ޢީދު މުބާރަކް!
އުމުރުން ނުވަ އަހަރުގެ ސާރާ ގޭގައި ހުރި ބޮޑު އުނދޯލީގައި އޮށޯވެގެން އޮތީ ކަމަކާމެދު ވިސްނާށެވެ. އޭނާ އެއޮތް ގޮތުން ވިސްނަނީ ވަރަށް ބޮޑުކަމަކާކަން އެނގެއެވެ. އެހެން އޮންނަތާ އެތަށް އިރެއްވީ ފަހުން ސާރާ އުނދޯލިން ތެދުވެގެން ގޭތެރެއަށް ހިނގައިގަތެވެ.
“ދޮންބޭ. ސާރާ ބޭނުން ޢީދުގައި ގެއަށް އަންނަ ކުދިންނަށް ހަދިޔާއެއް ދޭން. އެކަމަކު ސާރާ ކިހިނެއް ހަދިޔާ ހަދާނީ؟ ސާރާ އަތުގައި ރުފިޔާއެއްވެސް ނެތް.” ސާރާ ދިޔައީ އޭނާގެ ދޮންބެގެ ކޮޓަރިއަށެވެ.
“އެންމެ ރަނގަޅު. ހިނގާ ދޮންބެއާއެކު.” ސާރާގެ ދޮންބެ ސާރާގެ އަތުގައި ހިފައިގެން ސާރާގެ ކޮޓަރިއަށް ދިޔައެވެ. އަދި މޭޒެއްގެ ވަތްގަނޑުން ކުރަހާ ފޮތެއްނަގާ މޭޒުމަތީ ބާއްވާލިއެވެ. އެއަށްފަހު ފަންސޫރަކާ ފުހޭރަބަރެއް ނެގުމަށްފަހު ސާރާ ގާތު އެތާހުރި ގޮނޑީގައި އިށީންނަން ބުންޏެވެ.
“ދޮންބެ ކީއްކުރަންތަ މިއުޅެނީ؟” ސާރާ ނޭނގިފައި ބުނެލިއެވެ. ސާރާ ބަލަންހުއްޓާ އޭނާގެ ދޮންބެ ބޭރަށް ދިޔައެވެ. އަދި އަނބުރާއައި އިރު އަތުގައި ކުޑަ ކަރުދާސް ކޮޅެއް އޮތެވެ. ސާރާގެ ދޮންބެ ސާރާއަށް އެގަނޑު ދިނުމުން އަވަސް އަވަހަށް އޭގައި އޮތް އެއްޗެއް ބަލައިލިއެވެ. އޭގައި އޮތީ ޢަރަބި އަކުރުން ނުހަނު ރީތި ފޮންޓަކުން ‘ޢީދު މުބާރަކް’އޭ ލިޔެފައެވެ. ސާރާ އެގަނޑުކޮޅަށް ބަލައިލަމުން އޭނާގެ ދޮންބެއަށް ބަލައިލިއެވެ.
“ކޮއްކޮ ތިގަނޑުގައި އޮތް އެތި ކުރަހާފޮތު ގަނޑުގައި ބޮޑުކޮށް އަޅާފަ ދޮންބެ ކައިރިއަށް އާދޭ. ދޮންބެ މިއުޅެނީ ގުދަނުގަ އިނގޭ..” ސާރާއަށް ބަލައިލަމުން އޭނާގެ ދޮންބެ އުޖާލާވި ހިނިތުންވުމާއެކު ބުނެލިއެވެ. އެއާއެކު ސާރާވެސް ޖޯޝާއެކީ ހިނިތުންވަމުން ބޯޖަހާލީ ބޮޑު އަކުރުކޮށްގެން ލިޔުމަކީ ސާރާ ކުރާހިތްވާ ކަމެއް ވީމައެވެ.
ވަރަށް މަސައްކަތުން ގަޑިއިރެއްގެ ތެރޭގައި ސާރާއަށް ގަނޑުގައި ބޮޑު އަކުރުކޮށް ނިންމާލެވުނެވެ. ވަގުތުން ސާރާ ގަނޑު ހިފައިގެން ދޮންބެއަށް ދަށްކަން ގުދަނަށް ދިޔައެވެ. އޭރު ސާރާގެ ދޮންބެ ފިލާގަނޑެއް ސާފު ކުރަނީއެވެ.
“ދޮންބޭ ސާރާ ކުރަހައިފިން.” ސާރާއަށް ދޮންބެ ފެނުމާއެކު ބުނެލިއެވެ.
“މާޝާﷲ ކޮއްކޮ ހާދަމޮޅޭ. ދެން ދޮންބެ ކޮޓަރި ކަބަޑުތެރޭ ހުރި މަދޮށި ފުޅި ގެންނަން ދޭބަލަ.” ސާރާގެ ދޮންބެ އޯގާތެރިކަމާއެކު ބުނެލިއެވެ. ސާރާ ބޯ ޖަހާލުމަށްފަހު ގޭތެރެއަށް ވަނުމަށް ދުއްވައިގަތެވެ.
ދެތިން މިނެޓު ތެރޭ ސާރާއާ ސާރާގެ ދޮންބެ ތިބީ ގޭގެ ބޮޑު އުނދޯލީގައެވެ. ސާރާގެ ދޮންބެގެ އަތުގައި ފިލާގަނޑަކާއި ފެން ކުލަ ހުއްޓެވެ. އޭގެ އިތުރުން ކަތުރަކާއި މަދޮށިތައް ހުރީ އުނދޯލި ކައިރީހުރި މޭޒުމަތީ ބަހައްޓާފައެވެ.
ފުރަތަމަ ސާރާގެ ދޮންބެ ނެގީ ކަތުރާއި ގަނޑެވެ. އެއަށްފަހު ކަފާނެގޮތުގެ މިސާލު ދައްކައިދިނުމަށްފަހު ސާރާގެ އަތަށް ކަތުރާއި ގަނޑު ލައިދިނެވެ. ގަނޑުގައި ހުރި އަކުރުތައް ކަފާނިމުމުން ސާރާގެ ދޮންބެ ދެން ބުނީ ފިލާގަނޑުގައި ކުލަޖައްސާށެވެ. ސާރާ ބޭނުންވީ ފިލާގަނޑުގައި މަޑު ނޫކުލަ ލާށެވެ. ސާރާ ދޮންބެގެ އެހީތެރިކަމާއެކު ކުލަލާ ނިންމާލުމަށްފަހު ފިލާގަނޑުގައި އަކުރުތައް ފެވިއެވެ. އެންމެފަހުން މަދޮށިތަކުން ރީތި ގޮތަކަށް ފްރޭމެއް އެޅުމަށްފަހު ސާރާ އޭނާގެ ދޮންބެއަށް ބަލައިލިއެވެ.
“ސާރާއަކަށް ނޭނގުނޭ އަސްލު ދޮންބެ ފްރޭމްއެއް ކަމެއްކަން ހަދަން އުޅުނީ. ފްރޭމް ނިންމާލި ފަހުން މިއިނގުނީ. ވަރަށް ސަޅި މީތި.” ސާރާ އެފްރޭމަށް ބަލަން ހުރުމަށްފަހު ހިނިތުންވެލިއެވެ.
“ހެހެ. ހިނގާދޯ ދެން މީތި ކާކޮޓަރީގަ ބަހައްޓަން.” ސާރާ ހިނިތުންވެފައި ހުރިތަން ފެނުމުން ސާރާގެ ދޮންބެވެސް އުފާވެފައި ހުރެ ބުނެލިއެވެ.
ޖެހިގެން އައި ދުވަހަކީ ޢީދު ދުވަހަށް ވުމުން ސާރާ ހެނދުނު ރީތިވެގެން މަންމަ ގާތު ބަދިގޭގައި މެހެމާނުންނަށް ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. ސާރާ އެންމެ ހައިރާންވީ ގެއަށް އަންނަ ކޮންމެ މީހަކުވެސް އެކުޑަ ކުޑަ ފްރޭމްއަށް ބަލައިލުމަށްފަހު އެއަށް ތަޢުރީފު ކުރުމުންނެވެ. އަދި ބަދަލުގައި އޭތި ހެދި ކުއްޖާއަށްވެސް ޢީދު މުބާރަކް ކިޔަމުން ދިޔައިތީއެވެ. ސާރާގެ ހިތުގައި އެކަމާމެދު ސުވާލު އުފެދެމުން ދިޔައިރު އޭނާ ހުރީ ދޮންބެއާ ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައެވެ.
މެންދުރަށް ކައިރިވެފައި ހުއްޓާ ސާރާގެ ދޮންބެ ގެއަށް އައުމުން ސާރާ ދޮންބެ ކައިރިއަށް ދިޔައެވެ.
“ދޮންބޭ. ކީއްވެތަ އެންމެން އެ ފްރޭމްއަށް ބަލާފަ ކޮއްކޮއަށް ޝުކުރު އަދާކުރަނީ؟ އެއީ އެހާބޮޑު ގިފްޓެއްވެސް ނޫނެއްނު؟” ސާރާ ހައިރާންވެފައި އަހާލިއެވެ.
“ކޮއްކިއަށް އިނގޭތަ؟ ބައެއް ފަހަރު މާބޮޑު ހަދިޔާއެއް ނުދިނަސް ކުޑަ ހަދިޔާއަކުންވެސް މީހުންގެ ލޯބި ހޯދިދާނެ. ކޮއްކޮއަށް ލިބުނު ވަރަކުން މީހުންނަށް ހަދިޔާ ދިނީމަ އެމީހުންވެސް ލޯބިވާނެއްނު. ކޮއްކޮ އެހަދިޔާ ހަދަންވެގެން އުޅުނު ވަގުތުގެ އަގުވަޒަން ކުރެވޭނެއްނު. ފިހާރައަކުން ގަންނަ ލުއިކާނާ އަކަށް ވުރެ ކޮއްކޮގެ އަތުން ހަދާ އެހެން މީހުންނަށް ދެވޭ ހަދިޔާ މާ ޚާއްސަ ވާނެއްނު. ހަމަ ގައިމުވެސް ދޮންބެ މާ އުފާވާނެ ކުއްޖަކަށް ލުއިކާނާއެއް ގަންނަން ނުލިބިފަ އެކުއްޖާ އަމިއްލައަށް އުފައްދާ އެއްޗެހި ފެނުނީމަ. ދޮންބެ ބުނަން ބޭނުންވަނީ ކޮންމެ ކުއްޖަކަށްވެސް އީދު ހަދިޔާ ދެވޭނީ އެކުއްޖެއްގެ އަތުގައި ހުރި ވަރަކުންނޭ.” ސާރާގެ ދޮންބެ ލޮތްބާއެކު ސާރާއާ ވާހަކަދެއްކިއެވެ.
“އެހެންތަ؟ ސާރާ ހީކުރީ ހަދިޔާއަކީ ވަރަށް އަގުބޮޑު އެއްޗެހިން ދެވޭ އެއްޗެއް ކަމަށް. އެކަމަކު އެހެންނެއް ނޫން ދޯ ދޮންބޭ.” ސާރާ ވިސްނަން ހުރުމަށްފަހު އަހާލިއެވެ.
“ނޫނޭ ސާރާ. ހަދިޔާއަކީ ވަރަށް އަގުބޮޑު އެއްޗެއް. ކިތަންމެ ކުޑަ އެއްޗެއްވިއަސް އެއީ ވަރަށް އަގުބޮޑު އެއްޗެއް. އެއްވެސް ހަދިޔާއަކީ ކުޑަ އެއްޗެއް ކަމުގައި ނުދެކެއްޗޭ. ހަދިޔާއަކީ ވަރަށް ވަރަށް އަގުބޮޑު އެއްޗެއް.” ސާރާގެ ދޮންބެ އިތުރުކޮށްލިއެވެ. ސާރާ ހިނިތުންވުމާއެކު ބޯޖަހާލިއެވެ. އަދި ބުނެލީ ‘ޢީދު މުބާރަކް’އެވެ.
-ނިމުނީ-
4 Comments!
Comments are closed.




Varah reethi mi vaahaka ❤️?? ☺️EID MUBARAK ☺️
Thank you
Eid Mubarak ? ❤️
Masha Allah.. Such a nice and lovely message.. Keep up the good work dear.. Eid Mubarak <3
Thank you ?
Eid Mubarak to you too❤️