ޝައިނާގެ ދަތް
ޝައިނާއަކީ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ޝައިނާއަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. ނަމަވެސް، ޝައިނާއަކީ ދަތް ނޫނގުޅާ ކުއްޖެކެވެ. އެހެންކަމުން ސުކޫލުގައި ވެސް ޝައިނާއާ ވާހަކަދައްކާނެ ކުއްޖަކު ނޫޅެއެވެ. މިކަމާ ޝައިނާ ދެރަވެއެވެ. ނަމަވެސް ޝައިނާ ދަތް އުނގުޅާކަށް ބޭނުމެއްނުވެއެވެ.
އެއްދުވަހަކު ހެނދުނު ޝައިނާގެ މަންމަ ބަދިގޭގައި ރޮށި ފިހަން އުޅެނިކޮށް އިވުނީ ވަރަށް ބާރަށް ޝައިނާ ރޯންފެށި އަޑެވެ. ޝައިނާގެ މަންމަ ހީކުރީ ޝައިނާގެ ބައްޕަ އޮފީހަށް ދަމުން ޝައިނާއަށް ދަތްއުނގުޅުމަށް ގޮވުމުން ދަތް ނޫނގުޅާން ބޮޑާހާކަން ފެށީ ކަމަށެވެ. ނަމަވެސް އެދުވަހު ޝައިނާގެ ބައްޕަ މާއަވަހަށް އޮފީހަށް ދިއަކަން ހަނދާންވުމުން ފިހަން ހުރި ރޮށިތައް ބެހެއްޓުމަށްފަހު އަވަހަށް ކޮޓަރިއަށް ދިޔައެވެ.
“ދަރިފުޅާ ކިހިނެތްވީ؟ ދަތް އުނގުޅަން ބޭނުން ނުވީތަ؟” ޝައިނާގެ މަންމަ ސުވާލުކޮށްލިއެވެ. އޭރު ޝައިނާ އިނީ އަނގަމަތީގައި އަތްއަޅައިގެންނެވެ. ދެއިނގިލި ދޭތެރެއިން ކުޑަކޮށް ލޭ ފައިބާފައި ހުއްޓެވެ.
“މަންމާ.. އަޅުގަނޑުގެ… ދަތް… ވަރަށް.. ތަދުވޭ..” ވަރަށް ހާލުން ޝައިނާ އޭނާގެ މަންމައަށް ވެގެން އުޅޭގޮތް ބުނެދިނެވެ.
“ދަރިފުޅާ. އެހެންވެ އަބަދުވެސް މަންމައާ ބައްޕަ ދަރިފުޅަށް ހަނދާންކޮށްދެނީ ދަތް އުނގުޅަން. ސާފުތާހިރުވާ ކުދިންދެކެ މާތްﷲ ލޯބިވެވޮޑިގެންވާކަން މަންމަ އަބަދުވެސް ބުނެދެމެއްނު.” ޝައިނާގެ މަންމަ ޝައިނާއަށް ނަޞޭޙަތްތެރިވިއެވެ.
ޝައިނާގެ މަންމަ އަވަސްވެ ގަތީ ޝައިނާގެ ބައްޕައަށް ގުޅާ ވެގެން އުޅޭ ގޮތް ކިޔައިދިނުމަށެވެ. މާގިނަ އިރުތަކެއްނުވެ ޝައިނާގެ ބައްޕަ ގެއަށް އައިސް ޝައިނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ.
“ކޮއްކޮ ދަތް ނުއުނގުޅަން ދޯ. އެހެންވީމާ ކޮއްކޮގެ ބައިވަރު ދަތްތައް ނަގަން ޖެހެނީ.” ޑެންޓިސްޓު ކަށިގަނޑެއް ނަގަމުން ބުނެލިއެވެ.
“ނޫން ކޮއްކޮ ބަސްއަހާނަމޭ. ނޫން ކޮއްކޮ ދަތް ނުނަގާތި. މީގެ ފަހުން ކޮއްކޮ ދަތްއުނގުޅާނަންން.. ނޫން..” ޝައިނާ ބިރުން ރޯންފެށިއެވެ. ޝައިނާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ދަތް ނަގަން އުޅޭތީ ޝައިނާ ވަރަށް ބިރުގަތެވެ. ދަތް ނަގާއިރު ވަރަށް ތަދުވާނެކަން އެނގުމުން ޝައިނާ މާބޮޑަށް ބިރުގަތެވެ.
“ކޮއްކޮ މީގެ ފަހުން ދަތް އުނގުޅާނަންތަ؟” ޝައިނާ ރޮނިކޮށް ޑެންޓިސްޓު ޝައިނާގެ ދަތްތައް ނެގުމަށްފަހު ބުނެލިއެވެ. އޭރު ޝައިނާ އޮތީ ރޮއެރޮއެ ވަރުބަލި ވެފައެވެ. އެހެންކަމުން ޝައިނާ ބޯޖަހާލީއެވެ.
“ދަތް ނަގާފަވެސް ދަތް ނޫނގުޅަންޏާ އަނެއްކާވެސް ޖެހޭނީ ދަތްނަގަން. ދަތްތަކަކީ ވަރަށް ރީތިކޮށް ބަލަންޖެހޭ އެއްޗެއް. ކޮއްކޮގެ ދަތްތައް ހަޑިވެއްޖެއްޔާ އެއްވެސް ކުއްޖެއް ކޮއްކޮ ކައިރިއަށް ނުވެސް އަންނާނެ. އެއީ ކޮއްކޮގެ އަނގައިން ނުބައިވަސް ދުވާފަ ދަތްތައް ހަޑިވީމާ.” ޑެންޓިސްޓު އިތުރަށް ކިޔައިދިނެވެ. އަދި ދަތް އުނގުޅަން ޖެހޭނެ ގޮތާއި ދަތްތަކަށް ސަމާލުކަން ދިނުމަށް ތަކުރާރުކޮށް ބުނެދިނެވެ.
“ކޮއްކޮ މީގެ ފަހުން ދަތް އުނގުޅާނަން. އެހެން ކުދިންނަށްވެސް ދަތް އުނގުޅަން ބުނެދޭނަން..” ޝައިނާ ބުނެލިއެވެ.
ޝައިނާ ގެއަށް އައި އިރު ޝައިނާގެ މަންމައާއި ބައްޕަ އޭނާއަށް ހަދިޔާއަކަށް ވަރަށް ރީތި ދަތްއުނގުޅާ ބުރުހަކާއި ބޭސްފުޅިއެއް ގަނެދީފައި އޮތެވެ. ޝައިނާ ހިނިތުންވެލާފައި މަންމައާ ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި ބުންޏެވެ.
“ކޮއްކޮ އަބަދުވެސް ކުދިންނަށް ދަތް އުނގުޅަން ބުނެދޭނަން. އަދި ކޮއްކޮ ބޮޑުވެގެން ވާނީ ޑެންޓިސްޓަކަށް.”
-ނިމުނީ-
One Comment
Comments are closed.




Hey dear ?..
Actually just wanted to give a comment cux I read your stories to my lil sis and she absolutely loved these ♥️..
Thank you for writing such amazing stories for kids.. Keep it up ?♥️