ސަމާސާ
ސުކޫލުތެރެ އޮތީ ހަލަބޮލިވެފައެވެ. ބްރޭކް ގަޑީގައި އެކިކުދިން އެކި ކަންކަމުގައި އުޅުނެވެ. އެހެން ކުދިން އުޅެމުން ދިޔަ ހިސާބާ ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި ކާންތިބި ޢައްމާރްއާ އައިހަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެކުދިން ސަކަރާތްޖަހާ އެކިވާހަކަތައް ދައްކަމުން ދިޔައެވެ. ކުދިން ކުލާހަށް ދާ ބެލް ޖެހުމާއެކު ދެކުދިންވެސް ތެދުވީ ކުލާހަށް ދާށެވެ. ނަމަވެސް ޢައްމާރް ތެދުވުމަށްފަހު އާހެއްގެ އަޑު ލައްވާލަމުން ބެންޗުގައި ހިފަހައްޓާލިއެވެ.
“ކިހިނެއްވީ؟” އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައި ހުރި އައިހަމް އަވަހަށް ގޮސް ޢައްމާރްގެ ކޮނޑުގައި އަތްބާއްވާލިއެވެ.
“ފަޔަށް ތަދުވީ. ހިނގާބަ ހެލްތް ރޫމަށް ގެންގޮސްދޭން..” ޢައްމާރް އުޅެނީ ވަރަށް ތަދުވެގެންނެވެ. އައިހަމް އަވަސްވެގަތީ ޢައްމާރް ގޮވައިގެން ހެލްތް ރޫމަށް ދާށެވެ. ހަމަ އެވަގުތު ޢައްމާރް ވަރަށް ބާރަށް ހޭން ފެށިއެވެ. އައިހަމް ވާނުވާ ނޭނގި ހުރެފައި ޢައްމާރްއަށް ބަލައިލިއެވެ.
“އިޓްސް އަ ޕްރޭންކް.. ހަހަހަ…” ޢައްމާރް އުޅުނީ ހިނިގަނޑު މަތަނުވެގެންނެވެ. އައިހަމް ހިތްހަމަ ނުޖެހުނު ވަރުން ފަސްއެނބުރި ބަލައިވެސް ނުލާ ސިޑިން އަރައިގެން ގޮސް ކުލާހަށް ވަނެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި އިސްލާމް މުދައްރިސް ވެސް ކުލާހަށް ދިޔުމަށް ހިނގައިގަތެވެ.
ބްރޭކް ފަހުން ފުރަތަމަ އޮތި އިސްލާމް ގަޑިއެވެ. ހުރިހާ ކުދިންވެސް އިސްލާމް މާއްދާ ވަރަށް ކިޔަވާ ހިތްވެއެވެ. ކިޔަވައިދޭން އަންނަ މުދައްރިސް މަޖާ ކަމުންނާ އެކުދިންނާ ގުޅޭ ގޮތަށް ފިލާވަޅުތައް ނަގާތީ އެކުދިން އެމިސް ދެކެ ވަރަށް ލޯބިވެއެވެ.
“އައްސަލާމް ޢަލައިކުމް..” ފިޒާމިސް ކުލާހަށް ވަންނަމުން ސަލާމް ގޮވާލިއެވެ.
“ވަޢަލައިކުމް ސަލާމް..” ހުރިހާ ކުދިން އެއް އަޑަކުން ބުނެލިއެވެ.
“މިއަދު މިސް ތިކުދިންނަށް ދޭނީ ވޯކްޝީޓެއް ހަދަން. ތިކުދިން ވޯކްޝީޓް ހަދާ ނިމުނީމަ މިސް ތިކުދިންނަށް ވަރަށް ރީތި ވާހަކައެއް ކިޔައިދޭނަން..” ބޯޑު ކައިރީ ހުއްޓިލަމުން ފިޒާމިސް ބުނެލިއެވެ. އެއާއެކު ހުރިހާ ކުދިންވެސް އުފަލުން ތިބެ ލައްބައޭ ބުންޏެވެ.
ފިޒާމިސް ހުރިހާ ކުދިންނަށް ވޯކްޝީޓް ބަހާލުމަށްފަހު ވޯކްޝީޓް ހަދަންވީ ކިހިނެއްކަން ކުދިންނަށް ކިޔައިދިނެވެ. މިސްގެ ވާހަކަތައް އަޑުއެހުމަށްފަހު ކުދިން ވޯކްޝީޓް ހަދަން ފެށިއެވެ. ވިއްސަކަށް މިނެޓުގެ ތެރޭގައި ހުރިހާ ކުދިންވެސް މަސައްކަތް ނިމުމުން ފިޒާމިސް ވާހަކަކިޔައިދޭން ފެށިއެވެ.
“މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް.. ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް އަޑުއަހައްޗޭ.. އެއްދުވަސް ވަރެއްގައި އުޅުނު ވަރަށް މަޖާ ސަކަ ކުއްޖެއް. އެކުއްޖާގެ މަޖާކަމުން އެންމެންވެސް އެކުއްޖާއާ ވާހަކަދައްކާނެ. ދެރަވެފަ ހުންނަ މީހަކުވެސް އެކުއްޖާ ކައިރިއަށް ގޮސްފިއްޔާ އުފާވާނެ. އެކުއްޖާއަށް ކިޔަނީ ދާވޫދް.
އެއްދުވަހަކު ހެނދުނު ދާވޫދް ހޭލި ގޮތަށް ދިޔައީ ގެކައިރީ އުޅޭ ކުދިންތަކަކާއެކު ކުޅެން. ހުރިހާކުދިން މަޝްވަރާ ކުރުމަށްފަހު އެކުދިން ނިންމީ އެދުވަހު ކުޅޭނީ ‘ފީއްކޯ’ ކަމަށް. ދެން އެއްކުއްޖަކު ބަހައްޓާފަ އެހެންކުދިން ދިޔައީ ފިލަން. ގުނަން ހުރި ކުއްޖާ ގުނާ ނިންމާފަ ހުރިހާ ކުދިން ހޯދި އިރުވެސް ދާވޫދްއެއް ނުފެނުން. ދެން މި ކުދިން ވަރަށް ބިރުން ތިބެގެން ދާވޫދް ހޯދަން ފަށައިފި. ކުއްލިއަކަށް އެތާހުރި ކުއްޖަކަށް އިވެނީ ވަރަށް ބާރަށް ކުއްޖަކު ހަޅޭއްލަވާއަޑު. އަޑުއަންނަ ދިމާއަށް ސަމާލުވެގެން ދިޔައިރު ހުރިހާ ކުދިންނަށް މިއިވެނީ ދާވޫދް އެހީއަކަށް އެދި ގޮވާއަޑު. ރަނގަޅަށް ތަންތަން ބެލިއިރު ފެނުނީ ގަހެއްގެ ތެރޭގައި ދާވޫދް ތާށިވެފައި އޮއްވައި. ދެން މިކުދިން ވަރަށް ހާސްވެގެން އުޅެނިކޮށް އެމަގުން ދިޔަ އާދަންބެއަށް އެ މަންޒަރު ފެނިއްޖެ. ވަގުތުން އާދަންބެ ގަހަށް އަރަން ފެށި. ނަމަވެސް އާދަންބެ ގަހުގެ ވަކި ހިސާބަކަށް އެރި އިރު ދާވޫދް ހޭންފަށައިފި. ހީނހީފަ ދާވޫދް ބުނަނީ އެއީ ޕްރޭންކްއެކޭ. އެހެންބުނީމަ ކުދިންނާ އާދަންބެވެސް ވަރަށް ހިތްހަމަ ނުޖެހުން. މިގޮތަށް ދެދުވަހު ތަކުރާރުވި. ކޮންމެ ދުވަހަކުވެސް ގަހަށް އަރާއޮވެފައި ދާވޫދް ބުނަނީ ޕްރޭންކްއެކޭ. ދެން ތިންވަނަ ދުވަހުވެސް މިގޮތަށް ތަކުރާރުވި. ކުދިން ދިޔައިރު ދާވޫދް އޮތީ ގަހުގައި ތާށިވެފަ. އެހެންނަމަވެސް އެކުދިން މިފަހަރު އަޅާނުލާ ދިޔައީ. އެމަންޒަރު އާދަންބެއަށްވެސް ފެނުން. އާދަންބެވެސް އަޅާނުލާ ދިޔައީ ދާވޫދް އަބަދުވެސް ދޮގުހަދާތީ.
އެދުވަހު މެންދުރު ނަމާދަށް ދާން ދާވޫދް ގެއަށް ނައުމުން ދާވޫދްގެ މަންމައާ ބައްޕަ ދާވޫދް ހޯދަން ދިޔަ. އޭރު ދާވޫދް އޮތީ އެގަހުގައި ތާށިވެފަ. ގިނައިރު ގަހުގައި ތާށިވެ އޮންނަން ޖެހުމުން ދާވޫދްގެ ހޭވެސް އޭރު ނެތް.. ވަރަށް ޙާލުން ދާވޫދްގެ ބައްޕައާ ދެތިން ފިރިހެނުން ވެގެން ދާވޫދް ގަހުން ބާލައިގެން ރަށުގެ ޞިއްޙީމަރުކަޒަށް ގެންދިޔަ.. މިހާ ހިސާބުން މި ވާހަކަ މިނިމުނީ..” ފިޒާ މިސް ވާހަކަ ނިންމާލިއިރު ކުދިންތައް ތިބީ ވާހަކައިގެ ތެރެއަށް ވަދެފައެވެ. “އެހެންވީމަ ކުދިންނޭ ކޮބާ މިވާހަކައިން ލިބުން ޢިބުރަތަކީ؟”
“ސަމާސާއަކަށްވެސް ދޮގު ހަދާކަށް ނުވާނެކަން..” އަތް ހިއްލާލަމުން އައިހަމް ބުނެލީ ޢައްމާރްއާ ދިމައަށް ބަލައިލަމުންނެވެ.
“ވަރަށް ރަނގަޅު އައިހަމް..” ފިޒާމިސް ހިނިތުންވެ ހުރެ ބުނެލިއެވެ.
“އައިހަމް. އަހަރެންނަށް މަޢާފްކުރޭ. ދެން ދުވަހަކުވެސް ސަމާސާއަކަށް ދޮގެއް ނަހަދާނަން..” ޢައްމާރް ދެރަވެފައި ހުރެ އައިހަމްގެ ކިބައިން މަޢާފަށް އެދުނެވެ.
“އެއީ އެއްވެސް ކަމެއް ނޫން.. އަހަރެން ވަރަށް އުފާވެއްޖެ ޢައްމާރްއަށް ހެޔޮ ވިސްނުން ލިބުނީމަ..” އައިހަމް އުފާވެފާ ހުރެ ބުނެލިއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ފިޒާމިސް ހިނިތުންވެލީ ޢައްމާރްއަށް ހެޔޮވިސްނުން ލިބުނީތީއެވެ.
-ނިމުނީ-
2 Comments!
Comments are closed.




In reply to @nayaa
Previous story ah comment kohlafa in than fenuny v fahun..
Thank you for the support ☺️
Tell my regards to your sister ❤️✨
welcome dear..
ofcrz.. will do <3