ރުޅި
ދަންވަރުގެ ހަމަހިމޭން ވަގުތު އެންމެންވެސްވީ ފުން ނިންޖެއްގައެވެ. ނަމަވެސް ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭ ޓެބްލެޓާ ކުޅެން އޮތް އައްޔޫބް ފިޔަވައެވެ. މަންމަދެކެ އައްޔޫބް އައި ރުޅީގައި އެއޮތީ މިރޭ ނުނިދާނެވެގެންނެވެ. ރުޅި އައިސްފިނަމަ އައްޔޫބް އަކީ އެއްވެސް ކަމެއް ކުރަން ފަސްޖެހޭނެ ކުއްޖެއް ނޫނެވެ. އެންމެންވެސް އައްޔޫބް ރުޅި އައިއްސިއްޔާ ވަރަށް ބިރުގަންނާނެވެ. ރުޅި މަޑުކުރުމަށް އައްޔޫބްއަށް ކިތަންމެ ވަރަކަށް ނަޞޭޙަތް ދިނަސް އެއަޑު އަހާކަށް އައްޔޫބް ބޭނުމެއް ނުވެއެވެ.
ޓެބްލެޓާ ކުޅެން އޮވެފައި ނިދިއަންނަ ވަރުން އައްޔޫބް ޓެބްލެޓް ބޭއްވިއެވެ. އޭގެ އިރުކޮޅެއް ފަހުން އައްޔޫބްއަށް ނިދުނެވެ.
ޖެހިގެން އައި ދުވަހު އައްޔޫބްއަށް ހޭލެވުނީ ވަރަށް ލަހުންނެވެ. ފަތިސް ނަމާދު ވެސް ކުރެވުނީ އިރުއެރި ފަހުންނެވެ. އައްޔޫބްއަށް އެދުވަހު ސުކޫލަށް ދެވުނީވެސް ގަޑި ޖެހުން ފަހުންނެވެ. ސުކޫލުން އައިސް އައްޔޫބް ކާންއެރީ އެންމެންނާ އެއްކޮށެވެ. އެވަގުތު އައްޔޫބްގެ މަންމަ އައްޔޫބްއާ ވާހަކަދެއްކިއެވެ.
“ދަރިފުޅާ.. މިހާރު އަބަދުވެސް އިރުއަރާ ފަހުންނެއްނު ފަތިސް ނަމާދު ތިކުރެވެނީ. ތަންކޮޅެއް އަވަހަށް ނިދާފަ އަވަހަށް ހޭލަން ޖެހޭނެއްނު. ފަތިސް ނަމާދަކީ ވަރަށް އަވަހަށް ކުރަން ޖެހޭ ނަމާދެއް..” އައްޔޫބްގެ މަންމަ، ޚަދީޖާ އޯގާތެރިކަމާއެކު ނަޞޭޙަތްދޭން ފެށިއެވެ. ނަމަވެސް އައްޔޫބް މަންމައަށް ބަލައިލުމަށްފަހު ކާން އިން ތަށި ހިފައިގެން ތެދުވިއެވެ. އެންމެންވެސް ހިމޭންކަމާއެކު އައްޔޫބްއަށް ބަލަން ތިއްބެވެ. އެއިން އެކަކަށްވެސް ނުބަލާ އައްޔޫބް ތަށި ހިފައިގެން ކާގެއިން ނިކުތެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަން އެންމެން ތިއްބާ ދެން އިވުނީ އެއްޗެއް ތެޅުންއަޑެވެ.
“އައްޔޫބް..” ރޮވިފައި ހުރެ އައްޔޫބްއަށް ގޮވަމުން ޚަދީޖާ ކާގެއިން ނިކުންނަން ދުއްވައިގަތެވެ. އޭނާގެ ފަހަތުން އައްޔޫބްގެ ބައްޕަ، އިދްރީސްވެސް ނިކުތެވެ. އައްޔޫބްގެ ދެ ދައްތަ އެކަކު އަނެކަކަށް ބަލައިލަމުން މަޑުމަޑުން ކާގެއިން ނިކުތެވެ. އެއާއެކު ފެނުނީ އައްޔޫބް އޭނާ މޮޑުން ބަތްތަށި މުޅި ސިޓިންރޫމަށް އަޅާފައި އޮތްތަނެވެ. ތަށި އޮތީ ޓީވީގައި ޖަހާ ތަޅާލާފައެވެ. ދެކުދިން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބޯހޫރުވާލިއެވެ.
ދުވަސްތައް ހަފްތާއަށް ބަދަލުވެ ހަފްތާ މަސްތަކަށް ބަދަލުވަމުން ދެއެވެ. އައްޔޫބްގެ އުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރުޅި އައިސްފިނަމަ ގޭގަހުރި އެއްޗެއް ވިއްޔާ ހަލާކުކުރެއެވެ. ޚަދީޖާ ކޮންމެ ދުވަހަކު އެކަމާ ރޮއެ ހިތާމަ ކުރެއެވެ. އައްޔޫބްގެ ދެ ދައްތަ ޚަދީޖާއަށް ހިތްވަރުދެއެވެ.
ފުރަތަމަ ޓާމުގެ ޓެސްޓު ކައިރިވަމުން ދިޔަ ވަރަކަށް އައްޔޫބް ޓެބްލެޓާ މާގިނައިން ކުޅޭތީ ޚަދީޖާ އެކަމާ ފިކުރު ބޮޑުވެއެވެ. އެހެންކަމުން އެންމެ ފަހުން ޚަދީޖާ ގޮތެއް ނިންމިއެވެ.
“ކޮބާ އަހަރެންގެ ޓެބްލެޓް.” އައްޔޫބް އެއްދުވަހު ސުކޫލުން އައި ގޮތަށް ރުޅިއައިސް ހުރެ ސުވާލުކޮށްލިއެވެ.
“ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރަން މަންމައަކަށް ދަރިފުޅު ދޫކޮށެއްނުލެވޭނެ. މަންމަގެ ދަރިއެއް ވީމަ ދަރިފުޅުގެ އުޅުން ގޯސް ވީމަ ދަރިފުޅު އިޞްލާޙުކުރުން އެއީ މަންމަގެ ޒިންމާއެއް. އެހެންވެ މަންމަ ދަރިފުޅުގެ ޓެބްލެޓް ނެގީ. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާފަ ފިލާވަޅުތައް ހަދާ ދަސްކޮށްފަ މަންމަ ގާތަށް އާދޭ. އޭރަށް އެދުވަހަކަށް މަންމަ ދަރިފުޅަށް ޓެބްލެޓް ދޭނަން. ދަރިފުޅު ނިދާ ގަޑި ޖެހުނީމަ މަންމަ އަނެއްކާވެސް ޓެބްލެޓް ނަގާނަން. ދެން ޓެބްލެޓް ލިބޭނީ އަނެއްކާވެސް ޖެހިގެން އަންނަ ދުވަހު ފިލާވަޅުތައް ހަދާ ދަސްކުރީމަ. މިގޮތަށް ދަރިފުޅު އެއްބަސް ދޯ؟” ލޮތްބާއެކު އައްޔޫބްގެ މަންމަ ބުނެލިއެވެ.
“ދަރިފުޅު މީގެ ފަހުން ރުޅި ނައިސް ބަސްއަހާނަންދޯ. މަންމަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ..” ޚަދީޖާ އައްޔޫބްގެ ގާތަށް ގޮސް ލޯބިން ބައްދާލިއެވެ. ނަމަވެސް އައްޔޫބް އޭނާގެ މަންމައާ ދުރުވަމުން ކައިރީ ހުރި މޭޒުމަތީ ހުރި މާ ވަށިގަނޑު ތަޅާލިއެވެ.
“ދަރިފުޅާ.. ތިހެން ހެދީމަ މަންމަވެސް ދެރަވެއޭ. ދަރިފުޅު އެއްފަހަރުވެސް ވިސްނާލިންތަ މަންމައަށް ތިހެން ހެދީމަ މަންމަ ދެރަވާނެވަރު؟ މަންމަ ހިތުގަ ޖެހޭނެނެވަރު؟” ރޮވެމުން ދިޔަ ޚަދީޖާ ރިހުން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އައްޔޫބް ވަނީ ކޮޓަރިއަށެވެ. އައްޔޫބް މަންމަގެ ވޭނީ އަޑު އިވުމުން އޭނާގެ ރުޅި ކޮންމެސް ވަރަކަށް މަޑުވާން އުޅުނެވެ. އެހެންނަމަވެސް އައްޔޫބް ރުޅި އެއްކޮށް މަޑުވާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި އައްޔޫބް ބޭނުންވީ އެކަމަށް އެއަށްވުރެ ބޮޑަށް ބަދަލު ހިފާށެވެ.
“އައްޔޫބް. އައްޔޫބް.. ދޮރު ހުޅުބަލަ..” އޭގެ އިރުކޮޅެއް ފަހުން އިވިގެން ދިޔައީ އައްޔޫބްގެ ދޮންތަ ވަރަށް ހާސްވެ ހުރެ އެކޮޓަރީގެ ދޮރުގައި ތަޅަމުން ދިޔަ އަޑެވެ. އައްޔޫބް އަޅައިވެސް ނުލާ އެއިން ގޮތަށް އިނެވެ. އޭގެ އިރުކޮޅެއް ފަހުން ދޮންތަ ދޮރުކައިރިން ދިޔައެވެ.
“އައްޔޫބް.. ދޮރު ހުޅުވަބަލަ. މަންމަ.. މަންމަ.. ހޮސްޕިޓަލަށް ގެންގޮސްފި.. ނޭވާ.. ހާސްވެގެން..” ފަނަރަ ވަރަކަށް މިނެޓު ފަހުން އައްޔޫބްގެ ކުޑާ އައިސް ދޮރުގައި ޓަކި ޖަހަމުން ރޮވިފައި ހުރެ ބުނެލިއެވެ. އެއާއެކު އައްޔޫބްއަށް ލިބުނީ ކުއްލި ސިހުމެކެވެ.
ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލުމަށްފަހު އައްޔޫބް ދުވެފައި ގޮސް ކޮޓަރި ދޮރު ހުޅުވިއެވެ. އެއަށްފަހު އެކަކަށްވެސް ނުބަލާ ދުއްވައިގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. އައްޔޫބްއަށް ހޮސްޕިޓަލަށް ދެވުނުއިރު އައްޔޫބްގެ ބައްޕައާއި ދޮންތަ ހާސްވެފައި އައިސީޔޫގެ ދޮރުމަތީ މަޑުކޮށްލައިގެން ތިއްބެވެ.
އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރުން ނިކުމެ ޚަދީޖާގެ ޙާލު ރަނގަޅު ކަމަށް ބުންޏެވެ. އަދި އިރުކޮޅަކުން ވޯޑަށް ބަދަލުކުރާނެ ކަމާއި ވޯޑަށް ބަދަލު ކުރުމުން ބަލިމީހާގެ ގާތަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށް ބުންޏެވެ. އައްޔޫބްއަށް އެވަގުތު ﷲއަށް ޙަމްދު ކުރެވުނެވެ. އޭގެ އިރުކޮޅެއް ފަހުން ނަރުސް ކުއްޖަކު އައިސް ބަލި މީހާގެ ގާތަށް ވަދެވޭނެ ކަމަށް ބުނުމުން އައްޔޫބް ބައްޕަގެ ފަހަތުގައި ހުރެ މަޑުމަޑުން ހިނގާފައި ގޮސް ޚަދީޖާ އޮތް އެނދު ކައިރީ ހުއްޓުނެވެ.
އެވަގުތު ޚަދީޖާ ލޯ ހުޅުވާލުމަށް ފަހު އަތުގެ އިޝާރާތުން އައްޔޫބް ގާތު އޭނާގެ ގާތަށް އައުމަށް އެދުނެވެ. މަންމަ އޮތް ޙާލުފެނި އައްޔޫބްއަށް ދުވެފައި ގޮސް މަންމަގެ ގައިގައި އޮޅުލައިގަނެވުނެވެ.
“މަންމާ.. މަންމައަށް ތިހެން ވީ އަޅުގަނޑުގެ ސަބަބުން ދޯ. މަންމާ.. އަޅުގަނޑަށް މިއަދު ވިސްނިއްޖެ މަންމާ.. އަޅުގަނޑަށް މާފް ކުރޭ މަންމާ..” ގިސްލަމުން އައްޔޫބް ބުނެލިއެވެ.
“ދަރިފުޅާ. ދަރިފުޅާ މެދު މަންމަގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް. ދެން ނުރޮއެ ދަރިފުޅާ.. ދަރިފުޅު ރޮންޏާ މަންމަވެސް ދެރަވާނެ.” އައްޔޫބްގެ ބޮލުގައި ފިރުމާލަމުން ލޮތްބާއެކު ޚަދީޖާ ބުނެލިއެވެ.
“ވަރަށް ލޯބިވޭ މަންމާ. މީގެ ފަހުން އަޅުގަނޑު ރުޅި މަޑުކުރާނަން. އިންޝާ ﷲ..” އައްޔޫބް ލޮލުން އައި ކަރުނަތައް ފުހެލަމުން ބުނެލިއެވެ. އައްޔޫބްގެ މަންމައާ ބައްޕަގެ އިތުރުން އެވަގުތު ވޯޑަށް ވަދެގެން އައި އޭނާގެ ދެ ދައްތައަށް ވެސް ހިނިތުންވެވުނީ އައްޔޫބްއަށް ހެޔޮ ވިސްނުނީމައެވެ.
ކޮންމެއަކަސް އެދުވަހު އައްޔޫބް ޢަޒުމެއް ކަނޑައެޅިއެވެ. ދެން ދުވަހަކުވެސް ރުޅިއެއް ނާންނާންކަމަށެވެ. ރުޅިއަކީ މީހާ ހަލާކު ކޮށްލާ އެއްޗެއްކަންވެސް އެދުވަހު އައްޔޫބްއަށް އިނގުނެވެ. އޭގެ ސަބަބުން އުމުރު ދުވަހަށް ހިތާމަކުރަންވެސް ޖެހިދާނެއެވެ. އައްޔޫބްގެ މަންމަ ހެޔޮ ޙާލުގައި އެދުވަހު ހުރި ނަމަވެސް ފަހަރެއްގައި މަންމައަށް ޙާޓް އެޓޭކެއްޖެހި މަންމަގެ ފުރާނަ ދިއުމަކީވެސް ވެދާނެކަމެކެވެ. ނަމަވެސް އެދުވަހު މަންމަ ޙެޔޮޙާލުގައި ދުނިޔޭގައި ބެހެއްޓެވި ކަމަށްޓަކައި އައްޔޫބް މާތްﷲ ޙަމްދުކުރެއެވެ. އަދި ހެޔޮ ވިސްނުން ލިބުނީތީ އައްޔޫބް އެކަމާ އުފާވެސްވެއެވެ.
-ނިމުނީ-
One Comment
Comments are closed.




Ma sha Allah.. love you dear.. Keep going….. May Allah bless you, aameen ♥️