ޑައިރީ (ދެވަނަ ބައި)
އެދުވަހު އޭނާ ފުރިއިރު މަންމަ ބަނދަރުގައި ހުރިތަން އޭނާއަށް ފެނުނެވެ. މަންމައަށް ހަނާއަޅާލަން އޭނާއަށް ނުކެރުނީ ބައްޕަ ދިން ވަރުގަދަ އިންޒާރުންނެވެ
***
ޖަހާލި ބާރު ގުގުރިއާއެކު އައިހަމް ދިޔައީ ސިއްސައިގެންނެވެ. މުޅިމީހާ ތުރުތުރު އަޅަމުން ދިޔައިރު އައިހަމް އިނީ މީހެއްގެ އެހީއަކަށް ނުހަނު ބޭނުންވެފައެވެ. އެވަގުތު އަސުރު ނަމާދުގެ ބަންގީގެ އަޑާއެކު މުޅިތަން ގުގުމާލުމުން އައިހަމް އެންމެ ކުރީ ސަފަށް އެރިއެވެ. ނަމާދުން ނިމިގެން އައިހަމް ޤުރުއާނުން މިންވަރެއް ކިޔެވިއެވެ.
ދާނެ އިތުރު ތަނެއް ނެތުމުން އައިހަމް އެރޭ އެ މިސްކިތުގައި މަޑުކުރިއެވެ.
އިއްޔެ ކުރި ވިއްސާރައަށްފަހު ހޫނުދުވަހަކަށް މަރުޙަބާ ކިއަމުން އިރުމަތި ފަރާތު އުދަރެސް މަތިން އިރުދައްކާލުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އައިހަމް ޖެޓީއަށް ދާން މިސްރާބު ޖަހާފައި ހުރިއިރު މޫނުމަތީ ހިތްހަމަޖެހުމެއްގެ އަސަރު ފާޅުވާން ހުއްޓެވެ. ޖެޓީއާ ހިސާބަށް ދެވުނު އިރު އައިހަމް ހުރީ ލޮޑުވެފައެވެ. ވަށައިގެން ނަޒަރު ހިންގާލި އިރު އޭނާގެ ރަށަށް ދާ ބޯޓެއް ޖެޓީއާ ދުރުކުރަނީއެވެ. އައިހަމް ބާރަށް ދުވެފައި ގޮސް އެބޯޓަށް އެރިއެވެ.
ފަނަރަ މިނެޓުގެ ދަތުރަކަށްފަހު އައިހަމް ހުރީ ރަށުގެ ބޮޑުމަގު ގައެވެ. ފަސްއަހަރު ފަހުން އުފަން ރަށަށް އާދެވުނު ނަމަވެސް އައިހަމް އަކަށް ބީރައްޓެހި އިހުސާސެއް ނުކުރެވެއެވެ. ފެންނަ ކޮންމެ މީހަކުވެސް އޭނާއާ ހިނިތުންވެލާފައި ދެއެވެ. ކުދިކުދި ތަފާތުތައް ރަށަށް އައިސްފައި ހުއްޓެވެ. އެތަފާތުތަކަށްފަހުވެސް އައިހަމްއަކަށް އޭނާގެ ގެ އޮޅޭ ގޮތެއް ނުވިއެވެ. ފަރިތަކަމާއެކު ހިނގާލާފައިގޮސް އޭނާ ހުއްޓުނީ މީގެ ފަސްއަހަރު ކުރިން އޭނާ ނެރެލި ގޭ ކުރިމައްޗަށެވެ. ގޭގެ ބަނބުކެޔޮގަސްދަށް ކެހުމުގައި ރިޔާޒާ އުޅޭތަން ފެނި އައިހަމްއަށް އެތަނަށް ދާން ހިނގައިގަނެވުނެވެ. ނަމަވެސް ހުއްޓެވުނީ ބައްޕަ ބުނެލި ޖުމްލައެއްގެ އަޑު ތަކުރާރުވުމުންނެވެ.
“ހުއްޓާލާ.. އައިހަމް ގާތު ބުނެފަ އޮންނާނީ މަންމަ ކައިރިއަށް ދުވަހަކުވެސް ނުދެވޭނޭ… ދިޔައަސް އޭނާއަށް އައިހަމް ފެންނަ ކަމަށް ނަހަދާނެ…”
ހަދާނެ ގޮތް ހުސްވެފައި އޭނާ ހުއްޓާ އޭނާގެ މަންމަ އޭނާއަށް ބަލައިލައިފިއެވެ. އެމޫނުމަތިން ފެންދެމިފައި ވީއިރު ކުރިއަށްވުރެ ހިކިހެން ވެސް ހީވެއެވެ. ބައްޕަބުނި ގޮތައް މަންމައަށް އޭނާ ފެނުނުކަމަކަށް ނެހެދިއެވެ. ކުނިކެހުމުގައި އައިހަމްގެ މަންމަ އަވަދިނެތި އުޅެމުން ދިޔައިރު އައިހަމްއަށް ނޭނގުނީ އައިހަމްގެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތްކަމެވެ.
އެވަގުތު އެގޭގެތެރެއިން ފިރިހެނަކު ނުކުމެގެން އައެވެ. އެއީ ރިޔާޒާ މިހާރު އިނދެގެން އުޅޭ ލަތީފް އެވެ
“ރިޔާޒާ.. އާޝާ ފެންވަރުވަން ދޭބަލަ.. އޭނާ ވަރަށް އެބަ ރޮއެއޭ… އަހަންނަކަށް ހިފަހައްޓައެއް ނުލެވުނު.. ހެހެހެ..” ރިޔާޒާ ކައިރިއަށް އައިސް ހުއްޓެމުން ލަތީފު ބުނެލިއެވެ. ލަތީފުގެ ނަޒަރު ހުއްޓިފައި ހުރީ ބޭރުގައި އެމީހުންނަށް ފުރަގަސް ދީގެންހުރި އައިހަމްއަށެވެ. އައިހަމްއަށް ލަތީފުގެ ޖުމްލަ އަޑުއިވުމާއެކު އެދިމާލަށް ބަލައިލެވުނެވެ. އަބަދުވެސް އަންހެން ކޮއްކޮއެއް ބޭނުންވެގެން އުޅުނު އައިހަމްގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ.
“މް…މިދަނީ… ލަތީފުއަށް އެމަންޖެ ނުހިފެހެއްޓުނީމަ އަހަރެން ކިހިނެއް ހިފަހައްޓާނީ..” ހިނިތުންވާން މަސައްކަތް ކުރަމުން ރިޔާޒާ ބުނެލިއެވެ.
އާޝާ ފެންވަރުވަން ރިޔާޒާ ދިޔަފަހުން ގޭގެތެރެއިން އެކަކުވެސް ނުފެނެއެވެ. އައިހަމްގެ ހިތަށް މާޔޫސްކަން ވެރިވަމުން ދިޔަ ނަމަވެސް ދެން ބައްޕަ ކައިރިއަށް މާލެ ނުދާނެކަމަށް އޭނާގެ ހިތުގެ އަޑިން ވަޢުދުވިއެވެ. ބަނޑުހައިވެފައި އައިހަމް ގޮސް އޮއްތާލީ އެގެއާ އިންވެގެން ހުންނަ ގޭ ޖޯލީގައެވެ. އައިހަމްގެ ކަޅިހުއްޓިފައިވީ އޭނާގެ ގެއަށެވެ. ތިރީހަކަށް މިނެޓުފަހުން ސިޓިންގ ރޫމު ދޮރުން ނިކުމެގެން އައި ނުވައަހަރުގެ ޔަޒާން ފެނުމުން އައިހަމްއަށް ޔަޒާންއަށް ސަމާލުކަން ދެވުނެވެ. ޔަޒާންގެ ފަހަތުން ނުކުތް ލޯބި ލޯބި އަންހެން ކުއްޖަކީ އާޝާކަން އައިހަމްއަށް ވަގުތުން އެނގުނެވެ. ޔަޒާންގެ ކަޅި ހަރަކާތް ކުރާ ގޮތުން އޭނާ ކޮންމެވެސް އެއްޗެއް ހޯދާކަން އެނގެއެވެ.
“ކުއްބެ.. ކުއްބެ… އާޝް ގޮވައިގެން..” އާޝާ ފައިވާނަށް އަރަމުން ޔަޒާންއަށް ގޮވާލުމުން ޔަޒާން ދިޔައީ އާޝާ ކައިރިއަށެވެ.
“ކުއްބެގެ އާޝް.. ހެހެހެ..” ހިނދުކޮޅަކަށް ޔަޒާންއަށް ކުރަންއައީ ކަންތައް ނޭނގުނަސް އެކަން ހަނދާންވުމުން އަވަހަށް އާޝާގެ އަތުގައި ހިފައިގެން ވަށައިގެން ނަޒަރު ހިންގަން ފެށިއެވެ. ޔަޒާންގެ ނަޒަރު ހުއްޓުނީ އައިހަމްގެ މޫނަށެވެ. އައިހަމްއަށް އެހެން ދިމާއަކަށް ބަލައިލަން ނޭނގިފައި އިންދާ ޔަޒާން އާޝާ ގޮވައިގެން އޭނާގެ ގާތަށް އަންނަން ފަށައިފިއެވެ. އައިހަމްގެ ހިތް ބާރަށް ތެޅިގަތް އިރު އެ ހިތް އޮތް ތަނުން ނިކުމެދާނޭ ވެސް ހިތަށް އެރިއެވެ. އައިހަމްއަށް ހަރަކާތެއް ކޮށްލަން ނޭނގިފައި އިންދާ ޔަޒާން އައިސް އޭނާއާ އަރާ ހަމަކުރުމަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ. އައިހަމްއަށް ހަދާނެ ގޮތެއް ނޭނގި ހުރެ ކޮޅަށް ތެދުވެވުނެވެ. ޔަޒާންގެ އަތުގައި ހިފަން ހަނދާންނެތިފައި އޭނާއަށް ހުރެވުނީ ކުރިމަތީ ތިބި ދެކުދިންގެ މޫނަށް ބަލާށެވެ.
“އައްސަލާމު ޢަލައިކުމް…”އައިހަމްއަށް ހަމަހޭވެރިކަންވީ ޔަޒާން ސަލާމް ގޮވާލުމުންނެވެ.
“ވަ..ޢަލައިކުމް ސަލާމް..” އަވަސްއަވަހަށް އޭނާ ޖަވާބު ދިނެވެ.
“ބޭބެއާ ސަލާމް ކޮށްލަބަލަ..” އާޝާއަށް ބަލާލަމުން ޔަޒާން ބުނެލިއެވެ. އާޝާއަށް ވުރެ ކުރިން އައިހަމް ހިނިތުންވެ ސަލާމަށް އަތްދިއްކޮށްލިއެވެ. ހިނިތުންވެ ހުރެ ލޯބި ލޯބި އާޝާ އައިހަމްއާ ސަލާމް ކޮށްލިއެވެ.
“މަންމަ ބުނީ ސައިބޯން އަންނާށޯ..” ޔަޒާންވެސް ހިނިތުންވެލަމުން ބުނެލިއެވެ.
“ބޭބެ ޏަމް ކާން…” އައިހަމް އަށް ހިނިތުންވެވުނީ އާޝާ އޭނާގެ ބަހުރުވައިން ސައިބޯން އަންނަން ބުނުމުންނެވެ.
“އަނަގަގަދަ އިނގޭ.. މަންމަ ބުނީ އާޝް ކައިރީ ކުއްބެއާ އެއްކޮށް އަންނާށޭ..” އާޝާގެ ކޯތާފަތްމަތީ މަޑުމަޑުން ޖަހާލަމުން ޔަޒާން ބުނެލިއެވެ. “އަޅުގަނޑާ އެއްކޮށް އަންނަން ވީއެއްނު ކާން..”
“ހަމަ މަންމަ ބުނީތަ؟؟؟” ގަބޫލު ނުކުރެވިފައި އައިހަމް ބުނެލިއެވެ.
“ލައްބަ..” ޔަޒާން ޔަގީންކަމާއެކު ބުނެލިއެވެ.
“ދަރިފުޅާ އަވަސްކުރޭ.. ދެން ބޭބެ ކައިރީ ބުނަގަ އަންނާށޭ..” ގޭތެރެއިން ލަތީފު ގޮވާލި އަޑުއިވުމުން އައިހަމްއަށް ބަލާލެވުނެވެ.
“މިހާރު ބައްޕަވެސް އެބުނީއެއްނު… ދެން އާދޭ..” ޔަޒާން ގޭތެރެއަށް ހިނގައިގަތުމުން އައިހަމްވެސް އޭނާގެ ފަހަތުން ދިޔައެވެ.
“ޔަޒާންއާ އާޝާއާ ދޯ…” އައިހަމް ހިނިތުންވުމާއެކު ބުނެލިއެވެ.
“ބޭބެއަށް ކިއަނީ ކޮންނަމެއްތަ؟؟” ޔަޒާން އައިހަމްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“އަ..އައިހަމް..” ޖެހިލުން ވުމާއެކު އައިހަމް ބުނެލިއެވެ. ލަތީފުއަށް ގޭތެރެއަށް ހިނގައިގަނެވުނީ ރިޔާޒާ ކޮބައިތޯ ބަލާށެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަން ވަރަށް ބޮޑެވެ. އޭނާގެ ދޮންދަރިން ދެކެވެސް އޭނާ ރުޅިއެއް ނާދެއެވެ. ފޫއްސެއްވެސް ނުވެއެވެ. އެއީވެސް އޭނާގެ އުފަންދަރިން ކަހަލައެވެ. އެކަން އޭނާ ސާބިތުކޮށްދޭނެއެވެ.
މީގެކުރިން ރިޔާޒާ ވަނީ ލަތީފު ގާތު އޭނާގެ ފިރިހެން ދަރިފުޅު އައިހަމްގެ ވާހަކަދައްކާފައެވެ. އެހުރިހާ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު ރިޔާޒާއަށް ރޮވެއެވެ.
ޔަޒާން އެއްޗެއް ހަނދާން ކުރަން އުޅޭ ފަދައަކުން ބޮލުގައި އަތް ހާކަންފެށިއެވެ. އައިހަމް ހާސްވާން ފެށީ ޔަޒާންއަށް އޭނާއަކީ ކާކުކަން އިނގިދާނެތީއެވެ. މުޅި މީހާ ދަލުން ފެންވެރޭ ވަރު ވެއްޖެއެވެ.
“ކޮން ރަށެއްތަ؟؟ މީގެ ކުރިން… ހީވޭ ފެނުން ހެންވެސް..” ޔަޒާން ހެމުން ބުނެލިއެވެ.
“މްމް… ރަޖިސްޓްރީ އޮންނާނީ މިރަށުގަ.. ހަތްއަހަރުން ފެށިގެން މާލޭގަ އުޅުނީ.. އޭގެ ފަހުން ރަށަށް އަދި މިއައީ..” އައިހަމްއަށް ބުނެވުނީ މަޑު މަޑުންނެވެ.
“އޯހް.. ކޮންގޭ ކުއްޖެއްތަ؟؟ އަޅުގަނޑަށް އެނގޭނެ މިރަށު މީހުން.. ދެން ބުނެބަލަ..” ޔަޒާން އެނގެން ބޭނުންވާ ފަދައަކުން ބުނެލިއެވެ.
އައިހަމްއަށް ހުރި ފިޔަވަޅު މަށްޗަށް ހުއްޓެވުނެވެ. ޔަޒާންގާތު ތިއީ އަހަރެންގެ ކޮއްކޮއޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް އޭނާގެ ނެތެވެ.
“އޮހް.. އަހަރެން ވެސް ކޮސް ދޯ.. މަންމަ ބުނިވިއްޔަ މިގޯތީ ކުދިންތަކެއް މާލޭގަ އުޅޭ ވާހަކަ.. ހެހެހެ” ޔަޒާން އަމިއްލަ ނަފްސަށް މަލާމަތްކުރަމުން ބުނެލިއެވެ. އައިހަމްގެ ހިތަށް ފިނިކަމެއް ލިބުނީ އެވަގުތެވެ. ޔަޒާންއާއެކު ކާގެއަށް ވަން އިރު ކާގެ އޮތީ ހުސްކޮށެވެ. ރިޔާޒާވެސް ލަތީފުވެސް ކާގެއަކު ނެތެވެ. ކަމޭޒުމަތީ ތަށިތަށް އަތުރާލާފައި ހުއްޓެވެ. އައިހަމްއަށް ގޭގެ ތެރެއިންވެސް މާބޮޑު ތަފާތެއް ނުފެނުނެވެ. އެވަގުތު އައިހަމްގެ ކަންފަތުގައި ޖެހުނީ ލަތީފުގެ އަޑެވެ.
*****
“ރިޔާޒާ.. ރިޔާޒާ..” ލަތީފުގެ އަޑު ޖެހުމުންވެސް އައިހަމްއަށް ފާހަގަވީ އެއަޑުގައި ވި ކަންބޮޑުވުމާ ހާސްކަމެވެ.
-ނުނިމޭ-
2 Comments!
Comments are closed.




Ma sha Allah dear… Keep going.. can’t wait for the next part……. ?❤️❤️
Thank you Ibna! ❤️😘