ބާވެފައި ހުރި ކޮޓަރިތެރޭގައި ހުރެ އަހަރެން ކަޅުކުލައިގެ ލެދަރ އަންގި އަތަށް ހެޔޮވަރު ކޮށްލީމެވެ. އެއަށްފަހު ކަޅުކުލައިގެ ދަބަސް ނަގާ މޭޒުމަތީ ހުރި ސާމާނުތައް ދަބަހަށް އާޅާލީމެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު ވެސް ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި އަލަމާރީގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީގައެވެ. ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ހިންގާލެވުނެވެ.
ހިމަތޮޅި ކުއްޖެކެވެ. ގަޔަށް މެހިފައި ވަނީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި އެކުލައިގެ ޖެކެޓެކެވެ. ތިރިއަށް ލެވިފައި ވަނީ ކަޅުކުލައިގެ ލެގިންސްއެކެވެ. ދޮން ހިމަ މޫނުން ފެންނަނީ ހުރީ ނަގައިގަންނަން ދަތި އަސަރެކެވެ. ކަނދުރާ އަށްވުރެ ކުޑަކޮށް ދިގުކުރެވިފައިވާ އިސްތަށިގަނޑު ވަނީ ވޫލް ކޮޅަކުން ހައްޔަރު ކުރެވިފައެވެ.
އަމިއްލަ ނަފްސަށް ނަޒަރެއް ހިންގާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު މަޑުމަޑުން އެކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ނިކުތީމެވެ. ހަލަބޮލި މާލޭގެ މަގުތަކަށް ނިކުމެ ދެކޮޅު ބަލައިލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގޭ ކުރިމަތީ ހުރި ޗޮކްލެޓް ވިއްކާ ފިހާރައިން ނިކުތް ތުއްތު އަންހެން ކުއްޖާއެވެ. ބަލާ ބެލުމަށް ހަތަރު ވަރަކަށް އަހަރު ވެދާނެއެވެ. އެކުއްޖާ އަތުގައި އޮތް ޗޮކުލެޓުން ގާތުގައި ތިބި މަންމައަށާ ބައްޕަ އަށް ޗޮކުލެޓުކޮޅެއް ލަވައިދިނެވެ. ވަގުތުން ދުރަށް ނަޒަރު ހިންގާލެވުނެވެ. ހިތުގައި ރިއްސާލިއެވެ. އެ މަންޒަރު ބަލަން ނުހުންނާން ވެގެން ހިނގައިގަނެވުނެވެ. ކުރަން އުޅުނު ކަންތައްވެސް އެވަގުތު ހަނދާނުން ކައްސާލާފައިވިއެވެ. ލޮލު ކުރިމަތީ ކަޅާ ހުދުގެ މަންޒަރުތަކެއް ފިލްމެއް ފަދައިން އެޅުވިގެން ދިޔައެވެ.
ހިނގެމުން ދިޔައީ ނުބައި މަގަކުންކަން ވެސް އަހަރެންނަށް ރެއަކާނުލައެވެ. އެއަށްވުރެ ބޮޑަށް އަހަރެން ވީ ޚިޔާލުގެ ކަނޑެއްގައި ގެނބިފައެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ދުއްވާފައި އައި ސައިކަލެއްގެ ބުރަކި ޖައްސާލެވުނު އަޑަށެވެ. ޒުވާނާ ތަންކޮޅެއް ބާރަށް ސައިކަލު ދުއްވިނަމަ މިހާރު އަހަރެން އޮތީހީ ލެއާ ތަތްތެޅިފައެވެ. ފަރުވާކުޑަ ގޮތަކަށް އެޒުވާނާއަށް ބަލައިލީމެވެ.
އޭނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެކެވެ. ހީވާގޮތުން ޑިއުޓީ ނިންމާފައި ގެއަށް ދަނީއެވެ. ބޮލުގައި އަޅާފައި އިން ކަޅުކުލައިގެ ހެލްމެޓުން އޭނާގެ މޫނެއް ނުފެނެއެވެ.
“މަގު ހިނގާ އިރު ބަލައިގެން ހިނގުން ބުއްދިވެރި..” އަތުގެ އިޝާރާތުން ދިއުމަށް ބުނަމުން އޭނާ ބުނެލި އަޑު އިވުނެވެ. އޭނާއާ ދިމައަށް ކަޅި އަޅާލުމަށްފަހު އަވަސް އަވަހަށް މަގުގެ އަނެއްފަރާތަށް ދިއުމަށް ހިނގައިގަތީމެވެ.
މަގުއޮޅިގެން އޭރު އަހަރެންނަށް އާދެވިފައި ވަނީ މުޅިން ނުބައި ދިމާއަކަށެވެ. އޭރު ހިނގާ ހިނގާ ލޮޑުވެފައި ހުރުމުންނާއެކު އަހަރެން ގަސްދުކުރީ ކުރިމަތީ ހުރި ޕާކަށް ވަންނާށެވެ. އެވަގުތު ފުދޭވަރަކަށް މީހުން މަދުވެފައި ވުމާއެކު އަހަރެން ގޮސް އިށީނީ ފެން އަރުވާ ވަޑާން ކައިރީހުރި ބެންޗެއްގައެވެ. އެއާއެކު އަހަންނަށް ސިފަވާން ފެށީ އަހަރެންގެ މާޒީއެވެ.
އަހަރެންނަކީ މަންމައާއި ބައްޕަ އަށް ލިބުނު ދެވަނަ ދަރިއެވެ. ޢާއިލާގައި އަހަރެންގެ ދޮށްޓަށް ހުންނަނީ އަހަރެންނަށް ވުރެ ދިހަ އަހަރު ދޮށީ ދޮންބެއެވެ. ދޮންބެއަކީ ދުވަހަކުވެސް ހެޔޮކަމެއް ކުރަން ހިތުލީ މީހެއް ނޫނެވެ. ދޮންބެގެ އެންމެ ކުރީގެ ހަނދާނަކަށް އަހަރެން ވަނީ ބައްޕަ, ދޮންބެ މާގިނައިން ބޭރުގައި އުޅޭތީ ގޭބަންދު ކުރި ދުވަހު ސިޓިންރޫމްގައި ހުރި ވާސް ތަޅާލި ދުވަހެވެ. އެއަށްފަހު އައިސް ބައްޕަ ކޮށްޕާލުމަށްފަހު ގެއިން ނިކުމެގެން ދިޔައީއެވެ. މަންމަގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ އަހަރެން އެމަންޒަރު ބަލަން ހުރީ ފެންކަޅިވެފައެވެ. ދޮންބެ އެންމެ ފަހުން ފެނުނީ ގޭގައި އޮއްވާ ފުލުހުން އައިސް ބިޑި އަޅުވައިގެން ގެންދިޔަ ދުވަހެވެ. މަންމަ ގިސްލާފައި ރުއި ވަރު ފެނި ހިތަށް ތަދުވީ އުމުރުން ތޭރަ އަހަރުގެ އަހަރެންގެއެވެ. އޭގެ ފަހުން އަދި އަދަށްވެސް ދޮންބެ ގެއަށް ވަތް ހަނދާނެއް ނުވެއެވެ. ނަމަވެސް ފުލުހަށް ހާޒިރު ކުރުމަށް ފަހު އަހަރެއްހާ ދުވަސް ފަހުން ދޫކޮށްލި ހަބަރު އަހަރެން އެހީމެވެ.
މަންމައާއި ބައްޕަ ކުރަމުން އައި ހިތާމަ ފެނުނީ އަހަރެންނަށެވެ. މަންމަ ރޮއެރޮއެފައި އަހަރެން ގާތު ދޮންބެ ގޮތަށް ނޫޅެއްޗޭ ބުނާނެއެވެ. އަހަރެން އޭގެން ކޮންމެ ފަހަރަކު ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައަޅަމެވެ. ދުވަހަކުވެސް އެމަންމަ އަހަރެންނާ ހެދި ރޯކަށް ނުޖެހޭނެ ކަމަށް ހިތުގެ އަޑިން ވަޢުދުވަމެވެ. ކިޔަވާ މޮޅުވެގެން އެ މަންމަ ބޭނުންވާފަދަ ދަރިއަކަށް ވުމަށް އަތުކުރި އޮޅާލަމެވެ. ކޮންމެ ފަހަރަކުވެސް ހިތުގައި އޮންނަ ވަރުގަދަ އަޒުމް އާކުރަމެވެ. ނަމަވެސް ތަޤުދީރުގައި ވާނެގޮތް ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ. އެފަރާތުގެ އިލާހީ ޤާނޫނު ބަދަލުކުރެވޭނެ އެހެން ފަރާތެއް ނުވެއެވެ.
މަންމަ ކުރަމުން ދިޔަ ހިތާމަ ރުޅިއަށް ބަދަލުވެގެން ދިޔައީއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ނުވަ މަހާއި ނުވަ ދުވަހު އެމަންމަގެ ބަނޑުގައި ގެންގުޅި އެތައް ވޭނަކާއި އެކު މި ދުނިޔެއަށް އުފަންކުރުވާ އަމިއްލަ އުފާތައް ގުރުބާން ކޮށްގެން ބަލާ ބޮޑުކުރުމުން ލިބުނީ ވޭނާ ކެކުޅުން ވިއްޔާއެވެ. ބައްޕަވެސް ފަހުން އަހަރެންގެ ކަންތަކުގައި ފަރުވާކުޑަ ކުރަން ފެށިއެވެ. މަސައްކަތު ގަޑި ނިންމާފައި ހަވީރު ގެއަށް އައިސް ފެންވަރާއިގެން ބޭރަށް ދާމީހާ ގެއަށް އަންނަނީ ރޭގަނޑު ދަންވާ ފަހުންނެވެ. އެހިސާބުން މަންމަގެ ރުޅިގަނޑު ބާލަން ފެށީ އަހަރެންނަށެވެ. އެއްޗެހި ކިޔާ ކޮންމެ ފަހަރަކު އަހަރެން ވެސް ވާނީ ދޮންބެ ކަހަލަ މީހަކަށް ކަމަށް ބުނެދެއެވެ. ނުބުންޏަސް ބައްޕަވެސް އަހަރެންނާ މެދު ދެކެމުން އަންނަނީ އެފަދައިން ކަން އަހަރެންނަށް ވިސްނެއެވެ.ހީވަނީ މަންމަ އާއި ބައްޕަ ބޭނުންވަނީ އަހަރެން ވެސް ނުބައި މަގު އިހްތިޔާރު ކުރުން ހެންނެވެ.
ސާނަވީ ތަޢުލީމް ނިންމާ މަތީ ސާނަވީ ތަޢުލީމް ފެށުން ފަހުން އަހަރެން މަޑުމަޑުން ކިޔެވުމާ ދުރުވާން ފެށިއެވެ. ބޭނުން ވިއަސް ކިޔަވާ ހިތް ނުވަނީއެވެ. ކަންކަމާމެދު ފިކުރު ކުރި ވަރަކަށް އަހަރެންނަށް ގޮތް ހުސްވީހެން ހީވާން ފެށިއެވެ. އިހުސާސް ވަމުން ދިޔައީ ބަޔަކު މީހުން އަހަރެން ފެންގަނޑަކަށް ގަންބާލަނީ ހެންނެވެ. ކިތަންމެ ގަދަ ހެދިއަސް އެމީހުން އަހަރެންނަށް ނޭވާލުމުގެ ފުރުސަތެއް ނުދެއެވެ. މަންޒިލެއް ނެތް ދަތުރުވެރިއެއް ފަދައިން އަހަރެން އުޅެމުން ދިޔައީމެވެ. އޭލެވެލް ނިނާމާލި އިރު ކިރިޔާ މާއްދާތާކުން ފާސްވި ކަމެވެ.
ސުކޫލް ނިންމާލި ފަހުން އަބަދު ގޭގައި އޮންނަން ޖެހުމުން އަހަރެން ފޫހިވާން ފެށިއެވެ. މީހުންނާ މާ ގުޅިގެން އުޅުން މީހެއް ނޫން ކަމުން އެކުވެރިއެއް ވެސް ހުރީކީ ނޫނެވެ. އެހެންކަމުން އެއްދުވަހު ހަވީރު ހިނގާލަން ދާން ނިންމީމެވެ. އެކަނިވެރި މީހަކު ދާން ޖެހޭނީ އެކަނި ނޫންހޭ ހިތައް އަރުވާލަމުން ބޭރަށް ދާން ތައްޔާރުވީމެވެ. ބޭރަށް ދަމުން މަންމަ ގާތުގައި ބުނަން ދިޔައިރު މަންމަ ހުރީ ނަމާދަށް އަރައެވެ. މެންދުރު ކައިގެން ބޭރަށް ދިޔަގޮތަށް ބައްޕަ ގެއަކަށް ނާދެއެވެ. މާބޮޑުކަމަކަށް ނުހަދާ ބޭރަށް ދިޔައީމެވެ. ގެއަށް އައި އިރު މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ. ކޮންތާކުންހޭ އަހާލުމުން ދިޔަ ތަނާއި މަންމަ ގާތުގައި ނުބުނެވުނު ސަބަބުވެސް ބުނެދިނީމެވެ. އިތުރު އެއްޗެއް މަންމަ ނުބުނުމުން އަހަރެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތީމެވެ. ނަމަވެސް ހުއްޓެވުނީ މަންމަ ދެން ބުނެލި ބަސްތަައް އަޑު އިވުމުންނެވެ. އެބަސްތައް އަޑުއިވުމުގެ ކުރިން އަހަރެންގެ ކަންފަތުގެ އިވުން ގެއްލުނު ނަމަ ކިހާ ރަނގަޅުވީސްހޭ ހިތަށް އެރިއެވެ.
“ޒިވިޔާ ފެނުނީމަވެސް މިހާރު ފޫހިވޭ. ހިތަށް އަރާ ނުފެންނާނެ ނަމައޭ”
ފަހަތް ބަލައިލާނެހާ ހިތްވަރެއް ނުލިބުނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބަން ފެށީ އަހަރެންގެ އިޒުނަވެސް ހޯދާލުމެއް ނެތިއެވެ. އިންތަނަށް ތިރިވެ ފާރުގައި ލެނގިލެވުނީ ހިތަށްވީ ތަދުންނެވެ. ހީވީ މީހަކު އަހަރެންގެ ހިތް ފިސްފިސް ކޮށްލީ ހެންނެވެ. އެތަށް އިރަކު އެހެން އިނދެ ރޮއުނީމެވެ. ލޮލުން ކަރުނަ ފުހެދޭނެ ލޯބިވެރިއެއް އަހަރެންގެ ނެތެވެ. ލޯބިން ބައްދާލާ ހިމާޔަތް ދޭން ހުރި ދޮންބެ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނެތްކަންވެސް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ރޮއެރޮއެ އަހަރެންގެ ހަށިގަނޑުގައި ވަރެއްވެސް ނެތެވެ. ނަމަވެސް އިންތަނުން އަހަރެން ތެދުވީ ވަރުގަދަ އަޒުމަކާއެކީއެވެ. މަންމަގެ އުފަލަކީ އަހަރެންގެ ވެސް އުފާ ކަމުގައި ހަދައިގެންނެވެ. ދުވަހަކުވެސް ދެން މަންމަ ފެންނަ ހިސާބަށް ނާންނަން އަހަރެންގެ ނަފްސަށް ވައުދުވީމެވެ. ދަންވަރުގެ ވަގުތު އަހަރެން ގެއިން ނިކުމެގެން ދިޔައީ މަންމައަށް ނޯޓެއް ލިޔެފައެވެ. ދުވަހަކުވެސް އަހަރެން ހޯދަން ނައުމަށް ލިޔުނީމެވެ. އެރޭ ގެއިން ނުކުތް ގޮތަށް މިގޮތަށް އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެއެވެ.
ހިޔާލުތަކުން އެއްފަރާތް ވެވުނީ ދަބަހުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. އަވަސްއަވަހަށް ފޯނުނަގާ ގުޅަނީ ކާކުތޯ ބަލައިލީމެވެ. ގުޅަމުން ދިޔަ ނަންބަރުގައި އެއްވެސް ނަމެއް ނުޖަހާ ތިން ތިކި ޖަހާފައި އިނެވެ. ވަގުތުން ދެފަރާތް ބަލައިލުމަށްފަހު ކޯލް ރިސީވްކޮށްލާ ކަންފަތުގައި ފޯނު ޖައްސާލީމެވެ.
“ޒިވީ ކޮންތާކު؟ ޓައިމް ބުނީމަ އަވަހަށް އަންނާތި.. އެހެންނޫނީ އަފޭ ރުޅި އައިސް ދާނެ..” އެކޮޅުން ވާހަކަ ދެއްކީ އަހަރެންނާއެކު ގޭންގްގައި އުޅޭ ޝައިލްއެވެ. ގޭންގްގައި އަހަރެންނާ އެންމެ ގާތްވާނީވެސް އޭނައެވެ.
“މިއިނީ ސެންޓްރަލް ޕާކްގަ.. މިތަނުން ބަލައި އާދެވޭނެ ތަ ޝައިއްޓެއަށް؟” ގަޑި ޖެހިއްޖެނަމަ އަފޭ ރުޅިގަދަވާނެކަން އިނގޭތީ އަހަރެން ޝައިލްގެ ގާތުން ރައިޑަކަށް އެދުނީމެވެ.
“އޯކޭ” އިތުރު ވާހަކައެއް ދެއްކުމެއް ނެތި ޝައިލް ފޯނު ކަނޑާލީއެވެ.
ބޭރުގައި ޝައިލްގެ އިންތިޒާރުގައި މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ސައިކަލު މަޑުކޮށްލުމާއެކު އަހަރެން އެއަށްއަރާ ހަމަޖެހިލީމެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. އަހަރެންގެ ހަޔާތަށް މާބޮޑު ބަދަލެއް ނާދެއެވެ. އަހަރެންގެ ނަޒަރުގައި އަހަރެންގެ ދިރިއުޅުން ހަމަ ‘ޕާރފެކްޓް’ އެވެ.
މިއަދު މީޓީންއަށް ކިޔާފައި އޮތީ ދަންވަރު އެކަކަށް ކަމުން ދިހައެއް ޖަހާލާ ހާއިރު އަހަރެން ބޭރަށް ނިކުތީ ސިކުނޑި ހަމަޖައްސާލާށެވެ. އަހަރެންގެ މަންޒިލަކަށް ވެފައިވަނީ ރަސްފަންނެވެ. ގޭގެ ސިޑިން ފޭބުމުގެ ކުރިން އަހަރެންނަށް ފުލުހުންގެ ކާރުގެ ސައިރެން އަޑު އިވިއްޖެއެވެ. މަގު މައްޗަށް ނިކުމެ ވީގޮތް ބަލައިލި އިރު ފިހާރައިގެ ކަނާތްފަރާތުގައި ހުރި ގޭގައި އުޅޭ ޕާޓޭ ސޮރު ބަލައި އައިސްގެން އުޅޭ ފުލުހުންނެވެ. އަހަރެންނަށް ނިކުމެވުނު އިރު އެސޮރު ގޮވައިގެން ފުލުހުން ކާރަށް އަރަނީއެވެ. އޭރު އޭނަގެ މަންމަ ރޮމުން ގިސްލަމުން ގޭގެ ދޮރުކައިރީ ހުއްޓެވެ. އަންހެން މީހާގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ އޭނާގެ ތިން އަހަރަށްދާ ފިރިހެން ކޮއްކޮ ރޮމުން ގެންދިޔައެވެ. އެއާއެކު އަހަރެންގެ ސިކުނޑީގައި ވަކިހިއާޕާލީ ދޮންބެއެވެ. އެފަދައިން އަހަރެންގެ މަންމަ ރޮއުން ދުވަހެވެ. ކިތަންމެ ހިތްހަރުކަމަށް އަހަރެން ދެއްކި ނަމަވެސް އަހަރެން މަންމަ ގާތަށް ދާން ބޭނުމެވެ. އެއުނގުގައި ބޯއަޅައިގެން އޮވެ އަހަރެންގެ ޝަކުވާތައް ހިއްސާކުރަން ބޭނުމެވެ. އެމަންމަގެ އަތުން އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ބުނާ އަޑުއަހާލަން ބޭނުމެވެ. ހިޔާލުތަކުގައި ހުރެ އަހަރެން ހިނގަމުން ދިޔައިރު މަގަށްދޭންވާ ސަމާލުކަމެއް ނުދެވެއެވެ. ޒިބްރާ ކްރޮސްއަށް ބެލުމެއްނެތި އަހަރެން މަގު ހުރަސްކުރަން ދިޔައީމެވެ. ނަމަވެސް ސިއްސައިގެން ގޮސް ހުއްޓެން މަޖުބޫރުވީ ދުއްވާފައި އައި ސައިކަލުގެ ފުރުޅުގައި އަހަރެންގެ ފައި ޖެހިފައި ހުއްޓުމުންނެވެ. ޒުވާނާ ސައިކަލު ބުރަކި ނުޖެއްސިނަމަ ސައިކަލު ދިޔައީހީ އަހަރެންގެ ގައި މަތިން ލާފައެވެ. ސައިކަލުގައި އިން ޒުވާނާއަށް އަހަރެން ބަލައިލީމެވެ.
ލާފައިހުރި ކަޅުކުލައިގެ ޓީޝާޓް ވަނީ އޭނާގެ ކަސްރަތީ ހަށިގަނޑަށް ހިފާފައެވެ. ތިރިއަށް ލާފައި ހުރީ ގަދަ ނޫ ކުލައިގެ ޖިންސްއެކެވެ. މޫނު ފޮރުވިފައި ވަނީ އޭނާ އަޅައިގެން ހުރި ކަޅުކުލައިގެ ހެލްމެޓުންނެވެ.
“އަނެއްކާވެސް؟” ޒުވާނާގެ އަޑު ޖެހުމާއެކު އަހަރެންނަށް އެއީ ކާކުކަން ނަގައިގަނެވިއްޖެއެވެ. މީގެ މަސްތަކެއް ކުރިން ޕާކުކައިރިން އެކްސިޑެންޓް ވި ޒުވާނާއެވެ. އެއާއެކު އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މި އިންސާނާ މިހާރު އަހަރެންނަށް ފާރަލަނީ ހެއްޔެވެ؟ އައި ރުޅީގައި އަހަރެން އޭނާ ކޯތާފަތް މަތީ ޖެހުމަށް އަތް މަޅާލީމެވެ. ނަމަވެސް އޭނާ ހުށިޔާރު ކަމާއެކު އަހަރެންގެ އަތުގައި ހިފަހައްޓައިފިއެވެ. ނޭނގި ނަމަވެސް އޭނާއަށް އެއަޅާލެވުނީ އަލިފާނުގެ ތެރެއަށް ތެލެވެ. އަލިފާނުގެ ހުޅުގަނޑު ބޮޑުވާ ފަދައިން އަހަރެންގެ ރުޅިގަނޑު ވެސް ބޮޑުވީ އެއެއް ބަލާފައެއް ނޫނެވެ.
“ކިހާ ދެރަކަމެއް ދެން މީ..” ރުޅި އައިސްގެން އަހަރެން ވިރެނީއެވެ. ދުލުގައި އެއްބައި އޮއްވާ އަހަރެން ޖުމްލަ މެދުކަނޑާލީ ބޮލަށް އެރި ތަދުންނެވެ. އެސްފިޔަ ތަޅުވާލުމަށްފަހު ވަށައިގެން ނަޒަރު ހިނގާލި އިރު ހުރިހާ އެއްޗެއް ވެސް ފެންނަނީ ފުސްކޮށެވެ. ކާއެއްޗެއް އަރުތެރެއިން ދިރުވާނުލެވޭތާ ދެދުވަސް ވެއްޖެކަން ރެއަކާލީ ދެނެވެ. ޒުވާނާގެ ކުރިމަތީ ބަލި ނުވާން އަނެއްކާވެސް ނެތް ވަރުން އަތް ހިއްލާ މަޅާލީމެވެ. ނަމަވެސް ވީނުވީއެއް ނޭނގި އަހަރެންގެ ހޭވެރިކަން ނެތުނީއެވެ.
މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލީމެވެ. ފުރަތަމަވެސް ފެނުނީ ހުދުކުލައިގެ ސީލިންގް އެކެވެ. އިތުރު ތަނެއް ބަލައި ނުލެވެނީސް އެއްކަލަ ޒުވާނާގެ އަޑު އިވިއްޖެއެވެ.
“ހޭލީ ދޯ.. އެބަ އަންނަން ޑޮކްޓަރ އަށް ގޮވާފަ.” މިފަހަރުވެސް އޭނާގެ މޫނު ފެންނަ ވަރެއް ނުވިއެވެ. އޭނައަށް ބަލައިލެވުނު އިރު ފަހަތަށް އެނބުރި ދަނީއެވެ.
އިރުކޮޅެއް ނުވެ ޑޮކްޓަރު އަތުވެއްޖެއެވެ. ހާލު ބަލައިލުމަށްފަހު އެންމެ ފަހުން ކެއީ ކޮން އިރަކުތޯވެސް އަހާލިއެވެ. ދޮގު ނުހަދާން ތެދަށް ޖަވާބު ދިނީމެވެ. އެއަށްފަހު ވަރަށް ނަސޭހަތް ދިނުމަށް ފަހު ޑޮކްޓަރު ކޮޓަރިން ނުކުމެގެން ދިޔައެވެ.
ޕްރައިވެޓް ކޮޓަރީގައި އަހަރެން އެކަނި ވިއެވެ. ދަބަސް ކޮބައިތޯ ބަލައިލި އިރު އަރިމަތީގައި ހުރި މޭޒުމަތީގައި ދަބަސް ހުއްޓެވެ. މަޑުމަޑުން ގޮދަޑީގައި އިށީނދެ ދަބަސްނަގާ ހުރިހާ އެއްޗެއް ހަމަތޯ ބަލައިލީމެވެ. އެޒުވާނާއަަށް އިތުބާރު ކުރަން ފަސްޖެހުނީއެވެ. އަވަހަށް ފޯނުނަގާ ގަޑި ބަލައިލީމެވެ. އޭރު ދަންވަރު އެކެއް ޖަހަން ހުރީ އެންމެ މިނެޓެކެވެ. ޝައިލްއަށް ގުޅުމުގެ ބަދަލުގައި އަފޭއަށް ގުޅާލީމެވެ.
“ބްރޯ. ވަރަށް ކަޑަ. މަމިއޮތީ ހޮސްޕިޓަލްގަ. ޑިސްޗާރޖް ކުރި އެންމެ އަވަހަކަށް ހަބަރު ވާނަން..” އަފޭއަށް ގުޅާފައި ވީގޮތް ބުނެދިނީމެވެ.
އިތުރު ވާހަކައެއް އަފޭ ނުދައްކައެވެ. ފޯނު ކަނޑާލީއެވެ.
އިވިގެން ދިޔަ ޓަކީގެ އަޑަށްފަހު ދޮރު ހުޅުވާލެވުނެވެ. ފަރުވާތެރިކަމާއެކު އަހަރެން ވަންނަނީ ކާކުތޯ ބަލަން އިނީމެވެ.
ކަނދުރާއާ ހިސާބަށް ދިގުކޮށްފަައި އޮތް ކަޅުކުލައިގެ ފަން އިސްތަށިގަނޑު ހުރީ ތަރުތީބު ކަމާއެކުއެވެ. ވަށްކޮށް ހުރި ދޮން މޫނެކެވެ. ބޯ ބުމައަކާއެކު އޭނާއަށް ލިބިފައިވަނީ ގަދަ މުށިކުލައިގެ ކަޅިއެކެވެ. އޭނާގެ އަތުގައި ބޭރު ނުފެންނަ ކޮތަޅެއް އޮތެވެ.
އަހަރެން އޭނާއަށް ބަލަން ހުއްޓާ ލުއި ހިނިތުނުމެއް ހަދިޔާ ކޮށްލުމަށް ފަހު މަޑުމަޑުން ހިނގާފައި އައިސް މޭޒުމަތީގައި ކޮތަޅު ބޭއްވި އެވެ.
“ބަލްސަމް” ސަލާމަށް އަތް ދިއްކޮށްލަމުން އޭނާގެ ނަން ބުނެލިއެވެ.
“ޒިވިޔާ” މަޑުމަޑުން އެއަތުގައި ހިފާލަމުން އަހަރެންގެ ނަން ބުނެލިމެވެ.
“ކިހިނެއް މިހާރު؟” ބަލިމީހާގެ އެހީތެރިޔާއަށް ހާއްސަ ގޮނޑީގައި އިށީންނަމުން ބަލްސަމް ބުނެލިއެވެ.
“ރަނގަޅު..” އަހަރެން ވާހަކަދެއްކީ މަޑުންނެވެ. ” ކިހިނެއް ވީ އަސްލު؟”
“ޖަހަން އަތް މަޅާލި ގޮތަށް އަހަރެންގެ ސައިކަލު ކުރިމައްޗަށް ވެއްޓުނީ. ހިތަށް އެރި އަހަރެންގެ އަތުން މެޖިކެއް ހެދުނީ ބާއޭވެސް.. ހެހެ.. ދެން މީހަކު ވެއްޓުނީމަ އެކަނި ދޫކޮށްލުމަކީ އިންސާނިއްޔަތު ކަމެއް ނެތް މިހަކު ކުރާނެ ކަމެއް ދޯ. އަހަރެން މީ އެހާ ހިތްހަރު މީހެއް ނޫން. އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެނައީ.” ބަލްސަމް ޖަވާބުދިނީ ސަމާސާ ގޮތަކަށެވެ.
“ތެންކިއު” މީހަކު ހެޔޮކަމެއް ކޮށްދީފިއްޔާ ޝުކުރުވެރި ވުމަކީ އަހަރެންގެ ކުޑައިރުގެ ވެސް އާދައެކެވެ.
“މިހުރީ ޒިވިޔާއަށް ގެނެސްދިން މޭވާ ކޮތަޅެއް..” މޭޒުމަތީ ހުރި ކޮތަޅަށް އިޝާރާތްކޮށް ބަލްސަމް ބުނެލިއެވެ. އެކަމަށް ވެސް އޭނާއަށް ޝުކުރު އަދާކުރީމެވެ.
“ސޯ ފްރެންޑްސް ދޯ މީގެ ފަހުން.. އެއްވެސް އެހީއެއް ބޭނުމިއްޔާ ބުނައްޗޭ.” ބަލްސަމް އަކީ ހިތްހެޔޮ ޒުވާނެކެވެ.
އެތައް އިރަކު ވާހަކަދައްކަން ތިބެވުނެވެ. އެންމެ ފަހުން ވާހަކައިގައި ތިބެ އަހަރެންނަށް ނިދުނީއެވެ.
އަހަރެންނަށް ހޭލެވުނީ ނަރުހެއް އައިސް ގޮވުމުންނެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖަހަނީ އެވެ. ބަލްސަމް ފެންނާކަށް ނެތެވެ.
ޑޮކްޓަރު އައިސް އަހަރެން ބެއްލެވުމަށްފަހު ޑިސްޗާރޖް ކުރިއެވެ. ކޮޓަރީގައި ހުރި ސާމާނުތައް ދަބަހަށް އެޅުމަށްފަހު, ފައިސާ ދައްކަން ދިއުމުން ބުނީ ފައިސާ ދައްކާ ނިމިފައިވާ ކަމެވެ. އަފޭއަށް ގުޅަން އުޅިފައިވެސް ނުގުޅީ މިގަޑީގައި އެސޮރު ނުހޭލާނެކަން އެނގޭތީއެވެ. އިތުރު ވަގުތެއް ހޮސްޕިޓަލުގައި މަޑުނުކޮށް ދިޔައީ ގެއަށެވެ.
ކަލަންޑަރުގެ ގަނޑުތައް އުކެމުން ދެއެވެ. އަހަރެންނާ ބަލްސަމްގެ ގުޅުންވެސް ދިޔައީ ކުރިއަށެވެ. ފޫހިވެއްޖެއްޔާ އޭނައަށް ގުޅަމެވެ. ދެމީހުން އެކީ ހިނގާލަން ދިއުމާ ކާން އެރުން އާދައަކަށް ވެއްޖެއެވެ. ލޯބިވެރިންގެ ގޮތުގައެއް ނޫނެވެ. އެކުވެރިންގެ ގޮތުގައެވެ. ހަޔާތުގެ އެކި ވާހަކަތައް އަހަރެމެން ހިއްސާކޮށް ހަދަމެވެ. ދެމީހުންވެސް ނުދައްކަނީ ހަމަ އެންމެ ވާހަކައެކެވެ. އެއީ އާއިލާގެ ވާހަކައެވެ. މަޑުމަޑުން ގޭންގާވެސް ދުރުވެވެން ފެށިއެވެ. ބަލްސަމްގެ ފުށުން އަހަރެންނަށްވެސް ރަނގަޅު އާދަތައް ދަސްވާން ފެށިއެވެ. ކޮންމެ ނަމާދަކަށް އޭނާ މިސްކިތަށް ދާނެއެވެ. އަހަރެން ވެސް ވީވަރަކުން ނަމާދާ ގާތް ވީމެވެ. ކޮށިކޮށް ނަމަވެސް ޤުރުއާން ކިޔަވަން ފެށީމެވެ. ބަލްސަމްއާ އަހަރެންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިޔައީމެވެ. ގާތް އެކުވެރިކަމަށެވެ. އެ ގުޅުމަށް އަސްލު ދެވެންވީ އެނަން ނޫންކަން އަހަރެންނަށް އެނގެއެވެ. އެހެނީ ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ލޮތްބޭ ކިޔާ އެއްޗެއް ކޮށްޓާލީމައެވެ. އިސްވެ ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. ބަލްސަމްގެ ހަރަކާތްތަކުން އޭނާވެސް އަހަންނާ ގަޔާވާކަން އިހުސާސްވެއެވެ. ދުވަސްތަކެއް އަހަރެން މަޑުކުރާކަށް ނުޖެހުނެވެ. ބަލްސަމް އިސްވެ އަހަރެންނަށް ލޯބި ހުށައެޅީއެވެ. ޖަވާބު އެނގިހުރެވެސް ވިސްނާލަން ދުވަސްކޮޅެއް ދިނުމަށް އެދުނީ އަހަރެންނެވެ. މާގިނަ ދުވަހެއް އޭނާ ނުދިނެވެ. އެންމެ ފަހުން އަހަރެން ބަލްސަމްގެ ހުށައެޅުން ގަބޫލުކުރީމެވެ. މާގިނަ ދުވަހު މަޑުނުކޮށް އަހަރެމެން ދެމީހުންވެސް ކައިވެނީގެ ގޮށުން ގޮށް ޖަހާލީމެވެ.
ކައިވެންޏަށް މަހެއް ވީ ފަހުން އެއްދުވަހު އޭނާ ގެއަށް އައިސް, އޮފީހުގެ ރަހުމަތްތެރި އަކާއި އޭނާގެ އާއިލާއަށް ހަވީރު ސައެއް ތައްޔާރުކޮށްދޭން އެދުނެވެ. ވަރަށް ފަހަކުން ރާއްޖެއިން ބޭރުން ތަޢުލީމް ޙާޞިލްކޮށްގެން އައުމުން ސައިދޭން ބޭނުންވީ ކަމަށް ބުންޏެވެ. ފިރިމީހާގެ އެދުމެއްގައި ކޮޅުފައިން ޖެހުމަކީ އަހަރެން ކުރާނެ ކަމެއް ނޫން ކަމުން ވަގުތުން އެއްބަސް ވީމެވެ. އަންނަނީ ކޮން ބައެއްތޯ ނޭހީ ހަވީރު ދިމާވާނެކަން އެނގޭތީއެވެ.
ވަރަށް އަތްމަތި އަވަސްކޮށްލަމުން ދެތިން ވައްތަރެއްގެ ހެދިކާއާއި ފޮނި އެއްޗެއް ތައްޔާރު ކޮށްލީމެވެ. ހަވީރު ފަހެއް ޖަހަން ވީއިރު އަހަރެން ހުރީ މެހެމާނުންގެ އިންތިޒާރުގައެވެ. ފަސް މިނެޓު ފަހުން ބަލްސަމް ގުޅާފައި މި އަރަނީ މައްޗަށޭ ބުނުމުން އަދިވެސް އެއްފަހަރު ހުރިހާ އެއްޗެއް ހުރީ ރަނގަޅަށްތޯ ބަލައިލީމެވެ. އެވަގުތު ގޭގެ ދޮރުހުޅުވާލި އަޑު އިވުމުން އަހަރެން ދޮރާ ދިމާއަށް ހިނގައިގަތީމެވެ. ދޮރުން ވަދެގެން އައި މީހުން ފެނި އަހަރެންނަށް ހީވީ ލޮލުގެ ގޮބޮޅި ގަނޑުވެސް ފުންމައިގެން ނިކުމެދާނެ ހެންނެވެ. ހަރަކާރް ހުއްޓިފައި ބަލަން ހުރެވުނީ އެހެން ވެއެވެ. އެމެހެނާނުންވެސް އަހަރެން ފެނުން އިރަށް ފިޔަވަޅުތައް ހުއްޓުނެވެ. އެމީހުންގެ ނަޒަރުން އަހަރެން ނުތަނަވަސް ކުރުވިއެވެ. ބަލްސަމް ހުރީ ވާނުނާ ނޭނގި އަހަރުމެންނަށް ބަލާށެވެ.
“ޒިވީ..” ދޮންބެ އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތް އިރުވެސް އަހަރެން ހުރީ ޝޮކެއްގައެވެ. މަންމަވެސް ބަލާކަށް ނުހުއްޓެވެ. ‘މަގޭ ދަރިޔާއޭ’ ކިޔާފައި އައިސް އަހަރެންނާ ދޮންބެ ގައިގައި އޮޅުލައިގެންފިއެވެ. ބައްޕަވެސް ދެލޮލަށް އައި ކަރުނަތައް ފޮހެލަމުން އައިސް އަހަރެންގެ ފަހަތުން ބައްދާލިއެވެ. ދުރުގައި އެހެން އަންހެން ކުއްޖަކުވެސް ބަލަން ހުއްޓެވެ. ނުވަ މަހަށް އަޅާފައިވާ ބަނޑުގައި އަތް ޖައްސާލައިގެން އަނެއް އަތުން ކަރުނަ ފުހޭށެވެ. އެއީ ދޮންބެގެ އަންހެނުންކަން ނަގައިގަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ.
ޒަމާންތަކެއް ފަހުން އާއިލާ އެއްކޮށް ބައްދަލުވުމުން އަހަރެންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ދޮންބެއަށް އެހާ ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް ގަބޫލުކުރަން އަހަރެންނަށް އަދިވެސް އުނދަގުލެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހުން ގެއަށް ދިޔަ އިރު މަޣްރިބު ނަމާދު ބަންގިވެސް ގޮވައިފިއެވެ.
ކޮޓަރީގެ ބެލްކަނީގައި އަހަރެން ހުރީ ގޭތެރެ ސާފު ކޮށްލުމަށްފަހު ހިތްހަމަ ޖައްސާލުމަށް ނިކުމެއެވެ. އޭރު ބަލްސަމް އިޝާ ނަމާދަށް ދިޔަގޮތަށް ގެއަކަށް ނާދެއެވެ.
މާލޭގެ ހަލަބޮލި މަގުތަކަށް ނަޒަރު ހިންގާލައިގެން ހުރިއިރު އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަޔާތުގައި ވެސް މިހާ ހިތްހަމަ ޖެހިލައިގެން ހުރެވުނު ދުވަހެއް އަހަރެން ހަނދާނަކު ނެތެވެ. ސިއްސައިގެން ދިޔައީ އަހަރެންގެ ފަހަތުން އައިސް ބަލްސަމް އަހަރެންގެ ގައިގައި ބައްދާލުމުންނެވެ. އެއާއެކު އަހަރެންނަށް ހީނލެވުނެވެ.
“ހެޕީތަ؟” ކަންފަތްދޮށުގައި ވައި އަޑުން އޭނާ އަހާލިއެވެ.
“ހުމް. ވަރަށް ބޮޑަށް.. އަސްލު ސަމްއަށް އެނގިގެންތަ އެމީހުން ގެނައީ؟” ހިނިތުންވެ ހުރެ އަހަރެން ސުވާލުކޮށްލީމެވެ.
“ނޫން. ހަމަ އެއްގޮތަކަށްވެސް ނޭނގެ.. އަހަރެން ވާ ހީކުރީ ޒިވީގެ އެކްސް ކަމަށް އެއީ.. ހެހެ” ލުއި ހުނުމަކާއެކު އޭނާ ބުނެލިއެވެ.
“ދެން ސަމްގެ ޕޭރެންޓްސް ކޮބާ؟” މިހުރިހާ ދުވަހު ކުރަން ނުކުރަން ހުރި ސުވާލު އެންމެ ފަހުން ދުލުން ބޭރުވެއްޖެއެވެ.
“އަހަރެންގެ ގްރެޖުއޭޝަންއަށް އަަންނަން ވެގެން މަންމައާއި ބައްޕަ އައީ ކާރުގަ.. އެކަމަކު މަންޒިލަށް ނުފޯރަނީސް އެކްސިޑެންޓް ވީ. އެކްސިޑެންޓް ވެގެން މަންމައާއި ބައްޕަވެސް ދުނިޔެ ދޫކުރީ. އާއިލާގައި ހުންނަނީ އަހަރެން އެކަނި. ” ހިތްދަތި އަޑަކުން ބަލްސަމް ވީގޮތް ކިޔައިދިނެވެ.
މިއަދު އަހަރެންގެ ދިރިއުޅުން ފުރިހަމަ ވެއްޖެއެވެ. އަހަރެންގެ ޝަކުވާތައް އަހާނޭ ބައިވެރިއަކު އެބަހުއްޓެވެ. އޭނާ އަހަންނަށް އޯގާވެދީފިއެވެ. އަހަރެންގެ ހަޔާތް ބަދަލުކުރުވައިފިއެވެ.
-ނިމުނީ-
2 Comments!
Comments are closed.




Nice story 😀
Thank you Maya! 😊🤍