮކްޓަރު ބުނެލިއެވެ. އެއާއެކު އައިހަމްއަށް ލިބުނީ ސިހުމެކެވެ. މަންމަ ޑްރަގް ބޭނުންކުރީ ކީއްވެތޯ ބަލަން ބޭނުންވިއެވެ. ލަތީފު ސިހިފައި ދެފަރާތަށް ބޯހޫރުވާލިއެވެ.

“އަ.. އަޅުގަނޑަށް އިނގިގެން ބޭނުމެއް ނުކުރޭ…” ލަތީފު އަވަސް އަވަހަށް ބުނެލިއެވެ.

މާލޭގައި އަލިފާން ގަނޑެއް ރޯވި ފަދައިން ފެތުރެން ފެށީ މާލޭގެ ގެއަކުން މީހަކު ހައްޔަރުކުރި ޚަބަރެވެ. ދަރިއަކަށް އަނިޔާކުރި މައްސަލައިގައި ހެޕީ ސްޓަޑީ ސްކޫލުގެ ޕްރިންސިޕަލްއާ އޭނަގެ އަންހެނުން ހައްޔަރުކުރި ވާހަކައަކީ ކޮންމެ މީހަކުވެސް ދުލުކުރީގައި އޮތް ވާހަކައެވެ.

ކޮންމެ ޖާނަލިސްޓަކުވެސް ބެލީ އެމީހަކަށް ހޯދުނު އެންމެ ރަނގަޅަށް މަޢުލޫމާތު ހޯދައިގެން ޚަބަރުގެ އެންމެ ތެދު މަޢުލޫމާތު ގެނެސްދެވޭތޯއެވެ. އެގޮތުން އެޚަބަރުގެ އިތުރު މަޢުލޫމާތެއް ލިބޭތޯ މޯލްޑިވްސް ނިއުސްގެ ޒުވާން ޖާނަލިސްޓް އަދި އެނިއުސްގެ އިސްވެރިޔާ ހުމާމް މަސައްކަތް ކުރަމުން ދިޔައެވެ.

ޖިންސް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ލެޕްޓޮޕުން ނަޒަރު ވަކިކުރުމެއް ނެތި ހުމާމް އޭނާގެ ފޯނު ޖީބުން ނެގިއެވެ. އޭރު ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުން ދިޔައީ އައިހަމްގެ ޢާއިލާއެކުގައި ނަގާފައިވީ ފޮޓޮއެކެވެ. ޒިދާންގެ ކަނާއަތް ފަރާތުގައި، ރިޔާޒާގެ އަތުގައި ހިފާލައިގެން ހުރި ހަތަރު އަހަރަށްދާ ފިރިހެން ކުއްޖާއަށް ޒޫމް ކޮށްލުމަށްފަހު ހުމާމް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ.

އެކޮޅުން ދެއްކި ވާހަކަތަކަށް އާބަސް ދެމުން ހުމާމް ލެޕްޓޮޕްގައި އިން ފޮޓޯ އޭނާގެ ފޯނަށް ނެގިއެވެ. އަދި ލެޕްޓޮޕް ލައްޕާލަމުން އަވަސް އަވަހަށް މިސްރާބު ޖެހީ އޮފީހުން ނިކުންނާށެވެ.

ދުރުން ފެނުން ޒުވާނަކު ފެނުމުން ލަތީފު ހަނާ އަޅާލުމަށްފަހު އެމީހަކަށް އަތުގެ އިށާރާތުން އައުމަށް ބުންޏެވެ.

“އަނހަ ލަތީފްބެ. ކިހިނެއްވީ؟”  ހުމާމް ބާރަށް ހިނގާފައި އައިސް ލަތީފްއާ އަރާ ހަމަ ކުރަމުން ބުނެލިއެވެ.

“ބޭބެ އަންހެނުން ބަލިވެގެން އައީ..” ލަތީފު ގަދަކަމުން ހިނިތުންވަމުން ބުނެލިއެވެ.

“އެހެންތަ؟؟ ހިޔެއް ނުވޭ ކުޑަކޮށްހެންނެއް ބަލިވީ.. އައިސީޔޫ ދޮރުމަތީ ވިއްޔަ ތިތިބީ..” ހުމާމް އައިސީޔޫގެ ދޮރާ ދިމައަށް ބަލައިލަމުން ބުނެލިއެވެ. “ވަރަށް އުފާވެއްޖެ އެހާ ދުވަސްފަހުން ބޭބެއާ ބައްދަލުވީމަ.. ބައްޕަ ބުނި ބޭބެ މިހާރު އެހެން ރަށެއްގެ މީހަކާ އިނދެގެން އެރަށުގައޭ އުޅެނީ.. ދަރިއެއްވެސް ހުރެއޭ..” ހުމާމް އައިހަމްމެންނަށް ނަޒަރެއް ދެމުން ބުނެލިއެވެ. ހުމާމްގެ ބައްޕަ ނިޔާޒުއާ ލަތީފްއަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެއެކުވެރިންނެވެ. ހުމާމްއަކީ ނިޔާޒްގެ ހަގު ދަރިފުޅެވެ.

“އާނ. މީ ބޭބެގެ ހުރި ހަމައެކަނި ދަރިފުޅު އާޝާ.. ދެން މިތިބީ ބޭބެ އަންހެނުންގެ ދަރިން.. އައިހަމްއާ ޔަޒާން..” ލަތީފް ހުމާމްއަށް އައިހަމްއާ ޔަޒާން ތައާރަފް ކޮށްދިނެވެ. ފުރަތަމަ ފެނިލުމުންވެސް އެފޮޓޯގައި ތިބި ދެކުދިންނާ މިދެކުދިން ވައްތަރުކަން ހުމާމްއަށް ނަގައިގަނެވުނެވެ. އެއާއެކު ހުމާމްގެ ހިތުގައި އައިހަމްއާ ބެހޭގޮތުން މައުލޫމާތު ހޯދުމުގެ ޝައުގުވެރިކަން ވީ އިތުރެވެ.

“ކިހިނެތް؟” އާޝާގެ ކޮލުގައި ކޮށްޓާލަމުން ހުމާމް އައިހަމްއާ ޔަޒާންއަށް ސަލާން ކޮށްލިއެވެ.

“ރަނގަޅު..” އައިހަމްއަށްވުރެ ކުރިން ޔަޒާން ޖަވާބު ދިނެވެ.

“ދައްތަގެ ހާލު ކިހިނެއް؟؟ މިހާރު އެއްވެސް އެއްޗެއް ކައިފިންތަ؟؟” ހުމާމް ލަތީފްއަށް ބަލައިލަމުން އަނެއްކާވެސް ސުވާލު ކޮށްލިއެވެ.

“ހޭއަރާނެ ކަމުގެ އުންމީދު ވަރަށް ކުޑަޔޯ ބުނީ.. ހުމާމްއަށް ގުޅީ މިކުދިން ތިގެއަށް ގެންދެވޭނެތޯ ބަލައިލަން. ފޯނުން ވާހަކަދައްކާނެ ހިތްވަރެއް ނެތީމަ އާދެވިދާނެތޯ އެހީ..” އާދޭހުން ފުރިގެންވީ އަޑަކުން ލަތީފް ބުނެލިއެވެ.

“ޝަފާކިﷲ ދައްތައަށް. ބޭބޭ.. ކީއްވެ އަހަރުމެންގެ ގޭގައި ބޭބެ ނުބެހެއްޓެންވީ. ބައްޕައަށް ހިތާމައެއް ދިމާވި ހުރިހާ ވަގުތު ބޭބެ ބައްޕައާއެކު ވީ.. އަހަރެމެންގެ ޢާއިލާވެސް ބޭބެއަށް ހިތާމައެއް ދިމާވާ ކޮންމެ ވަގުތެއްގައި ބޭބެއަށް އެހީވާނަން. ބޭބެއަށްޓަކައި އަހަރުމެންގެ ގޭގެ ދޮރޯށި އަބަދުވެސް ހުންނާނީ ހުޅުވިފަ..” ޔަޤީންކަމާއެކު ހުމާމް ބުނެލިއެވެ. “ކައިފިންތަ؟”

“ނުކަން އަދި.. ބޭބެ ކާހިތެއް ނުވޭ… ބަނޑު ފުރިފަ ހުރީ.. މިކުދިންނަށް ކާންދީ..” ލަތީފު އިސްޖަހަމުން ބުނެލިއެވެ.

“އުނހޫ.. ބައްޕަ ނުކައި ކަމަކު ނުދާނެ.. ހެނދުނުވެސް ބައްޕަ ނުކައި..” އައިހަމް އަވަސް އަވަހަށް ބުނެލިއެވެ. ލަތީފުއަށް އަޅާލަން ބޭނުންވެފައި ހުރިވަރު އޭނާގެ އެޖުމްލައިން ފާހަގަވާނެއެވެ.

“އެހެންވިއްޔާ ބޭބެ ކާން ދޭ.. ބޭބެ އައީމަ އަހަރެން ދާނަން މިކުދިން ގޮވައިގެން ގެއަށް ކާންދޭން..” ހުމާމް އައިހަމްއާ އެއްބައިވަމުން ބުނެލިއެވެ.

“ނޫން.. ހުމާމް ދޭ މިކުދިން ގޮވައިގެން.. ބޭބެ ކާނަން ބަނޑުހައިވީމަ..” އިސްއުފުލާ ހުމާމްއަށް ބަލައިލަމުން ލަތީފު ބުނެލިއެވެ.

“އޯކޭ.. ރޭގަނޑު އަހަރެން އަންނައިރަށް ނުކައި އިނދެފިއްޔާ ބަތް މޮޑެގެން ސަމްސާ ހިފައިގެން އަންނާނަން ލަވަ ކިއައިދެމުން ކާންދޭން..” ހުމާމް ލާނެއް ގޮތަކަށް ބުނެލަމުން އާޝާ އުރާލިއެވެ. ލަތީފް ކުޑަކޮށް ހިނިތުންވެލިއެވެ.

“ތިކުދިން ރަނގަޅަށް ބަލައިދޭތި ހުމާމް.. ހުމާމްއަށް އަހަރެން މިހަވާލުކުރީ ބޮޑު އަމާނާތެއް..” ހުމާމްގެ ފަހަތުން އައިހަމްއާ ޔަޒާން ހިނގައިގަތްތަން ބަލާލަމުން ލަތީފު އާދޭހާއެކު ބުނެލިއެވެ. ލަތީފުއަށް ބަލާލަމުން ހުމާމް ބޯޖަހާލީ ޔަގީންކަން ދޭން ވެގެންނެވެ.

ދިހަވަރަކަށް މިނެޓުގެ ކާރު ދަތުރަކަށް ފަހު ހުމާމް ކާރުގައިގޮސް ވަނީ ބޮޑު ގެއަކަށެވެ. މާލޭގައި އެފަދަ ގޭގެ ހުރޭތޯ އައިހަމްއަށް ހިތާހިތުން ބުނެލެވުނެވެ. އެގެ ފެނުމުންވެސް އެއީ އާދައިގެ ބަޔަކު އުޅޭ ގެއެކޭ ނުބުނެވޭނެއެވެ. ރީތި ބޮޑު ބަގީޗާއަކާ މަސް ފެންގަނޑެއް އޮތެވެ. އޮޅުކޮށްފައި ހުރި ކުދި ދޫނިތަށް ދެކޮޅަށް ދުވާތަން ފެނި އައިހަމްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އޭނާ ސިއްސައިގެން ދިޔައީ އޭނާގެ ކޮނޑުގައި ދޫންޏެއް ޖެއްސުމުންނެވެ. އައިހަމްގެ ހިނިތުންވުން ފުޅާވެގެން ދިޔަތަން ފެނުމުން އޭނާއަށް ކަޅިވެސް ޖަހާނުލާ ބަލަން ހުރި ހުމާމްއަށްވެސް ހިނިއާދެވުނެވެ.

“ހުމާމް މިހާރު ކޮންހާ ދަރިން ކޮޅެއްތަ ތިގެނައީ؟؟” ބަގީޗާގައި ހުރިގަސްތަކަށް ފެންދޭން ހުރި ހުމާމްގެ އަންހެނުން، އިނާޝާ ހައިރާންވެ ހުރެ ބުނެލިއެވެ.

“މީ އިނީއާ އެއްކޮށް ކުޅެން ގެނެސް ތިބި ކުދިންކޮޅެއް…” ހުމާމް ސަމާސާކޮށްލަމުން ބުނެލިއެވެ.

“އަހަރެން ކުޅެފާނަމޭ.. ވަރަށް މަޖާވާނެހެން ހީވޭ ބަލައިލާފަ..” އިނާޝާ ފެންހޮޅި ބަންދުކޮށްލާފައި ފައިދޮވެލައިގެން އައިސް އާޝާ އުރާލަން އަތް ދިއްކޮށްލަމުން ބުނެލިއެވެ. އެއާއެކު އާޝާ މޫނު އަނބުރާލަމުން ހިފީ ހުމާމްގެ ގަމީހުގައެވެ.

“ކޮބާ ހީވޭ.. މީ އަހަރެން ކުއްޖެކޭ.. އިނީ ކައިރިއަކަށް ނުދާނެ. ދެންވެސް ހިނގާބަލަ މިކުދިންނަށް ކާންދޭން.. އޭރަށް ފަހަރެއްގަ ރައްޓެހި ވެދާނެ..” ހުމާމް އެތެރެއަށްދާން ހިނގައިގަންނަމުން ބުނެލިއެވެ. ހުމާމްގެ ފަހަތުން އައިހަމްއާ ޔަޒާންވެސް ހިނގައިގަތެވެ.

“ގުޅާ ގުޅާ ފޯނެއް ނުނެގި.. ދެން ކުއްލިއަކަށް ހަނދާންވީ މިއަދު ވަރަށް ބިޒީ ވާނެކަން. އެހެންވެ ފަހުން ނުގުޅީ ވެސް.. ދޮންތަ އައިސްގެން އަސްލު ގުޅީ.. ނުވެސް ބުނެލާ އައީވެސް..” އިނާޝާ ހުމާމްގެ ދޮންތަ،  ހިބާއައި ވާހަކަ ބުނެލިއެވެ. ހިބާ އުޅެނީ މެލޭޝިޔާގައި ކުދިންނަށް ކިއަވައިދޭން ގޮހެވެ.

ސިޓިންގ ރޫމުގެ ދޮރު ހުޅުވާލުމުން އައިހަމް ހީކަރުވާ ގޮތްވިއެވެ. މުޅި ގޭތެރެވަނީ އޭސީ ކޮށްފައެވެ. އައިހަމް ހުރީ ކުޑަކޮށް ބިރުގަނެފައެވެ. ހިނގާދިޔަ ހާދިސާއަށްފަހު މީހުންނަށް އިތުބާރުކުރަން އޭނާއަށް އުނދަގުލެވެ.

“ދަރިފުޅާ.. މީ ކޮންކުދިންނެއް؟؟” ހުމާމް ފެނުމާއެކު ސޯފާގައި ހަބަރު ބަލަން އިން ނިޔާޒު ތެދުވިއެވެ.

“ތެދެއް.. ކޮންކުދިންނެއް މީ؟؟ އެބައުޅޭ ދޮންތަ ނުވެސް ބުނެލާ އައިސްގެން..” ކާގެއިން ނުކުންނަމުން ހުމާމްގެ މަންމަ، ހިންދު ބުނެލިއެވެ. ހުމާމް އެންމެންނަށް އައިހަމްމެން ތަޢާރަފް ކޮށްދިނެވެ.

“އަހަރެން މިދަނީ ލަތީފު ކައިރިއަށް އިނގޭ.. މިކުދިން ރަނގަޅަށް ބަލާތި..” ނިޔާޒު އަވަސް އަވަހަށް ގެއިން ނިކުންނަން ދަމުން ބުނެލިއެވެ.

“އާދޭ އަވަހަށް ކާން…” ހިންދު ޔަޒާންގެ ކޮނޑަށް އަތްލަމުން އޭނާ ގޮވައިގެން ކާގެއަށް ހިނގައިގަތެވެ.

ކައި ނިމިގެން އައިހަމްމެންނާ ހުމާމްއާ ހިބާގެ ދެއަހަރަށްދާ ދަރިފުޅު އުލާގެ އިތުރުން ދިހަ އަހަރުގެ އަޒްހާން ތިބީ ސިޓިންގ ރޫމު ސޯފައިގައެވެ. ހުމާމް ބުނުމުން އަޒްހާން ކޮޓަރިއަށް ގޮސް ގެނައީ ފޮށްޓެއްގައި ހުރި ބްލޮކްސް ތަކެކެވެ. ޔަޒާން ކުޅެން އިއްތާލުމުން އާޝާވެސް ޔަޒާންގެ ކައިރީގައި އިއްތާލިއެވެ. މަދުވަގުތު ކޮޅެއްގެ ތެރޭގައި ސިޓިންގ ރޫމުން ގުގުމާލީ އެކުދިންގެ ހުނުމުގެ އަޑެވެ. ކޮއްކޮމެން ކުޅެން އިންތަން ބަލަން އައިހަމް އިނީ ފުން ހިޔާލެއްގައެވެ. އޭނާ ސިއްސައިގެން ދިޔައީ ހުމާމް އޭނާގެ ނަމުން ގޮވާލުމުންނެވެ. އަވަސްއަވަހަށް އައިހަމް ހުމާމްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ހިނގާބަލަ ބޭބެއާ އެއްކޮށް މިތާ ބަގީޗާ ތެރެ ބަލައިލަން… އިންނާނެ ވާހަކަދައްކާ ގުރައެއްވެސް މަސްފެންގަނޑު ބިއްދަށުގައި.. އައިހަމް ވަރަށް ގުރާ ގެންގުޅޭ ހިތްވޭ ދޯ..” އެކުވެރިކަމާއެކު ހުމާމް ވާހަކަދެއްކިއެވެ. އައިހަމް ބުނާނެ އެއްޗެއް ނޭނގި ހުރެފައި އަނގައިން އަޅުވާލީ ހުމް އަޑެވެ. އެވަގުތު ހުމާމް ބޭރަށް ދާން ހިނގައިގަތުމުން އައިހަމް ހުމާމްގެ ފަހަތުން ލަސްފިޔަވަޅުތަކެއް އަޅަމުން ނިކުތެވެ.

އައިހަމްއާ ހުމާމް ބަގީޗާތެރޭ ހިނގަމުން ދިޔައިރު އެދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.

“އައިހަމް ރަނގަޅުތަ؟” ހުމާމް އައިހަމްއަށް ބަލައިލަމުން ބުނެލިއެވެ. ދެމާނައެއް ވާ ގޮތަށެވެ. އައިހަމްގެ ފައިން ފެށިގެން ބޮލަށް ނަޒަރެއް ދެވުނެވެ. އެހެން ދިމާއަކަށް ނަޒަރު ހިންގާލަން އުޅުން ހުމާމްގެ ލޮލުގައި އަޅައިގަތީ އައިހަމްގެ ބޮލުގައި ހުރި ލޭތަކެވެ. ގިނަ އިރުވުމުން އެލޭތަށް ހުރީ ހިކިފައި ކަން ޔަގީނެވެ.

“ކިހިނެއްވެފަ މިއިނީ ބޮލަށް؟..” ހުމާމް އައިހަމްގެ މޫނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ހާލުގައި ޖެހިފައި ތިބޭ ކުދިންނަށް އެހީވުމަކީ ކުޑައިރުވެސް ބައްޕަމެން ދަސްކޮށްދީފައިވާ ކަމެއް ކަމުން ހުމާމް އަބަދުވެސް ކުދިންނަށް އެހީވެވޭތޯ ބަލައެވެ. އޭގެއިތުރުން އޭނާގެ އަންހެނުންނަކީވެސް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ހުރި މީހަކަށްވެފައި އިނާޝާގެ ވާހަކަތަކުން، އޭނާގެ ހިތުގައި އެފަދަ ކުދިންނަށް އެހީވުމުގެ ޝައުގުވީ އިތުރެވެ.

“އެ.. އެއީ ކުޅެން އުޅެނިކޮށް ވެއްޓުނީ.. ފަހުން ހަނދާނެއް ނުވި މަންމަގާތު ބުނާކަށްވެސް.. އެގަޑީގަ ކުޅެން އަރާފައިހުރި ފޯރީގައި ނުބުނެވުނީ..” ހުމާމްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ހުރެފައި އައިހަމް ހަޔާތުގައި ފުރަތަމަ ފަހަރަށް ދޮގެއް ހަދާލިއެވެ.

“ހިނގާ ބޭސް އަޅަންދާން..” ހުމާމް އައިކޮޅަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އަޅުގަނޑުގެ އައިޑީ ކާޑެއް ނެތް.. ބައްޕަ އަތުގައި ވާނީ..” އައިހަމްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.

“އައިޑީ ކާޑު ނެތަސް މިގޭން ބޭސް އެޅޭނެއްނު.. ދޮންތަބެ އަކީ ނަރުހެކޭ.. މިގޭގަ ބޭސް ހުންނާނެ..” ހުމާމް ހިނިތުންވަމުން ބުނެލިއެވެ.

” ކިހިނެތް އެތަން ފަޅައިގެން ދިޔައީ؟ އަޅެ ތެދަށް ބުނެބަލަ.. ބޭބެއަކަށް ހިއެއްނުވޭ އެއީ ކުޅެން އުޅެނިކޮށް އަނިޔާ ވެފަ ހެންނެއް.. އަދި އަމުދުން އައިހަމްއަށް އަނިޔާ ކުރި މައްސަލައިގައި އައިހަމްގެ ބައްޕައާ މަންމަ ހައްޔަރު ކުރީމަ ވެސް.. ބޭބެ މިހުރީ އައިހަމްއަށް ހެލްޕް ވާން..” ބޭސް އަޅައި ނިމިގެން ބަގީޗާއަށް ނިކުންނަމުން އަނެއްކާވެސް ހުމާމް ސުވާލު ކުރިއެވެ.

“އެއީ.. އެއީ ކުރިން ދުވަހު ބައްޕަ ކޮށްޕާލި ގޮތަށް ވެއްޓި ބޯފެޅުނީ..” އިސްދަށަށް ޖަހާލަމުން އައިހަމް ބުނެލީ ހުމާމް ކުރުނުކުރާނެހެން ހީވުމުންނެވެ.

“ބޭބެ މަޖުބޫރެއް ނުކުރާނަން އައިހަމްއަކަށް.. އައިހަމް ބޭނުމިއްޔާ ބޭނުން ދުވަހަކުން ބޭބެއަށް އެވާހަކަތައް ކިއައިދީ.. ބޭބެ އަޑުއަހާނަން.. މީހުން ބުނެއެއްނު ހިތުގައި އިހްސާސްތައް ފޮރުވައިގެން އުޅުމުގެ ބަދަލުގައި މީހުންނަށް ކިޔައިދިނީމައޭ ހިތްހަމަ ޖެހޭނީ..” ހުމާމް އެވާހަކަ ކުރުކޮށްލިއެވެ.

އެރޭގެ ވަގުތުގައިވެސް ރިޔާޒާއެއް ހެއެއްނާރައެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި ރިޔާޒާގެ ޙާލު އަންނަނީ ރަނގަޅު ވަމުންނެވެ. އެގޮތަށް ހާލަތު ރަނގަޅުވަމުން އަންނަނަމަ ހޭއަރާނެ ކަމުގެ އުންމީދު އޮތް ވާހަކަވެސް ޑޮކްޓަރު ބުންޏެވެ. އެހެންކަމުން ހުމާމްގެ އެހީތެރިކަމާއެކު ރިޔާޒާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރެވުނެވެ. އެޚަބަރު ލިބުމުން އައިހަމްގެ ހިތަށް ކުޑަ ހިތް ހަމަޖެހުމެއް ލިބުނެވެ.

ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް ރިޔާޒާ ހެއެއް ނާރައެވެ. ހުމާމް އައިހަމްއާ ރަހުމަތްތެރި ވެވޭތޯ އެތަށް މަސައްކަތެއް ކުރަމުން ދިޔައެވެ. އެމަސައްކަތް ކާމިޔާބުވަމުން ދިޔަހެންނެއް ހުމާމްއަކަށް ހިއެއްނުވެއެވެ. އޭނާ އެހުރިހާ މަސައްކަތެއް ކުރީ އޭނާގެ އެކުވެރި ސައިކޮލޮޖިސްޓަކާ ވާހަކަދައްކައިގެން އޭނާ ބުނިގޮތަށެވެ. ހުމާމް ހިތްވަރު ދޫކޮށްނުލާ ކުރިއަށް ދިޔައެވެ. ހުމާމްއަށް ނޭނގުނު ކަމަކީ އައިހަމް އެހުރިހާ ވާހަކައެއް ކިއައިދޭން ރަނގަޅު ފުރުސަތެއް ބޭނުންވެފައި ހުރިކަމެވެ.

ހުމާމް އޮފީހަށް ދާން ނިކުމެ ބޫޓަށް އަރާފައިވެސް އަނބުރާލައިފައި ގޮސް އައިހަމްގެ ކަންފަތްދޮށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. އެއާއެކު އައިހަމް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ދޮންބެ ކައިރީ ބުނި ވާހަކަ ޔާން ކައިރީ ބުނޭ..” ކާކޮޓަރިން ނުކުތް ޔަޒާންއަށް އެމީހުން ފެނުމުން ބުނެލިއެވެ.

“އެއީ ދޮންބެކިއާ ކުދިންގެ ސީކްރެޓް.. ކުއްބެ ކިއާ ކުދިން ކައިރީ ސީކްރެޓް ކިއާނީ ފަހުން..” ޔަޒާންއަށް ލޯއަޅަމުން ހުމާމް ބުނެލިއެވެ.

“އެހެންވިއްޔާ ޒާންމީ ދޮންބެއެއް..” އަޒްހާން ދެލޯ އުނގުޅަމުން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.

“އެއީ ފިފްޓީން އަހަރުން މަތީ ދޮންބެމެން ކިއާ އެއްޗެއް..” ހުމާމް ކަނާތު ފަޔަށް ބޫޓު އަރުވަމުން ބުނެލިއެވެ.

“އެހެންވިއްޔާ.. ޔާންވެސް މީ ދޮންބެއެއް.. އުނހޫ.. އެހެންގޮތެއް.. ހުމާމްބެއަކީ ދޮންބެ.. ޔާންގެ ދޮންބެއަކީ ތުއްތު.. ޒާންބެ އަކީ ތިއްތި.. ޔާންއަކީ ކުއްބެ..” ޔަޒާން ވިސްނާލަމުން ބުނެލިއެވެ.

“ޔާންމެން ގޮވައިގެން މިއަދު ދޮންބެ ދާނަން ޕާކަކަށް.. އޯކޭއެއްނު..” ހުމާމް ދޮރުގެ ދާރައިގައި ދެއަތުން ހިފަހައްޓާލަމުން އެތެރެއަށް ބޯދީގެން އޮވެ ބުނެލިއެވެ.

“ހުމާމޫ.. މިހާރު ގަޑި ޖެހުނީއޭ.. ކިތަންމެ އަވަހަކަށް ފެންވަރަން ވަނަސް ނުދެވޭ ގަޑިއަކަށް.. މިހާރު ފަންސާސް ފަހެއްވީއޭ.. ބޮސް ވަރަށް ރަނގަޅު ނަމޫނާއެއް ތިދައްކަނީ މުވައްޒަފުންނަށް..” އިނާޝާ އިލޮށިފަށްޗެއް ހިފައިގެން ހުމާމްއާ ދިމާއަށް ދުއްވައިގަންނަމުން ބުނެލިއެވެ. ބޮލުގައި އަތް އަޅަމުން ހުމާމް ގޭގެ މައިދޮރާ ދިމާއަށް ދުއްވައިގަތެވެ. އިނާޝާ ސިޓިންގ ރޫމު ދޮރު ކައިރިއަށް އައިސް ހުއްޓުނެވެ. ގޭގެ މައިދޮރު ހުޅުވާލަމުން ހުމާމް ފަހަތަށް އެނބުރި އިނާޝާއާ ދިމާއަށް ދޫނެރުމަށްފަހު ހެމުން ނުކުމެގެން ދިޔައެވެ.

“ކޮން ރެސްޓޯރަންޓަކަށް ދޮންބެ ދަނީ..” މެންދުރުގެ ވަގުތު ހުމާމްއާއެކު ކާރަށް އަރަމުން އައިހަމް ސުވާލުކޮށްލިއެވެ.

“މްމް.. ސީކްރެޓް ރެސިޕީ ކިހިނެއްވާނެ؟” ހުމާމް ވިސްނާލަމުން ބުނެލިއެވެ.

“ދޮންބެއަށް އޯކޭ ވަންޏާ އަޅުގަނޑަށްވެސް އޯކޭ..” ހިނިތުންވަމުން އައިހަމް ބުނެލިއެވެ. ހުމާމްއާމެދު އައިހަމް ދެކެނީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދައިންނެވެ.

ރެސްޓޯރަންޓްތެރެއަށް ވަދެގެން ދިޔަ ހުމާމްއަށް ބަލަން ފުރާވަރުގެ އަންހެންކުދިން ތިއްބެވެ. ހުމާމް ފެނުމުން އެމީހުންގެ ހެދުންތަކަށް ސަޅިގޮތެއް ހަދާލަމުން އެއްފައި މައްޗަށް އަނެއްފައި ލަމުން ފޮނި ވާހަކަ ދައްކަން ފެށީ ފަރި ދެއްކެން ވެގެންނެވެ. ނަމަވެސް ހުމާމް އެންމެ އަންހެން ކުއްޖަކަށްވެސް ބަލާނުލާ މީހުން މަދު ހިސާބެއްގައި އިއްތާލިއެވެ.

“ދޮންބެ ކިހިނެއް އައިހަމްއަށް ޔަޤީންކޮށް ދޭންވީ..” ކާއެއްޗެއްސަށް އޯޑަރު ޖެހުމަށްފަހު ހުމާމް ބުނެލިއެވެ. އައިހަމް އިސްދަށަށް ޖަހާލިއެވެ. ދެން އެދެމެދަށް ވެރިވީ ހިމޭންކަމެވެ. އައިހަމް މަޑުކުރަމުން ދިޔައީ ވެއިޓަރ އެއްޗެހި ގެންނާނެ އިރަކަށެވެ. ހުމާމް މަޑުކުރަމުން ދިޔައީ އައިހަމްގެ ޖަވާބަކަށެވެ. ފަސްވަރަކަށް މިނެޓު ފަހުން ވެއިޓަރ ކާއެއްޗެހި ގެނެސްދިނުމުން އައިހަމް ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަޅުގަނޑު ދޮންބެއަށް ކިޔައިދޭނަން. އެއީ ދޮންބެއަށް ވަރަށް އިތުބާރުކޮށްފަ..” އިސްއުފުލާ ހުމާމްއަށް ބަލައިލަމުން އައިހަމް ބުނެލިއެވެ. ހުމާމް ވާހަކައަށް ޝައުޤުވެރިވެފައިވީކަން އެނގެނީ އިތުރަށް އެއްޗެކޭ ނުބުނުމުންނެވެ. އައިހަމް އިސްޖަހާލަމުން ދެންވެސް ފުންނޭވައެއް ދޫކޮށްލިއެވެ.

“އަސްލު އަޅުގަނޑަކަށް ނޭނގެ ހެޕީ ސްޓަޑީ ސްކޫލްގެ ޕްރިންސިޕަލްކަމެއް ބައްޕައަކީ.. އެކަމަކު.. އަރޫން ދިޔައީ އެސުކޫލަށް.. މަންމަ އަޅުގަނޑަށް ކާން ނުދޭ ދުވަސްވެސް ދޭ.. އެކަމަކު ގިނަ ދުވަސް ދުވަހު އެއްފަހަރު ކައިގެން ހުންނަނީ.. މަންމަ އަޅުގަނޑަށް ވަރަށް އަނިޔާ ކުރޭ.. ބައްޕަވެސް.. ހޫނުފެން އެއްޗެއް ވެސް އަޅާލި އަތަށް.. ބައްޕަ އެއްދުވަހު ކޮށްބާލި ގޮތަށް އަޅުގަނޑު ވެއްޓުނީ ފުޅިތޮށި ތަކެއްގެ މައްޗަށް.. ވަރަށް ގިނައިން ތަޅާ.. ބައްޕަ ބުނި މަންމަ ކައިރިއަށް ނުދައްޗޭވެސް. މެންޓަލީ އަޅުގަނޑު ވަރަށް ވީކްކަން އެނގޭ. އެކަމަކު އަޅުގަނޑު ވާހަކަތައް ހިއްސާކުރަން އެއިރު ހުރީ ކާކު؟ އަރޫންއަކީ ދޮންމަންމަގެ ކޮޕީ ޕޭސްޓެއް. ދޮންމަންމަ ހުރީ ބައްޕަގެ ބޯކާލާފަ. ރުހުމުގެ ލޮލަކުން ބައްޕަ ދުވަހަކުވެސް އަޅުގަނޑަކަށް ބަލައެއް ނުލާ..” އައިހަމް ހުރިހާ ވާހަކައެއް ކިއައިދެމުން ދިޔައެވެ. ހުމާމް އިނީ ޝައުޤުވެރިކަމާއެކު އަޑުއަހާށެވެ.

“ދޮންބެ ވަރަށް އުފާވެއްޖެ އައިހަމް ތިހުރިހާ ވާހަކައެއް ކިއައިދިނީމަ.. އައިހަމް އެއްވެސް ދުވަހަކު ދޮންބެގެ އެހީއަކަށް ބޭނުންވެގެން ނުބުނެ ނުހުންނައްޗޭ..” ހުމާމް ހިނިތުންވެލަމުން ބުނެލިއެވެ. އައިހަމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އޭނާގެ ހިތުގެ ހާލަތު އެހެން މީހަކަށް ކިއައިދެވުމުންނެވެ. ހުރިހާ ފަހަރަކު ހަޔާތުގެ ވާހަކަތައް ހިއްސާކުރާނީ ލޯބިވެރިއަކާ ނޫނެވެ. އިތުބާރުކުރެވޭ މީހަކަށް ވާހަކަތައް ހިއްސާކުރުމުން އެމީހުންވެސް އެހީވާނެއެވެ.

އައިހަމް އޭނާ ގެނައި އެއްޗެހި ކަމުން ދިޔައިރު އޭނާގެ ހަޔާތުގެ ކަންތައްތައް ހިއްސާކުރަމުން ދިޔައެވެ. ހުމާމް އައިހަމްގެ ހުރިހާ ވާހަކައެއް އަޑުއެހިއެވެ. ދޭތެރެއަކުން ހުމާމްގެ ހަޔާތުގައި ދިމާވެފައި ހުރި ކަންކަންވެސް ކިޔައިދެއެވެ. އައިހަމްގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެންނަން ފެށީ އެވަގުތުން ފެށިއެވެ. އޭނާގެ މަޖާ މިޒާޖު އަނބުރާ އައެވެ.
ޖެހިގެންއައި ދުވަހު ހެނދުނުގެ ވަގުތު އައިހަމް ރިޔާޒާ ކައިރިއަށް ދިޔައެވެ. ހެނދުނު ގަޑީގައި ގިނައިން ރިޔާޒާ ކައިރީ އިންނަނީ އައިހަމްގެ އިތުރުން ނިޔާޒުއެވެ. މަންމަގެ ކައިރީ ހުރި ގޮނޑީގައި އޭނާ އިށީނދެލިއެވެ. ލަތީފު ދިޔައީ ގެއަށް ނިދާލާށެވެ. ރޭގަނޑުގެ ވަގުތު ރިޔާޒާގެ ގާތުގައި އިނދެފައި ހެނދުނު ލަތީފް ދާނީ ގެއަށެވެ. އައިހަމް ހޮސްޕިޓަލަށް ގެންގޮސްދިނުމަށްފަހު ހުމާމް ދިޔައީ އޮފީހަށެވެ. ނިޔާޒްވެސް ހުމާމްއާއެކު އޮފީހަށް ދިޔައީ އޮފީހުގެ ކަންކަން ބަލައިލުމަށެވެ.

ކޮޓަރީގައި އެކަނި އިން އިރު އައިހަމްއަށް މަންމަގެ މޫނަށް ބަލަން އިނދެވުނެވެ. އެމަންމަގެ އޯގާތެރި ބަސްތަކަށް ބޭނުންވެފައެވެ. އަދިވެސް އެއްފަހަރު ދަރިފުޅާއޭ ކިޔާ ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ. ލޯބިން އޭނާގެ ގައިގައި ފިރުމާލާނެ ދުވަހެއް ފެނޭތޯ ދުޢާކުރާ ޙާލުއެވެ. އައިހަމް މަންމަ ބާއްވާފައި އޮތް އެނދުމަތީގައި ބޯއަޅާލިއެވެ. ލޮލުން އައި ކަރުނަ ދުނިޔެއަށް ފޮރުވަމުންނެވެ.

އެގޮތުގައި ހޭދަވީ ތިރީހަކަށް ސިކުންތެވެ. ސިއްސައިގެން ގޮސް ދެފަރާތަށް ބަލާލަން މަޖުބޫރުވީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. އެ އަތުގެ މަޑު ބީހުމުގެ އިހުސާސްވުމުންވެސް އެއީ ކާކުކަން ޝައްކެއްނެތް ވަރަށް އޭނާއަށް ޔަގީން ވެއްޖެއެވެ. ދެވަނަ ސިކުންތު އޭނާއަށް އިވުނީ އަންހެން އަޑެކެވެ.

“ދަރިފުޅާ އައިހަމް..”

-ނުނިމޭ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އެކްސިޑެންޓް

Next

ވައުދޭ ވެވޭ މީ…23

Next
July 30, 2022

ވައުދޭ ވެވޭ މީ…23

Previews
July 30, 2022

އެކްސިޑެންޓް



All Right Reserved!